ސިޔާސީ

ސިޔާސީ މަކަރާއި ދީނީ އައްޑަނަ: ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅުން ހިންގާ މުނާފިޤު ޙަރަކާތް

ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުނުކޮށް، ބޭރުގެ ސީދާ އިންވެސްޓްމަންޓް (ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް) ގެ ގޮތުގައި މިފަދަ ބިޔަ އިންވެސްޓްމެންޓެއް ރާއްޖެއަށް ގެނައުމަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު، އެންމެ ފައިދާ ހުރި އިންވެސްޓްމެންޓަށް ހެދޭނީ މިހާރަށް ވުރެ ދެފުށް ފެންނަ ގޮތަށް، ކޮރަޕްޝަނާއި ނުލައި، އިސްލާމީ ވަހުދަތު ނުގެއްލޭ ގޮތަށް މި މަޝްރޫއުގެ އެގްރީމްންޓް އެކުލަވައިލެވިގެންނެވެ.

ސިޔާސީ މަކަރާއި ދީނީ އައްޑަނަ: ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅުން ހިންގާ މުނާފިޤު ޙަރަކާތް

މަގުމަތީގައި ސިޔާސީ ގަޑުބަޑު މުޒާހަރާތައް މަދުވެ، ރައްޔިތުންގެ އިތުބާރު އެމް.ޑީ.ޕީ އަށް ދަށްވެގެން ދިއުމުން، އަނެއްކާވެސް ދީނީ އައްޑަނައާއި ޤައުމީ ޝިއާރުތަކުގެ ނިވާފަތްގަނޑަށް ވަދެ، ރައްޔިތުންގެ ބުއްދިއަށް ގޮންޖަހަން އިދިކޮޅު އެމް.ޑީ.ޕީ އާއި ރައީސް ޔާމިނުގެ ޕީ.އެން.އެފް އިން އިސްނަގައިގެން، ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ، ސިޔާސީ "ކުއްޔަށް" ގެނެސްގެން ރަސްމާލޭ މަޝްރޫއާ ދެކޮޅަށް ހަރަކާތްތަކެއް ފެށުމަކީ ދިވެހި ސިޔާސީ މަޝްރަޙުގައި ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. މިއަދު އަޅުގަނޑުމެންގެ ކުރިމަތިން މި ފެންނަނީ ރައްޔިތުން ގުނބޯ ހެއްދުމުގައި ހިތާމަހުރި، މުނާފިޤުކަމުން ފުރިގެންވާ ސިޔާސީ ނާޗަރަންގީއެކެވެ.

އިމްރާނުގެ ފަރާތުން ފެންނަނީ ސިޔާސީ ގޮތުން ކުއްޔަށް ނެގިގެން އުޅޭ މާސިނަރީއެއްގެ ސޫރަ

އިޝްތިހާރު

ބެންކޮކްގެ އަރާމު ދިރިއުޅުއްވުމުގައި ހުންނަވައި، ކުއްލިއަކަށް މާލޭގެ ސިޔާސީ ޕޯޑިއަމްތަކަށް ސަވާރުވެ، "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ޙަރަކާތެއް ފެއްޓެވި ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ގެ މޫނުމަތިން ފެންނަނީ ޤައުމީ ކަންބޮޑުވުމެއް ނޫނެވެ. ފެންނަނީ ސިޔާސީ ގޮތުން ކުއްޔަށް ނެގިގެން އުޅޭ މާސިނަރީއެއްގެ ސޫރައެވެ. އިމްރާނަކީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ސިޔާސީ އަދި އަޚްލާޤީ އިތުބާރު އެކީ ކެނޑިފައިވާ ބޭފުޅެކެވެ. އެމްޑީޕީގެ ސަރުކާރުގައި އެމަނިކުފާނު ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު، ދިވެހިރާއްޖޭގެ ދެކުނުގެ ކަނޑުން ބޮޑު ބައެއް މޮރިޝަސްއަށް ދޫކޮށްލައި، ޗާގޯސްގެ މައްޗަށް އޮތް ރާއްޖޭގެ އުނިނުކުރެވޭނެ ސިޔާސީ އަދި ސިޔާދަތީ ޙައްޤުތައް އެއްވެސް އިޢުތިރާޟެއް ނެތް ގޮތުގައި ސޯލިހުގެ ސަރުކާރުން ދޫކޮށްލި އިރު، އިމްރާނުގެ ޤައުމީ ލޯބި އޮތީ ކޮން ތަނެއްގައި ބާވައެވެ؟ ދިވެހީންގެ ކަނޑު ވިއްކާލި އިރު، ހިމޭނުން ހުންނަވައިގެން ސަރުކާރުގެ އަރާމު ވަޒީފާގައި އުޅުއްވި ބޭފުޅަކު، މިއަދު ދިވެހިރާއްޖެއަށް 20 ބިލިއަން އެމެރިކާ ޑޮލަރުގެ ތާރީޚީ ބޭރުގެ އިންވެސްޓްމަންޓެއް ވަންނަން އުޅުމުން، އެކަން ހުއްޓުވަން ދީނީ އަދި ޤައުމީ ނިވާފަތްގަނޑު ނެންގެވުމަކީ މުޅި ދިވެހި އުންމަތަށް ކުރެވޭ މަލާމާތެކެވެ.

