މީގެ ދިހަ ވަރަކަށް އަހަރު ކުރިން ރ. މީދޫގައި ފުރަވެރި މޯލްޑިވްސް ރިސޯޓް ހަދަމުން ދިޔަ ދުވަސްވަރެވެ. އެ ރިސޯޓް އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅުނު މީހުންގެ 90% ވަރަކަށް މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. މަސައްކަތް ކުރާ މީހުންގެ ސަރުދާރަކަށް ހުރީ އައްޑު އަތޮޅު މީދޫ މީހެއް ކަމުގައިވާ އަބްދުﷲ މަނިކުފާނެވެ. ރަށް ހަދަމުންދިޔަ ދުވަސްވަރު ރަށުގައި ހުކުރު ނުކުރާތީ ބަންގްލްދޭޝް ބައެއް މީހުން ބުނެގެން ވަގުތީ މިސްކިތެއް ހަދައި އެތަނުގައި ހުކުރު ކުރަން ފެށިއެވެ. އެރަށުގައި ހުކުރަށްދާ މީހުންގެ 90% އަކީ ބަންގްލަދޭޝް މީހުން ކަމުގައި ވާތީ އިމާމުވެ ހުކުރު ކުރީ މަސައްކަތު މީހުންގެ ތެރެއިން ބަންގްލަދޭޝް މީހެކެވެ. އޭނާ ހުކުރު ޙުތުބާ ކިޔައި އުޅުނީވެސް ބަންގްލަދޭޝް ބަހުންނެވެ. މިގޮތަށް ބަންގްލަދޭޝް މީހުން ލައިގެން، ބަންގްލަދޭޝް އިމާމަކު ލައިގެން ހުކުރު ކުރިއިރު ދިވެހިންގެ ތެރެއިން 15 ވަރަކަށް މީހުންވެސް ހުކުރަށް ގޮސް އުޅުނެވެ. ނަމަވެސް ބޮޑު ތަނުން ގިނައީ ބަންގްލަދޭޝް މީހުންނެވެ.
މިހެން ހުކުރު ކުރަނިކޮށް ރަށުގެ ސަރުދާރަކަށް ހުރި އަބްދުﷲ މަނިކުފާނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެއް ދުވަހަކު ގުޅައިފިއެވެ. ސުވާލުކުރީ ބަންގްލަދޭޝް މީހަކު ލައިގެން، ބަންގްލަދޭޝް ބަހުން ޙުތުބާ ކިޔައިގެން ފުރަވެރީގައި ހުކުރު ކުރަނީ ކީއްވެގެން ތޯއެވެ؟ ހުސް ބަންގާޅީން ހުކުރަށް ދާއިރު އެމީހުންނަށް ޙުތުބާ ފަހުމު ވާނީ ބަންގާޅު ބަހުން ޙުތުބާ ނުކިޔައި ދެން ކޮން ބަހަކުން ކީމަތޯ އަބްދުﷲ މަނިކުފާނު، ރައްދުގައި ސުވާލު ކުރިއެވެ. އިސްލާމިކް މިނިސްޓްރީން ގުޅި މީހާ ބުނީ ހުއްދަ ނުނަގައި ހުކުރު ނުކުރެވޭނެ ކަމަށެވެ. ނަމާދާއި ހުކުރު ކުރަން ހުއްދަ ނަގަން ޖެހޭތޯ މަނިކުފާނު ސުވާލުކުރިއެވެ. އިސްލާމިކް މިނިސްޓްރީން ގުޅި މީހާގެ އަނގަބަންދުވުމުން ޖަވާބުގައި ބުނީ "އެހެން ވިއަސް ހުއްދަ ނުނަގައި ހުކުރު ނުކުރެވޭނެ" ކަމަށެވެ. އަދި، އެގޮތަށް ހުކުރު ނުކުރުމަށް އިންޒާރު ދީ، އަމުރު ކުރުމަށް ފަހު އިސްލާމިކް މިނިސްޓްރީގެ ކޯލް ނިންމާލިއެވެ. ނަމަވެސް މަނިކުފާނުގެ ބެލުމުގެ ދަށުން މަސައްކަތް ކުރަމުން ދިޔަ ފުރަވެރީގެ ރަސްމީ މިސްކިތް ހުޅުވެންދެން އެރަށުގައި ހުކުރު ކުރީ ހަމަ ބަންގާޅު މީހާއެވެ. ޙުތުބާ ވެސް ކީ ހަމަ ބަންގާޅު ބަހުންނެވެ.
