އިޤްތިސާދު

ދޭތެރެ ކައިރި ކުރުން: އާބާދީ އިތުރު ކުރުން ނޫން ގޮތެއް ނެތް!

މި ރަންގަނޑެއް ފަދަ ޤައުމަކީ އިންޑިއާ ނުވަތަ އެހެންވެސް ޤައުމުތައް ކުރެން ސަލާން ޖަހައިގެން، ނިކަމެތި ވެގެން އޮންނަން ޖެހޭ ވަރުގެ "ކުޑަ" ޤައުމެއް ނޫނެވެ. މިއީ، ވަސީލަތް ގިނަ، މުއްސަނދި، ބިޔަ، ބޮޑު ޤައުމެކެވެ. ބޭނުންވަނީ ވިސްނުން ތޫނު، އިހްލާސްތެރި، ވިޝަނަރީ ލީޑަޝިޕަކުން މިޤައުމުގެ މުސްތަޤްބަލް މުޅީން އެހެން ދިމާލަކަށް ބަދަލުކޮށްލުމެވެ.

ދޭތެރެ ކައިރި ކުރުން: އާބާދީ އިތުރު ކުރުން ނޫން ގޮތެއް ނެތް!

ވަރަށް ހައިރާން ކުރުވަނިވި ތަފާސްހިސާބެއް ފާހަގަ ކޮށްލާނަމެވެ. މަޝްހޫރު ދުބާއީގެ އާބާދީއަކީ ގާތްގަނޑަކަށް ފަސް މިލިއަނެވެ. އޭގެ ތެރެއިން 90 އިންސައްތަ، ނުވަތަ 4.5 މިލިއަން މީހުންނަކީ ދުބާއީގައި މަސައްކަތް ކުރާ ބޭރު ޤައުމުތަކުގެ މީހުންނެވެ. މި 4.5 މިލިއަން ބޭރު މީހުންގެ ތެރޭގައި 1.75 މިލިއަން އިންޑިއާ މީހުން ހިމެނެއެވެ. ދުބާއީގެ ކޮންމެ ރައްޔިތަކަށް ނުވަ ބިދޭސީން އެ ޤައުމުގައި އުޅެއެވެ.

ބިދޭސީންގެ ޤައުމަކަށް ރާއްޖެ ވަނީ؟

އިޝްތިހާރު

ދުބާއީގެ އާބާދީގެ ފަސް މިލިއަންގެ ތެރެއިން އެ ޤައުމުގެ އަސްލު ރައްޔިތުންގެ އަދަދަކީ އެންމެ ފަސް ވަރަކަށް ލައްކަ އެވެ. ގާތްގަނޑަކަށް ދިވެހި ރާއްޖޭގެ މުޅި އާބާދީ އެވެ. ސުވާލަކީ، އަޅުގަނޑުމެންގެ އިގްތިސޯދީ އަދި އާބާދީގެ ސިޔާސަތުތައް މިދާ މިސްރާބުން ގޮސް، ރާއްޖެވެސް ދުބާއީ ފަދައިން އަމިއްލަ ރައްޔިތުން މަދުވެ، މުޅި ޤައުމު ބިދޭސީންގެ މައްޗަށް ބަރޯސާވާ ތަނަކަށް ވާން ދޫކޮށްލާނީތޯއެވެ؟

