އިޤްތިސާދު

ރާއްޖެއަކީ "ކުޑަ، ނިކަމެތި" ޖަޒީރާ ގައުމެއް ނޫން!

މުޅި ސިންގަޕޫރުގެ ބިމުގެ ޖުމްލަ ބޮޑުމިނަކީ އެންމެ 734 އަކަކިލޯމީޓަރެވެ. ދިވެހިރާއްޖޭގެ އެންމެ އަތޮޅަކަށް—މިސާލަކަށް ވާވު އަތޮޅަށް—ބެލި ކަމުގައި ވިޔަސް، އެ އަތޮޅުގެ އެތެރެވަރިއާއި ފަޅުތަކާއެކު ޖުމްލަ އޭރިއާ އަކީ 1،000 އަކަކިލޯމީޓަރެވެ. ސިންގަޕޫރަށް ވުރެ ވާވު އަތޮޅު މާ ބޮޑެވެ! ވާވު އަތޮޅު އެއްކޮޅުން އަނެއްކޮޅަށް 55 ކިލޯމީޓަރު ހުންނައިރު، ސިންގަޕޫރުގެ ދިގުމިނަކީ އެންމެ 50 ކިލޯމީޓަރެވެ.

ރާއްޖެއަކީ "ކުޑަ، ނިކަމެތި" ޖަޒީރާ ގައުމެއް ނޫން!

ރާއްޖެއަކީ "ކުޑަ، ނިކަމެތި، ޖަޒީރާ ގައުމެކޭ" ބުނެ އަހަރެމެންގެ ސިކުނޑިތަކަށް ވައްދާފައިވާ ނަފްސާނީ އަޅުވެތިކަމުން ދިވެހިން މިންޖުވާން ވެއްޖެއެވެ. ޖިއޮގްރަފީގެ ގޮތުންނާއި، ގުދުރަތީ ފަޅުތަކާއި، ކަނޑުގެ ބިޔަ ސަރަހައްދަށް ބަލާއިރު، ދިވެހިރާއްޖެއަކީ ދުނިޔޭގެ އިގްތިސޯދީ ބާރުތައް ކަމުގައިވާ ސިންގަޕޫރާއި ދުބާއީއަށް ވުރެ ވެސް ބޮޑު، މާ ވަސީލަތްތެރި، އަދި ކުރިއަރާފައިވާ ގައުމަކަށް ވުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ގައުމެކެވެ.

ސިންގަޕޫރާއި ދުބާއީއަށް ވުރެ ބޮޑު، ވަސީލަތްތަކުން މުއްސަނދި ރާއްޖެ!

އިޝްތިހާރު

 ތަފާސްހިސާބުތަކަށް ބައްލަވާށެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މާލީ މަރުކަޒު، ސިންގަޕޫރުގެ ޖުމްލަ އުފެއްދުންތެރިކަމުގެ އަގު އުޅެނީ 500 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީގައެވެ. ނަމަވެސް، މުޅި ސިންގަޕޫރުގެ ބިމުގެ ޖުމްލަ ބޮޑުމިނަކީ އެންމެ 734 އަކަކިލޯމީޓަރެވެ. ދިވެހިރާއްޖޭގެ އެންމެ އަތޮޅަކަށް—މިސާލަކަށް ވާވު އަތޮޅަށް—ބެލި ކަމުގައި ވިޔަސް، އެ އަތޮޅުގެ އެތެރެވަރިއާއި ފަޅުތަކާއެކު ޖުމްލަ އޭރިއާ އަކީ 1،000 އަކަކިލޯމީޓަރެވެ. ސިންގަޕޫރަށް ވުރެ ވާވު އަތޮޅު މާ ބޮޑެވެ! ވާވު އަތޮޅު އެއްކޮޅުން އަނެއްކޮޅަށް 55 ކިލޯމީޓަރު ހުންނައިރު، ސިންގަޕޫރުގެ ދިގުމިނަކީ އެންމެ 50 ކިލޯމީޓަރެވެ. އަދި ޅަވިޔަނީ އަތޮޅުގެ ޖާވާކަރަ ފަދަ އެތައް ސަތޭކަ ބިޔަ ފަޅުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަހުއްޓެވެ. ކަނޑުގެ ފުން މިން ކޮނެގެން ބިން ހިއްކުމުގެ ޒަމާނީ އެންމެ ފުރިހަމަ ޓެކްނޮލޮޖީ ބޭނުންކޮށްގެން، މިއިން އެންމެ ފަޅެއް ނުވަތަ އަތޮޅެއްގެ ބޮޑު ބައެއް ހިއްކައިގެން ވެސް ސިންގަޕޫރު ވަރުގެ ބިޔަ، އެއްފަސް އިގްތިސޯދީ ހާއްސަ ސަރަހައްދެއް ރާއްޖޭގައި އުފެއްދުމުގެ ގުދުރަތީ ފުރުސަތު އެބައޮތެވެ.

