ދިވެހިރާއްޖެއަށް ގިނަ ސިޔާސީ ޕާޓީތައް ހިމެނޭ ދިމުޤްރާޠީ ނިޒާމު ތަޢާރަފުވިފަހުން، ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އަންނަނީ އިޞްލާޙީ ބޮޑެތި ބަދަލުތަކަކާއި ނަޒާހަތްތެރިކަމުގެ އުއްމީދީ ވައުދުތަކާއެކުގައެވެ. ނަމަވެސް، ފެންނަމުންދާ ހިތި ހަޤީޤަތަކީ ކޮންމެ އާ ވެރިކަމަކުންވެސް، ކުރީގެ ވެރިކަމަށްވުރެ ބޮޑެތި ޚިޔާނާތްތައްވަމުން، ޤައުމީ މަޞްލަޙަތުތައް ޤުރުބާންކުރުމުގެ އައު ރެކޯޑުތަކެއް ޤާއިމުކުރަމުންދާ ކަމެވެ.
އެފް.ޕީ.އައި.ޑީ އާއި ޖީ.އެމް.އާރ ގެ ޙިޔާނާތް
ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚަށް ބަލާއިރު، މައުމޫނު އަބްދުލްޤައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި ހިންގި އެފް.ޕީ.އައި.ޑީ ގެ ބޮޑު ޚިޔާނާތަކީ ފަހުގެ ތާރީޙުގައި، ދައުލަތުގެ މާލިއްޔާއިން ކޮރަޕްޝަނަށް މަގުފަހިވި ފުރަތަމަ ބޮޑު ދޮރެވެ. އޭގެފަހުން، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ދިރާގާއި ފެން ކުންފުނީގެ ހިއްސާ ބޭރުގެ ކުންފުނިތަކަށް ވިއްކާލެއްވުމާއި، ރިސޯރޓް ހެދުމަށް، ގާތް ސިޔާސީ އެކުވެރިންނަށް ފަޅު ރަށްތައް ބެއްސެވުމުގެ އިތުރުން، ދިވެހިރާއްޖޭގެ އިޤްޞާދީ މައިދޮރާށި ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީ.އެމް.އާރަށް ނުއަގުގައި ދިގު މުއްދަތަކަށް ކުއްޔަށް ދިނުން ފަދަ މާލީ އަދި ސިޔާދަތީ ޖަރީމާތައް ހިންގެވިއެވެ.
ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ނުއަގުގައި ވިއްކާލައި ސިޔާސީ މީހުންގެ އަމިއްލަ ޖީބުތަކަށް ޖަމާކުރި އެމް.އެމް.ޕީ.އާރ.ސީ ގެ ޙިޔާނާތް
ކޮންމެ އައު ވެރިކަމަކާ އެކު އަންނަ ކޮރަޕްޝަނުގެ މި ސިލްސިލާ އިތުރަށް ނުރައްކާތެރި ހިސާބަކަށް ދިޔައީ ރައީސް އަބްދުއްﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. ރައީސް ޔާމިނުގެ ވެރިކަމުގައި ހިންގުނު އެމް.އެމް.ޕީ.އާރ.ސީ ގެ ބިޔަ ޙިޔާނާތަކީ ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ނުއަގުގައި ވިއްކާލައި، ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން އެމެރިކާ ޑޮލަރެއް ސިޔާސީ މީހުންގެ އަމިއްލަ ޖީބުތަކަށް ޖަމާކުރި، ބިޔަ ޙިޔާނާތެކެވެ. މިއީ އޭގެ ކުރިން، މައުމޫނާއި ނަޝީދުގެ ވެރިކަންތަކުގައި ހިންގުނު ކޮރަޕްޝަނަށްވުރެ އެތައް ގުނައެއް ބޮޑު މާލީ ޖަރީމާއެކެވެ.
