މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާފައިވާ ތަރައްޤީގެ ބައެއް ތަޞައްވުރުތަކުން ފެންނަނީ މީގެ 50 ވަރަކަށް އަހަރު ކުރިން ގދ.ނަޑެއްލާގެ އިބިރިހިންފުތާ ދެއްކިފަދަ ބައިސްކޯފެކެވެ. މާލެއާއި އާއި ރަސްމާލެއާ ދެމެދު ކަނޑުއަޑިން، އެތެރެ ފެންނަ "ބިއްލޫރި ކަނޑުއަޑީގެ ޓަނަލް" އަކުން ގުޅާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކައަކީ އޭގެ އެންމެ ބޮޑު އެއް މިސާލެވެ. ދުނިޔޭގެ އެންމެ މުއްސަނދި، ތަރައްޤީވެފައިވާ ޤައުމުތަކަށްވެސް ހިންގަން އުނދަގޫ، އަދި އިންތިހާއަށް އަގު ބޮޑު މިފަދަ މަޝްރޫޢެއްގެ ވާހަކަ ދެއްކެވުމުން، އަޅުގަނޑުމެން ހީކުރީ ދިވެހިރާއްޖެ މިއޮތީ ހަނދަށް ދާން ތައްޔާރަށް ކަމަށެވެ. ހަމައެފަދައިން، އައްޑޫ އަތޮޅުގެ ހިތަދޫއާއި ހުޅުމީދޫ ބްރިޖަކުން ގުޅުވާލުމުގެ ވާހަކައަކީވެސް އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުންގެ ވޯޓު ހޯދުމަށް އެކި ސަރުކާރުތަކުން ދައްކާ ބޮޑު ބައިސްކޯފެކެވެ. އައްޑުގެ ހަންކެޑެ ޕްރޮޖެކްޓަކީ ވެސް އެފަދަ ބައިސްކޯފެކެވެ.
ހަމަ ހުސް އިބިރިހިން ފުތާ!
މިއަދުގެ ސިޔާސީ ލީޑަރުން މީޑިއާތަކާއި ޕޯޑިއަމްތަކުގައި ރައްޔިތުންގެ ކުރިމަތީގައި ކޮމެންޓްރީ ދެނީ މީގެ 50 އަހަރު ކުރިން އިބިރިހިންފުތާ ދިން ފަދައިންނެވެ:
"ކޮއެފުޅާ… މިއޮތީ ކަނޑުއަޑީގެ ބިއްލޫރި ޓަނަލް، މިއީ ރަސްމާލޭގެ ސްމާރޓް ސިޓީ، މިއޮތީ އައްޑޫގެ ބޮޑު ބްރިޖް، މިއޮތީ ތިނަދޫގައި އަޅާ އެއާރޕޯރޓް. އިންގިލާބީ ތަރައްޤީ!"
ނަމަވެސް، ކޮމްޕިއުޓަރުން ހަދާފައިވާ ކުރެހުންތަކާއި، ކުލަގަދަ މަންޒަރުތަކުގެ ފަހަތުން ލޮލަށް ފެންނަން އޮތް ހިތި ޙަޤީޤަތަކީ ކޮބައިތޯއެވެ؟
ޚިޔާލީ މާސްޓަރ ޕްލޭންތަކާއި ކުލަގަދަ ތިން އަކަ މިންގަނޑުގެ ކުރެހުންތަކުން ސިޔާސީ މީހުން ރައްޔިތުންގެ ވޯޓު އަތުލާއިރު، ޤައުމުގެ އިޤްތިޞާދު އޮތީ ފުން އަނދަވަޅެއްގައެވެ. ދައުލަތުގެ ދަރަނި ވަނީ ރެކޯޑު މިންވަރަކަށް މައްޗަށް ގޮސް، ޤައުމު ދަރަނިން ސަލާމަތްނުވެވޭ ހިސާބަށް ގޮސްފައެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، އިންފްލޭޝަންގެ ސަބަބުން އާއިލާތަކުގެ ބަޖެޓު ހަފުސްވެ، އާންމު ރައްޔިތުމީހާގެ ޖީބު ވަނީ މުޅިން ހުސްވެފައެވެ. ޒުވާނުންނަށް ޙަޤީޤީ، އުފެއްދުންތެރި ވަޒީފާގެ ފުރުޞަތެއް ނެތްއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދަނީ ދުވަހުން ދުވަހަށް އިނދަޖެހެމުންނެވެ.