އޭގެ އަހަރުތަކެއް ފަހުން އެއް ދުވަހަކު އަބްދުﷲ މަނިކުފާނު ހުޅުމާލެއިން މާލެއަށް ދާން ޓެކްސީ އަކަށް އެރިއެވެ. ދަތުރު ނިމެން ކައިރިވުމުން ޓެކްސީއަށް ދޭންވީ ކިހާވަރެއްތޯ ސުވާލު ކުރިއެވެ. ޑްރައިވަރު ޖަވާބެއް ނުދިނުމުން އަނެއްކާ ވެސް ސުވާލު ތަކުރާރު ކުރިއެވެ. އަނެއްކާ ވެސް ޖަވާބެއް ނުލިބުމުން ޖަވާބު ނުދެނީ ކިއްވެގެންތޯ ޑްރައިވަރު ކުރެން އެހިއެވެ. ޑްރައިވަރު ބުނީ ތިކިޔާ އެއްޗެއް ނޭނގޭ ކަމަށެވެ. ވެގެން އުޅޭ ގޮތަކީ އަބްދުﷲ މަނިކުފާނު ޑްރައިވަރާ ސުވާލު ކުރީ އައްޑޫ ބަހުން ކަމުގައި ވުމެވެ. "ދޭއްވީ ކެހެއި ވަރަށް؟" އެވެ. މަނިކުފާނު އައްޑޫ ބަހުން ކުރި ސުވާލު ޑްރައިވަރަށް ފަހުމް ވެސް ވިއެވެ. ނަމަވެސް އައްޑޫ ބަހުން އެހީތީ ރުޅި އައިސްގެން ގަސްތުގައި ޖަވާބު ނުދީ ހަނު އިނީ އެވެ.
ތި ވާހަކަ ދައްކަނީ އެހެން ބަހުރުވަ އަކުން ކަމަށާއި ދިވެހި ބަހުން އެހުމުން ޖަވާބު ދޭނެ ކަމަށް ޑްރައިވަރު މަލާމާތުގެ ރާގެއްގައި ބުންޏެވެ. ޖަވާބުގައި މަނިކުފާނު ބުނީ އައްޑޫ ބަހަކީ ވެސް ރާއްޖޭގެ ޤާނޫނު ބުނާގޮތުން ދިވެހި ބަސް ކަމަށާއި ތިމަންނާވެސް މިވާހަކަ ދައްކަނީ ދިވެހި ބަހުން ކަމަށެވެ. މަނިކުފާނު އައި ރުޅީގައި އަމިއްލަ ނަފްސަށް ވައުދެއް ވިއެވެ. ދެން ދުވަހަކުވެސް "މާލޭ" ބަހުން ވާހަކަ ނުދެއްކުމަށެވެ. އެބަހަށް ކިޔަނީ "މާލޭ" ބަހެވެ. އެހެންވީ އިރު އެބަސް "ދިވެހި" ބަހަށް ވެފައި "އައްޑޫ" ބަސް ދިވެހި ބަހަށް ނުވާންޖެހޭ ސަބަބެއް ނެތް ކަމަށް މަނިކުފާނު ބުންޏެވެ.
ސުންނަތް ނަމާދުގެ ސަޖިދާގައި އޮވެ ކޮންމެ ބަހަކުން ވެސް ﷲ އަށް ދުއާ ދެންނެވެއެވެ. ވީއިރު ރާއްޖޭގައި ހުކުރު ޙުތުބާ ކިޔަން ޖެހެނީ ހަމައެކަނި މާލޭ ބަހުން ކަމުގައި ޤަވާއިދެއް ހަދައިގެން އިސްލާމިކް މިނިސްޓްރީން މިއުޅޭ އުޅުމަކީ ސީދާ ނަސްލީ ތަފާތު ކުރުމެކެވެ. ރާއްޖެތެރޭ މީހުންނަކީ ފަސް ކުޅަނދު ހަމަނުވާ ބައެއް ކަމުގައި އަދިވެސް ދެކެނީއެވެ. ހުކުރަށް ދަނީ ބަންގާޅީން ކަމުގައިވާނަމަ ހުކުރު ޙުތުބާ ދިވެހި ބަހުން ކިޔައިގެން އެމީހުންނަކަށް ވާނެ ފައިދާ އެއް ނެތެވެ. އައްޑޫ އަތޮޅުގެ ހުކުރު ކުރާ މިސްކިއްތަކުގައި މާލޭ ބަހުން ހުކުރު ޙުތުބާ ކިއުމަށް ވުރެ އައްޑޫ ބަހުން ހުތުބާ ކިއުން މާ އައުލާކަން ބޮޑުވެގެން ވެއެވެ. އެފަދައިން ޙުތުބާ ކިޔާނަމަ ހުކުރަށްދާ އައްޑޫ މީހުންނަށް ހުތުބާގެ ހެޔޮ އަސަރު ކުރުމުގެ ފުރުސަތު ވެސް މާ ބޮޑު ވާނެއެވެ.
