ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގައި ކަންކަން ނިންމާ އުސޫލުތަކަށާއި، ކިޔަވައިދިނުމުގެ ތާވަލުތައް އެކުލަވާލާ ގޮތަށް ނަޒަރު ހިންގާލުމުން، އިސްސަފުގައި ތިއްބެވި ބޭފުޅުން ތިއްބެވީ އާންމު ދިރިއުޅުމާއި، ކިޔަވާ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ މުޅިން ދުރަށް ގޮސް، އަމިއްލަ ޚިޔާލީ ދުނިޔެއެއްގައި ކަން ވަރަށް ސާފުކޮށް ހާމަވެގެންދެއެވެ. ހުރާ ދާއިރާގެ މެމްބަރު ޑރ.އަނާރާ ނައީމް ރައްޔިތުންގެ މަޖުލީހަށް ހުށަހަޅުއްވާފއިވާ ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އެޑިއުކޭޝަން މިނިސްޓްރީގެ 2026 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރަށް ބަލާލުމުން، ދިވެހި ދަރިވަރުންނާއި އާއިލާތައް ތަހައްމަލުކުރަމުންދާ ތައުލީމީ ނިޒާމުގެ ފިއްތުންތަކުގެ މަންޒަރު ހާމަވެގެންދެއެވެ.
ކިޔަވައިދިނުމެއް ނެތް: މުޅި އަހަރު އެކްޓިވިޓީތަކާއި ބެލެނިވެރިންގެ ޖީބު "ފެޅުމުގައި"!
މިއަދު ރާއްޖޭގެ ސްކޫލުތަކުގެ ހަގީގަތަށް ބަލާލާއިރު، ފޮތުން ކިޔަވައިދިނުމަށްވުރެ ބޮޑަށް އިސްކަންދެވެނީ ނިމުމެއް ނެތް އިތުރު ހަރަކާތްތަކަށެވެ. ފުޓްބޯޅައާއި ބެޑްމިންޓަން މުބާރާތްތަކެވެ. ކެޑޭޓް ކޭމްޕްތަކާއި ސްކޫލް ފެއާތައްފަދަ އެކްޓިވިޓީތަކެވެ. ފަންޑް ރެއިސިންގ ސޭލްތަކާއި، ސްކޫލް ކޮންސަރޓާއި އެކި ކަހަލަ ހަފުލާތަކެވެ. ކޮންމެވެސް އިވެންޓަކަށް ކާއެއްޗެއް ތައްޔާރުކޮށްގެން ސްކޫލަށް ފޮނުވަން ބެލެނިވެރިންގެ ކިބައިން ނުއެދޭ ހަފްތާއެއް މަދުވާނެއެވެ. ކްރިއޭޓިވް އާޓްސް ނުވަތަ އަތްތެރި މަސައްކަތުގެ ނަމުގައި ކޮންމެ ހަފުތާއަކު ބެލެނިވެރިންނަށް ޖެހެނީ ނުވިހާ ދަރިއެއްގެ ފޫޅު ފަދަ ކޮންމެވެސް އެއްޗެއް ހޯދަން މާލެ ވަށާ ދުވާށެވެ. ކާބޯތަކެތީގެ އަގު އެހާ ބޮޑު އިރު، ގެއަށް ބޭނުންވާ ސާމާނު ގަންނަން ފުދޭ ވަރަށް އާމްދާނީ ނުލިބޭއިރު، ސްކޫލް އާޓް ޕްރޮޖެކްޓަށް ކަނޑައަޅާ ތަކެތި ހޯދަން ކޮންމެ ހަފްތާއަކު މުޅި މާލޭގަ އަތްފުނާ އަޅަމުން، މައިން ބަފައިން ދުވަން ޖެހެއެވެ.
ނަމަވެސް، މި ހުރިހާ ހައިޖާނެއްގެ ތެރެއިން އަހަރު ނިމިގެންދާއިރު ކިޔަވައިދިނުމުގެ ފެންވަރަކީ ކޮބައިތޯއެވެ؟ ބައެއް ސްކޫލުތަކުގައި އަރަބި ޓީޗަރަކު ނުވަތަ ޤުރުޢާން ޓީޗަރަކު ނެތިގެން މުޅި ޓާމް ނިމިގެން ދާއިރުވެސް އެކަމަށް ދާއިމީ ހައްލެއް ނުހޯދެއެވެ. ކުދިންގެ އަސާސީ އުނގެނުމުގެ ފެންވަރު ދަށަށް ގޮސް، ލިބޭ ނަތީޖާ ދަށްވާއިރު، މުޅި ތައުލީމީ ނިޒާމު އޮތީ މުޅިން އޯވަރހޯލް ކޮށް، އަލުން ތަރުތީބުކުރަން ޖެހިފައެވެ.
