އައްޑޫގެ އިހުގެ މަޒާޖީ ވާހަކައެއްގައި އުޅޭ ކުކުޅުތަކެކެވެ. ރޭގަނޑު ވިއްސާރަވެ ތެމެން ފެށުމުން، ބަދިގޭގެ ފުރާޅުމަތީގައި ތިބެގެން ރައްކާތެރިކަން ހޯދަން އުޅޭ ކުކުޅުތަކެކެވެ. ވާރޭގެ ފިނީގައި ތެމެމުންދާ ކުކުޅުތަކަށް ހިތްވަރު ދެމުން، އެ ކުކުޅުތަކުގެ އިސް ކުކުޅު ބުނާ ކަމަށްވެއެވެ.: "ހާސްނުވޭ، މާދަން ދަގޭ އަޅާނީއެވެ"
އައްޑޫ ބަހުން "ދަގޭ" އެޅުމަކީ ރައްކާތެރި ގެއެއް ބިނާކުރުމެވެ. ނަމަވެސް، އަނެއް ދުވަހުގެ އިރުއަރައި، ވިއްސާރައިގެ އަސަރު ފިލައި ދިއުމުން، ކުކުޅު-ލީޑަރު ކުކުޅުތަކަށް ވީ ވައުދު މަތިން ހަނދާން ނެތެއެވެ. ނުވަތަ ހަނދާން ނެތް ކަމަށްހެދިގެން އުޅެއެވެ. ދުވަހުގެ އެހެން ކަންކަމައިގެން މަޝްއޫލުވެ، ރޭގަނޑު ވީ ތަދާއި ނުތަނަވަސްކަން ހަނދާން ނައްތާލައެވެ.
މި މަޒާޖީ ވާހަކައަކީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންކަން ހިނގަމުންދާ ގޮތުގެ ފުރިހަމަ މިސާލެކެވެ. ސިޔާސީ ލީޑަރުން ރައްޔިތުންނަށް ވައުދުވަނީ ހަމަ މި އުޞޫލުންނެވެ. ކަމަކާ ޖެހުމުން، ނުވަތަ އިންތިޚާބެއް ބޯމަތިވުމުން، ވައުދަކަށްފަހު ވައުދެއް ވަނީއެވެ. އަޅައިދޭން ބުނާ "ދަގޭ" ފަހުން ބަދަލުވަނީ ހުވަފެނީ ބިލާހަކަށެވެ. ވައުދުތައް ނުފުއްދި، އެއީ ހަމައެކަނި މަޤާމް ހޯދަން އެއްލާ ނަނަކާއި ބުޅިއަކަށް ބަދަލުވެގެން ދަނީއެވެ.
ދިވެހިންނަށް އޮތީ ފީފުށާއި، ކުނި ބިހާއި، ކުނި ފިޔާ ފަދަ ތަކެތި ބޮޑު އަގުގައި ގަތުން
ދިވެހިރާއްޖޭގެ އިންތިޚާބީ ކެމްޕެއިންތަކުގައި ސިޔާސީ ވެރިން މަސައްކަތް ކުރައްވަނީ އެއްކަލަ ކުކުޅު-ލީޑަރުގެ އުޞޫލުންނެވެ. ވެރިކަން ހޯދުމުގެ ރޭހުގައި ކޮންމެ ބޭފުޅަކުވެސް ވިދާޅުވަނީ އެބޭފުޅަކު ހޮވިއްޖެ ނަމަ ޕާޓީއާއި މުޅި ޤައުމު "ހިންގާލާނެ" ކަމަށެވެ. ނަމަވެސް، ވެރިކަން ލިބުމާއެކު އެ ވައުދުތައް ބަދަލުވެގެން ދަނީ ހަމައެކަނި ދެއްކުންތެރި ބިލާހަކަށެވެ. ހިންގާލުމުގެ ބަދަލުގައި ފެންނަނީ ޕާޓީއާއި ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާން ބަލިކަށިވެ، ރައްޔިތުން މަގުމަތިވެ ބިކަވާ ތަނެވެ.
ކޮންމެ އަހަރަކު އަންނަ ޚާއްޞަ ދުވަސްތަކުގައި—ދަނޑުވެރިންގެ ދުވަސް، މަސްވެރިންގެ ދުވަސް، ޒުވާނުންގެ ދުވަސް، އަދި ފަތުރުވެރިކަމުގެ ދުވަސް ފަދަ މުނާސަބާތަކުގައި—ޤައުމުގެ ވެރިން ދައްކަވާ ވާހަކަފުޅުތަކުގައި ބޮޑެތި އިސްލާޙީ ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެ، ބޮޑެތި ޚިޠާބުތައް ދެއްވައެވެ. ނަމަވެސް އަމަލީ މައިދާނުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.
