އިޤްތިސާދު

މިކަންކަން ނުކޮށްފިނަމަ ރަސްމާލެ މަޝްރޫޢު ވާނީ ސިޔާސީ އަނދަވަޅަކަށް

ރަސްމާލެ މަޝްރޫޢުގައި، ތިރީގައިވާ ފަދަ މުހިއްމު ކަންކަން ނުކޮށް، ދެފުށް ނުފެންނަގޮތަށް، އަވަސްއަރުވާލައިގެން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އެކަން ވާނީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ކުރިމަގު މާލީ އަދި އިޖްތިމާއީ އަނދަވަޅަކަށް ވައްޓާލާނެ ކަމަކަށެވެ! ތިރީގައިވާ ކަންކަން، ދެފުށްފެންނަ ގޮތެއްގައި ހާމަކޮށް، ފުރިހަމައަށް އިޞްލާޙުކޮށްގެން ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ތަސައްވުރު އިތުރަށް ވަރުގަދަވެ، މަޝްރޫޢު ސައްޙަ ގޮތުގައި ނިންމާލުމަށް މިންވަރުކުރާނެ އެންމެ ބޮޑު ބާރެވެ.

މިކަންކަން ނުކޮށްފިނަމަ ރަސްމާލެ މަޝްރޫޢު ވާނީ ސިޔާސީ އަނދަވަޅަކަށް

އުޞޫލީ ގޮތުން ބަލާއިރު، "ރަސްމާލެ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މުސްތަޤްބަލު މުޅިން އާ ހަރުފަތަކަށް އުފުލައިދިނުމުގެ ފުރިހަމަ ޤާބިލުކަން ތަނަވަސްވެފައިވާ، ޤައުމަށް ނުހަނު ފައިދާހޯދިދާނެ މަޝްރޫޢެކެވެ. ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުނުކޮށް، ބޭރުގެ ސީދާ އިންވެސްޓްމަންޓް (ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް) ގެ ގޮތުގައި 20 ބިލިއަނާއި 30 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ ބިޔަ ފަންޑިންގއެއް ރާއްޖެއަށް ގެނައުމަކީ، ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތް ދިވެހި އިޤްތިޞާދު ސިންދަފާތުކޮށް، ވަޒީފާއާއި ބޯހިޔާވަހިކަން އުފެއްދުމަށްޓަކައި ހިންގިދާނެ ވަރަށް މުހިންމު އަދި އުއްމީދީ މަޝްރޫޢުއެކެވެ. މޯލްޑިވްސް ބިޒްނަސް ޗޭމްބަރ އިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން 54,000 އަށްވުރެ ގިނަ އާ ވަޒީފާގެ ފުރުޞަތު އުފެދި، މަޝްރޫޢު ނިމި ހިނގައިގަތުމުން އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރަސްމާލެއަށް އައިސް، ފަތުރުވެރިކަމުން އެކަނިވެސް އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ދިވެހި އިޤްތިޞާދަށް ވަންނާނެއެވެ. ނަމަވެސް، މިފަދަ ބިޔަ މަޝްރޫޢެއްގެ ޙަޤީޤީ މަންފާ ދިވެހި ރައްޔިތުންނަށް ލިބި، ސިޔާސީ ފާޑުކިއުންތަކުން ދުރުވެ، މަޝްރޫޢު ޢަމަލީ ގޮތުން ކާމިޔާބު ކުރެވޭނީ ސަރުކާރުން ދެފުށްފެންނަ ގޮތެއްގައި ތިރީގައިވާ ކަންކަން ފުރިހަމައަށް އިޞްލާޙުކޮށް ތަންފީޛުކޮށްގެންނެވެ.

1. އަސާސީ ޚިދުމަތްތައް ދައުލަތުގެ ކުންފުނިތަކަށް ޚާއްޞަކުރުން

އިޝްތިހާރު

ރާއްޖޭގެ ރިސޯރޓުތަކުގައި ކަންކުރާ ގޮތަށް ރަސްމާލޭގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް ބޭރުގެ ޑިވެލޮޕަރ އަމިއްލައަށް ކުރުމުގެ ފުރުޞަތު ދީގެންނުވާނެއެވެ. މިއީ ދައުލަތުގެ މުހިއްމު ޔުޓިލިޓީ ދެ ކުންފުނި ކަމުގައިވާ ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އަށް ޚާއްޞަކުރެވެންޖެހޭނެ ކަންކަމެވެ. ދިވެހިރާއްޖެއަށް އެންމެ އެކަށީގެންވާ، އަދި އެންމެ ފައިދާކުރާނެ ވިޔަފާރި މޮޑެލްއަކީ އެއީއެވެ. މިފަދަ ބޮޑު ސަރަޙައްދަކަށް ކަރަންޓާއި ފެން ފޯރުކޮށްދިނުމުގެ މުތުލަޤު ޙައްޤު ދައުލަތުގެ ކުންފުނިތަކަށް ލިބުމުން، ދައުލަތަށް ދާއިމީ ބޮޑު އާމްދަނީއެއް ލިބުމުގެ އިތުރުން، އަސާސީ ޚިދުމަތްތަކުގެ ކޮންޓްރޯލް ދިވެހި ދައުލަތުގެ އަތްމަތީގައި އޮތުން ކަށަވަރުވެގެންދާނެއެވެ.

