އުޞޫލީ ގޮތުން ބަލާއިރު، ރަސްމާލެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލު މުޅިން އާ ހަރުފަތަކަށް އުފުލައި، ބޯހިޔާވަހިކަމުގެ ހައްސާސް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދީ، ޤައުމަށް ފާގަތިކަން ގެނެސްދިނުމުގެ ފުރިހަމަ ޤާބިލުކަން ތަނަވަސްވެފައިވާ، ނުހަނު އުއްމީދީ އަދި އެހާމެ ބޭނުންތެރި މަޝްރޫޢެކެވެ. ނަމަވެސް، މިފަދަ ބިޔަ އިންވެސްޓްމަންޓެއްގެ ޙަޤީޤީ މަންފާ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީ، މަޝްރޫޢު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ދައުލަތުން އެކުލަވާލަންޖެހޭ މުހިންމު އިޞްލާޙުތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައްއް ވަރަށް ސާބިތުކަމާއެކު ތަންފީޒުކުރަންޖެހެއެވެ..
އަވަސް އަރުވާލައިގެން ނޮވެމްބަރ 11 ގައި ރަސްމާލެ އެއްބަސްވުމުގައި ސޮއިނުކުރުމަށް ދިވެހި ސަރުކާރަށް އިލްތިމާސްކުރުން
އިސްތިރާޖީ އަދި ޤައުމީ ތަރައްޤީގެ ނަޒަރިއްޔާތުން ބަލާއިރު، ރަސްމާލެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތު މުޅިން އާ ހަރުފަތަކަށް އުފުލައިދިނުމުގެ ފުރިހަމަ ޤާބިލުކަން ތަނަވަސްވެފައިވާ، ނުހަނު އުއްމީދީ މަޝްރޫޢެކެވެ. ނަމަވެސް، މިފަދަ ބިޔަ އަދި ޤައުމުގެ މުސްތަޤްބަލާ ގުޅިފައިވާ އިންވެސްޓްމަންޓެއްގައި، އެކަށީގެންވާ ޤާނޫނީ ރައްކާތެރިކަމުގެ އުޞޫލުތަކާއި، ދެފުށްފެންނަ މާލީ ނިޒާމެއް ޤާއިމުކުރުމެއްނެތި، އަދި ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ފުރިހަމަ ދިރާސާއެއް އާންމުކުރުމެއްނެތި ނިހާއީ އެއްބަސްވުންތަކުގައި ސޮއިކުރުމަކީ ދައުލަތުން ނަގާ އިންތިހާއަށް ނުރައްކާތެރި މާލީ އަދި ސިޔާދަތީ ރިސްކެކެވެ. ދިގު މުއްދަތަކަށް ގޯތިގެދޮރާއި ބިން ދޫކުރުމުގެ އިލްތިޒާމްތައް ދައުލަތުން އުފުލާއިރު، އާންމު ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހަށް އެއްބަސްވުމުގެ ތަފްސީލުތައް ސާފުކޮށްނުދީ، އަވަސް އަރުވާލައިގެން ކުރިއަށް އޮތް ނޮވެމްބަރ 11 ގައި ރަސްމާލެ އެއްބަސްވުމުގައި ސޮއިނުކުރުމަށް ދިވެހި ސަރުކާރަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. ޤައުމީ މަޞްލަޙަތު އިސްކޮށް، މިފަދަ ނިންމުމެއް ނިންމަންވާނީ އެކަށީގެންވާ ވަގުތު ނަގައިގެން، މިނިވަން، ފަންނީ އޮޑިޓްތަކާއި މާލީ ދިރާސާތައް ފުރިހަމަކޮށް، ދެފުށްފެންނަ އުޞޫލުތަކުގެ ތެރެއިން ދިވެހި ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ކަށަވަރުކުރުމަށްފަހުގައެވެ.