ބައިނަލްއަގުވާމީ ދިރާސާތަކާއި ރާއްޖޭގެ ކުރު ބޮޑު ޗުއްޓީ
ދުނިޔޭގެ ތަރައްގީވެފައިވާ، ތައުލީމީ މިންގަނޑުތައް އެންމެ އުސްމިނުގައި އުޅޭ ގައުމުތަކަށް ބަލާއިރު، ސަމާ ހޮލިޑޭ ނުވަތަ އަހަރު ނިމޭ ބޮޑު ޗުއްޓީއަކީ ހަމައެކަނި ސްކޫލު ބަންދު ދުވަސްތަކެއް ނޫނެވެ. އެއީ މުޅި އަހަރުގެ މިފަދަ ބުރަ އިވެންޓްތަކާއި ސިކުނޑިއަށް ދެވޭ ފިއްތުންތަކުން ދަރިވަރުންނާއި، މުދައްރިސުން ނާއި، ބެލެނިވެރިން ސަލާމަތްވެ، ފުރިހަމަ އަރާމެއް ލިބި، އާއިލާތަކާއެކު ދިގު މުއްދަތަކަށް ޗުއްޓީ ދަތުރު ގޮސް، ސިކުނޑި ތާޒާކުރުމަށް ލިބޭ ވަރަށް މުހިއްމު ފުރުސަތެކެވެ. އެމެރިކާ އަދި ކެނެޑާ ފަދަ ގައުމުތަކުގައި އަހަރު ނިމޭ ބޮޑު ޗުއްޓީއަށް 10 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތެއް (ގާތްގަނޑަކަށް 3 މަސް ދުވަސް) ލިބެއެވެ.
ޗައިނާ، އިންޑިއާ އަދި ޝްރީ ލަންކާ ފަދަ ގައުމުތަކުގައި އަހަރު ނިމޭ ޗުއްޓީއަށް މަދުވެގެން 2 މަސް ދުވަސް ލިބޭ
އިޓަލީ، ސްޕެއިން އަދި ގްރީސް ފަދަ ޔޫރަޕުގެ ގައުމުތަކުގައި 12 ހަފްތާއަށް ބޮޑު ޗުއްޓީ ދެމިގެންދާއިރު، ފިންލޭންޑް އަދި އެސްޓޯނިއާ ފަދަ ތައުލީމީ ގޮތުން އެންމެ ކުރިއަރާފައިވާ ނޯޑިކް ގައުމުތަކުގައިވެސް ބޮޑު ޗުއްޓީއަށް ދެމަހަށްވުރެ ދިގު މުއްދަތެއް ލިބެއެވެ. އަދި އޭޝިއާގެ ގައުމުތަކަށް ބެލާއިރު: ޗައިނާ، އިންޑިއާ އަދި ޝްރީ ލަންކާ ފަދަ ގައުމުތަކުގައިވެސް އަހަރު ނިމޭ ޗުއްޓީއަށް މަދުވެގެން 2 މަސް ދުވަސް ލިބެއެވެ.
ނަމަވެސް، ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ޢާއްމުކޮށްފައިވާ 2026 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރަށް ބަލާލުމުން ފެންނަނީ މުޅިން ތަފާތު، ހައިރާންކުރުވަނިވި މަންޒަރެކެވެ. ދެވަނަ ޓާމް ނިމި ބޮޑު ޗުއްޓީއަށް ލިބެނީ 18 ޑިސެމްބަރުން ފެށިގެން 12 ޖަނަވަރީ އަށެވެ. މިއީ ހަފްތާގެ ބަންދު ދުވަސްތައް ހިމަނައިގެންވެސް ކިރިޔާ 3 ހަފްތާ، ނުވަތަ އެއް މަސް ދުވަސް ވެސް ހަމަނުވާ، ކުރު މުއްދަތެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ދަރިވަރުންގެ ސިކުނޑިތައް ތާޒާކުރަން މަދުވެގެން ދެމަސް، ނުވަތަ ތިން މަސް ދުވަހުގެ ބޮޑު ޗުއްޓީއެއް ދޭއިރު، ދިވެހި ކިޔަވާ ކުދިންނަށް ބޮޑު ޗުއްޓީގެ ނަމުގައި މި ދެނީ އެހެން ގައުމުތަކުގެ ކުރު ޓާމް ބްރޭކެއްގެ މިންވަރެވެ!
