އައްޑުއަތޮޅު މީދޫގައި އިހުޒަމާނުގައި މަޝްހޫރު ޝަހުސިއްޔަތެއް އުޅުއްވިއެވެ. ނަމަކީ ފެންނާ މަނިކުފާނެވެ. ބުނެވޭ ގޮތުގައި ފެންނާ މަނިކުފާނަށް އެނަން ދެއްވީ ރައީސް މުހައްމަދު އަމީނެވެ. އެއް ފަހަރެއްގައި ފެންނާ މަނިކުފާނު މާލެއަށް ވަޑައިގެން އުޅުއްވަނިކޮށް އާލާސްކަންފުޅަކާ ޖެހިވަޑައިގަތެވެ. ހާލުކޮޅު ދެކިލުމަށް އައި މީހުން ކައިރީ ފެންނާ މަނިކުފާނު ސަމާސާ ގޮތަކަށް ވިދާޅުވި ކަމަށް ވެއެވެ:
"އަހަރެން މި ބަލީގައި މަރުވިޔަސް މި މާލޭގައި ވަޅުނުލައްޗެވެ."
އެއީ ކީއްވެތޯ ސުވާލު ދެންނެވުމުން ފެންނާ މަނިކުފާނު ވިދާޅުވިއެވެ:
"މިތާ ވަޅުލައިފި ނަމަ އެއޮތް ހާލުގައިވެސް ނޯވެވޭނެއެވެ."
އެއީ އަދި މާލެ ފުރި ބާރުވެގެން ސަހަރާތަކުގައި މަތިމައްޗަށް މީހުން ވަޅުލާން ފެށުމުގެވެސް މާ ކުރިއެވެ. މާލޭގެ އާބާދީ އެއިރު ވަރަށް ކުޑައެވެ. ނަމަވެސް ދުރުވިސްނޭ މީހުންނަށް މާލޭގެ ތަރައްޤީގެ މިސްރާބު ހުރިގޮތް އެއިރުވެސް އެނގެނީތާއެވެ. ފެންނާ މަނިކުފާނު ބޭނުންފުޅުވީ އަވަހާރަވިޔަސް މާލޭގެ ފަސްގަނޑުގައި ނުވުމަށެވެ. މިއަދު މާލެ ތޮއްޖެހި، ބްރިޖްތަކުން މާލެއާއި އެހެން ރަށްރަށާ ގުޅާލެވި، އަދިވެސް އިތުރު ރަށްރަށާ ގުޅާލެވެމުންދާއިރު، މާލޭގެ ހާލަތު މިއޮތީ ހަމަ ރަނގަޅަށްވެސް "ޓައިމް ބޮމެއް"ގެ މިސާލުގައެވެ. އާބާދީއާ އެއްވަރަށް އުޅަނދުފަހަރު މާލޭ މަގުމަތީގައި ގިނަވެ، ހަނި ގޯޅިތައް ބިދޭސީންގެ ވަގު ވިޔަފާރިތަކުން ހިނިދަރުގަނޑު ތަކަކަށް ވަނީ ވެފައެވެ.
މީގެ މަދު އަހަރުތަކެއް ކުރިން، މާލޭގައި މީން ޒަމާނަކުވެސް ނުހިނގާ ވަރުގެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. ތިމާވެއްޓަށް ގެއްލުންދޭ ކެމިކަލްތަކެއް ހުރި ގުދަނެއްގައި ރޯވެ، ޖެހިގެން ހުރި ގެތަކުގައި ހުޅުހިފައި، އަންހެނަކު މަރުވި މި ހާދިސާއަކީ ތޮއްޖެހެމުންދާ މާލޭގައި އެޅި ނުރައްކަލުގެ ބޮޑު ރަނގަބީލެކެވެ. ނަމަވެސް ހިތާމައަކީ މިފަދަ ކޮންމެ ކަމެއްގައި ސަރުކާރުތަކުން "ހޭއަރަނީ" ފުރާނަތަކެއް ގެއްލި، މިކަހަލަ ރަނގަބީލުތަކެއް އެޅުމުން ކަމަށްވާތީއެވެ.
