އެއްރެއެއްގެ މަޣްރިބް ނަމާދު ވަގުތެވެ. މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީ ކަމުގައިވާ އައްޑޫ ސިޓީގެ މިސްކިތެކެވެ. މަޣްރިބް ނަމާދަށް އެރިއިރު އަޅުގަނޑު ހިމެނޭ ގޮތަށް ޖަމާއަތުގައި ތިބީ އެންމެ ތިން މީހުންނެވެ. ދުއިސައްތަ މީހުންގެ ޖާގައިގެ މިސްކިތެކެވެ. ފަންސަވީސް ބީޓީޔޫގެ ހަތަރު އެއާކޯން ސައުވީސް ގަޑިއިރު ހިނގަހިނގާ ހުއްޓެވެ. ވިއްސާރަ ދުވަސްދުވަހު މުސްކުޅިން ގައިން ހީބިހި ނަގައި، ދަތްދޮޅި ތެޅޭ އިރުވެސް މިއިން އޭސީއެއް ނިއްވޭނެ ގޮތެއް ނޯވެއެވެ. މުދިމު މީހާ ބުނަނީ ކައުންސިލުން އަންގާފައި އޮންނަނީ އޭސީ އެއްގޮތަކަށް ވެސް ނުނިއްވުމަށް ކަމަށެވެ. ޖަމާއަތުގައި ހަތަރު މީހުން ހަމަނުވިޔަސް އޭސީތައް ހުންނަން ޖެހޭނީ ޖައްސައިފައެވެ.
މަޣްރިބް ނަމާދުގެ ޖަމާއަތް ނިމިއްޖެއެވެ. ޖަމާއަތުގައި ތިބި ތިން މީހުން ޒިކުރު ތަސްބީހަ ކިޔަން މަޑުކޮށްލިއެވެ. ދެކޮނޑަށް ސަލާމް ދިނުމާ އެކު މުދިމު މީހާ ނަގޫ ޖެހިތާގަ ބޯ ޖަހާފައި މިސްކިތުން ފައިބައިގެން ހިނގައްޖެއެވެ. އޭނާ އަވަސް އަރުވާލާފައި އެދަނީ އޭނާގެ އަސްލު "ޖޮބަށެވެ."
އެއީ 2021 ވަނަ އަހަރު އަޅުގަނޑު ތަޖުރިބާ ކުރި ހާދިސާއެކެވެ. އޭގެ ފަހުން އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. ދައުލަތުން މިސްކިތްތަކުގެ ކަރަންޓު ބިލުތައް ޑޮމެސްޓިކް ރޭޓަށް ބަދަލުކޮށް، ސޯލާ ސިސްޓަމްތައް ހަރުކޮށް، އިމާމުންނާއި މުދިމުންގެ މުސާރައަށް އެކި ފަހަރު މަތިން ކުރިއެރުން ދީ، ޑިގްރީ އަދި މާސްޓާސް ފެންވަރަށް ތަމްރީނު ކުރަން ފަށައިފިއެވެ. އައީ ކޮން ބަދަލެއް ހެއްޔެވެ؟ މިސްކިތުގެ ހަގީގީ ދިރުން ކަމުގައިވާ ސަފުތަކުގެ ހުސްކަމަށް ބަދަލެއް ނާދެއެވެ. ޖަމާއަތް ނިމުމާ އެކު މައުމޫމުންނަށް ވުރެ ކުރިން މުދިމު މީހާ ދުވެ ފިލާ އުސޫލަކަށް އަދިވެސް ބަދަލެއް ނާދެއެވެ. ބަންގި ގޮވަން އަންނަނީ ވެސް ކަންޒު ކަހަނބު ރޭސް ނިންމަނީކަން މުސަޅަށް އެނގިގެން މުސަޅު ހޭލައިގެން ދުވެފައި އަންނަ ގޮތަށް ތެޅެމުން ފޮޅެމުންނެވެ. މިކަން ކުރާ ހިތްވާ، އިހްލާސްތެރި، ދީނީ ހޭލުންތެރިކަން ހުރި ބަޔަކަށް މުދިމުކަން ދިނުން މާ ރަނގަޅުވާނެއެވެ.
މިސްކިތްތަކުގެ މުދިމުންނަކީ މުޖުތަމައުގެ ނަމޫނާއަކަށް ވާންޖެހޭ!