މި މާލީ ދަތިކަމުގެ އަޑީގައި އޮތީ ޙައްލެއް ނުލިބި ދޫކޮށްލެވިފައިވާ އިޖުތިމާޢީ އަދި ނިޒާމީ ބޮޑެތި ކަންތައްތަކެކެވެ. މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގެ ސަބަބުން މުޅި ޒުވާން ޖީލުތައް ހަލާކުވަމުންދާއިރު، އުޞޫލެއް ނެތި ބޭރުގެ މަސައްކަތްތެރިންގެ މާރުކޭޓު ފުޅާވުމުގެ ސަބަބުން ބިލިއަނުން ރާއްޖެއިން ބޭރަށް ފައިސާ ދެމިގެންގޮސް، ދިވެހި މަސައްކަތްތެރިން ވަނީ ވަޒީފާގެ މައިދާނުން އެއްފަރާތް ކުރެވިފައެވެ. ހަމައެއާއެކު، ވަކި މިސްރާބެއް ނެތް، ހަމައެކަނި އިމްތިޙާނަށް އަމާޒުކޮށްފައިވާ ތަޢުލީމީ ނިޒާމުގެ ސަބަބުން، ޒަމާނީ އިޤްތިޞާދަކަށް ބޭނުންވާ ހުނަރު ނެތް ކުދިން ނުކުމެ، ޤާބިލު ޒުވާނުން ތިބީ ވަޒީފާގެ ސާފު މަގެއް ނުފެނި ގޮތްހުސްވެފައެވެ. މި ހުރިހާ ނުރައްކާތަކަކަށް އިތުރު ބުރަކަމެއް ދެނީ، އާބާދީ އިތުރުވާ މިންވަރު ބޮޑުތަނުން ދަށަށް ގޮސް، ދިގު މުއްދަތުގައި ޤައުމުގެ އިޤްތިޞާދީ އަދި އާބާދީގެ ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެވެ. ސިޔާސީ މީހުންގެ ޓީވީ ބައިސްކޯފުން ފެންނަ "ތަރައްޤީއާއި" ރައްޔިތުންގެ އާންމު ދިރިއުޅުމުގެ "ޙަޤީޤަތާ" އުޑާއި ބިމާހާ ތަފާތެވެ.
އިބިރިހިން ފުތާގެ މާޒީ
މީގެ ގާތަގަނޑަކަށް ބައި ގަރުނު ކުރިން، ނަވާރަ ސަތޭކަ ހަތްދިހަ ދެވަނަ އަހަރު، ގދ. ނަޑެއްލާގައި އިބިރިހިންފުތާ ނަމަކަށް ކިޔާ މީހަކު ދެއްކި ބައިސްކޯފާއި މިހާރުގެ ސިޔާސީ ލީޑަރުން ދައްކާ ބައިސްކޯފާއި މާބޮޑު ތަފާތެއް ނެތެވެ. އިބިރިހިންފުތާ މީގެ 50 އަހަރު ކުރިން ބައިސްކޯފް ދެއްކިއިރު ނަޑެއްލާގެ އާބާދީއަކީ އެންމެ ދުއިސައްތައެވެ. ތަރައްޤީގެ އަސަރު އެއިރު ނަޑެއްލާއާ ހިސާބަށް އެއްގޮތަކަށްވެސް ފޯރާފައެއް ނުވެއެވެ. ރަށުގައި ލިބެންހުރީ އާދައިގެ ވަސީލަތްތަކެވެ. ދުނިޔެއަށް އަންނަމުންދިޔަ ބޮޑެތި ބަދަލުތަކާއި، ޓެކްނޮލޮޖީގެ ކުރިއެރުންތަކަކީ އެރަށުގެ އެކަކަށްވެސް އެއިރު އެނގިފައިވާ ކަންކަމެއް ނޫނެވެ.
