ޝަހުސިއްޔަތު

"އަންނަން އޮތް އިންތިޚާބަކާމެދު އަހަރެން ނުވިސްނާނަން—އަހަރެން ވިސްނާނީ އަންނަން އޮތް ޖީލާމެދުގައި!"

ސިޔާސީ މަންފާ ނެގުން ދޫކޮށްލައްވައި، ގައުމަށް ދިގު މުއްދަތުގެ އިސްލާހީ ބަދަލުތަކެއް ގެންނެވުމަށް އިސްކަންދެއްވަމުން، އުމަރު ނަސީރު ދިވެހިރާއްޖެއާމެދު ގެންގުޅުއްވާ ތަސައްވުރު ބިނާކުރައްވަނީ ސާބިތު އެޖެންޑާއެއްގެ މައްޗަށެވެ. އޭނާ ހުށަހަޅުއްވަނީ އާއްމު ސިޔާސީ ޕާޓީތަކުގެ ސިޔާސަތުތަކާ ޙިލާފަށް، ހިތްވަރުގަދަ ބަދަލުތަކެކެވެ. އުމަރު އޭނާގެ ކެމްޕޭން ސިފަކުރައްވަނީ ގައުމުގެ ހިންގުން އަސާސީގޮތެއްގައި ރީސެޓްކުރުމުގެ މަސައްކަތެއްގެ ގޮތުގައެވެ.

"އަންނަން އޮތް އިންތިޚާބަކާމެދު އަހަރެން ނުވިސްނާނަން—އަހަރެން ވިސްނާނީ އަންނަން އޮތް ޖީލާމެދުގައި!"

2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޮތް ފުރުސަތާ ބެހޭގޮތުން ކެޔޮނިރު.ކޮމް އަށް ދެއްވި ބަސްދީގަތުމެއްގައި،

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހުށަހެޅުއްވި މެނިފެސްޓޯ އަކީ ދިވެހިރާއްޖޭގެ ހިންގުމާއި، ޤައުމީ ސަލާމަތާއި، އިގްތިސާދީ އޮނިގަނޑާއި، އަދި ގާނޫނީ ނިޒާމު އަސާސީގޮތެއްގައި އޯވަހޯލްކުރުމަށް (އަލުން ބިނާކުރުމަށް) ތައްޔާރުކުރެވިފައިވާ ފުޅާ، އަދި ދޫނުދޭ ފަދަ ބްލޫޕްރިންޓެކެވެ. ޒަމާނުއްސުރެ ރާއްޖޭގެ ސިޔާސީ ދާއިރާގައި އޮތް ނުރަނގަޅު އުސޫލުތަކާއި އާދަކާދަތައް ސިސްޓަމެޓިކްކޮށް ރޫޅާލައްވާނެ ކަމަށް ވިދާޅުވަމުން، އުމަރު ހުށަހެޅުއްވި މެނިފެސްޓޯއަކީ ސިޔާސީ ޕާޓީތަކުގެ ފިކުރާ ދުރުވެ، ވަރުގަދަ ގާނޫނު ތަންފީޒުކުރުންތަކާއި، ސަރަހައްދީ އިގްތިސާދީ ލާމަރުކަޒީކުރުމާއި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމާއި، އަދި ގައުމީ ސިޔާދަތު ވަރުގަދަކުރުމުގެ މައްޗަށް ބިނާވެފައިވާ މަތީ ފެންވަރުގެ އާ އުސޫލުތަކެކެވެ.

އިޝްތިހާރު

ސިޔާސީ ތިއޭޓަރާއި ދެ ޕާޓީގެ ނުފޫޒުން ވަކިވުން

އައިޑީޕީ، ޑީއާރުޕީ، ޕީޕީއެމް، އަދި ޖޭޕީ ފަދަ ޕާޓީތަކުގައި އާންމު ޚިދުމަތުގައި ވިއްސަކަށް އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވުމަށްފަހު، އުމަރު ނަސީރު އޭނާގެ ސިޔާސީ ދަތުރު ސިފަކުރައްވަނީ އެތެރޭގެ އެއްބަސްވުންތަކަށް (ކޮމްޕްރޮމައިޒްތަކަށް) އަބަދުވެސް ދެކޮޅުހެއްދެވި މިނިވަން ޚިޔާލުގެ (މެވްރިކް) ބޭފުޅެއްގެ ގޮތުގައެވެ. "ނުރަނގަޅު ކަންކަމާ އަޅުގަނޑު އަބަދުވެސް ދެކޮޅުހަދާތީ، ޑީއާރުޕީ އާއި ޕީޕީއެމް—މި ދެ ޕާޓީންވެސް އަޅުގަނޑު ވަކިކުރި،" ނަސީރު ވިދާޅުވިއެވެ. "މީގެ އެންމެ ބޮޑު މިސާލަކީ 2012 ގައި އަދީބު ޓޫރިޒަމް މިނިސްޓަރަކަށް އައްޔަންކުރުމާ އަޅުގަނޑު ދެކޮޅުހެދުން. ޕީޕީއެމްގެ ލީޑަރޝިޕް ބައްދަލުވުމެއްގައި ރައީސް ޔާމީނާއި އަހަރެންނާ ދެމެދު ހޫނު ބަހުސެއް ހިނގި. ތިން އަހަރު ފަހުން، އަހަރެން ބުނި ބަސް ރަނގަޅުކަން ސާބިތުވި. އަހަރެންނަކީ މެވްރިކެއް. އަހަރެން ކޮންމެ މަޤާމެއްގައި ހުރިނަމަވެސް، އަބަދުވެސް އަހަރެންގެ އަމިއްލަ ގަބޫލުކުރުންތަކާއި އުސޫލުތަކުގައި ހިފެހެއްޓިން." އުމަރު ވިދާޅުވިއެވެ.