ފަސޭހައިން އަލިފާން ހިފާ ވައްތަރުގެ ކެމިކަލް ލާފައި ހުރި ހަތަރު ގުދަނެއް ހ. ފެހިއާބާދުގޭގައި ހުއްޓެވެ. އެ ހާދިސާ ހިނގުމުގެ ކުރިންވެސް އާންމުންގެ މީހަކު ވަނީ އެ ގުދަންތަކުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމަށް ބުނެ އިންޒާރުދީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް އެ އިންޒާރުތަކަށް ފުލުހުން ސަމާލުކަމެއް ނުދޭ ކަމަށް އޭނާ ވަނީ އޮންލައިން މީޑިއާއަކަށް މައުލޫމާތު ދީފައެވެ. ފުލުހުން އޭނާއަށް ޖަވާބު ދިން ކަމަށް ވަނީ އެ ގުދަނުގައި ކެމިކަލް ގުދަންކޮށްފައި ވަނީ އިދާރާތަކުން ހުއްދަ ނަގައިގެން ކަމަށްވާތީ އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ. ގަސްކާނާ ގުދަން ކޮށްފައި ހުރި ގުދަނެއްގައި ރޯވެ މާލޭގައި މިއަހަރު ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގިއެވެ. މިފަހަކަސް އައިސް، 25 ބުރީގެ އުސް ހިޔާ ފްލެޓް ބަރީގެ ފލެޓްތަކުގައި އަލިފާނުގެ ހާދިސާ ހިނގުންވެސް ވަނީ އާއްމު ކަމަކަށް ވެފައެވެ.
ކަނޑު ދަތުރު ކުރާއިރު ލައިފް ޖެކެޓް އަޅަންޖެހޭކަން އެނގެނީ ހދ. ނޮޅިވަރަންފަރުގެ އާއިލާއެއް ހިމެނޭ ލޯންޗެއް ހަނިމާދޫ ކައިރިއަށް ބަންޑުން ޖަހާލައި މުޅި އާއިލާ އެއްކޮށް ކަހަލަ ގޮތަކަށް މަރުވުމުންނެވެ! މީހުން އުޅޭ ސަރަހައްދުތަކުގައި ކެމިކަލް ގުދަން ހުރުމަކީ ބޮޑު ނުރައްކަލެއްކަން އެނގެނީ މާލޭގެ ތާރީހުގައި އަލިފާނުގެ އެއް ހާދިސާއިން އެންމެ ބޮޑު ގެއްލުން ލިބުނު ހާދިސާ ހިނގުމުންނެވެ. ހެލްމެޓް އަޅަން ޖެހޭކަން އެނގެނީ އެތައް އެކްސިޑެންޓެއް ހިނގާ އެތައް ބަޔަކު މަރުވުމުންނެވެ. މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި އުސް އިމާރާތްތައް ކުރަމުންދާއިރު ސަލާމަތީ ފިޔަވަޅުތަކުގެ ފެންވަރު ދަށްކަމާއި ފަރުވާކުޑަކަން އެނގެނީ ތުއްތު ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މަރުވުމުންނެވެ.
މިފަދަ ހާދިސާތައް ހިނގާ ދުވަސްކޮޅު އެފަދަ ކަންކަން ހުއްޓުވުމަށް ކަމަށް ބުނެ ގަވާއިދުތައް ހަދައިގެން އެތައް ބަޔަކު ވާހަކަ ދެއްކިޔަސް، ދުވަސްކޮޅަކުން ކަމުގެ މަތިން ހަނދާންނެތި، ހަގީގީ ހައްލު އައުން ލަސްވާތަން ފެނެއެވެ. ހަދަމުންދާ އިމާރާތްތަކުން އަދިވެސް ހޮޅިހޮޅިއާއި އޭތިމީތި ވެއްޓި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބެމުންދެއެވެ. މައްސަލަތައް ހައްލުވާތަނެއް ނުފެނެއެވެ. ވާރޭފޮދެއް ވެހިލާއިރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށްވެސް ހައްލެއް ނުހޯދުނެވެ.
