ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖޭގެ ނޫސްތަކުގައި، މީގެ 38 އަހަރު ކުރީގެ ބަގާވާތުގެ ވާހަކަތަކާއި އެދުވަހު އެކިއެކި ފަރުދުންނަށް ކުރެވުނު ތަޖުރިބާތަކުގެ ވާހަކަ ލިޔެއެވެ. މީގެ 12 އަހަރު ފަހުން، 50 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރާއިރު، 2038 ވަނަ އަހަރު ވެސް، އަޅުގަނޑުމެން ހަމަ މިހެން ލިޔެލިޔެ، އަމިއްލައަށް ފަޚުރުވެރިވާން ތިބޭނީތޯއެވެ؟
*ތިނެއް ނޮވެމްބަރުގެ ބައާވާތް ކާމިޔާބު ނުވީ ހަމަ ކިރިޔާ:
ކިތައްމެ ގިނަ ބަޔަކު ނުރުހުނު ކަމުގައި ވިޔަސް، ހަޤީގަތަކީ 3 ނޮވެމްބަރު 1988 ވަނަ ދުވަހުގެ ފަތިސް ގަޑީގައި، ޝްރީލަންކާގެ ތަމަޅަ ބާޢީންގެ ޖަމާއަތެއް ކަމަށްވާ ޕްލޮޓް ޖަމާއަތުގެ، މުންޑު އަރުވާޖަހައިގެން ތިބި އާދައިގެ ހަނގުރާމަވެރިން ކޮޅެއް ގޮވައިގެން، އާދައިގެ ލަކުޑި ބޯޓުތަކެއްގައި، ހަމައެކަނި އޭކޭ-47 ގެ ބަޑި ހިފައިގެން، ދިވެހީންގެ ދެ މީހަކާއެކު މާލެ އަރައި ހިންގަން އުޅުނު ބަގާވާތް ކާމިޔާބު ނުވީ ހަމަ ކިރިޔާއެވެ. އެދުވަހު ދިވެހި އުންމަތަށް ލިބުނު ނަސްރަކީ ވަކި ދިވެއްސެއްގެ މޮޅުކަމަކުން ލިބުނު ނަސްރެއް ނޫނެވެ. ހާލަތެއްގެ ތެރެއަށް ބަޔަކު ވެއްޓުމުން، އިންސާނީ ފިތުރަތުގައިވާ ގޮތަށް އެވަގުތަކު ތިބި ބަޔަކު، އެބަޔަކަށް ކުރެވުނު ކަމެއް ކުރީއެވެ. އެދުވަހު ކަން ހިނގައިދިޔަ ގޮތަށް ބަލައިލުމުން އެނގޭ ހަގީގަތަކީ، އެދުވަހު ދިވެހީންނަށް ލިބުނު ނަސްރަކީ މާތް ﷲ ދެއްވި ފުރިހަމަ ނަސްރެއް ކަމެވެ. އެއީ ވަކި ބައެއްގެ މޮޅުކަމުން ލިބުނު ނަސްރެއް ނޫނެވެ.