އެންމެންގެ އިއްތިފާގު ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި، އުމަރު އަމިއްލައަށް އޭނާ ސިފަކުރައްވަނީ ތާރީޚީ ޝަޚުސިއްޔަތުން ކަމަށްވާ ދިވެހިރާއްޖޭގެ ކުރީގެ ޒައީމުން ކަމަށްވާ އިބްރާހީމް ނާސިރު، މުހައްމަދު ތަކުރުފާނު، އަދި ދޮންބަންޑާރައިންގެ އިތުރުން ދުނިޔޭގެ ލީޑަރުން ކަމަށްވާ މަހާތުމާ ގާންދީ، އަބްރަހަމް ލިންކަން، ނެލްސަން މަންޑޭލާ އަދި ލީ ކުއާން ޔޫ ފަދަ އިއްތިގާދުގެ މައްޗަށް ސާބިތުވެވަޑައިގަންނަވާ ލީޑަރެއްގެ ގޮތުގައެވެ. "ދެ ބާވަތެއްގެ ލީޑަރުން ތިބޭ: ފިޔަވަޅެއް އަޅަން އުޅުމުގެ ކުރިން އެންމެންގެ އިއްތިފާގު ހޯދާ މީހުންނާއި، އަދި ފުން އިއްތިގާދަކާއެކު ފިޔަވަޅު އަޅާ މީހުން. އަޅުގަނޑު ނިސްބަތްވަނީ ފަހުން މިބުނި ބަޔަށް،" އޭނާ ފާހަގަކުރެއްވިއެވެ. ދުނިޔެ ބަދަލު ކުރެއްވި، ނުވަތަ އެލީޑަރެއްގެ ގައުމު ރަނގަޅުގޮތުގައި ބަދަލުކޮށްދެއްވި ގިނަ ލީޑަރުންނަކީ އިއްތިގާދީ ލީޑަރުން ކަމަށާއި، ރައީސް އިބްރާހީމް ނާސިރަކީ ޝައްކެއްވެސްނެތްގޮތުގައި އެފަދަ ލީޑަރެއް ކަމަށް އުމަރު ވިދާޅުވިއެވެ.

މިޒަމާނުގެ ޕާޓީ ސިޔާސަތަކީ އަމިއްލަ އެދުމާއި ކޮރަޕްޝަނުން ފުރިގެންވާ ތިއޭޓަރެއްގެ ގޮތުގައި ސިފަކުރައްވަމުން އޭނާ ވިދާޅުވީ: ކޮންމެ ތަނެއްގައިވެސް ސިޔާސީ ނިންމުންތަކަށް ފައިސާގެ ނުފޫޒު ފޯރާ ކަމަށާއި ބޭރުގެ ފަންޑިންގެ ސަބަބުން ދިވެހި ރާއްޖޭގެ ސިޔާދަތު ގެއްލޭއިރު، ބައެއް ރައްޔިތުންގެ ވަނީ އިންތިޚާބު ދުވަސްވަރު ސިޔާސީ މީހުން ދޭ "ސަދަގާތް" ތަކުގައި ހިފުމަށް އާދަވެފައި ކަމަށެވެ. އުމަރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީތައް ވަނީ ކޮރަޕްޝަން ހިންގާ ބޮޑެތި މެޝިންތަކަކަށް ބަދަލުވެފައި ކަމަށާއި ދިމުގުރާތީ ނިޒާމު ވަނީ ވައްކަންކުރާ ނިޒާމަކަށް ބަދަލުވެފައި ކަމަށެވެ.  ބަދަލުވެފައި

މިހާރު މިއޮތް ކޮރަޕްޓް ސިޔާސީ ނިޒާމު ރޫޅާލުމަށް އުމަރުގެ އިސްތިރާތީޖީ ބިނާވެފައިވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ހުއްޓާލުމާއި، އިންތިޚާބީ އިދާރާތަކުން ބަލަހައްޓާ މަރުކަޒީ ދަފްތަރުތައް އުވާލުމާއި، އަދި މަދު ރައްޔިތުން ކޮޅަކަށް ވެސް ސިޔާސީ ޖަމާއަތެއް އުފެއްދުމުގެ ފުރުސަތު ދިނުމުގެ މައްޗަށެވެ. އުމަރުގެ އަމާޒަކީ ސިޔާސީ މަގާމުތަކަކީ މާލީގޮތުން ނަފާނުލިބޭ ތަންތަން ކަމުގައި ހަދައި، އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރަން ބޭނުންވާ މީހުން އެކަނި ކުރިމަތިލާ މަޤާމްތަކަކަށް ހެދުމެވެ.

"ކުޑަ ގައުމެއް" ގެ ފިކުރު ގަބޫލުނުކުރުން

ރާއްޖެއަކީ ވަސީލަތްތައް މަދު ކުޑަ ގައުމެއްގެ ގޮތުގައި ބަލާ ބެލުމާ އުމަރު ވަނީ ހަރުކަށިކޮށް ދެކޮޅުހައްދަވާފައެވެ. އޭނާ ވިދާޅުވީ ޖިއޮގްރާފީ ގޮތުން ބަލާ ބޮޑުމިނަކީ ގައުމު ތަރައްޤީނުވެ އޮތުމަށް ދައްކާ ބަހަނާއަކަށް ވެގެންނުވާނެ ކަމަށެވެ. އުމަރު ވިދާޅުވީ "ކުޑަ ގައުމެއް" ގެ ފިކުރަކީ ނުކުޅެދުންތެރިކަން ފޮރުވުމަށް ދައްކާ ބަހަނާއެއް ކަމަށާއި މި ގައުމު ފަސްޓް ވަރލްޑް ގައުމަކަށް ބަދަލުކުރުމަށް ބޭނުންވާވަރަށްވުރެ އިތުރަށް ވެސް މިޤައުމުގައި އިގްތިސާދީ ވަސީލަތްތައް އެބަހުރި ކަމަށެވެ.

"އަހަރެމެން މިތިބީ ދުނިޔޭގެ ވިޔަފާރި މަގުތަކުގެ މައި އިންޖީނުގެ (ހައިވޭގެ) މަތީގައި، ދުނިޔޭގެ އެންމެ ރީތި ރަށްތައް އަހަރެމެން އަތުގައި އެބަހުރި، އަދި މުއްސަނދި ކަނޑަކުން މިޤައުމު ވަނީ ވަށައިލެވިފައި. އެ ހިސާބަށް ދިއުމަށް އަހަރެމެންނަށް ބޭނުންވަނީ ތަސައްވުރެއް އޮތް ލީޑަރެއް، ތައުލީމީ އަދި ގާބިލު އާބާދީއެއް، އަދި ހަމަޖެހޭ ސިޔާސީ މާހައުލެއް."

