ދިވެހިރާއްޖެ ގުދުރަތީގޮތުން އުފެދިފައިވާ ގޮތާއި އިގްތިސާދީ ދިރުމަށް ފުންކޮށް ނަޒަރު ހިންގާލާއިރު، އިންކާރު ކުރެވެން ނެތް މައިގަނޑު ހަގީގަތެއް ފެންނަން އެބައޮތެވެ. އަޅުގަނޑުމެންގެ ދައުލަތުގެ މުޅި އަސާސާއި މުސްތަގުބަލު މުތުލަގަށް ގުޅިފައިވަނީ އަޅުގަނޑުމެންގެ ވަށައިގެންވާ ނޫ އިގްތިސާދާއެވެ. ދިވެހިރާއްޖޭގެ އިހުތިސާސްގެ ތެރޭގައިވާ އެއްގަމު ބިމާއި، ފަޅުތަކާއި، ކަނޑުތަކާއި ކަނޑުއޮޅިތަކުގެ އިތުރުން، ކަނޑުގެ އަޑީގައިވާ ބިމާއި، އެ ބިމުގެ އަޑީގައިވާ މައުދަނިއްޔާތާއި، ތެލާއި، ގޭސް އަދި ގޭސް ފަދަ ހަކަތައިގެ ވަސީލަތްތަކަކީ ދިވެހި ދައުލަތާއި އެންމެހައި ރައްޔިތުންގެ މުގައްދަސް މުއްސަނދިކަމެވެ. އެއްގަމު ބިމުގެ ސިޔާދަތީ އިމެކޭ އެއްފަދައިން، ރާއްޖޭގެ ސަރަހައްދުގެ މަތީގައިވާ ޖައްވަކީވެސް ދިވެހިރާއްޖޭގެ ޖުމްހޫރީވެރިކަން ހިނގަން ޖެހޭ، ގައުމީ ސިޔާދަތީ ބާރު ފުރިހަމައަށް ހިންގޭނެ، ޤުދުރަތީ ވަސީލަތެއްގެ ގޮތުގައި ދެކެން ޖެހެއެވެ!
ސަރަހައްދީ އިމާއި ސިޔާދަތީ ރައްކާތެރިކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ވަނީ ވަރަށް ސަރީހަކޮށް ގަވާއިދުތަކާއި އުސޫލުތައް ބަޔާންކޮށްފައެވެ. ގާނޫނުއަސާސީގެ އަސާސީ ސިފަތައް ބުނާގޮތުން، ރާއްޖޭގެ ސަރަހައްދުން ބައެއް އުނިކުރުމަކީ ނުވަތަ އެހެން ގައުމަކަށް ދޫކޮށްލުމަކީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންވެސް ކުރެވޭނެ ކަމެއް ނޫނެވެ. ގާނޫނު ހެދުމުގެ މުތުލަގު ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވީ ނަމަވެސް، ގައުމުގެ ސަރަހައްދުން ބައެއް ވަކިކޮށް، ގައުމު ބައިބައިކުރުމުގެ ބާރެއް މަޖިލީހަކަށްވެސް އަދި ރައީސުލްޖުމްހޫރިއްޔާއަކަށްވެސް ލިބިގެންނެއް ނުވެއެވެ. އެހެންކަމުން، ރާއްޖޭގެ ކަނޑުގެ އިހުތިސާސް ހިމާޔަތްކުރުމާއި، ގާނޫނީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ތެރެއިން ގެއްލިފައިވާ، ނުވަތަ ގެއްލުވާލާފައިވާ ކަނޑުގެ ސަރަހައްދުތައް އަނބުރާ ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ގައުމުގެ ހައްގުގައި ކުރަންޖެހޭ އެންމެ އިންތިހާ އަގުހުރި، ސިޔާދަތީ ވާޖިބެވެ.
ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ ގައުމީ މަސައްކަތް
ރާއްޖޭގެ ސަރަހައްދީ އިންވަކިކުރުމުގެ މައުޟޫއަކީ ފަހުގެ ތާރީޚެއްގައި އެންމެ ބޮޑަށް ސިޔާސީ އަދި ގާނޫނީ ބަހުސް އުފެދުނު އެއް މައްސަލައެވެ. ކުރީގެ އެމް.ޑީ.ޕީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނެތި، އަދި އާންމު ރައްޔިތުންނަށް އަންގާލުމެއް ނެތި، ސިޓީއެއް މެދުވެރިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް މޮރިޝަސް އަށް ދޫކޮށްލުމުގެ ސަބަބުން އުފެދުނު ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވަމުން، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ސޯލިހުގެ އެ ސިޓީ ބާތިލުކުރައްވައި، އަނބުރާ ގެންނަވާފައެވެ.
