މުޖުތަމަޢު

ވާރޭކޮޅެއް ވެހިލާއިރަށް ޤައުމު ފެނުއަޑީގައި: ސިވިލް އިންޖިނިއަރިންގެ އުނިކަމެއްތޯ ނުވަތަ ސިޔާސީ އަދި އިޖުތިމާޢީ އިހުމާލެއްތޯ؟

ވާރޭކޮޅެއް ވެހިލާއިރަށް މާލެއާއި ރަށްރަށުގައި ފެންބޮޑުވެ މުދަލަށް ގެއްލުންލިބުމަކީ ހަމައެކަނި މޫސުމީ ކަމެއް ނޫނެވެ. މިއީ ސިވިލް އިންޖިނިއަރިންގގެ ދޯހަޅިކަމާއި، ޗަސްބިންތައް ނައްތާލުމާއި، ނުބައި އަރބަން ޕްލޭނިންގެ އިތުރުން، އިޖުތިމާޢީ އިހުމާލުގެ ނަތީޖާއެވެ. ވާރޭ ކޮޅެއް ވެހިލާ ކޮންމެ ފަހަރަކު ޕަމްޕުޖަހައި ވެލިބަސްތާ ޖެހުމަކީ ދައުލަތުގެ ނާޤާބިލުކަމާއި އިސްރާފު ހާމަވާ ކަމަކަށްވާއިރު، ދާއިމީ ޙައްލެއް ލިބޭނީ ޒަމާނީ އިންޖިނިއަރިންގ އުޞޫލުތަކާއެކު ފަރުދީ ސުލޫކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްގެންނެވެ.

ވާރޭކޮޅެއް ވެހިލާއިރަށް ޤައުމު ފެނުއަޑީގައި: ސިވިލް އިންޖިނިއަރިންގެ އުނިކަމެއްތޯ ނުވަތަ ސިޔާސީ އަދި އިޖުތިމާޢީ އިހުމާލެއްތޯ؟

ކޮންމެ އަހަރަކުވެސް ހުޅަނގު މޫސުމުގެ ބާރުގަދަވެ، އުޑުމަތި އަނދިރިވެލައި ވާރޭކޮޅެއް ވެހިލާއިރަށް ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެއާއި އަތޮޅުތަކުގެ ބޮޑެތި ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، ފެންގަނޑު ހިންދުމުގެ ނަމުގައި ބޮޑެތި ޚަރަދުތަކެއް ކުރަންޖެހުމަކީ މިއަދު އާންމުވެފައިވާ ހިތާމަވެރި ޙަޤީޤަތެކެވެ. މި އޮކްޓޯބަރު މަހުގެ ފަހުކޮޅު ކުރި ވިއްސާރައިގައި، ހދ ނޮޅިވަރަންފަރުގެ ނުވަދިހަ ފަސް އިންސައްތަ ގޭގެއަށް ފެންވަދެ، ކުޅުދުއްފުށި ސިޓީގެ ސަތޭކަ ނުވަދިހައަށްވުރެ ގިނަ ގޭބިސީއަށް ބޮޑެތި ގެއްލުންތަކެއް ލިބި، މާލޭގެ އަށްޑިހައަށްވުރެ ގިނަ އިމާރާތާއި ފިހާރަތަކަށް ފެންވަދެ، ލައްކައިން ނުވަތަ މިލިއަނުން ގެއްލުންވުމަކީ އިއްތިފާޤެއް ނޫނެވެ.

ވާރޭކޮޅެއް ވެހިލާއިރަށް މަގުތަކަށް ސިފައިން ނެރެ ޕަމްޕު ޖަހައި، ވެލިބަސްދާ ޖެހުމަކީ ދައުލަތުގެ ނާޤާބިލްކަމުގެ މިސާލެއް

