މީގެ އަހަރުތަކެއް ކުރީގެ ހަނދާނެކެވެ. ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއާ ބެހޭ ޕޯސްޓްގްރެޖުއޭޓް ކޯހެއްގައި ޔުނިވަރސިޓީ އޮފް މޯލްޓާ ގައި އަޅުގަނޑު ކިޔަވަމުންދިޔަ ދުވަސްވަރެވެ. ކޯހުގެ މާއްދާއަކީ "އެޑިއުކޭޝަނަލް ޕްލޭނިންގް އިން ސްމޯލް ސްޓޭޓްސް" އެވެ.
އެއް ދުވަހެއްގެ ލެކްޗަރުގެ ތެރެއިން ޕްރޮފެސަރު ކުރެއްވީ ނުހަނު މުހިންމު ސުވާލެކެވެ: "ކުޑަ ޤައުމެއްގެ އިޤްތިޞާދީ މުސްތަޤްބަލަށް އެންމެ މުހިންމީ ކޮން ކަމެއްތޯއެވެ؟"
އަޅުގަނޑު އަތްމައްޗަށް ނަގައި ޖަވާބު ދިނީމެވެ. ކުޑަ ޤައުމެއްގެ އިޤްތިޞާދު ފުޅާކޮށް ކުރިއެރުވުމަށް އެންމެ މުހިންމީ، ބޮޑެތި ބާރުތަކުން ލިބޭ ހިލޭ އެހީއާއި ލުއި ލޯނުތަކުގެ މައްޗަށް ބަރޯސާވުން ކަމުގައި އަޅުގަނޑު ދެންނެވީމެވެ.
ނަމަވެސް، ޕްރޮފެސަރު ވަރަށް ނުރުހުންތެރިކަމާއެކު ވިދާޅުވިއެވެ: "ކުދި ގިނަ ޤައުމުތައް ތަރައްޤީގެ މަގުގައި ފަހަތަށްޖެހި، އަޅުވެތިވާ އެންމެ ބޮޑު ސަބަބަކީ ތިޔަފަދަ ނުބައި ވިސްނުމެވެ."
އެދުވަހު ޕްރޮފެސަރު ނަގައިދިން ފިލާވަޅަކީ، ޤައުމެއް ކިތައްމެ ކުޑަޔަސް ތަރައްޤީވެ، އުފާވެރިކަން ޤާއިމުކުރެވޭނީ އަމިއްލަ ފައިމައްޗަށް ތެދުވެ، ޤައުމީ އިސްތިޤްލާލާއި އަމިއްލަވަންތަކަން ހިފަހައްޓައިގެން ކަމެވެ. އަވައްޓެރި ބޮޑެތި ބާރުތަކުން ދިއްކޮށްލާ ހައިރާތާއި އެހީތަކަށް އެކަނި ބަރޯސާވެގެން ޤައުމީ ރައްކާތެރިކަމެއް ނުލިބޭނެއެވެ. ހެޔޮއެދޭ ޤައުމުތަކުން ދޭ ހުރިހާ އެހީއަކީ ގޯސް އެހީތަކެއް ނޫންކަމުގައި ވިޔަސް، ވަރަށް ގިނަ ފަހަރަށް އެފަދަ އެހީތަކުގެ ފަހަތުގައި ޖިއޯޕޮލިޓިކަލް މަޞްލަޙަތުތަކާއި ފޮރުވިފައިވާ އަމިއްލަ އެދުންތައް އެކުލެވިގެންވާކަމީ ދުނިޔޭގެ ތާރީޚު ހެކިދޭ ހަގީގަތެކެވެ.
އަމިއްލަ ބުރަ މަސައްކަތުން، އެހެން ބިޔަ ޤައުމުތަކުގެ ނުފޫޒާއި އަޅުވެތިކަމާ ދުރަށްޖެހި، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސަފަށް ވާސިލްވި އެންމެ ނަމޫނާ ކުޑަ ޤައުމަކީ ސިންގަޕޫރެވެ.