ސިންގަޕޫރާއި ދުބާއީގެ ފިލާވަޅު: ބިމެއް ނޫން، ސިކުނޑިއާއި ހިކުމަތް

ސިންގަޕޫރަކީ ގުދުރަތީ ގޮތުން ބޯފެނާއި މައުދަންތަކުން ވެސް މަހްރޫމްވެފައިވާ ގައުމެކެވެ. އެ ގައުމުގެ މައިގަނޑު ވަސީލަތަކީ ހުނަރުވެރި، ތައުލީމީ، ބައިނަލްއަގުވާމީ މާހައުލަށް ހޭނިފައިވާ އާބާދީއަކާއި، މަލާކާ ކަނޑުއޮޅީގެ މުހިންމު ސަރަހައްދީ ފައިދާ ފުރިހަމައަށް ނެގުމެވެ. ސިންގަޕޫރަށް އައި ހައިރާން ކުރުވަނިވި ބަދަލުގެ އަސްލު ބާނީއަކީ 1959 އިން 1990 އަށް ވެރިކަން ކުރެއްވި ލީ ކުއާން ޔޫ އެވެ.

ސިންގަޕޫރާއި ދިވެހިރާއްޖެއަށް ވެސް މިނިވަންކަން ލިބުނީ އެއް އަހަރެއްގައެވެ. މެލޭޝިއާއިން ވަކިވެ ސިންގަޕޫރަށް މިނިވަންކަން ލިބުނީ އޮގަސްޓް 1965 ގައެވެ. އިނގިރޭސިންގެ އަޅުވެތިކަމުން ރާއްޖެއަށް މިނިވަންކަން ލިބުނީ ޖުލައި 1965 ގައެވެ. މިނިވަންކަމަށް 60 އަހަރު ފުރިގެން ދިޔައިރު، ސިންގަޕޫރުން ވަނީ ގުދުރަތީ ވަސީލަތެއް ނެތި، ހަމައެކަނި އިންސާނީ ސިކުނޑިއާއި ދުރުވިސްނުމުގެ ބޭނުންކޮށްގެން ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުގެ ލިސްޓުން ޖާގަ ހޯދައި، ފުރަތަމަ ދުނިޔޭގެ ގައުމަކަށް ވެފައެވެ.

ނަމަވެސް، 60 އަހަރު ފުރިގެންދާއިރު ރާއްޖެ އަދިވެސް އޮތީ އަވައްޓެރި ގައުމުތަކަށް "ސަލާމްޖަހައިގެން" ޒަރޫރީ ބޭނުންތައް ފުއްދާ، ދަރަނީގެ މުރަނަކަމުގެ މެދުގައި ތާށިވެފައިވާ ތިންވަނަ ދުނިޔޭގެ ގައުމެއްގެ ގޮތުގައެވެ. އަވައްޓެރި ގައުމަކުން ރާއްޖެއަށް އެހީގެ ގޮތުގައި 20 އަތްގާޑިޔާ ދިނަސް، ރަތްދޫލަ އަޅައި، ރަސްމިއްޔާތު ބާއްވައިގެން އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރުމުގެ "ސަލާމްޖެހުމުގެ އިގްތިސޯދީ ސިޔާސަތު" އަދިވެސް ދިވެހިންގެ ސިކުނޑިތަކުން ފިލައިގެން ނުދެއެވެ. އިހަކަސް ދުވަހު ވެސް އިންޑިއާއިން އަނބު ކޮޅެއް، އަދި ބަންގްލަދޫޝް އިން އަނބު ކޮޅެއް ހަދިޔާ ކުރުމުން ރަސްމިއްޔާތެއް ބާއްވާފައި އަނބާއި ހަވާލުވިއެވެ.

