މުޖުތަމަޢު

މުޅި މުޖުތަމައު އަލުން "ރީސެޓް" ކުރަންޖެހޭ!

މިއީ ހަމައެކަނި ފުލުހުންގެ މުއައްސަސާގެ ތެރޭގައި އޮތް މައްސަލައެއް ހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވާ ގައުމީ ބޮޑު ތިން މައްސަލަ ކަމުގައިވާ މަސްތުވާތަކެތީގެ ވަބާއާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުން އަލުން ތަރުތީބުވާންޖެހޭ ފަދައިން، މި މައްސަލަތަކުގެ އަނެއްކޮޅު ގުޅިފައިވަނީ މުޅި މުޖުތަމޢުގެ އަޚްލާޤީ ނިޒާމާއެވެ.

މުޅި މުޖުތަމައު އަލުން "ރީސެޓް" ކުރަންޖެހޭ!

ނޮވެމްބަރު މަހުގެ ސައްބީސްވީ ބުރާސްފަތި ދުވަހު، ފުލުހުންގެ މައި އިމާރާތް—އިސްކަންދަރު ކޮށީގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ މާލަމުގައި އޮތީ އާދައިގެ ބައްދަލުވުމެއް ނޫނެވެ. ފުލުހުންގެ އެކި ދާއިރާތަކުގެ ހުރިހާ ކޮމާންޑަރުން އެ ހޯލުގައި ތިއްބެވިއެވެ. އަތޮޅުތެރޭގެ ފުލުސް އޮފީސްތަކުގެ އިސް ވެރިންވެސް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ބައިވެރިވެވަޑައިގަތެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، ފުލުހުންގެ ހުރިހާ ވެރިންނާ ކުރެއްވީ ބޮމެއް ފަދަ ނުރައްކާތެރި، އަދި އެހާމެ ބޮޑު ސުވާލެކެވެ. ދިވެހި ރައްޔިތުންނަށް ހައްޤުވާ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދެވޭ ކަމަށް ޤަބޫލުކުރާ އޮފިސަރަކު ހުންނެވިނަމަ އަތްމައްޗަށް ނަންގަވާށޭ ވިދާޅުވެ ކުރެއްވި ސުވާލެވެ.

އެއޮއް ބޮޑު ހޯލުގައި ތިއްބެވި އެތައް ސަތޭކަ ފުލުސް އޮފިސަރުންގެ ތެރެއިން އެންމެ އޮފިސަރަކަށްވެސް އަތްމައްޗަށް ނަންގަވާކަށް ކެރިވަޑައެއްނުގަތެވެ. މުޅި މުއައްސަސާގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލި، ނިޒާމު މުޅިން ފެއިލްވެފައިވާކަން، ހުރިހާ އޮފިސަރުން އިސްދަށަށް ޖައްސަވައިގެން ތިއްބަވާ، ވަޒީރުގެ ކުރިފުޅުމަތީގައި އިއުތިރާފުވެވަޑައިގަތީއެވެ. ވަޒީރު އިޙްސާން އެ ދުވަހު ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަލުންބަލުން އެކުލަވާލައި، ފުރިހަމަ ބަދަލަކަށް ދާންޖެހިފައިވާ ކަމަށެވެ. ޤާނޫނު ނެގެހެއްޓުމަށާއި އަމަންއަމާންކަން ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުން އަހަރަކު ދެ ބިލިއަން އަށްސަތޭކަ މިލިއަން ރުފިޔާ ޚަރަދުކޮށް، ގާތްގަނޑަކަށް ފަސް ހާސް ފުލުހުންގެ ފޯސްއެއް ދީފައިވާއިރުވެސް، ރައްޔިތުންގެ އިތުބާރު ލިބިފައިނުވާކަން މިއީ ހިތާމަހުރި ޙަޤީޤަތެކެވެ.

އިޝްތިހާރު

މުޅި މުއައްސަސާގެ އަބުރުގެއްލިފައި

ފުލުހުންގެ ޒިންމާ ފުރިހަމައަށް އަދާނުކުރެވޭކަމަށް އިސް އޮފިސަރުން އެއްބަސްވީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ މާލީ އަދި އިދާރީ ގޮތުން މުއައްސަސާގެ ތެރޭގައި އުފެދިފައިވާ އެތައް މައްސަލަތަކެއްގެ ސަބަބުންނެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ އެތައް މިލިއަން ރުފިޔާގެ ސިނގިރޭޓާއި މަސްތުވާތަކެތި ގެއްލުމުގެ މައްސަލަތަކާއި، އިދާރީ މާލީ މުއާމަލާތްތަކުން ފައިސާ ގެއްލޭ މައްސަލަތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އޭގެ އިތުރުން ފުލުހުންގެ ވެލްފެއާ ކުންފުނިތައް މެދުވެރިކޮށް ހިންގި ވިޔަފާރިތަކާއި ފްލެޓް މަޝްރޫޢުތަކުގެ ތެރެއިން ފެންމަތިވި ކޮރަޕްޝަނުގެ އަމަލުތަކުގައި، ކުރީގެއާއި މިހާރުގެ ބައެއް އިސް އޮފިސަރުންގެ ބައިވެރިވުން އޮތްކަމުގެ ތުހުމަތުތައް ވަނީ މުޅި މުއައްސަސާގެ އަބުރުގައި ކޫރުން އަޅުވާފައެވެ.