20 ބިލިއަން ޑޮލަރުގެ ރަސްމާލެ: އިޤްތިޞާދީ އިންޤިލާބާއި ޙަޤީޤީ ދިރާސާ

އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ) ގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާއެކު، ސަރުކާރުން ސޮއިކުރި 20 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ހިންގޭ އެންމެ ބޮޑު، އަދި އެންމެ އުއްމީދީ އިޤްތިޞާދީ މަޝްރޫޢެވެ. ދުބާއިގެ ބުރުޖު ޚަލީފާ އާއި "އެމާރް" ފަދަ ބިޔަ މަޝްރޫޢުތަކުގެ ފަހަތުގައި ހުންނެވި އިންވެސްޓަރު މުޙައްމަދު އަލްޢައްބާރުގެ އީގަލް ހިލްސްއިން ރާއްޖޭގައި ކުރަން ރާވާފައިވާ މި އިންވެސްޓްމަންޓަކީ، ހަމައެކަނި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމެއް ނޫނެވެ. މި މަޝްރޫޢުގެ އިޤްތިޞާދީ ޙަޤީޤަތްތަކަށް ބަލާއިރު، ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތް ދިވެހި އިޤްތިޞާދަށް، ދުނިޔޭގެ ފެންވަރުގެ ރިއަލް އެސްޓޭޓް، މެރީނާ، އަދި މާލީ ޚިދުމަތްތަކުގެ އާ ތަނބެއް އިތުރުވެގެންދާނެއެވެ. ސަރުކާރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި، މި މަޝްރޫޢު ފުރިހަމަވެގެންދާއިރު އަހަރަކު 2 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް އިތުރުވާނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 54,000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާއިރު، ހުޅުމާލޭގައި 5,000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަޝްރޫޢުއެއްވެސް މި އެއްބަސްވުމާ ގުޅިފައިވެއެވެ.

ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުނުކޮށް، ބޭރުގެ ސީދާ އިންވެސްޓްމަންޓް (ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް) ގެ ގޮތުގައި މިފަދަ ބިޔަ އިންވެސްޓްމެންޓެއް ރާއްޖެއަށް ގެނައުމަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު، އެންމެ ފައިދާ ހުރި އިންވެސްޓްމެންޓަށް ހެދޭނީ މިހާރަށް ވުރެ ދެފުށް ފެންނަ ގޮތަށް، ކޮރަޕްޝަނާއި ނުލައި، އިސްލާމީ ވަހުދަތު ނުގެއްލޭ ގޮތަށް މި މަޝްރޫއުގެ އެގްރީމްންޓް އެކުލަވައިލެވިގެންނެވެ.

