އިސްލާމް ދީން

ސިޔާސީ 'މުނާފިގުކަމުގެ' ފަރުދާގެ ފަހަތުގައިވާ ދީނީ ވާޖިބުތައް: އަހަރެމެން ހޭލަންވީ ކޮން އިރަކުން؟

މިވާހަކަތައް ދައްކަންޖެހެނީ ހަމައެކަނި ހުކުރު ޚުތުބާތަކުގައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައާއި، ސިޔާސީ ޕޯޑިއަމްތަކުގައާއި، ހޮޅުއަށިތަކުގައާއި މީޑިއާގެ ޕްރޮގްރާމްތަކުގައިވެސް މިވާހަކަތައް ދައްކަންޖެހެއެވެ. މި މުޖުތަމަޢު ނިދާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިސްލާމީ ދިވެހި ވެއްޓަކަށް ހޭލާން އެބަޖެހެއެވެ. ބިރުގަންނަނީ ނުވަތަ ޖެހިލުންވަނީ ކޮން ފަރާތެއް ދެކެ ތޯއެވެ؟ ޙައްޤު ބަސް ބުނަން ނުކެރެނީ ފިނޑިކަމުން ތޯއެވެ؟

ސިޔާސީ 'މުނާފިގުކަމުގެ' ފަރުދާގެ ފަހަތުގައިވާ ދީނީ ވާޖިބުތައް: އަހަރެމެން ހޭލަންވީ ކޮން އިރަކުން؟

މިސާލަކަށް ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ރާ ވިއްކުމުގެ ހުއްދަ ދިނީއެވެ! އެއްވެސް ސަރުކާރަކުން މިފަދަ ކަމެއް ކޮށްފިނަމަ ރައްޔިތުން އުތުރިއަރައިގަންނާނެއެވެ. "ސިޔާސީ ލީޑަރުން"ނާއި "ދީނީ އިލްމުވެރިން" ފިލާތިބި ހޮރުހޮރުން ނިކުމެ ފަތުވާތައް ނެރެން ފަށާނެއެވެ. އިސްލާމީ ޝަރީޢަތާ ޚިލާފު، އަދި އިސްލާމްދީނާ ފުށުއަރާ އެއްވެސް ކަމެއް ރާއްޖޭގެ ޤާނޫނުގައި ހުއްދައެއް ނުކުރެވޭނެ ކަމަށް ބުނާނެއެވެ. ސިއްރު ފެންފުށި ކިޔާ ރިސޯޓެއްގައި މީގެ ދެތިން އަހަރު ކުރިން، ކަނޑުއަޑީގެ މިއުޒިއަމެއް ހަދައި، އެތަނުގައި ބުދުތަކެއް ބެހެއްޓުމުން ބައެއް ޝައިޚުންގެ އުތުރިއަރައިގަތެވެ. ބުދު ބެހެއްޓުން ޙަރާމްވީމައެވެ. ރަނގަޅެވެ. ނަމަވެސް، ރަލާއި ބުދު ޙަރާމްވާ ފަދައިން ރިބާކެއުމަކީވެސް ޙަރާމް ކަމެއް ނޫންތޯއެވެ؟

އަޅުގަނޑުގެ ސުވާލަކީ: ﷲ ޙަރާމް ކުރެއްވީ ރާ އެކަނި ތޯއެވެ؟ ބޭންކު އިންޓަރެސްޓު ނުވަތަ ރިބާއަކީ ޙަލާލު އެއްޗެއް ތޯއެވެ؟ ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގައި ﷲ ވަނީ ރިބާ ބޭނުންކުރާ މީހުންނާއި ރިބާ ދޭ މީހުންނާ ދެކޮޅަށް ﷲ އާއި އެއިލާހުގެ ރަސޫލާ ހަނގުރާމަ އިޢުލާން ކުރައްވާކަން ވަޙީކުރައްވާފައެވެ

