އިޤްތިސާދު

"ކުޑަ" ދިވެހި ރާއްޖޭގެ "ބޮޑު" އެހީއާއި ލަންކާގެ އިހާނެތިކަން!

"އަޅުގަނޑު ހަމަ ހައިރާންވޭ ހަމައެކަނި ހަމުގެ ކުލަ އަލި މީހުންނަށް ލަންކާ އިމިގްރޭޝަނުން އިސްކަން ދޭތީ،" ސަފީރު މަސްއޫދު އިމާދު ވިދާޅުވިއެވެ. މިއީ ހާލުގައި ޖެހުނު ދުވަހު އެންމެ "ބޮޑު" އެހީވި "ކުޑަ" ޤައުމަށް ލަންކާއިން ދިން ޝުކުރުގެ އިނާމެވެ. ލަންކާ މީހުން މިހާރު ދެކެނީ ދިވެހި މުސްލިމުންނަކީ ލަންކާ ހަލާކުކުރަން ގޮސް އުޅޭ ޓެރަރިސްޓުން ތަކެއް ކަމަށް ކަމުގައިވެސް ވެދާނެއެވެ.

"ކުޑަ" ދިވެހި ރާއްޖޭގެ "ބޮޑު" އެހީއާއި ލަންކާގެ އިހާނެތިކަން!

މީގެ އަހަރުތަކެއް ކުރީން، ކޮލަމްބޯގެ ވިޗަލީ އިންޓަނޭޝަނަލް ސްކޫލްގައި އަޅުގަނޑު އެޑްވާންސް ލެވެލްއަށް ކިޔެވި ދުވަސްވަރު، އެއް ދުވަހަކު ކިލާހުގައި ކުރެވުނު ބަހުސެއްގައި، ސްރީލަންކާއަށް ނިސްބަތްވާ ކުއްޖަކު އަޅުގަނޑާ ދިމާއަށް ސިންގަޅަ ބަހުން ބުންޏެވެ: "ހިރި ޕްރަދެޝަޔާ ސައް ޕައްނިން". އޭގެ މާނައަކީ ދިވެހިރާއްޖެއަކީ ކުދި ސިކުނޑިތަކެއްގެ ވެރި ސައިޒުން ކުދި މީހުން އުޅޭ ކުޑަ ޤައުމެއް ކަމަށެވެ.

ލަންކާ މީހުން ދެކެނީ ދިވެހިރާއްޖެއަކީ އާބާދީ މަދު "ދޫނި-ރާއްޖެ"އެއް ކަމަށް

އިޝްތިހާރު

އެ ދުވަސްވަރުގެ އެހެން ހާދިސާއެކެވެ. ކޮލަމްބޯގައި އަޅުގަނޑު ކިޔެވި އިރު، އަހަރަކު އެއް ފަހަރު ސްޓޫޑެންޓް ވިސާ އާކުރަން ލަންކާގެ އިމިގްރޭޝަން އޮފީހަށް ދަމެވެ. އާދައިގެ މަތީން، ކޮންމެ އަހަރަކުވެސް ކަންކުރާ ފަދައިން ވިސާ އާކުރަން ދިއުމުން އިމިގްރޭޝަން އޮފިސަރު ބުނީ ޕާސްޕޯޓް ސައިޒް ފޮޓޯ ކަމުނުދާ ކަމަށެވެ. އަލުން ފޮޓޯ ނަގަން ބުނުމުން ކުރޮޅިއަކަށް އަރައިގެން ފޮޓޯ ސްޓޫޑިއޯއަކަށް ގޮސް އަނެއްކާވެސް ޕާސްޕޯޓް ސައިޒް ފޮޓޯ ނަގައިގެން ގޮސް، ކިއުގައި ޖެހިގެން، އަޅުގަނޑުގެ ނަމްބަރު އެތައް އިރަކުން ޖެހުމުން، ފޮޓޯ ދިނުމުން އަނެއްކާވެސް ބުނީ ފޮޓޯ ކަމުނުދާ ކަމަށެވެ. އަނެއްކާވެސް ކުރޮޅިއަކަށް އަރައިގެން ގޮސް ފޯޓޮ ނަގައިގެން ހުރިހާ ކަމެއް، ކުރިން ކުރި ފަދައިން ތަކުރާރުކޮށް، ކިއުގައި ޖެހިގެން ދިއުމުން ބުނީ އެ ފޮޓޯވެސް ކަމުނުދާ ކަމަށެވެ. ވެގެން މިއުޅޭ ގޮތަކީ އަޅުގަނޑު ދިވެއްސަކަށް ވީމަ ޖެއްސުން ކުރަނީއެވެ. ނުވަތަ އިމިގްރޭޝަން އޮފިސަރަށް ރިޝްވަތު ނުދީގެން ޖެއްސުން ކުރަނީއެވެ. މިއީ އުމުރުން އެންމެ 16 ވަރަކަށް އަހަރުގެ ދިވެހި ކިޔަވާ ކުއްޖަކަށް ލަންކާ އިމިގްރޭޝަނުން، މީގެ އެތައް އަހަރެއް ކުރީން ކުރި ޖެއްސުމެވެ. ލަންކާ މީހުން ދިވެހީންނާ މެދު ކިތައްމެ "ފްރެންޑްލީ" ކޮށް އުޅުނަސް، އެއިރުވެސް އަދި މިހާރުވެސް، އެމީހުން ދެކެނީ ދިވެހިރާއްޖެއަކީ ވަރަށް ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވޭ، އާބާދީ މަދު "ދޫނި-ރާއްޖެ"އެއް ކަމަށެވެ.