ސިންގަޕޫރަށް ސިޔާސީ އަދި އިޤްތިޞާދީ ނުފޫޒު ފޯރުވުމަށް ޗައިނާ އާއި މެލޭޝިޔާއިން ކުރި ގިނަ މަސައްކަތްތަކުގެ މަޅީގައި ނުޖެހި، ލީ ކުއަން ޔޫ ގެ ވަރުގަދަ އަދި ހިކުމަތްތެރި ޚާރިޖީ އަދި ދާޚިލީ ސިޔާސަތުގެ ސަބަބުން އެޤައުމު ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިޤްތިޞާދުތަކުގެ ތެރޭގައި ހިމެނިފައެވެ.
ނަމަވެސް، އަޅުގަނޑުމެންގެ މާޒީއަށް ނަޒަރު ހިންގާލާއިރު، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުން ފެނިގެންދިޔައީ ވެރީންގެ ކިބައިގައި އެފަދަ ޙިކުމަތުއަމަލީއެއް ނެތް މަންޒަރެކެވެ. ޚާއްޞަކޮށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ދުވަސްވަރު (2018–2023)، ދިވެހީންގެ ގިނަ ބަޔަކަށް މިޤައުމަކީ އެއްވެސް އާރެއް ބާރެއް ނެތް، އަވައްޓެރި ބޮޑު ބާރެއްގެ ދަށުވެފައިވާ ނިކަމެތި ތަނެއްގެ ގޮތުގައި ސިފަވާން ފެށިއެވެ. އޭރުގެ ސަރުކާރުން އަވައްޓެރި އިންޑިއާއިން ދިން އާދައިގެ ދެ ހެލިކޮޕްޓަރާއި، އެތަކެތި ބެލެހެއްޓުމުގެ ނަމުގައި އިންޑިއާގެ 60 އަށްވުރެ ގިނަ ސިފައިން ރާއްޖޭގައި ބޭތިއްބުމުން، އެކަމާ މެދު އަޑުއުފުލުމުގެ ބަދަލުގައި އެމް.ޑީ.ޕީ ގެ ސަޕޯޓަރުން ތިބީ އުފަލުންނެވެ.
އޭގެފަހުން އިތުރު ޑޯނިއަރ
މަތިންދާބޯޓަކާއެކު އިތުރު 32 ސިފައިން ބޭތިއްބުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ މާސިންގާ ކޯސްޓަލް ރާޑަރު ސިސްޓަމްތައް ޤާއިމުކުރުމަކީވެސް އޭރުގެ ވެރީންގެ ނަޒަރުގައި ދިވެހީންނަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އިންޑިއާއިން ކުޑަ ޑިންގީއެއް ދިނަސް، ނުވަތަ ރަށެއްގައި ވިއްސަކަށް މަގުބައްތި ޖަހައިދިނަސް، ނުވަތަ ފެރީގެ ނަމުގައި ދަބަރު ބޯޓެއް ފޮނުވިޔަސް، އެއީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއްގެ ގޮތުގައި އެސަރުކާރުގެ ޙާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ދިފާއީ ވަޒީރު މާރިޔާ ދީދީ، އަދި ރައީސް ސޯލިހު ވެސް ސިފަކުރެއްވިއެވެ. އޭރުގެ ސަރުކާރުގެ އިސްވެރީންގެ ކިބައިން ފެނުނީ ހަމައެކަނި ޙިކުމަތުއަމަލީގެ އުނިކަމެއް ނޫނެވެ؛ ޤައުމީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމުގެވެސް ބޮޑު އުނިކަމެކެވެ.
އޭރު ދިވެހިރާއްޖޭގެ ދިފާއީ ވަޒީރުކަމުގައި ހުންނެވި މާރިޔާ އަޙްމަދު ދީދީ، އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަފުޅަކީ ޤައުމީ ކަރާމާތް ވެއްޔާ މޮޑެވިގެންދިޔަ ކަމެކެވެ. އިންޑިއާ ސަރުކާރުން ބޭނުންނަމަ ދިވެހިރާއްޖެއަށް އަރައި، މިޤައުމު ހިފައި އަޅުވެތިކުރުމަކީ އެމީހުންނަށް ނުހަނު ފަސޭހަ ކަމެއް ކަމަށާއި، ނަމަވެސް އެގޮތަށް ކަންތައް ނުކުރާތީ ދިވެހީން އިންޑިއާއަށް ޝުކުރުވެރިވާންޖެހޭނެ ކަމަށް ދޭހަވާ މޭރުމަކުން އޭނާ ވާހަކަދެއްކެވިއެވެ.