2. ބައިނަލްއަޤްވާމީ ފެންވަރުގެ ލޯފާރމަކުން ދައުލަތަށް ޤާނޫނީ އެހީތެރިކަން ހޯދުން

މިފަދަ، އެތައް ބިލިއަން ޑޮލަރެއްގެ މެގަ-މަޝްރޫޢެއްގެ އެއްބަސްވުން އެކުލަވާލައި، މަޝްވަރާކޮށް ނިންމުމުގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ލޯފާރމެއް ނުވަތަ ޤާނޫނީ ކުންފުންޏެއް ސަރުކާރުން އައްޔަންކުރަންޖެހެއެވެ. ބޭރުގެ ބިޔަ އިންވެސްޓަރުންނާ މުއާމަލާތް ކުރުމުގައި، އަދި އެގްރީމްންޓުތައް ހެދުމުގައި ދިވެހި ދައުލަތުގެ ޤާނޫނީ އަދި މާލީ މަސްލަޙަތުތައް ފުރިހަމައަށް ޙިމާޔަތްކުރެވޭނީ، މިފަދަ ބައިނަލްއަޤްވާމީ އެއްބަސްވުންތަކުގެ ފުރިހަމަ ތަޖުރިބާ ހުރި ޤާނޫނީ ވަކީލުންގެ އިރުޝާދާ އެކު ދައުލަތުގެ ޤާނޫނީ ޓީމުން މަސައްކަތް ކޮށްގެންނެވެ.

3. ރާއްޖޭގެ ސޮވްރިން ޑިވެލޮޕްމެންޓް ފަންޑަށް ފައިސާ ޖަމާކުރުން

ރަސްމާލެ މަޝްރޫޢުގެ ޑިވެލޮޕަރު، އެކުވެރި ޢަރަބި އިމާރާތުގެ އީގަލް ހިލްސްއާއެކު ވެވޭ އެއްބަސްވުމުގެ މާލީ އިލްތިޒާމްތަކުގެ ތެރެއިން، ޕްރޮޕަޓީ ވިއްކައިގެންނާއި ކުއްޔަށްދީގެން ލިބޭ ޖުމްލަ އާމްދަނީގެ ކަނޑައެޅޭ ވަކި އިންސައްތައެއް (ނުވަތަ ބިން ދޫކުރުމުގެ ފީގެ ވަކި މިންވަރެއް) ސީދާ މަރުކަޒީ ބޭންކުގައި ހުރި ދިވެހިރާއްޖޭގެ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް، އެމެރިކާ ޑޮލަރުން، ޖަމާކުރަންޖެހޭ ގޮތަށް ރަސް-މާލެ އެއްބަސްވުމުގައި ޤާނޫނީ ގޮތުން ލާޒިމުކުރަންޖެހެއެވެ. ރާއްޖޭގެ 2026 ވަނަ އަހަރުގެ ބަޖެޓުގެ މާލީ އިޞްލާޙުތަކާއި، ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން (ފިޗް އަދި މޫޑީޒް) ފާހަގަކޮށްފައިވާ ދަރަނީގެ ނުރައްކާތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އަދާކުރަންޖެހޭ ބޭރުގެ ބޮންޑުތަކާއި ސުކޫކުތައް ދައްކައި ޚަލާޞްކުރުމަށްޓަކައި އެސް.ޑީ.އެފް ގެ ޑޮލަރު ރިޒާވް ވަރުގަދަކޮށް އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިއީ ހަމައެކަނި ދައުލަތުގެ އާންމު ރިޒާވް މަތިކުރުމުގެ އިތުރުން، ބޭރުގެ ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުކޮށް، ބޭރު ފައިސާގެ ތާށިކަމުން އިޤްތިޞާދު ރައްކާތެރިކުރުމަށް އެޅޭނެ ފުރިހަމަ މާލީ ރައްކާތެރިކަމުގެ ފިޔަވަޅަކަށް ވާނެއެވެ.