މިސްކިތްތަކުގެ މުދިމުންނާއި އިމާމުން ވާން ޖެހެނީ މުޖުތަމައު އަށް ނަމޫނާ ބަޔަކަށެވެ. ގަޑިއަށް ބަންގިދޭ، އަދި ޖަމާއަތް ނިމުމުން ޒިކުރު ކޮށް، ރަވާތިބް ސުއްނަތް ކުރާ ބަޔަކަށެވެ. މިސްކިތަށް އަންނަ ޒުވާނުންނާ ސަލާމްކޮށް، ދޭތެރެއަކުން ދީނީ ނަސޭހަތެއްދީ، ހިއްވަރުގެ ބަހެއް ބުނެލާ ބަޔަކަށެވެ. އިމާމުން ވާން ޖެހެނީ މިސްކިތުން އެއްވެސް މީހަކާ ބަހެއް ނުބުނެ، ސަލާމް ގަލާމެއް ނުކޮށް، "މަމީ އިމާމޭ" ބުނާ ކަހަލަ ގޮތަކަށް ސީލިންގާ ދިމާއަށް ބަލަމުން މިސްކިތުން ފައިބައިގެންދާ ބަޔަކަށް ނޫނެވެ.
އެރޭ މަޣްރިބް ނަމާދުކޮށް، ޒިކުރުކޮށް، ރަވާތިބް ސުއްނަތުގެ ދެރަކްއަތް ކޮށްގެން ފޭބީމެވެ. ކުރަން ހުރި ބައެއް މަސައްކަތް ކުރުމަށް ފަހު އިޝާ ނަމާދަށް ލައްވާލީ އެހެން ދިމާލެއްގައި ހުރި މިސްކިތަކަށެވެ. މިފަހަރު ޖަމާއަތުގައި ތިބީ ދެމީހުންނެވެ. އޭސީތައް ހަމަ ބަރާބަރަށް މިސްކިތް ފިނި ކުރަމުން، ގަނޑު ކުރަމުން ދިޔައެވެ. ނަމާދަށް ފަހު ޖަމާއަތުގައި އިން އަނެއް މީހާ ވަގުތުން ހިނގައްޖެއެވެ. މުދިމު މީހާ ދަމުން ބޮކިތައް ނިއްވާލިއެވެ. އަޅުގަނޑު ސުންނަތް ކޮށްގެން މިސްކިތުން ފޭބިއިރު އެތަނެކޭ ފަޅު ގެއެކޭ ތަފާތެއް ނެތެވެ.
މިއީ ސައްތައިން ސައްތަ ކަމަށް ދައުވާ ކުރާ އިސްލާމީ ޤައުމެއްގެ ބޮޑު ސިޓީއެއްގެ މެދުގައި ހުރި، 200 ވަރަކަށް މީހުންގެ ޖާގައިގެ މިސްކިތެއްގެ ހާލެވެ. އިޝާ ނަމާދު ޖަމާއަތުގެ ފުރަތަމަ ސަފު ފުރާނުލެވެއެވެ. ނަމަވެސް ރާއްޖެ މިއޮތީ އިސްލާމްވެފަތާއެވެ! ރާއްޖެ އިސްލާމްވި ދުވަހަކީ މިހާރު ދިވެހިން ދަތުރުދާ، ޗުއްޓީ ހޭދަކުރާ ދުވަހެކެވެ. އެދުވަހު އިސްލާމީ ޝިއާރެއް ހިތަށް އަރާނީ މަދު ބައެކެވެ.
އަނެއްކާވެސް އަލުން އިސްލާމް ކުރަންވެފައި!
އޭގެ ދުވަސްކޮޅެއް ފަހުން އެއް ދުވަހަކު ފަތިސް ނަމާދަށް އެރުމުން އަދި ލިބުނީ މިއަށްވުރެ ތަފާތު ތަޖުރިބާއެކެވެ. މުދިން މީހާ ބަންގި ގޮވާކަށް ނާދެއެވެ. ދެން ހުރީ ބަނގާޅު މީހެކެވެ. އަޅުގަނޑު ދިޔައިރު، މުދިމު މީހާ ނައިސްގެން ލަސްވެގެން ބަންގާޅު މީހާ އޭނައަށް އެނގުނު ގޮތަކަށް ބަންގި ގޮވައިފިއެވެ. އަޅުގަނޑު ދިއުމުން އިމާމްވެ ނަމާދު ކުރާށޭ އޭނަ ބުނެފިއެވެ:
."ބޭބެ ނަމާދު ކުރޭ"
އަޅުގަނޑަކީ އިމާމްވެ ނަމާދު ކުރަން މާ ފަރިތަ މީހެއް ވެސް ނޫނެވެ. ނަމަވެސް ކޮންމެ ކަމަކަށް ވެސް ފުރަތަމަ ފަހަރެއް އޮންނަ ފަދައިން މިކަން ވެސް ކުރަން ޖެހުނީމަ ކުރާނީތާއޭ ހިތުލައިގެން ފަތިސް ނަމާދު ކޮށްލީމެވެ. ނަމާދަށް ފަހު ބަންގްލަދޭޝް މީހާ ހިނގައްޖެއެވެ.