ޝްރީލަންކަން އެއާރލައިންސްގެ ނަސްލީ އިމްތިއާޒު

މީގެ އަހަރުތަކެއް ކުރިން، އަޅުގަނޑު ރާއްޖޭން ބޭރަށް، ޝްރީލަންކަން އެއާލައިނުން ކުރި ދަތުރެކެވެ. ދިގު ދަތުރަކަށް ވުމުން ގައިގައި އަޅާލާނެ ރަޖާގަނޑެއް ދިނުމަށް ލަންކާގެ އެއާހޮސްޓެސް ކުރެން އެދުނީމެވެ. އަޅުގަނޑަށް ވުރެ ފަހުން މިކަމަށް އެދުނު ޔޫރަޕްގެ ދޮން ނަސްލުގެ ފަސިންޖަރުންނަށް ރަޖާ ދިން އިރުވެސް އަޅުގަނޑަކަށް ނުދެއެވެ. އެތައް ފަހަރަކު ހަނދާންކޮށްދީގެންވެސް ރަޖާ ނުލިބުމުން އަޅުގަނޑު ކޮޅަށް ތެދުވެ، މުޅި ކެބިންގެ އެންމެންނަށް އަޑުއިވޭ ވަރަށް ބުނީމެވެ: "ޔޫރަޕްގެ ދޮން މީހަކަށް ނުވިއަސް، އަޅުގަނޑަށްވެސް ރަޖާގަނޑެއް ދޭންޖެހޭނެ" ކަމަށެވެ. އެދުވަހު ރަޖާގަނޑެއް ލިބުނީ އެވަރު ކޮށްގެންނެވެ.

ލަންކާ މީހުން "ނައިސް" ވަނީ ދިވެހީންގެ "އުމްބަލަކަޑަ" އަށާއި ރިހާކުރަށާއި ލާރިއަށް

އަޅުގަނޑު ސްރީލަންކާގައި ކިޔަވަން ހޭދަކުރި ދެ އަހަރު ދުވަހަކީ ވަރަށް ހިތްގައިމު ހަނދާންތަކެއްވެސް އެކުލެވޭ ދެއަހަރެވެ. ލަންކާގެ ކާނާވެސް ވަރަށް މީރެވެ. ލަންކާ މީހުންވެސް ފެންނަ ފެންނަމަށް ވަރަށް ފްރެންޑްލީއެވެ. ނަމަވެސް ރަނގަޅަށް އަޑިއަށް ފީނާލައިފި ނަމަ އެނގޭ އެއްޗަކީ ލަންކާ މީހުން ބަލަނީ ދިވެހީންގެ ލާރިއަށްކަމެވެ. ދިވެހީން ލަންކާގައި ގޮސް އުޅެނީ ލަންކާ މީހުންގެ ވަޒީފާ ހޯދައިގެނެއް ނޫނެވެ. ދިވެހީންނަށް ދިވެހިރާއްޖެއިން ލިބޭ ލާރި ލަންކާއަށް ގެންގޮސްގެންނެވެ. ދިވެހީން ލަންކާއަށް ކިޔަވަން ދިޔައަސް، އަދި ބޭސް ފަރުވާ އަށް ދިޔައަސް، އަދި ދިރިއުޅެން ލަންކާއަށް ބަދަލުވިއަސް، ފައިދާ ވަނީ ލަންކާގެ އިގްތިސޯދަށެވެ. ލަންކާ މީހުން އަބަދުވެސް ދެކެނީ ދިވެހީންނަކީ ތަނަވަސް، ލާރި ގެންގުޅޭ ބައެއް ކަމަށެވެ. އެމީހުން "ނައިސް" ވަނީ ދިވެހީންގެ "އުމްބަލަކަޑަ" އަށާއި ރިހާކުރަށާއި ލާރިއަށެވެ. މިއީ އައްޑޫ އާއި ހުވަދޫ އޮޑިފަހަރު ލަންކާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރި ޒަމާނުން ފެށިގެން ލަންކާ މީހުން ދިވެހީންނާ މެދު ދުށް ގޮތެވެ.