ބައިނަލްއަޤްވާމީ ވަރުގަދަ ލޯފާރމެއްގެ އެހީގައި، ލޫޕް ހޯލްތައް ނުހުންނަ ވަރުގެ ވަރުގަދަ އެގްރީމެންޓެއް ހަދަން ޖެހޭ
ބަލަންވާ ވަރަށް ނުބަލައި، މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފިނަމަ ޤައުމުގެ މާލީ އަދި އިޤްތިޞާދީ ހަމަޖެހުން ގެއްލި، އަނބުރާ އިއާދަނުކުރެވޭ ވަރުގެ ފުން މާލީ އަނދަވަޅަކަށް ދިވެހިރާއްޖެ ވެއްޓުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މި މަޝްރޫޢު ކޮރަޕްޝަނާއި ފަސާދައިން ތަޣައްޔަރުވެ، ކުރު ރާސްތާގެ ސިޔާސީ މަންފާއަކަށް އެކަނި އިސްކަންދީގެން ކުރިއަށް ގެންގޮސްފިނަމަ، ރަސްމާލެ މަޝްރޫޢު ވެގެންދާނީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އުފުލަންޖެހޭ ބޮޑު މާލީ، ޤައުމީ އަދި ތިމާވެށީގެ ބުރައަކަށެވެ. މިފަދަ ބިޔަ މަޝްރޫޢުތަކަށް ބޮޑެތި މާލީ އިންވެސްޓްމަންޓްތައް ކުރާއިރު، ތިމާވެއްޓަށް ކުރާނެ އަސަރުތަކުގެ ފުރިހަމަ ދިރާސާތައް ހަދައި، ދަރަނި ބެލެހެއްޓުމުގެ ހަރުދަނާ މާލީ ސިޔާސަތުތައް ޤާއިމް ކޮށް، ބައިނަލްއަޤްވާމީ ވަރުގަދަ ލޯފާރމެއްގެ އެހީގައި، ލޫޕް ހޯލްތައް ނުހުންނަ ވަރުގެ ވަރުގަދަ އެގްރީމެންޓެއް ހަދަން ޖެހެއެވެ.
ޤައުމީ ތަރައްޤީގެ ދެމެހެއްޓެނިވިކަން މުޅިން ފުނޑުފުނޑުވެގެން ދިއުމުގެ ނުރައްކާ
ހަރުދަނާ މާލީ ސިޔާސަތުތަކާއި، ފަންނީ ދިރާސާތަކާއި، ދެފުށްފެންނަ އުޞޫލުތަކާ ނުލައި މިފަދަ ބިޔަ މަޝްރޫޢެއް ކުރިއަށް ގެންގޮސްފިނަމަ، މަޝްރޫޢުގެ ޚަރަދުތައް އަތްނުފޯރާ މިންވަރަށް ބޮޑުވެ، ދައުލަތުގެ މާލީ ރިޒާވް އެކީ ހުސްވެގެންދިއުމުގެ ބޮޑު ބިރުވެރިކަމެއް އެބައޮތެވެ. ފުރިހަމަ އަށް ތައްޔާރުނުވެ، ބަލަންވާ ވަރަށް ނުބަލައި މިފަދަ އެގްރީމެންޓެއްގެ ތެރެއަށް ދައުލަތުން ފުންމާލައިފިނަމަ، ދައުލަތުގެ އިޤްތިޞާދީ ނިޒާމަށް ބަރުދާސްތު ނުކުރެވޭވަރުގެ ދަރަނިތަކެއް އުފުލަން ޖެހި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ދެމެހެއްޓެނިވިކަން މުޅިން ފުނޑުފުނޑުވެގެން ދިއުމުގެ ފުރުޞަތު އިންތިހާއަށް ބޮޑެވެ. މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުޅި ޤައުމުގެ އިޤްތިޞާދީ ސިޔާދަތު ގުޑައި، އަންނަން އޮތް ޖީލުތަކަށް އޭގެ ހިތިރަހަ އުފުލަން ޖެހުމުގެ ބިރު އެބައޮތެވެ.