އިޝްތިހާރު

މިއީ ހަމައެކަނި ގުދުރަތީ ނުވަތަ މޫސުމީ ކޮޅިގަނޑެއްގެ ނަތީޖާއެއް ނޫނެވެ. މިއީ ސިވިލް އިންޖިނިއަރިންގެ އިހުމާލުތަކާއި، ނުބައި އަރބަން ޕްލޭނިންގއާއި، އަދި އާންމު ރައްޔިތުންގެ ފަރުދީ ސުލޫކާއި އިޖުތިމާޢީ އިހުމާލު އެކުވެގެން އުފެދިފައިވާ ޤައުމީ ފެންވަރުގެ ސީރިއަސް މައްސަލައެކެވެ. ވާރޭކޮޅެއް ވެހިލާއިރަށް ސިފައިންނާއި ފުލުހުން މަގުތަކަށް ނެރެ ޕަމްޕު ޖަހައި، ވެލިބަސްދާ ޖެހުމަކީ ދައުލަތުގެ ހެޔޮފުޅުކަމެއް ނޫނެވެ. މިއީ ދައުލަތުގެ ނާޤާބިލްކަމާއި އިސްރާފެވެ.

ތާރުއެޅުމުގެ ވަހުމާއި ސިވިލް އިންޖިނިއަރިންގގެ ޙަޤީޤަތް

މާލޭގެ ބައެއް މަގުތަކުން ތާރު ނައްޓައި، އަލުން ތާރުއެޅުމުން، ނުވަތަ ރަށްރަށުގެ ވެލި މަގުތަކުގައި ތާރު އަޅައި މަގުތައް ހެދުމުން ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެކަމަށް ރައްޔިތުންނާއި ސަރުކާރުން ޔަޤީން ކޮށްގެން ތިބި ތިބުމަކީ ކަންކަމުގެ އަސާސީ ސައިންސް ނުވިސްނުމުގެ ނަތީޖާއެވެ. ސިވިލް އިންޖިނިއަރިންގގެ ނަޒަރިއްޔާތުން ބަލާއިރު، ތާރާއި މަގުމަތީގައި އަޅާ ގަލަކީ އޭގެ އެތެރެއަށް ފެން ނުހިނދޭ އިމްޕާވިއަސް ސަރފޭސްތަކެކެވެ. ގުދުރަތީ ގޮތުން ވެލިގަނޑަށް ފެންހިނދުމުގެ މާހައުލު، ތަރައްޤީގެ ނަމުގައި ނައްތާލައި، މުޅި ސިޓީ ތާރުން ނިވާކޮށްލުމުން، ވެހޭ ކޮންމެ ވާރޭ ތިއްކެއް ބަދަލުވަނީ މަގުމަތީގައި ދެމޭ ފެންގަނޑަކަށެވެ. އެ ފެންގަނޑު ދައުރުވާނެ ރަނގަޅު ސްޓޯމް ޑްރެއިނޭޖް ނިޒާމެއް ނެތުމުން، ނުވަތަ އެފަދަ ނިޒާމެއްގެ ކެޕޭސިޓީއަށްވުރެ ބޯކޮށް ވާރޭވެހޭ ހާލަތްތަކުގައި ފެންބޮޑުވުން ނޫން ކަމެއް ނުވާނެއެވެ. ވާރޭ ކޮޅެއް ވެހިލާއިރަށް ފެންބޮޑުވާ އަނެއް ސަބަބަކީ، މަގުމަތީގައި ހަދާފައިވާ ކާނުތަކަށް އެއްފަހަރާ އެތެރެކުރެވޭނެ އަދި ދަމައިގަނެވޭނެ ފެންގަނޑުގެ މިންވަރު (ހައިޑްރޯލިކް ކެޕޭސިޓީ) ކުޑަވުމާއި، އެ ކާނުތައް ޤަވާއިދުން ސާފުކޮށް ނުބެލެހެއްޓުމެވެ.

މާލެއާއި ބައެއް ބޮޑެތި ރަށްރަށުގައި ހަދާފައިވާ ގިނަ ކާނުތަކަކީ އަހަރަކު އެއްފަހަރު ނުވަތަ ބޮޑު ވިއްސާރައެއް އައުމުން ނޫނީ ސާފުކުރާ ތަންތަނެއް ނޫނެވެ. މަގުމަތިން ނަގާ ވެއްޔާއި، ކޮންސްޓްރަކްޝަން ސައިޓްތަކުން އަންނަ ސިމެންތިއާއި، ގަސްގަހާގެހިން އުފެދޭ ކުނި ފަދަ ތަކެތި ކާނުތަކުގެ ތެރެއަށް ޖަމާވުމުން، ކާނުތަކުގެ ފުންމިން ކުޑަވެ، ފެންހިންދުމުގެ ޤާބިލުކަން ދެބައިކުޅަ އެއްބަޔަށް ވުރެ ދަށްވެގެންދެއެވެ.