އެމްއެންޑީއެފްގެ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އިންޑިއާގެ ހެލިކޮޕްޓަރާއި، ޑޯނިއާ ބޯޓާއި، ރާޑަރު ސިސްޓަމްތައް ރާއްޖޭގައި އޮޕަރޭޓްކުރުމުން އިންޑިއާއަށް ލިބޭ އެއްވެސް ފައިދާއެއް ނެތް ކަމަށާއި، ހުރިހާ ފައިދާއެއް ވަނީ ދިވެހީންނަށް ކަމަށެވެ. ނަމަވެސް، ދުނިޔޭގެ ޖިއޯޕޮލިޓިކްސްއަށް ލޯހުޅުވިފައިވާ އެއްވެސް އިންސާނަކު ޝަމާލްގެ މި ވާހަކަ ޤަބޫލެއް ނުކުރާނެއެވެ. އިންޑިއާއިން ދިވެހީންނަށް އެހާ އިޚްލާޞްތެރިކަމާއެކު އެހީވާން ބޭނުންނަމަ، އެންމެ ފުރަތަމަވެސް އެއްބަސްވި ގޮތަށް އެ އުޅަންތައް ދުއްވައި ބަލަހައްޓާނެ ދިވެހި ސިފައިން ތަމްރީނުކޮށް، އެތަކެތި ދިވެހި އަސްކަރިއްޔާއާ ހަވާލުކުރީހެވެ. އެ ދަބަރު ހެލިކޮޕްޓަރުތައް ދުއްވައި ބެލެހެއްޓުމުގެ ނަމުގައި ރާއްޖޭގައި ތިބި އިންޑީއާ މީހުން ފޭބުމަށް ރައީސް ޔާމިނުގެ ރިއާސަތުގައި އެންގުމުން އިންޑިއާއިން އެއަމުރަށް ކިޔަމަން ނުވެ ތިބިގޮތަށް އަދިވެސް އެމީހުން ތިބީ ރާއްޖޭގައެވެ. މިލިޓަރީ ތޮފި ބަދަލު ކޮށް، ސިވިލިއަން ތޮފި އަޅައިގެން ތިބީ ހަމަ އިންޑިއާ ސިފައިންނެވެ.
އެއިން އުޅަނދެއްގައި ބީހިލުމުގެ ހުއްދަވެސް ދިވެހި ސިފައިންނަށް ނުދީ، އިންޑިއާ ސިފައިން ލައްވައި އެކަން ކުރުވައި، އެއީ ބަލިމީހުން އުފުލުމުގެ ޚިދުމަތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރުމުން ދިވެހީންގެ ނާޒުކުކަމާމެދު ދެރަވުން ނޫންކަމެއް ނުވިއެވެ. ޤައުމެއްގެ ދިފާއީ ވަޒީރާއި އަސްކަރީ ވެރިޔާ، އެހެން ބޭރު ޤައުމެއްގެ މިލިޓަރީ މަޞްލަޙަތު ދިފާއުކޮށް ޕްރޮމޯޓްކުރުމަކީ، ތުއްތު ކުއްޖެއްގެ އަމިއްލަ މަންމަ، އެ ކުއްޖާއަށް ގެއްލުންދޭން އުޅޭ މީހާގެ ދިފާއުގައި ތެދުވުން ފަދަ ނުރައްކާތެރި ކަމެކެވެ. މިއީ ނަމުން އެމް.ޑީ.ޕީ ގެ "މަންމަ" ދިވެހީންނަށް ދިން ކެއްސެވެ. ޚާރިޖީ ވަޒީރަކަށް އޭރު ހުންނެވި ޢަބްދުﷲ ޝާހިދުވެސް އަމަލުކުރެއްވީ ހަމަ އެފަދައިންނެވެ. ސޯޝަލް މީޑިއާގައި ބޮޓް އެކައުންޓްތައް ބޭނުންކޮށްގެންނާއި، އެކި ބާވަތުގެ ޕްރޮޕެގަންޑާ ހިންގައިގެން އިންޑިއާގެ ސިޔާސަތުތައް ދިފާއުކުރަން އުޅުނު ނަމަވެސް، ދިވެހި ރައްޔިތުންނަށް އެ ދެފުށްކެހެރިކަން ސާފުކޮށް އެގެއެވެ..
