މުޖުތަމަޢު

ފެބްރުއަރީ 5 ގައި ބިދޭސީ ކޭޝިއަރުން ދިވެހި ކުރަން ޖެހޭ!

ބިދޭސީ ކޭޝިއަރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ އެތައް އަހަރެއް ވަންދެން ޤަވާއިދުތައް ހަމައެކަނި ކަރުދާހުގައި އޮތުމަށްފަހު، ޢަމަލީ ގޮތުން ތަންފީޒުކުރަން ފެށޭ ވަރަށް މުހިންމު ސިޔާސަތެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި އިޞްލާޙީ ޤަވާއިދުތައް ތަންފީޒުކުރުމުގައި ދިމާވާ އެންމެ ބޮޑު ސުވާލަކީ، އަމަލީ ގޮތުން ފެށޭ ދުވަސް އައިސް ޖެހުމުން، ތައްޔާރު ނުވެވޭ ކަމަށް ބުނެ ވިޔަފާރިވެރިންގެ ފިއްތުންތަކަށް ސަރުކާރު ދީލާލައި، ސިޔާސަތު ތަންފީޒުކުރުން ފަސްކުރާނެ ބާވައެވެ؟

ފެބްރުއަރީ 5 ގައި ބިދޭސީ ކޭޝިއަރުން ދިވެހި ކުރަން ޖެހޭ!

އޯކިޑުމަގުގެ މާލޭ އޮޕްޓިކަލްސް ކައިރީ ހުރި މާޓަކަށް ވަނީމެވެ. ކައުންޓަރުގައި ފައިސާ ކަނޑަން އިނީ މެދުއުމުރުގެ އިންޑިއާ އަންހެނެކެވެ. ނިއްކުރީގެ މެދުގައި ހުރި ތިކިން އެއީ ހިންދޫއެއް ކަމަށް ލަފާ ކުރެވުނެވެ. ދިވެހި ބަސް ބަރާބަރަށް އެނގެއެވެ. ޖެހިގެން ހުރި އަނެއް ފިހާރައާއި، އެތާ ކައިރީ ހުރި ރެސްޓޯރެންޓުން ވެސް ފެންނަނީ މުޅިން ވެސް އިންޑިއާ އަދި ބަންގްލާދޭޝް މީހުންނެވެ. އެ ސަރަހައްދުގެ ގިނަ މާޓުތަކާއި، ކަންމަތީ ފިހާރަތަކުގެ ކައުންޓަރުގައި ވެސް ތިބެނީ މުޅިންވެސް ބިދޭސީންނެވެ. އިންޑިއާ، ބަންގާޅު، ނޭޕާލް، އަދި ޕިލިޕީންސް ފަދަ ޤައުމުތަކުގެ އަންހެނުންނާއި ފިރިހެނުންނެވެ.

މާލޭގެ އެންމެ ބިޒީ އެއް ފިހާރަ ކަމުގައިވާ އެސްޓާސް އަށް ވަނުމުން ފެންނަނީ ހުރިހާ ކައުންޓަރު ތަކެއްގައި ބިދޭސީ އަންހެނުން ތިބި ތަނެވެ. ތަފާތު އެކި މާޓުތަކާއި، އާޓިފިޝަލް ބީޗުގައި ހުންނަ ކޮކޯ-ހަޓް ފަދަ ތަންތަނުން ވެސް ފެންނަނީ މުޅިންވެސް ބިދޭސީ މުއައްޒަފުންނާއި ބިދޭސީ ކޭޝިއަރުންނެވެ. ހުރިހާ ދިމާލަކުންވެސް ކޭޝިއަރުކަން މިވަނީ ބޭރު މީހުންގެ އަތްމައްޗަށް ގޮސްފައެވެ. ނަމަވެސް، މިއީ ހަމައެކަނި ފައިސާ ކަނޑާ ކައުންޓަރެއްގެ ވާހަކައެއް ނޫނެވެ. ކޭޝިއަރުކަމާ އެކު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާލީ ކޮންޓްރޯލާއި، ތަކެތި އޯޑަރުކުރުމާއި، ދުވަހުން ދުވަހަށް ވިޔަފާރި ހިންގުމުގެ މުޅި ނިޒާމު މިވަނީ ނުރައްކާތެރި މިންވަރަކަށް ބިދޭސީންގެ އަތްމައްޗަށް ގޮސްފައެވެ.