ސިމެންތިއާއި ތާރުގެ ހޫނުކަން ރަށްތަކުގެ މަތީގައި ހިފެހެއްޓުން

މޫސުމީ ބަދަލުތަކާ ގުޅިގެން މުޅި ދުނިޔޭގައިވެސް ވާރޭވެހޭ މިންވަރާއި ވާރޭގެ ބާރުމިން (ޕްރެސިޕިޓޭޝަން އިންޓެންސިޓީ) އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. ރާއްޖޭގެ މީޓިއޮރޮލޮޖިކަލް އިދާރާއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކުރިން މުޅި ދުވަހަށް ބަހާލައިގެން ވެހޭ ވާރޭ، މިހާރު އެއް ގަޑިއިރު ނުވަތަ ދެ ގަޑިއިރު ތެރޭގައި ބައެއް ރަށްރަށަށް ވެހިގަނެއެވެ.

މާލެއަށް ސައުވީސް ގަޑިއިރު ތެރޭގައި ނުވަދިހަ މިލިމީޓަރުގެ ވާރޭ ވެހުމަކީ މިސަރަޙައްދުގެ މަގުތަކަށް ކެތްކުރެވޭނެ މިންވަރެއް ނޫނެވެ. އޭގެ އިތުރުން، އާބާދީ ބޮޑެތި ސިޓީތަކުގައި ސިމެންތިއާއި ތާރުގެ ސަބަބުން ހޫނު ހިފެހެއްޓޭ ނިޒާމު (އާބަން ހީޓް އައިލެންޑް އިފެކްޓު) ގެ ސަބަބުން ސިމެންތިއާއި ތާރުގެ ހޫނުކަން ރަށްތަކުގެ މަތީގައި ހިފެހެއްޓި، ކައިރި ކަނޑުގެ ސަރަޙައްދުން އުފެދޭ ވިލާތައް ވަގުތުން ރަށުގެ މައްޗަށް އަރައި، ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު އިތުރުވެއެވެ. މިއީ ހަމައެކަނި ވިއްސާރަވުމެއް ނޫނެވެ. މިއީ ޕްލޭނެއްނެތި، ތަރައްޤީގަ ނަމުގައި ސިޓީތަކުގެ ގުދުރަތީ މާހައުލު ބަދަލުކުރުމުގެ ސަބަބުން މެދުވެރިވާ ނަތީޖާއެވެ.

އިޖުތިމާޢީ އަދި ސިޔާސީ އިހުމާލާއި، ފަރުދީ ސުލޫކުގެ ނުރައްކާ

މިއީ ހަމައެކަނި އިންޖިއަރިންގ ނުވަތަ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަމެއް ނޫނެވެ. މިއީ ބޮޑު އިޖުތިމާޢީ މައްސަލައެއްވެސް މެއެވެ. ސިޓީއެއްގައި ނުވަތަ ރަށެއްގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ސުލޫކާއި، އާންމު އިހުމާލު މިކަމުގައި ވަރަށް ބޮޑެވެ. ހަނި މަގުތަކުގައި، ގާތްގާތުގައި ދުއްވާއެއްޗެތި ޕާކުކޮށް، މަގުމައްޗަށް ކުނިކޮތަޅުތައް ދޫކޮށްލުމާއި، ޕްލާސްޓިކް ފުޅިއާއި ސިގިރެޓްބަޓް ފަދަ ތަކެތި ސީދާ ކާނުތަކުގެ ތެރެއަށް އުކާލުމަކީ ދިވެހިންގެ ތެރޭގައި އާންމުވެފައިވާ ސަގާފަތެކެވެ. މިއިން ކޮންމެ ކުނިކޮޅަކީ ވާރޭވެހޭ ވަގުތު ކާނުތައް ބައްދާލާ، ފެން ހިންދުމަށް އޮތް ބޮޑު ހުރަހަކަށްވެއެވެ.

