ސިޔާސީ

ދިއްލީގެ ދިގު ރޭވުންތަކާއި 2028 ގައި އަތުވެދާނެ "ސިޔާސީ ސުނާމީ"

ގައުމު ކުޑަވުމަކީ ޖިއޮގްރަފީގެ ގޮތުން އޮތް ހަގީގަތެކެވެ. ނަމަވެސް ނިކަމެތިވެ އަޅުވެތިވުމަކީ ސިޔާސީގޮތުން އަޅުގަނޑުމެން އަމިއްލައަށް ކުރާ އިޚްތިޔާރެކެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ވަގުތު ފާއިތުވުމުގެ ކުރިން ހޭފުޅުލައްވައި، އިދިކޮޅު ފަރާތްތަކާއި ބޭރުގެ ޖާސޫސީ އިދާރާތަކުގެ މި ނުރައްކާތެރި ވިއުގައަށް ފިޔަވަޅު އަޅުއްވާށެވެ! ދިވެހިރާއްޖޭގެ މުސްތަގުބަލު ލިޔާނީ ދިވެހިންގެ އަމިއްލަ އަތްތަކުންކަން ދުނިޔެއަށް ބިތުކޮށްދޭންޖެހެއެވެ.

ދިއްލީގެ ދިގު ރޭވުންތަކާއި 2028 ގައި އަތުވެދާނެ "ސިޔާސީ ސުނާމީ"

އިންޑިއާގެ ވެރިރަށް ނިއު ދިއްލީން މިފަހަކަށް އައިސް ފެންނަމުން މިދަނީ ހަމައެކަނި ބައިނަލްއަގުވާމީ ކޮންފަރެންސްތަކާއި ޑިޕްލޮމެޓިކް "ޑައިލޮގް" ތަކެއް ނޫނެވެ. ފަރުދާގެ ފުރަގަހުގައި ހިނގަމުންދާ ކަންކަމަށް ފުންކޮށް ބަލައިލައިފި ނަމަ ފެންނަން އޮތީ ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އޮތް ބިރުވެރި މަންޒަރެކެވެ. މިއީ ދިވެހިރާއްޖޭގެ ސިޔާސީ މުސްތަގުބަލު އިންޑިއާގެ ބާރުގެ ދަށަށް އަލުން ގެންދިއުމަށްޓަކައި އެ ގައުމުގެ ޚާރިޖީ ވުޒާރާއާއި ޖާސޫސީ އިދާރާ "ރޯ" ގުޅިގެން ފަރުމާކުރަމުންދާ މާސްޓަރ ޕްލޭނެއްގެ ފެށުމެވެ. މި ތޫފާނުގެ އެންމެ ކުރީ ސަފުގައި "ދިއްލީގެ އެންމެ އިތުބާރު ހުރި ދިވެހި ލީޑަރު"ގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވިއިރު، މިއީ މުޅި ދިވެހި އުންމަތާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކަމަކާއި މެދު ވަގުތުން ވަގުތަށް ހޭލާންޖެހިފައިވާ ނުރައްކާތެރި "ސިޔާސީ ސުނާމީ"އެކެވެ.