ދިވެހި އިގްތިސޯދުން އަހަރަކު އެތައް މިލިއަން ޑޮލަރެއް ލަންކާ މީހުން ބޭރު ކުރޭ

ދިވެހީން ލަންކާއަށް ގޮސް، އެ ޤައުމުގެ އިގްތިސޯދަށް ޑޮލަރު ވެއްދިއަސް، ލަންކާ މީހުން ޒަމާނުއްސުރެ ރާއްޖެ އަންނަނީ ރާއްޖޭގެ ގޭގޭގައި މަސައްކަތް ކުރަންށާއި، ރިސޯޓްތަކާއި ކުންފުނިތަކުގެ ވަޒީފާ، ނުވަތަ އޮޑިޓަރުކަން ނުވަތަ އެކައުންޓެންޓުކަން ފަދަ މަސައްކަތްތައް ކުރާށެވެ. އަދި މިފަހަކަށް އައިސް، ދިވެހީންގެ ނަމުގައި ކުންފުނި ހަދައިގެން، ބަންގްލަދޭޝް އާއި އިންޑިއާ މީހުން ގޮތަށް، ޤަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ލަންކާ މީހުންވެސް މަދެއް ނޫނެވެ. ދިވެހި އިގްތިސޯދުން އަހަރަކު އެތައް މިލިއަން ޑޮލަރެއް ލަންކާ މީހުން ބޭރު ކުރެއެވެ. ވިޔަފާރި ކޮށްގެންނާއި ވަޒީފާ އަދާ ކޮށްގެންނެވެ.

މި ހަގީގަތް އެންމެ ސާފުކޮށް ފެންނަން އޮތީ ތަފާސްހިސާބުތަކުންނެވެ. ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ރައީސްކަމުން އެންމެ ފަހުން ވަކިވެވަޑައިގެންނެވި ސުދޭޝް މެންޑިސް، ލަންކާގެ "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގައި މަސައްކަތްކޮށްގެން ސްރީ ލަންކާގެ މަސައްކަތްތެރިން އަހަރަކު 129 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ) އެ ޤައުމަށް ގެންދެއެވެ. އަދި އެ އަދަދު އިތުރުކުރަންޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މެންޑިސް ފާހަގަކުރެއްވި ގޮތުގައި ސްރީ ލަންކާގެ 21،000 އަށް ވުރެ ގިނަ މީހުން މިހާރުވެސް ރާއްޖޭގައި މަސައްކަތް ކުރެއެވެ. އޭގެ ތެރެއިން ގިނަ މީހުން މަސައްކަތްކުރަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައެވެ.

ޝްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ބައްދަލުވުމެއްގެ ފޮޓޯތަކާއެކު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މެންޑިސް އަމިއްލައަށް އިއުތިރާފުވެވަޑައިގެންފައިވާ ގޮތުގައި، ލަންކާގައި އުޅޭ ދިވެހިންގެ އަދަދު 1,400 އާ ހަމައަށް މަދުވުމަކީ އިގުތިސާދީ ގޮތުން ލަންކާއަށް ލިބުނު ބޮޑު ގެއްލުމެކެވެ. އީސްޓާ ސަންޑޭ ހަމަލާގެ ކުރިން ގާތްގަނޑަކަށް 17,000 ދިވެހިން ސްރީ ލަންކާގައި ދިރިއުޅުނު ކަމަށާއި، މިހާރު އެ އަދަދު 1,400 އަށް ވެއްޓިއްޖެ ކަމަށް، އަދި ސްރީ ލަންކާއަށް މީގެ ސަބަބުން އަހަރަކު 100 މިލިއަން ޑޮލަރު ގެއްލޭނެ ކަމަށް މެންޑިސް ވިދާޅުވިއެވެ.

ލަންކާ އާއި ރާއްޖޭގެ ގުޅުމުގެ ރަންޒަމާން އަނބުރާ ގެންނަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ބިޒްނަސް ކައުންސިލުން އަންނަނީ ކުރަމުންކަމަށް މެންޑިސް ވިދާޅުވިއެވެ. ދިވެހީންގެ ލާރިކޮޅު މިލިއަނުން ލަންކާއަށް ކަހާލަން ލަންކާ މީހުން މިވަރަށް މަސައްކަތް ކުރާއިރު ދިވެހިން މިތިބެނީ ނިދާފައެވެ. ދިވެހި ސަރުކާރުވެސް ނިދާފައެވެ. ރާއްޖެއަށް ގެންނަ ހުރިހާ މުދަލާއި ކޮންޓެއިންރުތަލުގެ އެޖެންސީފީ ކަހަލަ ގޮތަކަށް ލިބެނީ ލަންކާގެ އެޖެންސީތަކަށެވެ.