ބޯހިޔާވަހިކަމުގެ ނަމުގައި ބިން ބެހުމާއި ޗާގޯސް އާއި ދިވެހި ކަނޑު ވިއްކާލުން
ރައިސް ޔާމިނަށް ފަހު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައިވެސް ދައުލަތުގެ ރައުސްމާލަށް ބޮޑެތި ގެއްލުންތަކެއް ދެވުނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަގުބޮޑު ބިންތައް، ބޯހިޔާވަހިކަމުގެ ނަމުގައި ސިޔާސީ ގާތް ފަރާތްތަކަށް ހިލޭ ބައްސަވާލެއްވުމުގެ އިތުރުން، އެންމެ ބޮޑު ޤައުމީ ޚިޔާނާތެއްގެ ގޮތުގައި ފާހަގަކުރެވެނީ ފޯޅަވަހީގެ (ޗާގޯސްގެ) ސިޔާދަތީ ޙައްޤު މޮރިޝަސްއަށް ދޫކޮށްލެއްވުމާއި ދިވެހި ކަނޑުން އެތައް އަކަކިލޯމީޓަރެއް މޮރިޝަސް އަށް ދޫކޮށްލެއްވި ބޮޑު ޙިޔާނާތެވެ. ޗާގޯސް މައްސަލާގައި، ދިވެހިރާއްޖޭގެ ކަނޑުގެ އިޤްޞާދީ ސަރަޙައްދުން އެތައް އަކަ ކިލޯމީޓަރެއް މޮރިޝަސް އަށް ދޫކޮށްލެއްވުމަކީ އެމް.އެމް.ޕީ.އާރ.ސީ ގެ ޙިޔާނާތަށް ވުރެ އެތައް ގުނައެއް ބޮޑު ޙިޔާނާތެކެވެ. ދިވެހި ދައުލަތުގެ ސިޔާދަތާއި މިނިވަންކަމަށް ވެވުނު ބޮޑު ޣައްދާރުވުމެކެވެ.
ރަސްމާލެ މަޝްރޫޢު: އެންމެ ބޮޑު ޤައުމީ ޚިޔާނާތް؟
މިއަދު، ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން "ރަސްމާލެ" މަޝްރޫޢުގެ ނަމުގައި މި ހިންގަންއުޅޭ މުޢާމަލާތަކީ، އިސްވެ ދެންނެވުނު އެންމެހައި ޚިޔާނާތްތަކަށްވުރެ ބޮޑު، ދިވެހި ޤައުމުގެ ބިމާއި ސިޔާދަތު ބޭރުގެ ފަރާތްތަކަށް ހިލޭ ދީގެން ހިންގާ އެންމެ ބޮޑު ޤައުމީ ޚިޔާނާތަށް ވެގެންދިއުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ދިވެހި ރައްޔިތުންގެ ފައިސާއިން ގާތްގަނޑަކަށް 1 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ހިއްކި 500 ހެކްޓަރުގެ ބޮޑު ބިން، އެއްވެސް ބިން ހޯދުމުގެ ފީއެއް (އެކުއިޒިޝަން ފީއެއް) ނުވަތަ ބިމު ކުއްޔެއް ނެގުމެއް ނެތި ޔޫ.އޭ.އީ ގެ އީގަލް ހިލްސް ކުންފުންޏަށް ހިލޭ ދިނުމަކީ އިޤްޞާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަދި ދީނީ ގޮތުން ވެސް ދައުލަތް އަޅުވެތިވުމާ ދިމާއަށް ގެންދިއުމުގެ ނުރައްކާ ވަރަށް ބޮޑަށް އޮތް ކަމެކެވެ.
މާލޭގެ ބިމުގެ އަގަށް ބަލާއިރު 30 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އަގުހުރި ބިމަކުން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ޑޮލަރެއްގެ ޤުދުރަތީ ވަސީލަތްތަކުގެ ކުލި (ރިސޯސް ރެންޓު) ދޫކޮށްލުމަކީ ޤައުމީ މަޞްލަޙަތާ މުޅިން ޚިލާފު ކަމެކެވެ.