އަނެއްކޮޅުން ދުބާއީއަށް ބައްލަވާށެވެ! 1960-އާއި 1970-ގެ އަހަރުތަކުގައި ދުބާއީގެ އިގްތިސޯދު ބިނާވެފައި އޮތީ ތެލުގެ އާމްދަނީގެ މައްޗަށެވެ. ނަމަވެސް މިއަދު ދުބާއީގެ އިގްތިސޯދުގައި ތެލުގެ ހިއްސާއަކީ އެންމެ 5 ޕަސެންޓެވެ. ބާކީ 95 ޕަސެންޓަކީ ބައިނަލްއަގުވާމީ ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ރިއަލް އެސްޓޭޓާއި، ވައިގެ ދަތުރުފަތުރާއި، ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކެވެ. ދުބާއީއާއި ސިންގަޕޫރުން ވެސް ސާބިތުކޮށްދިނީ ގައުމެއް ކުރިއަރަނީ ބިމުގެ ސައިޒުން ނޫންކަމާއި، ސަރަހައްދީ ފައިދާ ފުރިހަމައަށް ނަގައި، ހުނަރުވެރި އާބާދީއެއް ބިނާކޮށްގެން ކަމެވެ.

"ސަލާމްޖެހުން" ހުއްޓާލައި، ކަނޑުގެ ދަތުރުފަތުރާއި މާލީ ބާރަކަށް

ދިވެހިރާއްޖެ އޮތީ އިންޑިއާ ކަނޑުގެ މައި ބައިނަލްއަގުވާމީ ނައުފަހަރު ދަތުރުކުރާ މަގުގެ އެންމެ މުހިންމު ސެންޓަރުގައެވެ. ސިންގަޕޫރަށް ވުރެ ވެސް ދުނިޔޭގެ ޗާޓުގައި ރާއްޖޭގެ ޖިއޯ-ސްޓްރެޓީޖިކް މުހިންމުކަން ބޮޑެވެ. މި މުހިންމުކަމުގެ ފުރިހަމަ ނަފާ ހޯދުމަށްޓަކައި، އިހަވަންދިއްޕޮޅުގައި އެސްޓީއޯއިން ބައިނަލްއަގުވާމީ ހަކަތައިގެ ކުންފުނި ވިޓޯލްއާއެކު ފަށާފައިވާ އޮފްޝޯ ތެޔޮ އެޅުމާއި ކަނޑުގެ ދަތުރުފަތުރުގެ ހިދުމަތްތައް ހަގީގީ އިންގިލާބަކަށް ބަދަލުކުރަންޖެހެއެވެ. މުދާ އުފުލާ ބޯޓުފަހަރަށް ބޭނުންވާ ބަނދަރާއި، ކަނޑުގެ އުޅަނދުފަހަރަށް ބޭނުންވާ އެންމެހައި ހިދުމަތްތައް އުތުރުގައި ފުޅާކޮށް، ހަމައެއާއެކު ރާއްޖޭގެ ދެކުނުގައި ވެސް މެރިޓައިމް އަދި އޮފްޝޯ ބަންކަރިންގ ބަނދަރެއް ގާއިމުކުރަންޖެހެއެވެ. މީގެ އިތުރުން މުޅި ރާއްޖެއަކީ ބައިނަލްއަގުވާމީ އިސްލާމީ ފަތުރުވެރިކަމާއި ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމުގެ މައި މަރުކަޒަކަށް ހަދަންޖެހެއެވެ.