ހަމައެއާއެކު، އާބާދީ ތޮއްޖެހުމާއި، ރަށު ތަރައްޤީގެ މާސްޓަރ ޕްލޭންތަކުގައި ގްރީން ސްޕޭސް ނުވަތަ ފެންބޮޑުވުމުން ސަލާމަތްވުމަށް ގުދުރަތީ ގޮތުން އުފެދިފައިވާ ފެންހިންދައިދޭ ހުސްބިންތައް ނައްތާލުމަކީ ވެސް ސިޔާސީ އަދި އަރބަން ޕްލޭނިންގގެ ބޮޑު އުނިކަމެކެވެ. ހުރިހާ ބިމެއްގައި ސިމެންތިޖަހައި، އިމާރާތްކުރުމުން ފެންގަނޑު ދާނެ އެހެން އެއްވެސް ދިމާއެއް ނޯވެއެވެ.

ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރު: ގުދުރަތީ ޗަސްބިންތައް ނައްތާލުމުގެ ހިތި ނަތީޖާ

އުތުރުގެ ބޮޑެތި ރަށްރަށަށް ބަލާއިރު، ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރަށް މިމަހު ދިމާވި ފެންބޮޑުވުމުގެ ޙާދިސާތަކަކީ އިޖުތިމާޢީ އަދި ތިމާވެށީގެ ތަރައްޤީގެ ނުބައި ނިންމުންތަކުގެ ސީދާ ނަތީޖާއެކެވެ. ކުޅުދުއްފުއްޓަކީ ތާރީޚީ ގޮތުން ބޮޑު ކުޅިއަކާއި، ގުދުރަތީ ގޮތުން ފެންބޮޑުވުން ކޮންޓްރޯލްކޮށްދޭ ދެމެހެއްޓެނިވި ޗަސްބިންތަކެއް ނުވަތަ ވެޓްލޭންޑްތަކެއް ކުރިން އޮތް ރަށެކެވެ. ނަމަވެސް، އެއަރޕޯޓާއި އެކި އެކި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އެ ޗަސްބިންތައް ހިއްކައި، ސިމެންތިޖެހުމުގެ ނަތީޖާއަކީ، ވާރޭވެހޭ ވަގުތުތަކުގައި ފެންގަނޑު އަމިއްލައަށް ހިންދައިދޭނެ ގުދުރަތީ ސްޕޮންޖް ނުވަތަ ފެންފިލުވާ ނިޒާމު ނެތިގެން ދިއުމެވެ.

ނޮޅިވަރަންފަރުގެ ނުވަދިހަ ފަސް އިންސައްތަ ގޭގެއަށް ފެންވަދެ، ރަށުގެ ބޮޑު ބައެއް ފެނުއަޑިއަށް ދިޔައީވެސް ރަށުގެ މަގުތައް ހެދުމުގައި ގުދުރަތީ އޮއިވަރާއި، ފެންދެމޭ ގޮތުގެ ހައިޑްރޯލޮޖިކަލް އެސެސްމެންޓް ހެދުމެއްނެތި، ހަމައެކަނި ލެވެލްކޮށްލައިގެން މަގު ހެދުމުންނެވެ. ގުދުރަތީ މާހައުލާ އިދިކޮޅަށް، ތަރައްޤީގެނަމުގައި، ވިސްނުމެއްނެތި ސިޔާސީ މީހުން ކުރާ ކޮންމެ ކަމެއްގެ ހިތިރަހަ، އިސާހިތަކު ދިވެހި ރައްޔިތުން އުފުލަންޖެހެއެވެ.