މީގެ ސަބަބުން ވަން-އައިލެންޑް-ވަން-ރިސޯޓް މޮޑެލްއަށް ލިބިދާނެ ވިޔަފާރީގެ ގެއްލުން ތަކެއް ހުރިތޯ ދިރާސާކުރުން
ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ބަދަ އަކީ، އަދި ދުނިޔޭގެ މަޤްބޫލުކަން ހޯދާފައިވާ އެންމެ ޙާއްސަ ކޮންސެޕްޓަކީ ރާއްޖޭގެ އެކަހެރި، ގުދުރަތީ ރަށްތަކުގައި ގާއިމުކޮށްފައިވާ "ވަން-އައިލެންޑް-ވަން-ރިސޯޓް" މޮޑެލްއެވެ. ރަސްމާލެ ފަދަ ބިޔަ ފަޅެއް ހިއްކައިގެން ބޮޑެތި އާބާދީތަކާއި އިންޑަސްޓްރިއަލް މަސައްކަތްތަކާއި ހޮޓެލްތައް އެއްސަރަހައްދަކަށް ޖަމާކުރާއިރު، ކަނޑުގެ ތިމާވެށްޓާއި ފަރުތަކަށް ލިބިދާނެ އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކުގެ އިތުރުން، މި ފަދަ މެގާ-ޕްރޮޖެކްޓްތަކުގެ ސަބަބުން ރާއްޖޭގެ ޕްރީމިއަމް ޓޫރިޒަމް ބްރޭންޑުގެ ޑިމާންޑަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ފުންކޮށް ދިރާސާކުރަންޖެހެއެވެ. މާލެ ސަރަހައްދުގެ ފަރުތަކުން ބޮޑެތި ސަރަހައްދުތައް ހިއްކުމުގެ ސަބަބުން ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތަކާއި، ކަކުނި އަދި މުރަކައިގެ ދިރުންތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ކައިރީގައިވާ އެކަހެރި ރިސޯޓުތަކުގެ ގުދުރަތީ ރީތިކަން ގެއްލި، ރާއްޖެއަށް އަންނަ ހައި-އެންޑް ފަތުރުވެރިން އެދޭ "އެކަހެރިކަމާއި ސާފު ތިމާވެށި" ކްލައިންޓެލްއަށް ބުރޫއަރާފާނެއެވެ. މިއީ މުޅި ފަތުރުވެރިކަމުގެ ސިނާއަތުގެ އިގްތިސާދީ އަގު ވައްޓާލައި، ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް ބިނާވެފައިވާ ދިވެހި ރިސޯޓު ސިނާއަތުގެ ދެމެހެއްޓެނިވިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ދިވެހިރާއްޖޭގެ ބިމުން ބޮޑު ބައެއް އިސްލާމްދީނަށް ނަފްރަތުކުރާ ބޭރުގެ ފަރާތްތަކެއްގެ އަތްމައްޗަށް 99 އަހަރުގެ ދިގު މުއްދަތަކަށް ދޫވެގެންދިއުމުގެ ފުރުޞަތު ބަންދުކުރުން
އިޖުތިމާޢީ އަދި ޤައުމީ ސިޔާދަތުގެ ނަޒަރިއްޔާތުން ބަލާއިރު އެންމެ ނުރައްކާތެރި އެއް ކަމަކީ، ދެފުށް ނުފެންނަ އުޞޫލުތަކުން ބިންތައް ދޫކުރުމާއި، ނުރައްކާތެރި މާލީ އެއްބަސްވުންތަކެއްގެ ތެރެއިން މިކަން ކުރިއަށް ގޮސްފިނަމަ، ދިވެހިރާއްޖޭގެ ބިމުން ބޮޑު ބައެއް، ސައްތައިން ސައްތަ އިސްލާމީ ޤައުމީ ހުވިއްޔަތާއި، އިސްލާމީ ތަރިކައަށް ހުރަސްއަޅާ، ނުވަތަ އިސްލާމްދީނަށް ނަފްރަތުކުރާ ބޭރުގެ ފަރާތްތަކެއްގެ އަތްމައްޗަށް 99 އަހަރުގެ ދިގު މުއްދަތަކަށް ދޫވެގެންދިއުމެވެ. މިފަދަ ގޮތަކަށް ތަރިކައާއި ބިން ބޭރުގެ ފަރާތްތަކަކާ ހަވާލުކުރެވިއްޖެނަމަ، މިއީ ހަމައެކަނި އިޤްތިޞާދީ ގެއްލުމެއް ނޫނެވެ؛ މިއީ ދިވެހިންގެ ދީނީ ވަހުދަތާއި، މިނިވަންކަމާއި، އިސްލާމީ ސަގާފަތުގެ އަސާސްތަކަށް އުނިކަން ލިބި، އަންނަން އޮތް ޖީލުތަކުގެ އަމިއްލަ ސިޔާދަތީ ޙައްޤުތައް މުޅިން ގެއްލިގެން ހިނގައިދާނެ ސީރިއަސް ނުރައްކަލެކެވެ.
