ފަތުރުވެރިކަން

ރަސްމާލެ: "ވަން-އައިލެންޑް-ވަން-ރިސޯޓް" މޮޑެލްގެ މައިބަދަ ބިންދާލަފާނެ އަނދިރި ޕްރޮޖެކްޓެއް؟

"ރަސްމާލެ" މެގާ ޕްރޮޖެކްޓުގެ ސަބަބުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މައިބަދަ ކަމުގައިވާ "ވަން-އައިލެންޑް-ވަން-ރިސޯޓް" މޮޑެލްއަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ނުރައްކާ އެބައޮތެވެ. މިފަދަ ބޮޑު އާބަން-ރިއަލް އެސްޓޭޓް މަޝްރޫއެއްގެ ސަބަބުން ބޭރުގެ ބޮޑެތި ޑިވެލޮޕަރުން ރާއްޖޭގެ މުޅި މާކެޓް ކޮންޓްރޯލްކުރުމުގެ ސަބަބުން އެކަހެރި ރިސޯޓުތަކުގެ އަގުތަކާއި ޑިމާންޑް ހީނަރުވެ، ރާއްޖޭގެ ޕްރީމިއަމް ލަގްޒަރީ ބްރޭންޑުގެ އަގު މުޅިން ދަށްވެގެންދިއުމުގެ ބިރު ވަރަށް ބޮޑެވެ.

ރަސްމާލެ: "ވަން-އައިލެންޑް-ވަން-ރިސޯޓް" މޮޑެލްގެ މައިބަދަ ބިންދާލަފާނެ އަނދިރި ޕްރޮޖެކްޓެއް؟

ދިވެހިރާއްޖޭގެ އިގްތިސާދީ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް ދުނިޔޭގެ އެންމެ އުސް ތަރަހާގައި ގާއިމުވެ އޮތުމުގެ އެންމެ ބޮޑު ސިއްރަކީ، އަދި ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު އިގްތިސާދީ ނިއުމަތަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ފެންނަން ނެތް "ވަން-އައިލެންޑް-ވަން-ރިސޯޓް" (އެއް ރަށެއްގައި އެއް ރިސޯޓު) ކޮންސެޕްޓެވެ. ގުދުރަތީ ގޮތުން އެކަހެރިވެފައިވާ، ހުދު ދޮންވެލިފަސް ކޮޅަކާއި ސާފު ފަޅެއްގެ މައްޗަށް ބިނާވެފައިވާ މި ސާދާ، ނަމަވެސް އަގުބޮޑު، މޮޑެލްއަކީ ދިވެހިރާއްޖޭގެ ޕްރީމިއަމް ޓޫރިޒަމް ބްރޭންޑުގެ މައިބަދައެވެ. ވޭތުވެދިޔަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ދުނިޔޭގެ ސަމާލުކަން ހޯދައި، އެންމެ މަތީ ފަންތީގެ ފަތުރުވެރިންގެ މެދުގައި މަގުބޫލުކަން ހޯދީ ދެވަނައެއް ނެތް މި ގުދުރަތީ އެކަހެރިކަމާއި، މަޑުމައިތިރި އަރާމުކަމުގެ ސަބަބުންނެވެ.

ނަމަވެސް، ފުށިދިއްގަރު ފަޅު ނުވަތަ "ރަސްމާލެ" ނަމުގައި 5،000 ހެކްޓަރުގެ ބޮޑު ފަޅެއްގެ ތެރެއިން 500 ހެކްޓަރުގެ ބިން އެކުވެރި އަރަބި އިމާރާތުގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދީގެން ހިންގަން އުޅޭ މެގާ ޕްރޮޖެކްޓާއެކު، "ވަން-އައިލެންޑް-ވަން-ރިސޯޓް" މޮޑެލްގެ މުސްތަގުބަލާމެދު މިވަނީ ނުރައްކާތެރި ސުވާލުތަކެއް އުފެދިފައެވެ. ރަސްމާލެ މަޝްރޫއަކީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހުޅުވާލެވޭ ދޮރެއް ނޫނެވެ. މިއީ 8،800 އަށްވުރެ ގިނަ ރިއަލް އެސްޓޭޓް ޕްރޮޕަޓީއާއި، ބިޔަ މެރީނާތަކާއި، ވޯޓާފްރަންޓް ތަކާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މުޅި ސޫރަ އާބަން ރިއަލް އެސްޓޭޓް މޮޑެލްއަކަށް ބަދަލުކޮށްލާނެ ބޮޑު މަޝްރޫއެކެވެ.