*މިނިވަންކަމުގެ އެންމެ ބޮޑު ރައުސުލްމާލަކީ އިސްލާމްދީން:
ކޮންމެ އަހަރެއްގެ ނަސްރުގެ ދުވަހުގައި ސިޔާސީ މީހުން ގަދަ ބަސް ބުނެ، އަމިއްލައަށް ފަޚުރުވެރިވެ، ގިރުވާނު ކޮޅަށް ޖެއްސަސް މި ދިވެހިރާއްޖެއަކީ ސުޕަރ ޕަވަރަކަށް ނުވެއެވެ. އަނދިރިއަނދިރީން ގަތުލުކޮށް، ޕޯޗުގީޒުންގެ ކިބައިން ދިވެހި ގައުމަށް މިނިވަންކަން ހޯދައިދެއްވުމަށް އުތީމު މުހައްމަދު ތަކުރުފާނާއި އެރަދުންގެ ތިން ކޮއްކޯފުޅުން ހިންގެވި ގެރިއްލާ ހަނގުރާމައަކީ ކިތައްމެ ހިއްވަރުގަދަ ޖިހާދެއް ކަމުގައި ވިޔަސް، ދިވެހީންނަށް އެދުވަހުވެސް ނަސްރު ލިބުނީ ﷲ ދެއްވި ފުރިހަމަ ނަސްރެއްގެ ގޮތުގައެވެ. މާތް ﷲ، އެކަލާނގެ ދީނަށާއި، އެދީނުގެ މަތީގައި ތިބި ދިވެހީންގެ ބަޔަކަށް ދެއްވި ނަސްރެކެވެ. ނޮވެމްބަރު 3 ގައި ވެސް ލިބުނީ އެފަދަ ނަސްރެކެވެ. މީގެން ލިބިގަންނަން ޖެހޭ އެންމެ ބޮޑު އިބުރަތަކީ، ދިވެހީންގެ މިނިވަންކަމުގެ އެންމެ ބޮޑު ރައުސުލްމާލަކީ ދިވެހީންގެ ދީން، އިސްލާމްދީން ކަމެވެ.
*ރައީސް ނަޝީދުގެ ރޭއްވެވުމުގެ މައްޗަށް ނަސްރު ދެއްވީ ވެސް ﷲ:
އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ބަދުބަސް ވިދާޅުވި ރައީސް ނަޝީދު، ދިވެހި ގައުމު އިންޑިއާގެ ސެކިއުލަރ ސެޓެލައިޓް ސްޓޭޓަކަށް ހައްދަވަން 2012 ވަނަ އަހަރު ކުރެއްވި މަސައްކަތް ނާކާމިޔާބުވެ، ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ބަޔަކު ނިކުމެ އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހޭވަރުގެ ކަމެއް ކޮށްގެނެއް ނޫނެވެ! އެމަނިކުފާނުގެ ހިތަށް އިސްތިއުފާ ދެއްވަން ޖެހޭވަރުގެ ބިރުވެރިކަމެއް ވެއްދެވީ ﷲ އެވެ. އެދުވަހުވެސް ދިވެހި ގައުމަށް ލިބުނީ މާތް ﷲ ދެއްވި ނަސްރެވެ.

*ޒަމާނީ އަޅުވެތިކަމާއި އިގްތިސޯދީ ދަންތުރަ:
ހަމައެކަނި ދުލުން ތިމަންމެންނަކީ މުސްލިމުންނޭ ބުނެލާފައި، ދިވެހީންނަށް އަބަދުވެސް ނަސްރު ލިބޭނެ ކަމަށް ބުނެ، ފަޚުރުވެރިވެފައި ތިބެވޭކަށް ނެތެވެ. ބަވަނަވަމުން، ބަދަލުވަމުންދާ ދުނިޔޭގައި ގައުމުތައް—ޚާއްޞަކޮށް ކުދި ގައުމުތައް—މިޒަމާނުގައި އަޅުވެތި ކުރަނީ ކޮންމެހެން ކަނޑިއާއި ބަޑި ހިފައިގެން ސިފައިން އަރައި ހަނގުރާމަކޮށްގެނެއް ނޫނެވެ. ގިނަ ގައުމުތައް މިޒަމާނުގައި މިނިވަންކަން މަތީ ތިބެނީ ނަމަކަށެވެ. ހަޤީގަތުގައި ދުނިޔޭގެ ގިނަ ގައުމުތަކަކީ މިހާރު އެމެރިކާއާއި ޔޫރަޕުގެ "އަޅުން"ނެވެ. މެދުއިރުމަތީގެ ގިނަ ގައުމުތަކަށް އިޒްރޭލުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައި، މުސްލިމުންގެ ހައްގުގައި ބަހެއް ބުނަން ނުކެރިގެން އުޅެނީ މިދެންނެވި އަޅުވެތިކަމުގެ ސަބަބުންނެވެ. ގިނަ ގައުމުތައް ތިބެނީ އިގްތިސޯދީ ގޮތުން ފިތިފައެވެ. ހުޅަނގުގެ ސިޔާސަތާ ހިލާފުވެއްޖެނަމަ އަޑިއަޑިން ރާވައިގެން އެ ގައުމެއްގެ ސަރުކާރު ވައްޓާލަން އިސްތިއުމާރީ ދައުލަތްތަކުން ފަންޑު ކުރެއެވެ. ނުވަތަ ސީދާ މިލިޓަރީ ހަމަލާއެއް ވެސް ދީފާނެއެވެ. ނުވަތަ އެމެރިކާއިން މިހާރު ބޭނުންކުރާ ވިޔަފާރީގެ "ހަތިޔާރު" ކަމުގައިވާ "ޓެރިފް" ފަދަ އިގްތިސޯދީ ހަތިޔާރުން ތަޅައި ބަލިކޮށްލައެވެ.