ދުރުކުރީ ކޮން ދޭތެރެއެއް؟

މައުމޫން އަބްދުލް ޤައްޔޫމް 1978 ވަނަ އަހަރު ދިވެހި ރާއްޖޭގެ ވެރިކަމަށް ވަޑައިގަތް އިރު ރާއްޖޭގެ އާބާދީ އަކީ ގާތްގަނޑަކަށް 180،000 އެވެ. އެއިރު ރާއްޖޭގެ އާބާދީގައި އުމުރުން 65 އަހަރުން މަތީގެ ނިސްބަތަކީ އެންމެ ދެ ޕަސެންޓެވެ. އެއީ އުމުރުން ދުވަސްވީ އެންމެ 3،500 ވަރަކަށް މީހުންނެވެ. ނަމަވެސް ރައީސް މައުމޫނު ވެރިކަމަށް ވަޑައިގެން "ދޭތެރެ ދުރުކުރުމުގެ" ނަމުގައި ޕްރޮގްރާމެއް ފައްޓަވައި، އެންމެ މަދުން އާބާދީ އިތުރުވާ ރަށްރަށަށް އެވޯޑާއި އިނާމު ދެއްވައި، މަދުން ކުދިން ހޯދަން ހިއްވަރު ދެއްވިއެވެ. އަމިއްލަ ވެރިކަމުގެ ބާރު ދެމެހެއްޓުމުގެ ނިޔަތުގައި ނުވަތަ ބޭރުގެ ފިއްތުންތަކަށް ތަބާވެގެން، އުނގޫފާރާއި ގާދޫ ފަދަ ރަށްރަށަށް "ދޭތެރެ ދުރުކުރުމުގެ" ރަން ތަށި ދިނުމަކީ ޤައުމީ ފަޚުރަކަށް ހެއްދެވިއެވެ. އުއްމަތުގެ އާބާދީ އިތުރުކުރުމަށް ކީރިތި ރަސޫލާ ކުރައްވާފައިވާ އިރުޝާދާ މުޅިން ޚިލާފަށް، އުއްމަތުގެ އާބާދީ ކުޑަކުރި ވެރިއެއްގެ ގޮތުގައި މައުމޫން ތާރީޚުގެ ތެރެއަށް ވަދެގެންދިޔައެވެ.

ރާއްޖެ މަޑުމަޑުން "މުސްކުޅި" ވުން

އުއްމަތުގެ އާބާދީ ކޮންޓްރޯލް ކުރާ ޖަމިއްޔާ ޔޫ.އެން.އެފް.ޕީ.އޭ އިން ފަންޑު ހޯދައިގެން ރައީސް މައުމޫން ހިންގެވި އާބާދީ ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްގެ ނަތީޖާއަކަށްވީ، މައިގަނޑު ގޮތެއްގައި ޒުވާން އާބާދީއެއް އޮތް ދިވެހި ރާއްޖެ މަޑުމަޑުން "މުސްކުޅި"ވާން ފެށުމެވެ. އެއިރު ދެ ޕަސެންޓުގައި އޮތް ދުވަސްވީ އާބާދީ މިހާރު ފަސް ޕަސެންޓަށް ވުރެ މައްޗަށް އަރައިފިއެވެ.

ރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް ގިނަވާން ފެށުމުގެ އިތުރުން، އާބާދީ އިތުރުވާ ނިސްބަތް

ވެސް ވަނީ ކަންބޮޑުވާ މިންވަރަށް ދަށްވާން ފަށައިފައެވެ.

ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތް ދަނީ އަހަރުން އަހަރަށް މަދުވަމުން

1978 ގެ ކުރިން އާއިލާއަކަށް ފަހެއް ނުވަތަ ހަތް ކުދިން ހޯދަމުން އައިއިރު، މިހާރު އެވްރެޖްކޮށް ދެމަފިރިއަކު ހޯދަނީ 1.7 ކުދީންނެވެ. އެއީ އާބާދީ އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ 2.1 ގެ ރޭޓަށް ވުރެ މާ ދަށް އަދަދެކެވެ. ފަހުގެ ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތަކީ އަހަރަކު ސަތޭކައަކުން 1.5 އެވެ. އެއީ އަހަރަކު އަލަށް ވިހާ ހަހާސް ވަރަކަށް ކުދީންނެވެ. ޒަމާނީ ތަރައްޤީގެ ސަބަބުންނާއި، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ވަޒީފާ އަދާކުރާ އަންހެނުން ގިނަވުމުގެ ސަބަބުން ކުދިން ހޯދާ ނިސްބަތް މަދުވެ، ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތް ދަނީ އަހަރުން އަހަރަށް މަދުވަމުންނެވެ. ރާއްޖޭގެ އާބާދީ މިދަނީ މަޑުމަޑުން މުސްކުޅިވެ، އުފެއްދުންތެރި ޒުވާނުން މަދުވަމުންނެވެ.