ފެންހިނދޭ ޚާއްޞަ ގާ (ޕާމިއަބަލް ޕޭވަރސް) ބޭނުންކުރުމާއި ގުދުރަތީ ފެންހިންދާ ނިޒާމުތައް ޤާއިމުކުރުން

މާލެއާއި އަތޮޅުތަކުގެ ބޮޑެތި ރަށްރަށުގެ މަގުތައް ހަދާއިރު، ފެން ނުހިނދޭ ގަލާއި ތާރު އެކަނި އެޅުމުގެ ބަދަލުގައި، ގަލުގެ އެތެރެއިން ފެން ދީލައިގެން ތިރިއަށް ހިނދޭފަދަ ޚާއްޞަ ގާ (ޕާމިއަބަލް ޕޭވަރސް)، މަގުގެ ކޮންމެވެސް އެއް ހިސާބެއްގައި ނަމަވެސް ބޭނުންކުރުމަކީ ފެންބޮޑުވުމުގެ މައްސަލައަށް އޮތް ވަރަށް އެކަށީގެންވާ ސިވިލް އިންޖިނިއަރިންގ ޙައްލެކެވެ. މިފަދަ ގާތަކުގެ މެދުގައި ހުންނަ ކުދިކުދި ދޯރިތަކުންނާއި، ގަލުގެ ޒާތުގައި ހުންނަ ލޮލަށް ނުފެންނަ ކުދި ލޯވަޅުތައް (ޕޯރސް) ތަކުގެ ތެރެއިން ސީދާ ތިރީގައިވާ ވެލިގަނޑަށް ފެން ދަމައިގަނެއެވެ.

ހަމައެފަދައިން، މަގުތަކުގެ މެދުގައި "ބަޔޯ-ސްވޭލްސް" ބެހެއްޓުމަކީ މަގުމަތީގައި ދެމޭ ފެންގަނޑުގެ ބޮޑު ބައެއް ގުދުރަތީ ގޮތުން ކޮންޓްރޯލްކޮށްދޭނެ ކަމެކެވެ. "ބަޔޯ-ސްވޭލްސް" އަކީ މަގުތަކުގެ ދެފަރާތުގައި ނުވަތަ މެދުގައި، ފެންދެމޭ ގޮތަށް ފަރުމާކޮށްފައި ހުންނަ، ގަހާއި ވިނަ އިންދާފައިވާ ތިލަ ކޯރުތަކެކެވެ. މަގުމަތީގައި ދެމޭ ވާރޭފެންގަނޑު ސީދާ ކާނުތަކަށް ގޮސް ފެންބޮޑުވުމުގެ ބަދަލުގައި، އެންމެ ފުރަތަމަ ދާނީ މި "ބަޔޯ-ސްވޭލްސް" ތަކަށެވެ. އެތަނުގައި ހުންނަ ގަސްގަހާގެއްސާއި، ވެލީގެ ތެރެއިން ފެންގަނޑު ސާފުވެ، ފެންގަނޑުގެ ބޮޑު ބައެއް، ގުދުރަތީ ގޮތުން ތިރިއަށް ހިނދިގެންދެއެވެ. މިފަދަ ޒަމާނީ އަދި ތިމާވެށްޓާ ރައްޓެހި އިންޖިނިއަރިންގ އުޞޫލުތައް މަގުތައް ހެދުމުގައި ބޭނުންކޮށްފިނަމަ، މަގުމަތީގައި އުފެދޭ ދެމޭ ފެންގަނޑުގެ މިންވަރު ފަންސާސް އިންސައްތައަށް ކުޑަކޮށްދީ، ކާނުތަކަށް ބާރުބޮޑުވުން ދުރުކޮށްދޭނެއެވެ.

ދާއިމީ ޙައްލަކަށް ދިއުމަށް ކުރަންޖެހޭ ކަންކަން

މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ހަމައެކަނި ކޯރުކަނޑައިގެން، ޕަންޕުޖަހައިގެން ފެންހިންދުމުގެ ވަގުތީ އުޞޫލުތައް ދޫކޮށްލަންޖެހެއެވެ. އެގޮތުން، މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ފެން ހިންދާ ނިޒާމުތައް ފަރުމާކުރަންވާނީ މޫސުމީ ބަދަލުތަކާއެކު އަތުވެދާނެ ވިއްސާރައިގެ މިންވަރަށް ބަލައި، އިތުރުވާ ފެންގަނޑު ބޮޑު ނުވެ ސީދާ މޫދަށް ނުވަތަ ވާރޭފެން ރައްކާކުރާ ބޮޑެތި ތާންގީތަކަށް ގެންދެވޭނެ ހައިޑްރޯލިކް މިންގަނޑުތަކަށް ބަލައިގެން، ސްމާޓް ސްޓޯމް ޑްރެއިނޭޖް ނިޒާމެއް ޤާއިމުކޮށްގެންނެވެ.