ދ. މީދޫގައި ބޭއްވުނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުން ދޫކޮށްލި ކަނޑުގެ ސަރަހައްދަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ދިވެހިންގެ އަމިއްލަ ބައެއްގެ ގޮތުގައި ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މިންގަނޑުތަކާއި ގާނޫނީ އިޖުރާއަތްތައް ހުންނަ ގޮތުން، އެ ސަރަހައްދު ރަސްމީކޮށް ދިވެހިރާއްޖޭގެ އިހުތިސާސްގެ ތެރެއަށް ލިޔެކިޔުމުން ހިމެނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަކީ ވަރަށް ބޮޑު ހޭދައެއް ދާނެ ކަމެކެވެ. އެހެންނަމަވެސް، އެއީ ގައުމީ މަސްލަހަތާއި ސިޔާދަތުގެ ހައްގުގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއްކަން ސަރުކާރުން ފާހަގަކުރެއެވެ.
އެސްއީޒެޑް ގާނޫނާއި ތެލާއި ގޭހާއި މިނަރަލް ހުރިތޯ ބެލުން
ރާއްޖޭގެ އިގްތިސާދު ހަމައެކަނި ފަތުރުވެރިކަމާއި މަސްވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގްތިސާދު ސިންދަފާތު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ އިގްތިސާދީ ބޮޑެތި އިސްލާހުތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން އެފަދަ ޒޯންތަކުގައި ހިންގޭނެ އިގްތިސާދީ ހަރަކާތްތައް ކަނޑައެޅުއްވުމުގެ ގަރާރަށް ރައީސް މުއިއްޒު ވަނީ ބަދަލުތަކެއް ގެންނަވާފައެވެ. ކުރިން ނެރުއްވި ގަރާރުގައި ހަމައެކަނި ގޭހުގެ މަސައްކަތްތައް ހިމެނިފައި އޮތް އޮތުން ބަދަލުކުރައްވައި، ތެލާއި، ގޭހާއި އަދި މިނަރަލް އެކްސްޕްލޮރޭޝަން (މައުދަންތައް ހޯދައި ދިރާސާކުރުން) ގެ މަސައްކަތްތައް ވަނީ އެސްއީޒެޑްގެ ދަށުން ކުރެވޭނެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވާފައެވެ.
މެނުފެކްޗަރިންގެ އެކި ބާވަތުގެ މަސައްކަތްތަކާއި، ޓްރާންސްޝިޕްމަންޓް ޕޯޓާއި، އިންޓަނޭޝަނަލް ލޮޖިސްޓިކްސް ފަދަ ތަފާތު ސިނާއަތްތައް އުފެއްދުން
މި ބަދަލާއެކު، އެސްއީޒެޑްގެ އިހުތިސާސްގެ ތެރޭގައި ހިންގޭނެ މައިގަނޑު އިގްތިސާދީ މަސައްކަތްތަކުގެ ތެރޭގައި އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތުގެ މަސައްކަތްތަކާއި، ޓްރާންސްޝިޕްމަންޓް ޕޯޓާއި، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓާއި އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން އަދި ޑޮކިން ހިދުމަތްތައް ހިމެނެއެވެ. އޭގެ އިތުރުން ޔުނިވަސިޓީތަކާއި، ޓާޝަރީ އަދި ސްޕެޝަލިޓީ ހޮސްޕިޓަލްތަކުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތަކާއި، އައިސީޓީ ޕާކްތަކާއި، އިންޓަނޭޝަނަލް ފައިނޭންޝަލް ހިދުމަތްތަކާއި އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް ގާއިމުކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއަށް އާ ޓެކްނޮލޮޖީތައް ތައާރަފުކުރުމަށް ހިންގާ މަޝްރޫއުތަކާއި، ތެލާއި، ގޭހާއި އަދި މިނަރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް ވެސް މިހާރު ވަނީ އެސްއީޒެޑްގައި ހިންގޭނެ ކަންކަމުގެ ތެރޭގައި ހިމަނާފައެވެ.