ރަސްމާލެ މަޝްރޫޢު ހަމަމަގަށް އަޅުވާނެ އިދިކޮޅު ސިޔާސީ ލީޑަރޝިޕެއް ނެތުން
މި މަޝްރޫޢާ ދެކޮޅަށް މިއަދު އަޑުއުފައްލަވާ ކުރީގެ ރައީސުން ކަމަށްވާ ޔާމީނާއި ޞާލިޙުގެ ވާހަކަފުޅުތަކުގައި ސިޔާސީ އަގެއް ނެތެވެ. އެބޭފުޅުންގެ ވެރިކަމުގައި ހިންގި އެމް.އެމް.ޕީ.އާރ.ސީ އާއި ޗާގޯސްގެ ޙިޔާނާތްތަކުގެ ސަބަބުން ޤައުމީ މަސްލަހަތުގައި ވާހަކަ ދެއްކެވުމުގެ އިތުބާރު އެބޭފުޅުންގެ ކިބައިން ވަނީ ގެއްލިގެން ގޮސްފައެވެ. އަނެއްކޮޅުން، ރައީސް މައުމޫނު މިކަމުގައި ހަނު ހުންނެވުމުގެ ފަހަތުގައިވާ ސަބަބަކީ، އެމަނިކުފާނުގެ ދަނބިދަރިކަލުން ޝުޢައިބު، އީގަލް ހިލްސްގެ ޤާނޫނީ މުޝީރެއްގެ (ލީގަލް ކައުންސިލެއްގެ) ގޮތުގައި ހުރުން ކަމަށް ބެލެވެއެވެ. ސިޔާސީ އާއިލާތަކުގެ އަމިއްލަ މަޞްލަޙަތު ޤައުމީ މަޞްލަޙަތުގެ މައްޗަށް އިސްކުރުމަކީ ދިވެހިރާއްޖޭގައި އާންމުވެފައިވާ މުސީބަތެއް ފަދަ ހިތާމަވެރި އާދައެކެވެ. އިދިކޮޅުގެ ހާލަތު މިފަދައިން އޮތް އިރު، ރަސްމާލެ މައްސަލާގައި މިހާރުގެ ސަރުކާރު ޒިއްމާދާރު ކުރުވުމުގައި ކިރިޔާ ކުޑަ މިންވަރެއްގެ ކްރެޑިބިލިޓީ އަކާއި އުއްމީދެއް ވެސް އޮތީ ކުރީގެ ރަޢީސް ޔާމިނުގެ ފަރާތުގައި ކަމަށް ޤަބޫލުކުރެވެއެވެ.
އަލްޢައްބާރާއި ޒަޔަނިސްޓުންގެ ގުޅުން
އީގަލް ހިލްސްއާއި އެ ކުންފުނީގެ އިސްވެރިޔާ މުޙައްމަދު އަލްޢައްބާރާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ނޫސްތަކުން ތިލަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިސްރާއީލުގެ ސިޔާސީ އަދި ވިޔަފާރި ފަރާތްތަކާއެކު އޮންނަ ގުޅުންތަކުގެ ވާހަކަތައް ވަނީ ފެންމަތިވެފައެވެ. އަލްޢައްބާރު ވަނީ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އަރިއެލް ޝަރޯންއާ ބައްދަލުކޮށް، ޣައްޒާގެ ވަޒަންވެރިންގެ އާބާދީތައް (ސެޓްލްމަންޓްތައް) އިންވެސްޓްމަންޓެއްގެ ގޮތުގައި ބޭނުންކުރުމަށް ހުށަހަޅާފައެވެ. އަދި އިސްރާއީލުގެ ކުރީގެ ރައީސް ޝިމޯން ޕެރޭސް ވަނީ އަލްޢައްބާރަށް މަރުޙަބާ ކިޔައި، އޭނާގެ ފޮތުގައި ބަޔާންކުރާ "އައު މެދުއިރުމަތި" ބިނާކުރުމުގެ މަޝްރޫޢުގެ އިޤްޞާދީ މޫނުމަތީގެ ގޮތުގައި އަލްޢައްބާރު ސިފަކޮށްފައެވެ. މީގެ އިތުރުން، އިސްރާއީލުގެ ވިޔަފާރިވެރިޔާ އީލީ އެޕްސްޓީންއާއެކު "ޗިލްޑްރެން އޮފް އަބްރަހާމް" ގެ ހަރަކާތް ފެށުމާއި، އެކުވެރި ޢަރަބި ޢިމާރާތުގެ ފުރަތަމަ ޔަހޫދީ ފައްޅީގައި އަލްޢައްބާރަށް ޝަރަފު އަރުވާފައިވުން ފަދަ ކަންކަން ހިމެނެއެވެ.