ދައުލަތް ހިންގުމާ ބެހޭގޮތުން އުމަރުގެ އަސާސީ ފަލްސަފާއަކީ ދައުލަތުގެ ނުފޫޒު ކުޑަކުރުމެވެ: ސަރުކާރުން ރައްޔިތުންގެ އަމިއްލަ ދިރިއުޅުމުގެ ތެރެއިން ދުރަށް ޖެހިލުމުން، ފަރުދުންނާއި، އާއިލާތަކާއި، އަދި މުޖުތަމައު ތަބީއީގޮތުން އެ މުހިންމު ދައުރުތައް އަދާކުރަން ކުރިއަށްނުކުންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

މާލީ ދަތިކަން ކުޑަކުރުމާއި އާންމު ޚިދުމަތްތައް އިސްލާހުކުރުން

އުމަރު ނަސީރުގެ ވެރިކަމެއްގައި ޤައުމުގެ އެތެރޭގެ އިދާރީ އިސްތިރާތީޖީގެ މައިގަނޑު އަސާސަކަށް ވާނީ ދައުލަތުގެ ޚަރަދުތައް %30 ކުޑަކުރުމުގެ ހިތްވަރުގަދަ ޕްލޭނެކެވެ. "އަހަރެން އަބަދުވެސް ވަކާލާތުކުރަނީ ކުޑަ ސަރުކާރަކަށް،" ނަސީރު ފާހަގަކުރެއްވިއެވެ. "އަހަރެމެންގެ ހިންގުމުގެ ނިޒާމަށް ބޮޑު އިސްލާހެއް ބޭނުންވޭ؛ މިހާރުގެ އޮނިގަނޑު އޮތީ މާ ބޮޑަށް ބުރަހެލިވެފައި. އިތުރަށް ފައިސާ ނުއުފައްދައި އެއްވެސް ޓެކްސް ނިޒާމަކަށް މި ޚަރަދުތަކެއް ނުކުރެވޭނެ. އަޅުގަނޑުގެ ސަރުކާރެއްގެ ޚަރަދުތައް %30 ކުޑަކުރާނަން. މި އަމާޒަށް ވާސިލްވުމަށްޓަކައި، ބައެއް މުއައްސަސާތައް އުވާލައި، އެހެން ބައެއް މުއައްސަސާތައް އެއްކޮށްލައި، ބޭނުންނުވާ މަސްއޫލިއްޔަތުތައް ކުޑަކޮށް، އަދި މުއައްސަސާތަކުގެ މުވައްޒަފުންގެ އަދަދު މަދު ކުރާނަން. ދައުލަތުގެ ބައެއް ކުންފުނިތައް އުވާލެވޭނެ، އަދި އެހެން ބައެއް ކުންފުނިތައް އަމިއްލަ ފަރާތްތަކަށް ވިއްކާލެވޭނެ، އަދި ބާކީ ހުރި ކުންފުނިތައް އިސްލާހުކުރެވޭނެ."

އިޖުތިމާއީ އެހީތައް (ސަބްސިޑީތައް) ދެވޭނީ ހަގީގަތުގައިވެސް އެހީއަށް ބޭނުންވާ މީހުންނަށް

އުމަރު ނަސީރު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި އިޖުތިމާއީ އެހީތައް (ސަބްސިޑީތައް) ދެވޭނީ ހަމައެކަނި ހަގީގަތުގައިވެސް އެހީއަށް ބޭނުންވާ މީހުންނަށެވެ. އަދި، މަހަކު 75,000 ރުފިޔާ އަށް ވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ފަދަ ދައުލަތުގެ ހިލޭ މެޑިކަލް ޚިދުމަތްތަކެއް ނުލިބޭ ގޮތަށް ހައްދަވައި ސިއްހީ އިންޝުއަރެންސަސް ދައުލަތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަ ކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. "މި ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަކީ އާންމުންގެ މަގުބޫލުކަން ނުލިބޭ ފިޔަވަޅުތަކަކަށް ވެދާނެ، ނަމަވެސް އަޅުގަނޑު ނުވިސްނާނަން އަންނަން އޮތް އިންތިޚާބަކާމެދު — އަޅުގަނޑު ވިސްނާނީ އަންނަން އޮތް ޖީލާމެދުގައި".

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް، ދައުރު ނިމުމަށްފަހު، ލިބޭ އެންމެހައި އިނާޔަތްތައް މުޅިން ނައްތާލެއްވުމަކީ ވެސް އުމަރުގެ ސިޔާސަތެކެވެ. ކުރީގެ ރައީސުންނަށް އަސާސީ ޕެންޝަނަކާއި ސެކިއުރިޓީ ދޭންޖެހުނު ކަމުގައިވިޔަސް، އެބޭފުޅުންނަށް މެޑިކަލް އިންޝުއަރެންސް ނުވަތަ ޑިޕްލޮމެޓިކް އިމްތިޔާޒުތައް ނުލިބޭގޮތަށް ހައްދަވާނެ ކަމަށާއި، ކުރީގެ މަޖިލިސް މެމްބަރުންނާއިމިހާރުގެ މަޖިލިސް މެމްބަރުންގެ މެޑިކަލް އިންޝުއަރެންސް އަދި ޑިޕްލޮމެޓިކް އިނާޔަތްތައް މުޅިން ނައްތާލައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އަތޮޅުތައް ހިންގަން ގަވަރުނަރުން

އޭނާގެ ވެރިކަމެއްގައި، ލޯކަލް ކައުންސިލްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށާއި، އެގޮތުން މާލެ ސިޓީ ކައުންސިލް ރަސްމީކޮށް އުވާލައި، އެ ކައުންސިލްގެ މަސްއޫލިއްޔަތުތައް ސީދާ ސަރުކާރަށް ބަދަލުކުރައްވައި، ހިންގުން ހަރުދަނާކުރުމަށްޓަކައި  ވަކި ފަސް މުނިސިޕަލިޓީއަކަށް (މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، އަދި ތިލަފުށި) ބަހާލައި، ސަރުކާރުން އައްޔަންކުރާ، ކޯޕަރޭޓް ފެންވަރުގެ ސީއީއޯއިންގެ ދަށުން އެ މުނިސިޕަލިޓީތައް ހިންގާ ގޮތަށް ހައްދަވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. ދައުލަތުގެ މާލީ ބުރަކަން ކުޑަކުރުމުގެ ގޮތުން އަތޮޅުތަކުގައި، އިންތިޚާބުކުރެވޭ ރަށު ކައުންސިލަރުންގެ މަގާމު ޕާޓް-ޓައިމް މަގާމުތަކަކަށް ބަދަލުކޮށް، ކައުންސިލްތައް ދުވަހުން ދުވަހަށް ހިންގުމުގެ ޒިއްމާ، ޑިގްރީ ފެންވަރުގެ، ސަރުކާރުގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ހުރި، އަދި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެފައި ނުވާ ފުލް-ޓައިމް ގަވަރުނަރަކާ ހަވާލުކުރުމަކީ އުމަރުގެ ސިޔާސަތެކެވެ.