ރަނގަޅަށް ކޮށްފިނަމަ އުއްމީދީ މަޝްރޫޢެއް
ނަމަވެސް، އިޚްލާޞްތެރިކަމާއެކު ދިވެހި ސަރުކާރުން މިކަން ކޮށްފިނަމަ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލުހޯދައިދީ، މުޅިންއާ އިޤްތިޞާދީ ސަރަޙައްދުތަކެއް ޤާއިމުކޮށް، ދިވެހިރާއްޖެ އުޖާލާ މުސްތަޤްބަލަކަށް ވާސިލުކޮށްދިނުމުގެ ފުރުސަތު މި މަޝްރޫޢުގައި އެބައޮތެވެ. ހަމައެހެންމެ، ދެފުށްފެންނަ ގޮތަށް، ކޮރަޕްޝަނާ ނުލައި، އިޚްލާޞްތެރިކަމާއެކު މިކަން ކޮށްފިނަމަ، އަދި ޤައުމީ ސިޔާދަތު ރައްކާތެރިކުރެވިއްޖެނަމަ، ރަސްމާލެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މުސްތަޤްބަލު މުޅިން އާ ހަރުފަތަކަށް އުފުލައިދިނުމުގެ ފުރިހަމަ ފުރުސަތު ތަނަވަސްވެފައިވާ މަޝްރޫޢެކެވެ.
ދުބާއީ ވޯލްޑުގެ 2 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ހުއްޓުވުން
އިޤްތިޞާދީ ވުޒާރާގައި މީގެ 19 ވަރަކަށް އަހަރު ކުރިން މަސައްކަތްކުރި އަޅުގަނޑުގެ އެކުވެރިޔަކު އިއްޔެ ދެއްކި ވާހަކައެއް މިތަނުގައި ފާހަގަ ކޮށްލާނަމެވެ. އޭނާ ކިޔައިދިން ގޮތުގައި، 2007 ވަނަ އަހަރު، ރައީސް މައުމޫނުގެ ވެރިކަމުގައި، ދުބާއީ ވޯލްޑުން ރާއްޖެއަށް އައިސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދުނިޔޭގެ ފެންވަރުގެ ކޮންޓެއިނަރ ބަނދަރެއް އެޅުމަށް 2 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓެއް ހުށަހެޅިއެވެ. އެއީ 2001 ވަނަ އަހަރު އެމެރިކާއަށް ދެވުނު 9/11 ގެ ޙަމަލާއަށްފަހު، އަރަބި ޤައުމުތަކުން އެމެރިކާގައި ހުރި އެމީހުންގެ އިންވެސްޓްމަންޓްތައް ނަގައި، އެހެން ސަރަޙައްދުތަކަށް ސިންދާފަތުކުރަން އުޅުނު ދުވަސްވަރެވެ. އެއިރު އެ ކޮންޓެއިނަރ ޓްރާންސްޝިޕްމަންޓް ހަބް ރާއްޖޭގައި ބިނާކުރެވުނުނަމަ، އިންޑިއާގެ ދޮރުމަތީގައި އޮތް ރާއްޖެއަކީ މިއަދު ދުބާއީ ފަދަ ބައިނަލްއަޤްވާމީ އިޤްތިޞާދީ މަރުކަޒަކަށް ވީހެވެ. ނަމަވެސް، އޭރު ރާއްޖޭގައި ތިބި ބައެއް ވިޔަފާރިވެރިންގެ އަމިއްލަ އެދުމާއި އެކު، ރައީސް މައުމޫނަށް ނުފޫޒު ފޯރުވައިގެން އެ މަޝްރޫޢު ހުއްޓުވީއެވެ. ޤައުމުގައި އެއިރު ތިބި ސިޔާސީ ވެރިންނާއި ވިޔަފާރި ވެރިންގެ ކުރުވިސްނުމުގެ ސަބަބުން އެ ތާރީޚީ ފުރުޞަތު ދިވެހީންނަށް ގެއްލިގެން ދިޔައެވެ.