އިޝްތިހާރު

ވިޔަފާރިވެރިންގެ ފިއްތުންތަކަށް ސަރުކާރު ދީލާލައި، ސިޔާސަތު ފަސްކުރާނެ ބާ؟

ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ދެއްވި ރިއާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ބިދޭސީން ކޭޝިއަރުކަން ކުރުން މުޅިން މަނާކުރުމުގެ ސިޔާސަތު އިއުލާނު ކުރައްވާފައެވެ. ސަރުކާރުގެ ސިޔާސަތުގެ ދަށުން، އަންނަ 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ކޭޝިއަރެއްގެ ގޮތުގައި ބިދޭސީއަކަށް މަސައްކަތެއް ނުކުރެވޭނެއެވެ. މިއީ އެތައް އަހަރެއް ވަންދެން ޤަވާއިދުތައް ހަމައެކަނި ކަރުދާހުގައި އޮތުމަށްފަހު، ޢަމަލީ ގޮތުން ތަންފީޒުކުރަން ފެށޭ ފުރިހަމަ ނިންމުމެކެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ތާރީޚުގައި އިޤްތިޞާދީ އިޞްލާޙީ ޤަވާއިދުތައް ތަންފީޒުކުރުމުގައި ދިމާވާ އެންމެ ބޮޑު ސުވާލަކީ، އަމަލީ ގޮތުން ފެށޭ ދުވަސް އައިސް ޖެހުމުން، ތައްޔާރު ނުވެވޭ ކަމަށް ބުނެ ވިޔަފާރިވެރިންގެ ފިއްތުންތަކަށް ސަރުކާރު ދީލާލައި، ސިޔާސަތު ފަސްކުރާނެ ބާވައެވެ.

ބިދޭސީ ކޭޝިއަރުންގެ ކަޅު ބާޒާރު

މި މައްސަލައަކީ ހަމައެކަނި ވަޒީފާ ދިވެހިކުރުމުގެ މައްސަލައެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ މާލީ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ޤައުމީ ސަލާމަތުގެ މުހިންމު މައްސަލައެކެވެ. ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބުމުން، ފިހާރަތަކަށް ވަންނަ ދިވެހި ރުފިޔާއާއި އެމެރިކާ ޑޮލަރު ސީދާ ބޭންކިންގ ނިޒާމުގެ ތެރެއަށް ވަނުމުގެ ބަދަލުގައި، ނުރައްކާތެރި ކަޅު ބާޒާރުގެ ނިޒާމުތަކަށް ދެއެވެ. ބޭރު ފައިސާގެ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު، ރާއްޖޭގައި ބޭރު ފައިސާ ކަޅު ބާޒާރުގައި މާރުކުރުމަކީ ބޮޑެތި ޖޫރިމަނާތަކާއި ޖިނާއީ ދައުވާ އުފުލޭ ކުށަކަށް ވަނީ ހެދިފައެވެ. ބިދޭސީ ކޭޝިއަރުން މެދުވެރިކޮށް ދުވަހުން ދުވަހަށް ލިބޭ ނަގުދު ފައިސާ ބޭރު މީހުންގެ ނެޓްވޯކްތަކަށް އެކްސްޗޭންޖްވެ، ރާއްޖޭގެ ރަސްމީ ބޭންކިންގ ނިޒާމަށް ޑޮލަރު ވަނުން ހުއްޓުވައެވެ.