ދަނޑުވެރިކަން ތަރައްޤީކުރާނެ ކަމަށް ވިދާޅުވެ "ދަގޭ" ވައުދުވެއެވެ. ނަމަވެސް ދިވެހިން އަދިވެސް ޖެހެނީ ބޭރު ޤައުމުތަކުން އެތެރެކުރާ ފީފުށާއި، ކުނި ބިހާއި، ކުނި ފިޔާ ފަދަ ތަކެތި ބޮޑު އަގުގައި ގަނެގެން ބޭނުންކުރާށެވެ. ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ 90 އިންސައްތައަށްވުރެ ބޮޑު ބަޔަކީ އަދިވެސް ބޭރުން އެތެރެކުރާ ތަކެއްޗެވެ. މަސްވެރިންގެ ދުވަހު އޮއްސާ ސަނާތަކާއި ދައްކަވާ ވާހަކަތަކާ ޚިލާފަށް، ކަނޑުތަކުގެ ނަފާ ފުރިހަމައަށް ނުލިބުމާއި، ބާނާ މަހަށް ހަމައަގު ނުލިބުމާއި، ކިރުވުމުގެ ދަތިތައް މިއަދުވެސް އޮތީ އެގޮތުގައެވެ.
ދިހަވަރަކަށް އަހަރު ފަހުން ރާއްޖޭގެ އިޤްތިޞާދީ މައި ނާރު ކަމަށްވާ ފަތުރުވެރިކަން އެއްކޮށް ބޭރުގެ ކުންފުނިތަކުގެ މިލްކަކަށް
ޒުވާނުންގެ ދުވަސް އައުމުން ޤައުމުގެ ކުރިމަގަކީ ޒުވާނުން ކަމަށް ވިދާޅުވި ނަމަވެސް، ޒުވާނުންގެ ކުރިމަގު ހުށަހަޅުއްވަނީ ބޭރުގެ ނުފޫޒުތަކާއި އަޅުވެތިކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންގެ ހިއްސާ ބޮޑުކުރުމަށް ވާ ވައުދުތަކާއެކުވެސް، ގިނަ ރިސޯޓުތަކުގެ ކޮންޓްރޯލާއި ވަޒީފާތައް އަދިވެސް އޮތީ ބޭރު މީހުންގެ އަތްމަތީގައެވެ. ދިހަވަރަކަށް އަހަރު ފަހުން ރާއްޖޭގެ އިޤްތިޞާދީ މައި ނާރު ކަމަށްވާ ފަތުރުވެރިކަން އެއްކޮށް ބޭރުގެ ކުންފުނިތަކުގެ މިލްކަކަށް ވެގެންދާނެ ކަމުގެ ބިރު އެބައޮތެވެ.
އައްޑޫގެ ޙާލަތު: ސަރަޙައްދީ ތަރައްޤީގެ އިމްތިޙާނެއް
ވައުދާއި އަމަލާ ދެމެދު ހުރި ފަރަގު އެންމެ ބޮޑަށް ފެންނަން އޮތް އެއް ސަރަޙައްދަކީ "ދަގޭ" މިސާލުގެ އަސްލު ކަމަށްވާ އައްޑޫ ސިޓީއެވެ. ދެކުނުގެ އިޤްތިޞާދީ ނާރެހުގެ ގޮތުގައި އައްޑޫ ކަނޑައަޅާފައިވީ ނަމަވެސް، އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތައް އަދިވެސް އޮތީ މަރުކަޒީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައެވެ. އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭނަށް ވަރަށް މުހިންމު ރަށެއް ކަމަށްވާ ސަވާހިލީ، ރައީސް ޑރ. މުޢިއްޒުގެ ޤަރާރަކުން އައްޑޫ ސިޓީ ކައުންސިލްގެ އިޙްތިޞާޞުން ނަގައި، ސަރުކާރުގެ ދަށަށް ގެންދެވުމުން ކައުންސިލުން އެކަމާ ނުރުހުން ފާޅުކުރިއެވެ. މިއިން ސާބިތުވަނީ ލާމަރުކަޒީ އުޞޫލުން ކަންކަން ކުރުމަށް ވީ ވައުދާއި، އަމަލީ ގޮތުން ކަންކަން ކުރާއިރު މަރުކަޒީ ސަރުކާރުން ބާރުތައް އަތުލުމުގެ އާދައެވެ.