އިޝްތިހާރު

ދުނިޔޭގެ ގިނަ ޤައުމުތަކާއި ރާއްޖޭގައިވެސް ރިބާ ބޭނުންކުރުން ޢާއްމުވެފައި އޮތަސް، ﷲ ޙަރާމް ކުރެއްވި ކަމެއް ޙަލާލު ކުރެވޭނެ އެއްވެސް އުޒުރެއް ނުވަތަ ޙުއްޖަތެއް ނޯންނާނެއެވެ. ދީނުގެ އުޞޫލުތަކާ ދުރު މީހުން މިފަދަ ވާހަކަތަކާމެދު ދެކޭނީ ޖޯކެއްގެ ގޮތުގައެވެ. އެމީހުން ބުނާނީ ރާ ނުވިއްކައި، ރިބާ ބޭނުންނުކޮށް މިޒަމާނުގެ ދުނިޔޭގައި ކުރިއަށް ނުދެވޭނެ ކަމަށެވެ. ނަމަވެސް މުސްލިމުންގެ ޢަޤީދާއަކަށް ވާންޖެހޭނީ ﷲ ޙަރާމް ކުރެއްވި އެއްވެސް ކަމެއްގައި ބަރަކާތެއް ނުވާނެ ކަމާއި، ޙަރާމް ވިޔަފާރިއާ ދުރުވުމުން ރިޒުޤުގެ ގޮތުން ހީނުކުރާ އާ ދޮރުތައް ﷲ ހުޅުއްވައިދެއްވާނެ ކަމެވެ.

ރާއްޖޭގައި އިސްލާމީ ޝަރީޢަތް ހިންގެނީ ވަރަށް ތަފާތު ގޮތަކަށެވެ. ތިމާ ރުހޭ ކަމެއްނަމަ ޙަރާމްވިޔަސް އޯކޭއެވެ. ރިބާއާ ދެކޮޅަށް ބަހެއް ބުނާނެ، ނުވަތަ ބުނަންކެރޭނެ ސިޔާސީ މީހަކު މަދެވެ. މިސާލަކަށް އަދާލަތު ޕާޓީ ނުވަތަ މައުމޫން ރިފޯމް މޫވްމެންޓް ނުވަތަ ސަރުކާރު ހިންގާ ޕީއެންސީގެ އިސް އެއްވެސް ފަރާތަކަށް ވެސް މިކަމާ ބެހޭގޮތުން އެއްޗެއް ވިދާޅުވާން ނުކެރޭނެކަން ކަށަވަރެވެ. އާންމުންގެ ތާއީދު ނުވަތަ ވޯޓު ގެއްލިދާނެތީ ބިރުންނެވެ. ﷲ ޙަރާމް ކުރެއްވި ކަމެއް ޤާނޫނަކުން ހުއްދަކޮށްގެން ތިބެން ކެރެއެވެ. އެކަމާ ބިރެއްވެސް ނުގަނެއެވެ. ނަމަވެސް މަޤްބޫލުކަން ނުލިބިދާނެތީ ޙައްޤު ބަސް ބުނަން ބިރުގަނެއެވެ. މިއީ ކޮންފަދަ ބޮޑު މުނާފިޤުކަމެއް ތޯއެވެ؟

އިސްލާމްދީނުގައި ނަހީކުރައްވައި، ޙަރާމް ކަމަށް ބަޔާންކުރައްވާފައިވާ ރާބުއިމާއި ޒިނޭކުރުން ފަދަ އެއްވެސް ކަމެއް ކުރާ ފާފަވެރިންނާ ދެކޮޅަށް ﷲ ހަނގުރާމަ އިޢުލާން ކުރައްވާފައިވޭ ތޯއެވެ؟ ރިބާ ފިޔަވައެވެ! ރިބާ ދޭ މީހާއާއި، ރިބާގައި ހިފާ މީހާއާއި، ރިބާ ދިނުމަށް މެދުވެރިވާ މީހާއާ ދެކޮޅަށްވެސް މި "ހަނގުރާމަ" އިޢުލާން ކުރެވިފައިވެއެވެ. ވީއިރު ރިބާއަކީ މާކުޑަ ކަމަކަށްވެ، މާ އާދައިގެ ކަންކަން ބޮޑެތި ކަންތައްތަކަށް ހަދައިގެން އުޅޭ ސިޔާސީ މީހުންނާއި ދީނީ ޝައިޚުންނަކީ މުނާފިޤުންނޫން ދެން ކޮންބައެއް ތޯއެވެ؟

ކަނބަލުން އައުރަ ނިވާކުރުމާމެދުވެސް ގިނަބަޔަކު ދެކެނީ ރިބާއާމެދު ދެކޭފަދަ "މުނާފިޤު" ގޮތަކަށެވެ. ކަނބަލުން އައުރަ ނިވާކުރުމަކީ އެކަނބަލުންގެ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލަންޖެހޭ ކަމެއް ކަމަށް ސިޔާސީ ބައެއް މީހުން ބުނެއެވެ. ރައީސް މައުމޫންގެ ވެރިކަމުގައި، އޭރުގެ ހަފުތާ މަޖައްލާއަކަށް ދެއްވި އިންޓަވިއުއެއްގައި، ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ބުރުގާ ނާޅުއްވަނީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވީ ބުރުގާ އެޅުމާއި ނޭޅުމަކީ "ނަސްރީނާގެ އަމިއްލަ ކަމެއް" ކަމަށެވެ.