ޔޫ.އޭ.އީ މެދުވެރިކޮށް ޒައަނިސްޓުންގެ ނުފޫޒު
އެކުވެރި ޢަރަބި ޢިމާރާތަކީ ނަމުގައި އިސްލާމީ ދައުލަތެއް ކަމުގައި ވިޔަސް، ޔޫ.އޭ.އީ އަކީ ސެކިއުލަރ އުޞޫލުތަކަށް ޖާގަދީ، އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަނާއި ޔަހޫދީ ފައްޅިތައް ޤާއިމުކޮށްފައިވާ ޤައުމެކެވެ. ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި އިޒްރޭލުގެ ރައްޔިތުންނަށް ރަސްމާލެއިން މިލްކިއްޔާތު ގަތުން ޤާނޫނުން މަނާވާނެއެވެ. ނަމަވެސް، ދެވަނަ މާކެޓުގައި (ސެކަންޑަރީ މާކެޓްގައި) ނުވަތަ ބޭރުގެ ކުންފުނިތައް (އޮފްޝޯ ކުންފުނިތައް) މެދުވެރިކޮށް މިލްކުވެރިކަން ބަދަލުވަމުންދާއިރު، އިސްރާއީލުގެ ނުފޫޒު ނުވަތަ ޒަޔަނިސްޓު ކުންފުނިތަކުގެ އަތްމައްޗަށް ރަސްމާލޭގެ ފުރިހަމަ ބާރު ނުދާނެކަން ކަށަވަރުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
ބިދޭސީންނަށް ރައްޔިތުކަން ދިނުމަށް ފައްޔާޒާއި ނަޝިދު ތާއިދު ކުރެއްވުން
އިދިކޮޅު އެމްޑީޕީގެ 2028 ވަނަ އަހަރުގެ ރިއާސީ ކެންޑިޑޭޓަކަށްވުމަށް މަސައްކަތްކުރައްވާ ފައްޔާޟް އިސްމާޢީލް، ޢަބްދުއްﷲ ޝާހިދު، އަދި ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ފަދަ ބޭފުޅުންވެސް ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބަހެއް ވިދާޅުނުވެ ތިއްބެވުމަކީ، އިންޑިއާއާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ) ފަދަ ނުފޫޒުގަދަ ޤައުމުތަކުގެ ދަށުވެފައި އެބޭފުޅުން ތިއްބެވި ކަމުގެ ސަރީޙަ ހެއްކެކެވެ. އަދަދު ނޫހަށް ދެއްވި އިންޓަވިއުއެއްގައި، ރަސްމާލެއަށް ޒަޔަނިސްޓު ނުފޫޒު ފޯރުމުގެ ނުރައްކަލާމެދު ކުރެވުނު ސުވާލަށް ފައްޔާޟް ދެއްވީ ވަރަށް އާދައިގެ ޖަވާބެކެވެ. ރަސްމާލެ މަޝްރޫޢަށް ތާއިދު ކުރުމުގައި ފައްޔާޟްގެ މައިގަނޑު ޝަރުޠަކަށްވީ، އެތަނުން ބިމާއި ގެދޮރު ގަންނަ ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ދިނުމެވެ. ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ބޭރުގެ ފަރާތްތަކަށް ދިވެހި ރައްޔިތުކަން ދޭނަމަ އެ މަޝްރޫޢަށް ތާއީދުކުރައްވާނެ ކަމަށް ފައްޔާޟް ވިދާޅުވުމަކީ ދިވެހި ރައްޔިތުންގެ މޫނުމަތީގައި ޖެއްސެވި ތަފާލެކެވެ. މިއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެދިވަޑައިގަތުމަށް ފައްޔާޟް ވިދާޅުވި ވާހަކަފުޅެއްކަން ކަށަވަރެވެ. މީގެ މައިގަނޑު މަޤްޞަދަކީ ރަސްމާލޭގެ ޕްރޮޕަޓީތައް ބޭރުގެ ފަރާތްތަކަށް ވިއްކުމާއި، އެފަދަ ބޭރުގެ ފަރާތްތަކަށް ދިވެހި ރައްޔިތުކަން ދިނުމެވެ.
