ރެއަކަށް ދެހާސް ޑޮލަރު ނަގާ ރާއްޖޭގެ ލަގްޒަރީ ރިސޯޓަކަށް ދާ ފަތުރުވެރިންނަށް މިއަދު ފެންނަން އޮތީ މުޅިންވެސް އެއް މަންޒަރެކެވެ. ސާފު މޫދާއި، ހުދު ރަންވެލިގަނޑާއި، ދިޔަވަރު މައްޗަށް ނަގާފައިވާ ވޯޓަރ ވިލާތަކާއި، ލަގްޒަރީ ސްޕާތަކުގެ އިތުރުން ބައިނަލްއަގުވާމީ އެކި ކެއުންތައް ލިބޭ ރެސްޓޯރަންޓްތަކެވެ. ރާއްޖޭގައި އާ ރިސޯޓެއް ހުޅުވައިގެން ނޫސްތަކުގެ ސުރުޚީތަކަށް އެ ޙަބަރު އަރާއިރުވެސް، އެ ރިސޯޓެއްގެ ތައާރަފްގައި އަބަދުވެސް އޮންނަނީ އެއް ވާހަކައެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތައް ލިބެން ހުންނާނެ ކަމާއި، ވޯޓަރ ސްޕޯޓްސްގެ ޚިދުމަތްތަކާއި، ހިތްގައިމު މޫދު ކޮޓަރިތައް ހުންނާނެ ވާހަކައެވެ. އެނިމުނީއެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރަށްވުރެ ގިނަ ދުވަސް ފުރިގެން ދިޔައިރު، އަދިވެސް އަޅުގަނޑުމެން ބައިނަލްއަގުވާމީ މާކެޓުގައި ވިއްކަން މި މަސައްކަތްކުރަނީ އެންމެ ފުރަތަމަ ދުވަހުވެސް ވިއްކި "ސަން، ސޭންޑް އެންޑް ސީ" ގެ ސަގާފީ ކޮންސެޕްޓެވެ.
މިއީ ވަރަށް ސީރިއަސްކޮށް ވިސްނާލަންޖެހިފައިވާ ކަމެކެވެ. ރާއްޖޭގެ ރިސޯޓުތަކުގެ ކޮންސެޕްޓް ބަދަލުވަމުންދަނީ ވަރަށް މަޑު ދުވެއްޔެއްގައެވެ. ދުނިޔޭގެ އިގްތިސާދީ މާހައުލާއި ފަތުރުވެރިންގެ ބޭނުންތައް ހަލުވިކަމާއެކު ބަދަލުވަމުންދާއިރު، ދިވެހި ޓޫރިޒަމް މިއަށްވުރެ ހަލުވި ދުވެއްޔެއްގައި ރީބްރޭންޑް ކުރަން އެބަޖެހެއެވެ. ދިވެހި ޓޫރިޒަމްގެ މައިގަނޑު ޕްރޮޑަކްޓަކީ ސާފު މޫދާއި، ގުދުރަތީ ރީތިކަމާއި، މޫދު ކޮޓަރިތައް ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް، މި އަސާސީ ޕްރޮޑަކްޓްގެ ތެރެއަށް އާ އީޖާދީ ކަންކަން ތައާރަފްކޮށް، ސިނާއަތުގެ މޫނުމަތި ބަދަލުނުކުރާނަމަ، ދުވަސްކޮޅަކުން ދުނިޔޭގެ އެހެން އިގްތިސާދުތަކުން މި މޮޑެލް ކޮޕީކޮށް، މިއަށްވުރެ އަގުހެޔޮކޮށް މި ޚިދުމަތްތައް ފޯރުކޮށްދޭން ފަށައިފާނެއެވެ. އެއާއެކު ދިވެހި ޓޫރިޒަމްގެ ހުރި ޚާއްޞަކަމާއި ވަކިވަކި ސިފަތައް މުޅިން ގެއްލިގެން ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުވަމުންދާ އާ ބާވަތްތަކުގެ ޓޫރިޒަމާމެދު ފުޅާދާއިރާއެއްގައި ވިސްނަންޖެހެއެވެ. ވިޔަފާރި ފަތުރުވެރިކަމާއި، ސަގާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި، ކުޅިވަރު ފަތުރުވެރިކަން، އަދި ބޭސްފަރުވާގެ ފަތުރުވެރިކަމަކީ ދުނިޔޭގައި ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ދާއިރާތަކެވެ. ދިވެހިރާއްޖޭގައި އަލާކުރެވިދާނެ މިފަދަ ކިތަންމެ ބާވަތެއްގެ ފަތުރުވެރިކަން ހުރިކަމަށް އެކި ދުވަސްވަރު ސަރުކާރުތަކުގެ ވެރިން ވިދާޅުވި ނަމަވެސް، އެ ބަސްތައް ވެފައިވަނީ ހަމައެކަނި ސިޔާސީ ސުރުޚީތަކަކަށެވެ. ސިނާއަތަށް މައުނަވީ، އަދި ސިޔާސީ ޑްރާމާތަކުން އެއްކިބާވެފައިވާ ހަގީގީ ބަދަލުތަކެއް ގެންނަން މިއަދު ވަނީ މަޖުބޫރުވެފައެވެ.