ޤައުމީ ބޮޑެތި ކަންކަމުގައި ރައްޔިތުން ކަންބޮޑުވެގެން ތެޅިފޮޅުނުއިރު އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު "ޙިކުމަތްތެރިކަމުގެ" ނަމުގައި ހުންނެވީ ހަނު އެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އިސްލާމްދީނަށް ހަޖޫ ޖަހަމުން ދިޔަ މަދަނީ ޖަމިއްޔާ، އެމްޑީއެން ބޭންކުރީ ހަމައެކަނި ނަމަކަށެވެ. ހަމަ އެ ވެރިކަމުގައި، އިސްލާމްދީނު ފިކުރާ ފުށުއަރާ ފިކުރެއް ގެންގުޅުނު 'އުތެމަ' ޖަމްޢިއްޔާއަށް ދިނީ ހަމައެކަނި ނަސޭހަތެކެވެ. އިންޑިއާ ސިފައިން ފޮނުވާލުމުގެ ބަދަލުގައި، އިތުރު އަސްކަރީ ބޯޓުތައް ގެނެސް، ސިފައިންގެ އަދަދު ހާމަނުކޮށް "ޤައުމީ ސަލާމަތް" ގެ ނަމުގައި ރައީސް ސޯލިހުގެ ވެރިކަމުގައި ސިއްރުކުރިއެވެ. އަދި އިންޑިއާގެ ދަރަނީގެ ދަންތުރައިގައި ޤައުމު ޖައްސައި، އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ރިބަވީ ލޯނުތައް ނެގުމަށްފަހު، އެ އެއްބަސްވުންތައްވެސް ސިއްރުކުރިއެވެ. އުތުރު ތިލަފަޅާއި، ހަނިމާދޫ، ކުޅުދުއްފުށި، ކައްދޫ، ގުޅީފަޅު، އަދި އައްޑޫ ސިޓީގެ މަޝްރޫޢުތައް، ކުރީގެ ސަރުކާރުން އިންޑިއާގެ ކުންފުނިތަކަށް ދީގެން، ޤައުމުގެ އިޤްތިޞާދީ އަދި އިސްތިރާތީޖީ މުހިންމު ސަރަޙައްދުތައް އޮތީ ބޭރުގެ ނުފޫޒުގެ ދަށުގައެވެ.
އިންޑިއާގެ ސިޔާސީ ނުފޫޒު ސޯލިހުގެ ވެރިކަމަށް އޮތް ބޮޑު މިންވަރު ދެކި، އެކަމާ ނުރުހިގެން، "އިންޑިއާ އައުޓް" ގެ ނަމުގައި ދިވެހި ރައްޔިތުން ފެށި އިޙްތިޖާޖުތަކަކީ ހަރުކަށި ފިކުރާ ގުޅުން ހުރި ޝުއޫރުތަކެއް ކަމަށް ބުނެ އޮޅުވާ ލެއްވުމަށް އޭރުގެ ސަރުކާރުން މަސައްކަތް ކުރިއެވެ. އިސްލާމްދީނާއި ޤައުމީ މިނިވަންކަމަށް ލޯބިކުރާ ދިވެހި ރައްޔިތުންގެ ހިތްތަކުގައި އުފެދުނު އެ ނުރުހުމަކީ ވަކި ސިޔާސީ މީހަކަށް ވެރިކަން ހޯދައިދޭން ހިންގި ކަމެއް ނޫނެވެ.
ތާރީޚުން ސާބިތުވި ގޮތުގައި، ރައްޔިތުންގެ އެ ނުރުހުމާއި ޤައުމީ ޝުޢޫރުގެ ނަތީޖާއަކަށްވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ބަލިވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް އިންތިޚާބުވުމެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން ވިދާޅުވީ ރައްޔިތުންގެ އެދުމާ އެއްގޮތަށް، ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ފޮނުވާލައި، އެ އުޅަނދުތައް ބެހެއްޓުމަށް އިންޑިއާގެ ސިވިލިއަން (މަދަނި) ފަންނީ މާހިރުން ބަދަލުކުރުމުގެ މަރުޙަލާ ފުރިހަމަކޮށްފިކަމަށެވެ. ނަމަވެސް މިއީ ހަމައެކަނި ބޭރުފޫށުގެ ބަދަލެކެވެ. އިންޑިއާ ސިފައިން އަދިވެސް ތިބީ ރާއްޖޭގައެވެ. އިންޑިއާގެ ރޯ އެޖެންޓުންގެ ހަރަކާތްތައް ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރިއަށް އެބަދެއެވެ. އަދި ދިވެހީންގެ ތެރެއިން ޑަބަލް އޭޖެންޓުންނަށް ހަރަދު ކުރުމަށް އިންޑިއާއިން މަހަކު އެތައް މިލިއަން ޑޮލަރު ހަރަދު ކުރެއެވެ. މިއީ ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަން ނެގެހެއްޓުމަށް އޮތް ބޮޑު ހުރަހެކެވެ.