ލަންކާއަށް އެރި ތޫފާނަށް ފަހު ދިވެހިން ވެދިން އެހީ ލަންކާއިން ހަނދާން ނައްތާލުން

މިދިޔަ އަހަރު ނޮވެމްބަރު މަހު ޝްރީލަންކާއަށް އެރި ތޫފާން "ދިތުވާ"ގެ ސަބަބުން ބޯކޮށް ވާރޭވެހި، ޝްރީލަންކާގެ ތާރީހު ދުވަހަކުވެސް ނުދެކޭ ފަދަ، ބޮޑެތި ގެއްލުންތައް އެ ޤައުމަށް ލިބި، އެތައް ސަތޭކަ މީހުން މަރުވި ހާދިސާގައި ލަންކާއަށް ލިބުނު އިގްތިސޯދީ ގެއްލުމާއި، ދިމާވި އިންސާނީ ކާރިސާއިން އަރައިގަތުމަށް ބިޔަ ބޮޑު ޗައިނާ އާއި އެމެރިކާއިން ދިންވަރަށް ވުރެ ބޮޑު އެހީއެއް ދިވެހި ސަރުކާރާއި ރައްޔިތުން ދިނެވެ. ދިވެހި ބައެއް ކުންފުނިތަކުން ދެ ލައްކަ ޑޮލަރު، އަދި ތެލެތޯންތައް ބާއްވައިގެން ބޮޑެތި އެހީތައް ދިނެވެ. ދިވެހި ސަރުކާރުން މިލިއަނަކަށް ވުރެ ގިނަ މަސް ދަޅާއި އެތައް ލައްކަ ޑޮލަރެއްގެ އެހީ ލަންކާއަށް ދިނެވެ. އެ ޤައުމުގައި ދިރިއުޅޭ ދިވެހީންވެސް މަގުތަކަށް ނިކުމެ ލަންކާގެ އާންމުންނަށް ބޮޑެތި އެހީތައް ދިނެވެ.

މިވަރުގެ އެހީތެރިކަމެއް، އެއްކަލަ "ކުޑަކުޑަ" ދިވެހިރާއްޖެއިން ވުމުން، ލަންކާ ސަރުކާރުން އެކަން ހަނދާން ނައްތާލީ އެންމެ ދެމަސް ދުވަހުގެ ތެރޭގައެވެ. އެކި ބޭނުންތަކަށް ޝްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތައް ކުރިމަތިވެ، ލަންކާ އިމިގްރޭޝަނުން ދިވެހީންނާ މެދު ނަސްލީ އިމްތިޔާޒު ގެންގުޅެން ފެށިއެވެ.

ލަންކާގެ އިމިގްރޭޝަންގެ މުވައްޒަފުން ދިވެހީންނާ މެދު ވަރަށް ބޮޑަށް ޒާތީވާން ފެށުން

ލަންކާގައި ދިރިއުޅޭ ބައެއް މީހުން ކިޔައިދިން ގޮތުގައި ވިސާ ހޯދަން ނުވަތަ ވިސާގެ މުއްދަތު އާކުރަން ލަންކާގެ އިމިގްރޭޝަނަށް ދިއުމުން ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތި ކުރުވައި، ލަންކާގެ އިމިގްރޭޝަންގެ މުވައްޒަފުން ދިވެހީންނާ މެދު ވަރަށް ބޮޑަށް ޒާތީވާން ފެށިއެވެ. ލަންކާގެ "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި، ދިވެހިރާއްޖެއިން ޝްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު އެއިރު ވިދާޅުވީ ލަންކާގައި އުޅޭ ދިވެހިން، ހެނދުނު 9:00 އިން ހަވީރު 5:00 ޖަހަންދެން ދިގު ކިއޫތަކުގައި ބައިތިއްބާ ކަމަށާއި، ލަންކާގެ އިމިގްރޭޝަން އޮފިސަރުން ދިވެހީންނާ މެދު ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމަށެވެ. "އަޅުގަނޑު ހަމަ ހައިރާންވޭ ހަމައެކަނި ހަމުގެ ކުލަ އަލި މީހުންނަށް ލަންކާ އިމިގްރޭޝަނުން އިސްކަން ދޭތީ،" ސަފީރު މަސްއޫދު ވިދާޅުވި ކަމަށް ޑެއިލީ ނިއުސްގައި ވެއެވެ. މިއީ ހާލުގައި ޖެހުނު ދުވަހު އެންމެ "ބޮޑު" އެހީވި "ކުޑަ" ޤައުމަށް ލަންކާއިން ދިން ޝުކުރުގެ އިނާމެވެ.

