ތައުލީމު

ދެ ޖިންސު ވަކިން ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ދެކޮޅުހެދުން: ދިވެހި ދަރިވަރުންނަށް ލިބޭ ބޮޑު ނިކަމެތިކަމެއް

ކޮންމެ އަތޮޅެއްގައި ދެ ޖިންސަށް ވަކިން ކިޔަވައިދޭ ފްލެގްޝިޕް ސްކޫލެއްގެ ތަޖުރިބާ ފަށައިގަތުމުން، ގައުމީ ބަޖެޓަށް ނުކުޅެދޭވަރުގެ ބާރެއް ނުކޮށް، އިސްލާމީ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތައި، މި ޗޮއިސް ބޭނުންވާ މައިން ބަފައިންނަށް މި ޗޮއިސް ދެވި، ދުނިޔޭގެ ތައުލީމީ ސައިންސްގެ ފައިދާ ރާއްޖެއަށް ހޯދިދާނެއެވެ.

ދެ ޖިންސު ވަކިން ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ދެކޮޅުހެދުން: ދިވެހި ދަރިވަރުންނަށް ލިބޭ ބޮޑު ނިކަމެތިކަމެއް

ރާއްޖޭގެ ސްކޫލްތަކުގައި ދެ ޖިންސުގެ ދަރިވަރުންނަށް ވަކިން ކިޔަވައިދިނުމުގެ ނިޒާމެއް އަލުން ގާއިމުކުރުމާމެދު ސަރުކާރުން ދެކެނީ ކިހިނެއްތޯ ސުވާލުދެންނެވުމުން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަހަރު ކުރީކޮޅު ދެއްވީ ވަރަށް ކުރު ޖަވާބެކެވެ؛ އެފަދަ "ވިސްނުމެއް ނެތެވެ". އެންމެ މެސެޖަކުން، ސަރުކާރުން މިވަނީ އުނގަންނައިދިނުމުގެ ހަމަތަކާއި، ސަގާފީ އުސޫލުތަކާއި، ދަރިވަރުންގެ އިޖުތިމާއީ ފާގަތިކަމާ ގުޅޭގޮތުން ހިންގެން އުޅުނު މުހިންމު ގައުމީ ބަހުސެއް ހުއްޓުވާލާފައެވެ. އާންމުންނަށް ސަބަބު ބަޔާންކުރުމެއް، އިގުތިސާދީ ހާލަތަށް ރިއާޔަތްކުރުމެއް ނުވަތަ ތައުލީމީ ގޮތުން ދިރާސާކުރުމެއް ނެތި، ދެއްވި މި ކުރު ދެކޮޅުހެދުމުން އެނގިގެންދަނީ ތައުލީމީ ދާއިރާގެ އުނދަގޫ މައްސަލަތަކާ ކުރިމަތިލާން މިނިސްޓްރީން ޖެހިލުންވާ މިންވަރެވެ. އަދި ދިވެހި އާއިލާތަކަށް ފައިދާކުރާނެ އަމަލީ ހައްލުތަކާއި ބައިނަލްއަގުވާމީ ދިރާސާތަކުން ހޯދިފައިވާ ހޯދުންތަކަށް އެޑިއުކޭޝަން މިނިސްޓްރީއިން ރިއާޔަތް ނުކުރާ މިންވަރެވެ.

