ސިޔާސީ

ރަސްމާލެ ހިލޭ ދިނުން: ދިވެހިންގެ ފައިސާއިން ހިއްކި ބިން ވިއްކާލަނީ ކާކުގެ ކެމްޕޭން ފަންޑަކަށް؟

ދިވެހި ރައްޔިތުންގެ ދަރަނި ބޮޑުވެ، ޤައުމު އިޤްޞާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު، ދައުލަތަށް ލިބެންޖެހޭ ބިލިއަން ޑޮލަރުގެ މަންފާ ބޭރުގެ އިންވެސްޓަރަކަށާއި ސިޔާސީ އަމިއްލަ އެދުމަށް ޤުރުބާންކޮށްލުމަކީ ދިވެހި ރައްޔިތުން ތަޙައްމަލުކުރާނެ ކަމެއް ނޫނެވެ. މި އެގްރީމެންޓް އިޞްލާޙުކޮށް، ދައުލަތަށް ޙައްޤުވާ އެކުއިޒިޝަން ފީ ސޮވަރިންގ ޑިވެލޮޕްމެންޓް ފަންޑަށް ޖަމާނުކުރެވޭ ނަމަ، މިއީ ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ އެންމެ ބޮޑު ޚިޔާނާތެވެ!

ރަސްމާލެ ހިލޭ ދިނުން: ދިވެހިންގެ ފައިސާއިން ހިއްކި ބިން ވިއްކާލަނީ ކާކުގެ ކެމްޕޭން ފަންޑަކަށް؟

ދިވެހި ރައްޔިތުންގެ ވައިނޮޅިއަށް އަތްބާނައި، ދައުލަތުގެ ބަޖެޓުން އެއް ބިލިއަން ޑޮލަރާ ގާތްކުރާ ބޮޑު ހޭދައެއް ކޮށްގެން ހިއްކި ރަސްމާލޭގެ 500 ހެކްޓަރުގެ ބިޔަ ބިން، އެއްވެސް "އެކުއިޒިޝަން-ފީ" އެއް އަދި ކުއްޔެއްވެސް ނެގުމެއް ނެތި ބޭރުގެ އިންވެސްޓަރަކަށް ދޭން މިހާރުގެ ސަރުކާރުން އުޅުމަކީ މުޅި ޤައުމު ސިއްސައިގެންދާންޖެހޭ ވަރުގެ ކަމެކެވެ. މިއީ ހަމައެކަނި ސިޔާސީ ކަމެއް ނޫނެވެ. މިއީ ދިވެހި ދައުލަތުގެ ސިޔާދަތާއި، ދިވެހީންގެ ދީނާއި ސިޔާސީ މިނިވަންކަން ނޭނގިތިއްބާ ފުން އަނދަވަޅަކަށް ވައްޓާލަފާނެ ވަރުގެ ނުރައްކާތެރި މަޝްރޫޢެކެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީ.އެމް.އާރަށް ދިނުމުން ރައްޔިތުން ނިކުމެ މުޒާހަރާކޮށް، ދިވެހި ދައުލަތުން އެންމެ ފަހުން ޖީ.އެމް.އާރަށް ބަދަލުދީފައި ނެގި ގޮތަށް ނެގޭނެ ވަރުގެ މަޝްރޫއެއް ވެސް ނޫނެވެ. ވިހި ބިލިއަން ޑޮލަރުގެ މި އެގްރީމެންޓުގައި ސޮއިކުރުމާއެކު ދިވެހިން ތިބޭނީ ފުރަގަހަށް އަތް ބަނދެވި، ބޭރު މީހުންގެ އަޅުންނަށް ވެފައެވެ. މިއީ ހަމައެކަނި އިޤްތިޞާދީ ޖަރީމާއެއް ނޫނެވެ؛ މިއީ ވަކި ބައެއްގެ ސިޔާސީ މަންފާއަށް ދިވެހި ޤައުމުގެ އަގުހުރި ރައުސްމާލު ބީކޮށްލުމަށް ހިންގާ ބޮޑު ޚިޔާނާތެއް ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ބިން ހިއްކީ ދިވެހިން؛ ފައިދާ ނަގަނީ ބޭރުގެ ކުންފުނި!