ސުބުޙާނަﷲ! މޫނާއި ދެއަތްތިލަ ފިޔަވައި އެހެން ތަންތަނަކީ އަންހެނާގެ އައުރައެވެ. އެގޮތަށް ކަނބަލުން އައުރަ ނިވާކުރުމަކީ އިސްލާމްދީނުގެ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވާ، އެއްވެސް ޚިލާފެއް ނެތް ކަމެކެވެ. ޚިލާފު އުޅެނީ ހަމައެކަނި މޫނުބުރުގާ ވާޖިބުތޯ ނުވަތަ ނޫންތޯ މިކަމުގައެވެ. ވީއިރު މުސްލިމް އަންހެނާ މިފަދައިން އައުރަ ނިވާކުރުމަކީ ނުވަތަ ނުކުރުމަކީ އޭނާގެ "އަމިއްލަ" ކަމެއް ނޫނެވެ. މިކަމަށް އިންކާރުކުރުމަކީ ﷲގެ އަމުރުފުޅަށް އިންކާރުކޮށް ޖަދަލުކުރުމެވެ. އެހެންވީއިރު ރާބުއިމާއި ޒިނޭކުރުންވެސް ހަމަ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލަންވީ ނޫންތޯއެވެ؟ މުސްލިމް އަންހެނުން މިފަދައިން އައުރަ ނިވާނުކޮށް އުޅުން ރާއްޖޭގައި "ހުއްދަ" ވުމަކީ، ޙަރާމް ކަމެއް ހުއްދަ ކަމަށް ހަދައިގެން ތިބުން ނޫން ދެން ކޮންކަމެއް ތޯއެވެ؟ މިވާހަކަ ދައްކަން ކެރޭ "ސިޔާސީ" މީހެއް ނެތެވެ. މިކަމުންވެސް ދައްކައިދެނީ ދިވެހިރާއްޖޭގެ ސިޔާސީ މީހުންގެ މުނާފިޤުކަމެވެ. އަމިއްލަ އެދުން އިސްކުރާ މިންވަރެވެ.

އިސްލާމްދީން ފުރަތަމަ ދުނިޔެއަށް ތަޢާރަފުވެގެން އައިއިރު، ރާ ޙަރާމްކުރެއްވުން ފަދަ ޙުކުމްތައް ބާވައިލެއްވީ މަރުޙަލާތަކަކަށް ބައްސަވާލައްވައިގެންނެވެ. މިރާއްޖޭގައި، މިޒަމާނުގައިވެސް ކަންކުރަންޖެހޭނީ އެފަދައިން، މަޑުމަޑުން ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް ﷲ ޙަރާމް ކުރެއްވި ކަމެއް ހުއްދަކޮށްގެން، މަޑުމަޑުންނޭ ކިޔަކިޔައި ތިބުމުގެ އިޚްތިޔާރެއް އެއްވެސް ފަރާތަކަށް މިހާރަކު ނޯންނާނެއެވެ. ރާ ޙަރާމްވާ ފަދައިން ރިބާއާއި އައުރަ ނިވާނުކޮށް އުޅުންވެސް ޙަރާމެވެ. ހަމައެކަނި ތަފާތަކީ ރަލުގެ ވާހަކަދައްކާ މީހުންނަށް ރިބާއާއި އައުރައިގެ ވާހަކަދައްކަން ނުކެރޭތީއެވެ. ނުވަތަ ނުދައްކާތީއެވެ.