އިދިކޮޅުގެ ޒަޔަނިސްޓް އަދި ދީނީ ބިރުވެރިކަން

އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިން އިމްރާން ކުރިއަށް ނެރެގެން "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ރަސްމާލެ މަޝްރޫޢަކީ "ޒަޔަނިސްޓުންނަށް ބިން ދޫކޮށްލުން" ކަމަށާއި، "ލާދީނީ ފެސްޓިވަލްތަކާއި 30,000 ކާފަރުން ވަޒަންވެރިވާނެ" ކަމަށް ބުނެ ފެތުރި ވާހަކަތަކަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދެއްކި ހުސް އަލްފާޒުތަކެކެވެ. މި އޮޅުވާލުންތަކަށް ސަރުކާރުންނާއި އީގަލް ހިލްސްއިން ވަނީ ވަގުތުން ވަގުތަށް ސާފު ޖަވާބުތައް ދީފައެވެ. ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ރަސްމާލެ މަޝްރޫޢުގެ ދަށުން އިސްރާއީލުގެ ރައްޔިތުންނަށާއި އެ ޤައުމާ ގުޅުންހުރި އެއްވެސް ކުންފުންޏަކަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތަށް، އަދި އެފަދަ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ގޮތަށް ޤާނޫނީ ފިޔަވަޅުތައް އަޅުއްވާނެކަން ސަރީޙަކޮށް އިއުލާނު ކުރައްވާފައެވެ. މީގެ އިތުރުން އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލްޢައްބާރު ވަނީ އެ ކުންފުނިން މަސައްކަތް ކުރާނީ ރާއްޖޭގެ ޤާނޫނުތަކާއި (އިސްރާއީލު ޕާސްޕޯޓް ބޭން ހިމެނޭގޮތަށް) އިސްލާމީ އުޞޫލުތަކަށް ފުރިހަމައަށް އިޙްތިރާމްކޮށްގެން ކަމަށާއި، މި އިންވެސްޓްމަންޓުގެ އެންމެ ބޮޑު މަންފާއެއް ކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މިވަރަކުން އަދި ނުފުދެއެވެ. މި އިންވެސްޓްމެންޓުގެ ފައިނަލް އެގްރީމެންޓަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް، އަދި ދިވެހީންގެ ދީނަށް އެއްވެސް އުނިކަމެއް، ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކޮށްދޭ އެގްރީމްޓަކަށް ހަދަން ޖެހެއެވެ.

99 އަހަރުގެ ކުއްޔާއި ޚައިބަރު އެގްރީމެންޓް ގެ ވާހަކަ: ތާރީޚީ އޮޅުވާލުން

"އިލްމުވެރިންގެ ގުޅުން" އިން ނެރުނު ކަރުދާހަކާ ހަވާލާދީ، 99 އަހަރަށް ބިން ދިނުމަކީ އިސްލާމީ ޝަރީޢަތާ ޚިލާފު ކަމެއް ކަމަށާއި، ކީރިތި ރަސޫލާ ﷺ ޚައިބަރުގެ ޔަހޫދީންނާއެކު ވެވަޑައިގެންނެވި އެގްރީމެންޓާ ޚިލާފު ކަމެއް ކަމަށް ބުނެ ދައްކާ ހުއްޖަތަކީ ޢިލްމީ ގޮތުންނާއި ޤާނޫނީ ގޮތުން އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ. މިކަމުގެ އެގްރީމެންޓުގައިވާ ގޮތުން، ރަސްމާލޭގެ ބިމަކީ މި އިންވެސްޓްމެންޓަށް ފަހުވެސް، ދިވެހި ދައުލަތުގެ ފުރިހަމަ ސިޔާދަތީ ބާރުގެ ދަށުގައި އޮންނާނެ ބިމެކެވެ. 99 އަހަރަށް ކުއްޔަށް ދިނުމަކީ ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ރިސޯރޓުތައް ވެސް ކުއްޔަށްދޭ އުސޫލުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޤްތިޞާދީ ބިންތައް ކުއްޔަށްދޭ އާންމު އުޞޫލެވެ. އަދި ޚައިބަރުގެ ހަނގުރާމައަށްފަހު ޔަހޫދީންނާއެކު ހެދުނު އެގްރީމެންޓަކީ ހަނގުރާމަވެރި ބަޔަކާއެކު ހެދުނު ޢަސްކަރީ އަދި އިދާރީ އެއްބަސްވުމެކެވެ. އެއާ ޚިލާފަށް، ރަސްމާލެ މަޝްރޫޢަކީ އިސްލާމީ އެކުވެރި ޤައުމެއްގެ އަމިއްލަ ކުންފުންޏަކާއެކު ހެދޭ އިޤްތިޞާދީ އަދި ސިވިލް އިންވެސްޓްމަންޓް އެއްބަސްވުމެކެވެ. މި ދެކަން އަޅާކިޔައި، ރަސްމާލެ މަޝްރޫޢަކީ "ދީނީ ގޮތުން ހުއްޓުވަންޖެހޭ" ކަމެއްގެ ގޮތުގައި ސިފަކުރުމަކީ ދީނީ ނައްޞުތައް ސިޔާސީ ބޭނުމަށް ނުބައިކޮށް މާނަކުރުމެވެ. އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުމުގެ ބަދަލުގައި، ސިޔާސީ ޕޯޑިއަމްތަކަށް އަރައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ރާއްޖެއަށް އަންނަން އޮތް ބޮޑު ތައްރައްޤީ ހުއްޓުވުމަށެވެ.