މަޖުލިސްގެ ސައިޒް 50 އަސް ކުޑަ ކޮށް ރީކޯލް ވޯތް ތައާރަފް ކުރުން

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައިއޮތް ކޮރަޕްޝަން ނައްތާލުމުގެ ގޮތުން، އުމަރު ނަސީރު ވަކާލާތުކުރައްވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު 50 މެމްބަރުންނަށް މަދު ކުރުމަށާއި، މެމްބަރުންގެ މުސާރަ ސުކޫލެއްގެ ޕްރިންސިޕަލެއްގެ މުސާރައާ އެއްވަރުކުރުމަށެވެ. އުމަރުގެ ވެރިކަމެއްގައި، މަޖުލިސް މެމްބަރުންނަށް އަމާޒުކޮށް، "އެދުން މަނާ، ދިނުން މަނާ ގާނޫނު" ގެ ނަމުގައި ހަރުކަށި ގާނޫނެއް ތައާރަފް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އެފަދަ ޤާނޫނެއްގެ ދަށުން، ކްލަބްތައް، ޖަމިއްޔާތައް، އަދި ވިޔަފާރިތަކުން މަޖިލިސް މެމްބަރެއްގެ ކިބައިން އެހީއަށް ނުވަތަ ފައިސާއަށް އެދުން މަނާ ވާނެ ކަމަށާއި، އަދި މެމްބަރުންވެސް  ނުހައްޤުން ފައިސާ ދިނުން ނުވަތަ ހޯދުން މި ގާނޫނުގެ ދަށުން މަނާކުރާ ވާނެއެވެ. އަމިއްލަ އިއްތިގާދަށް ވޯޓުދިނުމުގެ ފުރުސަތު ދެމެހެއްޓުމަށްޓަކައި، ސިޔާސީ ޕާޓީތަކުގެ ވިޕްލައިންތައް ޤާނޫނީ ގޮތުން މަނާ ކޮށް، ކޮރަޕްޓް މެމްބަރުން ދައުރު ނިމުމުގެ ކުރިން މަގާމުން ވަކިކުރެވޭނެ "ރީކޯލް ވޯޓު" ނިޒާމެއް ތައާރަފްކުރެއްވުމަކީ އުމަރުގެ ސިޔާސަތެކެވެ. ހަރަދު ކުޑަ ކުރުމުގެ މައުލޫގައި އުމަރު އިތުރަށް ވިދާޅުވީ، މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު އެއްކޮށްލުމުން ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ ސަލާމަތްކުރެވި، ރައްޔިތުން 5 އަހަރުގެ މުއްދަތަކަށް ސިޔާސީ ހަރަކާތްތަކުން ދުރުވުމަށް އެހީތެރިވެދޭނެ ކަމަށެވެ.

އެސްޓީއޯއިން އާންމު މުދަލުގެ ވިޔަފާރިކުރުން ހުއްޓާލައި މިފްކޯ އަމިއްލަ ކޮށް އެޗްޑީސީ އިސްލާހު ކުރުން

ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައިވާ ސިސްޓަމެޓިކް ކޮރަޕްޝަން ނައްތާލުމަށްޓަކައި، އުމަރުގެ ވެރިކަމެއްގައި ފެނަކަ އުވާލައި، އެކުންފުނީގެ އިންޖީނުގެތަކާއި، ނަރުދަމާ ނިޒާމުތަކާއި، ފެނުގެ ވިއުގަތައް، ސްޓެލްކޯގެ ފަންނީ އެހީތެރިކަމާއެކު، ރަށު ކައުންސިލްތަކާ ހަވާލުކޮށް، މުނިސިޕަލް ޚިދުމަތްތަކުގެ ދަށަށް ވެމްކޯ ބަދަލުކޮށް، އެޗްޑީސީ އަކީ ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ހުޅުމާލެ ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނަމަށް އެމުއައްސަސާ ބަދަލުކުރައްވައި، މިފްކޯ ޕްރައިވެޓައިޒް ކޮށް، އެސްޓީއޯއިން އާންމު މުދަލުގެ ވިޔަފާރިކުރުން ހުއްޓާލުމަކީ އުމަރުގެ ސިޔާސަތެކެއެވެ.

ބޭރުގެ ސިފައިން ފޮނުވާލުމާއި ޖިއޯޕޮލިޓިކަލް ހަމަހަމަކަން ދެމެހެއްޓުން

ޚާރިޖީ ސިޔާސަތާއި ގައުމީ ސެކިއުރިޓީއާ ބެހޭގޮތުން، ނަސީރު ހުންނެވީ ދިވެހިރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން ތިބުމާ ދެކޮޅަށް ސާބިތުކޮށެވެ. އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތަކަކީ ތާރީހީ، އަދި ފުން ގުޅުންތަކެއް ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އިގްތިސާދީ އަދި ސެކިއުރިޓީ އެއްބާރުލުން އިތުރުކޮށް، ކަނޑުގެ ސަރަހައްދުން ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް އިންޑިއާގެ ސެކިއުރިޓީ ކަންބޮޑުވުންތަކަށް ދިވެހި ރާއްޖެއިން ވެސް އިހުތިރާމްކޮށް އެކަންކަމަށް ޖާގަދޭންޖެހޭ ކަމަށް އުމަރު އެއްބަސްވެވަޑައިގަންނަވައެވެ. ނަމަވެސް، މިކަންކަން ކުރުމަށްޓަކައި، އިންޑިއާގެ ނުވަތަ ބޭރުގެ ސިފައިން މިޤައުމުގައި ތިބެން ނުޖެހޭކަމަށާއި، މިއީ އަޅުގަނޑުމެން ސާބިތުކޮށް ގާއިމުކުރަންޖެހޭ ރެޑް ލައިނެއް ކަމަށް އުމަރު ވިދާޅުވިއެވެ.

ދުނިޔޭގެ ޑިޕްލޮމަސީއާ ބެހޭގޮތުން އޭނާ އިތުރަށް ވިދާޅުވިއެވެ: "އަޅުގަނޑުމެން އިންޑިއާ އަދި ޗައިނާއާއެކުވެސް ވަރުގަދަ ގުޅުމެއް ބާއްވަންޖެހޭ. އެއީ އަޅުގަނޑުމެންގެ ބާރުގަދަ އަވަށްޓެރިން.