ސައުދި އަރަބިއާގެ "ފާފު-އަތޮޅު" ޕްރޮޖެކްޓް ހުއްޓުވުން
މިފަދަ ދެވަނަ ޙާދިސާއެއް ހިނގީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުއެވެ. ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު ފާފު އަތޮޅުގައި އެތައް ބިލިއަން އެމެރިކާ ޑޮލަރެއްގެ ބިޔަ ލަގްޒަރީ ފަތުރުވެރިކަމުގެ މަޝްރޫޢެއް ހިންގަވަން ހުށަހެޅުއްވިއެވެ. ސަޢޫދީ ރަސްގެފާނު ސަލްމާން ރާއްޖެއަށް ވަޑައިގެން މި މަޝްރޫޢު އިފްތިތާޙުކުރައްވަން ހަމަޖެހި، ރައީސް ޔާމީން މިކަމަށް ފުރިހަމައަށް ތައްޔާރުވެވަޑައިގެން ހުނަވަނިކޮށް، އެއިރުގެ އިދިކޮޅު ޕާރޓީ، އެމްޑީޕީ އިން "ޤައުމު ވިއްކާލަނީ" ކަމަށާއި "ދީނީ ނުރައްކަލެއް އޮތް" ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރައި، މަގުމައްޗަށް މީހުން ނެރެ، ބޮޑު ގަޑުބަޑެއް އުފެއްދިއެވެ. ނަތީޖާއަކީ ސަޢޫދީން އެ މަޝްރޫޢު ރާއްޖެއިން ނަގައި، ރެޑް ސީ (ރަތް ކަނޑު) ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢަކަށް ބަދަލުކުރުމެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދަށް އަނެއްކާވެސް ގެއްލުނީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ފުރުޞަތެކެވެ
ރަސް-މާލެ ފަދަ މަޝްރޫޢުތަކަށް ހުރަސްއެޅުމަކީ ތަކުރާރުކޮށް ހިންގޭ ސިޔާސ-ޤައުމީ ޖަރީމާއެއް
މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ރަސްމާލެ މަޝްރޫޢެވެ. އިސްރާއީލާއި އީރާނުގެ ހަނގުރާމައާއި މެދުއިރުމަތީގެ ނުތަނަވަސްކަމުގެ ސަބަބުން، ޔޫއޭއީ (އެކުވެރި ޢަރަބި ޢިމާރާތް) ގެ އިންވެސްޓަރުން އެމީހުންގެ ބައެއް އިންވެސްޓްމަންޓްތައް މެދުއިރުމަތިން ބޭރަށް ސިންދަފާތުކުރަން ބޭނުންވެފައިވާ ދަނޑިވަޅެއްގައި، ޔޫ.އޭ.އީ ގެ ބިޔަ ކުންފުންޏަކުން ރާއްޖެއަށް އައީ "މިނީ-ދުބާއީ" އެއްގެ ގޮތުގައި ރަސްމާލެ ބިނާކުރުމަށެވެ. ނަމަވެސް، ތާރީޚު އަނެއްކާވެސް ތަކުރާރުވަނީއެވެ. އިދިކޮޅު އެމްޑީޕީއާއި، ހައިރާންވާންޖެހޭ ގޮތަކަށް ރައީސް ޔާމީނަށް ތާއީދުކުރާ ޕީ.އެން.