އިމްރާނުގެ އިތުބާރު ނެތްކަމާއި ސަރުކާރުގެ ސާބިތުކަން

ރަސްމާލެ މަޝްރޫޢާ ގުޅިގެން ދިވެހި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ފަދައިން، ޝައިޚް އިމްރާން ޢަބްދުﷲ އަކީ ދައުލަތުގެ ނުވަތަ އެއްވެސް ރަސްމީ ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުންނެވި ބޭފުޅެއް ނޫނެވެ. އިމްރާނަކީ، ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގައި ސިޔާސީ މާލަންތަކުގައި، ކަރުދާސްތަކެއް އަތަށް ނަންގަވައިގެން، ކިތާބީ ހެކި އެބަހުރި ކަމަށް ވިދާޅުވެ، ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ އިލްޒާމް ރައީސް ޔާމިނުގެ އިސްތަށިފުޅުގައި އެޅުއްވި ބޭފުޅެކެވެ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގައި ހެއްދެވި ބޮޑެތި އިތުރުފުޅުތަކާއި، ކަނޑުވިއްކާލި މައްސަލައިގައި އޭނާ ގެންގުޅުއްވި މުނާފިޤު ސިޔާސަތުގެ ސަބަބުން، ސަރުކާރުންނާއި ދިވެހި ރައްޔިތުން އިމްރާން އަބްދުﷲ އަށް ކުރާނެ އެއްވެސް އިތުބާރެއް ނެތެވެ.

ރަސްމާލެ މަޝްރޫޢަށްފަހު، ދެން ރާއްޖެއަށް އަންނާނެ ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސައިޒު 50 ބިލިއަން އެމެރިކާ ޑޮލަރަށް:

ރަސްމާލެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ އުޖާލާ މުސްތަޤްބަލްކަމުގައި ހެދިދާނެއވެ. އެއީ މާލޭގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދައިދީ، ދިވެހި އިޤްތިޞާދު ދުނިޔޭގެ ފެންވަރަށް އުފުލައިދޭނެ މައި ތަނބުކަމުގައި ހެދިދާނެއެވެ. ޤައުމުގެ ވެރިން އިޙްލާސްތެރިކަމާއިއެކު ދިވެހި ރައްޔިތުންގެ ކުރިމަގުގެ ސަލާމަތްތެރިކަން އިސްކޮށްގެން މިކަން ކޮށްފިނަމައެވެ. ސިޔާސީ ގޮތުން އެކަހެރިވެފައިވާ، އަދި އިތުބާރު ގެއްލިފައިވާ ބޭފުޅުން ބެންކޮކުން ވަޑައިގެން، ރާއްޖޭގައި ތިއްބެވި އިދިކޮޅު ފަރާތްތަކަށް ކޮށްދޭ "ކުލީ" ޙިދުމަތެއްގެ ގޮތުން ދައްކަވާ މުނާފިޤު ވާހަކަތަކަށް ދިވެހި ރައްޔިތުން ހެއްލޭކަސް ނުޖެހެއެވެ. ހަމަ އެފަދައިން ރައީސުލް ޖުމްހޫރިއްޔާއާއި މިނިސްޓަރުން ވެސް ދައްކަވާ ހުރިހާ ވާހަކައަކަށް އިތުބާރު ކުރާކަސް ވެސް ނުޖެހެއެވެ. ދިެވހި ދައުލަތުގެ ބޮޑު ބިމެއް 99 އަހަރަށް ދޫކޮށްލާއިރު ރައްޔިތުން ވަރަށް ފާރަވެރިވެ މިކަމަށް ވިސްނަން ޖެހެއެވެ.