މުޅި މުޖުތަމައުގެ އަޚްލާގީ ނިޒާމް ރީސެޓް ކުރަން ޖެހިފައި

ނަމަވެސް، މިއީ ހަމައެކަނި ފުލުހުންގެ މުއައްސަސާގެ ތެރޭގައި އޮތް މައްސަލައެއް ހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވާ ގައުމީ ބޮޑު ތިން މައްސަލަ ކަމުގައިވާ މަސްތުވާތަކެތީގެ ވަބާއާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުން އަލުން ތަރުތީބުވާންޖެހޭ ފަދައިން، މި މައްސަލަތަކުގެ އަނެއްކޮޅު ގުޅިފައިވަނީ މުޅި މުޖުތަމޢުގެ އަޚްލާޤީ ނިޒާމާއެވެ.

ޕާރޓޭއިންގެ ނުފޫޒާއި ބާރު

މީގެ ދުވަސްކޮޅެއް ކުރިން އެއްރޭ މާލޭގެ އޯކިޑް މަގުގައި ބަހެއް ތާށިވެގެން އުޅުނު މަންޒަރަށް ބަލާލަމާ ހިންގަވާށެވެ. މަގުގެ ދެފަރާތުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި ސައިކަލުތަކުގެ ސަބަބުން މަގު ބަންދުވެ، ޓްރެފިކް ހައްލުކުރަން އުޅުނު ފުލުހުންނާ ދިމާއަށް ސައިކަލެއްގައި އިން ޒުވާނަކު ހުތުރުބަހުން އެއްޗެހިގޮވައި، އިންޒާރު ދިނެވެ. އަދި އެ މަންޒަރު ބަލަން ހުރި ފުލުސް މީހާއަށް ޖެހުނީ އިސްދަށަށް ޖާހާލައިގެން ހުންނާށެވެ. ދުނިޔޭގެ ތަހުޒީބީ އެހެން ގައުމުތަކުގައި ގާނޫނު ނެގެހެއްޓުމަށް ތިބޭ މީހުންނަށް އޮންނަ ހައިބަތާއި އިޙްތިރާމް ދިވެހިރާއްޖޭގައި މިވަނީ މުޅިން ގެއްލިފައެވެ. ޑިމޮކްރެސީއާއި އިންސާނީ ހައްޤުތަކުގެ ނަމުގައި އައި ބަދަލާއެކު، ކުށްވެރިޔާގެ ހައްޤު ބޮޑުވެ، ގާނޫނު ނަގަހައްޓާ ފަރާތުގެ ހަތަރެސްފައި މިވަނީ ބަނދެވިފައެވެ. މަގުމަތީގައި އާންމުންނަށް ނުރައްކާވާ ގޮތަށް އުޅޭ ކުށްވެރިޔާއަށް ލިބޭ ހައްޤު، އާންމު ރައްޔިތުންގެ ސަލާމަތަށްވުރެ ބޮޑުވުމަކީ ތަހުޒީބީ މުޖުތަމައެއްގެ ސިފައެއް ނޫނެވެ.

