ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ދައުލަތުގެ ބިމާއި ސިޔާދަތީ ޙައްޤުތަކާ ގުޅޭގޮތުން ހިންގަންއުޅޭ އެންމެ އޮޅުންބޮޅުން ބޮޑު، އަދި އެންމެ ނުރައްކާތެރި މުޢާމަލާތުގެ ސިއްރުވެރިކަން ދަނީ ކަންބޮޑުވާ މިންވަރަށް ފާޅުވަމުންނެވެ.
ފުރިހަމަ ތަފްޞީލު އެނގެނީ ސަރުކާރުގެ އެންމެ ތިން ބޭފުޅަކަށް
އިތުބާރުހުރި މަސްދަރުތަކުން ތިލަވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، ދިވެހިންގެ ފައިސާއިން ހިއްކާ 500 ހެކްޓަރުގެ "ރަސްމާލެ" ބޭރުގެ ކުންފުންޏަކަށް ހިލޭ ދޭން ހަދާ ބިޔަ އެއްބަސްވުމުގެ ފުރިހަމަ ތަފްޞީލު އެނގެނީ ސަރުކާރުގެ އެންމެ ތިން ބޭފުޅަކަށެވެ. އެއީ ރައީސް މުޙައްމަދު މުޢިއްޒާއި، ހައުސިންގ މިނިސްޓަރު އަބްދުﷲ މުއްތޮލިބްގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟެވެ. ފަޔާޟަކީ ކުރީގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރުގެ އާއިލީ ބޭފުޅެކެވެ. ޤާނޫނީ ގޮތުން ދައުލަތުގެ އެންމެ މަތީ ޤާނޫނީ ވަކީލު، އެޓަރނީ ޖެނެރަލަށްވެސް މިއިން އެއްވެސް މުޢާމަލާތެއްގެ ފުރިހަމަ ތަފްޞީލު އެނގިވަޑައިނުގަންނަވާ ކަމަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވެއެވެ.
މާޟީގައި ޤައުމީ ސިޔާދަތުގެ ދިފާޢުގައި ވަކާލާތު ކުރެއްވި ޢާޒިމާގެ ޤައުމީ ލޯބި މިއަދު ކޮބައިބާ؟
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޤައުމީ ސަރަހައްދީ އިމާއި ސިޔާދަތާ ބެހޭ ޕްރިންސިޕަލް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި އުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރަށް މިއިން ކަމެއްގެ ޙަޤީޤަތް އެނގިވަޑައިގަންނަވާބާއެވެ؟ މާޟީގައި ޤައުމީ ސިޔާދަތާއި މިނިވަންކަމުގެ ދިފާޢުގައި ވަކާލާތު ކުރެއްވި ޢާޒިމާގެ ވަތަނިއްޔަތާއި ޤައުމީ ލޯބި މިއަދު ކޮބައިބާވައެވެ؟ ދައުލަތުގެ ސިޔާދަތު ސިއްރު ކަޅު އަނދިރިގަނޑެއްގެ ތެރޭގައި ޤުރުބާންވަމުންދާއިރު، އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ހަނު ތިއްބެވުމަކީ ޤައުމަށް ވެވޭ ބޮޑު ޚިޔާނާތެކެވެ.
އިސްލާމީ ދުނިޔޭގެ އިންޒާރާއި ޒަޔަނިސްޓް ނުފޫޒުގެ ނުރައްކާ
ދިވެހި ރައްޔިތުންގެ ބޮޑު މެޖޯރިޓީއަކާއި ބޭރު ދުނިޔޭގެ ގިނަ މުސްލިމުން ތިބީ ރަސްމާލޭގެ މައްސަލައިގައި ޒަޔަނިސްޓް މަސްލަޙަތުތަކާ ގުޅުންހުރި އީގަލް ހިލްސް އިންވެސްޓްމަންޓާ ދެކޮޅަށެވެ. ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު، ޔޫއޭއީގެ ރައީސް މުޙައްމަދު ބިން ޒައިދު ޓެގް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓަކަށް 1.5 މިލިއަނަށްވުރެ ގިނަ ވިއުސް ލިބި، އިސްލާމީ ދުނިޔޭގެ ވަރަށް ގިނަ ވެރީންނާއި އާއްމު ރައްޔިތުންގެ ސަމާލުކަން މިއަދު ވަނީ ރާއްޖޭގައި ހިންގަން އުޅޭ މިނުރައްކާތެރި މަޝްރޫއަށް ހުއްޓިފައެވެ. ފަލަސްތީނާއި، ސައުދީ އަރަބިއްޔާ އަދި މެދުއިރުމަތީގެ އެކި ޤައުމުތަކުގެ އެތައް ހާސް މުސްލިމުންނެއް ވަނީ މުޙައްމަދު އަލްއައްބާރުގެ އީގަލް ހިލްސްއާ މެދު ސަމާލުވެ ތިބުމަށް ދިވެހިންނަށް ވަރުގަދަ އިންޒާރުތަކެއް، ޓްވިޓަރ މެދުވެރިކޮށް، ދީފައެވެ.