މައްސަލައަކީ، ދިވެހީންގެ ކަނޑު މޮރިޝަސްއަށް ވިއްކާލި އިރު ހިމޭނުން ތިއްބެވި، އިމްރާން ފަދަ އެމް.ޑީ.ޕީ ގެ ބޭފުޅުންނަށް، މިއަދު ދިވެހިރާއްޖެއަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ވަންނާތީ އެކަމާ ދެކޮޅަށް މުނާފިޤް ވާހަކަދައްކަވާތީ އެވެ. އެފަދަ ވާހަކަ ދެއްކެވުމުގެ އެއްވެސް މޯރަލް ޙައްޤެއް އެބޭފުޅުންނަކަށް ނެތެވެ. ރަސްމާލެ މަޝްރޫޢު ކުރިއަށްދާން ޖެހެނީ ދިވެހި ރައްޔިތުންގެ ސިޔާދަތާއި އިސްލާމީ އުޞޫލުތައް ކަށަވަރުކުރެވިގެން، ފާގަތި މުސްތަޤްބަލަކާ ދިމާއަށެވެ. މިއީ ފެށުމެކެވެ. ރާއްޖޭގައި ހުރި ޖާވާކަރަ ފަދަ މިފަދަ އެތައް ބިޔަ ފަޅުތަކަށް ބަލާއިރު އަދި ހަމަ ކުޑަ ކުޑަ ފެށުމެކެވެ.

ރަސްމާލެ މަޝްރޫޢަށްފަހު، ދެން ރާއްޖެއަށް އަންނާނެ ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސައިޒު 50 ބިލިއަން އެމެރިކާ ޑޮލަރަށް އުފުލުމަކީވެސް ނުކުރެވޭނެ ކަމެއް ނޫނެވެ. މީގައި އެންމެ މުހިންމު ކަމަކީ ދެފުށް ފެންނަ، ކޮރަޕްޝަނުން މުޅިން ސަލާމަތްވެފައިވާ ނިޒާމެއްގެ ތެރެއިން، އިޚްލާޞްތެރިކަމާއެކު މިފަދަ ބިޔަ މަޝްރޫޢުތައް ކުރިއަށްގެންގޮސް ނިންމާލުމެވެ. އަދި މިއާއެކު، އުފެދިގެންދާނެ އެތައް ހާސް އާ ވަޒީފާތަކަށް ބޭނުންވާނެ ދިވެހި ފަންނީ މަސައްކަތްތެރިން ބިނާކުރުމަށްޓަކައި، 2050 ވަނަ އަހަރާ ހަމައަށް ދިވެހި އާބާދީ އެއް މިލިއަނަށް މަތިކުރުމުގެ އަމާޒެއް ހިފަންޖެހެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ހަމައެކަނި "ރޯޓް-ލާނިންގ" ނިޒާމް، ނުވަތަ ހިތު ދަސް ކުރުމުގެ ކުރީގެ އުޞޫލުން ބޭރަށް ނެރެ، ޢަމަލީ އަދި ވޮކޭޝަނަލް ތަޢުލީމަށް އިސްކަންދޭ ނިޒާމަކަށް ބަދަލުކުރުން އިންތިހާއަށް މުހިންމެވެ.

މޮރިޝަސް އަށް ކަނޑު ވިއްކާލި އެމްޑީޕީ އާއި އިމްރާން އަބްދުﷲ ގެ މުނާފިޤްކަން

މޮރިޝަސްއަށް ރާއްޖޭގެ ދެކުނު ކަނޑުން ބޮޑު ބައެއް ގެއްލިގެން ދިޔަ އިރު ހޯމް މިނިސްޓަރަކަށް ހުންނެވި ޢިމްރާން ޢަބްދުﷲ އާއި، އެ ނިންމެވުން ނިންމެވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން، ފާފު އަތޮޅުގައި ސަޢޫދީ ޢަރަބިއްޔާގެ ބޮޑު އިންވެސްޓްމަންޓެއް ހިންގަން އުޅުމުން އެކަމާ ދެކޮޅަށް އޭރު އިސްކޮށް އުޅުއްވި ބޭފުޅުން މިއަދު ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ތެދުވުމުން އެނގެނީ ސިޔާސީ މުނާފިޤުކަމުގެ އިންތިހާއެވެ. ދިވެހީންގެ ޤައުމީ ސިޔާދަތާއި ކަނޑުގެ ސަރަޙައްދު މޮރިޝަސްއަށް ދޫކޮށްލި އިރު، ދައުލަތުގެ ވަޒީރުކަމުގެ އަރާމުގައި ހިމޭނުން ތިއްބެވި ބޭފުޅުން މިއަދު އިޤްތިޞާދީ ބޮޑު އިންވެސްޓްމަންޓަކާ ދެކޮޅަށް "ދީނީ" އަދި "ޤައުމީ" އައްޑަނަ ނަންގަވައިގެން އުޅުއްވުމަކީ ރައްޔިތުންނަށް ހެޔޮއެދިގެން ކުރައްވާ ކަމެއް ނޫނެވެ. މިއީ ސަރަޙައްދީ އިޤްތިޞާދީ މަންފާއަށްވުރެ އަމިއްލަ ސިޔާސީ އެޖެންޑާ އިސްކުރުމުގެ ވަރުގަދަ މިސާލެކެވެ.