އެކި ނަންނަމުގައި ޓާސްކް ފޯސް ހެދުމުގެ ބަދަލުގައި ވަގުތުން ވަގުތަށް ގަވާއިދާއި ގާނޫނު ބަދަލުކުރަންވީއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ މަގެއްގައި ދުއްވިޔަސް، ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން ގާނޫނުން މަޖުބޫރުކުރަންވީއެވެ. އެއިރުން ފިނިބުރު ޖަހަން ބޭކާރު ގޮތުގައި ސައިކަލް ދުއްވުން ވެސް ހުއްޓިދާނެއެވެ. މަގުތަކަށް ލުއިކަން ލިބޭނެއެވެ. ހަދަމުންދާ އިމާރާތްތަކުގެ ފުރަތަމަ ބުރީގެ ދަށުން ވަގުތީ ވަރުގަދަ ފެނަލްތަކެއް ހަރުކުރުން ލާޒިމްކުރަންވީއެވެ. އެފަދަ ފެނަލްއެއް ހުރުމުން މަތިން ވެއްޓޭ އެއްޗެއް ބިމުގައި ޖެހުމުގެ ކުރިން އޭގެ އިމްޕެކްޓް ކުޑަވެ، ގެއްލުން ލިބުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ. މާލެއަށް ވާރޭފޮދެއް ވެހިލާއިރަށް ފެންބޮޑުނުވާނެ ގޮތަކަށް ޕަންޕް ސިސްޓަމް އަޕްގްރޭޑްކޮށް އެކަމަށް ދާއިމީ ހައްލެއް ހޯދަންވީއެވެ. ކާރިސާއެއް ނުހިނގަނީސް، ކާރިސާއެއް ހިނގައިފާނެ ފަދަ ދޮރުތައް ބަންދުކުރަންވީއެވެ.
މިފަދަ އެހެން މިސާލެކެވެ. ބްރިޖަކުން މާލެއާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ސަރުކާރުން ނިންމާފައިވާއިރު، މާލޭގެ ހާލަތަށް ވިސްނާލީ ކާކު ބާވައެވެ؟ މާލޭގެ ގިނަ މަގުތައް އެހާ ހަންޏެވެ. ހަނި މަގުތައް ސައިކަލްތަކުން ތޮއްޖެހި، ސަލާމަތީ ވެހިކަލްތަކަށް ނުވަދެވޭ ވަރަށް ވަނީ ބެދިފައެވެ. އިމާރާތްތައް އުސްވަމުން ގޮސް 15 ބުރީގެ އިމާރާތް އާންމުވެ، 25 ބުރީގެ އިމާރާތްވެސް މާލޭގައި އަޅަން ފަށައިފިއެވެ. އުސް އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، ހޮޅި ގުޅައިގެން މޫދުން ފެން ގެނެވޭއިރު ވާނެ އެއްޗެއް އޮންނާނީ ވެނިމިފައެވެ. ހަނި މަގެއްގައި ހުންނަ އުސް އިމާރާތެއްގައި ރޯވެއްޖެނަމަ، ހަނިމަގުގެ އަނެއް ފަރާތުގައި ހުރި އިމާރާތުގައި ފަސޭހައިން ރޯވެއެވެ.
މިސާލަކަށް އޭޑީކޭ ހޮސްޕިޓަލްގެ އުތުރު ފަރާތުން އޮތް މަގުގެ އުސް އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އޭޑީކޭގެ އިމާރާތެއްގައި ރޯވެ، މުޅި ހޮސްޕިޓަލަށް ގެއްލުންތަކެއް ލިބިއްޖެނަމަ، އެކަން ވެގެންދާނީ މުޅި ގައުމަށްވެސް ފޫނުބެދޭ ވަރުގެ ބޮޑު ކާރިސާއަކަށެވެ. މިފަދަ ކަންކަން ހުއްޓުވޭނީ މާލޭގައި އިމާރާތް ކުރުމުގެ އުސްމިން 10 ބުރިއަށް ލިމިޓްކޮށް، ބްރިޖްތަކުން އިތުރަށް ގުޅާނުލައި، ގްރޭޓަރ މާލޭގެ ސަރަހައްދު އިތުރަށް ބޮޑުނުކޮށް، މާލެއަށް ލުޔެއް ދީގެންނެވެ.
މާލެ އިތުރަށް ތަރައްގީ ކުރަން ޖެހެނީ މިފަދަ ވިސްނުމެއްގައެވެ. ފަންސަވީސް ބުރީގެ އިމާރާތްތަކުން މާލެ ފުރާލައި، ބްރިޖްތަކުން އިތުރަށް ގުޅާލައި، ގްރޭޓަރ މާލޭގެ އާބާދީ ބިދޭސީން ހިމަނައިގެން ހަލައްކައަށް އެރުމުން، ދެން މާލެ ހޯދައެއް ނުފެންނާނެއެވެ. އެއިރު "ޓައިމް ބޮމް" އޮންނާނީ ގޮވަން ކައިރިވެފައެވެ. އެފަދަ ހާލަތަކަށް ނުދަނީސް ހޭއަރައި ވިސްނަން ވެއްޖެއެވެ. ވެރިންނާއި ސަރުކާރެއް ހޮވަނީ ތަންތަނުގައި އަލިފާްނ ހިފުމުން ހާލުގައި ޖެހޭ މީހުން ސްކޫލްތަކުގެ ހޯލްތަކަށް ލާކަށް ނޫނެވެ. އަލިފާން ރޯނުވަނީސް، ރޯވުމަށް މެދުވެރިވެދާނެހެން ހީވާ ކަންކަން ހުއްޓުވުމަށެވެ. ދުރުވިސްނުމަށެވެ.