ރަށްރަށުގައި އުޅޭނެ ދިވެހީން ބާކީ ތިބޭނެބާ؟

މިހާ ހިސާބުން އުފެދޭ ސުވާލަކީ، މިހާރު އިއުލާންކޮށް ބިން ހިއްކަމުންދާ ރަސްމާލެއިން ދޫކުރާ 15،000 ގޯއްޗާއި، ރަސްމާލޭގައި އަޅާނެ އެތައް ހާސް އެޕާޓްމެންޓާއި، ގުޅީފަޅަށް ބަދަލުވާނެ އާބާދީ އާއި، ތިލަފަޅާއި، އުތުރު ތިލަފާޅާއި، ހުޅުމާލޭގެ އެކި ފޭސްތަކުގައި އަޅާނެ ހައުސިން ޔުނިޓްތަކަށް މީހުން ބަދަލުވެ ނިމޭ އިރު ރާއްޖެތެރޭގެ ރަށްރަށުގައި އުޅޭނެ ދިވެހީން ބާކީ ތިބޭނެތޯއެވެ؟ ނުވަތަ މާލޭ ސަރަހައްދަށް އެންމެން ޖަމާވުމުން ރާއްޖެތެރޭގެ ރަށްތައް މުޅިން ފަޅުވެގެން ދާނީ ތޯއެވެ؟ މިހެން ވެއްޖެ ނަމަ އަލަށް ހިއްކޭ ބިންތަކާއި، އަލަށް އުފައްދަން އާ ޤާނޫނަކުން ހުއްދަދީފައިވާ "އިންވެސްޓަރ ޓައުންޝިޕް" ތަކުގައި އުފެދޭ ވަޒީފާތަކަށް ދާނެ ދިވެހީންނެއް ނުތިބޭނެއެވެ. މުޅިންވެސް ގެންނަން ޖެހޭނީ ބިދޭސީންނެވެ. ދޭތެރެ ދުރުކުރުމުގެ ނަމުގައި 30 އަހަރުވަންދެން ރައީސް މައުމޫން ކުރެއްވި ކަމަކީ ފިރުއައުނު ބަނީ އިސްރާއީލުގެ ފިރިހެން ކުދީން މެރި ގޮތަށް، މައުމޫނުގެ ވެރިކަމަށް ނުރައްކާ ވެދާނެ ވަރުގެ ބޮޑު އާބާދީއެއް އުފެއްދިޔަނުދީ އާބާދީ ގުރުޑުކުރެއްވީ އެވެ. އެހެން ނޫންނަމަ މައުމޫނުގެ އިސްތަށިފުޅަށް ޗިޕު ޖަހައިގެން ޔޫ.އެން.އެފް.ޕީ.އޭ އިން ގަސްތުގައި ރާއްޖޭގެ އާބާދީ އިތުރުވިޔަނުދީ ހިފެހެއްޓީއެވެ.

އާބާދީ އިތުރު ނުވެއްޖެ ނަމަ، ތަރައްޤީއާ އެކު އުފެދޭ ގިނަ ވަޒީފާތައް އަދާކުރާނެ ދިވެހީންނެއް ނުތިބޭނެ އެވެ. އާބާދީ އިތުރު ކުރުމާ އެކު ވޮކޭޝަނަލް އަދި ޓެކްނިކަލް ތައުލީމް އިންތިހާއަށް އިތުރު ކުރަން ޖެހެއެވެ. ބޮޑު އިގްތިސޯދަކަށް ރާއްޖެ ބަދަލުކޮށް، ދުބާއި އާއި ސިންގަޕުރު ފަދަ ޤައުމުތަކާ ފައިހަމަ ކުރެވޭނީ ދިވެހީންގެ އާބާދީ އިތުރުކޮށް، ޤައުމުގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވައްދައި، ހުނަރުވެރި ދިވެހީން ތައްޔާރުކޮށްގެންނެވެ.