"އެއީ އަރަބިންނެއް ނޫން، މުސްލިމުންނެއް ވެސް ނޫން—އެއީ ޒަޔަނިސްޓުންގެ އޭޖެންޓުން،" ކަމަށް ބުނެ، ފަލަސްތީނުގެ ރައްޔިތަކު، ޑރ.ޖަމީލުގެ ޕޯސްޓަށް ކުރި ކޮމެންޓަކީ ދިވެހި އުއްމަތަށް ލިބުނު ވަރުގަދަ އިންޒާރެކެވެ. މިފަދަ ނުރައްކާތެރި އިންޒާރުތަކެއް ބޭރުގެ އިސްލާމީ ދުނިޔެއިން ދެމުންދާއިރު، ރައީސް މުޢިއްޒާއި މިނިސްޓަރު މުއްތަލިބުގެ ބަސް އަހައިގެން ދިވެހި ރައްޔިތުން ނިދާފައި ތިބެންވީތޯއެވެ؟
ރަލާއި އޫރުމަސް ވިއްކުމަށާއި، ކެސިނޯ ހެދުމަށާއި ފައްޅިއަޅަންވެސް އެމީހުން ޑިމާންޑް ކުރާނެ
ރަސްމާލޭގައި ރަލާއި އޫރުމަސް ނުވިއްކޭނެއޭ، އިޒްރޭލު މީހުންނަށް ގެދޮރު ނުގަނެވޭނެއޭ، ކެސިނޯ ނުހުންނާނެއޭ ވިދާޅުވެ ރައީސް މުޢިއްޒު ތި ހައްދަވަނީ އިތުރުފުޅެވެ. އިޒްރޭލުގެ ގިނަ ރައްޔިތުންނަކީ އެމެރިކާ ނުވަތަ ޔޫރަޕްގެ ޤައުމުތަކުގެ -ދެޤައުމުގެ- ރައްޔިތުކަން އޮންނަ މީހުންނެވެ. އެމީހުން ރަސްމާލެއަށް އައިސް ބިން ގަންނާނީ އެމެރިކާ ނުވަތަ ޔޫރަޕްގެ ޕާސްޕޯޓު ދައްކައިގެންނެވެ. ރަސްމާލެއިން ބިން ގަންނަ ބޭރު މީހުންގެ މިޤައުމުގެ ފެނަށް ދިރުމާއެކު، ރަލާއި އޫރުމަސް ވިއްކުމަށާއި، ކެސިނޯ ހެދުމަށާއި ފައްޅިއަޅަންވެސް އެމީހުން ޑިމާންޑް ކުރާނެއެވެ.
ނޮވެމްބަރު 11 ގެ ސިއްރު އެއްބަސްވުން: 99 އަހަރުގެ ދާއިމީ އަޅުވެތިކަން
ރައީސް މުއިއްޒު: ނޮވެމްބަރު 11 ވާ ޖުމްހޫރީ ދުވަހު ސިއްރު ސިއްރުން މި އެއްބަސްވުމުގައި ސޮއި ނުކުރައްވާށެވެ. ޔަހޫދީގެ ރަހްމަތްތެރި އަލްއައްބާރާއެކު ރަސްމާލޭގެ ފައިނަލް އެއްބަސްވުމުގައި ސޮއިކުރައްވާ ހިސާބުން، ދިވެހި ރައްޔިތުން ބަލާނީ މަނިކުފާނަކީ ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށްވެސް ޚިޔާނާތްތެރިވެވަޑައިގަތް ޢައްދާރެއްގެ ގޮތުގައެވެ. ފަލަސްތީނުގެ ޒުވާން ފުޓުބޯޅަ ޓީމު ކޭމްޕުކުރަން ރާއްޖެ ގެންނެވިޔަސް، މި ކަމުގެ ހަޤީގަތް އޮޅުވައެއް ނުލެއްވޭނެއެވެ. ރައިސް މުއިއްޒުގެ ސަރުކާރުން ބުނަނީ ރަސްމާލެ ކުއްޔަށް ދެނީ 99 އަހަރަށް ކަމަށެވެ. ނަމަވެސް އީގަލް ހިލްސްއިން ބުނަނީ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފިނަމަ، 99 އަހަރުގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. މިއީ ދާއިމީ ގޮތަށް ރަސްމާލެ އެއްކޮށް ވިއްކާލުމެވެ.