މާލެ، ވިލިމާލެ، ގުޅީފަޅު، އަދި ތިލަފުށި ބްރިޖުތަކަކުން ގުޅާލުމުން މާލޭގެ ތޮއްޖެހުން އިތުރަށް ގޯސްވެ، މާލެ ވެގެންދާނީ ގޮވަން ތައްޔާރުވެފައި އޮތް "ޓައިމް ބޮމަކަށެވެ". މާލެ ތޮއްޖެއްސުމުގެ 50 އަހަރުވީ ސިޔާސަތު ފެއިލްވެއްޖެއެވެ. ޤައުމަށް މިހާރު ކުރިމަތި ވެފައިވާ އިގްތިސޯދީ ދަތިކަމުން އަރައިގަތުމަށްޓަކައި އިތުރަށް ލޯނު ނެގުން މަޑުޖައްސާލައި، ދަރަންޏާއި ހަރަދުތައް ކުޑަކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ދިވެހި ސަރުކާރަށް ގޮވާލާފައިވާ މި ދަނޑިވަޅުގައިވެސް، ސަރުކާރުން މި ބަލަނީ އެތައް ބިލިއަން ރުފިޔާއެއްގެ ލޯނު ނަގައިގެން ސްޓޭޑިއަމް ތަކާއި ކުޅިވަރު ކޮމްޕްލެކްސް ތައް އަޅައި ބްރިޖުތައް އެޅޭތޯއެވެ. ގްރޭޓަރ މާލޭގެ ސަރަހައްދު އިތުރަށް ތޮއްޖައްސައި، ރާއްޖެތެރެ ބިކަކޮށް، ގައުމު ދަރަނީގެ ދަންތުރައަކަށް ފެއްތުމަށެވެ.
ފެންނާ މަނިކުފާނު ދުނިޔޭގައި މިހާރު ހުންނެވިނަމަ ވިދާޅުވާނީ މިފަދައިން ކަމަށް ވެދާނެއެވެ: "އިންޑިއާއިން ތިއޮއް ހަދާ ބްރިޖަށް އަރަން މަށަށް ހަމަ ލާހިކެއް ނޫން! ބްރިޖް ބިންދައިގެން ގޮސް މީހުންތައް ކަނޑަށް އެޅޭނީ ކޮން ދުވަހަކުން ކަމެއް ނޭގޭ!"
ބިދޭސީން ހިމެނޭގޮތަށް ހަތް ލައްކަ މީހުން ގްރޭޓަރ މާލޭ ސަރަހައްދަށް ޖަމާކުރުމަކީ އިގްތިސޯދީ އަދި އިޖްތިމާއީ ބޮޑު ޖަރީމާއެކެވެ. އެފަދަ ހާލަތަކަށް މާލެ ދިއުމުގެ ކުރިން، ކުރިއަށް ރާވާފައި ހުރި ނަމަ ހުރި ބްރިޖްތަކުގެ މަޝްރޫއުތައް ހުއްޓާލައި، ބިން ހިއްކުން ހުއްޓާލައި، ރާއްޖޭގެ އުތުރާއި ދެކުނުގައި މާލެ ފެންވަރުގެ ދެ ސިޓީ ތަރައްޤީކޮށް، ދަރަނީގެ ދަންތުރައިގައި ގައުމު އިތުރަށް ނުޖައްސައި، މާލެއަށް ހަމަޖެހިލައިގެން ނޭވާލައިގެން އޮވެވޭނެ ފަދަ ސަލާމަތްތެރި މާހައުލެއް ގާއިމްކޮށް ދިނުމަކީ ސަރުކާރުން ދުރުވިސްނައިގެން ކުރަންޖެހިފައިވާ ކަމެކެވެ.