މީގެ އިތުރުން، ބޭސިކް ޚިދުމަތްތަކާއެކު ބެކްޕެކަރުންނަށް ޚާއްޞަކޮށްގެން އަގުހެޔޮ ޓޫރިޒަމްގެ މޮޑެލްތައް ތައާރަފްކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. އަދި ޑިއުޓީ ފްރީ ޝޮޕިންގަށް ޚާއްޞަކޮށް، ޗައިނާ ފަދަ ބޮޑެތި ޝޮޕިންގ މާކެޓްތަކަށް އަމާޒުކޮށްގެން، ބޮޑެތި ޝޮޕިންގ މޯލްތަކާއެކު އިންޓެގްރޭޓެޑް ޓޫރިޒަމް ތައާރަފްކުރުމަކީ ފަތުރުވެރިކަމުގެ މޫނުމަތި މުޅިން ބަދަލުކޮށްލާނެ ކަމެކެވެ. އެމްބޫދޫ ފަޅުގައި ތަރައްގީކުރި "ކްރޮސްރޯޑްސް" ޕްރޮޖެކްޓަކީ މިފަދަ އިންޓެގްރޭޓެޑް ޓޫރިޒަމްގެ ރަނގަޅު ފެށުމެކެވެ. ނަމަވެސް، މިފަދަ ކޮންސެޕްޓްތައް މިއަށްވުރެ ފުޅާދާއިރާއެއްގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރާލަންޖެހެއެވެ.
ކުޅިވަރު ފަތުރުވެރިކަމަށް ބަލާއިރު، ޔޫރަޕުގެ ބޮޑެތި ކްލަބްތަކުން، ފިނި މޫސުމުގެ މެދުތެރިއިން ލިބޭ ބްރޭކްގައި، ހޫނު މާހައުލެއްގައި ޓްރެއިނިންގް ކޭމްޕް ހަދަން ދުބާއީ އަދި ގަތަރު ފަދަ ގައުމުތަކަށް ވަރަށް ގިނައިން ދެއެވެ.
މިއީ ބޮޑު އިގްތިސާދީ މަންފާއެއް އެ ގައުމުތަކަށް ލިބޭ ކަމެކެވެ. ރާއްޖޭގެ ބޮޑު ފަޅުރަށެއްގައި ބައިނަލްއަގުވާމީ ފެންވަރުގެ ފުޓުބޯޅަ ޓްރެއިނިންގ ދަނޑަކާއި، ޒަމާނީ ކުޅިވަރު ވަސީލަތްތަކާއެކު "ފުޓުބޯޅަ ކޭމްޕް ރިސޯޓެއް" ނުވަތަ އެފަދަ ކްރިކެޓް ކޭމްޕް ރިސޯޓެއް ތަރައްގީކުރުމަކީ ދިވެހިރާއްޖެއަށް ކުރެވިދާނެ ކަމެކެވެ. މީގެ ސަބަބުން ދުނިޔޭގެ އެންމެ މަޝްހޫރު ކްލަބްތަކާއި އެތުލީޓުން ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖެއަކީ ހަމައެކަނި އާދައިގެ ޗުއްޓީއަކަށް އަންނަ ތަނެއްގެ ބަދަލުގައި ބައިނަލްއަގުވާމީ ކުޅިވަރުގެ ހަބަކަށް ވެގެންދާނެއެވެ.
އަނެއްކޮޅުން، މެޑިކަލް ޓޫރިޒަމް މުޅިން ތަފާތު އާ ގޮތަކަށް ރާއްޖެއަށް ގެނެވިދާނެއެވެ. ދުނިޔޭގެ ފައިސާވެރި މަހުޖަނުން އުމުރުން ދުވަސްވެ، ރިޓަޔަރ ކުރާ ހިސާބުން، ސިއްހީ އީޖާދީ ޚިދުމަތްތަކާއެކު އަމާން އަދި ހިތްގައިމު މާހައުލެއްގައި ތިބެވޭނެ "އޯލްޑް އޭޖް ލަގްޒަރީ ހޯމް" ކޮންސެޕްޓަށް، ހޮސްޕިޓަލާއި ވެލްނެސް ސެންޓަރު ހިމެނޭގޮތަށް ޚާއްޞަ ރިސޯޓެއް ހެދުމަކީ މެޑިކަލް ޓޫރިޒަމްގެ ވަރަށް ނަފާބޮޑު އާ ކޮންސެޕްޓަކަށް ވެގެންދާނެއެވެ. މީގެއިތުރުން، ބޮޑު ރަށެއްގައި ދަރިވަރުން ނިދާނެ ޑޯރމެޓްރީތަކާއެކު، ޔުނިވަރސިޓީއަކާއި، ޕޮލިޓެކްނިކް އަދި ތިމާވެއްށީގެ ދިރާސާކުރާ ސެންޓަރެއް ހިމެނޭގޮތަށް "އެޑިއުކޭޝަނަލް ރިސޯޓެއް" ތަރައްގީކުރުމަކީ އެޑިއުކޭޝަނަލް ޓޫރިޒަމްގެ މުޅިން އާ ދޮރެއް ހުޅުވިގެންދާނެ ކަމެކެވެ.