އިޝްތިހާރު

ވަން-އައިލޭންޑް-ވަން-ރިސޯރޓް ކޮންސެޕްޓަށް އޮތް ނުރައްކަލުގެ ރަނގަބީލު

އިންފްރާސްޓްރަކްޗަރު މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވާ ގޮތުގައި، ރަސްމާލެއަކީ ވަން-އައިލެންޑް-ވަން-ރިސޯޓް ކޮންސެޕްޓަށް ބުރޫއަރާނެ ކަމެއް ނޫނެވެ. މޯލްޑިވްސް އެކައުންޓިން ފޯރަމްގައި އިހަކަސް ދުވަހު ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އާންމު ރިސޯޓަކުން ދައުލަތަށް 99 އަހަރުން ލިބޭނީ 75 މިލިއަން އާއި 316 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އާމްދަނީއެކެވެ. ނަމަވެސް، ރަސްމާލެ މޮޑެލްގެ ދަށުން ދައުލަތަށް 10 އަހަރު ތެރޭ 3 ބިލިއަން އެމެރިކާ ޑޮލަރު ވަންނާނެ ކަމަށާއި، އަހަރަކު ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) އިން އެކަނިވެސް 340 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ގައުމުގެ ޕްރީމިއަމް ޓޫރިޒަމް ބްރޭންޑު ގުރުބާންވެދާނެފަދަ ގޮތަކަށް ނަގާ ވަރަށް ބޮޑު އިގްތިސޯދީ ރިސްކެއް

މިނިސްޓަރު ވިދާޅުވާ "ޓީޖީއެސްޓީ 8 ގުނަ އިތުރުވުމުގެ" ހިސާބުގެ ފަހަތުގައި އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުޅި އަސާސް ބަދަލުވެގެންދާނެފަދަ ގޮތްނޭގޭ ހަގީގަތެކެވެ. މިއީ ދައުލަތަށް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް އާމްދަނީއަށް އިސްކަންދީގެން، ކުރިމަގުގައި ގައުމުގެ ޕްރީމިއަމް ޓޫރިޒަމް ބްރޭންޑު ގުރުބާންވެދާނެފަދަ ގޮތަކަށް ނަގާ ވަރަށް ބޮޑު އިގްތިސޯދީ ރިސްކެކެވެ. ދައުލަތުގެ ބަޖެޓަށް އެއްފަހަރާ ވަންނަ ފައިސާގެ އަދަދަށް އެކަނި ބަލައިގެން މިފަދަ މެގަ ޕްރޮޖެކްޓްތަކުގެ ސިޔާސަތުތައް ރޭވުމަކީ، ދިވެހިރާއްޖޭގެ ވަން-އައިލޭންޑް-ވަން-ރިސޯރޓް ކޮންސެޕްޓްގެ މައްޗަށް ބިނާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ދެމެހެއްޓެނިވިކަމަށް އޮތް ނުރައްކަލުގެ ރަނގަބީލެކެވެ.

ރާއްޖޭގެ އެކަހެރި ރިސޯޓުތަކަށް ލިބޭ މާކެޓް ޝެއާ ކުޑަވެ، އެ ތަންތަނުގެ ކޮޓަރީގެ އަގުތައް ވައްޓާލަން މަޖުބޫރުވުން

ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި 8،800 ޕްރޮޕަޓީ (ވޯޓާފްރަންޓް، މެރީނާ، އަދި ރިއަލް އެސްޓޭޓް ޔުނިޓްތައް) ތަރައްގީކޮށް، އަހަރަކު 340 މިލިއަން އެމެރިކާ ޑޮލަރުގެ ޓީޖީއެސްޓީ ދައުލަތަށް ހޯދުމަށްޓަކައި، އެ ސަރަހައްދަށް އިންތިހާއަށް ގިނަ އަދަދެއްގެ މާސް-ޓޫރިސްޓުންނާއި ރިއަލް އެސްޓޭޓް ކަސްޓަމަރުން ޖަމާކުރަންޖެހެއެވެ. މިވަރުގެ ބިޔަ ސްކޭލެއްގައި އަހަރަކު މަދުވެގެން އެއް މިލިއަން ފަތުރުވެރިން ހަމައެކަނި ރަސްމާލޭ ސަރަހައްދަށް އެއްކުރުމަށްޓަކައި، އެ ތަނުގައި ތަރައްގީކުރާ އެންކްލޭވްތަކާއި ހޮޓާތަކުގެ އަގުތައް، ރާއްޖޭގެ ވަން-އައިލޭންޑް-ވަން-ރިސޯރޓް ކޮންސެޕްޓްގެ ލަގްޒަރީ ރިސޯރޓްތަކުގެ އަގުތަކަށްވުރެ ކުޑަކުރަން މަޖުބޫރުވާނެއެވެ.