ނަޝީދުގެ ދަތުރުފުޅު، އިގުތިސޯދީ "ސަބޮޓާޖް" އަދި 2028 ގެ ރޭވުން

އިޝްތިހާރު

މިއަހަރު މެދުތެރޭގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން، ދިވެހި ދައުލަތުން އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑެއް ދެއްކޭނެ ގާބިލުކަން ރާއްޖޭގެ ރިޒާވްގައި ނެތް ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަފުޅަކީ ސީދާ ދިވެހި ދައުލަތުގެ ބާރު ކަނޑުވާލައްވަން ދެއްވި އިގުތިސޯދީ ހަމަލާއެކެވެ. ސަރުކާރުގެ ނުވަތަ އެމްޑީޕީގެވެސް އެއްވެސް ރަސްމީ މަގާމެއް މިއަދު ނެތް ބޭފުޅަކު، ބައިނަލްއަގުވާމީ މީޑިއާތަކުގެ ކުރިމަތީގައި ރާއްޖެ ބަނގުރޫޓުވާން އުޅޭކަމުގެ ބިރުވެރިކަން ފެތުރުއްވުމަކީ، އިންވެސްޓަރުން ފަސްޖައްސުވައި ގައުމުގެ މާލީ ހާލަތު ގުރުބާންކޮށްލެއްވުމަށް ހިންގެވި ވަރަށް ނުރައްކާތެރި، ގައިރު ޒިންމާދާރު އަމަލެކެވެ. މީގެ އިތުރުން، ފޯޅަވަހީގެ (ޗާގޯސް) ސިޔާދަތީ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސްގެ ދިފާއުގައި ވަކާލާތު ކުރައްވައި އެ ގައުމުގެ "އޭޖެންޓެއްގެ" ގޮތުގައި މަސައްކަތް ކުރެއްވުމަކީ، ރާއްޖޭގެ ރަސްމީ "މޯލްޑިވްސް ފަސްޓް" ސިޔާސަތަށް ގޮންޖެއްސެވި ނުސީދާ ބަގާވާތެއް ފަދަ ކަމެކެވެ.

މި ހުރިހާ ކަމެއްގެ އަޑީގައި އޮތީ 2028 ގެ ރިޔާސީ އިންތިޚާބަށް އިންޑިއާއިން ތައްޔާރުކުރާ ސިޔާސީ ކުޅިގަނޑެވެ. ނަޝީދު ދިއްލީގައި ހުންނަވަނިކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުއްލި ގޮތަކަށް ދިއްލީއަށް ވަޑައިގަތުމަކީ އިއްތިފާގެއް ނޫނެވެ. މިއީ އެމްޑީޕީގެ ތެރޭގައި އޮތް ފެކްޝަންތައް ސުލްހަކޮށް، ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވާދަވެރިކަން ކުޑަކޮށް، 2028އަށް އެ ޕާޓީ "އެއްގަލަކަށް" އަރުވައި އިންޑިއާގެ އިތުބާރު އޮތް "ޑްރީމް ޓީމެއް" އުފެއްދުމަށް ދިއްލީން ކުރާ ބޮޑު މަސައްކަތެކެވެ. އިންޑިއާގެ އަމާޒަކީ 2028 ގައި ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް ނެރެ، އޭނާގެ ރަނިންމޭޓަކަށް އިންޑިއާގެ އެންމެ އިތުބާރު ހުރި "ލެފްޓިނަންޓް" އަބްދުﷲ ޝާހިދު ހަމަޖެއްސުމެވެ. މިއީ ހަމައެކަނި ޕާޓީއެއްގެ އެތެރޭގެ ކަމެއް ނޫނެވެ؛ މިއީ ބޭރުގެ ބާރަކުން ރާއްޖޭގެ ވެރިކަމުގެ "ރިމޯޓް ކޮންޓްރޯލް" ހޯދަން ކުރާ ނުރައްކާތެރި މަސައްކަތެކެވެ.

"ޑީޕް ސްޓޭޓް" ގެ ނުފޫޒާއި 36 އަހަރުގެ ނޫސްވެރިކަމުގެ ތަޖުރިބާ

ނަވާރަ ސަތޭކަ ނުވާދިހައިގެ އަހަރުތަކުން ފެށިގެން 'ހަވީރު' އާއި 'އައްޑުވަސް' އަދި 'މަންޑޭ ޓައިމްސް' އާއި 'ސަން އޮންލައިން' ފަދަ ނޫސްތަކުގައި އަޅުގަނޑު ހޭދަކުރި 36 އަހަރުގެ ނޫސްވެރިކަމުގެ ހަޔާތުގައި އަބަދުވެސް ހިފެހެއްޓި އެންމެ ވަރުގަދަ އަސާސަކީ ދިވެހިރާއްޖޭގެ އިސްލާމީވަންތަކަމާއި، މިނިވަންކަމާއި ސިޔާދަތެވެ. އިންޑިއާގެ "ޑީޕް ސްޓޭޓް" އިން ރާއްޖެއާމެދު ގެންގުޅޭ ނުފޫޒުގަދަ އަދި ހަރުކަށި ސިޔާސަތުގެ ހަގީގަތް އަޅުގަނޑު ވަނީ އަމިއްލައަށް ތަޖުރިބާކޮށްފައެވެ.