އައްޑޫ ބްރިޖަކީ ބިލާހެއް
އައްޑޫ އަތޮޅު ހިތަދޫ އިން ހުޅުމީދޫ އަށް ބްރިޖެއް އެޅުމުގެ ވައުދަކީ 2018 އިން ފެށިގެން ސިޔާސީ ކެމްޕެއިންތަކުގައި ދައްކާ އެންމެ ބޮޑު "ދަގޭ" ވައުދެވެ. ރައީސް ޔާމިނުގެ ދައުރުގެ ފަހުކޮޅު ދެކެވުނު މިވާހަކަ ހަޤީގަތަކަށް ހައްދަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ނަމަވެސް ސުރުހީ އެޅުން ފިޔަވައި ބްރިޖުގެ އެއްކަމެއް ވެސް ނުވެއެވެ. ރައީސް ޞާލިޙުގެ ސަރުކާރުން އައްޑޫއަށް 8,000 ޓޫރިސްޓް އެނދު ގެނައުމަށް ވީ ވައުދު، މިހާރުގެ ސަރުކާރުން "އައްޑޫ އައްސޭރި" ތަރައްޤީގެ ޕްލޭންގެ ދަށުން 6,000 އެނދަށް ބަދަލުކޮށް ވައުދުވި ނަމަވެސް، އަމަލީ ގޮތުން ފެންނަ ނަތީޖާ ވަރަށް ކުޑައެވެ. ހަންކެޑެ ބްރިޖް ހުޅުވިގެން ދިޔަ ނަމަވެސް، ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމާއި މާހެރަ އަދި ކޯހެރަ ތަރައްޤީކުރުން އޮތީ "ކަކުނި ހިމާޔަތްކުރާ ޗަސްބިމެއްގެ" ގޮތުގައެވެ.
ބޭރުގެ ނުފޫޒާއި "އިންޑިއާ އަށް އަޅުވެތިވުން"!
ދިވެހިރާއްޖޭގެ ވެރިންގެ އަނެއް ބަލިފަޔަކީ ޤައުމުގެ ކުރިމަގު ބޭރުގެ ނުފޫޒުތަކަށް ދޫކޮށްލުމެވެ. އިންޑިއާ ނުވަތަ އެމެރިކާ ނުވަތަ ކޮންމެވެސް އެހެން ޤައުމެއްގެ ކޮންމެވެސް ބޭފުޅަކު ފޮޅުވަތް އަޅުއްވައި ދެއްވީމައި، އެ ޖެއްސެވި ތިކިތައް ގުޅުވައިގެން ލިއުއްވުން ނޫން ކަމެއް ގިނަ "ވެރިން" ނުކުރައްވައެވެ. މީގެ އެންމެ ސާބިތު މިސާލަކީ ކުރީގެ ރައީސް ނަޝީދެވެ. އެމް.ޑީ.ޕީ ތެރެއިން މިހާރު ވެރިކަމަށް ފައިނަންގަވައިގެން އުޅުއްވާ އަބްދުﷲ ޝާހިދ ނުވަތަ ފައިސަލް ނަސީމާއި އާދަމް އާޒިމް އަށް ކާމިޔާބު ލިބޭނީ އިންޑިއާގެ ހިޔަނިން ނިކުމެގެންނެވެ. ކުރީގެ ސަރުކާރުތަކުން އިޤްތިޞާދީ ގޮތުން ޤައުމު ބޮޑު ވަޅުގަނޑަކަށް ވައްޓާލައި، ދަރަނިތަކުން ރައްޔިތުން ދަރުވާލިއެވެ. "އިންޑިއާ-އައުޓޭ" ކިޔައިގެން، ބޭރުގެ އަސްކަރީ ނުފޫޒު ނައްތާލާނެ ކަމަށް ބުނެ "ދަގޭ" ވައުދުތަކާއެކު ވެރިކަމަށް ވަޑައިގަތް ރައީސް މުޢިއްޒަށް ވެސް މިއަދު އިޤްތިޞާދީ ފިއްތުންތަކާ ހުރެ މިއުޅުއްވަނީ އިންޑިއާއާއި މޯދީގެ އަރިހުން މާލީ އެހީއަށް އެދުން ނޫން ގޮތެއް ނެތިގެންނެވެ!