ތާރީޚު ތަކުރާރު ވުން: ފާފު އަތޮޅުގެ 10 ބިލިއަން ޑޮލަރުގެ ސައުދީ އިންވެސްޓްމެންޓު ދުމަށް އަރުވާލި ގޮތަށް ރަސްމާލެ އިންވެސްޓްމެންޓު ބުރުވާލުމުގެ މުނާފިޤް މަގްސަދު

އިދިކޮޅު ފަރާތްތަކުގެ ހަޤީޤީ މަޤްޞަދަކީ ރަސްމާލެ މަޝްރޫޢުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަމާއި އިޤްތިޞާދީ ފާގަތިކަން ލިބި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ސަރުކާރަށް ރައްޔިތުންގެ ބޮޑު ތާޢީދެއް ލިބިދާނެތީ އެކަމާ ބިރުން، ރައްޔިތުންގެ ބޮލަށް "ޗިޕް ޖަހައިގެން" މި މަޝްރޫޢު ހުއްޓުވުމެވެ. ސިޔާސީ ވާދަވެރިކަމުގައި ޤައުމީ ބޮޑެތި މަޝްރޫޢުތަކަށް ހުރަސްއެޅުމަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ހިންގަމުންދާ ވަރަށް ނުރައްކާތެރި މަސައްކަތްތަކެކެވެ. އިޤްތިޞާދީ ގޮތުން ރާއްޖެއަށް އަންނަން އޮތް ތަރައްޤީއަށް ހުރަސްއެޅުމަށްޓަކައި ޙަޤީޤަތާ ޚިލާފު ބިރުވެރި ވާހަކަތައް ފެތުރުމަކީ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖެހުނަނުދިނުމަށް ހިންގާ ސިޔާސީ ޖަރީމާއެކެވެ.

މިއީ ތާރީޚު ތަކުރާރުވުމެކެވެ: ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާފު އަތޮޅުގައި ސަޢޫދީ ޢަރަބިއްޔާގެ 10 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެއް ހިންގަން އުޅުމުން، އޭރުގެ އިދިކޮޅު އެމްޑީޕީން ވަނީ "ޤައުމު ވިއްކާލަނީ" ކަމަށާއި "ދީނީ ނުރައްކަލެއް އޮތް" ކަމަށް ބުނެ ސިޔާސީ ބޮޑު ޙަރަކާތެއް ހިންގައި އެ މަޝްރޫޢު ހުއްޓުވާފައެވެ. އެދުވަހު އެމްޑީޕީން ސަޢޫދީ އިންވެސްޓްމަންޓް ހުއްޓުވީ ހަމަ މި މުނާފިޤު އުޞޫލުންނެވެ. މިއަދު އިމްރާނާއި އިދިކޮޅު ފަރާތްތަކުން އުޅެނީ ޔޫއޭއީގެ އީގަލް ހިލްސް މެދުވެރިކޮށް ރަސްމާލެއަށް އަންނަން އޮތް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްވެސް، ފާފު އަތޮޅުގެ އިންވެސްޓްމެންޓު ހުއްޓުވިގޮތަށް ހުއްޓުވާށެވެ. މިއިން ކޮންމެ ފަހަރަކުވެސް ހުރިހާ ގެއްލުން ލިބެނީ ވަކި ސިޔާސީ ވެރިއަކަށް ނޫނެވެ. ހުރިހާ ގެއްލުމެއް ލިބެނީ ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ރަސްމާލެ ހިލޭ ދިނުން: ދިވެހިންގެ ފައިސާއިން ހިއްކި ބިން ވިއްކާލަނީ ކާކުގެ ކެމްޕޭން ފަންޑަކަށް؟
ސިޔާސީ

ރަސްމާލެ ހިލޭ ދިނުން: ދިވެހިންގެ ފައިސާއިން ހިއްކި ބިން ވިއްކާލަނީ ކާކުގެ ކެމްޕޭން ފަންޑަކަށް؟