ސޮއިކުރައްވާ ދުވަހުން ފެށިގެން ނުވަދިހަ ނުވަ އަހަރަށް ރައީސް މުޢިއްޒު ދުނިޔޭގައި ހުންނަވާނެ ކަމަށް ޤަބޫލުކުރައްވަނީ ތޯއެވެ؟
ރަސްމާލެ އެއްބަސްވުމުގައި ސޮއިކުރައްވާ ދުވަހުން ފެށިގެން 99 އަހަރަށް މިހުރިހާ ކަމެއް ގެރެންޓީ ކުރައްވަން ރައީސް މުޢިއްޒު ދުނިޔޭގައި ހުންނަވާނެ ކަމަށް ޤަބޫލުކުރައްވަނީ ތޯއެވެ؟ 2125 ވަނަ އަހަރާ ހަމައަށް ދެމިގެންދާ މި އެއްބަސްވުމުގައި ސޮއިޖައްސަވައިފިނަމަ، އެވަގުތު ދުނިޔޭގައި ހުރި އެންމެ އިންސާނަކުވެސް، އަދި ސޮއިކުރާ އެއްވެސް ވެރިއަކުވެސް އެގްރީމެންޓުގެ މުއްދަތު ހަމަވާއިރު ދުނިޔެއަކު ނުހުންނާނެއެވެ.
އަންނަންއޮތް 3-4 ޖީލުގެ ދިވެހި ދަރިންގެ މުސްތަޤުބަލާއި ދައުލަތުގެ ބިން ސިއްރު އެއްބަސްވުމެއްގެ ދަށުން ވިއްކާލުމަކީ މިއަދުގެ ވެރިންނަށް ލިބިގެންވާ ސިޔާސީ ނުވަތަ އިޤްތިސޯދީ ޙައްޤެއް ނޫނެވެ. މި އެގްރީމްނޓުގައި ރައީސް ސޮއިކުރައްވައިފިނަމަ ދިވެހި ރައްޔިތުން ޤަބޫލު ކުރާނީ މިކަމަކީ މާދަމާ ކޯޓަކަށް ހާޒިރުވެ ޒިންމާ އުފުލަން ނުޖެހޭނެކަން ޔަޤީން ވާތީ، "އަހަރެންގެ ވެރިކަން ނިމުނީމާ ވާނެ އެއްޗެއް ވާން ދޫކޮށްލުމުގެ" އަމިއްލައެދުން ބޮޑު، ޤައުމީ ޚިޔާނާތެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ކަނޑާއި ބިން ދާއިމީކޮށް ޒަޔަނިސްޓް އަދި ހިންދުތުވާ މަސްލަޙަތުތަކަށް މިލްކުކޮށްދިނުން
ތާރީޚު ހެކިދޭ ގޮތުގައި "99 އަހަރުގެ ކުއްޔަށް ދިނުން" އަކީ ޙަޤީޤަތުގައި ސިޔާދަތީ ބާރު ކެނޑި، ދާއިމީ ގޮތަކަށް ބިން ގެއްލުމުގެ އަނދިރި ރަމްޒެކެވެ. އިނގިރޭސިން ޗައިނާގެ ހޮންކޮންގް 99 އަހަރަށް ކުއްޔަށް ނެގުމުން މުޅި ސަރަޙައްދުގެ ސަގާފަތާއި ޤާނޫނީ ނިޒާމު ބަދަލުވެގެން ދިޔަ ފަދައިން، އީގަލް ހިލްސްއިން މިއަދު އެ ތައްޔާރުވަނީ ދިވެހިންގެ މައްޗަށް އެފަދަ އަޅުވެތިކަމެއް ސަވާރުކުރުވާށެވެ. އެ ކުންފުނިން ބުނާ ގޮތުގައި 99 އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން އެ ބިންތައް އެހެން ފަރާތަކަށް ވިއްކާލައިފިނަމަ، "އާ 99 އަހަރުގެ މުއްދަތެއް" އަލުން ފެށޭނެއެވެ. މިއީ ކުއްޔަށް ދިނުމެއް ނޫނެވެ—މިއީ ދިވެހިރާއްޖޭގެ ކަނޑާއި ބިން ދާއިމީކޮށް ބޭރުގެ ޒަޔަނިސްޓް އަދި ހިންދުތުވާ މަސްލަޙަތުތަކަށް މިލްކުކޮށްދީ، ދިވެހި ދައުލަތުގެ އިޚްތިޞާޞް މުޅިން ކަނޑާލުމެވެ.