އެފް ގުޅިގެން، ފާފު އަތޮޅު މަޝްރޫޢު ހުއްޓުވި ގޮތަށް، ދޮގު ވާހަކަތައް ފަތުރައިގެން ރަސްމާލެ މަޝްރޫޢު ހުއްޓުވަން ދަނީ މަސައްކަތްކުރަމުންނެވެ. ސިންގަޕޫރާއި ދުބާއީ ފަދައިން ތަރައްޤީ ވާން ދިވެހިން ބޭނުންވެއެވެ؛ ނަމަވެސް، މިފަދަ ރަނުގެ ފުރުޞަތެއް ލިބޭ ކޮންމެ ފަހަރަކު، އިދިކޮޅު ސިޔާސީ ވެރިންގެ އަމިއްލަ އެދުމާއި ސިޔާސީ މަންފާއަށްޓަކައި މިފަދަ މަޝްރޫޢުތަކަށް ހުރަސްއެޅުމަކީ ތަކުރާރުކޮށް ހިންގޭ ޤައުމީ ޖަރީމާއެކެވެ.
އިދިކޮޅު ފަރާތްތަކުން ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އަޑުއުފުލަނީ ލޯމަރައިގެން ތިބެ މުޅި މަޝްރޫޢު ގޯސް ކުރާ ގޮތަށެވެ. ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ފާހަގަ ކުރުމެއް ނެތި، ސިޔާސީ ބޭނުމަށް މުޅި މަޝްރޫއަށް ހުރަސްއެޅުމަކީ އެންމެ ޒިއްމާދާރު ގޮތެއް ނޫނެވެ. ފަހުބަހަކަށް އަޅުގަނޑު ދަންނަވާނީ، ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ދާއިމީ ޙައްލެއް ހޯދައިދީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މުސްތަޤްބަލު އާ ހަރުފަތަކަށް އުފުލައިދިނުމުގެ ފުރިހަމަ ޤާބިލުކަން ތަނަވަސްވެފައިވާ ނުހަނު އުއްމީދީ މަޝްރޫޢެކެވެ.
ނަމަވެސް، މިފަދަ ބިޔަ އިންވެސްޓްމަންޓެއް ދެފުށްނުފެންނަ ގޮތަށް އަވަސްއަރުވާލައިގެން ނޮވެމްބަރ 11 ގައި ސޮއިކޮށްފިނަމަ، ދައުލަތުގެ މާލީ ރިޒާވް ހުސްވެ، "ވަން-އައިލެންޑް-ވަން-ރިސޯޓް" މޮޑެލްއަށާއި ތިމާވެށްޓަށް އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، އަދި އެންމެ ނުރައްކާތެރި ކަމެއްގެ ގޮތުން، 99 އަހަރުގެ ދިގު މުއްދަތަކަށް ރާއްޖޭގެ ބިންތައް އިސްލާމްދީނާ ދެކޮޅު ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ދޫވެ ޤައުމީ ސިޔާދަތާއި ދީނީ ވަހުދަތު ގެއްލުމުގެ ބިރު އެބައޮތެވެ.
މިއަދު ދިވެހި ސަރުކާރަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ، އަވަސް އަރުވާލައިގެން މިމަޝްރޫޢުގައި ސޮއިނުކޮށް، ކޮރަޕްޝަނާ ނުލައި، ބައިނަލްއަޤްވާމީ ޤާނޫނީ އަދި މާލީ ފަންނީ ދިރާސާތަކާއެކު، ދެފުށްފެންނަ، ހަރުދަނާ އުޞޫލުތަކެއްގެ ތެރެއިން ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ޙައްޤުތައް ރަސްމާލެ މަޝްރޫޢުގައި ފުރިހަމައަށް ކަށަވަރުކުރުމެވެ.