ދުނިޔޭގެ ވަރުގަދަ އެއާލައިނެއްގެ މަރުކަޒަކަށް ނުވަތަ ހަބަކަށް ރާއްޖޭގެ އެއާޕޯޓެއް ހެދުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މިއަހަރު ކުރީކޮޅު ވިދާޅުވިއެވެ. މެދުއިރުމަތީގެ މަޝްރަޙާ ގުޅިގެން އުފައްދާފައިވާ ވަޒީރުންގެ ކޮމެޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، ސަރަޙައްދީ ހަނގުރާމަތަކުގެ ސަބަބުން އެންމެ ބޮޑު ލޮޅުމެއް ލިބެނީ ފަތުރުވެރިން އުފުލާ އެއާލައިންތަކުގެ ދަތުރުތަކަށް ކަމަށެވެ. އަދި ވަކި ސަރަޙައްދެއްގެ އެއާލައިން ހަބްތަކަށް އެކަނި ބަރޯސާވެގެން ތިބުމުގެ ބަދަލުގައި، ބޭރުގެ ބޮޑު އެއާލައިނެއްގެ ދެވަނަ ހަބެއް ރާއްޖޭގައި ޤާއިމުކުރުމަކީ ކުރިމަގުގައި ދިމާވެދާނެ އިޤްތިޞާދީ ލޮޅުންތަކުން ރާއްޖެ ސަލާމަތްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ލަންކާގެ މާތަލަ އެއާޕޯޓު ހަބަކަށް ހެދުމަށް އެމިރޭޓްސްއާއެކު މަޝްވަރާކުރުން
ވަޒީރުގެ މި ވާހަކަފުޅާ ގުޅިގެން ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާއަކީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ވައިގެ އުދުހުންތަކަށް ބުރޫއަރައި އެ ސަރަޙައްދުގެ ވައިގެ ސަރަޙައްދުތައް ބަންދުކުރަންޖެހުނު ދަނޑިވަޅުގައި، އެމިރޭޓްސް އާއި ގަތަރު އެއާވޭސްގެ ވަގުތީ ހަބެއްގެ ގޮތުގައި ސްރީލަންކާގެ މާތަލަ އެއާޕޯޓު ބޭނުންކުރުމަށް އެޤައުމުގެ ސަރުކާރުން ހުށަހެޅި ހުށަހެޅުމެވެ. ލަންކާގެ "ޑެއިލީ މިރާ" ނޫހުގައި އެއިރު އޮތް ގޮތުން، ލަންކާގެ ދެކުނުގައި އޮންނަ މާތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓު ޓްރާންސިޓް ހަބެއްގެ ގޮތުގައި ބޭނުންކުރުމުގެ މައްޗަށް އެމިރޭޓްސް އާއި ގަތަރު އެއާވޭސްއިން ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ، ލަންކާ ސަރުކާރުން އިސްނަގައިގެން އެ މަޝްވަރާތައް ވަނީ ކުރިއަށް ގޮސްފައެވެ. ނަމަވެސް އެ ދެ އެއާރލައިނުން ފަހުން ވަނީ ވިސްނުން ބަދަލުކޮށްފައެވެ.
އެމިރޭޓްސް ފަދަ އެއާލައިނެއްގެ ދާއިމީ ހަބެއް ރާއްޖޭގައި ހެދުމަށް މަޝްވަރާ ފަށަންޖެހޭ
ސްރީލަންކާއަކީ އިޤްތިޞާދީ ގޮތުން އަބަދުވެސް ރާއްޖެއާ ވާދަވެރި ޤައުމެކެވެ. އެޤައުމުގެ ޤައުމީ އެއާލައިން "ސްރީލަންކަން" އަކީ ރާއްޖޭގެ "މޯލްޑިވިއަން" އަށްވުރެ ބޮޑު، ފުޅާ އޮޕަރޭޝަނެކެވެ. ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑަކީ ދުނިޔޭގެ ނިސްބަތުން މާ މަޤްބޫލު ބްރޭންޑަކަށްވެފައި، ރާއްޖެ އޮތް ޖިއޯގްރަފިކް ސަރަޙައްދުގެ ގޮތުން ބައިނަލްއަޤްވާމީ ބޮޑު އެއާލައިނެއްގެ ދެވަނަ ހަބެއް ރާއްޖޭގައި ޤާއިމުކުރުމަށް އެފަދަ ކުންފުނިތަކުން މާބޮޑަށް ޝައުޤުވެރިވާނެއެވެ. ލަންކާގެ ހުށަހެޅުމަކީ ވަގުތީ ޙައްލަކަށްވާއިރު، ރާއްޖެއިން މި ފުރުޞަތުގެ ބޭނުންހިފައި އެމިރޭޓްސް، ގަތަރު އެއާވޭސް ނުވަތަ އިއްތިހާދު ފަދަ ބިޔަ އެއާލައިނެއްގެ ދާއިމީ ހަބެއް ރާއްޖޭގައި ހެދުމަށް ރަސްމީކޮށް މަޝްވަރާ ފަށަންޖެހެއެވެ.