ކޭޝިއަރު ކަމުގެ 25،000 ވަޒީފާ

މި ޤަވާއިދަށް އަމަލު ކުރަން ފެށުމުން މުޅި ރާއްޖޭގައި 25،000 ވަޒީފާ ދިވެހީންނަށް އިތުރުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި އަދަދަށް ވަޒީފާ އުފެދިގެން ދިއުމަކީ، ބިދޭސީން ރާއްޖެއިން ބޭރުކުރާ ޑޮލަރު މަދުވެ، ވިޔަފާރިތަކުގެ ކޮންޓްރޯލް ދިވެހީންނަށް އަލުން އަނބުރާ ކޮންމެވެސް ވަރަކަށް ލިބި، ދިވެހި އިގްތިސޯދުގައި އެނބުރޭ ފައިސާ އިތުރުވާނެ ބޮޑު ބަދަލެކެވެ. މި 25،000 ވަޒީފާ އަކީ، އެވްރެޖްކޮށް ކޮންމެ ކޭޝިއަރަކަށް މަހަކު 7،500ރ.ގެ މުސާރައެއް ކަމަށް ބެއްޔަސް، މަހަކު 187 މިލިއަން ރުފިޔާ އެވެ. މި 187 މިލިއަން ރުފިޔާ މިހާރު ކޮންމެ މަހަކު އެދަނީ ބިދޭސީ ކޭޝިއަރުން މެދުވެރިކޮށް ދިވެހި އިގްތިސޯދުން ބޭރަށެވެ. ނަމަވެސް ބިދޭސީންނަށް ކޭޝިއަރުކަން ނުކުރެވޭ ޤަވާއިދު ތަންފީޒު ކުރަން ފެށުމުން އެ ފައިސާ ދިވެހި ރާއްޖޭގެ އެތެރޭގެ އިގްތިސޯދުގައި ހިފެހެއްޓޭނެއެވެ.

ގިނަ ކަންމަތީ ފިހާރަތަކާއި މާޓުތަކުގައި ދިވެހި ވިޔަފާރިވެރިޔާއަކީ ހަމައެކަނި ނަން ވިއްކާ މީހާއެވެ. ދުވަހުން ދުވަހަށް ފައިސާ ބެލެހެއްޓުމާއި، ސަޕްލަޔަރުންނަށް ފައިސާ ދެއްކުމާއި، ވިޔަފާރި ހިންގުމުގެ މުޅި ކޮންޓްރޯލް އޮންނަނީ ބިދޭސީ ކޭޝިއަރުގެ އަތުގައެވެ. މިއީ ޤާނޫނާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.

ގިނަ އަމިއްލަ ވިޔަފާރިވެރިން ބޭނުންވަނީ މިހާރުވެސް އޮންނަ ގޮތަށް ބިދޭސީން ގެނެސް ކައުންޓަރުގައި ބައިތިއްބާށެވެ. އެމީހުން ދައްކާ ހުއްޖަތަކީ ދިވެހި މުއައްޒަފުން ވަޒީފާއަށް ފަރުވާތެރި ނުވުމާއި، ގިނަގިނައިން ސަލާމް ބުނުމާއި، އެކަށީގެންވާ އެންގުމަކާ ނުލައި ވަޒީފާ ދޫކޮށް ދިއުމެވެ. ނަމަވެސް، މިއީ މައްސަލައިގެ ޙަޤީޤީ އަޞްލެއް ނޫނެވެ. ވިޔަފާރިވެރިން ދިވެހީންނަށް ކުޑަ މުސާރައެއް ދޭން އުޅުމަކީ މައްސަލައިގެ މުލެވެ.

ބިދޭސީ މީހާއަށް ދޭންޖެހޭ ޚަރަދުތަކަށް ބަލާއިރު، ވޯކް ވިސާ އަދި ކޯޓާ ފީއާއި، ކެއުމާއި އެކޮމޮޑޭޝަން ޚަރަދާއި، އަހަރަކު އެއްފަހަރު ދެކޮޅު ޓިކެޓާއި، މެޑިކަލް އިންޝުއަރެންސް ހިމެނެއެވެ. މި ހުރިހާ ޚަރަދެއް އެއްކޮށްލުމުން، ބިދޭސީ މީހާގެ މައްޗަށް ހިނގާ ޙަޤީޤީ ޚަރަދު މަހަކު ދިހަހާސް ރުފިޔާއިން މައްޗަށް ދެއެވެ. އެހެންކަމުން، ބިދޭސީ މީހާއަށް ކުރާ މުޅި ޚަރަދާ އެއްވަރުގެ އެކަށީގެންވާ މުސާރައެއް ދިވެހި ކޭޝިއަރަކަށް ދޭނަމަ، ޤާބިލު ދިވެހީން ވަޒީފާތަކުގައި ހަރުލާނެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ އެސްޓީއޯ އަދި އެމްޓީސީސީ ފަދަ ތަންތަނުގައި ކޭޝިއަރުންގެ ގޮތުގައި ދިވެހީން ދާއިމީކޮށް ތިބުމަކީ މިއީ ދިވެހިންގެ ކަންނެތްކަމަށްވުރެ ބޮޑަށް، އަމިއްލަ ސެކްޓަރުގެ މުސާރައާއި އިނާޔަތްތަކުގެ މައްސަލައެއްކަން އަންގައިދޭ ހެއްކެކެވެ.