4. ހުޅުމާލޭގައި އަޅާ 5000 ހައުސިންގ ޔުނިޓުގެ މާލީ އިންތިޒާމު

ރަސްމާލެ މަޝްރޫޢުގެ ދަށުން، 500 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 7.7 ބިލިއަން ދިވެހި ރުފިޔާ ޙަރަދުކޮށްގެން ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްޤީކޮށްދިނުމަށް ހަމަޖެހިފައިވާ  5,000 އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ޔުނިޓަކީ ކުރިމަގުގައި ރަސްމާލޭގެ ޕްރޮޕަޓީތައް ވިއްކައިގެން ދިވެހި ދައުލަތަށް ލިބެންޖެހޭ އާމްދަނީގެ ޙިއްޞާއިން އުނިކުރެވޭ (އޮފްސެޓް ކުރެވޭ) މާލީ އިލްތިޒާމަކަށް ވެގެންނުވާނެއެވެ. އޭގެ ބަދަލުގައި، މިއީ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ޑިވެލޮޕަރުގެ އަމިއްލަ ކެޕިޓަލް އިންވެސްޓްމަންޓުގެ ތެރެއިން ދިވެހި ދައުލަތަށް ދެވޭ "އެކުއިޒިޝަން ކޮސްޓް" ނުވަތަ އަނބުރާ ދައްކަންނުޖެހޭ އެޑްވާންސް މާލީ އިނާޔަތެއްގެ ގޮތުގައި އެއްބަސްވުމުގައި ޤާނޫނީ ގޮތުން ސަރީޙަކޮށް ބަޔާންކުރަންޖެހެއެވެ. މީގެ އިތުރުން، މިއީ ހަމައެކަނި ވައުދެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ހައުސިންގ ޔުނިޓްތަކުގެ ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ތާވަލާއި، އިނޖިނިއަރިންގ އަދި ކޮންސްޓްރަކްޝަން މިންގަނޑުތައް ހިމެނޭ "ޕްރޮޖެކްޓް އެގްރީމަންޓް" ވަކި މަޝްރޫޢެއްގެ ގޮތުގައި އިފްތިތާޙުކޮށް އާންމުކުރުމަކީ، އާންމު ރައްޔިތުންގެ އިތުބާރު ބޮޑުވެ، ބޯހިޔާވަހިކަމުގެ ކަށަވަރުކަން ލިބިގެންދާނެ ނުހަނު މުހިންމު ފިޔަވަޅެކެވެ.

5. ދިހަ އަހަރުގެ ތާވަލާއި، މަޝްރޫޢު ލަސްވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް

ރަސްމާލެ މަޝްރޫޢަކީ 10 އަހަރުގެ ދިގު މުއްދަތަކަށް ބަހާލައިގެން ތަރައްޤީކުރުމަށް ރޭވިފައިވާ ބިޔަ މެގަ-މަޝްރޫޢެއް ކަމަށްވުމާއެކު، މަޝްރޫޢު ކުރިއަށްދާނެ ވަކިވަކި ފިޔަވަހިތަކާއި، ކޮންމެ ފިޔަވައްސެއްގައި ޙާޞިލުކުރަންޖެހޭ ޢުމްރާނީ އަދި މާލީ ލަނޑުދަނޑިތައް ސަރީޙަކޮށް ބަޔާންކުރާ ތަފްސީލީ "ޕްރޮޖެކްޓް މާސްޓަރ ތާވަލެއް" އެއްބަސްވުމުގައި ހިމަނައި އާންމުކުރަންޖެހެއެވެ. ޑިވެލޮޕަރުގެ އިހުމާލުން ނުވަތަ ޤާބިލުކަން ނެތުމުގެ ސަބަބުން މަޝްރޫޢުގެ މަސައްކަތްތައް ތާވަލަށްވުރެ ލަސްވާނަމަ، ދިވެހި ދައުލަތަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ މާލީ ޖޫރިމަނާތަކާއި، ޑިވެލޮޕަރުގެ މާލީ އިލްތިޒާމުތައް ފުރިހަމަނުކުރެވިއްޖެ ޙާލަތެއްގައި ބިންތައް އަނބުރާ ދައުލަތަށް ނެގޭނެ "ޕާފޯމަންސް ބޮންޑު" އަދި "ގެރެންޓީ" ތަކުގެ އިންތިޒާމުތައް ޤާނޫނީ ގޮތުން ކަށަވަރުކުރަންޖެހެއެވެ. މީގެ އިތުރުން، އެއްބަސްވުމާ ޚިލާފުވާ މުއްދަތު ދިގުލައިގެންގޮސް، މަޝްރޫޢު ހުއްޓޭ ހިސާބަށް ގޮސްފިނަމަ، ދިވެހި ދައުލަތަށް އެއްވެސް މާލީ އަދި ޤާނޫނީ އިލްތިޒާމެއް ނުއުފުލައި، އެއްބަސްވުން އުވާލުމުގެ މުތުލަޤު ބާރު ދިވެހި ސަރުކާރަށް ލިބިދޭ މާއްދާތައް ހިމެނުމަކީ، ޤައުމީ މަސްލަޙަތު ޙިމާޔަތްކޮށް، މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަމެކެވެ.