ދިވެހިންނާ މެދު ތަފާތުކޮށް، އެތައް ހުރަސްތަކެއް ކުރިމަތިކުރާތީ ލަންކާއަކީ ބޭސްފަރުވާ އާއި ތައުލީމް ހާސިލު ކުރުމަށް އިސްކަންދޭ ގައުމެއްގެ ގޮތުގައި ދިވެހިން ދެކޭ ދުށުން ބަދަލުވެފައިވާ ކަމަށް މަސްއޫދު ވިދާޅުވި ކަމަށާއި، އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ އަދަދުވެސް ބޮޑު ތަނުން މިހާރު މަދުވެފައިވާ ކަމަށް މަސްއޫދު ވިދާޅުވި ކަމަށް ޑެއިލީ ނިއުސްގައި ވެއެވެ. ލަންކާގައި ދިވެހީންނަށް ވިސާގެ ދަތިކަން ބޮޑުވެ، ތަފާތުކުރުންތައް ގިނަވީ 2019 ވަނަ އަހަރު އެ ޤައުމުގައި ދިން ބޮމުގެ ހަމަލާތަކަށް ފަހުގައެވެ. ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންގެ އެއް އަހަރުގެ ވިސާ ދެނީ ލަންކާގެ ސްޓޭޓް އިންޓެލިޖެންސް ސާވިސް (އެސް.އައި.އެސް) އިން ޓެރަރިޒަމްގެ ކަންބޮޑުވުންތަކާ ގުޅޭ އެސަސްމެންޓެއް ފުރިހަމަ ކުރުމަށް ފަހުގައެވެ. ލަންކާ މީހުން މިހާރު ދެކެނީ ދިވެހި މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ކަމުގައިވެސް ވެދާނެއެވެ.

ރާއްޖޭގައި އުޅޭ ލަންކާ ރައްޔިތުންނަށް ވިސާ ދިނުމުގެ އުސޫލުވެސް ހަރުކަށިކުރަން ޖެހޭ

ދިވެހިންނާ މެދު ލަންކާއިން ވިސާގެ ކަންތަކުގައި ކަން ކުރާ ގޮތް ރަނގަޅު ނުކޮށްފިނަމަ، ރާއްޖޭގައި އުޅޭ ލަންކާ ރައްޔިތުންނަށް ވިސާ ދިނުމުގެ އުސޫލުވެސް ހަރުކަށިކުރަން ޖެހިދާނެކަމުގެ އިންޒާރު ދިވެހި ސަފީރު ދެއްވިއެވެ. ނަމަވެސް ދިވެހީންނަކީ ލަންކާ އާއި ބަންގާޅު، އަދި އިންޑިއާ މީހުންގެވެސް ދަށުވެފައި ތިބޭ ބައެކެވެ. އިންޑިއާ އިމިގްރޭޝަނުގައިވެސް ދިވެހީންގެ ޕާސްޕޯޓުގައި ތައްގަނޑު ޖަހައިފައި ބަން ކިޔައިފައި ފާސްޕޯޓު، ކައުންޓަރުމަތީގައި ޖަހައިފައި، ޓެރަރިސްޓަކާ ދިމާއަށް ބަލާހެން، ލޯ ކުޑަކޮށްލައިފައި، ކަތި ނަޒަރަކުން ބަލައިލާނެއެވެ. ކޮންމެ ގޮތަކަށް ހެއްޖަސް ދިވެހީން އަނެއް ދަތުރުގައިވެސް ހަމަ ހެވިފައި ލަންކާއަށާއި އިންޑިއާއަށް ދާނެއެވެ.

ތިން މަސް ދުވަހުގެ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް، ރާއްޖޭގައި ތިން މަސް ދުވަހު ވަޒީފާ އަދާކޮށްލާފައި ދިއުން

ލަންކާ މީހުން މިހާރު އަދި މާ މޮޅު ކަމެއް ކުރެއެވެ. ތިން މަސް ދުވަހުގެ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް، ރާއްޖޭގައި ތިން މަސް ދުވަހު ވަޒީފާ އަދާކޮށްލާފައި ދަނީއެވެ. ޝޮޕް އެންޑް ސޭވް ސުޕަރ މާރކެޓް ފަދަ ތަންތަނުން ފެންނަ ލަންކާ ކޭޝިއަރުންނަކީ މިފަދަ މިސާލެކެވެ. ރާއްޖޭގެ އިމިގްރޭޝަނުން ރެއިޑް ޖަހަނީ ހަމައެކަނި ކުދި ކަޑަތަކަށެވެ. މާލޭގެ ބޮޑެތި ސުޕަރމާރކެޓް ތަކުގައި ޤަވާއިދާ ޙިލާފަށް މަސައްކަތް ކުރާ ބިދޭސީން ތިބިތޯ ބަލަން ވެސް އިމިގްރޭޝަނުން ރެއިޑް ޖަހަން ޖެހެއެވެ.