އެސްއީޒެޑް ގާނޫނުގެ ދަށުން، ސަސްޓެއިނަބުލް ޓައުންޝިޕް ތަރައްގީކުރުން ފިޔަވައި އެހެން ހުރިހާ މަސައްކަތްތަކަކަށް އެންމެ ކުޑަކޮށް އިންވެސްޓްކުރެވޭނެ މިންވަރަކީ 100 މިލިއަން ޑޮލަރެވެ. އަދި ސަސްޓެއިނަބުލް ޓައުންޝިޕަށް އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 500 މިލިއަން ޑޮލަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭން ތެޔޮ ފެނޭތޯ ބެލުމަށް ދިރާސާއެއް ކުރެވުނު ނަމަވެސް، މިނެރަލް ނުވަތަ މައުދަންތައް ހޯދުމަށް މީގެ ކުރިން ރަސްމީ ދިރާސާއެއް ކުރެވިފައެއް ނުވެއެވެ.
މިކަމުގައި ހުރި ތިމާވެށީގެ ކަންބޮޑުވުންތަކަށް ސަރުކާރުން ދިން ޖަވާބު
ކަނޑުގެ އަޑިން ތެލާއި މިނަރަލް ހޯދުމުގެ މަސައްކަތް އެސްއީޒެޑްގެ ތެރެއަށް އިތުރުކުރުމާ ގުޅިގެން، ތިމާވެށީގެ ދާއިރާއާއި ސިޔާސީ މައިދާނުގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. އެމްޑީޕީ ސަރުކާރުގެ ކުރީގެ އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވަނީ، ރާއްޖޭގެ ކަނޑުތައް މައިންކޮށްގެން ތެލާއި މައުދަން ހޯދުމަކީ ކުރު ރާސްތާގެ ފައިދާއަކަށް ބަލައި ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އޭގެ ސަބަބުން ނާޒުކު ތިމާވެއްޓަށް އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
މި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ފާހަގަކުރެއްވީ، ދުނިޔޭގެ އެންމެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ހަމައެކަނި މަސްވެރިކަމަށް ބަރޯސާވެގެން ތިބުމަކީ ދުނިޔޭގެ އިގްތިސާދީ ލޮޅުންތަކުން ލިބޭ ގެއްލުން ބޮޑުވާ ކަމެއް ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކަނޑުތަކުގެ ގާބިލުކަން ފުރިހަމައަށް ދިރާސާކޮށް، ތިމާވެށީގެ އެސެސްމެންޓްތައް (އީއައިއޭ) ހަދައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމެވެ. މީގެ ސަބަބުން އޯޝަން ސްޓަޑީޒް، އަންޑަވޯޓާ އިންޖީނިއަރިން އަދި އެންވަޔަރަމަންޓަލް ސައިންސް ފަދަ އާ ދާއިރާތަކުން ދިވެހި ޒުވާނުންނަށް މަތީ ފެންވަރުގެ ވަޒީފާތަކާއި ތަޖުރިބާތައް ފަހިވެގެންދާނެއެވެ.
އީޖާދީ ވަސީލަތްތައް: ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުން
މިފަދަ އެހެން ކަމެކެވެ: ކަނޑުގެ ވަސީލަތްތައް އީޖާދީ އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ބޭނުންކުރުމުގެ އަމަލީ ނަމޫނާއެއްގެ ގޮތުން، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ވަނީ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން ފެން އުފެއްދުމުގެ މަޝްރޫއެއް އިއުލާނުކޮށްފައެވެ. އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ހާމަކުރެއްވި ގޮތުގައި، ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާއެކު ސޮއިކުރެވިގެން ކުރިއަށްދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށޭނެއެވެ.
މި އީޖާދީ މަޝްރޫއުގެ މައިގަނޑު ފައިދާތަކަށް ބަލާއިރު، ކަނޑުގެ 500 މީޓަރު އަޑިން ނަގާ ލޮނަކީ ވަރަށް ސާފު ލޮނަށްވުމުން ފެން އުފެއްދުމުގެ ފެންވަރު މަތިވެގެންދެއެވެ. އަދި ކަނޑުގެ އަޑީގެ ތަބީއީ ޕްރެޝަރުގެ ސަބަބުން އެނާޖީ އެފިޝިއަންޓްވެ، މަސައްކަތަށް ހިނގާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ. މީގެ އިތުރުން އެއްގަމުގައި ފެން ޕްލާންޓްތައް ބެހެއްޓުމަށް ބިން ބޭނުންކުރަންޖެހޭ މިންވަރު ކުޑަވެ ބިމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާއިރު، ތިލަމާލެ ބްރިޖާއެކު މާލެއާއި ވިލިމާލެއަށް ފެން ފޯރުކޮށްދިނުމުގެ ހޮޅި އެޅުމުގެ މަސައްކަތް ފަސޭހަވެ، ފެނުގެ ނެޓްވޯކް އިތުރަށް ފުޅާކުރަން ފަސޭހަވެގެން ދާނެއެވެ.