ދިވެހި ރައްޔިތުންގެ ދަރަނި ބޮޑުވެ، ޤައުމު އިޤްޞާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު، ދައުލަތަށް ލިބެންޖެހޭ ބިލިއަން ޑޮލަރުގެ މަންފާ ބޭރުގެ އިންވެސްޓަރަކަށާއި ސިޔާސީ އަމިއްލަ އެދުމަށް ޤުރުބާންކޮށްލުމަކީ ދިވެހި ރައްޔިތުން ތަޙައްމަލުކުރާނެ ކަމެއް ނޫނެވެ. މި އެގްރީމެންޓް އިޞްލާޙުކޮށް، ދައުލަތަށް ޙައްޤުވާ އެކުއިޒިޝަން ފީ ސޮވަރިންގ ޑިވެލޮޕްމެންޓް ފަންޑަށް ޖަމާނުކުރެވޭ ނަމަ، މިއީ ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ އެންމެ ބޮޑު ޚިޔާނާތެވެ!

މުހައްމަދު ބުޝްރީ (ކެޔޮނިރު)/15 ގަޑިއިރު ކުރިން
ގާނޫނުލްއުގޫބާތުގެ އިސްލާހު: ރަސްމާލޭގައި ޒަޔަނިސްޓް ނުފޫޒު ފޮރުވަން އެޅޭ ގާނޫނީ ނިވާފަތްގަނޑެއް؟
ސިޔާސީ

ގާނޫނުލްއުގޫބާތުގެ އިސްލާހު: ރަސްމާލޭގައި ޒަޔަނިސްޓް ނުފޫޒު ފޮރުވަން އެޅޭ ގާނޫނީ ނިވާފަތްގަނޑެއް؟

މިއީ ދިވެހި ގައުމީ މަސްލަހަތުތައް ބޭރުގެ ނުފޫޒުތަކަށް ވިއްކާލުމާ ދެކޮޅަށް ރައްޔިތުން، އަޑުއުފުލުން ހުއްޓުވުމަށް ސަރުކާރުން ދޭ ނުސީދާ އިންޒާރެކެވެ. ސަރުކާރުން ގެންނަން މިއުޅޭ އިސްލާހަކީ ގަތުލުއާންމު ހުއްޓުވުމުގެ މުއާހަދާއަށް އަމަލުކުރުމަށް ގެންނަ ބަދަލެއް ނޫނެވެ. މިއީ ރަސްމާލެ މަޝްރޫއުގެ ފަހަތުގައިވާ ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ދިވެހިންގެ ފަރާތުން އަންނަ ހުރަސްތައް ނައްތާލައި، ސަރުކާރުގެ އިގުތިޞާދީ ސިޔާސަތުތަކަށް ފާޑުކިޔުން މަނާކުރުމަށްޓަކައި ގާނޫނީ ފަރުދާއެއްގެ ފުރަގަހުން އެޅޭ ބޮޑު ހުރަހެކެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/3 ދުވަސް ކުރިން
އިންޑިއާގެ ހިޔަނިން ބޭރަށް: ޕާކިސްތާނު ދަތުރުފުޅާއި ދިވެހިރާއްޖޭގެ މިނިވަން ޚާރިޖީ ސިޔާސަތު
ސިޔާސީ

އިންޑިއާގެ ހިޔަނިން ބޭރަށް: ޕާކިސްތާނު ދަތުރުފުޅާއި ދިވެހިރާއްޖޭގެ މިނިވަން ޚާރިޖީ ސިޔާސަތު

ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް، އަޅުގަނޑުމެންގެ ޤައުމީ ކަރާމާތާއި މިނިވަންކަން ކުޑައެއް ނޫނެވެ. އިންޑިއާގެ އިތުރުން ސައުދި އަރަބިއާ، ޔޫ.އޭ.އީ، ތުރުކީ، ޕާކިސްތާން، ޗައިނާ، އަދި އެހެން ޤައުމުތަކާއެކު ގުޅުން ވަރުގަދަކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ރައްކާތެރިކޮށް، ދިފާއީ ނިޒާމް ވަރުގަދަ ކުރުމުގައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. އިންޑިއާގެ ހިޔަނިން ބޭރަށް ނިކުމެ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހިތްވަރު ދިވެހީންގެ ކިބައިގައި ހުންނަންޖެހޭނެއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 19, 2026