ނަޑެއްލާގެ އާއިލާތަކުގެ ތެރެއިން ތަންކޮޅެއް ތަނަވަސް އާއިލާއެއްގެ މީހެއްކަމުގައިވާ އިބިރިހިން ފުތާ އެއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މައްކާއަށް ދިޔައެވެ. އިބިރިހިންފުތާ ހައްޖުން އެނބުރި އައީ ވަރަށް މޮޅު، އަދި އެރަށު މީހުން ދުވަހަކުވެސް ދެކެފައިނުވާފަދަ އަޖައިބުކުރުވަނިވި އެއްޗެއް ހިފައިގެންނެވެ. އެއީ ހައްޖަށް ގޮސް އިޙްރާމް ބަނދެގެން ތިބޭ މަންޒަރުތަކާއި، ގެފުޅާއި މައްކާގެ ތަފާތު މަންޒަރުތައް ދައްކައިދޭ ކުޑަ ފޮޓޯ ފޮއްޓެކެވެ. އެފޮއްޓަށް ކުދިކުދި ފޮޓޯ (ސްލައިޑް) ލައްވައި، އަލިއެޅުވުމަށްފަހު ލޮލުގައި ޖައްސައިގެން ބެލުމުން، ވަރަށް އަލިގަދަކޮށް އަދި ރީތިކޮށް މައްކާގެ މަންޒަރުތައް ފެންނަން ހުރެއެވެ. މިކަމަށް އިބިރިހިންފުތާ ދިން ނަމަކީ "ބައިސްކޯފް" ދެއްކުމެވެ. މިއީ އެރަށު މީހުންނަށް މުޅިން އާ، އަދި ހައިރާންކުރުވަނިވި ކަމަކަށް ވިއެވެ.
ނަމަވެސް މި ބައިސްކޯފު ބެލުމަކީ ހިލޭ ކުރެވޭ ކަމެއް ނޫނެވެ. ބައިސްކޯފް ޝޯއެއް ބެލެނީ ފަހަރަކު މީހަކަށެވެ. މީހަކު އެ ފޮށިން މަންޒަރުތައް ބަލާލަން ލިބޭ ދިގުމިނަކީ އެންމެ ހަތަރު ވަރަކަށް މިނިޓެވެ. ހަތަރު މިނިޓުގެ ޝޯއެއް ބެލުމުގެ އަގަކީ ތިން ކާއްޓެވެ! އެއިރުގެ ނިސްބަތުން ތިން ކާއްޓަކީ ކުޑަ އަގެއް ނޫނެވެ. އެއީ އާދައިގެ އާއިލާއަކަށް ބޮޑު އެއްޗެކެވެ.