ރިބާއާއި އައުރައިގެ ވާހަކަދައްކަން ނުކެރޭ ފަދައިން، ސިޔާސީ މީހުންނަށާއި ސިޔާސީ ޝައިޚުންނަށް ދައްކަން ނުކެރޭ އަނެއް ވާހަކައަކީ ޒަކާތުގެ ވާހަކައެވެ. ނިޞާބު ހަމަވާ ކޮންމެ ފަރުދެއްގެ މުއްސަނދިކަމުގެ ސާޅީސްބައިކުޅަ އެއްބައި އަހަރަކު އެއްފަހަރު ޒަކާތުގެ ގޮތުގައި ނެރުމަކީ ﷲ ޝަރުޢުކުރައްވާފައިވާ ބޮޑު ވާޖިބެކެވެ. މުދަލުގެ ވެރިފަރާތުން އެ ޒަކާތް ނެރުން ވާޖިބުވާ ފަދައިން، އެ ޒަކާތް ހޯދައި، އެ ޒަކާތުގެ ޙައްޤުވެރި ފަޤީރުންނަށް އެ ޒަކާތް ޙަވާލުކުރުމަކީ ދައުލަތުގެ މައްޗަށް އޮތް ވާޖިބެކެވެ. ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްތަކާއި، މުދަލާއި ޚިދުމަތުން ނަގާ ޓެކްސްތަކާއި، މިނޫންވެސް އެކި ނަންނަމުގައި ނަގާ ފާޑުފާޑުގެ ޓެކްސްތަކަކީ އިންސާނުން އުފައްދާފައިވާ ޓެކްސްތަކެކެވެ. އެ ޓެކްސް ނުދައްކާ މީހުން ހުރަގެއަށްލައި ހަރުކަށި ފިޔަވަޅު އަޅާއިރު، ﷲ ޝަރުޢުކުރެއްވި އަދި ވާޖިބުކުރެއްވި ޒަކާތް ނުދެއްކިޔަސް އެއީ މި ދިވެހިރާއްޖޭގައި "އޯކޭ" ކަމެކެވެ. އެއީވެސް އަމިއްލަ އިޚްތިޔާރަށް ދޫކޮށްލެވިފައިވާ "ކުޑަ" ކަމެކެވެ. މިވާހަކަ ދައްކަން ކެރޭ ސިޔާސީ ލީޑަރެއް ނުވަތަ ސިޔާސީ ޝައިޚެއް ނެތެވެ.

ބަރަހަނާ ސައިޓުތަކަށާއި، ވަހުޝީ އިންޓަނެޓް ސައިޓުތަކަށް އެއްވެސް ހުރަހެއް ނެތި ދިވެހިރާއްޖޭގައި ވަދެވޭ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނެސް، މިފަދަ ބަރަހަނާ އަދި އިސްލާމްދީނާ ޚިލާފު ސައިޓުތަކަށް އެއްވެސް ގޮތަކަށް ނުވަދެވޭވަރަށް އިންޓަނެޓް ސެންސަރު ކުރަންޖެހޭ ކަމަށް ބުނަން ކެރޭ މީހަކުވެސް މަދެވެ. ބަރަހަނާ ސައިޓުތައް ބަންދުކުރަންޖެހޭ ކަމާއި، އިންޓަނެޓަކީ ކޮންމެވެސް ވަރަކަށް ސެންސަރުނުކޮށް ޢާއްމުންނަށް ދޫކޮށްލަން ހެޔޮނުވާވަރުގެ އެއްޗެއް ކަމަށް ބުނެފި ސިޔާސީ މީހެއްގެ ސިޔާސީ މުސްތަޤުބަލު ނިމުނީއެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ ދިވެހީންގެ ޙާލަތެވެ. ސިޔާސީ މީހުން ތިބީ މިފަދަ ވާހަކަދައްކަން ބިރުންނެވެ. މިފަދަ ވާހަކަދައްކާ ސިޔާސީ ލީޑަރަކު ނަމަ އެއީ މަޤްބޫލު ކެންޑިޑޭޓެއް ނޫނެވެ! މިއީ ޙަޤީޤަތެވެ.

ދިވެހިރާއްޖޭގައި އިންޓަނެޓް އަދި ކޭބަލް ޓީވީގެ ޚިދުމަތްތައް ދިނުމުގައި ގެންގުޅޭ އުޞޫލުތައް އަލުން ބެލުމާއި، އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުމާމެދު އިސްލާމީ ފަތުވާދޭ ޤައުމީ މަޖިލީހުގެ ލޯ އޮތީ "ކަނު" ވެފައެވެ. ރިބާ ކެއުން، އަންހެނުން އައުރަ ނިވާނުކުރުން، ޒަކާތް ނުދިނުން ނުވަތަ ޒަކާތް ނުނެގުން، އަދި އިންޓަނެޓުން ބަރަހަނާ ސައިޓުތައް ބެލުން ފަދަ ކަންކަން "ހުއްދަވެ" ޢާއްމުވެފައިވާއިރު ސިޔާސީ ލީޑަރުން ކޮބައިތޯއެވެ؟ ސިޔާސީ ޝައިޚުން ކޮބައިތޯއެވެ؟ އިސްލާމީ ފަތުވާދޭ ޤައުމީ މަޖިލިސް ކޮބައިތޯއެވެ؟