އިގްތިސޯދީ އިތުރު އިންގިލާބަކީ މާލީ ދާއިރާއެވެ. މާލެ ކައިރީގައިވާ ފުނަދޫއިން ތެޔޮ ގުދަން ބަދަލުކޮށް، ފުނަދޫގައި "އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު" ގާއިމުކުރުމަށް ރޭވިފައިވާ މަޝްރޫއު އަވަސްކޮށް، އެތަނަކީ ދުނިޔޭގެ ބޮޑެތި ބޭންކްތަކާއި މާލީ އިދާރާތައް ހިންގާ ހާއްސަ އިގްތިސޯދީ ޒޯނަކަށް ބަދަލުކުރަންޖެހެއެވެ. ގުއިފުނަދޫ އަދި މާލެއާ ކައިރި އެހެން ފަޅުތައް އެއްކޮށް ހިއްކައި، ސިންގަޕޫރު ފަދަ ބިޔަ، އެއްފަސްވެފައިވާ މާލީ އަދި ވިޔަފާރި ސިޓީއެއް ރާއްޖޭގައި އުފެއްދުމަކީ ހުވަފެނެއް ނޫނެވެ؛ އެއީ ކުރެވޭނެ، އަދި ކުރަންވެއްޖެ ކަމެކެވެ.

އާބާދީ އިތުރުކުރުން: 2050 އަށް މިލިއަން ދިވެހީންގެ ލަނޑުދަނޑި

އިގްތިސޯދީ ބިޔަ މަޝްރޫއުތައް ހިންގޭނީ އެކަމަށް ބޭނުންވާ ހުނަރުވެރި، މަސައްކަތްތެރި އާބާދީއެއް ގައުމުގައި ތިބެގެންނެވެ. ރާއްޖޭގެ އާބާދީ ދުވަހެއް ދުވަހަކަށް ދަނީ މުސްކުޅިވަމުން، ވިހާ މިންވަރު ދަށްވަމުންނެވެ. މިކަމަށް އޮތް ހައްލަކީ ގުރުޑުވަމުންދާ އާބާދީ އާރޯކޮށް، އާބާދީ އިތުރުކުރުމުގެ ގައުމީ ބޮޑު މަޝްރޫއެއް ފެށުމެވެ.

ކުރިއަށް އޮތް 25 އަހަރު ދުވަހުގެ ތެރޭގައި، އެއީ 2050 ވަނަ އަހަރާ ހަމައަށް، ދިވެހި އާބާދީ 1 މިލިއަނަށް އެރުވުމުގެ ގައުމީ އާބާދީގެ ލަނޑުދަނޑިއެއް ކަނޑައަޅަންޖެހެއެވެ. މިކަން ހާސިލުކުރުމަށްޓަކައި، އާއިލާތަކަށް މާލީ އިނާޔަތްތައް ދޭންޖެހެއެވެ. އެގޮތުން، 4 ވަނަ އަދި 5 ވަނައަށް ލިބޭ ކޮންމެ ދަރިފުޅަކަށް، އެ ދަރިފުޅުގެ އުމުރުން 18 އަހަރު ވަންދެން މަހަކު 2،000 ރުފިޔާގެ އިނާޔަތެއް ދައުލަތުން ފޯރުކޮށްދިނުން ފަދަ ސިޔާސަތުތައް ތައާރަފްކުރަންޖެހެއެވެ. އޭރުން އާބާދީ އިތުރުވެ، ބޭރުގެ މަސައްކަތްތެރިންނަށް ބުރޯސާވާ މިންވަރު ކުޑަވެ، ގައުމީ އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ.

ދުރުވިސްނޭ ލީޑަޝިޕަކާއެކު ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ އިގްތިސޯދަށް