އިޝްތިހާރު

މާލެއާއި ހުޅުމާލެއިން އާންމު ދިރިއުޅުމަށް ބިން ގަންނައިރު އަކަފޫޓަކަށް އެވްރެޖްކޮށް ދިހަ ހާސް ރުފިޔާ ޖެހެއެވެ. އެހެންކަމުން، ދިވެހިންގެ ފައިސާއިން ހިއްކި 500 ހެކްޓަރުގެ ބިމަކީ މާލޭގެ ބިމުގެ ރޭޓުން ބެއްޔަސް ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރުގެ އަގުހުރި ބިމެކެވެ. އެވަރުގެ މާލީ އަގެއް ނުލިބުނަސް، އެކުސިޝަން ފީ ގެ ގޮތުގައި އެންމެ ކުޑަމިނުން 5 ބިލިއަން ވަރަކަށް ޑޮލަރުގެ އަދަދެއް ދައުލަތަށް ހޯދެންޖެހޭނެއެވެ. ނަމަވެސް ރައިސް މުއިއްޒުގެ ސަރުކާރުން ރަސްމާލެއާމެދު ކަންކުރަން ރާވާފައިވާ ގޮތަކީ ރިސޯޓެއް ހަދަން އިންވެސްޓަރަކަށް، އެއްވެސް އެކުއިޒިޝަން ފީއެއް އަދި ބިމުކުއްޔެއްވެސް ނުނަގައި، ހިލޭ ރަށެއް ދިނުން ފަދަ ގޮތެކެވެ. އިންވެސްޓަރު އަމިއްލައަށް އެތަން ހަދައިގެން ހިންގުމުން ދައުލަތަށް ލިބޭނީ ހަމައެކަނި ޓެކްސް އާއި އާންމު ފީތައް އެކަންޏެވެ.

ރައީސް ސޯލިހު ވިދާޅުވިއަސް ރަނގަޅު ވާހަކައެއް ވާނީ ރަނގަޅު ވާހަކައަކަށް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ އެމަނިކުފާނުގެ ވެރިކަމުގައި މޮރިޝަސްއަށް ދިވެހި ކަނޑުން ބޮޑު ބައެއް ދޫކޮށްލައްވައި، ޗާގޯސްގެ މައްޗަށް ދިވެހި ދައުލަތުން ކުރަމުން އައި ސިޔާދަތީ ދަޢުވާ ދޫކޮށްލެއްވި ރައީސް ކަމަށްވާތީ، ރައީސް ސޯލިހަކީ ޤައުމީ މަޞްލަޙަތާއި ސިޔާދަތާ ގުޅޭ މަޝްރޫޢަކާ މެދު ވާހަކަފުޅު ދައްކަވަން އެންމެ އެކަށީގެންވާ ބޭފުޅާ ކަމުގައި ނުވެދާނެއެވެ. ނަމަވެސް، ކޮންމެ ބޭފުޅަކު ދެއްކެވި ކަމުގައި ވިޔަސް، އިޤްޞާދީ އަދި ވިޔަފާރީގެ ޙަޤީޤަތާ އެއްގޮތަށް ދައްކަވާ ރަނގަޅު ވާހަކަފުޅެއް ވާނީ ހަމަ ރަނގަޅު ވާހަކަފުޅަކަށެވެ.

މި މަޝްރޫޢާ ގުޅިގެން ރައީސް ސޯލިހު ފާހަގަކުރައްވާފައިވާ ގޮތުގައި، އިންޞާފުވެރި ވިޔަފާރި މުޢާމަލާތެއްގެ އަސާސަކީ މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތަށް، ނުވަތަ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށްވެސް ހަމަހަމައަށް ފައިދާވުމެވެ. ނަމަވެސް، ދިވެހި ރައްޔިތުންގެ ފައިސާއިން 700 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް (ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު) ހޭދަ ކޮށްގެން ހިއްކާފައިވާ 500 ހެކްޓަރުގެ ބިޔަ ބިން، އެއްވެސް އެކުއިޒިޝަން-ފީ އެއް ނުވަތަ ބިމުގެ އަގެއް ނެގުމެއް ނެތި އީގަލް ހިލްސަށް "ހިލޭ" ދިނުމަކީ ދައުލަތަށް ނުހަނު ބޮޑު ގެއްލުމެއް ލިބިދާނެ ޑީލެކެވެ. ފައްސަތޭކަ ހެކްޓަރަކީ ގާތަގަނޑަކަށް މިއޮއް ބޮޑު މާލޭގެ ތިން ގުނަ ސައިޒެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ތަޙްލީލު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީން ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަށް އަބަދުވެސް މަރުޙަބާ ކިޔައެވެ. ނަމަވެސް، މައްސަލައަކީ މި ސަރުކާރުން ޤާނޫނާ ޚިލާފަށް އެއްބަސްވުންތައް އެކުލަވާލައި، ރައްޔިތުންނަށް މަޢުލޫމާތު ސިއްރުކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރުމަށްފަހު، އެކަން ފޮރުވުމަށްޓަކައި ފަހުން ޤާނޫނުތައް ބަދަލުކުރަން އުޅުން ކަމުގައި އަމީރު ތުހުމަތު ކުރެއްވިއެވެ. އަމީރުގެ މާލީ ހިސާބުތަކާއި އަންދާސީ އަދަދުތަކުގައި ކެލްކިއުލޭޝަންގެ ކުށްތަކެއް ހުރި ކަމުގައި ވިޔަސް، އަސާސީ ގޮތުން ދައުލަތަށް ފައިދާވާނެ ގޮތަށް މި ޕްރޮޖެކްޓުގެ އެގްރީމެންޓު އިޞްލާޙުކުރަންޖެހެއެވެ.