ބޭރުގެ މާސްޓަރ އެންމެ ޑިވެލޮޕަރަކަށް މިފަދަ ބޮޑު ސްކޭލެއްގައި ރިއަލް އެސްޓޭޓާއި ޓޫރިޒަމް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ދިނުމުން އެ ޑިވެލޮޕަރ އުފައްދާ އިންޓެގްރޭޓެޑް ލައިފް ސްޓައިލް އެންކްލޭވް (ރިސޯރޓް/ހޮޓާ) ތަކުން ރާއްޖޭގެ ޓޫރިސްޓް ރޫމްތަކުގެ ރޭޓްތައް ކަނޑައެޅުމުގެ މޮނޮޕޮލީއެއް ލިބިގެން ދިއުމަކީ ވުން ވަރަށް ކައިރި ކަމެކެވެ. މީގެ ސަބަބުން ވަން-އައިލެންޑް-ވަން-ރިސޯޓް މޮޑެލްއަށް އޮތް ޑިމާންޑް ފިތިގެން، ކުޑަވެގެން، އަގުތައް ދަށްވެގެން ދިއުމުގެ ނުރައްކާ އެބައޮތެވެ. ބޮޑު ޓީޖީއެސްޓީ އާމްދަނީއެއް ހޯދަން ސަރުކާރުން އަމާޒުހިފާއިރު، މިފަދަ މަޝްރޫއެއް ހިނަގައިގަތުމުން ރާއްޖޭގެ އެކަހެރި ރިސޯޓުތަކަށް ލިބޭ މާކެޓް ޝެއާ ކުޑަވެ، އެ ތަންތަނުގެ ކޮޓަރީގެ އަގުތައް ވައްޓާލަން މަޖުބޫރުވާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ވަކިވަކި ރަށްރަށުގައި ބޮޑު ހޭދައެއްކޮށްގެން ރިސޯޓު ހިންގާ ދިވެހި އަދި ބޭރުގެ އިންވެސްޓަރުންގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިދާނެއެވެ.

ތިމާވެށީގެ ހަލާކާއި ޕްރީމިއަމް ބްރޭންޑަށް ލިބޭ ގެއްލުން

ރަސްމާލެ ފަދަ ބިޔަ ފަޅެއް ހިއްކައިގެން ބޮޑެތި އާބާދީތަކާއި، އިންޑަސްޓްރިއަލް މަސައްކަތްތަކާއި، ސިޓީ ހޮޓާ އަދި މެރީނާތައް އެއްސަރަހައްދަކަށް ޖަމާކުރާއިރު، މިއީ ހަމައެކަނި އާބަން ރިއަލް އެސްޓޭޓް މަޝްރޫއެއް ނޫނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިގްތިސާދީ އަދި ތިމާވެށީގެ ތިލަފަތް މުޅިން ބަދަލުކޮށްލާނެ ކަމެކެވެ. މާލޭ ސަރަހައްދުގެ ފަރުތަކުން ބޮޑެތި ސަރަހައްދުތައް ހިއްކުމުގެ ސަބަބުން ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތަކާއި، މުރަކައާއި ކަނޑުގެ ދިރުންތަކަށް ލިބޭ އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކުގެ ސަބަބުން ކައިރީގައިވާ އެކަހެރި ރިސޯޓުތަކުގެ ގުދުރަތީ ރީތިކަން މުޅިން ގެއްލިގެންހިނގައިދާނެއެވެ.