ކުރީގެ ޖީލުތަކުގައި ސުކޫލުތަކުގައި އަޚްލާޤު ހިފެހެއްޓި ގޮތް

މިއަދު މުދައްރިސުންނާއި މައިންބަފައިންގެ ހާލަކީވެސް މިއެވެ. ކުރީގެ ޖީލުތަކުގައި ސުކޫލުތަކުގައި އަޚްލާޤު ހިފެހެއްޓުމަށް ގެންގުޅުނު އަދަބުވެރިކަމާއި އަޚްލާޤީ މިންގަނޑު، މިއަދު ކުޑަކުދިންގެ ހައްޤުގެ ނަމުގައި މިވަނީ މުޅިން އުވާލެވިފައެވެ. މުދައްރިސަކު ދަރިވަރަކަށް ނަސޭހަތެއް ދިނަސް، ނުވަތަ އިނގިއްޔެއް ހިއްލާލިޔަސް، މުދައްރިސް ކުށްވެރިވެ، ވަޒީފާއިން ވަކިކުރާ ހިސާބަށް ކަންކަން ދެއެވެ. ސްކޫލް ކްލާސްރޫމްތަކުގައި މުދައްރިސުންނަށް ފުރައްސާރަކޮށް، ނަސްލީ އިމްތިޔާޒުގެ ބަސްތައް ބުނާއިރުވެސް، މުދައްރިސުން ތިބެންޖެހެނީ އަނގަ ބަންދުކޮށްގެންނެވެ. މައިންބަފައިންގެ ހާލުވެސް ވަކި ތަފާތެއް ނޫނެވެ. ޒަމާނީ އިލެކްޓްރޯނިކް ވަސީލަތްތަކަށް ކުދިން ދޫކޮށްލެވި، އަޚްލާޤީ ތަރުބިއްޔަތު ދިނުމުގައި މައިންބަފައިން މިވަނީ ދަތްނެތް ސިންގާތަކަކަށް ވެފައެވެ. ދީނީ އަޅުކަންތަކަށް ބާރުއެޅުމާއި، ހެޔޮމަގަށް ތަރުބިއްޔަތު ކުރުމަށް އިސްލާމްދީނުގައި އަންގަވާފައިވާ މިންގަނޑުތަކަށްވުރެ، ހުޅަނގުން އިމްޕޯޓްކުރި ހައްޤުތަކުގެ މިންގަނޑު ބޮޑުވެ، ޖީލުތައް މިވަނީ މަގުއޮޅެން ދޫވެފައެވެ.

ހައްޤުތައް މާނަކުރާ ގޮތް އަލުން މުރާޖަޢާ ކުރުން

ނުރަނގަޅު ފުލުހުންނާއި، ނުރަނގަޅު މުދައްރިސުންނާއި، އަދި ޒިންމާދާރުނޫން މައިންބަފައިންވެސް ތިބޭނެއެވެ. އެކަންކަން އިޞްލާޙުކުރަންޖެހޭނެއެވެ. ނަމަވެސް، ވޭތުވެދިޔަ 30 ހަކަށް އަހަރު ތެރޭގައި ޑިމޮކްރެސީއާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނަމުގައި އުފެއްދި އެކިއެކި ކައުންސިލްތަކާއި، މުއައްސަސާތަކާއި، އަދި ގާނޫނުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން، މުޖުތަމައު އިޞްލާޙުކުރަން ތިބި އެންމެންގެ ބާރު ވަނީ ކަނޑުވާލާފައެވެ. ފުރިހަމަ ބަދަލަކަށް ދާންޖެހެނީ ހަމައެކަނި ފުލުހުންގެ މުއައްސަސާއެއް ނޫނެވެ. އެންމެ ފުރަތަމަވެސް ތަޢުލީމީ ނިޒާމާއި މުޤައްރަރުތައް އިސްލާހުކޮށް، އަޚްލާޤާއި، އިޙްތިރާމާއި، އަދަބުވެރިކަން އަލުން އުނގަންނައިދީ، މުދައްރިސުންގެ ކަރާމާތް ނެގެހެއްޓޭނެ ގޮތަށް ނިޒާމު ބައްޓަންކުރަންޖެހެއެވެ. އޭގެ އިތުރުން އިޖުތިމާއީ އަދި ޤާނޫނީ މުއައްސަސާތަކުން ހައްޤުތައް މާނަކުރާ ގޮތް އަލުން މުރާޖަޢާކޮށް، ކުށްވެރިޔާގެ ހައްޤަށްވުރެ މުޖުތަމަޢުގެ އާންމު ސަލާމަތާއި ގާނޫނީ ސިޔާދަތު އިސްކުރެވޭނެ ގޮތަށް ގާނޫނުތައް އިސްލާހުކުރަންޖެހެއެވެ. އަދި އާއިލީ އަދި އިޖުތިމާއީ ތަރުބިއްޔަތުގެ ތެރެއިން، މައިންބަފައިންނަށް ކުދިން ތަރުބިއްޔަތުކުރުމުގައި އޮންނަންޖެހޭ ޒިންމާއާއި ބާރު އަލުން ކަށަވަރުކޮށްދޭންޖެހެއެވެ.