*ކުދި ގައުމުތައް ބަލިކޮށްލުމަށް ބޭނުންކުރާ 3 އުކުޅު:
ދުރުގައި ތިބެގެން، ޔޫ.އޭ.އީ އާއި އިންޑިއާ ފަދަ ސަރަހައްދީ ގައުމުތަކުންނާއި، ހުޅަނގުގެ ބޮޑެތި ބާރުތަކުން ކުދި ގައުމުތައް އަޅުވެތިކުރަން މިހާރު މައިގަނޑު 3 އުކުޅެއް ބޭނުންކުރެއެވެ. ފުރަތަމަ އުކުޅަކީ ކުދި ގައުމުތަކުގެ ދީނީ އަގީދާ ބަލިކަށިކޮށް، ޒުވާން ޖީލުތައް ބޭރުގެ ސެކިއުލަރ ފިކުރަށް ގެންދިއުމެވެ. ދެވަނަ އުކުޅަކީ ލޯނާއި، ހިލޭ ސްކޯލަޝިޕް ފަދަ "އެހީ" ދީގެން އިގްތިސޯދީ ދަންތުރައިގައި ކުދި ގައުމުތައް ޖެއްސުމެވެ. ތިންވަނަ އުކުޅަކީ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓުގެ ނަމުގައި އެތައް މިލިއަން ނުވަތަ އެތައް ބިލިއަން ޑޮލަރެއް ކުދި ގައުމުތަކަށް އަޅައި، އެ ގައުމުތަކުގެ ކުރިމަގު ގަނެލުމެވެ. އެފަދަ އިންވެސްޓްމެންޓުތަކުގެ ޖުމްލަ އަދަދު އެ ކުދި ގައުމުތަކުގެ އެތައް އަހަރެއްގެ ޖީޑީޕީއަށްވުރެ ބޮޑުވެ، ދުވަސްކޮޅަކުން އެ ގައުމުތަކުގެ ސަރުކާރުތަކަށްވުރެ އެއްކަލަ ބިލިއަން ޑޮލަރުގެ އިންވެސްޓަރުންގެ ބާރު، އެގައުމުތަކުގައި ގަދަވެގެންދެއެވެ.