ރަސްމާލެ މަޝްރޫޢުގައި އިޞްލާޙު ކުރަންޖެހޭ މައިގަނޑު ކަންކަން

މި މަޝްރޫޢު އިޞްލާޙުކުރުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް، ރަސްމާލޭގެ ކޮމާޝަލް ޓާމްސް އެގްރީމެންޓާއި ބިން ދެވޭ އުޞޫލުތައް ސިއްރު ނުކޮށް، ރައްޔިތުންގެ މަޖިލީހަށާއި އާންމުންނަށް ދެފުށް ފެންނަ ގޮތަށް ހާމަކުރަންޖެހެއެވެ. ދެވަނަ ކަމަކަށް، ރަސްމާލޭގައި ރަލާއި، އޫރުމަހާއި، ކެސީނޯ އަދި ދީނީ ޚިލާފު ކަންކަން މަނާކުރާ މާއްދާތައް ހަމައެކަނި ކޮންޓްރެކްޓުގައި ނުބަހައްޓައި، ޤާނޫނެއްގެ މާއްދާއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ޤާނޫނީ ބާރު ދޭންޖެހެއެވެ. ތިންވަނަ ކަމަކަށް، 500 ހެކްޓަރުގެ ބިން ދާއިމަށް (ކޮންމެ 99 އަހަރަކުން ރޯލް އޮވަރ ވާގޮތަށް) "ހިލޭ" ދޭއިރު، އަމީރު ފާހަގަކުރެއްވި ގޮތަށް ދައުލަތަށް އެކަށީގެންވާ އެކުއިޒިޝަން ފީއަކާއި "ރިސޯސް ރެންޓް" ނުވަތަ އަހަރީ ކުއްޔެއް ލިބޭނެ ގޮތް ހަމަޖައްސަންޖެހެއެވެ.

މީގެ އިތުރުން، އިޒްރޭލުގެ ރައްޔިތުންނަށާއި، ޞަހުޔޫނީ މަޞްލަޙަތު ހިމެނޭ ކުންފުނިތަކަށް ރަސްމާލެއިން ބިމާއި ޕްރޮޕަޓީ ނުގަނެވޭނެ ގޮތަށް ވަރުގަދަ އުޞޫލުތަކެއް އެކުލަވާލައި ތަންފީޛުކުރަންޖެހެއެވެ. އަދި މާލެ އަތޮޅުގެ އިޚްތިޞާޞުން ނުވަތަ ދިވެހި ދައުލަތުގެ ސިޔާދަތީ ކޮންޓްރޯލުން ރަސްމާލެ ބޭރުނުވާނެކަމާއި، ދިވެހި ފުލުހުންނާއި ސިފައިންގެ ފުރިހަމަ އިޚްތިޞާޞް އެތަނުގައި ހިނގާނެކަން ޤާނޫނަކުން ކަށަވަރުކުރަންޖެހެއެވެ.

ރަސްމާލެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ މުސްތަޤުބަލާ ގުޅިފައިވާ ބިޔަ މަޝްރޫޢަކަށްވާއިރު، މި މަޝްރޫޢު ހަރުދަނާކޮށް އިޞްލާޙުކުރުމަށްޓަކައި އަސާސީ ގިނަ ފިޔަވަޅުތަކެއް އެޅުން ލާޒިމެވެ. އެގޮތުން، ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް، ރައީސް މުއިއްޒު މިހާރު ރާއްވަވާފައިވާ ގޮތަށް ބޭރުގެ ޔުޓިލިޓީ ކުންފުނިތަކަށް ނުދީ، ދިވެހި ދައުލަތުގެ ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީއަށް އެކަނި ޚާއްޞަކުރަން ޖެހެއެވެ. މީގެއިތުރުން، އެތައް ބިލިއަން ޑޮލަރެއްގެ މި މުޢާމަލާތުގައި ދައުލަތުގެ މާލީ އަދި ޤާނޫނީ މަޞްލަޙަތު ދިފާޢުކުރުމަށް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ޤާނޫނީ ކުންފުންޏެއްގެ އެހީތެރިކަން ހޯދުމާއެކު، ޕްރޮޕަޓީތަކުން ލިބޭ އާމްދަނީގެ ކަނޑައެޅޭ ވަކި އިންސައްތައެއް ސީދާ އެމެރިކާ ޑޮލަރުން ސޮވަރިންގ ޑިވެލޮޕްމެންޓް ފަނަޑަށް ޖަމާކޮށް ބޭރުގެ ދަރަނިތަކާއި ސުކޫކުތައް ދެއްކުމުގެ ޤާބިލުކަން އިތުރުކުރަން ޖެހެއެވެ.

ހަމައެއާއެކު، މި ޕްރޮޖެކްޓުގެ އިންވެސްޓަރ ހުޅުމާލޭގައި އަޅައިދޭނެ ކަމަށް ބުނާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ 5000 ޔުނިޓަކީ ދައުލަތަށް ލިބޭ އާމްދަނީން އުނިކުރާ އެއްޗަކަށް ނުހަދައި، މަޝްރޫޢު ފެށުމުގެ ކުރިން އަނބުރާ ދައްކަންނުޖެހޭ "އެކުއިޒިޝަން ކޮސްޓް" ގެ ގޮތުގައި ކަނޑައަޅަންޖެހެއެވެ. މަޝްރޫޢު ކުރިއަށްދާނެ ތަފްސީލީ މާސްޓަރ ތާވަލެއް އެކުލަވާލައި، މަސައްކަތް ލަސްވެއްޖެނަމަ މާލީ ޖޫރިމަނާކުރުމާއި، އެއްބަސްވުމާ ޚިލާފުވެއްޖެނަމަ ބިން އަނބުރާ ދައުލަތަށް ނެގޭނެ "ޕާފޯމަންސް ބޮންޑު" އަދި "ގެރެންޓީ" ތަކުގެ އިންތިޒާމުތައް ޤާނޫނީ ގޮތުން ކަށަވަރުކުރަންޖެހެއެވެ.

އަދި 99 އަހަރު ހަމަވުމުން އޮޓޯއިން މުއްދަތު އިތުރުނުވެ ދައުލަތަށް ބިން ލިބޭގޮތް ހެދުމާއި، ސަރުކާރުގެ ސަރީޙަ ހުއްދައެއް ނެތި ތިންވަނަ ފަރާތަކަށް މިލްކުވެރިކަން ބަދަލުނުކުރެވޭގޮތް ޤާނޫނީ ގޮތުން ކަށަވަރު ކުރުން މުހިންމެވެ. ސަރަޙައްދީ ކޮންޓްރޯލް ދެމެހެއްޓުމަށްޓަކައި ދިވެހި ފުލުހުންނާއި ސިފައިންގެ ދާއިމީ މަރުކަޒުތައް ރަސްމާލޭގައި ބަހައްޓައި ދައުލަތުގެ ފުރިހަމަ ބާރު ހިންގުމާއެކު، ޤާނޫނުއަސާސީއާ އެއްގޮތަށް އިސްލާމްދީން ނޫން އެހެން ދީނެއްގެ އަޅުކަންކުރާ ތަންތަން ބިނާނުކުރެވޭނެކަން ޤާނޫނީ ގޮތުންނާއި އެގްރިމެންޓު މެދުވެރިކޮށް ކަށަވަރު ކުރުން  ލާޒިމެވެ. އިޤްޞާދީ ގޮތުން ދިވެހިން ބާރުވެރިކުރުވުމަށް ސަބް-ކޮންޓްރެކްޓް އުޞޫލުން ދިވެހި ކުންފުނިތަކަށް ފުރުޞަތު ދިނުމާއި، މަޝްރޫޢުން އުފެދޭ 54،000 ވަޒީފާއަށް ދިވެހިން ނެރުމަށްޓަކައި 2050 ވަނަ އަހަރާ ހަމައަށް ދިވެހި އާބާދީ 1 މިލިއަނަށް އިތުރުކުރުމުގެ ސިޔާސަތަކާއި ފަންނީ ތަޢުލީމު ފުޅާކުރުމުގެ ޕްރޮގްރާމްތައް އިފްތިތާޙުކުރަންޖެހެއެވެ.