ދިވެހި ފަންނީ މީހުން އުފެއްދުން:

ދިވެހީންގެ ތެރެއިން ރާނާ މީހުން، ޓައިލްސް ޖަހާ މީހުން، ވަޑިން، ފުރާޅު ހިޔާކުރާ މީހުން، ދަވާދާއި ކުލަ ލާ މީހުން، ކޮންކްރީޓް މަސައްކަތް ކުރާ މީހުން، އެލްމިނިއަމް އާއި ދަގަނޑުގެ މަސަކަތްތެރީން، ބަރު ވެހިކަލް އޮޕްރޭޓް ކުރާ މީހުން، ސާވޭކުރާ ޓެކްނީޝަނުން، ސިވިލް އިންޖިނިއަރުން، އާކިޓެކްޓުން، ވެލްޑަރުން، ލޮކްސްމިތުން، ކާރު މެކޭނިކުން، ސައިކަލް މެކޭނިކުން، އިންޖީނު މެކޭނިކުން، މެރިން އިންޖީނު ޓެކްނީޝަނުން، އިންޑަސްޓްރިއަލް ޓެކްނީޝަނުން، ސޯލަރ އިންސްޓޯލް ކުރާ މެކޭނިކުން، ޓެލެކޮމް ޓެކްނީޝަނުން، ފައިބަރ އޮޕްޓިކް ޓެކްނީޝަނުން، ސެކުރިޓީ ކެމެރާ އަދި އެލާރމް ޓެކްނީޝަނުން، އިންޖީނުގެތައް ހިންގާނެ އިންޖިނިއަރުން، އިލެކްޓްރޯނިކް ޓެކްނީޝަނުން، އެއާރކޯން އަދި ރެފްރިޖަރޭޝަން މެކޭނިކުން، ޕްލަމަރުން، އިންޑަސްޓްރިއަލް ފެންވަރުގެ ފެންހޮޅި އަޅާމީހުން، ހައިވޭ ހަދާ މީހުން ފަދަ އެތައް ދާއިރާއަކުން ދިވެހީން އުފައްދަންޖެހެއެވެ.

އަދި އެއަށްވުރެ ވެސް ފުޅާކޮށް ބަލާނަމަ، އެއާރޕޯރޓް ބިނާ ކުރާ މީހުން، ގޭސް ޓެކްނީޝަނުން، ބްރިޖްއަޅާ އިންޖިނިއަރުންނާއި ޓެކްނީޝަނުން، ފެން އުފައްދާ ކާރުހާނާ ތަކާއި ނަޖިސް ފިލްޓަރ ކުރާ ތަންތަން މެނޭޖް ކުރާނެ ޓެކްނިކަލް މީހުން، ސްވިމިންގް ޕޫލް ޓެކްނީޝަނުން، ފަރުނީޗަރ އުފައްދާ މީހުން، ސޯފާގެ ގޮދަޑި ހަދައި ސޯފާ އުފައްދާ މީހުން، ފަހާ މީހުން، ކައްކާ މީހުން، ބޭކަރީ ޝެފުން، ގަހަނާ އަދި ސަގާފީ ތަކެތި އުފައްދާ މީހުން، ޗާޕުހާނާތަކުގެ ޓެކްނިކަލް މީހުން، ދަނޑުވެރީން، ދަނޑުތައް ބަލަހައްޓާ ޓެކްނިކަލް މީހުން، ޒަމާނީ މަސްވެރިން، ލޭންޑްސްކޭޕް ކުރާ މީހުން، ކަނޑު ބޯޓުފަހަރުގެ ކެޕްޓަނުން، ކްރޫއިން، ޑައިވަރުން، ޕައިލެޓުން، މެރިން ސާވެޔަރުން، މަސްވެރިކަމުގެ ކާރުހާނާ ހިންގާނެ ޓެކްނިކަލް މީހުން، ޓެކްސީ ޑްރައިވަރުން، ހެވީ ވެހިކަލް ދުއްވާ މީހުން، ލިފްޓް އިންޖިނިއަރުން، ޕެސްޓް ކޮންޓްރޯލް ކުރާ މީހުން، ފޮޓޯގްރާފަރުން، މުނިފޫހި ފިލުވާނެ މީހުން، ބޯކޮށާ ސެލޫން ހިންގާނެ މީހުން، ބިއުޓީޝަނުން، ރޮބޮޓިކްސް ޓެކްނީޝަނުން، އައިޓީ ޓެކްނީޝަނުން، ޑޭޓާ ސެންޓަރ ޓެކްނީޝަނުން، ޑްރޯން އޮޕަރޭޓަރުން، ލެބް ޓެކްނީޝަނުން، ޕާމަސިސްޓުން، ޑޮކްޓަރުން، ނަރުހުން، ޓީޗަރުން، ނެޓްވޯކް އަޅާ މީހުން، ބޮއިލަރ ޓެކްނީޝަނުން، އަދި މިނޫންވެސް މިފަދަ އެތައް ދާއިރާއެއްގެ މަސައްކަތްތެރީންގެ ގޮތުގައި ދިވެހީން ތަމްރީނު ކުރަން 10 އަހަރު ދުވަހުގެ މާސްޓަރ ޕްލޭނެއް ހަދައި، ކުރު މުއްދަތެއްގެ ތެރޭ ވަރުގަދަ ވޯކް ފޯސް އެއް އުފައްދަން ޖެހެއެވެ.