މީގެ އަހަރުތަކެއް ކުރިން ކޮޗިން އެއާޕޯޓުން އަޅުގަނޑު ހިފަހައްޓައި، ގަޑިއިރުތަކެއް ވަންދެން "އެމްޑީޕީއާއި އިންޑިއާއާ ދެކޮޅަށް ލިޔަނީ ކީއްވެގެންހޭ" އަހައި ކުރި ސުވާލުތަކާއި، މީގެ އަހަރެއް ކުރިން އަޅުގަނޑުގެ ދަރިފުޅުގެ މުހިންމު ބޭސްފަރުވާއަކަށް އިންޑިއާ އަށް ދާން އުޅުމުން އަޅުގަނޑު ބްލެކްލިސްޓްކޮށް، އިންޑިއާ ހައިކޮމިޝަނުން "އާންމުކޮށް މާފަށް އެދުމުން ނޫނީ ވިސާ ނުދެވޭނެ" ކަމަށް ބުނި ބުނުމަކީ ނޫސްވެރިއެއްގެ ގަލަން ބޭރު ގައުމެއްގެ ވިސާ ޑެސްކަކުން ގަތުމަށް ކުރި މަސައްކަތެކެވެ. ނަމަވެސް އަޅުގަނޑު އެފަދައިން މާފަށް އެދުމަށް އިންކާރުކުރީމެވެ.

އިންޑިއާގެ 200 މިލިއަނަށްވުރެ ގިނަ މުސްލިމުންނާމެދު ހަރުކަށި ހިންދުތުވާ ސިޔާސަތު ގެންގުޅޭ ދައުލަތަކުން، އަވަށްޓެރި މުސްލިމް ކުޑަ ގައުމެއްގެ މިނިވަންކަމަށް އިހްތިރާމްކުރާނެ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. އިންޑިއާގެ ޖާސޫސީ އިދާރާ "ރޯ" އިން ރާއްޖޭގެ މީޑިއާތަކަށް ސިއްރުން "ޕޭރޯލް" ދީގެން ޕްރޮޕެގެންޑާ ފެތުރުމާއި، ޑޮކްޓަރުންނާއި ޓީޗަރުންގެ ނަމުގައި ރޯ އެޖެންޓުން މާލެއާއި އައްޑޫ ފަދަ ސަރަހައްދުތަކުގައި ހަރަކާތްތެރިވުމަކީ ދިވެހި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ.

މި ސަރުކާރުން އިންޑިއާއާމެދު އަމަލު ކުރަނީ އަދިވެސް ފަހަތު ފަޔަސް ބުރަވެ، އިންޑިއާ ދެކެ ބިރުން އުޅޭ ބައެއްގެ ގޮތުގައެވެ. ރައީސް މުއިއްޒުގެ ސަރުކާރުން "އިންޑިއާ ސިފައިން ބާލައިފި" ކަމަށް ބުންޏަސް، 77 އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާގެ އަސްކަރީ ކުންފުނިތަކުގެ ސިވިލިއަން ޓެކްނީޝަނުން ގެނައުމަކީ ހަމައެކަނި މޫނުމަތީގެ ބަދަލެކެވެ. ދައުލަތުގެ ތަޅުދަނޑީގެ ނަކަލެއް އަދިވެސް އޮތީ އިންޑިއާގެ އަތުގައެވެ. 1975 ގައި ސިއްކިމް ދިރުވާލި ގޮތާއި، 1988ގެ ނޮވެމްބަރު 3ގެ އުދުވާނުގެ ފަހަތުގައި އިންޑިއާގެ ރޭވުމެއް އޮތް ކަމަށް ގަބޫލުކުރެވޭ ފަދައިން، ރާއްޖެއަކީ އިންޑިއާގެ އަސްކަރީ މަރުކަޒަކަށް ހެދުމުގެ ދިގު މުއްދަތުގެ ކުޅިގަނޑެއް ދަނީ ހިންގަމުންނެވެ.