ސުވާލަކީ: އެކުއިޒިޝަން ފީގެ އެއް ބިލިއަން ޑޮލަރު ދިޔައީ ކާކުގެ ޖީބަށް؟

އެކުއިޒިޝަން ފީ ގެ މަދުވެގެން އެއް ބިލިއަން ޑޮލަރު ދައުލަތަށް ނުލިބޭ ގޮތަށް އެގްރީމެންޓް ހެދުމުން އުފެދޭ ބޮޑު ސުވާލަކީ މިއެވެ: މޭޒު އަޑިން މަދުވެގެން 1 ބިލިއަން ޑޮލަރު ކޮންމެވެސް ބައެއްގެ 2028 ވަނަ އަހަރުގެ ރިއާސީ ކެމްޕޭން ފަންޑަށް ވަނީބާވައެވެ؟ ކޮންމެވެސް އެއްދިމާ އަކަށް އެފައިސާ ނުގޮސް ދިވެހި ދައުލަތުގެ މިވަރުގެ ބޮޑު ޙައްޤެއް ދޫކޮށްލާނެ ކަމަކަށް ނުބެލެވެއެވެ.

ނިންމުން: ސޮވަރިންގ ފަންޑަށް ވަންނަންޖެހޭ ފައިސާ މޭޒު އަޑިން ނުނެގޭނެ!

ރަސް މާލޭގެ ބިން ހިއްކުމަށް ދިޔަ އެއް ބިލިއަން ވަރަކަށް ޑޮލަރުގެ ބިޔަ ޚަރަދާއި، އެހެނިހެން އެޑްމިން ޚަރަދުތަކަށް ބަލައި، އެކުއިޒިޝަން ފީގެ ގޮތުގައި މަދުވެގެން 1 ބިލިއަން ޑޮލަރު، ނަގުދު ފައިސާއިން ހޯދަންޖެހެއެވެ. އަދި ބައި ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ބުނާ 5000 ހައުސިންގ ޔުނިޓާއެކު، ޖުމްލަ އެކުއިޒިޝަން ފީއަކަށް މަދުވެގެން ދޮޅު ބިލިއަން ޑޮލަރު ލިބެންޖެހެއެވެ. އެކުއިޒިޝަން ފީގެ ގޮތުގައި ލިބޭ ނަގުދު 1 ބިލިއަން ޑޮލަރުގެ ފައިސާ ވަންނަންޖެހެނީ ސީދާ ދައުލަތުގެ ސޮވަރިންގ ޑިވެލޮޕްމަންޓް ފަންޑަށެވެ. ރމި ފައިސާ ވަންނަންޖެހެނީ، މޭޒު އަޑިން، ކޮންމެވެސް ޕާރޓީއެއްގެ 2028 ވަނަ އަހަރުގެ ރިއާސީ ކެމްޕޭން ފަންޑަކަށް ނޫނެވެ.

ދިވެހި ރައްޔިތުންގެ ދަރަނި ބޮޑުވެ، ޤައުމު އިޤްޞާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު، ދައުލަތަށް ލިބެންޖެހޭ ބިލިއަން ޑޮލަރުގެ މަންފާ ބޭރުގެ އިންވެސްޓަރަކަށާއި ސިޔާސީ އަމިއްލަ އެދުމަށް ޤުރުބާންކޮށްލުމަކީ ދިވެހި ރައްޔިތުން ތަޙައްމަލުކުރާނެ ކަމެއް ނޫނެވެ. މި އެގްރީމެންޓް އިޞްލާޙުކޮށް، ދައުލަތަށް ޙައްޤުވާ އެކުއިޒިޝަން ފީ ސޮވަރިންގ ޑިވެލޮޕްމެންޓް ފަންޑަށް ޖަމާނުކުރެވޭ ނަމަ، މިއީ ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ އެންމެ ބޮޑު ޚިޔާނާތެވެ!