އަލަށް ކައިވެނި ކޮށް މަދުވެގެން ހަތަރު ދަރީން ހޯދުމުން އެލަވެންސާއި އެޕާރޓްމެންޓު ދިނުން

ގުރުޑުކުރެވި، ގުރުޑުވަމުންދާ އާބާދީ އާރޯކޮށް އިތުރުކުރަން ޖެހެއެވެ. ރާއްޖޭގެ އާބާދީ ކުރިއަށް އޮތް އަހަރުތަކުގައި އިތުރުކުރުމުގެ ޤައުމީ މަސައްކަތެއް ފަށައި، ހަތަރު ވަނަ އަދި ފަސްވަނަ ދަރިން ހޯދާ ޢާއިލާ ތަކަށް، އަލަށް ވިހާ ހަތަރުވަނަ އަދި ފަސްވަނަ ދަރިފުޅަށް، އުމުރުން 18 އަހަރު ވަންދެން މަހަކު 2000ރ. ދިނުންފަދަ އިންސެންޓިވް ތައް ތައާރަފް ކުރަން ޖެހެއެވެ. އަލަށް ކައިވެނި ކޮށް މަދުވެގެން ހަތަރު ދަރީން ހޯދުމުން މިލްކުވާ ގޮތަށް ޒުވާން އާއިލާ ތަކަށް އެޕާރޓްމެންޓު ވެސް ދޭން ޖެހެއެވެ. އެކަނިވެރި މައިންނަށް މަހަކު 12،000ރ. ދީގެން ވަރިވާން ހިއްވަރު ދިނުމުގެ ބަދަލުގައި، ދެމަފިރިން އެކުގައި އުޅެ، ގިނައިން ދަރިން ހޯދައި ރަނގަޅަށް ތަރުބިއްޔަތު ކުރުމަށް ހިއްވަރުދޭން ޖެހެއެވެ. ހަތަރުވަނަ އަދި ފަސްވަނަ ދަރިފުޅަށް، އުމުރުން 18 އަހަރު ވަންދެން މަހަކު 2000ރ. ދިނަސް، 18 އަހަރު ތެރޭ، ކުއްޖަކަށް ޖެހޭނީ 430،000ރ. އެވެ. މިއީ ދައުލަތުގެ ބަޖެޓަށް ބަލާއިރު ކުޑަ އެއްޗެކެވެ. މިވަރުގެ އިންސެންޓިވް އެއް އާއިލާތަކަށް ދީގެން ވިއަސް ދިވެހީންގެ އާބާދީ އަވަސް ގޮތެއްގައި އިތުރުކުރުމުގެ ޤައުމީ ބޮޑު މަސައްކަތެއް ފަށަން ޖެހެއެވެ. އެހެން ނޫންނަމަ ކުރިމަގުގައި ދިވެހި ރާއްޖެ ވެސް ވެގެން ދާނީ ދުބާއީ ފަދައިން ކޮންމެ ރައްޔިތަކަށް ބިދޭސީންގެ ނުވަ މީހުން ތިބޭ ބިދޭސީންގެ ޤައުމަކަށެވެ.