ކުރީގެ އިންތަކުން ނުކުމެ، ރާއްޖޭގެ ފަތުރުވެރިކަން ޑައިވަރސިފައި ކުރުމަށްޓަކައި ތައާރަފްކުރެވިދާނެ އެންމެ މުހިންމު އެއް ދާއިރާއަކީ ހަލާލް ނުވަތަ މުސްލިމް ފްރެންޑްލީ ޓޫރިޒަމެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ބޮޑު ހިއްސާއެއް އަދާކުރާ މުސްލިމް ފަތުރުވެރިން އަހަރަކު 200 ބިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރާއިރު، މިއީ ނުހަނު ފައިދާބޮޑު ބިޔަ ސިނާއަތެކެވެ. ރަލާއި އޫރުމަސް ފަދަ ތަކެތި ނުވިއްކައި، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހިންގާ ހަލާލު ޓޫރިޒަމްގެ މާކެޓް މެލޭޝިޔާއާއި ތުރުކީ ފަދަ ގައުމުތަކުން ގަދައަޅައި ކާމިޔާބުކުރަމުންދާއިރު، ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށް މި މާކެޓުން ލިބެންޖެހޭ ހައްގު މަންފާ ނުލިބި އޮތުމަކީ ހައިރާންވާންޖެހޭ ކަމެކެވެ. މިއީ ސަގާފީ ރިސޯޓު މޮޑެލްގެ ބޭރުން، ދިވެހިރާއްޖޭގެ އިސްލާމީ ހުވިއްޔަތާވެސް ގުޅޭގޮތަށް ތަރައްގީކުރެވިދާނެ ނިޝް މާކެޓެކެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި މިހާރު މަޝްހޫރުވަމުން އަންނަ އަދި ކުރިއަރަމުންދާ މިފަދަ އެކި ބާވަތްތައް ރާއްޖެއަށް ތަޢާރަފްކުރެވޭނެ ގޮތްތަކާމެދު ވިސްނައި، ތަފާތު ކޮންސެޕްޓްތަކުގެ ޓޫރިޒަމް ޕްރޮޑަކްޓްތައް ރާއްޖެއަށް ގެނައުމަކީ ސަރުކާރުގެ އެންމެ އިސް ލަނޑުދަނޑިއަށް ހަދަންޖެހެއެވެ.
ސަރުކާރުތަކުގެ "ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަކުގައި މި ކަންކަން ހިމެނި އެކި މުނާސަބަތުތަކުގައި ވައުދުތައް ވަމުންދިޔަ ނަމަވެސް، އަމަލީ ނަތީޖާއެއް ނުފެނި އަހަރުތައް ފާއިތުވެގެންދިއުމަކީ އިގްތިސާދީ ގޮތުން ލިބޭ ބޮޑު ގެއްލުމެކެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވަނީ ހަމައެކަނި ކަރުދާހުގައި ލިޔެވޭ ޕްލޭންތަކެއް ނޫނެވެ. ބޭނުންވަނީ ހިތްވަރުގަދަ ނިންމުންތަކާއި، ގާނޫނީ އިންތައް އަވަހަށް ފުރިހަމަކޮށް، އިންވެސްޓަރުންނަށް މަގުފަހިކޮށްދިނުމުގެ އަމަލީ ސިޔާސަތެކެވެ. "ސަން، ސޭންޑް އެންޑް ސީ" ގެ ނިވަލުގައި އަބަދު ތިބެގެން ކުރިއަށްދާން އުޅެފިނަމަ، ދުނިޔޭގެ ވާދަވެރި މާކެޓުތަކުގައި ރާއްޖެ ފަހަތަށް ސޮއްސާލައިގެންދިއުމުގެ ބިރު އެބައޮތެވެ. ދިވެހި ޓޫރިޒަމްގެ ކުރިމަގު އުޖާލާކުރެވެން އޮތީ، ފާގަތި، އީޖާދީ އަދި ތަފާތު އާ ކޮންސެޕްޓްތަކަށް ހިތްވަރާއެކު ދޮރުތައް ހުޅުވާލައިގެންނެވެ.