ބޮޑު މިސްކިތުގެ އޭސީ ތަކުގެ "ރޫރޫ" އަޑަށް ކަންފަތް ދީގެން، ވަށައިގެންވާ ހަނުހިމޭން ކަމަށް ވިސްނަން އަޅުގަނޑަށް އިދެވުނެވެ. މިސްކިތުގެ ވަށައިގެން އެތައް ބައިވަރު ގެއެއް ހުއްޓެވެ. އެ ގެތަކުގައި، އަރާމު ތަންމަތި ތަކުގައި، ރަޖާ ލައިގެން ކިތައް ސަތޭކަ، ނުވަތަ ކިތައް ހާސް މީހުން ތިބޭނެ ބާވައެވެ؟ އެންމެން ފަތިހުގެ އަރާމު ނިދީގައެވެ. މިސްކިތް ހުހަށެވެ. "ނިންޖަށް ވުރެ ނަމާދު މާ މުހިއްމު" ކަމަށް ގޮވޭ އަޑުވެސް އެމީހުންނަކަށް ނީވެއެވެ. މުދިމު މީހާވެސް އޮތް ތަނެއް ނޭނގެއެވެ. އަޅުގަނޑު މިސްކިތުގެ ބޮކިތައް ނިވާލާފައި ފޭބީމެވެ. ރާއްޖެ މިއޮތީ އަނެއްކާ ވެސް އަލުން އިސްލާމް ކުރަން ޖެހިފައޭ އަޅުގަނޑު ހިތަށް އެރިއެވެ.
ސިޔާސީ އޮޅުވާލުމާއި ދީނީ ހަގީގަތް
ވެރިކަން ތައް ބަދަލުވެ، ސިޔާސީ ފިކުރުތައް ބަދަލުވަމުން ދިޔަޔަސް، ވެރިންގެ ވާހަކަތަކުގެ ފޯކަސް އޮންނަނީ އެއް ދިމާލެއްގައެވެ. އެކި ދުވަސްވަރު ސަރުކާރުތަކުން ޤައުމީ ދުވަސްތަކުގައި ފޮނުވާ ޙިތާބުތަކުގައި، ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ "ހަރުކަށި ފިކުރު" ނުވަތަ "ފިކުރީ އުދަބާނިތައް" ކަމަށް ވިދާޅުވެ މޮޅެތި ބަސްތައް ވިދާޅުވެއެވެ.
ނަމަވެސް، މުޖުތަމައުގެ ހަގީގީ ބަލިމަޑުކަމަކީ އެއީ އެކަނި ތޯއެވެ؟ ފަސް ނަމާދަށް މިސްކިތަށް ދިއުމާއި، އަނބީން ބުރުގާ އެޅުވުމާއި، ސުންނަތް ރޯދަ ޤަވާއިދުން ހިފުމާއި، ރިބާ ހަރާމް ކަމަށް ބުނުމާއި، ބެލުން ތިރި ކުރުމާއި، މިއުޒިކާއި ފާހިޝް ކަންކަމުން ދުރުވުމަކީ ބައެއް ސިޔާސީ ނަޒަރިއްޔާތުތަކުގައި "ހަރުކަށިވުން" ކަމަށް ސިފަކުރެވެއެވެ.
އަނެއްކޮޅުން، ކްރިސްމަސް ފާހަގަކޮށް، ރިސޯޓް ތަކަށް ގޮސް ނިއުއިޔަރ ނައިޓުގައި، ޑިސްކޯތަކުގައި ނަށައި، ރާ ބޮއެ ޕާޓީކޮށް، ދުވަހަކު މިސްކިތަކަށް ނާރައި އުޅުމަކީ "ތަރައްޤީއާއި ތަހުޒީބު" ކަމުގައި ގިނަ ޒުވާނުންނަށް ވިސްނައިދެވިއްޖެއެވެ. އިސްލާމް ދީނަކީ "ފަސޭހަ ދީނެއް" ކަމަށް ބުނެ، އެ ބަހުގެ މަފްހޫމް ވަނީ އޮޅުވާލައިފައެވެ. ފާހިޝް ކަންކަމާއި އުފާވެރިކަން ހޯދުމަކީ ފަސޭހަ ގޮތެވެ. ދީނުގެ އިންތަކުގައި ހިފެހެއްޓުމަކީ ހަރުކަށިވުމެވެ. މުޖުތަމައު އޮތީ މި ފުން ވަޅުގަނޑުގައެވެ. މިސްކިތުގެ ޖަމާއަތަށް އަރާނެ މީހަކު ނުވުމަކުން ހައިރާން ވާކަށް ނުޖެހެއެވެ.