ދިވެހި ރާއްޖެ އަކީ ވ. އަތޮޅު ފަދަ ބޮޑެތި އަތޮޅުތަށް ގިނަ، ޅަވިއަނި އަތޮޅުގެ ޖާވާކަރަ ފަދަ ބިޔަ ފަޅުތައް ގިނަ، ގުދުރަތީ ވަސީލަތް ގިނަ، މިސާލަކަށް ސިންގަޕޫރަށް ވުރެ ވެސް ވަސީލަތް ގިނަ ޤައުމެކެވެ. ދުނިޔޭގެ ވިޔަފާރީގެ މައި ހައިވޭމަތީގައި އޮތް ޤައުމެކެވެ. ބޭނުން ވަނީ ސިންގަޕޫރުގެ ލީ ކުއާން ޔޫ، ނުވަތަ މެލޭޝިއާގެ ޑރ. މަހާތީރު، ނުވަތަ ޔޫއޭއީގެ ވެރިޔާ ޝެއިހް މުހައްމަދު ބުން ޒައިދް އަލް ނަހްޔާން ފަދަ ދުރުވިސްނޭ ލީޑަޝިޕަކާއި، ސިންގަޕޫރު ފަދަ ކޮރަޕްޝަން ފްރީ މާހައުލެކެވެ. އެފަދަ ގޮތަކަށް ސިޔާސަތާއި މަސައްކަތް ބަދަލު ކުރެވިއްޖެ ނަމަ ދިވެހި ރާއްޖެ ވެގެންދާނީ ދެކުނު އޭޝިއާގެ އެއްވަނަ އިގްތިސޯދަށެވެ. އިންޑިއާ އާއި ލަންކާ އަށް ވެސް އެއިރުން ރާއްޖެއާ ވާދަ ނުކުރެވޭނެއެވެ.

މި ރަންގަނޑެއް ފަދަ ޤައުމަކީ އިންޑިއާ ނުވަތަ އެހެންވެސް ޤައުމުތައް ކުރެން ސަލާން ޖަހައިގެން، ނިކަމެތި ވެގެން އޮންނަން ޖެހޭ ވަރުގެ "ކުޑަ" ޤައުމެއް ނޫނެވެ. މިއީ، ވަސީލަތް ގިނަ، މުއްސަނދި، ބިޔަ، ބޮޑު ޤައުމެކެވެ. ބޭނުންވަނީ ވިސްނުން ތޫނު، އިހްލާސްތެރި، ވިޝަނަރީ ލީޑަޝިޕަކުން މިޤައުމުގެ މުސްތަޤްބަލް މުޅީން އެހެން ދިމާލަކަށް ބަދަލުކޮށްލުމެވެ. ބިޔަ ބޮޑު "ރާއްޖެ"އެއް އުފައްދައި އާބާދީ އެއް މިލިއަނަށް އެރުވުމުގެ ޤައުމީ މަސައްކަތެއް ފަށައި، ދިވެހީންގެ ހަޤީޤީ މަޤާމަށް ދިވެހީން ގެންދިއުމުގެ މަސައްކަތް ފަށަންވީ އެވެ. މިސްރާބު ވަރަށް ސާފެވެ.

ރަސްމާލޭގެ އުއްމީދާއި ނުރައްކަލުގެ ރަނގަބީލު: ތަސައްވުރު ފުރިހަމައަސް ޤާނޫނީ އަދި މާލީ ފައިދާ ކަށަވަރު ކުރަން ޖެހޭ!
އިޤްތިސާދު

ރަސްމާލޭގެ އުއްމީދާއި ނުރައްކަލުގެ ރަނގަބީލު: ތަސައްވުރު ފުރިހަމައަސް ޤާނޫނީ އަދި މާލީ ފައިދާ ކަށަވަރު ކުރަން ޖެހޭ!