ދެބޯގެރި ދުއްވުމުގެ ކޮމިޝަންތަކުން ރައްޔިތުންނެއް ނުއޮޅޭނެ
މި މަޝްރޫޢާ ދެކޮޅަށް މުޅި ދިވެހި އުއްމަތާއި، ބޭރުގެ އިސްލާމީ ދުނިޔޭގެ އެތައް މިލިއަން މީހުން ތެދުވުމުން، ސަރުކާރަށް ޕްރެޝަރު ބޮޑުވެ، ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހޭހެން ހީވުމުން، އަވަސްއަރުވާލައިގެން ކުރީގެ ރައީސް ޞާލިޙުގެ ވެރިކަމުގައި ދެކުނު ކަނޑު ވިއްކާލި މައްސަލަ ބަލަން ކަމަށް ބުނެ ރިޔާސީ ކޮމިޝަނެއް އުފައްދަވައިގެން ދެބޯގެރި ދުއްވަން އުޅުއްވިޔަސް ދިވެހި ރައްޔިތުން ތިބީ ހޭލައެވެ. ދެކުނު ކަނޑުގެ މައްސަލަ ބަލަން ކޮމިޝަން ހެދީ ރަސްމާލޭގެ ޑީލުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށެވެ. އިޙްލާސްތެރިވެގެންނެއް ނޫނެވެ. ސިޔާސީ އުކުޅުތަކުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުއްވައި، ދައުލަތުގެ ބިން ވިއްކާލަން ފުރުޞަތު ނުހޯއްދަވާށެވެ.
ޗާގޯސް މައްސަލާގައި ރައީސް ސޯލިހު މޮރިޝަސް އަށް ފޮނުއްވި އައްޑާރު ސިޓީ އަނބުރާ ގެންނެވިއަސް ކޮމިޝަންތައް ހައްދަވައިގެން ރައީސް މުއިއްޒު މިހާތަނަށް ކުރެއްވި އެއްވެސް ކަމަކުން ނަތީޖާއެއް ނެރެވިފައި ނުވެއެވެ. ޗާގޯސް މައްސަލާގައި ފޮނިކެނޑުން ފިޔަވައި މުޅިންވެސް ފެންނަނީ ސްޓަންޓެވެ. ރިޔާސީ ކޮމިޝަނެއް އުފައްދަވައިގެން ދެބޯގެރި ދުއްވިއަސް، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ބޭރުގެ ޒަޔަނިސްޓް/ހިންދުތުވާ މަސްލަޙަތުތަކަށް ދޭން އުޅޭ އަނދިރި އެއްބަސްވުމުގެ ހަޤީގަތް ނުފޮރުވޭނެއެވެ.
މާޟީގެ ޢިބުރަތާއި ބައިނަލްއަޤްވާމީ ޙަރަކާތްތައް
ތާރީޚު ހެކިދޭ ގޮތުގައި، ވެރިން ދައުލަތުގެ މުދަލާއި ސިޔާދަތު ބޭރުގެ ފަރާތްތަކަށް ވިއްކާލަން އުޅުމުން، ރައްޔިތުން ތެދުވެ އެކަން ވަނީ ހުއްޓުވާފައެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ދިގު މުއްދަތަކަށް ދޭން ނިންމުމުން، ދިވެހި ރައްޔިތުން ސިޔާސީ ފިކުރުތައް އެކަހެރިކޮށް، ވަތަނީ ޖޯޝާއެކު ނިކުމެ ކުރި ވަރުގަދަ އިޙްތިޖާޖުތަކުގެ ނަތީޖާއަކީ އެ އެއްބަސްވުން ބާތިލުކޮށް، އެއާޕޯޓު އަނބުރާ ދިވެހިންގެ އަތްމައްޗަށް ގެނެވުމެވެ.