ބޭކާރު މިޑް-ޓާމް ބްރޭކްތަކުގެ ގެއްލުން
އެންމެ ބޮޑު ޖޯކަކީ، އަހަރު ތެރޭގައި ކިޔެވުން ދެބައިކޮށްފައި ދޭ މިޑް-ޓާމް ބްރޭކްތަކެވެ. އެޑިއުކޭޝަން މިނިސްޓްރީގެ 2026 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރަށް ބަލާއިރު، އަހަރުގެ މެދުތެރެއިން ލިބޭ ފުރަތަމަ ޓާމުގެ ޗުއްޓީއަށް، ހަފްތާ ބަންދު ދެ ދުވަސް ހިމަނައިގެން، 10 ވަރަކަށް ދުވަސް ލިބެއެވެ. އަދި ހަފްތާ ބަންދު ދެ ދުވަސް ހިމަނައިގެން، ދެވަނަ މިޑް-ޓާރމް-ބްރޭކަށް ވެސް 10 ވަރަކަށް ދުވަސް ލިބެއެވެ. މި ދެ މިޑް-ޓާމް ބްރޭކަށްވާ ޖުމްލަ 20 ވަރަކަށް ދުވަހަކީ، ދަރިވަރުންނަށާއި، މުދައްރިސުންނަށް، ނުވަތަ ބެލެނިވެރިންނަށްވެސް މާ ބޮޑު އިގުތިޞާދީ، އިޖުތިމާއީ ނުވަތަ ނަފްސާނީ ފައިދާއެއް ހޯދޭ ވަރަށް ވުރެ މާ ކުރު މުއްދަތެކެވެ. ކިރިޔާ ފޮތްތައް މޭޒުމަތީގައި ބަހައްޓާފައި ހަމަޖެހިލާ އިރަށް ބްރޭކް ނިމި އަލުން ސްކޫލަށް ދާން ޖެހެއެވެ. ޓިކެޓް ނަގައިގެން ތަނަކަށް ގޮސް ހަމަޖެހިލެވޭ ވަރަށް ވުރެ ކުރެވެ. އޭގެ ބަދަލުގައި، އަމަލީ އަދި ބުއްދިވެރި ގޮތަކީ، މުޅި އަހަރަށް ބަހާލައިގެން ދޭ 20 ދުވަހުގެ އެ ކުރުކުރު، ބޭކާރު މިޑް-ޓާމް ބަންދުތައް މުޅިން އުވާލައި، އެ 20 ދުވަސް ނަގައި، އަހަރު ނިމޭ ބޮޑު ޗުއްޓީގެ މުއްދަތަށް އެއްކޮށްލުމެވެ. އެއިރުން، ދިވެހި ދަރިވަރުންނަށްވެސް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކެކޭ އެއްފަދައިން ދެމަސް ދުވަހުގެ ފުރިހަމަ ބޮޑު ޗުއްޓީއެއް ލިބިގެންދާނެއެވެ!
ގާނޫނީ މަރު-ތަޅު އެޅުވުމާއި ސިޔާސީ ކުޅިވަރު
މިފަދަ އަމަލީ، ފައިދާހުރި ބަދަލެއް ގެނައުމުގެ ބަދަލުގައި، ސިޔާސީ ފަރާތްތަކާއި ތައުލީމީ ދާއިރާގެ ޕްލޭނަރުންގެ މުޅި އަމާޒު ހުރީ ދިރާސީ އަހަރު ފަށާނެ މަހެއް ގާނޫނުގައި ލިޔެގެން ތަޅުއަޅުވާށެވެ. ޖެނުއަރީގައި ދިރާސީ އަހަރު ފަށަން ތައުލީމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަކުން، ނުވަތަ ކޮންމެ ސަރުކާރަކުން ބޭނުންވާ އިރަށް ކަލަންޑަރު ފުރޮޅާލުމަކުން، ދަރިވަރުންނާއި މައިން ބަފައިންގެ ނަފްސާނީ ދަތިތަކަށް، ނުވަތަ ބޮޑު ޗުއްޓީ ކުރުވުމުން އާއިލާތަކަށް ދިމާވާ ތަކުލީފުތަކަށް، ލިބޭނެ ހައްލެއް ނެތެވެ.