ހަމައެއާއެކު، ވިއްސާރަވުމުގެ ކުރިން، ތާވަލެއްގެ ދަށުން ކައުންސިލްތަކާއި ކަމާބެހޭ އިދާރާތަކުން ކާނުތަކުގައިވާ ވެއްޔާއި ކުނި ސާފުކުރުމުގެ އިދާރީ ނިޒާމެއް ކަށަވަރުކުރުމުގެ (ޕްރިވެންޓިވް މެއިންޓެނަންސްގެ) އުޞޫލުތައް ހިފަހައްޓަންޖެހެއެވެ. މީގެ އިތުރުން، މާލެއާއި ރަށްރަށުގެ މަގުތައް ހަދާއިރު، ސީދާ ތާރު އެކަނި އެޅުމުގެ ބަދަލުގައި، ގަލުގެ އެތެރެއަށް ފެން ހިނދޭފަދަ ޚާއްޞަ ގާ ނުވަތަ ޕާމިއަބަލް ޕޭވަރސް ބޭނުންކުރުމާއި، ގްރީން ސްޕޭސްތައް މަގުތަކުގެ ދެފަރާތުގައި ބެހެއްޓުމަކީ ފެންބޮޑުވުން ފަންސާސް އިންސައްތައަށް ކުޑަކޮށްދޭނެ ކަމެކެވެ. ހަމައެހެންމެ، ކާނުތަކަށާއި މަގުމައްޗަށް ކުނިއެޅުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އަޅައި، އާންމުންގެ ސުލޫކަށް ބަދަލުގެނުވައި، ފަރުދީ ޒިއްމާ އަދާކުރުމަށް އިލްތިމާސްކުރަންޖެހެއެވެ.

ނިންމުން: ސުވާލުގެ ސާފު ޖަވާބު

ސުރުހީގައިވާ ސުވާލަށް ދެވޭނެ އެންމެ ސާފު ޖަވާބަކީ، ފެންބޮޑުވުމުގެ މައްސަލައަކީ ހަމައެކަނި ސިވިލް އިންޖިނިއަރިންގގެ ނާކާމިޔާބީއެއް ނުވަތަ ހަމައެކަނި ސިޔާސީ ނުވަތަ އިޖުތިމާޢީ އިހުމާލެއް ނޫނެވެ. މިއީ މި ތިން ކަންތައް އެކުވެގެން އުފެދިފައިވާ، ނުރައްކާތެރި ހާލަތެކެވެ. އިންޖިނިއަރިންގގެ ފުރިހަމަ ދިރާސާތަކާއި ނުލައި މަގުތަކުގައި ތާރުއެޅުމާއި، ގުދުރަތީ ފެންހިންދާ ޗަސްބިންތައް، ތަރައްޤީގެ ނަމުގައި ހިއްކައިގެން ނައްތާލުމާއި، އިންޖިނިއަރިންގއާއި އަރބަން ޕްލޭނިންގގެ ފެއިލިއަރއެކެވެ. ހަމައެއާއެކު، ކާނުތަކަށް ކުނިއެޅުމާއި، މަގުމަތި ސާފުކޮށް ނުބެހެއްޓުމަކީ އާންމު ރައްޔިތުންގެ ފަރުދީ އަދި އިޖުތިމާޢީ އިހުމާލެކެވެ.