މީގެ އަހަރުތަކެއް ކުރިން ހުކުރު ދުވަހެއްގައި އައްޑޫ އަތޮޅު މީދޫގެ މިސްކިތެއްގައި އައްޑޫ ބަހުން ހުތުބާ ކިޔައިގެން އިސްލާމިކް މިނިސްޓްރީން އިމާމަކު ސަސްޕެންޑު ކުރިއެވެ. އައްޑޫގެ އިމާމެއް ކަމުގައިވާ މުހައްމަދު ރަޝީދު އެދުވަހު މީދޫ މަސްޖިދުއް މަޖްދުއްދީނުގައި ހުކުރު ހުތުބާ ކީ އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާ އައްޑޫ ބަހަށް ބަދަލުކޮށްގެންނެވެ. މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މީޑިއާ އަށް ވިދާޅުވީ، ހުތުބާ ކިޔުމުގެ އުސޫލާ ހިލާފުވެގެން އެ މައްސަލަ އިތުރަށް ބެލުމަށްޓަކައި ޙަތީބަކު ސަސްޕެންޑް ކުރިކަމަށެވެ. މީދޫ މިސްކިތުގައި އައްޑޫ ބަހުން ޙުތުބާ ކީ އިމާމު މުޙައްމަދު ރަޝީދު ސަސްޕެންޑުކުރުމާ ގުޅިގެން އުފެދުނު ބަޙުޘަކީ "ދިވެހި" ބަސް މަރުކަޒީކުރުމާ މެދު އުފެދުނު ބޮޑު ސުވާލެކެވެ. ރާއްޖެތެރޭގެ ރަށްރަށުގައި ކިޔާ ޙުތުބާތައް ހަމައެކަނި މާލޭ ބަހުރުވައިން ކިޔަން މަޖުބޫރުކުރުމަކީ، ހުތުބާ އަޑުއަހަން ތިބޭ ޖަމާޢަތާއި ޙުތުބާއާ ދެމެދު އޮންނަ ރޫޙާނީ ގުޅުން ކެނޑި، ސަރުކާރުން ލިޔެފައި ދޭ އެއްޗެއް ކިޔައިލާ ރޮބޮޓަކަށް އިމާމާ ބަދަލުވެގެންދާ ކަމެކެވެ.
އައްޑޫ ބަހުން ޙުތުބާ ކިޔައިގެން ޙަތީބު ސަސްޕެންޑު ކުރި އިރު އޭނާގެ ފަހަތުން ހުކުރު ކުރި މައުމޫމުންގެ ހުކުރު އަނެއްކާ ސައްޙަވި ބާވައެވެ؟ ނަމާދާއި ހުކުރަކީ ﷲ އަށް ޙާލިސްކޮށް ކުރާ އެއްޗެކެވެ. އެއީ ހަރުކަށި ޤަވާއިދު ހަދައިގެން، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ނޫނެވެ.
ދީނީ ކަންކަން އުނގަންނައިދިނުމާއި ހޭލުންތެރިކުރުން ކާމިޔާބު ކުރެވޭނީ އެ ބަޔަކަށް އެންމެ ބޮޑަށް ފަހުމްވާ ބަހުރުވައަކުން ވާހަކަދައްކައިގެންނެވެ. ދައުލަތުގެ އިދާރީ ކަންކަމުގައި މާލޭ ބަހުރުވަ ބޭނުންކުރި ކަމުގައި ވީނަމަވެސް، އައްޑޫ ބަހުރުވައަކީ ދިވެހި ބަހުގެ މުއްސަނދިކަން ދައްކުވައިދޭ އަދި އެ ސަރަޙައްދުގެ ރައްޔިތުންގެ އާންމު މުއާމަލާތީ ބަހެވެ.