ޢިލްމުވެރިންގެ ގުޅުން ޖަމިއްޔާއިން ހުށަހެޅި ރަސްމީ ސިޓީއާއެކު އަލުން ފެށުނު މި ބަހުސަކީ، ފުރާވަރުގެ ކުދިންގެ އަޚްލާގާއި ކިޔެވުމުގެ މާހައުލާމެދު ބެލެނިވެރިންގެ ކަންބޮޑުވުންތައް އިތުރުވަމުންދާތީ އުފެދުނު ބަހުސެކެވެ. އައްޑޫ ހައި ސްކޫލުގައި ހިނގި ހާދިސާއެއްގެ ވީޑިއޯއަކަށް އިޝާރާތްކޮށް، އެ ޖަމިއްޔާއިން މިނިސްޓަރަށް ފޮނުވި ސިޓީގައި ވަނީ ދެ ޖިންސު މައްސުނިކޮށް ކިޔަވައިދިނުމުން އަޚްލާގީ މައްސަލަތައް އުފެދޭކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ މި އަޙްލާޤީ މައްސަލަ ހައްލު ކުރަން ތަފާތު ގޮތަކަށް ވިސްނަން ދެކޮޅުހަދައި މިއީ ނިމިފައިވާ މައްސަލައެއްގެ ގޮތުގައި ކޭސް ކްލޯސް ކޮށްފައެވެ. ދެ ޖިންސު ވަކިން ކިޔަވައިދިނުމަކީ ހަމައެކަނި ސަގާފީ ނުވަތަ އިސްލާމީ އުސޫލެއް ނޫންކަމާއި، އެއީ ފުޅާ ދިރާސާތަކުގެ އަލީގައި ދުނިޔޭގައި ބަލައިގެންފައިވާ ތައުލީމީ މޮޑެލެއްކަން ގަބޫލުކުރަން މަހާރުގެ ސަރުކާރު ވަނީ ނުކުޅެދިފައެވެ.

އިޝްތިހާރު

ބައިނަލްއަގުވާމީ ދިރާސާތަކުން ތަކުރާރުކޮށް ސާބިތުވާގޮތުގައި، ކިޔަވާ ކުދިން ބޮޑުވަމުން އަންނަ ދުވަސްވަރު ދެ ޖިންސު ވަކިން ކިޔަވައިދިނުމުން އުނގަންނައިދިނުމަށާއި އިޖުތިމާއީ ކުރިއެރުމަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ. އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ކުރެވިފައިވާ ދިގު މުއްދަތުގެ ދިރާސާތަކުން ދައްކާގޮތުގައި، ވަކިން ކިޔަވައިދޭ މާހައުލުތަކުގައި އަންހެން ދަރިވަރުން ސައިންސާއި، ފިޒިކްސް އަދި ކޮމްޕިއުޓާ ސައިންސް ފަދަ މާއްދާތައް ނެގުމުގެ ފުރުސަތު އިތުރުވެއެވެ. އެއީ އެފަދަ ދާއިރާތަކަކީ ފިރިހެން ކުދިންގެ ދާއިރާތަކެއްގެ ގޮތުގައި ދެކޭ އިޖުތިމާއީ ފިއްތުންތައް ނެތިގެންދާތީއެވެ. ހަމައެފަދައިން، ވަކިން ކިޔަވާ ފިރިހެން ދަރިވަރުން، އަދަބިއްޔާތާއި، ބޭރު ބަސްބަހާއި، އާ ތަފާތު ކަންކަމަށް ދޭ ސަމާލުކަން އިތުރުވެއެވެ. ފުރާވަރުގެ އަންހެން އަދި ފިރިހެން ކުދިންގެ ނަފްސާނީ އަދި ވިސްނުން ކުރިއަރަނީ ތަފާތު ދުވެއްޔެއްގައި ކަން ނަފްސާނީ އިލްމުން ސާބިތުވެއެވެ. ދެ ޖިންސު ވަކިން ކިޔަވައިދޭ ކްލާސްރޫމްތަކުގައި، ދެ ޖިންސުގެ ތަފާތުތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުމުގެ އުކުޅުތައް ބޭނުންކުރެވި، ދެ ޖިންސުގެ ކުދީން އެއްބަޔަ އަނެއް ބަޔަކަށް ދެއްކެން ކުރާ ކަންކަން ހުއްޓީ، ދެ ޖިންސުގެ އަސްލު ޕޮޓެންޝިއަލް ހާސިލް ކުރެވޭ ކަމަށް ދިރާސާ ތަކުން ދައްކައެވެ.