ރާއްޖެއަށް އަންނަ ހައި-އެންޑް ފަތުރުވެރިން އެދޭ "އެކަހެރިކަމާއި ސާފު ތިމާވެށި" ބޭނުންވާ ކްލައިންޓުންނަށް މީގެ ސަބަބުން ބުރޫއެރުމަކީ، މުޅި ސިނާއަތުގެ އިގްތިސާދީ އަގު ވެއްޓި، ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް ބިނާވެފައިވާ ދިވެހި ރިސޯޓު ސިނާއަތުގެ ދެމެހެއްޓެނިވިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ކަނޑުގެ އޮއިވަރު ބަދަލުވުމުގެ ސަބަބުން ކައިރި ރަށްރަށުގެ ގިރާ ސަރަހައްދުތައް އިތުރުވެ، ފަރުތަކުގެ ދިރުންތައް މަރުވުމަކީ ޑައިވިންގ އާއި ސްނޯކްލިންގ އަށް އަންނަ ފަތުރުވެރިންގެ ހިތްހަމަނުޖެހުން އިތުރުވާނެ ކަމެކެވެ. މިފަދަ ނުރައްކަލެއް ހަޤީގަތަކަށް ވެއްޖެނަމަ، މިއީ ދިވެހިރާއްޖޭގެ ލަގްޒަރީ ބްރޭންޑިންގ އަށް ލިބޭނެ އިއާދަނުކުރެވޭފަދަ ބޮޑު ގެއްލުމެކެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ދެކަފިވުން

މިފަދަ މެގާ-ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތަކުގެ ސަބަބުން ވަން-އައިލެންޑް-ވަން-ރިސޯޓް މޮޑެލް މުޅިން ނެތިގެން ނުދިޔަ ކަމުގައި ވިޔަސް، ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމް މުޅިން ދެކަފިވެ، ދެ ދިމާލަކަށް މިސްރާބުޖަހާނެއެވެ:

1. މެދުތެރޭގެ އާބަން އެންކްލޭވް ހަބުތައް

ފުރަތަމަ ދިމާލަކީ މެދުތެރޭގެ އާބަން އެންކްލޭވް ހަބުތަކެވެ. މާލެ އަދި ކާފު އަތޮޅު ހިމެނޭ ސަރަހައްދުގައި ރަސްމާލެ ފަދަ މަލްޓި-ޔޫސް ބޮޑު އާބާދީތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން (މާސް އަދި އިންޓެގްރޭޓެޑް ވޮލިއުމް) ކޮންޓްރޯލްކުރާނެއެވެ. މި ސަރަހައްދުގެ ފަތުރުވެރިކަން ބަދަލުވެގެންދާނީ ދުބާއީ ނުވަތަ ސިންގަޕޫރު ފަދަ ސިޓީ-މެރީނާ ޓޫރިޒަމް މޮޑެލްއަކަށެވެ.

2. އެކަހެރި، އުތުރާއި ދެކުނުގެ އަތޮޅުތައް

ދެވަނަ ދިމާލަކީ އެކަހެރި، އުތުރާއި ދެކުނުގެ އަތޮޅުތަކެވެ. ހަގީގީ އެކަހެރިކަމާއި މަޑުމައިތިރި މާހައުލެއް ހޯދުމަށްޓަކައި، މަދު އަދަދެއްގެ ހައި-އެންޑް ރިސޯޓުތައް އިންތިހާއަށް އަގުބޮޑުކޮށް، މާ ދުރު އަތޮޅުތަކަށް—ހއ، ނޫނު، ނުވަތަ ހުވަދޫ ފަދަ

އަތޮޅުތަކަށް ގެންދަން މަޖުބޫރުވާނެއެވެ. ނަތީޖާއެއްގެ ގޮތުން، ކާފު އަތޮޅާއި މެދުތެރޭގެ އަތޮޅުތަކުގައި ކުރިން އޮތް "އެކަހެރި ލަގްޒަރީ" އިންވެސްޓްމެންޓުތައް އަގުހެޔޮ ކުރަން ނުވަތަ ވިއްކާލަން މަޖުބޫރުވާނެއެވެ. އެގޮތުން ވިއްކާލާ ޕްރޮޕަރޓީތައް ގަންނާނީ އެއްކަލަ ބޭރުގެ ބިޔަ ކޮންގްލޮމޮރޭޓުންނެވެ.  ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ޖިއޮގްރަފީ، މީގެ ސަބަބުން މުޅިން ބަދަލުވެގެންދާނެއެވެ. އަހަރުތަކަކަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ މުޅި ސިނާއަތު އެފަދަ ބޭރުގެ ފަރާތްތަކުގެ ކޮންޓްރޯލުގެ ދަށަށް ގޮސް ދިވެހީންގެ ރަން ބިސް އަޅާކުކުޅަށް ހަމައެކަނި ކާންދޭ ނޯކަރުންނަށް ދިވެހިން ބަދަލުވެގެން ހިނގައިދާނެއެވެ.