ސިޔާސީ މަޤާމް ތަކާއި ސިވިލް ސާރވަންޓުން މަދު ކުރުން

ކޭޝިއަރުކަން ދިވެހިކުރުމުގެ އަމާޒަށް ވާސިލްވުމަށްޓަކައި ހަމައެކަނި އަމުރު މައުރޫފު ހިންގުމުން ނުފުދޭނެއެވެ. މުޅި އިޤްތިޞާދީ އަދި އިޖުތިމާއީ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހެއެވެ. އެގޮތުން ދައުލަތުގެ ވަޒީފާތަކުގެ ނިސްބަތަށް ބަލާއިރު، މިހާރު މަސައްކަތްތެރިންގެ ފަންސާސް އިންސައްތައަށްވުރެ ބޮޑު ބައެއް އުޅެނީ ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާގައެވެ. މިކަން ބަދަލުކުރުމަށްޓަކައި ސިވިލް ސާވިސްގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ދައުލަތުގެ މުއައްޒަފުންގެ ނިސްބަތް މުޅި މަސައްކަތްތެރިންގެ ތިރީސް އިންސައްތައަށް ތިރިކުރަންޖެހެއެވެ.

ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަޖިސްޓްރީވެގެން ވަޒީފާ އަދާކުރާ ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ސިވިލް ސާވިސް އަދި ދައުލަތުގެ ކުންފުނިތަކުގެ މުއައްޒަފުންނެވެ. ސިޔާސީ މަޤާމުތައް އެކުލެވުމުން މިއަދަދު އެއަށްވުރެ މަތިވެއެވެ. ތަރައްޤީވެފައިވާ ޤައުމުތަކުގައި ދައުލަތުގެ މުއައްޒަފުންގެ ނިސްބަތަކީ މުޅި ވޯކް ފޯރސްގެ ތިރީސް އިންސައްތައަށްވުރެ ދަށް މިންވަރެކެވެ. ދައުލަތުގެ ވަޒީފާތައް ގިނަވުމުން، އަމިއްލަ ސެކްޓަރަށް ބޭނުންވާ ދިވެހި މަސައްކަތްތެރިން ލިބުން އޮންނަނީ ދަތި ވެފައެވެ.

މާ ބޮޑު މަސައްކަތެއް ނުކޮށް މަހަކު ފަނަރަހާސް ނުވަތަ ފަންސަވީސްހާސް ރުފިޔާ ލިބޭ ފަދަ ސިޔާސީ މަޤާމުތައް ހުރުމަކީ ދިވެހިން ކަންނެތްވެ، އަމިއްލަ ސެކްޓަރުގެ ބުރަ މަސައްކަތްތަކަށް ނުނުކުތުމުގެ މުގުލެވެ. ސަރުކާރުން ސިޔާސީ މަޤާމުތައް މަދުކޮށް، ސިވިލް ސާވިސްގެ ޚިދުމަތްތައް އޭއައި އަދި ޑިޖިޓަލް ނިޒާމުތަކަށް ބަދަލުކުރުމުން އަމިއްލަ ސެކްޓަރަށް ދިވެހި ޒުވާނުން ނުކުންނާނެއެވެ.