ދިވެހިރާއްޖެއަކީ ވާވު އަތޮޅު ފަދަ ބޮޑެތި އަތޮޅުތަކާއި، ޅަވިޔަނީ އަތޮޅުގެ ޖާވާކަރަ ފަދަ ބިޔަ ފަޅުތަކުން މުއްސަނދި، ސިންގަޕޫރަށް ވުރެ ވެސް ވަސީލަތް ގިނަ، ދުނިޔޭގެ ވިޔަފާރީގެ މައި ހައިވޭ މަތީގައި އޮތް ޖަވާހިރެކެވެ. އަހަރެމެންނަށް މަދުވަނީ ސިންގަޕޫރުގެ ލީ ކުއާން ޔޫ، މެލޭޝިއާގެ ޑރ. މަހާތީރު މުހައްމަދު، ނުވަތަ ޔޫއޭއީގެ ޝެއިޚް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން ފަދަ ދުރުވިސްނޭ، ހިކުމަތްތެރި ލީޑަޝިޕެކެވެ. އަދި ސިންގަޕޫރު ފަދަ ކޮރަޕްޝަނުން މިންޖުވެފައިވާ މާހައުލެކެވެ. ޕީ.އެން.ސީ ގެ އަދުރޭ ޖައްސަވާ ހިސާބާއި، އެ ޕާރޓީގެ ޕާލިމެންޓަރީ ލީޑަރު ދެއްވާ ސިޔާސީ އިރުޝާދުގެ މައްޗަށް މި ޤައުމުގެ މުސްތަޤްބަލު ބިނާ ކޮށްފި ނަމަ މި ޤައުމު އޮންނާނީ ހަމަ މިހާރުވެސް މިއޮތް ސަލާން ޖަހާ، ތިންވަނ ދުނިޔޭގެ ކުޑަ ޤައުމެއްގެ ގޮތުގައެވެ. އެމް.ޑީ.ޕީ އަކުން ވެސް މި ޤައުމަށް ބޭނުންވާ ހައްލެއް ނުދެއްކެއެވެ. ބޭނުންވަނީ މުޅިން އައު ލީޑަރޝިޕެކެވެ.

މިފަދަ ލީޑަރޝިޕަކަށާއި، ސިޔާސަތުތަކަކަށް ދައުލަތުގެ މިސްރާބު ބަދަލުކުރެވިއްޖެ ނަމަ، ދިވެހިރާއްޖެ ވެގެންދާނީ ދެކުނު އޭޝިއާގެ އެންމެ ކުރިއަރާފައިވާ، އެންމެ ވަރުގަދަ އިގްތިސޯދަށެވެ. އިންޑިއާއަށް ވިޔަސް އަދި ސްރީލަންކާއަށް ވިޔަސް އެއިރުން ރާއްޖެއާ ވާދައެއް ނުކުރެވޭނެއެވެ.

މި ރަންގަނޑެއް ފަދަ ގައުމަކީ އިންޑިއާ ނުވަތަ އެހެންވެސް ބޭރު ގައުމުތަކުގެ ކުރިމަތީގައި ސަލާމްޖަހައިގެން، ނިކަމެތިވެގެން އޮންނަންޖެހޭ ވަރުގެ "ކުޑަ" ގައުމެއް ނޫނެވެ. މިއީ ވަސީލަތުން ފުރިގެންވާ، ބިޔަ، ގުދުރަތީ ގޮތުން މުއްސަނދި ގައުމެކެވެ. ބޭނުންވަނީ ވިސްނުންތޫނު، އިހްލާސްތެރި، ދުރުވިސްނޭ ލީޑަޝިޕަކުން މި ގައުމުގެ މުސްތަގުބަލު މުޅިން އެހެން މިސްރާބަކަށް އަނބުރާލުމެވެ. ބިޔަ ބޮޑު "ދިވެހިރާއްޖެ" އުފައްދައި، އާބާދީ 1 މިލިއަނަށް އެރުވުމުގެ ގައުމީ މަސައްކަތް ފަށައި، ދިވެހިންގެ ހަގީގީ ގަދަރާއި މަގާމަށް ދިވެހި ގައުމު އުފުލާލަންވީއެވެ. މިސްރާބު އޮތީ ނުހަނު ސާފުކޮށެވެ.

 

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ރަސްމާލޭގެ އުއްމީދާއި ނުރައްކަލުގެ ރަނގަބީލު: ތަސައްވުރު ފުރިހަމައަސް ޤާނޫނީ އަދި މާލީ ފައިދާ ކަށަވަރު ކުރަން ޖެހޭ!
އިޤްތިސާދު

ރަސްމާލޭގެ އުއްމީދާއި ނުރައްކަލުގެ ރަނގަބީލު: ތަސައްވުރު ފުރިހަމައަސް ޤާނޫނީ އަދި މާލީ ފައިދާ ކަށަވަރު ކުރަން ޖެހޭ!