ސެމީ-ސޮވަރިން އެންކްލޭވްއެއް، ނުވަތަ ގައުމެއްގެ ތެރޭގައި އުފެދޭ ވަކި އިގްތިސާދީ ބައްރެއް ފަދަ ތަނެއް؟

ރަސްމާލެއިން ދޫކުރާ ބިންތަކާއި އިމާރާތްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުންނެވެ. ބޭރުގެ އެކަކަށް ނުވަތަ ބޮޑު ކޮންސޯޓިއަމްއަކަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަކީ ގައުމީ ސިއާދަތަށާއި އިގްތިސާދީ މިނިވަންކަމަށް އޮތް ބޮޑު ގޮންޖެހުމަކަށް ވެދާނެއެވެ. މިއީ ހަމައެކަނި ޓޫރިޒަމަށް ބިން ކުއްޔަށް ދިނުމެއް ނޫނެވެ. ފަހަރުގައި ރަސްމާލެ ވާނީ ސެމީ-ސޮވަރިން އެންކްލޭވްއެއް، ނުވަތަ ގައުމެއްގެ ތެރޭގައި އުފެދޭ ވަކި އިގްތިސާދީ ބައްރެއް ފަދަ ތަނަކަށެވެ.

މިވަރުގެ ދިގު މުއްދަތަކަށް (ގާތްގަނޑަކަށް އެއް ޤަރުނަށް)، ބޭރުގެ ފަރާތްތަކަށް ބިން ދިނުމުން، ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި އެ ފަރާތްތަކުގެ ނުފޫޒު ބޮޑުވެގެންދާނެއެވެ. މުސްތަގުބަލުގައި ޓެކްސް ގާނޫނުތަކަށް ނުވަތަ ތިމާވެށީގެ ގަވާއިދުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ އިގްތިސާދީ ހައްގުތައް ހިމާޔަތްކުރުމަށް، މިފަދަ ބޭރުގެ ވަރުގަދަ ނުފޫޒާއި ރިޝްވަތުގެ ސަބަބުބް ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ. އަދި ދިވެހިރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓުގެ ބޮޑު ބަޔެއް ބޭރުގެ ކެޕިޓަލްއަށް ފުރިހަމައަށް ހުޅުވާލެވުމުން، ދިވެހި ވިޔަފާރިވެރިންނަށް މާކެޓުގައި ވާދަކުރުމުގެ ފުރުސަތު ބޮޑުތަނުން ހަނި ވެގެންދާނެއެވެ.

ނިންމުން

މިއީ ހަމައެކަނި ފަތުރުވެރިކަމާއި ރިއަލް އެސްޓޭޓްގެ ސިނާއަތް ފުޅާ ކުރުމެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މުޅި އަސާސް ކަމުގައިވާ ގުދުރަތީ އެކަހެރިކަމާއި ސާފު ތިމާވެށީގެ މޮޑެލްއަށް އަމާޒުވެދާނެ ބޮޑު ހަމަލާއެކެވެ. ސަރުކާރުން ކިތަންމެ ވަރަކަށް ދިވެހީންނަށް "ރައްކާތެރިކަން ދޭނެ" ކަމަށް ބުނި ކަމުގައި ވިޔަސް، 500 ހެކްޓަރުގެ ބިމުގައި 99 އަހަރަށް ދޫކުރެވޭ އެތައް ހާސް ޕްރޮޕަޓީއާއެކު އުފަންވާ ބޭރުގެ ނުފޫޒުން ދިވެހިރާއްޖޭގެ ޓޫރިޒަމްގެ މާކެޓް ސީދާ ބޭރުގެ ބޮޑެތި ކޮންސޯޓިއަމްތަކުގެ އަތްމައްޗަށް ބަދަލުވެގެންދިއުމުގެ ނުރައްކާ، މި މަޝްރޫއުގެ ސަބަބުން ވަރަށް ބޮޑެވެ. ރަސްމާލެ ފަދަ މެގާ ޕްރޮޖެކްޓްތަކުގެ ކާމިޔާބީ މިނަންވާނީ ހަމައެކަނި ދައުލަތަށް ވަންނަ ޓީޖީއެސްޓީގެ އެމެރިކާ ޑޮލަރުގެ އަދަދުންނެއް ނޫނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރީމިއަމް ބްރޭންޑުގެ އެންމެ ބޮޑު އަސާސް ކަމުގައިވާ "ވަން-އައިލެންޑް-ވަން-ރިސޯޓް" ކޮންސެޕްޓަށް، މިފަދަ މަޝްރޫޢެއްގެ ސަބަބުން ލިބިދާނެ އުނިކަމަކީ، ދިގު މުއްދަތުގައި މުޅި ގައުމީ އިގްތިސާދަށް ލިބޭނެ ފޫނުބެއްދޭވަރުގެ ގެއްލުމަކަށް ވާނެއެވެ. ގައުމީ ތަރައްގީގެ ނަމުގައި ހިންގޭ މިފަދަ ބޮޑެތި މަޝްރޫއުތަކުގެ އަގު، ގިނަފަހަރަށް، ދައްކަން ޖެހެނީ ކުރިމަގުގެ ޖީލުތަކުންނެވެ. އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންނެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