6. ޤާނޫނީ އޮނިގަނޑާއި އިސްރާއީލް ރައްޔިތުންނަށް ނާދެވޭ ގޮތް ހެދުން

މަޝްރޫޢު ޤާނޫނީ ގޮތުން ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އާ ރިއަލް އެސްޓޭޓް ޤާނޫނުގެ ބިލުގެ ތެރެއިން، އިސްރާއީލުގެ ރައްޔިތުންނަށް ނުވަތަ އެ ޤައުމާ ގުޅުންހުރި ފަރާތްތަކަށް ރަސްމާލެއިން އެއްވެސް ޕްރޮޕަޓީއެއް ގަތުމާއި ހޯދުން ޤާނޫނީ ގޮތުން ސަރީޙަކޮށް މަނާކުރެވޭނެކަން ކަށަވަރުކުރަންޖެހެއެވެ. މީގެ އިތުރުން، މިހާރުވެސް އިންވެސްޓްކުރަން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ މެދުއިރުމަތީގެ އަރަބި އިސްލާމީ ޤައުމުތަކުގެ އިންވެސްޓަރުން ކަމަށްވުމާއެކު، ސަރަޙައްދީ އިސްލާމީ އިންވެސްޓްމަންޓްތަކަށް އިސްކަންދޭ ޤާނޫނީ މިންގަނޑުތަކެއް ޤާއިމުކުރުން މުހިންމެވެ.

7. ނުވަދިހަ ނުވަ އަހަރުގެ ލީސްހޯލްޑް، އޯނަރޝިޕް ކޮންޓްރޯލް އަދި އޮޓޯ-ރިނިއު ނުވުން

ރަސްމާލެ މަޝްރޫޢުގެ ދަށުން ދޫކުރެވޭ ބިންތަކާއި ޕްރޮޕަޓީތައް ކުއްޔަށްދިނުމުގެ މުއްދަތާއި މިލްކުވެރިކަމާ ގުޅޭގޮތުން، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރާއި ޤައުމީ މަސްލަޙަތު ފުރިހަމައަށް ޙިމާޔަތްކުރުމަށްޓަކައި އެއްބަސްވުމުގައި ވަރަށް ސަރީޙަކޮށް މާއްދާތައް ހިމަނައި ޤާނޫނީ ގޮތުން ކަށަވަރުކުރަންޖެހެއެވެ. އެގޮތުން، 99 އަހަރުގެ ލީސްހޯލްޑް މުއްދަތު ހަމަވުމުން، އެ ބިންތަކާއި އިމާރާތްތަކުގެ ފުރިހަމަ މިލްކުވެރިކަމާއި ކޮންޓްރޯލް، އިތުރު އެއްވެސް މާލީ އިލްތިޒާމަކާ ނުލައި، އެކުއިޒިޝަން ނުވަތަ ބަދަލު ދިނުމަކާ ނުލައި، ސީދާ ދިވެހި ދައުލަތަށް އަނބުރާ ލިބޭނެކަން ސާފުކޮށްދޭންޖެހެއެވެ. އަދި އެއްބަސްވުމުގެ މުއްދަތު އޮޓޯއިން އިތުރުވާނެ އެއްވެސް މާއްދާއެއް އޮވެގެންނުވާނެއެވެ. މުއްދަތު އިތުރުކުރެވޭނީ އޭރު އޮންނަ ދިވެހި ސަރުކާރަކުން ޤައުމީ މަސްލަޙަތަށް ބަލައި، އަލުން ނިންމާ ނިންމުމަކުން ކަމުގައި ބަޔާންވެފައި އޮންނަން ޖެހެއެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރުގެ ސަރީޙަ ލިޔުމުން ދެވޭ ހުއްދައެއް ނެތި، ނުވަތަ ދައުލަތަށް ނޭނގި، ތިންވަނަ ފަރާތަކަށް ޕްރޮޕަޓީގެ މިލްކުވެރިކަން، ޝެއާ ހޯލްޑިންގ، ނުވަތަ ލީސްހޯލްޑް ޙައްޤުތައް ވިއްކާލައި، ބަދަލުކޮށް، ނުވަތަ ރަހުނު ނުކުރެވޭނެ ގޮތަށް އޯނަރޝިޕް ކޮންޓްރޯލް ދައުލަތުގެ އަތްމަތީގައި ބޭއްވުން ލާޒިމް ކުރަން ޖެހެއެވެ.

ހަމައެއާއެކު، ރަސްމާލޭގެ މުޅި ސަރަޙައްދަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި އިޚްތިޞާޞް ފުރިހަމައަށް ހިނގާނެ ސަރަޙައްދެއް ކަމަށްވުމާއެކު، ދައުލަތުގެ ހުއްދައެއް ނެތި ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަރާތްތަކަށް ނުވަތަ ވަކި ޤައުމުތަކެއްގެ ކުންފުނިތަކަށް މިލްކުވެރިކަން ބަދަލުވިޔަނުދިނުމުގެ މުތުލަޤު ބާރު ދިވެހި ސަރުކާރަށް ލިބިދޭންޖެހެއެވެ.