ކުދިން، މައިން ބަފައިން، އަދި މުދައްރިސުން ނަފްސާނީ ގޮތުން ބާންއައުޓް ވުން
އަނާރާ ނައީމް މަޖިލީހަށް ހުށަހެޅުއްވި ބިލުގައި މަދުވެގެން 195 ދުވަސް ކިޔަވައިދޭންޖެހޭނެ ކަމަށް ބުނާއިރު، އެ 195 ދުވަސް ތަރުތީބުކުރާނެ ގޮތުގެ ބުއްދިވެރި މިންގަނޑެއް އެކުލަވާލެވިފައެއް ނެތެވެ. ވެރިކަމަށް އަންނަ ކޮންމެ ބަޔަކު އަމިއްލަ ސިޔާސީ ބޭނުންތައް ފުއްދުމަށްޓަކައި ދިރާސީ އަހަރު ޖެނުއަރީއަށް ނުވަތަ އޮގަސްޓަށް ބަދަލުކުރުމުގެ ކުޅިވަރު ކުޅެމުންދާއިރު، ކުދިންގެ އުނގެނުމުގެ ދުނިޔެއަށް އަންނަ ތޫފާންތަކާއި، މައިން ބަފައިންނާއި މުދައްރިސުން ނަފްސާނީ ގޮތުން ބަލިކަށިވެގެން، ބާންއައުޓް ވެގެން ދާން ދޫކޮށްލާފައިވާ ދޫކޮށްލުމަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.
ނިންމުން: އޮފީސް މޭޒު "ދަށުން" ނިކުމެ ޙަޤީޤީ ދުނިޔެއަށް ބައްލަވާ!
އެޑިއުކޭޝަން މިނިސްޓަރާއި ޤާނޫނު ހައްދަވާ ބޭފުޅުން، އަދި ޙުދު ރައީސުލް ޖުމްހޫރިއްޔާ ވެސް، އޮފީސް މޭޒު "ދަށުން" ނިކުމެވަޑައިގެން ހަޤީޤީ ދުނިޔެއަށް ބައްލަވަން އެބަޖެހެއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންކުރާ އުސޫލުތަކާއި، ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ދިރާސާތަކަށް ލޮލާއި ކަންފަތް ބަންދުކޮށްގެން ތިއްބެވި ސިޔާސީ ބޭފުޅުންނަށް ދަންނަވާލަން އޮތީ: ދަރިވަރުންނަށް ބޭނުންވަނީ އަހަރަކު އެކި ފަހަރު މަތިން ދޭ ކުރު، ބޭކާރު މިޑް-ޓާމް ޗުއްޓީ ތަކެއް ނޫނެވެ. އަދި މުޅި އަހަރު ދުވަހު ސްކޫލްތަކުގައި ބާއްވާ އިވެންޓްތަކުގެ ތެރެއިން ބެލެނިވެރިންނާއި ކުދިން ގޭނުމެއް ވެސް ނޫނެވެ. އާއިލާތަކާއެކު އުފާވެރި ވަގުތު ހޭދަކޮށް، ރަށްރަށަށް ދަތުރުގޮސް، ސިކުނޑި ތާޒާކޮށްލެވޭނެ ފުރިހަމަ، ދިގު ބޮޑު ޗުއްޓީ އެކެވެ.
ތައުލީމީ ކަލަންޑަރު އެކުލަވާލައްވާ ބޭފުޅުންނާއި ސިޔާސީ ފަރާތްތަކުން، ފިނިކުރި އޮފީސްތަކުގެ މޭޒުތައް ކައިރީގައި ތިއްބަވައިގެން ތާވަލުތަކުގައި ގޮޅިޖައްސަވަމުން ގެންދެވުމުގެ ބަދަލުގައި، ޙަޤީޤީ ދުނިޔެއަށް ނިކުމެވަޑައިގެން ރައްޔިތުންނާއި، ބެލެނިވެރިންނާއި، އަދި ކިޔަވާ ކުދިންގެ ހަގީގީ އަޑު އެއްސެވުން މާ ބުއްދިވެރިއެވެ. ސްކޫލު ތަކުގެ ބޮޑު ޗުއްޓީ ދެމަހަށް ދިގުކޮށް، ދިވެހި ތައުލީމީ ނިޒާމަށް ހަމަނޭވާއެއް ލާނެ ފުރުސަތު ދެއްވާށެވެ.