ރާއްޖޭގެ ޖައްވީ ސަރަހައްދުން އިގްތިސާދީ ފުރިހަމަ ނަފާ ހޯދުން
އެއްގަމު ބިމުގެ ސިޔާދަތީ އިމެކޭ އެއްފަދައިން، ރާއްޖޭގެ ސަރަހައްދުގެ މަތީގައިވާ ޖައްވަކީވެސް ދިވެހިރާއްޖޭގެ ޖުމްހޫރީވެރިކަން ހިނގަންޖެހޭ، ގައުމީ ސިޔާދަތީ ބާރު ފުރިހަމައަށް ހިންގޭނެ ސަރަހައްދެކެވެ. ނަމަވެސް، މިއަދާ ހަމައަށްވެސް ރާއްޖޭގެ ޖައްވީ ސަރަހައްދަކީ އިގްތިސާދީ އަދި ފަންނީ ގޮތުން ދިރާސާކޮށް، އޭގެ ފުރިހަމަ ނަފާ ހޯދުމުގައި އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރެވިފައިވާ ވަސީލަތެއް ނޫނެވެ. އެހެންކަމުން، ރާއްޖޭގެ ޖައްވީ ސަރަހައްދަކީ ހަމައެކަނި ސިޔާދަތީ އިމެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއީ ގައުމީ ތަރައްގީއަށްޓަކައި ހޯދައި ދިރާސާކުރަންޖެހޭ އަގުހުރި ޤުދުރަތީ ވަސީލަތެއްގެ ގޮތުގައި ދެކެންޖެހެއެވެ.
މިކަމުގައި ދުނިޔޭގެ އެހެން ގައުމުތަކުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މިސާލަކަށް، ޖަޕާނުން ވަނީ އެގައުމުގެ ޖައްވީ ސަރަހައްދާއި ވައިގެ ނިޒާމު ސީދާ އިގްތިސާދީ އަދި ފަންނީ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައެވެ. އޭގެ ތެރޭގައި، ޖައްވީ، މޫސުމީ މައުލޫމާތާއި ވައިގެ ދައުރުވުން ދިރާސާކޮށްގެން އިއާދަކުރަނިވި ހަކަތަ (ބޮޑެތި ވިންޑް ޓަރބައިންތައް) ޤާއިމް ކުރުމާއި، އެއާ-ސްޕޭސް މެނޭޖްމަންޓް މެދުވެރިކޮށް އިންޓަނޭޝަނަލް ފްލައިޓް ރޫޓުތަކުން ނަގާ ފީތައް ބޮޑުކޮށް، އަދި އެޑްވާންސްޑް އެއާ މޮބިލިޓީ (ޑްރޯން އަދި އޮޓޮނޮމަސް އެއާ ޓްރެންސިޓް) ނިޒާމުތައް ގާއިމުކޮށްގެން ބޮޑު އާމްދަނީއެއް ހޯދުން ހިމެނެއެވެ. ރާއްޖެ ފަދަ ޤުދުރަތީ ގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ޖަޒީރާ ގައުމަކަށް، ޖައްވީ ސަރަހައްދު ދިރާސާކޮށް، ޑްރޯން ޓެކްނޮލޮޖީއާއި ވައިގެ ހަކަތަ ފަދަ ވަސީލަތްތައް ތަރައްގީކުރުމަކީ ޖައްވީ ސަރަހައްދު އިގްތިސާދީ އަދި ފަންނީ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރުމުގައި އިންގިލާބީ ބަދަލެއް ގެނެވިދާނެ ކަމެކެވެ.
ނިންމުން
ދިވެހިރާއްޖޭގެ ކަނޑާއި، ބިމާއި، ޖައްވީ ސަރަހައްދަކީ ގައުމީ ސިޔާދަތާއި އަމާނާތުގެ އެންމެ އުސް އަސާސެވެ. ގާނޫނުއަސާސީގެ އިމުގެ ތެރެއިން ގައުމީ ސަރަހައްދީ ސިޔާދަތު މުތުލަގަށް ހިމާޔަތްކުރަމުން، ކަނޑުގެ އަޑީގައިވާ މައުދަނިއްޔާތާއި އިގްތިސާދީ އައު ފުރުސަތުތައް ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ބޭނުންކުރުމަކީ، އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލާއި ގައުމީ އިގްތިސާދު ހަރުދަނާކުރުމަށްޓަކައި އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.