އެ ކުޑަ ފޮޓޯ ފޮށި ހިފައިގެން އިބިރިހިންފުތާ އަތޮޅުގެ އެކި ރަށްރަށަށް ދަތުރުކުރަން ފެށިއެވެ. އޭނާ ރަށަކަށް ބަނދަރުކުރުމާއެކު، އެރަށެއްގެ އެންމެން ކަހަލަ ގޮތަކަށް އެ ފޮޓޯ ފޮށިން މަންޒަރު ބަލައިލުމުގެ ނަސީބު ހޯދުމަށް އެއްވެއެވެ. ބައެއް މީހުން އެއް ފަހަރު ބަލާފައި އެވަރުން ނުވެގެން، ގޭގައި ތިބި ދަރީންކޮޅު ގޮވައިގެން، ކާށި ގޯންޏެއް ކޮނޑަށް ލައިގެން ގޮސް، ދެވަނަ ފަހަރަށްވެސް ކިއޫގައި ޖެހިގެން ތިބެ ބަލައެވެ. އެންމެން ތިބެނީ އެ ކުޑަ ފޮށިން ފެންނަ މަންޒަރުތަކަށް ނިކަން އަޖައިބުވެފައެވެ. ކޮންމެ ދަތުރެއް ނިންމާލުމަށްފަހު ރަށަށް އެނބުރި އަންނައިރު އިބިރިހިންފުތާއަށް ހާހެއްހާ ކާށި ލިބި، އޭނާގެ ތަނަވަސްކަން އިތުރުވެގެން ދެއެވެ.
"ކޮއެފުޅާ، މިއީ ޖަބަލް އަރަފާތު، މިއީ ތިން ޖަމްރާ، މިހިރީ ހަޖަރުލް އަސްވަދު، މިއީ ހިރާ ފަރުބަދަ…،" އިބިރިހިންފުތާގެ ކޮމެންޓްރީ، މަންޒަރުތަކާއެކު ކުރިއަށް ދެއެވެ. އިބިރިހިންފުތާގެ މި ކޮމެންޓްރީއަކީ މުޅި ފޮޓޯޝޯގެ އެންމެ މުހިއްމު، އަދި މީހުން ހައްލާލާ އަސަރުގަދަ ބައެވެ. އޭނާގެ އަޑުއަހަމުން، އެ ކުޑަ ފޮށީގެ ތެރެއަށް ތޫނުކޮށް ބަލަން އެތައް ބަޔަކު ތިބެނީ އަންތަރީސްވެފައެވެ. މިއީ ސިކުނޑިއަށް ވިސްނައިގަންނަންވެސް ނުކުޅެދޭފަދަ ބޮޑު އަޖައިބެއްގެ ގޮތުގައެވެ.
އެއީ މީގެ ފަންސާހަކަށް އަހަރު ކުރީގެ ނަޑެއްލާއާއި ހުވަދޫ އަތޮޅުގެ ޙާލަތެވެ. ތަރައްޤީގެ ޒައްރެއްގެ މިންވަރުވެސް ނައިސް އޮތް ނިކަމެތި ޒަމާނެވެ. ތިން ކާށި ދީފައި ކުޑަ ފޮޓޯ ފޮށިން ބައިސްކޯފް ބެލި އާދައިގެ ޒަމާނެވެ. އެ ފޮޓޯތައް ފެނިފައި ހައިރާންވެ، ތަލިން ކުޅު ހިކުނު ސާދާ ދުވަސްވަރެވެ. އެއިރު އަރަށު މީހުންނާއި އަތޮޅު މީހުން ހީކުރީ އިބިރިހިންފުތާގެ އެ ކުޑަ ބައިސްކޯފަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޓެކްނޮލޮޖީ ކަމަށެވެ. ދުނިޔޭގެ އެންމެ މަތީ ތަރައްޤީއަކީ އެއީ ކަމަށެވެ. އެމީހުންގެ ނިކަމެތިކަމާއި، މައުލޫމާތު މަދުކަމުގެ ފައިދާ ނަގައިގެން އިބިރިހިންފުތާ އަމިއްލަ ޖީބު ފުރަމުން ދިޔައީއެވެ.