ރިސޯޓު ވަޒީފާތަކުގައި ފަންސާސް އިންސައްތަ ދިވެހިން ތިބެންޖެހޭ ޤަވާއިދު ތަންފީޒުނުވޭ

ރިސޯޓުތަކުގެ ވަޒީފާތަކުގެ މަދުވެގެން ފަންސާސް އިންސައްތަ ދިވެހިންނަށް ޚާއްޞަކުރަންޖެހޭ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، މިއަދާ ހަމައަށްވެސް މިއީ ހަމައެކަނި ކަރުދާހުގައި އޮތް ބާޠިލު އުޞޫލެކެވެ. ރިސޯޓު މެނޭޖްމަންޓްތަކުން ޤާނޫނުގެ ތެރެއިން "ލޫޕްހޯލް" ތައް ހޯދައިގެން މިކަން އޮޅުވާލުމަށް ބޭނުންކުރާ އެންމެ ބޮޑު އުކުޅަކީ ތާޑް-ޕާޓީ އައުޓްސޯސިންގ ނިޒާމެވެ. ރިސޯޓުގެ ރަސްމީ ދަފްތަރުގައި ދިވެހިންގެ ނިސްބަތް ފަންސާސް އިންސައްތައިގައި ދެއްކުމަށްފަހު، ރޫމް ބޯއިންނާއި، ކޭޝިއަރުން، އަދި ހައުސްކީޕިންގ ފަދަ އާންމު ވަޒީފާތައް ތިންވަނަ ފަރާތެއްގެ ކޮންޓްރެކްޓަރުން މެދުވެރިކޮށް އައުޓްސޯސްކޮށް، ކުޑަ މުސާރައަށް މަސައްކަތްކުރާ ބިދޭސީންނަށް އެ މަސައްކަތްތައް ދެނީއެވެ. މިއީ ދިވެހި ޒުވާނުންނަށް ވަރަށް ފަސޭހައިން އަހުލުވެރިވެ، ތަމްރީނުވެގެން އަދާކުރެވޭނެ ވަޒީފާތަކަކަށް ވީއިރު، ވިޔަފާރިވެރިން ކުރު ރާސްތާގެ މާލީ ފައިދާއަށް އެކަނި ބަލައި، ބިދޭސީންނަށް ބަރޯސާވުމުގެ ސަބަބުން ދިވެހިންނަށް ފަތުރުވެރިކަމުގެ ސެކްޓަރުން ލިބެންޖެހޭ ފުރުޞަތުތައް ވަނީ ހަނިވެފައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ ކޮންޓްރެކްޓް އުޞޫލުން އުޅޭ މީހުން ހިމެނޭ ގޮތަށް މުޅި ވޯކްފޯސް ގުނޭނެ ގޮތަށް ޤަވާއިދު އިޞްލާޙުކޮށް، ރޫމް ބޯއިންނާއި ކޭޝިއަރުން ފަދަ ފްރަންޓްލައިން ވަޒީފާތަކީ ހަމައެކަނި ދިވެހިންނަށް އަދާކުރެވޭނެ ވަޒީފާތަކެއް ކަމުގައި މަޖުބޫރުކޮށް، ފަސްޖެހުމެއްނެތި ފިޔަވަޅުތައް ތަންފީޒުކޮށްގެންނެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާވަމުންދާ ނިސްބަތާ އަޅާބަލާއިރު އާބާދީ އިތުރުވާ ނިސްބަތް މަތި ކުރަން ޖެހޭ

ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާވަމުންދާ އަވަސް މިނާ އަޅާބަލާއިރު، ޤައުމީ އާބާދީ އިތުރުވާ ނިސްބަތް އިންތިހާއަށް ދަށްވުމަކީ މުސްތަޤުބަލުގައި އިޤްތިޞާދީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމެކެވެ. ރާއްޖޭގައި އުފެދެމުންދާ އާ ވަޒީފާތަކަށާއި އިޤްތިޞާދީ މައި އިދާރާތަކަށް ބޭނުންވާ ދިވެހި މަސައްކަތްތެރިން ނުލިބި، ބިދޭސީންނަށް ބަރޯސާވާންޖެހޭ މައިގަނޑު އެއް ސަބަބަކީވެސް އިޤްތިޞާދީ ކުރިއެރުމާ އެއްވަރަށް ޤައުމީ އާބާދީ ބޮޑުނުވުމެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ރާއްޖޭގެ އިޤްތިޞާދު ދިވެހިންގެ އަތްމަތީގައި ދެމެހެއްޓުމަށްޓަކައި، ކޮންމެ އާއިލާއަކުން ދެ ކުދިން ހޯދުމުގެ ވިސްނުން ބަދަލުކޮށް، ތިންވަނަ އަދި ހަތަރުވަނަ ދަރިއަކު ހޯދުމަށް ހިތްވަރުދޭންޖެހެއެވެ. އަދި އާއިލާތަކަށް މާލީ ގޮތުން ކުރިމަތިވާ ބުރަތައް ލުއިކޮށްދިނުމުގެ ގޮތުން، ކޮންމެ އާއިލާއެއްގެ ތިންވަނަ އަދި ހަތަރުވަނަ ދަރިއަކަށް، އެ ކުދިންގެ އުމުރުން އަށާރަ އަހަރު ފުރެންދެން ދައުލަތުގެ ބަޖެޓުން މަހަކު ޚާއްޞަ މާލީ އިނާޔަތެއް ދިނުމުގެ ޤައުމީ ބޮޑު މަޝްރޫޢެއް ސަރުކާރުން އިސްނަގައިގެން ފަށަންޖެހެއެވެ.