8. ސަލާމަތީ، އިދާރީ އަދި އިސްލާމް ދީނުގެ ކަށަވަރުކަން

ރަސްމާލެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަޔާތަށް އަންނާނެ ބޮޑު ބަދަލަކަށްވާއިރު، އެ ސަރަޙައްދުގެ ސަލާމަތީ، އިދާރީ އަދި ދީނީ ކަށަވަރުކަން ފުރިހަމައަށް ދެމެހެއްޓުމަކީ ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެގޮތުން، ރަސްމާލޭގައި ދިވެހި ފުލުހުންގެ މައި މަރުކަޒަކާއި އެމް.އެން.ޑީ.އެފް ފަދަ ސަލާމަތީ ޚިދުމަތްތަކުގެ އިދާރާތައް ޤާއިމުކުރެވި، ދިވެހި ފުލުހުންނާއި ސަލާމަތީ ބާރުތައް އެ ސަރަޙައްދުގައި ދާއިމީގޮތެއްގައި ގާއިމުވެ ތިބޭނެކަން ކަށަވަރުކުރަންޖެހެއެވެ. މިއީ ދިވެހި ދައުލަތުގެ ޤާނޫނީ ބާރާއި އިޚްތިޞާޞް ނުހިނގާ، ބޭރުގެ އިންވެސްޓަރުންގެ އަމިއްލަ ކޮންޓްރޯލް އޮންނާނެ ވަކި ސަރަޙައްދެއް (އެންކްލޭވްއެއް) ނޫންކަން އިދާރީ އަދި ޢަމަލީ ގޮތުން ސާބިތުކޮށްދިނުމަކީ މި އެގްރީމްންޓުގައި ކޮންމެހެން އޮންނަން ޖެހޭ ބައެކެވެ.

ހަމައެއާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން، އިސްލާމްދީން ނޫން އެހެން ދީނަކަށް އެއްވެސް ފުރުޞަތެއް އެ ސަރަޙައްދުގައި ނޯންނާނެކަމާއި، އެހެން ދީންތަކުގެ އަޅުކަންކުރާ ފައްޅިތައް ބިނާކުރުމަށް އެއްވެސް ޖާގައެއް ނުލިބޭނެކަން ޤާނޫނީ ގޮތުންނާއި އެއްބަސްވުމުގެ ތެރެއިން ސަރީޙަކޮށް ކަށަވަރުކުރަންޖެހެއެވެ. ރިސޯޓުތަކެކޭ އެއްފަދައިން ރަސްމާލޭގައިވެސް ހުންނާނީ އިސްލާމީ ވަޙްދަތާއި ޝަޢާއިރުތައް ދަމަހައްޓައިދޭ، އެކަމަށް ޚާއްޞަ ފުރިހަމަ މިސްކިތްތައްކަން ކަށަވަރުކުރުމަކީ އާންމު ރައްޔިތުންގެ ހިތްތަކުގައި އުފެދޭ ދީނީ އަދި އިޖުތިމާޢީ ނުތަނަވަސްކަން ނައްތާލުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަމެކެވެ.

9. ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުން

މޯލްޑިވްސް ބިޒްނަސް ޗޭމްބަރ ގެ ބަޔާނުގައިވާ ފަދައިން، ރަސްމާލެ މަޝްރޫޢުން ލިބޭ މާލީ މަންފާ ޤައުމުގެ އެތެރޭގައި ހިފެހެއްޓޭނީ ދިވެހި ވިޔަފާރިތަކަށް ފުރުޞަތުތައް ފަހިކޮށްދީގެންނެވެ. އިމާރާތްކުރުމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ލޮޖިސްޓިކްސް، ރީޓެއިލް، ޓެކްނޮލޮޖީ އަދި ފަންނީ ޚިދުމަތްތަކުން ދިވެހި ކުންފުނިތަކަށް ސަބް-ކޮންޓްރެކްޓް އުޞޫލުން މަސައްކަތްތައް ހަވާލުކުރެވޭނެ ހަމަހަމަ އަދި ވާދަވެރި އުޞޫލެއް މަޝްރޫޢުގެ އެގްރީމެންޓުގައި އޮންނަންޖެހެއެވެ. އަދި މި މަޝްރޫޢުން އުފެދޭ 54,000 ވަޒީފާއަށް ދިވެހި ޒުވާނުން އަހުލުވެރިކުރުމަށްޓަކައި ވޮކޭޝަނަލް ތަމްރީނުތަކާއި ހުނަރު ބިނާކުރުމުގެ ޕްރޮގްރާމްތައް މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި އިފްތިތާޙުކުރާނެކަން އެގްރީމެންޓުގައި ބަޔާން ކުރަން ޖެހެއެވެ.