ރިބާ ހުއްޓުވުމަކީ ކިތަންމެ އުނދަގޫ ކަމެއް ކަމުގައި ވިޔަސް، މިއީ ދައްކަންޖެހޭ ވާހަކައެކެވެ. ދައްކަން ޖެހޭ މިވާހަކަ ވެފައިވަނީ ސިޔާސީ ފަރާތްތަކާއި ސިޔާސީ ޝައިޚުން ނުދައްކާ ނުވަތަ ދައްކަން ނުކެރޭ ވާހަކައަކަށްވެފައެވެ. ހަމައެފަދައިން: އައުރަ ނިވާނުކުރުމަކީ ޙަރާމް ކަމެއް ކަމުގައި ކެރިގެން ބުނަންޖެހެއެވެ. ޒަކާތް ނެގުމަކީ ދައުލަތުގެ މައްޗަށް ވާޖިބެއް ކަމުގައި ބުނަންޖެހެއެވެ. ފެޝަން ޓީވީ ފަދަ ކޭބަލް ޓީވީން ދައްކާ އިސްލާމީ އަޚްލާޤާ ޚިލާފު ޗެނަލްތައް ހުއްޓުވަންޖެހެއެވެ. ރޯދަމަހު މީޑިއާތަކުން ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ ބޮޑުބައަކީ ރޯދަމަހާ ގުޅޭ ދީނީ ޕްރޮގްރާމްތަކެއް ކަމުގައި ހަދަންޖެހެއެވެ. ރޯދަމަހު ޓީވީ އަދި ރޭޑިއޯގެ ޚިދުމަތް މެންދަމު ބާރައިގެ ފަހުން މުޅިންވެސް ދީނީ ޕްރޮގްރާމް ކަމުގައި ހަދަންޖެހެއެވެ. ކޭބަލް ޓީވީގެ ހިންދީ ޗެނަލްތަކުން ބަގުވާނުންނަށް އަޅުކަންކުރާތަން ބެލުމަކީ ދިވެހި އަންހެންވެރިންގެ ހޮބީއެއް ކަމުގައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހެއެވެ. މިއީ ހައްތަހާވެސް ދައްކަންޖެހޭ، އެކަމަކު ސިޔާސީ ފަރާތްތަކާއި ސިޔާސީ ޝައިޚުން ނުދައްކާ ނުވަތަ ދައްކަން ނުކެރޭ ވާހަކަތަކެވެ.

މިވާހަކަތައް ދައްކަންޖެހެނީ ހަމައެކަނި ހުކުރު ޚުތުބާތަކުގައެއް ނޫނެވެ. ޚުތުބާތަކެކޭ އެއްފަދައިން ރައްޔިތުންގެ މަޖިލީހުގައާއި، ސިޔާސީ ޕޯޑިއަމްތަކުގައާއި، ހޮޅުއަށިތަކުގައާއި މީޑިއާގެ ޕްރޮގްރާމްތަކުގައިވެސް މިވާހަކަތައް ދައްކަންޖެހެއެވެ. މި މުޖުތަމަޢު ނިދާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިސްލާމީ ދިވެހި ވެއްޓަކަށް ހޭލާން އެބަޖެހެއެވެ. ބިރުގަންނަނީ ނުވަތަ ޖެހިލުންވަނީ ކޮން ފަރާތެއް ދެކެ ތޯއެވެ؟ ޙައްޤު ބަސް ބުނަން ނުކެރެނީ ފިނޑިކަމުން ތޯއެވެ؟ ނުވަތަ މުނާފިޤުކަމުން ތޯއެވެ؟ މިކަމުގައި ޒިއްމާ ނަގާނީ ކޮން ސިޔާސީ ލީޑަރުންނެއް ތޯއެވެ؟ ނުވަތަ ކޮން ސިޔާސީ ޝައިޚުންނެއް ތޯއެވެ؟

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ހުކުރު ޚުތުބާގައި ސަރުކާރުން ބަގުޑި ބެއްދުން
އިސްލާމް ދީން