ރާއްޖެ ސަލާމަތްކުރުމުގެ ބްލޫޕްރިންޓް: "ހެޖްހޮގް" މޮޑެލް

މި ނުރައްކާތެރި އަޅުވެތިކަމުންނާއި ބަރޯސާވުމުން ސަލާމަތްވުމަށްޓަކައި ދިވެހިރާއްޖެއިން ބަލަންވީ ސްވިޒަލޭންޑާއި މޯލްޓާ ފަދަ ކުދި ގައުމުތަކުގެ ސިޔާސަތަށެވެ. ސްވިޒަލޭންޑުން ގެންގުޅެނީ ދިރުވާލަން އުނދަގޫ "ހެޖްހޮގް" (ކަށިގިނަ ސޫފި) އެއްގެ ސިޔާސަތެވެ. މުޅި ރައްޔިތުން އަސްކަރީ ގޮތުން ތަމްރީނުކޮށް، ގައުމާ ތޮޅެން ފަސޭހަ ނުވާނެކަން ސާބިތުކޮށްދިނުމުގެ ސިޔާސަތެވެ. މޯލްޓާއިން އެ ޤައުމުގެ ގާނޫނު އަސާސީގައި ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ލިޔެ، އިގުތިސޯދީ މަރުކަޒަކަށް ގައުމު ހެދިއެވެ.

މި ފިލާވަޅުތަކުން ދިވެހިރާއްޖެއަށް އޮތް ސަރީހަ ބްލޫޕްރިންޓް

އިންޑިއާ ދެކެ ޖެހިލުން ވެގެން، ޗައިނާ ނުވަތަ ޕާކިސްތާނު ފަދަ އެހެން އަސްކަރީ ބާރަކަށް ރާއްޖެއިން ޖާގަ ދިނުމަކީ މީގެ ހައްލެއް ނޫނެވެ. އެފަދައިން އަމަލު ކޮށްފިނަމަ އެކަން ވާނީ ޔޫކްރެއިންއިން ރަޝިއާގެ ދަލުގައި ޖެހުން ފަދަ ދަންތުރައަކަށެވެ.

އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ނުތިބޭނެކަން ސާފުކޮށް އިއުލާނުކޮށް، އިންޑިއާއާއި ޗައިނާއާ ދެމެދުވެސް ހަމައެކަނި ވިޔަފާރީގެ ގުޅުން ބޭއްވުމަކީ ރާއްޖެއަސް އެންމެ ފައިދާ ބޮޑު ގޮތެވެ. މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ހަތިޔާރަކާއި ވަސީލަތްތަކެއް ހަމައެކަނި މާލޭގައި މަރުކަޒު ކޮށްފައި ބެހެއްޓުމުގެ ބަދަލުގައި، ހުރިހާ އަތޮޅުތަކަކަށް އާމަރީތައް ބަހާލައި އެމްއެންޑީއެފްގެ ބާރު ލާމަރުކަޒީ ކުރަން ޖެހެއެވެ. ރައީސް މުއިއްޒު ގެ ސަރުކާރުން އެއާ-ކޯ އާއި ނެޝަނަލް ސާވިސް އުފެއްދެވުމަކީ ރަނގަޅު ފެށުމެކެވެ. މީގެ މައްޗަށް ބިނާކޮށް، މިއަށްވުރެ ވެސް ފުޅާކޮށް، ދިވެހި ޒުވާނުންނަށް މަޖުބޫރު އަސްކަރީ ތަމްރީނު ތައާރަފްކުރަން ޖެހެއެވެ. އިންޑިއާގެ ނުފޫޒުން ގައުމު ސަލާމަތްކުރުމަށްޓަކައި، ރައީސް ނަޝީދު ފަދަ އިންޑިއާގެ ޕްރޮކްސީންނާ ދެކޮޅަށް ތެދުވާނެ ޖެހިލުންކުޑަ ސިޔާސީ ލީޑަރުން (ކުރީގެ ރައީސް ޔާމީން ނުވަތަ އުމަރު ނަސީރު ފަދަ) ރައީސް މުއިއްޒާއެކު މަސައްކަތް ކުރެއްވޭނެ ސިޔާސީ މާހައުލެއް ހޯއްދެވުމަކީ ވެސް މުހިއްމު ކަމެކެވެ.