10. ދިވެހީންނަށް ވަޒީފާ ދިނުމަށްޓަކައި އާބާދީ މިލިއަނަކަށް އެރުވުމާއި ފަންނީ ތަޢުލީމީ އިންޤިލާބެއް ގެނައުން

މަޝްރޫޢުން އުފެދޭނެކަމަށް ބުނާ 54،000 ވަޒީފާ އަކީ ކަރުދާހުގައި ކިތަންމެ އުއްމީދީ އަދަދަކަށް ވީނަމަވެސް، މިއަދުގެ ޙަޤީޤަތަށް ބަލާއިރު އިޤްތިޞާދީ އަދި އިޖުތިމާޢީ ބޮޑު ސުވާލެއް އުފެދެއެވެ. އެއީ މިފަދަ ގިނަ އަދަދެއްގެ ވަޒީފާތަކަށް ނުކުންނާނެ ދިވެހިން ތިބީ ކޮން ތަނެއްގައި ހެއްޔެވެ؟ ރާއްޖޭގެ އާބާދީގެ ކުޑަކަމާއި، ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ދިވެހިން ތަމްރީނުވެފައިވާ މިންވަރު މަދުކަމުން، މި ވަޒީފާތައް ފުރުމަށް ސީދާ ބޭރުގެ ވަޒީފާވެރިންގެ މައްޗަށް މުޅިން ބަރޯސާވާންޖެހުމުގެ ބޮޑު ނުރައްކާ އެބައޮތެވެ. މި މަޝްރޫޢުގެ ސަބަބުން ދިވެހިންގެ ހައްޤުތަކާއި ފުރުސަތުތައް ބޭރު މީހުންގެ އަތްމައްޗަށް ގެއްލިގެން ނުދާނެގޮތަކަށް ކަންކަން ރޭވުމަށްޓަކައި، 2050 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އާބާދީ އެއް މިލިއަނަށް އިތުރުކުރުމުގެ ޤައުމީ ތަސައްވުރެއް އެކުލަވާލައި، އާބާދީ އިތުރުކުރުމުގެ ވަށައިޖެހޭ ސިޔާސަތުތަކެއް އަވަހަށް ތަންފީޛުކުރަންޖެހެއެވެ. މީގެ އިތުރުން، ޤައުމީ ތަޢުލީމީ ނިޒާމުގެ މައިގަނޑު އަސާސަކީ ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ކަމުގައި ހަދައި، ކޮންމެ ދިވެހި ޒުވާނަކީ މާކެޓަށް ބޭނުންވާ ޢަމަލީ ހުނަރު ލިބިފައިވާ މީހަކަށް ހެދުމުގެ ބޮޑު އިޞްލާޙީ ޕްރޮގްރާމެއް ސަރުކާރުން އަވަހަށް ފަށަންޖެހެއެވެ.

11. ޤައުމީ މަސްލަޙަތަށް އުނިކަމެއް ނާންނަކަން ޤާނޫނުހަދާ މަޖިލީހުން ކަށަވަރުކުރުން

މަޝްރޫޢުގެ ދެފުށްފެންނަކަން ދެމެހެއްޓުމާއި، ދައުލަތުގެ މާލީ އަދި ޤާނޫނީ މަސްލަޙަތުތައް ފުރިހަމައަށް ޙިމާޔަތްކުރުމަށްޓަކައި ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގެ ފާރަވެރިވުމުގެ ދައުރު ފުޅާކޮށް، ސިސްޓަމެޓިކް ފްރޭމްވޯކެއްގެ ތެރެއިން ޖަވާބުދާރީކުރުވުން ކޮންމެހެން މުހިންމެވެ. އެގޮތުން، ބައިނަލްއަޤްވާމީ ފެންވަރުގެ މިފަދަ ބޮޑެތި މެގަ-މަޝްރޫޢުތަކުގައި ދިވެހި ދައުލަތުގެ ޙައްޤުތައް ފުރިހަމައަށް ދިފާޢުކުރެވޭނީ، މިފަދަ އެއްބަސްވުންތައް އެކުލަވާލުމުގައި ބައިނަލްއަޤްވާމީ ވަކީލުންނާއި، މިފަދަ ބޮޑެތި އިންވެސްޓްމަންޓް ކޮންޓްރެކްޓްތަކަށް ޚާއްޞަ ބައިނަލްއަޤްވާމީ ޤާނޫނީ ފާމްތަކުގެ އެހީތެރިކަން ހޯދައިގެންނެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ނަމަވެސް، މަޝްރޫޢުގެ މައިގަނޑު އެއްބަސްވުމުގެ ޚުލާޞާއާއި މާލީ މޮޑެލްގެ ތަފްސީލުތައް ހުށަހަޅައި، ޤައުމީ މަސްލަޙަތަށް އުނިކަމެއް ނާންނަކަން ޤާނޫނުހަދާ މަޖިލީހުން ކަށަވަރުކުރަންޖެހެއެވެ.