ސިޔާސީ ބޭނުމަށް ނުފުއްދޭވަރުގެ ބޮޑެތި "ދަގޭ" މަޝްރޫޢުތައް ހިންގުމުން ޤައުމުތަކަށް ވާގޮތުގެ އެންމެ ރީތި މިސާލަކީ ސްރީލަންކާއެވެ. ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ ސަރުކާރުން ސިޔާސީ ތާއިދު ހޯދަން ހަންބަންތޮޓާގައި އެޅި މައްތަލަ އެއާޕޯޓަކީ "ދުނިޔޭގެ އެންމެ ފަޅު އެއާޕޯޓުގެ" ގޮތުގައި ނަންވެ، އެންމެ ފަހުން ދަރަނި ނުދެއްކި 2022 ގައި ލަންކާ މުޅިން "ސޮވަރިން ޑީފޯލްޓް" އަކަށް ގޮސް، ބަންގުރޫޓުވިއެވެ. ހަމައެފަދައިން ލެބަނަންގެ ސިޔާސީ "ޑީލަރުން" ޤައުމީ މާލީ ނިޒާމު ސިޔާސީ އޮޅުވާލުމަކަށް ބޭނުންކުރުމުގެ ނަތީޖާއަކީ، އެޤައުމުގެ ފައިސާގެ އަގު 90 އިންސައްތައަށް ވެއްޓި، އާންމުންގެ ބޭންކު އެކައުންޓްތައް ފްރީޒްވާންޖެހުމެވެ.
2028 އަށް ކުރިމަތިލާއިރު: އޮޅުވާލުންތަކަށް ނިމުމެއްގެނައުން
ދިވެހި ރައްޔިތުންނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ލީޑަރުންގެ ކިބައިގައި ތަޞައްވުރެއް ނެތުމެއް ނޫނެވެ. ނަމަވެސް، ވެވޭ ވައުދުތަކަށް ލީޑަރުން ޒިންމާދާރުކުރުވޭނެ ނިޒާމެއް ދައުލަތުގައި ނެތުމެވެ. ބޭރުގެ ދަރަނި މެނޭޖްކުރުމުގައިވެސް، އަދި އެތެރޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައިވެސް، ހަމައެކަނި ފޮނި ވާހަކަތަކަކުން ޤައުމެއް ނުހިންގޭނެއެވެ.
އެއް އިންތިޚާބުން އަނެއް އިންތިޚާބަށް ވާ "ދަގޭ" ވައުދުތަކުން މުޅި ޤައުމުގެ މުސްތަޤްބަލް ބިނާއެއް ނުކުރެވޭނެއެވެ. ޙަޤީޤީ ސިޔާސީ ލީޑަރޝިޕަކީ ސާފު ތާވަލްތަކާއެކު، ކޮރަޕްޝަނާއި ނުލައި، ދެފުށް ފެންނަ ގޮތަށް، ޤާބިލް ފަރާތްތަކާ މަސައްކަތްތައް ހަވާލު ކޮށްގެން، ލާމަރުކަޒީ ބާރުތައް ކައުންސިލްތަކަށް ދީގެން، އަމަލީ ނަތީޖާ ނެރެދިނުމެވެ. ސިޔާސީ ބޮޑެތި ދޮގު ހަދައި، ނުފުއްދޭނެ "ދަގޭ" ވައުދުތައްވެ، ފައިސާ އަށް ވޯޓު ގަނެގެން ދެވަނަ ދައުރެއް ހޯދަން އުޅުމުގެ ބަދަލުގައި ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާއާއި، ތަރައްޤީގެ ވަސީލަތްތަކުން ނަތީޖާ މިނެންޖެހެއެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ދިވެހި ރައްޔިތުން މިސްރާބު ޖަހާއިރު، ޚިޔާރުކުރަންޖެހެނީ ފުރާޅުމަތީގައި ތިބެގެން ވެވޭ "ދަގޭ" އަޅައިދިނުމުގެ ފޭކް ވައުދުތަކުގައި ހިފުންތޯ، ނުވަތަ ވިއްސާރައިގެ ކުރިން އަމަލީ ގޮތުން ކަންކަން ނިންމައިދޭނެ ތެދުވެރި ލީޑަރުން ހޯދުންތޯއެވެ؟ ރައްޔިތުން އެއް އަޑަކުން ވާހަކަ ދައްކަމުން ތެދުވެ، މިފަދަ ސިޔާސީ އޮޅުވާލުންތަކަށް "ނޫނެކޭ" ބުނަންޖެހެއެވެ. ސިޔާސީ "ޑީލަރުންގެ" ފަހަތުން ދިއުން ހުއްޓާލައި، ޙަޤީޤީ ނަތީޖާ ނެރެދޭނެ "ލީޑަރުން" އިޚްތިޔާރުކުރުމަކީ މި ޤައުމުގެ ސަލާމަތަށްޓަކައި މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު ކަންތަކެވެ. 2028 އޮތީކީ މާ ދުރަކު ނޫނެވެ.