ވާރޭކޮޅެއް ވެހިލާއިރަށް މުޅި ޤައުމު ހާލުގައިޖެހި، ރައްޔިތުންގެ މުދަލާއި ގޭގޭގެ ހިފާގެންގުޅޭ ސާމާނަށް ލައްކައިން ގެއްލުންވުމަކީ މިއަދު އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލައިގެން ވާނެ ކަންކަމެއް ނޫނެވެ. އިންޖިނިއަރިންގގެ ބަދަލުތަކާއެކު، އިޖުތިމާޢީ ސުލޫކަށް ހެޔޮބަދަލުތައް ގެނެސް، ސިޔާސީ ވިސްނުމާއި އަމަލުތައް ބަދަލުނުކުރާހާ ހިނދަކު، ކޮންމެ ވިއްސާރައަކާއެކު ދިވެހިން ތިބޭނީ ވެލިބަސްތާ އާއި ޕަމްޕު ޖަހައިގެން، ފެންބޮޑުވުމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

މުޅި މުޖުތަމައު އަލުން "ރީސެޓް" ކުރަންޖެހޭ!
މުޖުތަމަޢު

މުޅި މުޖުތަމައު އަލުން "ރީސެޓް" ކުރަންޖެހޭ!

މިއީ ހަމައެކަނި ފުލުހުންގެ މުއައްސަސާގެ ތެރޭގައި އޮތް މައްސަލައެއް ހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވާ ގައުމީ ބޮޑު ތިން މައްސަލަ ކަމުގައިވާ މަސްތުވާތަކެތީގެ ވަބާއާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުން އަލުން ތަރުތީބުވާންޖެހޭ ފަދައިން، މި މައްސަލަތަކުގެ އަނެއްކޮޅު ގުޅިފައިވަނީ މުޅި މުޖުތަމޢުގެ އަޚްލާޤީ ނިޒާމާއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 21, 2026
ފެބްރުއަރީ 5 ގައި ބިދޭސީ ކޭޝިއަރުން ދިވެހި ކުރަން ޖެހޭ!
މުޖުތަމަޢު

ފެބްރުއަރީ 5 ގައި ބިދޭސީ ކޭޝިއަރުން ދިވެހި ކުރަން ޖެހޭ!

ބިދޭސީ ކޭޝިއަރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ އެތައް އަހަރެއް ވަންދެން ޤަވާއިދުތައް ހަމައެކަނި ކަރުދާހުގައި އޮތުމަށްފަހު، ޢަމަލީ ގޮތުން ތަންފީޒުކުރަން ފެށޭ ވަރަށް މުހިންމު ސިޔާސަތެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި އިޞްލާޙީ ޤަވާއިދުތައް ތަންފީޒުކުރުމުގައި ދިމާވާ އެންމެ ބޮޑު ސުވާލަކީ، އަމަލީ ގޮތުން ފެށޭ ދުވަސް އައިސް ޖެހުމުން، ތައްޔާރު ނުވެވޭ ކަމަށް ބުނެ ވިޔަފާރިވެރިންގެ ފިއްތުންތަކަށް ސަރުކާރު ދީލާލައި، ސިޔާސަތު ތަންފީޒުކުރުން ފަސްކުރާނެ ބާވައެވެ؟

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 14, 2026
"އަލިމަގު" ފެންނާނީ މަރުގެ ހުކުމް ތަންފީޒު ކުރެވިގެން!
މުޖުތަމަޢު

"އަލިމަގު" ފެންނާނީ މަރުގެ ހުކުމް ތަންފީޒު ކުރެވިގެން!

ޑްރަގްގެ މައްސަލަ ހައްލުވުމަކީ ރާއްޖޭގެ އިގްތިސާދީ ކާމިޔާބީގެ ތަޅުދަނޑިއެވެ. އިޖުތިމާއީ އަދި ދީނީ ހަމަޖެހުމުގެ ތަޅުދަނޑިއެވެ. ދާހިލީ ހަމަޖެހުމުގެ ތަޅުދަނޑިއެވެ. އިސްތިއުމާރީ ބާރުތަކުން ޤައުމު ހަލަބޮލިކުރަން ބޭނުންކުރާ ހަތިޔާރު ނިއުޓްރަލައިޒް ކުރުމުގެ ތަޅުދަނޑިއެވެ. ރާއްޖޭގެ ކުރިމަގުގެ ކާމިޔާބީއާއި، މިނިވަން، ހަމަޖެހޭ، ފުދުންތެރި ޤައުމެއްގެ ގޮތުގައި އޮތުން ގުޅިފައިވަނީ މި މައްސަލައިގެ ހައްލާއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/August 8, 2026