*ރާއްޖޭގެ މެދުގައި ސިއްކިމް ފަދަ "ވަކި ޤައުމެއް" ހަދަން އުޅުމުގެ ނުރައްކާ:
މިފަދަ ޚުޠޫރާތްތެރި ރޭވުންތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ހިންގަންއުޅޭ އެންމެ އޮޅުންބޮޅުން ބޮޑު އަދި ނުރައްކާތެރި މުޢާމަލާތް ކަމަށްވާ، ދިވެހިންގެ ފައިސާއިން ހިއްކާ 500 ހެކްޓަރުގެ "ރަސްމާލެ" ބޭރުގެ ކުންފުންޏަކަށް ހިލޭ ދޭން ހަދާ އެއްބަސްވުމުގެ ފުރިހަމަ ތަފްޞީލު ސަރުކާރުގެ އެންމެ ތިން ބޭފުޅުންނަށް ފިޔަވައި ދައުލަތުގެ އެޓަރނީ ޖެނެރަލަށްވެސް އެނގިވަޑައިނުގަންނަވާ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުވެފައެވެ. އެއް ޤަރުނުގެ މުއްދަތަށް، ނުވަތަ މުއްދަތު ރޯލްއޯވަރވެ، ނިމުމެއް ނެތި އިތުރުވާ ގޮތަށް ހަދަން އުޅޭ މި އެއްބަސްވުމަކީ ދާއިމީ ގޮތަކަށް ދިވެހިރާއްޖޭގެ ކަނޑާއި ބިން ބޭރުގެ ފަރާތްތަކަށް މިލްކުކޮށްދީ، ދައުލަތުގެ ސިޔާދަތީ ބާރު ކަނޑުވާލާނެ ކަމެކެވެ. މިއީ ރާއްޖޭގެ މެދުގައި ސިއްކިމް ފަދަ "ވަކި ޤައުމެއް" ހަދަން އުޅުމެވެ. މި މަޝްރޫޢު ހަވާލުކުރެވޭ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއި އެ ކުންފުނީގެ ވެރިޔާ މުޙައްމަދު އަލްޢައްބާރަކީ އިޒްރޭލުގެ ސިޔާސީ އަދި ވިޔަފާރި މަޞްލަޙަތުތަކާ ބަދަހި ގުޅުމެއް އޮންނަ ފަރާތެއް ކަމަށްވާތީ، މުޅި އިސްލާމީ ދުނިޔެއިންނާއި ދިވެހި ރައްޔިތުންގެ ބޮޑު މެޖޯރިޓީއެއް ދަނީ މިކަމާމެދު އިންޒާރުދެމުންނެވެ. އަދި ރަސްމާލެއިން ބިން ގަންނަ ބޭރުގެ މުއްސަނދިންނަށް ދިވެހި ރައްޔިތުކަން ދިނުމަށް އިދިކޮޅު ބައެއް ސިޔާސީ ބޭފުޅުން ތާއީދުކުރެއްވުމަކީ، މުސްތަޤުބަލުގައި އިންޑިއާ ފަދަ ސަރަޙައްދީ ބާރުތަކުން އެމީހުނެގެ "ރައްޔިތުން ހިމާޔަތްކުރުމުގެ" ނަމުގައި ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތްބޭނުމާއި އާބާދީގެ މައްޗަށް ގަދަވެގަތުމަށް ހުޅުވިގެންދާނެ ވަލުދޮރާއްޓެކެވެ. ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ މޭޒު އަޑިން ސިޔާސީ ކެމްޕޭން ފަންޑުތަކަށް ފައިސާ ވަންނަ ގޮތަށް ހިންގާ، ތާރީޚުގައި ފެންނާނެ އެންމެ ބޮޑު ޤައުމީ ޚިޔާނާތަށް ވެދާނެއެވެ.