މިފަދަ ބިޔަ އިންވެސްޓްމަންޓެއް ދެފުށްނުފެންނަ ގޮތަށް އަވަސްއަރުވާލައިގެން ނޮވެމްބަރ 11 ގައި ސޮއިކޮށްފިނަމަ، ދައުލަތުގެ މާލީ ރިޒާވް ހުސްވެ، "ވަން-އައިލެންޑް-ވަން-ރިސޯޓް" މޮޑެލްއަށާއި ތިމާވެށްޓަށް އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، އަދި އެންމެ ނުރައްކާތެރި ކަމެއްގެ ގޮތުން، 99 އަހަރުގެ ދިގު މުއްދަތަކަށް ރާއްޖޭގެ ބިންތައް އިސްލާމްދީނާ ދެކޮޅު ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ދޫވެ ޤައުމީ ސިޔާދަތާއި ދީނީ ވަހުދަތު ގެއްލުމުގެ ބިރު އެބައޮތެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 23, 2026
މިކަންކަން ނުކޮށްފިނަމަ ރަސްމާލެ މަޝްރޫޢު ވާނީ ސިޔާސީ އަނދަވަޅަކަށް
އިޤްތިސާދު

މިކަންކަން ނުކޮށްފިނަމަ ރަސްމާލެ މަޝްރޫޢު ވާނީ ސިޔާސީ އަނދަވަޅަކަށް

ރަސްމާލެ މަޝްރޫޢުގައި، ތިރީގައިވާ ފަދަ މުހިއްމު ކަންކަން ނުކޮށް، ދެފުށް ނުފެންނަގޮތަށް، އަވަސްއަރުވާލައިގެން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އެކަން ވާނީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ކުރިމަގު މާލީ އަދި އިޖްތިމާއީ އަނދަވަޅަކަށް ވައްޓާލާނެ ކަމަކަށެވެ! ތިރީގައިވާ ކަންކަން، ދެފުށްފެންނަ ގޮތެއްގައި ހާމަކޮށް، ފުރިހަމައަށް އިޞްލާޙުކޮށްގެން ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ތަސައްވުރު އިތުރަށް ވަރުގަދަވެ، މަޝްރޫޢު ސައްޙަ ގޮތުގައި ނިންމާލުމަށް މިންވަރުކުރާނެ އެންމެ ބޮޑު ބާރެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 23, 2026
އައްޑޫ ގަން އެއާޕޯޓް އެމިރޭޓްސް ފަދަ އެއާލައިނެއްގެ ހަބަކަށް ހެދުން
އިޤްތިސާދު

އައްޑޫ ގަން އެއާޕޯޓް އެމިރޭޓްސް ފަދަ އެއާލައިނެއްގެ ހަބަކަށް ހެދުން

ރައީސް މައުމޫނުގެ ވެރިކަމުގައި، މީގެ ތިރީހަކަށް އަހަރު ކުރިން، އައްޑޫ ގަން އެއާޕޯޓުގައި މިފަދަ ބައިނަލްއަޤްވާމީ ހަބެއް ހެދުމަށް އެމިރޭޓްސްއިން ހުށަހެޅިއެވެ. ނަމަވެސް، އޭރު މައުމޫން ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި މާލޭގެ ބައެއް ސިޔާސީ ބޭފުޅުން ބޭނުންވީ އިޤްތިޞާދީ ޙަރަކާތްތައް މާލެ ސަރަޙައްދަށް އެކަނި ޖަމާކޮށްފައި ބެހެއްޓުމަށެވެ. އޭރުގެ ވަރަށް އިސް މިނިސްޓަރަކު މިކަމާ ގުޅިގެން "ދިޔަދޮވީގެ ދެކޮޅުން ފެން ނުވެހޭނެ" ކަމަށް ވިދާޅުވިކަމަށްވެއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 20, 2026