ދިޔަދޮވީގެ ދެކޮޅު ކީއްކުރަން، ތިން ކޮޅުންވެސް މިހާރު ފެންވެހޭ
ރައީސް މައުމޫނުގެ ވެރިކަމުގައި، މީގެ ތިރީހަކަށް އަހަރު ކުރިން، އައްޑޫ ގަން އެއާޕޯޓުގައި މިފަދަ ބައިނަލްއަޤްވާމީ ހަބެއް ހެދުމަށް އެމިރޭޓްސްއިން ހުށަހެޅިއެވެ. ނަމަވެސް، އޭރު މައުމޫން ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި މާލޭގެ ބައެއް ސިޔާސީ ބޭފުޅުން ބޭނުންވީ އިޤްތިޞާދީ ޙަރަކާތްތައް މާލެ ސަރަޙައްދަށް އެކަނި ޖަމާކޮށްފައި ބެހެއްޓުމަށެވެ. އޭރުގެ ވަރަށް އިސް މިނިސްޓަރަކު މިކަމާ ގުޅިގެން "ދިޔަދޮވީގެ ދެކޮޅުން ފެން ނުވެހޭނެ" ކަމަށް ވިދާޅުވިކަމަށްވެއެވެ. ނަމަވެސް، މިއަދުގެ އިމާރާތްތައް ބޮޑުވެ، ދިޔަދޮވީގެ ދެކޮޅު ކީއްކުރަން؛ ތިން ކޮޅުންވެސް ފެންވެހެއެވެ. މިއަދު މުޅި ރާއްޖޭގެ އިޤްތިޞާދު ލާމަރުކަޒީކޮށް، ސަރަޙައްދީ ތަރައްޤީގައި މުޅި ޤައުމު ޝާމިލުކުރަން ވަނީ މަޖުބޫރުވެފައެވެ.
އޮސްޓްރޭލިއާ، އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތި ގުޅުވައިދޭ ރޫޓެއްގެ ގޮތުގައި ގަން ތަރައްޤީކުރުން
ބޭރުގެ އެއާލައިނެއްގެ ހަބެއްގެ ގޮތުގައި ތަރައްޤީކުރަން ބަލާއިރު އެންމެ އެކަށީގެންވާ އެއް އެއާޕޯޓަކީ އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯޓެވެ. ގަމުގެ 3,600 މީޓަރުގެ ދިގު ރަންވޭއަކީ ރާއްޖޭގައި އޮތް އެންމެ ދިގު އެއް ރަންވޭއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ރޯޔަލް އެއާފޯސްގެ ބިޔަ އަސްކަރީ މަތިންދާބޯޓުތައް ޖެއްސޭ ފެންވަރަށް ތައްޔާރުކޮށްފައިވާ މި ރަންވޭއަކީ، ބައިނަލްއަޤްވާމީ ބޮޑެތި މަތިންދާބޯޓުތަކުގެ ހަބަކަށް މުޅިން ފިޓްވާ ތަނެކެވެ. މީގެއިތުރުން، ގަމަކީ ބޮޑު ރަށަކަށްވުމާއެކު، ހަބަކަށް ބޭނުންވާ އިތުރު ބިން ހޯދުމުގެ ފަސޭހަކަންވެސް އެބައޮތެވެ. ގަން އޮތް ޖިއޯގްރަފިކް މުހިންމު ސަރަޙައްދުގެ ސަބަބުން، އެއީ އޮސްޓްރޭލިއާ، އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތި ގުޅުވައިދޭ މުހިންމު އޭވިއޭޝަން ރޫޓަކަށް ހެދިދާނެއެވެ..