ހުކުރު ދުވަހުގެ ހުތުބާތަކުގެ ހާލަކީވެސް މިއެވެ. ހުތުބާގެ މައުޟޫއުތައް ކިތަންމެ ރަނގަޅުވި ނަމަވެސް، ދަރިން ތަރުބިއްޔަތު ކުރުމާއި އަޚްލާޤީ ވާހަކަތައް މިންބަރުމަތިން ގޮވަމުންދާއިރު، ސޯޝަލް މީޑިއާއާއި އިންޓަނެޓްގެ ފާހިޝްކަމުން މުޅި މުޖުތަމައު ވަނީ ފޯވެފައެވެ. އިސްލާމީ ޝަރީއަތުގެ ރޫޙު އޮތީ ހަމައެކަނި ފޮތްތަކުގެ ސޮފްހާތަކުގައެވެ. މިންބަރު މަތިން އިވޭ ޚުތުބާތަކުން ގިނަފަހަރަށް އިވެނީ ރޮބޮޓްތަކެއްހެން ކިޔައިދެވޭ އެއްގޮތް ކަންތައްތަކެއްގެ ގޮތުގައެވެ. ރައްޔިތުންގެ ހިތްތަކަށް އިސްލާމީ ނޫރު ވާސިލުކޮށްދޭފަދަ އިހްލާސްތެރި، ފުން އަސަރުތަކެއް ހުތުބާތަކުންނެއް ނުފެނެއެވެ.
"ހޯމް ސްޓޭ" އާއި އިޖުތިމާއީ ފުރާޅުން ވެއްޓެމުންދާ ރާޅު
2022 ގައި ފެށި "ހޯމް ސްޓޭ" ޓޫރިޒަމާއި، އޭގެ ފަހުން ރަށްރަށުގައި ހައްދެއް ނެތި ފެތުރެމުންދާ ލޯކަލް ޓޫރިޒަމްގެ ސަބަބުން އިގްތިސާދީ ގޮތުން ޖީބަށް ޑޮލަރު ވަދެ، ދައުލަތުގެ އާމްދަނީއާއި ޓޫރިސްޓް އެރައިވަލްގެ ނަންބަރުތައް މައްޗަށް ދިޔަޔަސް، ރަށްރަށުގެ އިޖުތިމާއީ ފޭރާމަށް އައިސްފައިވާ ނުބައި އަސަރުތައް އިންތިހާއަށް ގިނައެވެ. އިސްލާމީ އާދަކާދަ ތަކާ ނުގުޅޭ ސަގާފަތްތައް ސިޓިންގް ގޭގޭގެ ސިޓިންގްރޫމްތަކަށް ވަދެގެން ދިޔައިރު، ޖީބަށް ވަންނަ ޑޮލަރުގެ އަވާގައި ޖެހި މުޖުތަމައުގެ އަޚްލާޤީ މިންގަނޑުތައް މިވަނީ މުލުންލުހެވިފައެވެ. ދިވެހި އިސްލާމީ މުޖުތަމައުގައި ބުރި ނުވެ އޮތް އެންމެ ފަހު ރޮދިކޮޅުވެސް ހޯމް ސްޓޭއާއި ގެސްޓް ހައުސް ސިޔާސަތުގެ ސަބަބުން މިވަނީ ބުރިވެފައެވެ.
ނިންމުން: ހޭލަންވީ ވަގުތު ޖެހިއްޖެ
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރާ ގޮތަށް، ރާއްޖެ ކާފަރުވީ ދުވަސް ފާހަގަ ކުރާ ހިސާބަށް ކަންކަން ނުގޮސްފިއްޔާ ކިތައްމެހާވެސް ރަނގަޅެވެ. މިފަދަ ފުން ޚިޔާލެއްގައި އިނދެ، އިރު އަރައި ބުޅާ ގޮވާ ހިސާބުން އިޝްރާޤް ނަމާދުގެ ދެރަކްއަތް ކޮށްލައިގެން މިސްކިތުން ފޭބީމެވެ. ވަށައިގެން ހުރި ގެތަކުގައި ރައްޔިތުން ތިބީ އަދިވެސް ގަދަ ގުގުރީގައެވެ. މިއީ ހަމައެކަނި އެނދުމަތީގެ ނިންޖެއް ނޫނެވެ. މިއީ މުޖުތަމައުގެ ރޫޙާނީ ނިންޖެވެސްމެއެވެ. މިއީ ޣަފްލަތުގެ ގަދަ ނިންޖެވެ. މި ނިދިން ދިވެހި އުންމަތް ހޭލެވޭނީ ކޮން އިރަކުން ބާއެވެ؟