ސަގާފީ އަދި ދީނީ ގޮތުން ބަލާއިރު، ދެ ޖިންސު ވަކިން ކިޔަވައިދިނުމަކީ އިސްލާމީ ރީތި އަޚްލާގާއި ސިފަތަކާ ސީދާ ގުޅިފައިވާ ކަމެކެވެ. ފުރާވަރުގެ ދުވަސްވަރު އަޚްލާގީ މިންގަނޑުތަކާއި އެކުވެރިންގެ ނުފޫޒާމެދު ބެލެނިވެރިންގެ ކަންބޮޑުވުން އިތުރުވަމުންދާ މުޖުތަމައެއްގައި، ވަކިން ކިޔަވައިދޭ މާހައުލަކީ ތައުލީމާއި ރޫހާނީ ކުރިއެރުމަށް މުޅިން އަމާޒުކުރެވޭ ރައްކާތެރި ބިނާއެކެވެ. މިއީ ދިވެހިންގެ އާދަކާދަތަކާ ބީރައްޓެހި ކަމެއް ނޫނެވެ. 2008 ވަނަ އަހަރު ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން، އަމީނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލް ފަދަ ގައުމުގެ އެންމެ އުސް ތައުލީމީ ބިނާތައް ހިންގީ ދެ ޖިންސު ވަކިންނެވެ. އެ ދެ ސްކޫލުން ވަނީ ޒަމާނީ ދިވެހި ގައުމު ބިނާކުރި އެތައް ޖީލެއްގެ ސިވިލް ސާވަންޓުންނާއި، އިލްމުވެރިންނާއި، ގައުމީ ލީޑަރުން އުފައްދާފައެވެ. ދެ ޖިންސު ވަކިން ކިޔަވައިދިނުމަކީ ބާވެފައިވާ ނުވަތަ ޒަމާނީ ސިޔާސަތުތަކާ ނުގުޅޭ ކަމެއްގެ ގޮތުގައި ދުށުމަކީ، ގައުމީ ތައުލީމީ ތާރީޚުގެ އަސާސްތަކަށް ފުރަގަސްދިނުމެވެ.

މިނިސްޓަރުގެ މިފަދަ ކުއްލި ނިންމުމަކުން އެޑިއުކޭޝަން މިނިސްޓްރީގެ އަމިއްލަ ސިޔާސަތުތަކުގެ ތެރޭގައި ހުރި ފުށުއެރުންތައްވެސް ހާމަވެއެވެ. އަޚްލާގާއި އަދަބުވެރިކަން ގާއިމުކުރުމުގެ ނަމުގައި، އަންހެން ދަރިވަރުންގެ ޔުނިފޯމްގެ ގަވާއިދުތައް ސަރުކާރުން ދާދިފަހުން ވަނީ ހަރުކަށިކޮށްފައެވެ. ނަމަވެސް، ކްލާސްރޫމްގެ ތެރޭގައި ސަމާލުކަމާއި ހަޔާތްތެރިކަން އުފައްދައިދޭނެ އޮނިގަނޑުގެ ބަދަލުތަކާ މެދު ވިސްނާލަންވެސް މިނިސްޓްރީން ދެކޮޅުހަދައެވެ. އިސްލާމީ ހަޔާތްތެރިކަމުގެ ނަމުގައި ދަރިވަރުންގެ ޔިނުފޯރމުގެ ސިފަތަކެއް މަޖުބޫރުކުރިއިރު، ދެ ޖިންސު ވަކިން ކިޔަވައިދިނުމުން ލިބޭނެ ފައިދާތަކަށް އިންކާރުކުރުމުން އެނގެނީ، ސަރުކާރުން މަސައްކަތްކުރަނީ ތައުލީމީ ބޮޑު އިސްލާހެއް ގެނައުމުގެ ބަދަލުގައި، ހަމައެކަނި ބޭރުފުށަށް ދެއްކުމަށް ކަމެވެ.

