ރާއްޖޭގައި އިސްލާމީ ކޮންސެޕްޓަށް "ހަލާލް" ނުވަތަ "މުސްލިމް ފްރެންޑްލީ" ރިސޯޓެއް ހަދަން ށ. ގާކޮށިބީގައި އޭ.ޑީ.ކޭ ކުންފުނިން 2007 ވަނަ އަހަރު މަސައްކަތް ފެށިއެވެ. ތުރުކީގެ ކުންފުންޏެއް ކަމުގައިވާ ކެޕްރިސް ގޯލްޑާ ގުޅިގެން އެ މަސައްކަތް ފެށިކަމުގައި ވިއަސް، ރަށް ނުހެދި ދިގުލައިގެން ގޮސް 10 އަހަރު ވީއިރު އެރަށުގެ "އިސްލާމިކް" ޓެގް ބަދަލުކޮށް، އާއްމު ރިސޯރޓެއްގެ ގޮތުގައި އެރަށް ފަހުން ވަނީ ހުޅުވައިފައެވެ. ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، "ހަލާލް" ނުވަތަ "މުސްލިމް ފްރެންޑްލީ" ރިސޯރޓެއް ރަސްމީކޮށް މިހާތަނަށް ރާއްޖޭގައި ހަދައި ހިންގާފައި ނުވިއަސް، މިއީ ދުނިޔޭގައި ވަރަށް ބާރު ދުވެލީގައި ކުރިއަރަމުން އަންނަ ވައްތަރެއްގެ ފަތުރުވެރިކަމެކެވެ.
ވިޔަފާރިވެރީންނަށާއި ވިޔަފާރިތަކަށް އިލްމީ އަދި ދިރާސީ މައުލޫމާތު ފޯރުކޮށްދޭ ޖަމާއަތްތަކުންނާއި ދުނިޔޭގެ މީޑިއާ ރިޕޯޓްތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ބޮޑު ހިއްސާއެއް އަދާ ކުރަނީ މުސްލިމް ފަތުރުވެރީންނެވެ. މި މުސްލިމް ފަތުރުވެރީން ދުނިޔޭގެ ފަތުރުވެރިކަމުގައި އަހަރަކު 200 ބިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރެއެވެ. މިއަދަދުތަކުން މުސްލިމް ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރުގަދަކަމާއި މުހިންމުކަން ދޭހަވެގެން ދެއެވެ.
ހަލާލް ޓޫރިޒަމްގެ ހިދުމަތްދޭ ރިސޯރޓެއް ނުވަތަ ހޮޓަލެއް ނަމަ އެތަނުގައި ވިއްކަންޖެހޭނީ މުޅިންވެސް "ހަލާލް" ލޭބަލް ހުރި ކާނާއެވެ. އެގޮތުން، ރަލާއި އޫރުމަސް ފަދަ ތަކެތި ނުވިއްކޭނެއެވެ. އަދި ހަމަ އެފަދައިން ކައިވެނި ނުކުރާ މީހުނަށް އެއްކޮޓަރި ނުވިއްކޭނެއެވެ. މުސްލިމް ފްރެންޑްލީ ނުވަތަ ހަލާލް ޓުރިޒަމްގައި ދުނިޔޭގެ އެންމެ ކުރީގައި އުޅެނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)، މެލޭޝިއާ، ތުރުކީ، ސިންގަޕޫރު އަދި ޖޯރޑަން ފަދަ ޤައުމުތަކެވެ..
ހަލާލް ޓޫރިޒަމްގައި ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އޭ.ޑީ.ކޭ އިން ކުރަން އުޅުނު މަސައްކަތް ކާމިޔާބް ނުވިއަސް، ދުނިޔޭގައި އިސްލާމިކް ޓޫރިޒްމް ފުޅާވެ، އަހަރަކު 200 ބިލިއަން ޑޮލަރަށްވުރެ ބޮޑު ވިޔަފާރިއަކަށް ބަދަލުވެފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިސްލާމިކް ނުވަތަ ހަލާލް ޓޫރިސްޓް ރިސޯރޓް ތައާރަފް ކުރުމަށް ރާއްޖޭގެ ސަރުކާރު ތަކުން، މިހާރުގެ ސަރުކާރުވެސް ހިމެނޭ ގޮތަށް، އެކި ދުވަސްވަރު ސިޔާސަތުތައް އެކުލަވައިލާފައި ވެއެވެ. ހިތާމައަކީ މިނިންމުންތަކަށް އެކަށީގެންވާ ވަރެއްގެ އަމަލީ ސިފައެއް ނައިސް އަހަރުތައް ފާއިތުވަމުން ދިއުމެވެ. އެގޮތުން ހަލާލު ޓޫރިޒަމަށް ހާއްސަކޮށް މިހާރުވެސް ރަށްތަކެއް ބީލަމަށް ލެވިފައިވެއެވެ. މިރަށްތައް އެވޯރޑް ކުރެވި ހަލާލް ޓުރިޒަމް ރިސޯރޓް ތަކުގެ ގޮތުގައި ނުހުޅުވޭހާ ހިނދަކު މިއީ ދެކެވޭ ސިޔާސީ ހުސް ވާހަކައެވެ.