*ޚާރިޖީ ސިޔާސަތާއި އަމިއްލަ ފައިމައްޗަށް ތެދުވުން:
މީގެ މާނައަކީ ބޮޑެތި ގައުމުތަކުން ލޯނު ނުނަގާށެކޭ ނޫނެވެ. އަދި ބޮޑެތި ގައުމުތަކުންދޭ އެހީއާއި ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ނުހޯދާށެކޭ ވެސް ނޫނެވެ. ބަވަނަވަމުން ދިޔައަސް، ޓެރިފްގެ ނަމުގައި އިގްތިސޯދީ "ފާރުތައް" އުފުލެމުންދާ ދުނިޔެއެއްގައި ދިވެހީންނަށް ވެވުނު ވަރަކުން އަމިއްލަ ފައިމައްޗަށް ތެދުވާން މަސައްކަތް ކުރަންޖެހެއެވެ. ބޮޑެތި ބާރުތަކުން ހިންގާ ބައިނަލްއަގުވާމީ ސިޔާސީ ވާދަވެރިކަމުގެ އޮއިވަރުގައި ނުޖެހި، ރައީސް މައުމޫން ގެންގުޅުއްވި ފަދަ ވަކިފަރާތަކަށް ނުޖެހޭ، މެދުމިނުގެ، އެންމެންނާ ވެސް ގުޅޭ ބައިނަލްއަގުވާމީ ސިޔާސަތެއް ގެންގުޅެން އެނގެންޖެހެއެވެ. އަދި ޒުވާން ޖީލަށް އިސްލާމީ އަގީދާގެ މުހިންމުކަން ދަސްކޮށްދީ، އިސްލާމްދީނުގެ ނަގިލި މިފަސްގަނޑުގައި ހަރުކުރަންޖެހެއެވެ. މިނިވަންކަމުގެ ހަގީގީ ދެ މުލަކީ އިސްލާމްދީނާއި، އިގްތިސޯދީ ފުދުންތެރިކަމެވެ.
*އެތެރޭގެ އިގްތިސޯދީ އަޅުވެތިކަން:
ސަތޭކަ ޕަސެންޓު ފުދުންތެރި ގައުމަކަށް މި ކުޑަކުޑަ ދިވެހިރާއްޖެއަކަށް ދުވަހަކު ވެސް ނުވެވޭނެއެވެ. ބޮޑުބައި ޖެހޭނީ ހަމަ އިމްޕޯޓު ކުރާށެވެ. ބިދޭސީ މަސައްކަތްތެރިން ވެސް ކޮންމެވެސް ވަރަކަށް ގެންނަންޖެހޭނެއެވެ. ނަމަވެސް މިހާރު މިދާ ރޭޓުގައި ބިދޭސީންގެ އަތްމައްޗަށް ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިމާރާތްކުރުމާއި، ފެހުމާއި، ވާޑާންކުރުން ފަދަ އެތައް މަސައްކަތެއް ދޫކޮށް، ދިވެހީން އަމާންދީފިނަމަ ދުވަސްކޮޅަކުން މިއީ ދިވެހީންގެ ގައުމަކަށް ނުވާނެއެވެ.ބމިހާރުވެސް މާލޭގެ ގިނަ ކަޑަތަކާއި، މާޓުތަކާއި، މާރުކޭޓު ގޮޅިތަކާއި، ފެރީތަކާއި، މަސްދޯނިފަހަރުގެ ފަޅުވެރިކަމާއި، މިފަދަ އެތައް ވިޔަފާރިއެއް ދިވެހީންގެ ނަމުގައި ހިންގަނީ އަސްލު ބިދޭސީންނެވެ. ތޮއްޑޫ ފަދަ އެތައް ރަށެއްގެ ކަރައާއި އެހެނިހެން ގޮވާން ދަނޑުތައް ކޮންޓްރޯލް ކުރަނީ ބިދޭސީންނެވެ. މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އެއް ސުޕަމާކެޓް ޗެއިން ހިންގަނީ ދިވެއްސެއްގެ ނަމުގައި އަސްލު ލަންކާ މީހެކެވެ. އައިނު ވިއްކާ އެތައް ފިހާރައަކީ ދިވެހީންގެ ނަމުގައި ލަންކާއާއި އިންޑިއާ މީހުން ހިންގާ ތަންތަނެވެ. މިއީ އިގްތިސޯދީ އަޅުވެތިކަމެވެ.