ޗާގޯސް ނުވަތަ ފޯޅޮވައްސަކީ ދިވެހިރާއްޖޭގެ ބައެއް

ބައިނަލްއަގްވާމީ މަސްރަހުގައި، އުމަރު ނަސީރު ސާބިތުކަމާއެކު ވިދާޅުވަނީ ޗާގޯސް ޖަޒީރާތަކަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ އުނިނުކުރެވޭނެ ބައެއް ކަމަށެވެ. އުމަރުގެ ސިޔާސަތު މިކަމުގައި ބިނާވެފައިވަނީ، ފޯޅޮވަހީގެ ރަށްތަކުގެ ސިޔާދަތީ ބާރު އަނބުރާ ހޯދުމަކީ ދިވެހި ޤައުމުގެ އިސްތިރާތީޖީ ކަނޑުގެ ވަސީލަތްތަކާއި ކަނޑުގެ އިންތައް ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. މިއަމާޒަށް ވާސިލުވުމަށްޓަކައި، ބައިނަލްއަގްވާމީ ގާނޫނީ އިދާރާތަކާއި، މަލްޓިލޭޓަރަލް ފޯރަމްތަކާއި، އަދި ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުންކޮށްގެން ސުލްހަވެރި ހައްލެއް ހޯދުމަށް އޭނާ ވައުދުވެވަޑައިގަންނަވައެވެ.

އިސްލާމީ ހިންގުމާއި، އުސޫލުތައް

 އިސްލާމީ ޝަރީއަތާއި އާންމު ހިންގުމަށް އޭނާ ގެންގުޅުއްވާ ވިސްނުން ތަފްސީލުކޮށްދެއްވަމުން އުމަރު ނަސީރު ވިދާޅުވީ: "އިސްލާމްދީނަކީ ދިރިއުޅުމުގެ ނިޒާމެއް، ހިންގުމުގެ ނިޒާމެއް، އަދި އިންސާފަށް ވާސިލުވުމުގެ މަގެއް. ޤައުމެއް ހިންގުމަށްޓަކައި އިސްލާމްދީން ބަޔާންކުރާ އުސޫލުތައް އަޅުގަނޑުގެ ރިޔާސަތެއްގައި ބަލައިގަނެ، ގާނޫނީ އޮނިގަނޑުގެ ތެރެއަށް ފައްތައި، ތަންފީޒުކުރެވޭނެ. ފެށުމެއްގެ ގޮތުން، ލީޑަރުންގެ ތެދުވެރިކަމާއި، ކޮރަޕްޝަނުން ދުރުހެލިވުމާއި، ހަމަހަމަ ފުރުސަތުތަކާއި، އަދި އެންމެންނަށް އިންސާފު ލިބުމަކީ ކާއިނާތީ (އުނިވުމެއްނެތް) އުސޫލުތަކެއް."

ބައިނަލްއަގްވާމީ ނުފޫޒުތަކާއި ސަގާފީ އަދި ދީނީ މިނިވަންކަމާ ބެހޭގޮތުން އޭނާ އޮޅުންފިލުވައިދެއްވިއެވެ: "ހުރިހާ ޤައުމެއް ރުއްސާކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަން. އަޅުގަނޑުމެންގެ އުސޫލުތަކާއި، އާދަކާދަތަކާއި އަދި ސަގާފަތް އެހެން ގައުމުތަކާ ތަފާތުވެދާނެ. އެއްވެސް ގައުމަކުން އެމީހުންގެ އާދަކާދަތަކަށް ތަބާވުމަށް އަޅުގަނޑުމެންގެ ކިބައިން އެދިގެންނުވާނެ. ނަމަވެސް، ގައުމުގެ އެތެރޭގެ، ރައްޔިތުންގެ ޚިޔާލުތަފާތުވުންތައް ރަނގަޅަށް ބެލެހެއްޓޭނެ. އާންމު ރައްޔިތުންގެ ޚިޔާލާ މާ ދުރަކަށް އަޅުގަނޑު ނުދާނަން. އަޅުގަނޑު ވާނީ އަމަލީ (ޕްރެގްމެޓިކް) މީހަކަށް. ނަމަވެސް އެންމެން ރުއްސާކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަން. އަޅުގަނޑު ކުރާނީ ދިގު މުއްދަތުގައި ގައުމަށް އެންމެ ފައިދާހުރި ކަންތައް. އާންމުންގެ ދިރިއުޅުމަށް ސީދާ އަސަރުކުރާ ކޮންމެ ކަމެއް ތަންފީޒުކުރެވޭނީ ފުންކޮށް ވިސްނުމަށްފަހު."

ފުރިހަމައަށް ގާނޫނު ތަންފީޒުކޮށް، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން

އުމަރު ނަސީރު ވަނީ ރޭވިގެން ހިންގާ ޖަރީމާތަކާއި، ގޭންގު ވިއުގަތަކާއި، އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ދޫނުދޭ ފިޔަވަޅުތަކެއް ހުށަހަޅުއްވާފައެވެ. މަސްތުވާ ތަކެއްޗާ ދެކޮޅަށް މިހާރު އޮތް ނިޒާމްގެ ނުކުޅެދުންތެރިކަމަށް އިޝާރާތްކުރައްވަމުން އުމަރު ފާހަގަކުރެއްވިގޮތުގައި ގޭންގުތައް ވަނީ ސިޔާސީ ކަންކަމުގެ ތެރެއަށާއި ވިޔަފާރީގެ ތެރެއަށް ވަދެ، ކުދި ވިޔަފާރިތައް މެދުވެރިކޮށް އެމީހުންގެ ޣައިރުގާނޫނީ ފައިސާ ލޯންޑަރ ކުރަން ފަށާފައެވެ. ސިޔާސީ ކެމްޕޭންތަކަށް ގޭންގްތަކުން ފަންޑުކުރުމުގެ ބަދަލެއްގެ ގޮތުން، ސިޔާސީ ބައެއް މީހުން ގޭންގްސްޓާރުންނަށް ރައްކާތެރިކަން ހޯދައިދޭ ކަމަށް އުމަރު ވިދާޅުވިއެވެ. "މަސްތުވާތަކެއްޗަކީ އެމީހުންގެ މައިގަނޑު އާމްދަނީ، މިއީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި %500 އިތުރުވެފައިވާ ކަމެއް. ގޭންގުތަކުގެ ވާދަވެރިކަން މިހާރު ބަލަހައްޓަނީ ކޯޓުތަކާއި ވަކީލުންނާ ގުޅިގެން މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ މިނިސްޓަރުން. މަސްތުވާތަކެތި ބޭނުންކުރުމާއި، ސްކޭމް ކުރުމާއި ރަހީނުކުރުން ދަނީ އިތުރުވަމުން،" އޭނާ ވިދާޅުވިއެވެ.