މީގެއިތުރުން، ކުރީގެ ރައީސް ނަޝީދު ވަނީ އީގަލް ހިލްސްއާއެކު ހަދާ މުޢާމަލާތަށް ފުޅާ ދާއިރާއެއްގައި ތާއީދުކުރައްވާފައެވެ. މިއީ ވަރަށް ނުރައްކާތެރި ސަރަޙައްދީ ސިޔާސީ (ޖިއޯޕޮލިޓިކަލް) ރޭވުމެކެވެ. ރަސްމާލެއިން ބިން ގަންނާނެ މައިގަނޑު ފަރާތްތަކަކީ އިންޑިއާގެ މުއްސަނދިންނަށް ވެފައި، އެފަރާތްތަކަށް ދިވެހި ރައްޔިތުކަން ދީފިނަމަ، މަދު އަހަރުތަކެއްގެ ތެރޭގައި އެއީ އިންޑިއާގެ ބައެއް ކަމަށް ދަޢުވާކޮށް، "ދިވެހިރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން" ޙިމާޔަތްކުރުމުގެ ނަމުގައި އިންޑިއާގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ) ފަދަ ފަރާތްތަކުން ދިެވހި ރާއްޖޭގެ ާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
ވަލު ދޮރާށިން ވަންނާނީ އިންޑިއާގެ ނުފޫޒުތައް
ރަސްމާލެއިން ބިން ގަންނަ ޒއަނިސްޓް އަދި އިންޑިއާގެ މުއްސަނދިންނަށް ދިވެހި ރައްޔިތުކަން ދީފިނަމަ، އެ ރައްޔިތުން ޙިމާޔަތްކުރުމުގެ ނަމުގައި އިންޑިއާގެ ސަރުކާރުން ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތްބޭނުމުގެ ނުރައްކާތެރި ފުރުޞަތެއް ހުޅުވިގެންދާނެއެވެ. ނަޝީދާއި، ފައްޔާޟް، ޝާހިދު އަދި ފައިޞަލް ފަދަ ބޭފުޅުން ކަންކުރައްވާ ގޮތުން، އެބޭފުޅުންނަކީ ބޭރުގެ ނުފޫޒުތަކުގެ ކުޅިބަޔަކަށް ވެފައިވާކަމުގެ ތުހުމަތު އާންމުން ކުރެއެވެ. ރަސްމާލެ މަޝްރޫޢާމެދު އާންމުންގެ ބޮޑު ނުތަނަވަސްކަމެއް އޮތްއިރު، މިއީ ހަމައެކަނި ޒަޔަނިސްޓު މަޞްލަޙަތެއް ނޫނެވެ؛ މިއީ އިންޑިއާއިން ދިވެހިރާއްޖޭގެ ވަލު ދޮރާށިން އެތެރެއަށް ވަދެ، ދިވެހި އާބާދީގެ މައްޗަށް މުސްތަޤުބަލުގައި ގަދަވެގަތުމަށް ހުޅުވާލެވޭ ފަސޭހަ މަގެއްކަމަށް ބެލުމުގެ ޖާގަވެސް ބޮޑެވެ. ޤައުމީ ސަލާމަތަށް ބަލާއިރު، މިވަރުގެ ބޮޑު ސަރަޙައްދެއް ބޭރުގެ އިންވެސްޓަރަކަށް ދާއިމީ ގޮތަކަށް ކޮންޓްރޯލް ކުރެވޭގޮތަށް ދިނުމަކީ ދިވެހި ފުލުހުންނާއި ސިފައިންގެ ޤާނޫނީ ބާރު (އިޚްތިޞާޞް) ހިނގުމަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ.