 

ދެ ޖިންސު މައްސުނިކޮށް ކިޔަވައިދިނުން މަޖުބޫރުކުރުމަށް ދައްކާ އެންމެ ބޮޑު ބަހަނާއަކީ، ދެ ޖިންސަށް ވަކިން ސްކޫލްތައް ހިންގުމުގައި ހުރި ވަސީލަތްތަކުގެ ދަތިކަމެވެ. މިހާރު އޮތް ގޮތަށް، ދެ ޖިންސު އެއްކޮށް ކިޔަވައިދޭން ބޭނުން ފަރާތްތަކުން ބުނަނީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ސްކޫލްތައް އަންހެން އަދި ފިރިހެން ކުދިންނަށް ވަކިކުރުމަކީ އިމާރާތްތަކުގެ ޚަރަދު ބޮޑުވެ، މުވައްޒަފުން ދެގުނަވެ، ސަތޭކައިން ގުނާލެވޭ ކުދި އާބާދީތަކުގައި ސެޝަންތައް ބަހާލަންޖެހޭނެ ހަރަދު ބޮޑު ކަމެއް ކަމަށެވެ. މިއީ ރާއްޖެފަދަ ޖަޒީރާ ގައުމަކަށް މާލީ ގޮތުން ބޮޑު ގޮންޖެހުމެއްކަން ގަބޫލުކުރަންޖެހެއެވެ. މިހާރު މިއޮތް ނިޒާމް އެއްކޮށް ބަދަލު ކުރާކަށް މަޖުބޫރެއް ނޫނެވެ. ކޮންމެ ރަށެއްގައި ދެޖިންސު ވަކިން ކިޔަވައިދޭ ސްކޫލެއް ހެދުމުގެ ބަދަލުގައި، ސަރުކާރަށް އަމަލީ ގޮތުން ގެމެވިދާނެހައްލެއް އެބައޮތެވެ. އެއީ ކޮންމެ އަތޮޅެއްގައި ދެ ޖިންސަށް ވަކިން ކިޔަވައިދޭ ޚާއްސަ (ފްލެގްޝިޕް) އެއް ސްކޫލް ގާއިމުކުރުމެވެ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށުގައި ނުވަތަ ރީޖަނަލް ހަބުތަކުގައި މިފަދަ ފްލެގްޝިޕް ސްކޫލްތައް ގާއިމުކޮށް، މިހާރު ހުރި މައްސުނި ސްކޫލްތަކާއެކު ހިންގިދާނެއެވެ. އޭރުން، ރަށުގެ ވަސީލަތްތަކަށް ބާރުބޮޑުނުވެ، ބެލެނިވެރިންނަށް ގޮތް އިޚްތިޔާރުކުރެވޭނެ ފުރުސަތު ލިބިގެންދާނެއެވެ. މާލެ، ހުޅުމާލެ އަދި އައްޑޫ ފަދަ އާބާދީ ބޮޑު ސަރަހައްދުތަކުގައި، ސެކަންޑަރީ ސްކޫލްތަކުގައި ދެ ޖިންސަށް ވަކި ކްލާސްތައް ނުވަތަ ވަކި ކޭމްޕަސްތައް ހަމަޖެއްސިދާނެއެވެ. މީގެ ސަބަބުން، މުޖުތަމައުގެ އެދުމާ އެއްގޮތަށް މި ސިޔާސަތު ފުޅާވަމުންދާނެއެވެ.