ހަމައެއާއެކު، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް މަޝްރޫޢުގެ މާލީ އިންތިޒާމުތަކާއި، ބިން ދޫކުރުމުގެ އުޞޫލުތަކާއި، ޑިއުޓީ އިނާޔަތްތަކުގެ މިނިވަން އޮޑިޓެއް ހަދައި، މި މަޝްރޫޢުގެ އެގްރީމެންޓުގައި ނާޖާއިޒު މަންފާއެއް އެއްވެސް ފަރާތަކަށް ނެތްކަން ކަށަވަރުކުރަން ޖެހެއެވެ. މިއީ ސިޔާސީ ގޮތުން ކުރެވޭ ތުހުމަތުތަކުން ސަރުކާރު ދިފާޢުވެ، ރައްޔިތުންނާއި ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު ސަރުކާރަށް ހޯދޭނެ އެންމެ އަސާސީ އަދި ހަރުދަނާ އެއް ފިޔަވަޅެވެ.

12. ވަޒީރުންނާއި ސަރުކާރުގެ އިސް މަސްއޫލުވެރިން، ބޭރުގެ އިންވެސްޓަރުގެ މާކެޓިންގ ނުވަތަ ސޭލްސް އެޖެންޓުން ކަމުގައި ނުވުން

މަޝްރޫޢާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ސިކުނޑިތަކުގައި އުފެދޭ އެންމެ ބޮޑު ނުތަނަވަސްކަމަކީ، އެކި ވަގުތު ސަރުކާރުގެ އެކި މުއައްސަސާތަކުންނާއި މަސްއޫލުވެރިންގެ ފަރާތުން މެސެޖުތައް ތަފާތުވެ ބަދަލުވަމުންދިއުމެވެ. އެއްފަހަރު އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ގޮތުގައި، އަނެއްފަހަރު ބައިނަލްއަޤްވާމީ ރިއަލް އެސްޓޭޓް ނުވަތަ މަތީ ފަންތީގެ ލަގްޒަރީ ޓޫރިޒަމް ހަބެއްގެ ގޮތުގައި ސިފަކުރުމުގެ ބަދަލުގައި، މަޝްރޫޢުގެ މައިގަނޑު އަމާޒާއި، އިޤްތިޞާދީ ތަސައްވުރާއި، ރައްޔިތުންނަށް މީގެން ލިބޭނެ ޙަޤީޤީ މަންފާ ސަރީޙަކޮށް ބަޔާންކުރާ "ޤައުމީ ސިޔާސަތުގެ ކަރުދާހެއް" (ނެޝަނަލް ޕޮލިސީ ޕޭޕަރެއް) ސަރުކާރުން އެކުލަވާލައި އާންމުކުރަންޖެހެއެވެ.

މީގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސް މަސްއޫލުވެރިން، ބޭރުގެ އިންވެސްޓަރުގެ މާކެޓިންގ ނުވަތަ ސޭލްސް އެޖެންޓުންގެ ގޮތުގައި ފެނުމުގެ ބަދަލުގައި، ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވާ، އަދި ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ބޭރުގެ ޑިވެލޮޕަރުގެ ކުރިމަތީގައި ސާބިތުކަމާއެކު ދިފާޢުކުރާ ޤައުމީ ބޭފުޅުންގެ ގޮތުގައި ތިއްބެވުން ލާޒިމެވެ. މަޝްރޫޢާ ގުޅޭ ސައްޙަ މައުލޫމާތު ތާވަލުން ތާވަލަށް އާންމުކޮށް، ސަރުކާރުގެ "ސިންގަލް ނެރެޓިވް" ނުވަތަ އެއްގޮތް މުވާޞަލާތީ އުޞޫލެއް ހިފެހެއްޓުމަކީ، ނުބައި މައުލޫމާތު ފެތުރުން ހުއްޓުވައި، އާންމުންގެ އިތުބާރު ސަރުކާރަށް ލިބިގެންދާނެ އެންމެ މުހިންމު އެއް މަގެވެ.

ނިންމުން

ރަސްމާލެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލާ ގުޅިފައިވާ، އަދި ރާއްޖެ ދުނިޔޭގެ މާލީ އަދި ރިއަލް އެސްޓޭޓް ތިލަފަތަށް އުފުލައިދޭނެ ބިޔަ، ރަނގަޅު މަޝްރޫޢަކަށް ހެދިދާނެ މަޝްރޫޢެކެއެވެ. އިދިކޮޅު ފަރާތްތަކުން ފަތުރާ ސިޔާސީ އަދި ދީނީ ބިރުވެރިކަމަށް ބެލުމެއްނެތި، ރައްޔިތުންނާއި، ދިވެހި ވިޔަފާރިތަކާއި، ދުނިޔޭގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި މިފަދަ މާލީ، ޤާނޫނީ، މުވާޞަލާތީ، އަސާސީ ޚިދުމަތްތަކުގެ ތަފްސީލުތައް ދެފުށްފެންނަ ގޮތެއްގައި ހާމަކޮށް، މަތީގައިވާ ކަންކަން ފުރިހަމައަށް އިޞްލާޙުކޮށްގެން ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ތަސައްވުރު އިތުރަށް ވަރުގަދަވެ، މަޝްރޫޢު ސައްޙަ ގޮތުގައި ކާމިޔާބުކަމާއެކު ނިންމާލުމަށް މިންވަރުކުރާނެ އެންމެ ބޮޑު ބާރެވެ. މަތީގައިވާ ފަދަ މުހިއްމު ކަންކަން ނުކޮށް، ދެފުށް ނުފެންނަގޮތަށް، އަވަސްއަރުވާލައިގެން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮސްފިނަމަ އެކަން ވާނީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ކުރިމަގު މާލީ އަދި އިޖްތިމާއީ އަނދަވަޅަކަށް ވައްޓާލާނެ ކަމަކަށެވެ!