މިވަރަކުން ޤަވާއިދު ހަދައިގެން، މާލޭ ބަހުން ލިއެގެން، ހުރިހާ އިމާމުން ލައްވާ، ރޮބޮޓުން ތަކެއްހެން، ކޮންމެ ހުކުރު ދުވަހަކު މިކިއުއްވާ ހުތުބާގައި އޮއްޓަރެއްވެސް ހުންނަނީކީ ނޫނެވެ. ބައެއް ހުކުރު ދުވަސް ދުވަހު އިމާމު މީހާ ރޮބޮޓެއްހެން ބަލައިގެން ޙުތުބާ ކިޔަމުންދާއިރު، ކީކޭހޭ ތިކިޔަނީ އަހައި މިސްކިތުމެދުގައިހުރެ ހަޅޭއްލަވާފާނަމޭ ހިތަށް އަރާ ދުވަސް ދުވަސް މަދެއް ނޫނެވެ. ކުޑަކުދިންގެ ދުވަހުގެ ހުތުބާ ކުޑަކުދިންނާ ގުޅުވާފައި، ނެށުންތެރިންގެ ދުވަހުގެ ޙުތުބާ ނެށުންތެރިންނާ ގުޅުވީމައި އެއޮތީ ޙުތުބާ ލިޔެވިފައެވެ. މާލޭ ބަހުން ކިޔެނިކޮށް ނިމުނީ އެވެ. ޙުތުބާގައި ރިބާ ހަރާމޭ ލިޔެފައި، އާޔަތާއި ހަދީސް ކިޔާފައި، ހަމަ އެއްކަލަ އިސްލާމިކް މިނިސްޓަރު ނިސްބަތްވާ ސަރުކާރުގެ ބޭންކުން މިލިއަނުން ރިބާ ކައިފައި، ބޭންކުން ސަރުކާރަށް ރިބާ ފައިދާ ދިނުމުން އެރިބާގެ ފައިސާއިން މިސްކިތް އަޅާފައި، ރިބާ އެކުލެވޭ ފައިސާއިން މުދިމަށް މުސާރަ ދީފައި، މާލޭބަހުން ހާސަރުތަކެއް ކިޔަކަސް މިސްކިތަށް ހުކުރަށްދާ މީހުންނަށް ވާ ފައިދާއެއް ނެތެވެ. މިހާރު މިކިޔާ ޙުތުބާ އަޑު އެއްސަސް ގިނަފަހަރު ވާ ފައިދާއެއް ވެސް ނެތެވެ.
މުނާފިޤް ހުތުބާ ލިއެގެން ހަރުކަށި ޤަވާއިދު ހަދައިގެން، އިސްލާމިކް މިނިސްޓްރީގެ ބާރު އޮތްކަން ދެއްކިއަކަސް އެއީ އިސްލާމީ އުސޫލެއް ނޫނެވެ. ހުތުބާގައި ބަގުޑި ބައްދަނީ ރައްޔިތުންނަށް ހަޤީގަތް އޮޅުންފިލައިފާނެތީ ބާވައެވެ؟ ހުތުބާއިން ސިޔާސީ ޕްރޮޕެގެންޑާ ނުފެތުރިދާނެތީ ބާވައެވެ؟ ނަމުން ދީނީ ޕާޓީ ހެދިގެން، އަމަލުން މޯދީ އުނގަށް ވެއްޓިގެން، ލާދީނީ ބައެއް ސިޔާސަތުތަކަށް ބީރު ކަންފަތެއް ދީގެން، ޙުތުބާއިން ރިބާ އާއި ރާ ހަރާމް ކޮށްގެން، އަމަލުން، ރިބާ ކައި، ރަލުގެ ވިޔަފާރި ކޮށްގެން، ރައްޔިތުން އޮޅުވާލައްވަން ނޫޅުއްވާށެވެ. އައްޑޫގެ މިސްކިތްތަކުގައި އައްޑޫ ބަހުން ޙުތުބާ ކިޔަން ހުއްދަ ދެއްވާށެވެ. ކޮންމެ ސިޓީއެއްގެ މަދުވެގެން އެއް މިސްކިތުގައި އިގިރޭސި ބަހުން ހުތުބާ ކިޔާށެވެ. ދީނީ ދަރުސް ދިނުމުގެ ހުއްދަ އޮންނަ ހުރިހާ އިލްމުވެރިންނަށް ނުބަލައި އަމިއްލައަށް ހުތުބާ ކިއުމުގެ ހުއްދަ ދެއްވާށެވެ. ސަރުކާރުން ޙުތުބާގައި ބަގުޑި ބައްދައިގެން އޮންނަ އޮތުން ނިމުމަކަށް ގެންނާށެވެ.