*ލިބިފައިވާ ނަސްރުގެ އަގު ވަޒަންކުރުން:
މިނިވަންކަމުގެ އެންމެ މުހިންމު އެއް ތަނބު ކަމުގައިވާ އިގްތިސޯދީ ފުދުންތެރިކަމުގެ ތަނބު ފީވެ، ރެނދުލައި، ވެއްޓެން ކައިރިވެއްޖެއެވެ.މިނިވަންކަމުގެ ދެވަނަ ތަނބު ކަމުގައިވާ އިސްލާމްދީނުގެ ތަނބުގައި ހިފަހައްޓައިގެން ތިބީ މަދު މުސްކުޅިން ކޮޅެކެވެ. ޒުވާން ޖީލު ފެންނަނީ ކުރު ހެދުމާއި ކުރު ސޯޓުލައިގެން ފަރަންޖީން އުޅޭގޮތަށް އުޅެވޭތޯ މަރުފަލިޖަހާ ތަނެވެ. ބިރަކާ ނުލައި މަޖާކުރާ ތަނެވެ. ހިނދުކޮޅު އައިސްފައި ތިބޭ ތަނެވެ. މިސްކިތްތަކުގެ ސަފުތަކުގައި ގިނައީ ބަންގާޅީންނެވެ. އިގްތިސޯދީ ފުދުންތެރިކަމުގެ ތަނބާއި، އިސްލާމްދީނުގެ ތަނބު ފުނޑުފުނޑުވަމުންދާއިރު، ކޮންމެ އަހަރެއްގެ ލިބިފައިވާ ނަސްރުގެ އަގެއް ނުވިސްނެއެވެ. ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު (ނަސްރުގެ ދުވަހު)، ސިޔާސީ މީހުންނާއި ދިވެހި ބައެއް ރައްޔިތުން ގިރުވާނު ކޮޅަށް ޖަހައި، އަމިއްލައަށް ފަޚުރުވެރިވެ، ޕެރޭޑު ދުއްވައި، އުފާފާޅުކޮށް ހޮލިޑޭ ކުރުމަކުން މިނިވަންކަން ވަރުގަދައެއް ނުވެއެވެ. ލިބިފައިވާ ނަސްރުގެ އަގު ވިސްނުނުކަމަކަށް ނުވެއެވެ.
*އަމަލީ ގޮތުން މިނިވަންކަން ހިމާޔަތްކުރުން:
ނޮވެމްބަރު 3 ވަނަ ދުވަހުގެ ޖަލްސާތަކުގެ އަޑާއި، ހަވާ އެރުވުމުގެ ދިއްލުންތަކާއި، ސިޔާސީ ތަގުރީރުތަކާއި، ނޫސްތަކުގެ ފަލަ ސުރުހީތައް ފަނޑުވެ، އަޑު މަޑުވެގެން ގޮސް، އަނެއްކާވެސް އާ އަހަރެއް ފެށޭއިރު، ދިވެހީންގެ މި މިނިވަންކަމާއި ﷲ ދެއްވި ނަސްރު ދެމިއޮންނާނީ ވަރަށް މުހިއްމު ދެކަމެއް ކޮށްގެންނެވެ. އެއީ: ނޭނގިތިބެ ބިދޭސީންގެ އަތްމައްޗަށް ދޫވަމުން މިދާ އިގްތިސޯދީ މިނިވަންކަން އަނބުރާ ހޯދިގެންނާއި، އިގްތިސޯދީ ފުދުންތެރިކަން އަލުން ހޯދިގެންނެވެ. ރައީސް އަމީނާއި، ރައީސް ނާސިރާއި، ރައީސް މައުމޫނާއި، ރައީސް ޔާމީން ފަދަ ވެރިން ގެންގުޅުއްވި ވަތަނީ ރޫހު ދިރުވައިގެންނެވެ. އަދި އިސްލާމްދީނަށް ލޯބިކުރާ، އެ ދީނުގެ އުސޫލުތަކަށް އުފަލާއެކު އަމަލުކުރާ އިސްލާމީ ޒުވާން ޖީލެއް ބިނާކުރެވިގެންނެވެ. މިދެކަން ވެސް ކުރެވޭނީ އަމަލުން އެކަން ކޮށްގެންނެވެ. ހަމައެކަނި ލިޔެވޭ އަކުރަކުން ނުވަތަ ބުނެލާ ބަހަކުން މިކަމެއް ނުވާނެއެވެ.