ގަވާއިދުތަކާއި ޕްލޭންތަކުގެ ހަގީގަތް
ހަލާލް ޓޫރިޒަމާ ގުޅުން ހުރި ގަވާއިދުތަކާއި ގާނޫނުތައް ހެދުމަށާއި، މިބާވަތުގެ ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އިންވެސްޓަރުންނަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށާއި، ހަލާލް ޓޫރިސްޓް ރިސޯރޓް ހަދަން ރަށްތައް ދޫކުރަން ހުޅުވާލުމަށް އެކި ސަރުކާރުތަކުން އެކި ފަހަރު މަތިން ނިންމިއެވެ. ނަމަވެސް މިފަދަ އެއްވެސް ނިންމުމަކަށް އެކަށީގެންވާ އަމަލީ ކުރިއެރުމެއް ނުލިބެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހަލާލް ޓުރިޒަމް ތައާރަފްވާތަން ދެކެން ބޭނުންވާ އިންވެސްޓަރުންގެ އުއްމީދަކީ ދިވެހި ސަރުކާރުން މިވާހަކަތައް މިހާރަށް ވުރެ ބޮޑަށް ދައްކައި، ހަލާލް ޓޫރިޒަމާ ގުޅުން ހުރި ގަވާއިދުތަކާއި ގާނޫނުތައް އަވަހަށް ހަދައި ނިންމުމެވެ. އަދި މިބާވަތުގެ ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތައް ގުޅިގެން އިންވެސްޓަރުންނަށް ހާއްސަ ހަރަކާތްތަކެއް ހިންގުމާއި، ހަލާލް ޓޫރިސްޓް ރިސޯރޓް ހަދަން ރަށްތައް ފުޅާދާއިރާއެއްގައި ދޫކުރަން ފަށާތަން ފެނުމަކީ އުއްމީދެކެވެ. ސަރުކާރުގެ "ސްޓްރެޓެޖިކް އެކްޝަން ޕްލޭން" (އެސް.އޭ.ޕީ) ގައިވެސް ހަލާލް ޓޫރިޒަމް ތައާރަފް ކޮށް ތަރައްޤީ ކުރުމުގެ ބައިވަނީ ހިމެނިފައިވުމާއެކު، މިދާއިރާ އަށް ޝައުގުވެރިވާ އިންވެސްޓަރުންނާއި ފަތުރުވެރީން ތިބޭނީ ހަލާލް ދިވެހި ރިސޯރޓެއް ރަސްމީކޮށް ފެންނާނެ ދުވަހެއްގެ އިންތިޒާރުގައިކަން ޔަޤީނެވެ.
ހަލާލް ޓުރިޒަމްގެ ސިނާއަތާ ގުޅޭ ފުޅާ ދާއިރާއެއްގެ ގަވާއިދުތަކާއި ގާނޫނުތައް އަވަސް ގޮތެއްގައި ހަދައި ނިންމުމަށް އެޓާނީ ޖެނެރަލް އޮފީހާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ހަވާލުވެފައި ވިއަސް، މިކަމުގައި އެދެވޭ އަވަސް ކުރިއެރުމެއް އައިސްފައެއް ނެތެވެ. ހަމައެފަދައިން، ހަލާލް ޓޫރިޒަމްއަށް ރާއްޖޭގައި އިންވެސްޓް ކުރާނެ އިންވެސްޓަރުން ހޯދުމަށް ހަރަކާތްތަކެއް ހިންގުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެފައި ވިއަސް، މާބޮޑު އަމަލީ ނަތީޖާއެއް ނުފެނެއެވެ. ހަލާލް ރިސޯރޓް ހިންގުމުގެ ޤަވާއިދު ހަދައި އެކަމަށް ރާއްޖެއިން ފުރިހަމައަށް ތައްޔާރު ވުމުން، ޝައުގުވެރިވާ އިންވެސްޓަރުންނަށް ރަށްތައް ދޫކުރާނީ ޓުރިޒަމް މިނިސްޓްރީގެ ފަރާތުންނެވެ. ނަމަވެސް އެކި އެކި އުޒުރުތައް ދައްކައި ސަރުކާރުން މިވަނީ ހަލާލު ޓޫރިޒަމް ތައާރަފް ކުރުމުގެ މަސައްކަތް ވަޅުޖައްސާލާފައެވެ. މުސްލިމް ފަތުރުވެރީން، ހަލާލް ޓޫރިޒަމް ސިނާއަތުގައި އަހަރަކު 200 ބިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރާއިރު، މިފަދަ ބޮޑު ސިނާއަތެއްގެ ފައިދާ ނުނަގައި ރާއްޖެފަދަ ޤައުމަކުން އޮތުމަކީ ހައިރާންވާން ޖެހޭވަރުގެ ކަމެކެވެ. ހަލާލް ޓޫރިޒަމް ސިނާއަތުގައި ސައުދި އެރެބިއާ، ޔޫ.އޭ.އީ، ތުރުކީ، ސިންގަޕޫރު، މެލޭޝިއާ ފަދަ ޤައުމުތަކުން އިންވެސްޓަރުން އައިސް ރާއްޖޭގައި އިންވެސްޓް ކުރުމަކީ މިދާއިރާގެ ތަރައްޤީއަށް ހުޅުވިގެންދާނެ ވަރަށް މުހިއްމު ދޮރަކަށް ވާނެކަން ޔަޤީނެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފްކުރެވޭނެ ގޮތްތަކާ މެދު ވިސްނައި، ތަފާތު ކޮންސެޕްޓްތަކުގެ ޓޫރިޒަމްގެ ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފް ކުރުމަކީ ސަރުކާރުގެ އިސް ލަނޑުދަނޑިއަކަށް ހަދަންޖެހެއެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވައިގެން ތަރައްޤީ ކުރަން ޖެހެނީ ދުނިޔޭގައި އަހަރަކު 200 ބިލިއަން ޑޮލަރަށްވުރެ ބޮޑު ސިނާއަތާ ގުޅުން ހުރި ހަލާލް ޓޫރިޒަމް އިންޑަސްޓްރީ އެވެ.