ނިންމުން: ވަގުތު ފާއިތުވުމުގެ ކުރިން ހޭއެރުން

އަޅުގަނޑުމެންނަށް އިންޑިއާ ފަދަ ނިއުކްލިއާ ބާރަކާ ދެކޮޅަށް ކަނޑުމަތީގެ ހަނގުރާމައެއް ކާމިޔާބެއް ނުކުރެވޭނެއެވެ. ނަމަވެސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވާ ފަދައިން، ގައުމަށް އަރައިގަންނަން އުޅޭ ކޮންމެ ދުޝްމަނެއްގެ ނޭފަތްމަތީގައި ޖަހައި ލޭއަރުވާލެވޭނެ ފަދަ ވޮލަންޓަރީ، ޕެރަމިލިޓަރީ ދިފާއީ ނިޒާމެއް ރާއްޖޭގައި ބިނާކުރެވިދާނެއެވެ. ދިއްލީގެ މޫނުމަތީގެ ހިނިތުންވުންތަކާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދެމޫނުގެ-ބައްދަލުވުންތަކަކީ ހަމައެކަނި "ޝޯ" އެއް ކަމަށް ބަލާނެ ޖާގަ އެބައޮތެވެ. އަސްލު ކުޅިގަނޑު އޮތީ ފަރުދާގެ ފުރަގަހުގައެވެ. 36 އަހަރުގެ ނޫސްވެރިކަމުގެ ތަޖުރިބާއިން އަޅުގަނޑުގެ ފުރާނައަށް ނުރައްކާ އޮތްކަން އެނގިހުރެވެސް މިއަދު މި ހަގީގަތްތައް ހާމަކުރަނީ ގައުމީ ހައްގުގައެވެ. ގައުމު ކުޑަވުމަކީ ޖިއޮގްރަފީގެ ގޮތުން އޮތް ހަގީގަތެކެވެ. ނަމަވެސް ނިކަމެތިވެ އަޅުވެތިވުމަކީ ސިޔާސީގޮތުން އަޅުގަނޑުމެން އަމިއްލައަށް ކުރާ އިޚްތިޔާރެކެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ވަގުތު ފާއިތުވުމުގެ ކުރިން ހޭފުޅުލައްވައި، އިދިކޮޅު ފަރާތްތަކާއި ބޭރުގެ ޖާސޫސީ އިދާރާތަކުގެ މި ނުރައްކާތެރި ވިއުގައަށް ފިޔަވަޅު އަޅުއްވާށެވެ! ދިވެހިރާއްޖޭގެ މުސްތަގުބަލު ލިޔާނީ ދިވެހިންގެ އަމިއްލަ އަތްތަކުންކަން ދުނިޔެއަށް ބިތުކޮށްދޭންޖެހެއެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ރަސްމާލެ ހިލޭ ދިނުން: ދިވެހިންގެ ފައިސާއިން ހިއްކި ބިން ވިއްކާލަނީ ކާކުގެ ކެމްޕޭން ފަންޑަކަށް؟
ސިޔާސީ

ރަސްމާލެ ހިލޭ ދިނުން: ދިވެހިންގެ ފައިސާއިން ހިއްކި ބިން ވިއްކާލަނީ ކާކުގެ ކެމްޕޭން ފަންޑަކަށް؟