މިފަދަ ބިޔަ އިންވެސްޓްމަންޓެއް ދެފުށްނުފެންނަ ގޮތަށް އަވަސްއަރުވާލައިގެން ނޮވެމްބަރ 11 ގައި ސޮއިކޮށްފިނަމަ، ދައުލަތުގެ މާލީ ރިޒާވް ހުސްވެ، "ވަން-އައިލެންޑް-ވަން-ރިސޯޓް" މޮޑެލްއަށާއި ތިމާވެށްޓަށް އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، އަދި އެންމެ ނުރައްކާތެރި ކަމެއްގެ ގޮތުން، 99 އަހަރުގެ ދިގު މުއްދަތަކަށް ރާއްޖޭގެ ބިންތައް އިސްލާމްދީނާ ދެކޮޅު ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ދޫވެ ޤައުމީ ސިޔާދަތާއި ދީނީ ވަހުދަތު ގެއްލުމުގެ ބިރު އެބައޮތެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 23, 2026
މިކަންކަން ނުކޮށްފިނަމަ ރަސްމާލެ މަޝްރޫޢު ވާނީ ސިޔާސީ އަނދަވަޅަކަށް
އިޤްތިސާދު

މިކަންކަން ނުކޮށްފިނަމަ ރަސްމާލެ މަޝްރޫޢު ވާނީ ސިޔާސީ އަނދަވަޅަކަށް

ރަސްމާލެ މަޝްރޫޢުގައި، ތިރީގައިވާ ފަދަ މުހިއްމު ކަންކަން ނުކޮށް، ދެފުށް ނުފެންނަގޮތަށް، އަވަސްއަރުވާލައިގެން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އެކަން ވާނީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ކުރިމަގު މާލީ އަދި އިޖްތިމާއީ އަނދަވަޅަކަށް ވައްޓާލާނެ ކަމަކަށެވެ! ތިރީގައިވާ ކަންކަން، ދެފުށްފެންނަ ގޮތެއްގައި ހާމަކޮށް، ފުރިހަމައަށް އިޞްލާޙުކޮށްގެން ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ތަސައްވުރު އިތުރަށް ވަރުގަދަވެ، މަޝްރޫޢު ސައްޙަ ގޮތުގައި ނިންމާލުމަށް މިންވަރުކުރާނެ އެންމެ ބޮޑު ބާރެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 23, 2026
އައްޑޫ ގަން އެއާޕޯޓް އެމިރޭޓްސް ފަދަ އެއާލައިނެއްގެ ހަބަކަށް ހެދުން
އިޤްތިސާދު

އައްޑޫ ގަން އެއާޕޯޓް އެމިރޭޓްސް ފަދަ އެއާލައިނެއްގެ ހަބަކަށް ހެދުން

ރައީސް މައުމޫނުގެ ވެރިކަމުގައި، މީގެ ތިރީހަކަށް އަހަރު ކުރިން، އައްޑޫ ގަން އެއާޕޯޓުގައި މިފަދަ ބައިނަލްއަޤްވާމީ ހަބެއް ހެދުމަށް އެމިރޭޓްސްއިން ހުށަހެޅިއެވެ. ނަމަވެސް، އޭރު މައުމޫން ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި މާލޭގެ ބައެއް ސިޔާސީ ބޭފުޅުން ބޭނުންވީ އިޤްތިޞާދީ ޙަރަކާތްތައް މާލެ ސަރަޙައްދަށް އެކަނި ޖަމާކޮށްފައި ބެހެއްޓުމަށެވެ. އޭރުގެ ވަރަށް އިސް މިނިސްޓަރަކު މިކަމާ ގުޅިގެން "ދިޔަދޮވީގެ ދެކޮޅުން ފެން ނުވެހޭނެ" ކަމަށް ވިދާޅުވިކަމަށްވެއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 20, 2026