އާންމު ސިޔާސަތުތަކާއި ހިންގުމުގެ ނިޒާމުތައް އެންމެ ފުރިހަމައަށް މަސައްކަތްކުރާނީ، އެންމެ ޖުމްލައަކުން ބަހުސްތައް ނިންމާލުމުގެ ބަދަލުގައި، ސައިންސީ ދިރާސާތަކާއި، އިގުތިސާދީ ހާލަތާއި، މުޖުތަމައުގެ ޤަބޫލުކުރުންތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އަތޮޅު ފްލެގްޝިޕް މޮޑެލް ފަދަ އަމަލީ ހައްލުތަކަށް ބެލުމެއްނެތި، ދެ ޖިންސު ވަކިން ކިޔަވައިދިނުމުގެ ފުރުސަތުތަކަށް ދޮރު ބަންދުކުރުމުން، އެޑިއުކޭޝަން މިނިސްޓްރީން މިވަނީ ތައުލީމީ އީޖާދީ ގޮތްތަކަށްވުރެ އިދާރީ ފަސޭހައަށް އިސްކަންދީފައެވެ. ކޮންމެ އަތޮޅެއްގައި ދެ ޖިންސަށް ވަކިން ކިޔަވައިދޭ ފްލެގްޝިޕް ސްކޫލެއްގެ ތަޖުރިބާ ފަށައިގަތުމުން، ގައުމީ ބަޖެޓަށް ނުކުޅެދޭވަރުގެ ބާރެއް ނުކޮށް، އިސްލާމީ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތައި، މި ޗޮއިސް ބޭނުންވާ މައިން ބަފައިންނަށް މި ޗޮއިސް ދެވި، ދުނިޔޭގެ ތައުލީމީ ސައިންސްގެ ފައިދާ ރާއްޖެއަށް ހޯދިދާނެއެވެ. މިއީ ޚިޔާލު ތަފާތުވުންތަކުން މެދުމިނުގެ ހައްލެއް ހޯދައި، ރާއްޖޭގެ ތައުލީމީ ނިޒާމް ދުނިޔޭގެ ކުރިއަރާފައިވާ ތައުލީމީ ނިޒާމަކަށް ބަދަލުކޮށްލެވޭނެ މަގެކެވެ. ގައުމުގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ހައްގު މިންވަރަކީ ދިރާސާތަކާއި، ސަގާފަތާއި، އިސްލާމްވަންތަ ކަމަށް ހައްލު ލިބޭ، އަދި ވީދެމުންދާ އަޙްލާޤީ ފޭރާން އާރޯ ކޮށްދޭނެ ތައުލީމީ އޮނިގަނޑެކެވެ. ދިވެހި ރައްޔިތުންނާއި، މައިން ބަފައިންނާއި، ކިޔަވާ ކުދީން ބޭނުންވަނީ ބޯހަރު އެޑިއުކޭޝަން މިނިސްޓަރެއް ނުވަތަ އަޑުއަހަން އިންކާރުކުރާ ސަރުކާރެއް ނޫނެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ބޮޑު ޗުއްޓީ ދެމަހަށް ދިގުކުރޭ: ބޭކާރު މިޑް-ޓާމް ތަކުން ލިބޭ އުފަލެއް، ފައިދާއެއް ނެތް!
ތައުލީމު

ބޮޑު ޗުއްޓީ ދެމަހަށް ދިގުކުރޭ: ބޭކާރު މިޑް-ޓާމް ތަކުން ލިބޭ އުފަލެއް، ފައިދާއެއް ނެތް!

ތައުލީމީ ކަލަންޑަރު އެކުލަވާލައްވާ ބޭފުޅުންނާއި ސިޔާސީ ފަރާތްތަކުން، ފިނިކުރި އޮފީސްތަކުގެ މޭޒުތައް ކައިރީގައި ތިއްބަވައިގެން ތާވަލުތަކުގައި ގޮޅިޖައްސަވަމުން ގެންދެވުމުގެ ބަދަލުގައި، ޙަޤީޤީ ދުނިޔެއަށް ނިކުމެވަޑައިގެން ރައްޔިތުންނާއި، ބެލެނިވެރިންނާއި، އަދި ކިޔަވާ ކުދިންގެ ހަގީގީ އަޑު އެއްސެވުން މާ ބުއްދިވެރިއެވެ. ސްކޫލު ތަކުގެ ބޮޑު ޗުއްޓީ ދެމަހަށް ދިގުކޮށް، ދިވެހި ތައުލީމީ ނިޒާމަށް ހަމަނޭވާއެއް ލާނެ ފުރުސަތު ދެއްވާށެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/2 ދުވަސް ކުރިން