ބޭރު ދުނިޔެއަށް ބަލާއިރު، ޝްރީލަންކާގެ ސަރުކާރުން ހަމްބަންތޮޓާ ޕޯޓު ދަރަންޏަށް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ދީ، އިޤްޞާދު ބެންކްރަޕްޓް ކޮށްލުމާ ގުޅިގެން "އަރަގަލާޔާ" ގެ ނަމުގައި ރައްޔިތުން ތެދުވެ، ސަރުކާރު ބަދަލުކޮށް، ދައުލަތް ވިއްކާލުމާ ދެކޮޅަށް ވަރުގަދަ އަޑެއް އުފުލިއެވެ.
އަނގަތަޅަން ތިބެވޭކައް ނެތް
ސޯޝަލް މީޑިއާގައާއި ސިޔާސީ ޕޯޑިއަމްތަކުގައި ހަމައެކަނި އަނގަތަޅަތަޅާ، ލިޔެ ލިޔެ ތިއްބަކަސް މިކަމެއް ނުހުއްޓުވޭނެއެވެ.
ރައީސް މުޢިއްޒު މި ސިއްރު އެއްބަސްވުމުގައި ސޮއިކުރައްވާ ހިސާބުން، މުޅި ޤައުމާއި މުޅި ދިވެހި ރައްޔިތުން ދާއިމީ ގޮތަކަށް ބަނދެވި، ދައުލަތުގެ އިޚްތިޞާޞް ގެއްލިގެންދާނެއެވެ. ސޮއިކުރުމުގެ ކުރިން، ޤައުމީ މި ނުރައްކާތެރި ދަނޑިވަޅުގައި އިދިކޮޅު ސިޔާސީ ބާރުތައް އެކުވެ، ރައްޔިތުންގެ ހަރު އަޑު ސަރުކާރަށް އިއްވަންޖެހެއެވެ. ރައީސް ނަޝީދާއި އެމް.ޑީ.ޕީ ގެ އިސް ބައެއް ލީޑަރުން ރަސްމާލެ މަޝްރޫޢުގައި ރަޢިސް މުއިއްޒާ އެކު ތިއްބެވި އިރު، މިފަދަ ވަގުތެއްގައި އިދިކޮޅު ސިޔާސީ މައިދާނުގެ އެންމެ ކުރީ ސަފު ގައި ތެދުވެވަޑައިގެން، ސަރުކާރު ޒިންމާދާރުކުރުވޭނެ ހިއްވަރާއި ކެރުން ހުންނެވި އެއް ލީޑަރަކީ ކުރީގެ ރައީސް ޢަބްދުއްﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.
ދިވެހި ޤައުމާއި ރައްޔިތުންނާއި ދިވެހިންގެ ދީން ނުއަގުގައި ވިއްކައި ނުލައްވާ
ކިތަންމެ ބިލިއަން ޑޮލަރެއްގެ އުއްމީދު ދެއްކެވިޔަސް، ޝައިޠާނާގެ ފައިސާ ގޯނިތަކަށް އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި، ދީނާއި، ނަފްސުތައް އަޅުގަނޑުމެން ރުހިގެން ތިބެ ނުވިއްކާނަމެވެ. ޤައުމުގެ ބިމުން އެންމެ ވެލިފުކެއްވެސް ބޭރުގެ ފަރާތަކަށް ވިއްކާ ނުލައްވާނެ ކަމަށް، ޤައުމީ ދިދައަށް ކުރިމަތިލައްވައިގެން ހުންނަވައި ހުވާކުރެއްވީވެސް މަނިކުފާނެވެ. ސިއްރު އެއްބަސްވުމުގައި ސޮއިކުރައްވައި، ޤައުމުގެ ބިން ބޭރުގެ ފަރާތްތަކަށް ދޫކޮށްލައްވައި، ދިވެހި ރައްޔިތުން މަގުމަތިކުރައްވައި، އަންނަންއޮތް ޖީލުތަކުގެ ސިޔާދަތީ ޙައްޤުތައް ޤުރުބާން ނުކުރައްވާށެވެ.