ޤައުމެއް އިޞްލާޙުކުރެވޭނީ، ހަމައެކަނި އިމާރާތްތަކާއި މުއައްސަސާތަކުގެ ނަންތައް ބަދަލުކޮށްގެންނެއް ނޫނެވެ. ސުލޫކާއި، އަޚްލާޤާއި، އަދި އިޙްތިރާމް ކުރުމުގެ ތަހުޒީބީ އާދާކާދަ މުޖުތަމަޢަށް އަނބުރާ ގެނެސްގެންނެވެ. މުޅި މުޖުތަމަޢު އަލުން ރީސެޓް ކުރަންޖެހިފައިވާ ވަގުތަކީ މިއީއެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ވާރޭކޮޅެއް ވެހިލާއިރަށް ޤައުމު ފެނުއަޑީގައި: ސިވިލް އިންޖިނިއަރިންގެ އުނިކަމެއްތޯ ނުވަތަ ސިޔާސީ އަދި އިޖުތިމާޢީ އިހުމާލެއްތޯ؟
މުޖުތަމަޢު

ވާރޭކޮޅެއް ވެހިލާއިރަށް ޤައުމު ފެނުއަޑީގައި: ސިވިލް އިންޖިނިއަރިންގެ އުނިކަމެއްތޯ ނުވަތަ ސިޔާސީ އަދި އިޖުތިމާޢީ އިހުމާލެއްތޯ؟

ވާރޭކޮޅެއް ވެހިލާއިރަށް މާލެއާއި ރަށްރަށުގައި ފެންބޮޑުވެ މުދަލަށް ގެއްލުންލިބުމަކީ ހަމައެކަނި މޫސުމީ ކަމެއް ނޫނެވެ. މިއީ ސިވިލް އިންޖިނިއަރިންގގެ ދޯހަޅިކަމާއި، ޗަސްބިންތައް ނައްތާލުމާއި، ނުބައި އަރބަން ޕްލޭނިންގެ އިތުރުން، އިޖުތިމާޢީ އިހުމާލުގެ ނަތީޖާއެވެ. ވާރޭ ކޮޅެއް ވެހިލާ ކޮންމެ ފަހަރަކު ޕަމްޕުޖަހައި ވެލިބަސްތާ ޖެހުމަކީ ދައުލަތުގެ ނާޤާބިލުކަމާއި އިސްރާފު ހާމަވާ ކަމަކަށްވާއިރު، ދާއިމީ ޙައްލެއް ލިބޭނީ ޒަމާނީ އިންޖިނިއަރިންގ އުޞޫލުތަކާއެކު ފަރުދީ ސުލޫކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްގެންނެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/6 ދުވަސް ކުރިން
ފެބްރުއަރީ 5 ގައި ބިދޭސީ ކޭޝިއަރުން ދިވެހި ކުރަން ޖެހޭ!
މުޖުތަމަޢު

ފެބްރުއަރީ 5 ގައި ބިދޭސީ ކޭޝިއަރުން ދިވެހި ކުރަން ޖެހޭ!

ބިދޭސީ ކޭޝިއަރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ އެތައް އަހަރެއް ވަންދެން ޤަވާއިދުތައް ހަމައެކަނި ކަރުދާހުގައި އޮތުމަށްފަހު، ޢަމަލީ ގޮތުން ތަންފީޒުކުރަން ފެށޭ ވަރަށް މުހިންމު ސިޔާސަތެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި އިޞްލާޙީ ޤަވާއިދުތައް ތަންފީޒުކުރުމުގައި ދިމާވާ އެންމެ ބޮޑު ސުވާލަކީ، އަމަލީ ގޮތުން ފެށޭ ދުވަސް އައިސް ޖެހުމުން، ތައްޔާރު ނުވެވޭ ކަމަށް ބުނެ ވިޔަފާރިވެރިންގެ ފިއްތުންތަކަށް ސަރުކާރު ދީލާލައި، ސިޔާސަތު ތަންފީޒުކުރުން ފަސްކުރާނެ ބާވައެވެ؟

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 14, 2026
"އަލިމަގު" ފެންނާނީ މަރުގެ ހުކުމް ތަންފީޒު ކުރެވިގެން!
މުޖުތަމަޢު

"އަލިމަގު" ފެންނާނީ މަރުގެ ހުކުމް ތަންފީޒު ކުރެވިގެން!

ޑްރަގްގެ މައްސަލަ ހައްލުވުމަކީ ރާއްޖޭގެ އިގްތިސާދީ ކާމިޔާބީގެ ތަޅުދަނޑިއެވެ. އިޖުތިމާއީ އަދި ދީނީ ހަމަޖެހުމުގެ ތަޅުދަނޑިއެވެ. ދާހިލީ ހަމަޖެހުމުގެ ތަޅުދަނޑިއެވެ. އިސްތިއުމާރީ ބާރުތަކުން ޤައުމު ހަލަބޮލިކުރަން ބޭނުންކުރާ ހަތިޔާރު ނިއުޓްރަލައިޒް ކުރުމުގެ ތަޅުދަނޑިއެވެ. ރާއްޖޭގެ ކުރިމަގުގެ ކާމިޔާބީއާއި، މިނިވަން، ހަމަޖެހޭ، ފުދުންތެރި ޤައުމެއްގެ ގޮތުގައި އޮތުން ގުޅިފައިވަނީ މި މައްސަލައިގެ ހައްލާއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/August 8, 2026