2028 އާ ކުރިމަތިލާއިރު ދިވެހިން އަދިވެސް ތިން ކާށި ދީގެން ތިބޭނީތޯ؟
މިހާރު މިއީ އޭގެ ފަންސާސް ހަތަރު އަހަރު ފަހެވެ. ކުރިއަށް އޮތް 2028 ވަނަ އަހަރުގެ އިންތިހާބާ ދިމާކޮށް ދިވެހި ސިޔާސީ މަސްރަޙަށް ބަލާލުމުން ފެންނަނީ ހަމަ އެ "އިބިރިހިންފުތާ" ތަކުގެ އާ ޖީލެކެވެ. ތަފާތަކީ، މިއަދުގެ ސިޔާސީ ލީޑަރުން ބޭނުންކުރަނީ ކުޑަ ފޮޓޯ ފޮއްޓެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހުން ދައްކަނީ ކުރެހުންތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ ގްރެފިކްސް އަދި ބިދޭސީ ކޮންސަލްޓަންޓުން ލައްވައި ކުރަހައިދޭ ކުލަގަދަ މާސްޓަރ ޕްލޭންތަކުގެ އާޒަމާނުގެ ބައިސްކޯފެވެ.
"ކޮއެފުޅާ… މިއޮތީ ކަނޑުއަޑީގެ ބިއްލޫރި ޓަނަލް، މިއީ ރަސްމާލޭގެ ސްމާރޓް ސިޓީ، މިއޮތީ އައްޑޫގެ ބޮޑު ބްރިޖް، މިއޮތީ ތިނަދޫގައި އަޅާ އެއާރޕޯރޓް. އިންގިލާބީ ތަރައްޤީ!"
އަޅުގަނޑުމެންގެ ވިސްނުން 2026 ގެ ދުނިޔެއާ ފައިހަމަކުރަން އެބަޖެހެއެވެ. ސިޔާސީ މީހުން ޕޯޑިއަމްތަކުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ހުވަފެންތަކުން ފުއްދާލައިގެން ތިބެވޭކަށް ނެތެވެ. ސިންގަޕޫރާއި ދުބާއި ފަދަ ތަންތަން ތަރައްޤީވީ ހަމައެކަނި ބިން ހިއްކައިގެންނާއި، ޙަޤީޤަތެއް ނެތް ޚިޔާލީ ވާހަކަތައް ދައްކައިގެންނެއް ނޫނެވެ. އެޤައުމުތައް ތަރައްޤީވީ ދެމެހެއްޓެނިވި އިޤްތިޞާދީ ޕްލޭންތަކާއި، ކޮރަޕްޝަން ނައްތާލުމާއި، ޤާނޫނުގެ ހުކޫމަތް ނެގެހެއްޓުމާއި، އަދި އިންސާނީ ވަސީލަތްތައް ޙަޤީޤީ ގޮތެއްގައި ތަރައްޤީކޮށްގެންނެވެ.
ސުވާލަކީ، ދިވެހި ރައްޔިތުން މިއަދުވެސް ބޭނުންވަނީ 2026 ގެ "ނަޑެއްލާ އިބިރިހިންފުތާ" ތަކެއްގެ ފަހަތުން ގޮސް، ވޯޓު ދީގެން އަނެއްކާވެސް ޙަޤީޤަތެއް ނެތް ހުވަފެންތަކެއް ބަލަން ތިބެން ތޯއެވެ؟ ނުވަތަ ޤައުމު ދަރަނިން ސަލާމަތްކޮށް، ޙަޤީޤީ ތަރައްޤީގެ މަގަށް ޤައުމު ގެންގޮސްދޭނެ ސާފު، ޢިލްމީ އަދި އިޚްލާޞްތެރި ލީޑަރޝިޕެއް ތޯއެވެ؟
އިބިރިހިންފުތާގެ ބައިސްކޯފުން ފުއްދާލި އާދައިގެ ޒަމާން މާޒީވެއްޖެއެވެ. 2028 ގައި ދިވެހިން އެދެނީ ޙަޤީޤަތެއް ނެތް ހުވަފެނީ ކުރެހުންތަކެއް ނޫނެވެ. ދިވެހިން އެދެނީ ދެމެހެއްޓެނިވި، ޙަޤީޤީ ނަތީޖާއެވެ.