އޭރޯބްރިޖާއެކު އެންމެ ޒަމާނީ ވަސީލަތްތައް ހިމަނައިގެން ގަން އެއާޕޯޓް މަޝްރޫޢު ފުޅާކުރުން
އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްގެން 29 މިލިއަން ޑޮލަރުގެ ހަރަދުގައި، އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭ ފެންވަރަށް ގަން އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު 2023 ގައި ވަނީ ފަށައިފައެވެ. މި މަސައްކަތް ތާވަލުކޮށްފައިވަނީ 2027 އަށް ނިންމުމަށެވެ. ނަމަވެސް، 29 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެއް އެކުލަވައިލިއިރު، މަތިންދާބޯޓަށް އަރާނެ އޭރޯބްރިޖާއި ޒަމާނީ އެކްސްރޭ މެޝިން ފަދަ އަސާސީ މުހިންމު ވަސީލަތްތައް ނުހިމަނައި އޭރުގެ އެމްޑީޕީ ސަރުކާރުން އެ މަޝްރޫޢު ފަރުމާކުރުމަކީ ހެދި ބޮޑު ގޯހެކެވެ. ގަމުގައި މިފަދަ ބައިނަލްއަޤްވާމީ އެއާލައިން ހަބެއް ޤާއިމުކުރާނަމަ، އޭރޯބްރިޖްތަކާއެކު އެންމެ ފަހުގެ ޒަމާނީ މެޝިނަރީ ހިމަނައިގެން ގަން އެއާޕޯޓްގެ މަޝްރޫޢު އަލުން ފުޅާކުރަންޖެހެއެވެ.
ހަނިމާދޫ އެއާޕޯޓް ދެކުނު އޭޝިއާ ސަރަޙައްދުގެ މިނީ ހަބަކަށް ހެދުން
ރާއްޖޭގެ އުތުރަށް ބަލާއިރު، 2,460 މީޓަރުގެ ދިގު ރަންވޭއަކާއި އޭރޯބްރިޖް ހިމެނޭހެން އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަކީ، ސްރީލަންކާއާއި އިންޑިއާއާ ވަރަށް ކައިރީގައި އޮތް ތަނަކަށްވާތީ ދެކުނު އޭޝިއާގެ މިނީ ހަބަކަށް ހަދަން ވަރަށް އެކަށީގެންވާ އެއާޕޯޓެކެވެ. ނަމަވެސް، އޮސްޓްރޭލިއާ، އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތިން ގޮސް ޔޫރަޕާ ގުޅުވައިދޭ ބައިނަލްއަޤްވާމީ ބޮޑު ހަބަކަށް ތަރައްޤީކުރަން އެންމެ އެކަށީގެންވަނީ އައްޑޫ ގަން އެއާޕޯޓެވެ.
ލަންކާއިން މި ފުރުޞަތު ނުނަގަނީސް ރާއްޖެއިން އިސްނަގައިގެން އައްޑޫ ގަމުގައި ހަބެއް ހެދުން
މެދުއިރުމަތީގެ މަޝްރަޙުން ލިބުނު ފިލާވަޅުގެ ބޭނުންހިފައި، ކުރިމަގުގައި ކުރިމަތިވެދާނެ ނުރަނގަޅު އަސަރުތަކުން ސަލާމަތްވުމަށްޓަކައި، އެމިރޭޓްސް ފަދަ ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި ދެވަނަ ހަބެއް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެއެވެ. ފޯބްސް އިން އެކުލަވައިލި ދުނިޔޭގެ އެންމެ އިޤްތިޞާދީ ޙަރަކާތް މަދު "ފަޅު" އެއާޕޯޓުތަކުގެ ލިސްޓުގައި ހިމެނޭ މާތަލަ އެއާޕޯޓު މިފަދަ ހަބަކަށް ހަދަން ސްރީލަންކާ ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، ލަންކާއަކީ ބިމުގެ ގޮތުން ބޮޑު، އިންސާނީ ވަސީލަތް ގިނަ އަދި އެ ވަސީލަތްތަކުގެ އަގު ހެޔޮ ޤައުމެކެވެ. އެހެންކަމުން، ލަންކާއިން މި ފުރުޞަތުގެ ބޭނުން ހިފުމުގެ ކުރިން، ރާއްޖެއިން އިސްނަގައިގެން އައްޑޫ ގަން ފަދަ އެއާޕޯޓެއްގައި މިފަދަ ހަބެއް ހެދުމުގެ މަސައްކަތް އަވަސްކުރަންޖެހެއެވެ. މިއީ ކުރިމަގުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެދާނެ އިޤްތިޞާދީ ލޮޅުމަކުން ސަލާމަތްވުމަށްޓަކައި ކޮންމެހެން ހިންގަންޖެހިފައިވާ ޤައުމީ އިޤްތިޞާދީ ބޮޑު މަޝްރޫޢެކެވެ.