ނިންމުން: ޤައުމީ އިޚްލާޞްތެރިކަމުގެ އިމްތިޙާނާއި ރައީސް ޔާމީނުގެ އުއްމީދީ އާ ފެށުން
ރައީސް މުޢިއްޒުގެ ކިބައިގައި ޤައުމާއި ރައްޔިތުންނަށްޓަކައި ކުޑަމިންވަރެއްގެ އިޚްލާޞްތެރިކަމެއް އޮތްނަމަވެސް، އަވަސް އަރުވާލައިގެން، ދެފުށް ފެންނަ ގޮތެއް ނެތި، ދައުލަތަށް ޙައްޤުވާ ބިލިއަން ޑޮލަރުގެ އެކުއިޒިޝަން ފީއާއި ކުލި ދޫކޮށްލުމަށްފަހު މި އެއްބަސްވުމުގައި ސޮއި ނުކުރައްވާނެއެވެ. މި މަޝްރޫޢުގެ ބިން ހޯދުމުގެ ފީގެ ގޮތުގައި ލިބެންޖެހޭ މަދުވެގެން އެއް ބިލިއަން އެމެރިކާ ޑޮލަރު ސީދާ ދައުލަތުގެ ސޮވަރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާނުކުރެވޭ ނަމަ، އަދި ސިޔާސީ ކެމްޕޭން ފަންޑުތަކަށް މޭޒު އަޑިން ފައިސާ ވަންނަ ގޮތަށް ކަންކަން ރޭވިފައިވާނަމަ، ދިވެހިންގެ ފައިސާއިން ހިއްކި 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް ހިލޭ ދިނުމަކީ ޤައުމީ ތަރައްޤީއެއް ނޫނެވެ—އެއީ ދިވެހި ދައުލަތަށް ވެވޭ އިއާދަނުކުރެވޭވަރުގެ ބޮޑު ޚިޔާނާތެކެވެ.
ކުރީގެ ރައީސް ނަޝީދު ރަސްމާލެ މަޝްރޫޢަށް، މިހާރު އޮތް ގޮތަށް، ތާއީދުކުރައްވައި، އެމަނިކުފާނުގެ ރިއާސީ ކެންޑިޑޭޓް ފައްޔާޟް އިސްމާޢީލް ރަސްމާލެއިން ބިންގަންނަ ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ދޭން ގޮވާލައްވަމުންދާއިރު، އަދި ޢަބްދުއްﷲ ޝާހިދާއި ފައިޞަލް ނަސީމް ފަދަ އިދިކޮޅު އިސް ބޭފުޅުން ހަނު ތިއްބެވުމުން އިދިކޮޅު ސިޔާސީ މައިދާން މުޅިން ބަލިކަށިވެ ފިނިވެފައިވާ މި ދަނޑިވަޅުގައި، ރަސްމާލެ މައްސަލައިގައި ސަރުކާރު ޒިންމާދާރުކުރުވައި ދިވެހިންގެ ސިޔާދަތީ ޙައްޤުތައް ޙިމާޔަތްކުރުމުގެ ކިރިޔާވެސް އިތުބާރެއް ނުވަތަ އުއްމީދެއް އޮތީ ކުރީގެ ރައީސް ޢަބްދުއްﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުގައި އެކަނިކަން ޤަބޫލުކުރެވެއެވެ.
ސިޔާސީ ތަޖުރިބާތަކާއި މާޟީގެ ޢިބުރަތްތަކުން ފިލާވަޅު ލިބިވަޑައިގެން، ދެވަނަ ފަހަރަށް ވެރިކަމަށް ވަޑައިގަންނަވާނަމަ، އެމަނިކުފާނު ފެނިގެންދާނީ ދައުލަތް ހިންގުމުގެ އިޞްލާޙީ ބަދަލުތަކަކާއެކު އައިސްފައިވާ، ކުރިއާ ޙިލާފަށް، ފަސްޓް ލޭޑިގެ ހިޔަނިން ސަލާމަތްވެފައިވާ، މުޅިން ތަފާތު، އާ އިސްނެންގެވުމެއްގެ ވަރުގަދަ ލީޑަރެއްގެ ގޮތުގައި ކަމަށް ޤަބޫލު ކުރެވެއެވެ.