ރާއްޖެ އާއި ޝްރީލަންކާއާ ދެމެދު ގާއިމުކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އެއްކޮށް އުވާލަން ނަޝީދު ގޮވާލެއްވުން

ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބުމުގައި ހުރަސްތަކެއް ކުރިމަތިވާތީ ސަފީރު މަސްއޫދު ކަންބޮޑުވުން ފާޅު ކުރައްވައިފައި ވަނިކޮށް، ރާއްޖޭގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު މާ މޮޅު ވާހަކައެއް ދެއްކެވިއެވެ. އެއީ، ސްކޫލް ކުދިންގެ ޔުނިފޯމުން އައުރަ ނިވާވާތީ އެކަމާ ކަންބޮޑުވެގެން، އައުރަ ހާމަ ނުކުރެއްވިގެން އުޅުއްވި ނަޝީދެވެ! މީހުން އުޅޭ ރަށްރަށުގައި ރަލާއި އޫރު މަސް ނުވިއްކިގެން ކަންބޮޑުވެގެން އުޅުއްވި ނަޝީދެވެ. އީރާނު ސަރުކާރު ނުވެއްޓިގެން، ހުޅަނގުގެ ފިކުރާ އެއްގޮތަށް، އީރާން ސަރުކާރަށް ފާޑުވިދާޅުވި ނަޝީދެވެ! ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބުމުގައި ހުރަސްތައް ކުރިމަތިވާތީ ދިވެހި ސަފީރު މަސްއޫދު ކަންބޮޑުވުން ފާޅުކުރެއްވުމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އާއި ޝްރީލަންކާއާ ދެމެދު ގާއިމުކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އެއްކޮށް އުވާލަންޖެހޭ ކަމަށެވެ. މާނައަކީ ލަންކާ މީހުން އެއްވެސް ވޯކް ޕާމިޓެއް ހޯދުމެއް ނެތި، ބޭނުން އިރަކު އައިސް ރާއްޖޭގައި ވަޒީފާ އަދާކޮށް، ވިޔަފާރި ކުރެވޭ ގޮތަށް ހުރިހާ ބޯޑާ ކޮންޓްރޯލެއް އުވާލަންވީއެވެ!

ދިވެހި ޤައުމު ދެކެ އެއްވެސް ވަރަކަށް ލޯބިވާ ބޭފުޅެއް ނޫން

ނަޝީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު ބޯޑާ ކޮންޓްރޯލް އުވާލުމަކީ ދެ ގައުމުގެ ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާ ކުރާނެ ކަމެއް ކަމަށެވެ. ބޯޑާ ކޮންޓްރޯލްތައް ނިމުމަކަށް ގެނެސް، ވިސާ އާއި ވޯކްޕާމިޓް ފަދަ ކަންކަން އުވާލައިފި ނަމަ، ފަތުރުވެރިކަމާއި ވިޔަފާރި އަދި ވަކިވަކި ފަރުދުންގެ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. ހދ. ހަނިމާދޫ އެއާޕޯޓް ހިންގަން އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރަންވެސް ދާދި ފަހުން ގޮވައިލެއްވި ނަޝީދު، ލަންކާ އާއި ރާއްޖެއާ ދެމެދު ބޯޑާ ކޮންޓްރޯލްތައް އުވާލަން ގޮވާލެއްވީ ހަޤީގަތުގައި ލަންކާއާއި ރާއްޖޭގެ ވާހަކަ ދައްކަވާކަށް ނޫނެވެ! ނަޝީދުގެ މިވާހަކައަކީ ހަޤީގަތުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު ބޯޑާ ކޮންޓްރޯލް އުވާލަން ގޮވައިލެއްވުމުގެ ކުރިން، "ވޯމް-އަޕް" ކޮށްލެއްވުމަށް، އަދި ދިވެހީންގެ ވިސްނުން ޗެކްކޮށްލެއްވުމަށް ގޮވާލެއްވި ގޮވާލެއްވުމެކެވެ. ރައީސް ނަޝީދުގެ މިފަދަ ވާހަކަތަކުން ހާމަވާ ކަމަކީ، އެމަނިކުފާނަކީ ދިވެހި ޤައުމު ދެކެ އެއްވެސް ވަރަކަށް ލޯބިވާ ބޭފުޅެއް ނޫންކަމެވެ. އެ މަނިކުފާނަކީ ޒަމާނުއްސުރެވެސް ޝްރީލަންކާ އާއި އިންޑިއާ އަދި އިނގިރޭސި ވިލާތަށް ނުހަނު ލޯބި ކުރައްވާ، އެ ތިން ޤައުމަށް ވަރަށް ވަފާތެރި ބޭފުޅެކެވެ. ވެރިކަން ލިބިވަޑައިގަތުމުންވެސް އަދި ވެރިކަމުން ދުރުވެވަޑައިގަތުމަށް ފަހުވެސް ނަޝީދު ކަން ކުރައްވަނީ، އަދި ވާހަކަ ދައްކަވަނީވެސް ދިވެހީންނަށް ގެއްލުން ހުރި ގޮތަށެވެ. ރައީސް ނަޝީދާއި، އެމަނިކުފާނު އެންޑޯޒް ކުރައްވާ "ބޮޑު-ބަދަލު" ގެ ފައްޔާޒު ފަދަ ފަރާތްތަކަށް ދިވެހީން އިތުބާރު ކުރަން ނުޖެހޭ ސަބަބަކީ މިއީއެވެ.

ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަމްބަރު ބޯޑު ބަދަލުކޮށްގެން ވަންވޭއާ ޚިލާފަށް ދުއްވައިގެން ޝްރީ ލަންކާގެ ދެ މީހުން ހައްޔަރު ކުރުން

އަނެއްކޮޅުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ ޤާނޫނީ އިމާއި އިޖުތިމާއީ އަޚްލާޤީ މިންގަނޑުތައް ގޮސްފައިވާ ހިސާބު މިއަދު ފެންނަން އެބައޮތެވެ. ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮންނައިރު، ކުށްކުރާ ބިދޭސީންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީގެ ކުރިން ސަރުކާރުން ދީފައިވީ ނަމަވެސް، މަގުމަތީގެ ނުރައްކާތަކާއި ޖަރީމާތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ދާދި ފަހުން، މާލޭގައި ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަމްބަރު ބޯޑު ބަދަލުކޮށްގެން ވަންވޭއާ ޚިލާފަށް ދުއްވުމުގެ ތުހުމަތުގައި ފުލުހުން ވަނީ ޝްރީލަންކާއަށް ނިސްބަތްވާ ދެ ބިދޭސީއަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ދަންވަރު 02:14 އެހައިކަންހާއިރު ވަންވޭއާ ޚިލާފަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން ހުއްޓުވައި ބެލިއިރު، ސައިކަލު ދުއްވަންއިން މީހާގެ އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ނެތުމުން ސައިކަލު ޓޯ ޔާޑަށް ގެންގޮސް، އިތުރަށް ބަލައި ފާސްކުރިއިރު ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑާއި، އިންޖީނުގެ ޗެސިސް ނަންބަރު ދިމާނުވެއެވެ. ސިސްޓަމް މެދުވެރިކޮށް ޗެކްކުރުމުން އެއީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ކަށަވަރުވެ، 29 އަހަރާއި 25 އަހަރުގެ ލަންކާ ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މިއީ ހަމައެކަނި ވަކިވަކި ކުށްތަކެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ބޭރު މީހުން ކުރާ އިޙްތިރާމް ކުޑަވެ، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެއަށް ދެމުންދާ ގެއްލުމުގެ ސާފު ހެކިތަކެވެ.

ފަހު ބަހެއްގެ ގޮތުން އަސްލު މައުލޫއަށް އެނބުރިލައި، ދިވެހި ސަފީރު މަސްއޫދު ވިދާޅުވި ބަސް ތަކުރާރު ކޮށްލާނަމެވެ. "އަޅުގަނޑު ހަމަ ހައިރާންވޭ ހަމައެކަނި ހަމުގެ ކުލަ އަލި މީހުންނަށް ލަންކާ އިމިގްރޭޝަނުން އިސްކަން ދޭތީ،" ސަފީރު މަސްއޫދު އިމާދު ވިދާޅުވިއެވެ. މިއީ ހާލުގައި ޖެހުނު ދުވަހު "ބޮޑު" އެހީވި "ކުޑަ" ޤައުމަށް ލަންކާއިން ދިން ޝުކުރުގެ އިނާމެވެ. ލަންކާ މީހުން މިހާރު ދެކެނީ ދިވެހި މުސްލިމުންނަކީ ލަންކާ ހަލާކުކުރަން ގޮސް އުޅޭ ޓެރަރިސްޓުން ތަކެއް ކަމަށް ކަމުގައިވެސް ވެދާނެއެވެ. ދިވެހިންނާ މެދު ލަންކާއިން ވިސާގެ ކަންތަކުގައި ކަން ކުރާ ގޮތް ރަނގަޅު ނުކޮށްފިނަމަ، ރާއްޖެ އަންނަ ލަންކާ ރައްޔިތުންނަށް ވިސާ ދިނުމުގެ އުސޫލުވެސް ހަރުކަށި ކުރަންޖެހިދާނެކަމުގެ އިންޒާރު ސަފީރު މަސްޢޫދު ދެއްވިއެވެ. ސަފީރުގެ މި ބަސް ދަމަހައްޓައި ދިވެހިރާއްޖެއިންވެސް ލަންކާ މީހުންނަށް ވޯކް ވިސާ ދިނުން ހަރުކަށި ކުރަންޖެހެއެވެ، އަދި ޓޫރިސްޓް ވިސާގައި އައިސް ތިން މަސް ދުވަހު ރާއްޖޭގައި ޤަވާއިދާ ޙިލާފަށް ބިދޭސީން މަސައްކަތް ކުރުން ވެސް ހުއްޓުވަން ޖެހެއެވެ.  ރިސޯޓުތަކާއި ދިވެހި ކުންފުނިތަކުގައި މަސައްކަތްކުރާ، އަދި ޤަވައިދާ ހިލާފަށް މެދުފަންތީގެ ވިޔަފާރިތަކަށް ވަދެ އުޅޭ ލަންކާ މީހުންވެސް ހަމަމަގަށް އަޅުވަންޖެހެއެވެ. ދިވެހީންނަށް އިހްތިރާމް ނުކުރާ ބަޔަކަށް ދިވެހީންވެސް އިހްތިރާމް ކުރާކަށް ނުޖެހެއެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ރަސްމާލޭގެ އުއްމީދާއި ނުރައްކަލުގެ ރަނގަބީލު: ތަސައްވުރު ފުރިހަމައަސް ޤާނޫނީ އަދި މާލީ ފައިދާ ކަށަވަރު ކުރަން ޖެހޭ!
އިޤްތިސާދު