 މަސްތުވާތަކެތި އުފުލާ ބޯޓުތައް ފުން ކަނޑަށް ފައްތާލުމާއި މަރުގެ އަދަބު

އުމަރު ވިދާޅުވާ ގޮތުގައި އޭނާގެ ލީޑަރޝިޕްގެ ދަށުން، ގޭންގު މެމްބަރުންނަށް މޮނިކޮން އިލެކްޓްރޯނިކް ޓެގް އަލުން ތައާރަފްކުރެވޭނެއެވެ. އަދި އުސޫލުތަކާ ޚިލާފުވާ މީހުންނަށް 18 މަސްދުވަހުގެ ޖަލު ހުކުމެއް، އަދި ގޭންގު ލީޑަރުންނަށް 15 އަހަރާ ހަމައަށް ޖަލު ހުކުމް ދެވޭނެއެވެ.

އޭނާގެ ފުރަތަމަ ރިޔާސީ އަމުރުން، ގޭންގު ލީޑަރުންނާއި ބޮޑެތި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ގައުމުން ފިލައިގެން ދިއުން ހުއްޓުވުމަށް، އެމީހުންގެ ޕާސްޕޯޓްތައް ވަގުތުން ފްރީޒްކުރެވޭނެ ކަމަށާއި، ބޮޑެތި އަދަދުތަކުން މަސްތުވާތަކެއްޗާއެކު އަތުލައިގަނެވޭ ޓްރެފިކަރުންނަށް މަރުގެ އަދަބު ދީ، މަސްތުވާތަކެތި އުފުލާ ބޯޓުތައް ފުން ކަނޑަށް ފައްތާލެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

 މަރުގެ އަދަބާއި ހުޅަނގުގެ ގާނޫނުތަކުގެ ބާރުނެތްކަން

މީހުން މަރާ މީހުންނާއި ބޮޑެތި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭގޮތުން އޭނާ ވިދާޅުވިއެވެ: "އަޅުގަނޑު މީގެ ވިހި އަހަރު ކުރިން ފެށިގެން މިއަންނަނީ މިކަންކަމަށް ވަކާލާތުކުރަމުން. ވެރިކަމުގެ ޒިއްމާ ދިވެހި ރައްޔިތުން އަޅުގަނޑާ ހަވާލުކޮށްފިނަމަ އަޅުގަނޑު ދެކޭނީ އެއީ މިކަންކަން ތަންފީޒު ކުރުމަށް ދިވެހި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބޭ ސާފު މެންޑޭޓެއް ކަމަށް. އަޅުގަނޑު އެހެން އެއްވެސް ޤައުމެއްގެ އިތުރު ހުއްދައެއް ބޭނުމެއްނުވާނެ. އަޅުގަނޑުމެން ފަދަ ކުދި ގައުމުތަކަށް މިކަންކަމުގައި ނަސޭހަތްދޭ ހުޅަނގުގެ ގައުމުތަކުގެ އަޚްލާގީ ފެންވަރު ވަނީ ޣައްޒާގެ ނަސްލުނައްތާލުމަށްފަހު ގެއްލިފައި."

ދިވެހިރާއްޖޭގެ މިހާރުގެ ނުބައި މިސްރާބު ހަމައެކަނި ހުޅަނގުގެ ގާނޫނުތަކުން ރަނގަޅުނުކުރެވޭނެ

އުމަރު ނަސީރު ވިދާޅުވާ ގޮތުގައި އޭނާގެ ސިޔާސަތަކީ ކޮރަޕްޝަނާއި، މީހުން މެރުމާއި، އަދި މަސްތުވާ ތަކެތީގެ ވިޔަފާރީގެ މައްސަލަތައް ބެލުމަށް އިސްލާމީ ޝަރީއަތުގެ ވަކި އުސޫލުތަކެއް ޤާނޫނުގައި ހިމެނުމެވެ. އޭގެ ސަބަބެއް ކަމަށް އުމަރު ވިދާޅުވީ ދިވެހިރާއްޖޭގެ މިހާރުގެ ނުބައި މިސްރާބު ހަމައެކަނި ހުޅަނގުގެ ގާނޫނުތަކުން ރަނގަޅުނުކުރެވޭނެތީއެވެ.

މަސްތުވާ ތަކެތީގެ ފަރުވާގެ ނިޒާމު މުޅިން ބަދަލު ކޮށް، އައު އޮނިގަނޑެއް އެކުލަވާލައި، ފަރުވާދޭ މަރުކަޒުތައް ދައުލަތުގެ އެހީތެރިކަމާއެކު އަމިއްލަ އެންޖީއޯތަކަށް އައުޓްސޯސްކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ހާއްސަ މާހައުލަކާއި އެކި ޚާއްސަ "ރީހެބް-ރަށެއް" ޤާއިމް ކުރެއްވުމަކީ އުމަރުގެ ސިޔާސަތެކެވެ. އުމަރު ވިދާޅުވާ ގޮތުގައި، އޭނާގެ ވެރިކަމެއްގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަތުލައިގަންނަތާ 24 ގަޑިއިރުގެ ތެރޭގައި ފަރުވާ ފެށޭނެއެވެ. މިކަން ކުރެވޭނީ ކޯޓު މަރުހަލާ މުޅިން ދޫކޮށްލައި، ޑްރަގް ކޯޓު އުވާލުމަށްފަހު، ގެދޮރުނެތް ޑްރަގް އެޑިކްޓުން ވަގުތުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިގެން ކަމަސް އުމަރު ޤަބޫލު ކުރައްވައެވެ.

 ވަކި ފެންވަރަކުން މަތީގެ ފުލުހުންނަށް ފިސްތޯލަ ގެންގުޅެވޭނެ ސިޔާސަތެއް

ސެކިއުރިޓީ އޮޕަރޭޝަންތައް ވަރުގަދަކުރުމަށްޓަކައި، އުމަރުގެ ރިޔާސަތުގައި ވަކި ފެންވަރަކުން މަތީގެ ފުލުހުންނަށް ލުއި ހަތިޔާރުގެ ގޮތުގައި ހޭންޑްގަން (ފިސްތޯލަ) ގެންގުޅުމުގެ ހުއްދަ ދެވޭނެ ކަމަށާއި، މިއީ ހަތިޔާރުއެޅި ގޭންގުތަކުގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރުމަށް، އަދި އެކަމުގައި އުޅޭ ފުލުހުންގެ ސަލާމަތަށް މުހިއްމު ކަމެއް ކަމަށް އުމަރު ޤަބޫލު ކުރައްވައެވެ.  މީގެ އިތުރުން، ސެކިއުރިޓީ ދާއިރާގެ ހިންގުން އަވަސް ކޮށް، ވަރުގަދަ ކުރުމުގެ ގޮތުން، ފުލުހުންނާއި އެމްއެންޑީއެފް އަކީ ގުޅިގެން މަސައްކަތްކުރާ ބައިވެރިންގެ ގޮތުގައި ހަދައި، ޑްރަގް އާއި މީހުން މެރުމުގެ މައްސަލަ ތައް ފަދަ ބޮޑެތި މައްސަލަތަކުގައި،ގައި ތަންތަނަށް ވަދެ ފާސް ކޮށް، ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރު ކުރުމުގެ ބާރުތައް އެމް.އެން.ޑީ.އެފަށް ވެސް ދިނުމުގެ ގޮތުން ފުލުހުންނާއި އެމް.އެން.ޑީ.އެފް މަރުކަޒީ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަކުން ގުޅުލެއްވުމަކީ އުމަރުގެ ސިޔާސަތެކެވެ.