ދިވެހި ރައްޔިތުންގެ ދަރަނި ބޮޑުވެ، ޤައުމު އިޤްޞާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު، ދައުލަތަށް ލިބެންޖެހޭ ބިލިއަން ޑޮލަރުގެ މަންފާ ބޭރުގެ އިންވެސްޓަރަކަށާއި ސިޔާސީ އަމިއްލަ އެދުމަށް ޤުރުބާންކޮށްލުމަކީ ދިވެހި ރައްޔިތުން ތަޙައްމަލުކުރާނެ ކަމެއް ނޫނެވެ. މި އެގްރީމެންޓް އިޞްލާޙުކޮށް، ދައުލަތަށް ޙައްޤުވާ އެކުއިޒިޝަން ފީ ސޮވަރިންގ ޑިވެލޮޕްމެންޓް ފަންޑަށް ޖަމާނުކުރެވޭ ނަމަ، މިއީ ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ އެންމެ ބޮޑު ޚިޔާނާތެވެ!

މުހައްމަދު ބުޝްރީ (ކެޔޮނިރު)/18 ގަޑިއިރު ކުރިން
ގާނޫނުލްއުގޫބާތުގެ އިސްލާހު: ރަސްމާލޭގައި ޒަޔަނިސްޓް ނުފޫޒު ފޮރުވަން އެޅޭ ގާނޫނީ ނިވާފަތްގަނޑެއް؟
ސިޔާސީ

ގާނޫނުލްއުގޫބާތުގެ އިސްލާހު: ރަސްމާލޭގައި ޒަޔަނިސްޓް ނުފޫޒު ފޮރުވަން އެޅޭ ގާނޫނީ ނިވާފަތްގަނޑެއް؟

މިއީ ދިވެހި ގައުމީ މަސްލަހަތުތައް ބޭރުގެ ނުފޫޒުތަކަށް ވިއްކާލުމާ ދެކޮޅަށް ރައްޔިތުން، އަޑުއުފުލުން ހުއްޓުވުމަށް ސަރުކާރުން ދޭ ނުސީދާ އިންޒާރެކެވެ. ސަރުކާރުން ގެންނަން މިއުޅޭ އިސްލާހަކީ ގަތުލުއާންމު ހުއްޓުވުމުގެ މުއާހަދާއަށް އަމަލުކުރުމަށް ގެންނަ ބަދަލެއް ނޫނެވެ. މިއީ ރަސްމާލެ މަޝްރޫއުގެ ފަހަތުގައިވާ ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ދިވެހިންގެ ފަރާތުން އަންނަ ހުރަސްތައް ނައްތާލައި، ސަރުކާރުގެ އިގުތިޞާދީ ސިޔާސަތުތަކަށް ފާޑުކިޔުން މަނާކުރުމަށްޓަކައި ގާނޫނީ ފަރުދާއެއްގެ ފުރަގަހުން އެޅޭ ބޮޑު ހުރަހެކެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/3 ދުވަސް ކުރިން
ސިޔާސީ މަކަރާއި ދީނީ އައްޑަނަ: ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅުން ހިންގާ މުނާފިޤު ޙަރަކާތް
ސިޔާސީ

ސިޔާސީ މަކަރާއި ދީނީ އައްޑަނަ: ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅުން ހިންގާ މުނާފިޤު ޙަރަކާތް

ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުނުކޮށް، ބޭރުގެ ސީދާ އިންވެސްޓްމަންޓް (ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް) ގެ ގޮތުގައި މިފަދަ ބިޔަ އިންވެސްޓްމެންޓެއް ރާއްޖެއަށް ގެނައުމަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު، އެންމެ ފައިދާ ހުރި އިންވެސްޓްމެންޓަށް ހެދޭނީ މިހާރަށް ވުރެ ދެފުށް ފެންނަ ގޮތަށް، ކޮރަޕްޝަނާއި ނުލައި، އިސްލާމީ ވަހުދަތު ނުގެއްލޭ ގޮތަށް މި މަޝްރޫއުގެ އެގްރީމްންޓް އެކުލަވައިލެވިގެންނެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 20, 2026