ގާނޫނުލްއުގޫބާތުގެ އިސްލާހު: ރަސްމާލޭގައި ޒަޔަނިސްޓް ނުފޫޒު ފޮރުވަން އެޅޭ ގާނޫނީ ނިވާފަތްގަނޑެއް؟
ސިޔާސީ

ގާނޫނުލްއުގޫބާތުގެ އިސްލާހު: ރަސްމާލޭގައި ޒަޔަނިސްޓް ނުފޫޒު ފޮރުވަން އެޅޭ ގާނޫނީ ނިވާފަތްގަނޑެއް؟

މިއީ ދިވެހި ގައުމީ މަސްލަހަތުތައް ބޭރުގެ ނުފޫޒުތަކަށް ވިއްކާލުމާ ދެކޮޅަށް ރައްޔިތުން، އަޑުއުފުލުން ހުއްޓުވުމަށް ސަރުކާރުން ދޭ ނުސީދާ އިންޒާރެކެވެ. ސަރުކާރުން ގެންނަން މިއުޅޭ އިސްލާހަކީ ގަތުލުއާންމު ހުއްޓުވުމުގެ މުއާހަދާއަށް އަމަލުކުރުމަށް ގެންނަ ބަދަލެއް ނޫނެވެ. މިއީ ރަސްމާލެ މަޝްރޫއުގެ ފަހަތުގައިވާ ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ދިވެހިންގެ ފަރާތުން އަންނަ ހުރަސްތައް ނައްތާލައި، ސަރުކާރުގެ އިގުތިޞާދީ ސިޔާސަތުތަކަށް ފާޑުކިޔުން މަނާކުރުމަށްޓަކައި ގާނޫނީ ފަރުދާއެއްގެ ފުރަގަހުން އެޅޭ ބޮޑު ހުރަހެކެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/3 ދުވަސް ކުރިން
ސިޔާސީ މަކަރާއި ދީނީ އައްޑަނަ: ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅުން ހިންގާ މުނާފިޤު ޙަރަކާތް
ސިޔާސީ

ސިޔާސީ މަކަރާއި ދީނީ އައްޑަނަ: ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅުން ހިންގާ މުނާފިޤު ޙަރަކާތް

ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުނުކޮށް، ބޭރުގެ ސީދާ އިންވެސްޓްމަންޓް (ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް) ގެ ގޮތުގައި މިފަދަ ބިޔަ އިންވެސްޓްމެންޓެއް ރާއްޖެއަށް ގެނައުމަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު، އެންމެ ފައިދާ ހުރި އިންވެސްޓްމެންޓަށް ހެދޭނީ މިހާރަށް ވުރެ ދެފުށް ފެންނަ ގޮތަށް، ކޮރަޕްޝަނާއި ނުލައި، އިސްލާމީ ވަހުދަތު ނުގެއްލޭ ގޮތަށް މި މަޝްރޫއުގެ އެގްރީމްންޓް އެކުލަވައިލެވިގެންނެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 20, 2026
އިންޑިއާގެ ހިޔަނިން ބޭރަށް: ޕާކިސްތާނު ދަތުރުފުޅާއި ދިވެހިރާއްޖޭގެ މިނިވަން ޚާރިޖީ ސިޔާސަތު
ސިޔާސީ

އިންޑިއާގެ ހިޔަނިން ބޭރަށް: ޕާކިސްތާނު ދަތުރުފުޅާއި ދިވެހިރާއްޖޭގެ މިނިވަން ޚާރިޖީ ސިޔާސަތު

ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް، އަޅުގަނޑުމެންގެ ޤައުމީ ކަރާމާތާއި މިނިވަންކަން ކުޑައެއް ނޫނެވެ. އިންޑިއާގެ އިތުރުން ސައުދި އަރަބިއާ، ޔޫ.އޭ.އީ، ތުރުކީ، ޕާކިސްތާން، ޗައިނާ، އަދި އެހެން ޤައުމުތަކާއެކު ގުޅުން ވަރުގަދަކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ރައްކާތެރިކޮށް، ދިފާއީ ނިޒާމް ވަރުގަދަ ކުރުމުގައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. އިންޑިއާގެ ހިޔަނިން ބޭރަށް ނިކުމެ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހިތްވަރު ދިވެހީންގެ ކިބައިގައި ހުންނަންޖެހޭނެއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 19, 2026