ބޯހިޔާވަހި ކަމާއި ފްލެޓް އެޅުން

އުމަރު ނަސީރު ފާހަގަކުރެއްވި ގޮތުގައި ހުރިހާ ސަރުކާރުތަކުން ވެސް ދެކެނީ ބޯހިޔާވަހިކަމުގެ މައްސަލަ އަށް އޮތް ހަމައެކަނި ހައްލަކީ ގެދޮރު ބިނާކުރުން ގިނަކުރުން ކަމަށެވެ. ބޯހިޔާވަހިކަމުގެ ނުކުޅެދުންތެރިކަމަކީ އިޖްތިމާއީ ބޮޑު މައްސަލަތަކެއްގެ އަލާމާތެއް ކަމަށާއި، ހަމައެކަނި ފްލެޓް އަޅައިގެން "ބޯހިޔާވަހިކަމުގެ މައްސަލަ" ހައްލު ނުވާނެ ކަމަށާއި، މިކަން ހައްލު ކުރެވޭނީ ޤައުމުގެ ހުރިހާ އަތޮޅަކަސް ވިސްނައި، ބޯހިޔާވަހިކަމުގެ މައްސަލަތައް އުފެދެން މެދުވެރިވާ އިޖްތިމާއި ފުން އަސާސީ ސަބުތައް ދެނެގެނެވިގެން ކަމަށް އުމަރު ވިދާޅުވިއެވެ.

އިގްތިސާދު ލާމަރުކަޒީ ކުރުން ނުވަތަ ސިންދަފާތުކުރުމާއި ޓްރާންސްޝިޕްމެނޓް ބަދަރު ފަދަ އުމްރާނީ ބޮޑެތި މަޝްރޫއުތައް

ސަރަހައްދީ އިގްތިސާދީ ކުރިއެރުމާ ބެހޭގޮތުން ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އިގްތިސާދު ސިންދަފާތުކުރުމެއް ނެތި، އަތޮޅުތަކާއި ލާމަރުކަޒީ ސަރަހައްދުތައް ކާމިޔާބުވުމަކީ ނާދިރު ކަމެއް ކަމަށެވެ. އަތޮޅުތަކަށް އާބާދީ ދަމާ ބާރަކީ ވަޒީފާތަކާއި ވިޔަފާރޣެ ފުރުސަތު ތަކާއި ތައުލީމާއި ސިއްހަތުފަދަ ހިދުމަތްތައް ކަމަށާއި، އެނެމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދު ތަކެއްގައި ވަރުގަދަ ލާމަރުކަޒީ (ސިންދާފަތު ކުރެވިފައިވާ) އިގްތިސޯދުތަކެއް ބިނާކުރުން ކަމަށް އުމަރު ވިދާޅުވިއެވެ.

"އަހަރުމެން ގާއިމުކުރަންޖެހެނީ ސިޔާސީ ވާދަވެރިކަމުން އިންވެސްޓަރުން ބިރުގަންނަވައިނުލާނެ، ހުރިހާ ސަރަހައްދުތަކެއް ޝަމިލްވާ ފަދަ ވަރުގަދަ އިގްތިސޯދީ އަދި ހިންގުމުގެ ނިޒާމެއް،" އުމަރު ވިދާޅުވިއެވެ.

އުމަރުގެ ސިޔާސީ އޮނިގަނޑުގައި ގައުމީ އިގްތިސާދު ބިނާކުރާނީ މައިގަނޑު ތިން ތަނބުގެ މައްޗަށް ކަމަށާއި، އެއީ: މުޅިން ޕްރައިވެޓައިޒް ކުރެވިފައިވާ ފަތުރުވެރިކަން، މުޅިން ޕްރައިވެޓައިޒް ކުރެވިފައިވާ މަސްވެރިކަން، އަދި ދައުލަތުން އިސްނަގައިގެން ހިންގާ މެރިޓައިމް މަޝްރޫއުތައް ކަމުގައި އޭނާ ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ އެންމެ އުތުރުގައި (އިހަވަންދިއްޕޮޅު) އަދި ދެކުނުގައި ދެ ޓްރާންސްޝިޕްމަންޓް ޕޯޓް ބިނާކުރުމަކީ އެންމެ އިސްކަންދެވޭނެ ދެ ކަން ކަމަށާއި، މީގެ ފުރަތަމަ ފޭސް އޭނާގެ ފުރަތަމަ ދައުރުގެ ތެރޭގައި ޓެކްސް ފައިސާ އާއި ލޯނު ފައިނޭންސް މެދުވެރިކޮށް ނިންމުމަކީ އުމަރުގެ ސިޔާސަތެކެވެ.

އައްޑޫ ސިޓީއަށް އިގްތޮސޯދީ ބާރުވެރިކަން

އައްޑޫ ސިޓީއަށް އުމަރުގެ ތަސައްވަރަކީ އައްޑު ގަން އެއާރޕޯރޓް ކައިރީގައި ފްރީ ޓްރޭޑް ފޯޓް ޒޯނެއް ހަދައި، ޒަމާނީ ބޮޑު 30 ގުދަން ހަދައި، ސަރަހައްދީ ޑިއުޓީ-ފްރީ ލޮޖިސްޓިކަލް ހަބެއް ޤާއިމް ކޮށް، މިފަދަ މަޝްރޫއަކަސް ބޭނުންވާ ފަދަ މަގުތަކެއް ނުވަތަ ދަތުރުފަތުރުގެ ވިއުގައެއް ޤާއިމް ކުރުމެވެ. މީގެ ސަބަބުން އައްޑޫގެ ރައްޔިތުން ސަރުކާރުތަކުގެ ކިބައިން ކުދިކުދި އެހީތެރިކަމަށް އެދުން ހުއްޓި، އިގްތިސޯދީ ބާރުވެރިކަން އައްޑޫ ސިޓީއަށް ލިބޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ހަލާލު ފަތުރުވެރިކަމުގެ ސިނާއަތެއް ބިނާ ކުރުން