އަޅުގަނޑު މި މައްސަލައިގައި އަބަދުވެސް ލިޔެ، އަޑުއުފުލީ ވަކި ސިޔާސީ ލީޑަރެއްގެ އަމިއްލަ އެދުމުގައި ނުވަތަ ވަކި ޕާޓީއަކަށް މަންފާއެއް ހޯދައިދޭކަށް ނޫނެވެ. ރައީސް ޔާމީނަކީވެސް އަޅުގަނޑު ސީދާކޮށް ދަންނަ ބޭފުޅެއް ނޫނެވެ. އަޅުގަނޑު ލިޔެފައިވާ ކޮންމެ ލިޔުމަކީ، ދިވެހި ޤައުމަށާއި، އިސްލާމްދީނަށް އަދި ދިވެހި ލޮބުވެތި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިކަން އަޅުގަނޑަށް ފެންނަ ގޮތުގެ މައްޗަށް ލިޔެފައިވާ ލިޔުންތަކެކެވެ.
ޤައުމީ ބޮޑެތި މައްސަލަތަކަކީ ސިޔާސީ ކުލަތަކުން އެކަކު އަނެކަކާ ޖެހިގަންނަންވީ ކަންކަމެއް ނޫނެވެ. އަދި ވަކިވަކި ސިޔާސީ ބޭފުޅުންގެ އަމިއްލަ ކުރިއެރުމަށް ނާޖާއިޒު ފައިދާ ނަގަންވީ މައްސަލަތަކެއްވެސް ނޫނެވެ. މިއީ ހުރިހާ ފިކުރެއްގެ ދިވެހިންވެސް، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ސިޔާދަތާއި، އިސްލާމް ދީނުގެ ހިމާޔަތުގައި، ފެއްސާއި ރަތާއި ހުދުގެ ޤައުމީ ދިދައިގެ ދަށުގައި އެކުވެ ތިބެންޖެހޭ ކަންކަމެވެ.
އަޅުގަނޑަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫނެވެ. އަދި އެއްވެސް ސިޔާސީ ބޭފުޅެއްގެ ފައިންޕުޅުގެ ފަހަތުގައި ނިވާވާ އަޅެއްވެސް ނޫނެވެ. އަޅުގަނޑަކީ، އިންޝާﷲ، ދިވެހި ފަސްގަނޑަށް އުފަން، ދިވެހި ލޭ ހިނގާ، އިސްލާމްދީނަށް ލޯބިކުރާ ދިވެހި މުސްލިމެކެވެ. ދުޢާއަކީ، ﷲ މި ދިވެހިރާއްޖެ ތާއަބަދަށް މިނިވަން، މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ލެހެއްޓެވުމެވެ. އަދި މި ފަސްގަނޑުގައި އިސްލާމްދީނުގެ ނޫރު އަބަދުމެ ލެހެއްޓެވުމެވެ. އަޅުގަނޑުގެ ޕްރޮފެސަރު އެދުވަހު ވިދާޅުވި ފަދައިން، ބޭރުގެ އެއްވެސް ބާރަކަށް އަޅުވެތިނުވެ، އެހެން ގައުމުތަކުގެ އެހީއަށް އެކަނި ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ، ސިންގަޕޫރު ފަދައިން ފުރިހަމައަށް ތަރައްޤީވެފައިވާ، ފުރިހަމަ އިސްލާމީ ޤައުމެއް ކަމުގައި ދިވެހިރާއްޖެ ލައްވާށިއެވެ! އާމީން.