ރަސްމާލޭގެ އުއްމީދާއި ނުރައްކަލުގެ ރަނގަބީލު: ތަސައްވުރު ފުރިހަމައަސް ޤާނޫނީ އަދި މާލީ ފައިދާ ކަށަވަރު ކުރަން ޖެހޭ!

މިފަދަ ބިޔަ އިންވެސްޓްމަންޓެއް ދެފުށްނުފެންނަ ގޮތަށް އަވަސްއަރުވާލައިގެން ނޮވެމްބަރ 11 ގައި ސޮއިކޮށްފިނަމަ، ދައުލަތުގެ މާލީ ރިޒާވް ހުސްވެ، "ވަން-އައިލެންޑް-ވަން-ރިސޯޓް" މޮޑެލްއަށާއި ތިމާވެށްޓަށް އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، އަދި އެންމެ ނުރައްކާތެރި ކަމެއްގެ ގޮތުން، 99 އަހަރުގެ ދިގު މުއްދަތަކަށް ރާއްޖޭގެ ބިންތައް އިސްލާމްދީނާ ދެކޮޅު ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ދޫވެ ޤައުމީ ސިޔާދަތާއި ދީނީ ވަހުދަތު ގެއްލުމުގެ ބިރު އެބައޮތެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 23, 2026
މިކަންކަން ނުކޮށްފިނަމަ ރަސްމާލެ މަޝްރޫޢު ވާނީ ސިޔާސީ އަނދަވަޅަކަށް
އިޤްތިސާދު

މިކަންކަން ނުކޮށްފިނަމަ ރަސްމާލެ މަޝްރޫޢު ވާނީ ސިޔާސީ އަނދަވަޅަކަށް

ރަސްމާލެ މަޝްރޫޢުގައި، ތިރީގައިވާ ފަދަ މުހިއްމު ކަންކަން ނުކޮށް، ދެފުށް ނުފެންނަގޮތަށް، އަވަސްއަރުވާލައިގެން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އެކަން ވާނީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ކުރިމަގު މާލީ އަދި އިޖްތިމާއީ އަނދަވަޅަކަށް ވައްޓާލާނެ ކަމަކަށެވެ! ތިރީގައިވާ ކަންކަން، ދެފުށްފެންނަ ގޮތެއްގައި ހާމަކޮށް، ފުރިހަމައަށް އިޞްލާޙުކޮށްގެން ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ތަސައްވުރު އިތުރަށް ވަރުގަދަވެ، މަޝްރޫޢު ސައްޙަ ގޮތުގައި ނިންމާލުމަށް މިންވަރުކުރާނެ އެންމެ ބޮޑު ބާރެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 23, 2026
އައްޑޫ ގަން އެއާޕޯޓް އެމިރޭޓްސް ފަދަ އެއާލައިނެއްގެ ހަބަކަށް ހެދުން
އިޤްތިސާދު

އައްޑޫ ގަން އެއާޕޯޓް އެމިރޭޓްސް ފަދަ އެއާލައިނެއްގެ ހަބަކަށް ހެދުން

ރައީސް މައުމޫނުގެ ވެރިކަމުގައި، މީގެ ތިރީހަކަށް އަހަރު ކުރިން، އައްޑޫ ގަން އެއާޕޯޓުގައި މިފަދަ ބައިނަލްއަޤްވާމީ ހަބެއް ހެދުމަށް އެމިރޭޓްސްއިން ހުށަހެޅިއެވެ. ނަމަވެސް، އޭރު މައުމޫން ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި މާލޭގެ ބައެއް ސިޔާސީ ބޭފުޅުން ބޭނުންވީ އިޤްތިޞާދީ ޙަރަކާތްތައް މާލެ ސަރަޙައްދަށް އެކަނި ޖަމާކޮށްފައި ބެހެއްޓުމަށެވެ. އޭރުގެ ވަރަށް އިސް މިނިސްޓަރަކު މިކަމާ ގުޅިގެން "ދިޔަދޮވީގެ ދެކޮޅުން ފެން ނުވެހޭނެ" ކަމަށް ވިދާޅުވިކަމަށްވެއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 20, 2026