ހުކުރު ޚުތުބާގައި ސަރުކާރުން ބަގުޑި ބެއްދުން

މާލޭ ބަހުން ލިއެގެން، ހުރިހާ އިމާމުން ލައްވާ، ރޮބޮޓުން ތަކެއްހެން މިކިއުއްވާ ހުތުބާގައި އޮއްޓަރެއްވެސް ހުންނަނީކީ ނޫނެވެ. ކުޑަކުދިންގެ ދުވަހުގެ ހުތުބާ ކުޑަކުދިންނާ ގުޅުވާފައި، ނެށުންތެރިންގެ ދުވަހުގެ ޙުތުބާ ނެށުންތެރިންނާ ގުޅުވީމައި އެއޮތީ ޙުތުބާ ލިޔެވިފައެވެ. ޙުތުބާގައި ރިބާ ހަރާމޭ ލިޔެފައި ހަމަ އެއްކަލަ އިސްލާމިކް މިނިސްޓަރު ނިސްބަތްވާ ސަރުކާރުގެ ބޭންކުން މިލިއަނުން ރިބާ ކައިފައި، އެރިބާގެ ފައިސާއިން މިސްކިތް އަޅާފައި، ރިބާ އެކުލެވޭ ފައިސާއިން މުދިމަށް މުސާރަ ދިނުމުން ނިމުނީއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 16, 2026
އިސްލާމް މާއްދާ އާއި އިނގިރޭސި ޙުތުބާގެ ރިއަލިޓީ: ދިވެހި ބަހުގެ ހުރަހުން ދީން ސަލާމަތްކުރުން
އިސްލާމް ދީން

އިސްލާމް މާއްދާ އާއި އިނގިރޭސި ޙުތުބާގެ ރިއަލިޓީ: ދިވެހި ބަހުގެ ހުރަހުން ދީން ސަލާމަތްކުރުން

ދިވެހިބަހަކީ ހިމާޔަތްކުރަންޖެހޭ މުހިންމު އަމާނާތެކެވެ. ނަމަވެސް، ބަސް ހިމާޔަތްކުރުމުގެ ނަމުގައި، އަދުގެ ޒުވާން ޖީލުގެ ހިތްތަކުން އިސްލާމްދީނުގެ ފުން ހިކްމަތްތަކާއި، އަޤީދާއާއި، އަޚްލާޤީ އުސޫލުތައް ބީވެގެން ދިޔަދީގެން ނުވާނެއެވެ. ޒަމާނާއެކު ފިޔަވަޅު އަޅައި، ޒުވާނުންނަށް ފަހުމްވާ ބަހަކުން ދީނީ މެސެޖު ފޯރުކޮށްދިނުމަކީ، އިސްލާމީ ހިދާޔަތް އަންނަން އޮތް ޖީލުތަކަށް ސަލާމަތްތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި މިއަދު އަޅުގަނޑުމެން ތަންފީޒުކުރަންޖެހޭ ކަމެކެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 12, 2026
ރާއްޖެ ކާފަރުވާ ދުވަސް ނުދައްކަވައިފިއްޔާ ކިތައްމެހާވެސް ރަނގަޅު!
އިސްލާމް ދީން

ރާއްޖެ ކާފަރުވާ ދުވަސް ނުދައްކަވައިފިއްޔާ ކިތައްމެހާވެސް ރަނގަޅު!

ސަރުކާރުތަކުން ޤައުމީ ދުވަސްތަކުގައި ފޮނުވާ ޙިތާބުތަކުގައި، ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ "ހަރުކަށި ފިކުރު" ކަމަށް ވިދާޅުވެ މޮޅެތި ބަސްތައް ވިދާޅުވެއެވެ. ފަސް ނަމާދަށް މިސްކިތަށް ދިއުމާއި، އަނބީން ބުރުގާ އެޅުވުމާއި، ސުންނަތް ރޯދަ ޤަވާއިދުން ހިފުމާއި، ރިބާ ހަރާމް ކަމަށް ބުނުމާއި، ބެލުން ތިރި ކުރުމާއި، މިއުޒިކާއި ފާހިޝް ކަންކަމުން ދުރުވުމަކީ ބައެއް ސިޔާސީ ނަޒަރިއްޔާތުތަކުގައި "ހަރުކަށިވުން" ކަމަށް ސިފަކުރެވެއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/August 6, 2026