ރަސްމާލޭގެ އުއްމީދާއި ނުރައްކަލުގެ ރަނގަބީލު: ތަސައްވުރު ފުރިހަމައަސް ޤާނޫނީ އަދި މާލީ ފައިދާ ކަށަވަރު ކުރަން ޖެހޭ!
އިޤްތިސާދު

ރަސްމާލޭގެ އުއްމީދާއި ނުރައްކަލުގެ ރަނގަބީލު: ތަސައްވުރު ފުރިހަމައަސް ޤާނޫނީ އަދި މާލީ ފައިދާ ކަށަވަރު ކުރަން ޖެހޭ!

މިފަދަ ބިޔަ އިންވެސްޓްމަންޓެއް ދެފުށްނުފެންނަ ގޮތަށް އަވަސްއަރުވާލައިގެން ނޮވެމްބަރ 11 ގައި ސޮއިކޮށްފިނަމަ، ދައުލަތުގެ މާލީ ރިޒާވް ހުސްވެ، "ވަން-އައިލެންޑް-ވަން-ރިސޯޓް" މޮޑެލްއަށާއި ތިމާވެށްޓަށް އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، އަދި އެންމެ ނުރައްކާތެރި ކަމެއްގެ ގޮތުން، 99 އަހަރުގެ ދިގު މުއްދަތަކަށް ރާއްޖޭގެ ބިންތައް އިސްލާމްދީނާ ދެކޮޅު ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ދޫވެ ޤައުމީ ސިޔާދަތާއި ދީނީ ވަހުދަތު ގެއްލުމުގެ ބިރު އެބައޮތެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 23, 2026
އައްޑޫ ގަން އެއާޕޯޓް އެމިރޭޓްސް ފަދަ އެއާލައިނެއްގެ ހަބަކަށް ހެދުން
އިޤްތިސާދު

އައްޑޫ ގަން އެއާޕޯޓް އެމިރޭޓްސް ފަދަ އެއާލައިނެއްގެ ހަބަކަށް ހެދުން

ރައީސް މައުމޫނުގެ ވެރިކަމުގައި، މީގެ ތިރީހަކަށް އަހަރު ކުރިން، އައްޑޫ ގަން އެއާޕޯޓުގައި މިފަދަ ބައިނަލްއަޤްވާމީ ހަބެއް ހެދުމަށް އެމިރޭޓްސްއިން ހުށަހެޅިއެވެ. ނަމަވެސް، އޭރު މައުމޫން ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި މާލޭގެ ބައެއް ސިޔާސީ ބޭފުޅުން ބޭނުންވީ އިޤްތިޞާދީ ޙަރަކާތްތައް މާލެ ސަރަޙައްދަށް އެކަނި ޖަމާކޮށްފައި ބެހެއްޓުމަށެވެ. އޭރުގެ ވަރަށް އިސް މިނިސްޓަރަކު މިކަމާ ގުޅިގެން "ދިޔަދޮވީގެ ދެކޮޅުން ފެން ނުވެހޭނެ" ކަމަށް ވިދާޅުވިކަމަށްވެއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 20, 2026
ރާއްޖެއަކީ "ކުޑަ، ނިކަމެތި" ޖަޒީރާ ގައުމެއް ނޫން!
އިޤްތިސާދު

ރާއްޖެއަކީ "ކުޑަ، ނިކަމެތި" ޖަޒީރާ ގައުމެއް ނޫން!

މުޅި ސިންގަޕޫރުގެ ބިމުގެ ޖުމްލަ ބޮޑުމިނަކީ އެންމެ 734 އަކަކިލޯމީޓަރެވެ. ދިވެހިރާއްޖޭގެ އެންމެ އަތޮޅަކަށް—މިސާލަކަށް ވާވު އަތޮޅަށް—ބެލި ކަމުގައި ވިޔަސް، އެ އަތޮޅުގެ އެތެރެވަރިއާއި ފަޅުތަކާއެކު ޖުމްލަ އޭރިއާ އަކީ 1،000 އަކަކިލޯމީޓަރެވެ. ސިންގަޕޫރަށް ވުރެ ވާވު އަތޮޅު މާ ބޮޑެވެ! ވާވު އަތޮޅު އެއްކޮޅުން އަނެއްކޮޅަށް 55 ކިލޯމީޓަރު ހުންނައިރު، ސިންގަޕޫރުގެ ދިގުމިނަކީ އެންމެ 50 ކިލޯމީޓަރެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 19, 2026