ވިޔަފާރިވެރިންގެ ފިއްތުންތަކަށް ސަރުކާރު ދީލާލައި، ސިޔާސަތު ފަސްނުކުރުން

ބިދޭސީ ކޭޝިއަރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ އެތައް އަހަރެއް ވަންދެން ޤަވާއިދުތައް ހަމައެކަނި ކަރުދާހުގައި އޮތުމަށްފަހު، ޢަމަލީ ގޮތުން ތަންފީޒުކުރަން ފެށޭ ވަރަށް މުހިންމު ސިޔާސަތެކެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ތާރީޚުގައި އިޤްތިޞާދީ އަދި އިޖުތިމާއީ އިޞްލާޙީ ޤަވާއިދުތައް ތަންފީޒުކުރުމުގައި ދިމާވާ އެންމެ ބޮޑު ސުވާލަކީ، އަމަލީ ގޮތުން ފެށޭ ދުވަސް އައިސް ޖެހުމުން، ތައްޔާރު ނުވެވޭ ކަމަށް ބުނެ ވިޔަފާރިވެރިންގެ ފިއްތުންތަކަށް ސަރުކާރު ދީލާލައި، ސިޔާސަތު ތަންފީޒުކުރުން ފަސްކުރާނެ ބާވައެވެ؟ މާޒީގައި ކަންވެފައިވާ ގޮތަށް މިކަން ވިޔަނުދީ، ކަނޑައެޅިފައިވާ ތާރީޚުގައި މި އުޞޫލު އަކުރުން އަކުރަށް ތަންފީޒުކޮށް ސަރުކާރުގެ ސީރިއަސްކަން ސާބިތުކޮށްދޭންޖެހެއެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބިދޭސީ ކޭޝިއަރުން މަނާކުރުމަކީ ދިވެހި އިޤްތިޞާދު އަލުން ދިވެހިންގެ އަތްމައްޗަށް ގެނައުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވީނަމަވެސް، މިއީ ހަމައެކަނި ފިހާރައެއްގެ ކައުންޓަރުގައި ތިބޭ މީހުން ބަދަލުކޮށްލުމުން އެކަނި ނިމޭނެ ކަމެއް ނޫނެވެ. މިކަން ކާމިޔާބު ކުރެވޭނީ ވިޔަފާރިވެރިން ކުރު ރާސްތާގެ ފައިދާއަށް އެކަނި ބަލައި ކުރުމަގުތައް ނެގުން ހުއްޓާލައިގެންނާއި، ސަރުކާރުން ބޭކާރު ސިޔާސީ ވަޒީފާތައް މަދުކޮށް ޕްރައިވެޓް ސެކްޓަރަށް ދިވެހި މަސައްކަތްތެރިން ނެރެގެންނެވެ. އަދި މީގެ އިތުރުން، ބޭރު ފައިސާގެ ޤާނޫނާއި ލޭބަރ ޤާނޫނުތައް ފަސްޖެހުމެއް ނެތި ތަންފީޒުކޮށް، ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިން އެކީގައި ޤައުމީ މަސްލަހަތު އިސްކޮށްގެން މެނުވީ އިޤްތިޞާދީ ފުރިހަމަ މިނިވަންކަމެއް ނުހޯދޭނެއެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ވާރޭކޮޅެއް ވެހިލާއިރަށް ޤައުމު ފެނުއަޑީގައި: ސިވިލް އިންޖިނިއަރިންގެ އުނިކަމެއްތޯ ނުވަތަ ސިޔާސީ އަދި އިޖުތިމާޢީ އިހުމާލެއްތޯ؟
މުޖުތަމަޢު