އާ ފުރުޞަތަކަށް: ރާއްޖޭގައި ކޭވް ޑައިވިންގ އިންޑަސްޓްރީއެއް ބިނާކުރުން
ފަތުރުވެރިކަން

އާ ފުރުޞަތަކަށް: ރާއްޖޭގައި ކޭވް ޑައިވިންގ އިންޑަސްޓްރީއެއް ބިނާކުރުން

މި ދާއިރާއިން އެންމެ ގިނައިން ކޭވް ޑައިވަރުން އަންނާނެ ކަމަށް ބެލެވެނީ އެމެރިކާއިންނެވެ. މީގެ އިތުރުން، މެދުތެރޭ އަދި ހުޅަނގު ޔޫރަޕްގެ ޤައުމުތައް ކަމުގައިވާ ޖަރުމަން، ފްރާންސް، އިނގިރޭސިވިލާތް، އަދި އިޓަލީ ފަދަ މާލީ ތަނަވަސްކަން ހުރި ފަތުރުވެރިން ތިބި ޤައުމުތަކާއި، އޮސްޓްރޭލިއާ، ޗައިނާ އަދި ޖަޕާނުގެ ތަނަވަސް ޑައިވިންގ ފަތުރުވެރިންނަކީ މުހިންމު މާކެޓްތަކެކެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 22, 2026
ހަލާލް ޓޫރިޒަމްގެ ސިނާއަތު: ވާހަކަ ގިނަ، އަމަލީ ސިފައެއް އަދިވެސް ނެތް މުހިންމު ސިނާއަތެއް
ފަތުރުވެރިކަން

ހަލާލް ޓޫރިޒަމްގެ ސިނާއަތު: ވާހަކަ ގިނަ، އަމަލީ ސިފައެއް އަދިވެސް ނެތް މުހިންމު ސިނާއަތެއް

ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފްކުރެވޭނެ ގޮތްތަކާ މެދު ވިސްނައި، ތަފާތު ކޮންސެޕްޓްތަކުގެ ޓޫރިޒަމްގެ ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފް ކުރުމަކީ ސަރުކާރުގެ އިސް ލަނޑުދަނޑިއަކަށް ހަދަންޖެހެއެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވައިގެން ތަރައްޤީ ކުރަން ޖެހެނީ ދުނިޔޭގައި އަހަރަކު 200 ބިލިއަން ޑޮލަރަށްވުރެ ބޮޑު ސިނާއަތާ ގުޅުން ހުރި ހަލާލް ޓޫރިޒަމް އިންޑަސްޓްރީ އެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 22, 2026
"ސަން، ސޭންޑް އެންޑް ސީ" ގެ ނިވަލުގައި އަބަދަކު ކުރިއަކަށް ނުދެވޭނެ!
ފަތުރުވެރިކަން

"ސަން، ސޭންޑް އެންޑް ސީ" ގެ ނިވަލުގައި އަބަދަކު ކުރިއަކަށް ނުދެވޭނެ!

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވަނީ ހަމައެކަނި ކަރުދާހުގައި ލިޔެވޭ ޕްލޭންތަކެއް ނޫނެވެ. "ސަން، ސޭންޑް އެންޑް ސީ" ގެ ނިވަލުގައި އަބަދު ތިބެގެން ކުރިއަށްދާން އުޅެފިނަމަ، ދުނިޔޭގެ ވާދަވެރި މާކެޓުތަކުގައި ރާއްޖެ ފަހަތަށް ސޮއްސާލައިގެންދިއުމުގެ ބިރު އެބައޮތެވެ. ދިވެހި ޓޫރިޒަމްގެ ކުރިމަގު އުޖާލާކުރެވެން އޮތީ، ފާގަތި، އީޖާދީ އަދި ތަފާތު އާ ކޮންސެޕްޓްތަކަށް ހިތްވަރާއެކު ދޮރުތައް ހުޅުވާލައިގެންނެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 20, 2026