ވާރޭކޮޅެއް ވެހިލާއިރަށް ޤައުމު ފެނުއަޑީގައި: ސިވިލް އިންޖިނިއަރިންގެ އުނިކަމެއްތޯ ނުވަތަ ސިޔާސީ އަދި އިޖުތިމާޢީ އިހުމާލެއްތޯ؟

ވާރޭކޮޅެއް ވެހިލާއިރަށް މާލެއާއި ރަށްރަށުގައި ފެންބޮޑުވެ މުދަލަށް ގެއްލުންލިބުމަކީ ހަމައެކަނި މޫސުމީ ކަމެއް ނޫނެވެ. މިއީ ސިވިލް އިންޖިނިއަރިންގގެ ދޯހަޅިކަމާއި، ޗަސްބިންތައް ނައްތާލުމާއި، ނުބައި އަރބަން ޕްލޭނިންގެ އިތުރުން، އިޖުތިމާޢީ އިހުމާލުގެ ނަތީޖާއެވެ. ވާރޭ ކޮޅެއް ވެހިލާ ކޮންމެ ފަހަރަކު ޕަމްޕުޖަހައި ވެލިބަސްތާ ޖެހުމަކީ ދައުލަތުގެ ނާޤާބިލުކަމާއި އިސްރާފު ހާމަވާ ކަމަކަށްވާއިރު، ދާއިމީ ޙައްލެއް ލިބޭނީ ޒަމާނީ އިންޖިނިއަރިންގ އުޞޫލުތަކާއެކު ފަރުދީ ސުލޫކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްގެންނެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/6 ދުވަސް ކުރިން
މުޅި މުޖުތަމައު އަލުން "ރީސެޓް" ކުރަންޖެހޭ!
މުޖުތަމަޢު

މުޅި މުޖުތަމައު އަލުން "ރީސެޓް" ކުރަންޖެހޭ!

މިއީ ހަމައެކަނި ފުލުހުންގެ މުއައްސަސާގެ ތެރޭގައި އޮތް މައްސަލައެއް ހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވާ ގައުމީ ބޮޑު ތިން މައްސަލަ ކަމުގައިވާ މަސްތުވާތަކެތީގެ ވަބާއާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުން އަލުން ތަރުތީބުވާންޖެހޭ ފަދައިން، މި މައްސަލަތަކުގެ އަނެއްކޮޅު ގުޅިފައިވަނީ މުޅި މުޖުތަމޢުގެ އަޚްލާޤީ ނިޒާމާއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 21, 2026
"އަލިމަގު" ފެންނާނީ މަރުގެ ހުކުމް ތަންފީޒު ކުރެވިގެން!
މުޖުތަމަޢު

"އަލިމަގު" ފެންނާނީ މަރުގެ ހުކުމް ތަންފީޒު ކުރެވިގެން!

ޑްރަގްގެ މައްސަލަ ހައްލުވުމަކީ ރާއްޖޭގެ އިގްތިސާދީ ކާމިޔާބީގެ ތަޅުދަނޑިއެވެ. އިޖުތިމާއީ އަދި ދީނީ ހަމަޖެހުމުގެ ތަޅުދަނޑިއެވެ. ދާހިލީ ހަމަޖެހުމުގެ ތަޅުދަނޑިއެވެ. އިސްތިއުމާރީ ބާރުތަކުން ޤައުމު ހަލަބޮލިކުރަން ބޭނުންކުރާ ހަތިޔާރު ނިއުޓްރަލައިޒް ކުރުމުގެ ތަޅުދަނޑިއެވެ. ރާއްޖޭގެ ކުރިމަގުގެ ކާމިޔާބީއާއި، މިނިވަން، ހަމަޖެހޭ، ފުދުންތެރި ޤައުމެއްގެ ގޮތުގައި އޮތުން ގުޅިފައިވަނީ މި މައްސަލައިގެ ހައްލާއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/August 8, 2026