ދިވެހިރާއްޖޭގައި ހަލާލު ފަތުރުވެރިކަން ކުރިއަރުވައި، ސަރަޙައްދީ ވާދަވެރިންނަށް ފުރުޞަތު ނުދިނުމަށްޓަކައި ޓެކްސް އިނާޔަތްތައް މެދުވެރިކޮށް އެ ދާއިރާއަށް ހިތްވަރުދިނުމަށް އުމަރު ނަސީރު އިސްކަންދެއްވައެވެ. ދުނިޔޭގެ ހަލާލު ފަތުރުވެރިކަމުގެ މާކެޓަކީ އަހަރަކު 300 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު މާކެޓަކަށްވެފައި، މެލޭޝިޔާއާއި އިންޑޯނޭޝިޔާ ފަދަ ޤައުމުތަކުން މި ދާއިރާގެ ބޮޑު ހިއްސާއެއް ހޯދަމުންދާއިރު، ދުނިޔޭގެ ލަގްޒަރީ ޓޫރިޒަމްގެ ލީޑަރެއްގެ ގޮތުގައި އޮވެމެ، ސައްތަ އިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށް މި މާކެޓުގެ އެއްވެސް މިންވަރެއް ނުހޯދޭ ކަމީ ލިބޭ ބޮޑުގެއްލުމެއް ކަމަށް އުމަރު ޤަބޫލު ކުރައްވައެވެ. އެހެންކަމުން، ހަލާލު ފަތުރުވެރިކަމަށް ޚާއްޞަ ރިސޯޓުތަކާއި ކޮންސެޕްޓްތައް ތަޢާރަފުކޮށް، ޚާއްޞަ ލުއިތަކެއްދީ، އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ހިންގާ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އެހީތެރިވެ ދީގެން ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކޮށް، ހަލާލު ޓޫރިޒަމްގައި، ދުނިޔޭގައި އޮތް 300 ބިލިއަން ޑޮލަރުގެ ސިނާއަތުން ރާއްޖެއާ އެކަށީގެންވާ ވަރުގެ ބޮޑު ހިއްސާއެއް ހޯދުމަކީ އުމަރުގެ ސިޔާސަތެކެވެ.

ބޭރުގެ އިންވެސްޓަރުންގެ އަތުން ސިޔާސީ ޕާޓީތަކުން ނަގަމުންދާ ރިޝްވަތު ނެގުން ހުއްޓުވުން

މީގެއިތުރުން، އަމިއްލަ އުފެއްދުންތެރިން ބާރުވެރިކުރުމުގެ ގޮތުން، ރިސޯޓުތަކުގައި ދިވެހި މަސައްކަތްތެރީންނަށް ހުރި ހުރަސްތައް ނައްތާލައި، ޚާއްޞަ ޓެކްސް ލުއިތަކެއް ދެއްވުމަށް އޭނާ ވައުދުވެވަޑައިގަންނަވައެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ނިޒާމީ ކޮރަޕްޝަން ނައްތާލުމާ ގުޅޭގޮތުން އޭނާ ވިދާޅުވިއެވެ: "މިއަދު ސިޔާސީ ޕާޓީތަކުން ދަނީ ބޭރުގެ އިންވެސްޓަރުންގެ ކިބައިން ރިޝްވަތު ނަގަމުން. ދިވެހި ނުވަތަ ބޭރުގެ އިންވެސްޓަރެއް ކަމުގައިވިޔަސް، ކޮންމެ ރިސޯޓެއްގެ ވެރިޔަކު ސަރުކާރުގެ އިސްވެރިންނަށް މޭޒުދަށުން 2 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ދޭންޖެހޭ—މިއީ ޕާޓީ ޑޮނޭޝަންގެ ނަމުގައި ނަގާ ފައިސާ. އަހަރެން މި ނޭދެވޭ އާދައަށް ނިމުމެއް ގެންނާނަން.'"

ޑިމޯގްރަފިކްސް: އާއިލާތަކުން ގިނަ ކުދިން ހޯދުމަށް ހިތްވަރުދިނުން

އުފަންވާ ނިސްބަތް ދަށްވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި، 2050 އާ ދާއިރު، ތަރައްގީވެފައިވާ ގައުމެއްގެ ފެންވަރަށް ދިވެހި ރާއްހެ ގެންދިއުމަށް ދިގު މުއްދަތުގެ އިގްތިސާދީ ރޭވުމެއް ރާވައި، އުމަރު ނަސީރުގެ ވެރިކަމެއްގައި ނޭޝަނަލް ޕޮޕިއުލޭޝަން ޕްލޭނިންގ އެޖެންސީއެއް މިކަމަށްޓަކައި ގާއިމުކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. މީގެ ބޭނުމަކީ އާއިލާތަކުން ގިނަ ކުދިން ހޯދުމަށް ހިތްވަރުދީ، ދިގު މުއްދަތުގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށް ބޭނުންވާ މަސައްކަތްތެރިންގެ އާބާދީއެއް ބިނާކުރުމެވެ.

ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުން ގަވާއިދާ ޚިލާފަށް ވިޔަފާރިވެރިންނަށް ބަދަލުވުން

ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލު ކުރުމުގައި އުމަރުގެ މައިގަނޑު އަމާޒަކީ ޤާނޫނީ އިމުގެ ބޭރުން ބިދޭސީ މަސައްކަތްތެރީން ހިންގާ ސިއްރު ވިޔަފާރިތައް ހުއްޓުވުމެވެ. އޭނާ ވިދާޅުވިއެވެ: "އިޤްތިޞާދު ކުރިއެރުވުމަށްޓަކައި އަގުހެޔޮ މަސައްކަތްތެރިން ބޭނުންވާކަން އަޅުގަނޑު ޤަބޫލުކުރަން. ނަމަވެސް، އަޅުގަނޑުގެ މައިގަނޑު ކަންބޮޑުވުމަކީ ވަރަށް ގިނަ ބިދޭސީ މަސައްކަތްތެރިން އަމިއްލައަށް ވިޔަފާރިވެރިންނަށް ބަދަލުވެ، ގިނަ އަދަދެއްގެ ކެފޭތަކާއި، ސެލޫންތަކުގެ އިތުރުން ވޯކްޝޮޕްތައް ޤަވާއިދުތަކުން ބޭރުން ހިންގަމުންދިއުން. އަޅުގަނޑު މި ޤަވާއިދާ ޚިލާފު ވިޔަފާރިތައް ބަންދުކޮށް، އެކަމުގައި އުޅޭ ބިދޭސީން ޤައުމުން ފޮނުވާލާނަން."

އުމަރު ޤަބޫލު ކުރައްވާގޮތުގައި މެދު ފަންތީގެ ވަޒީފާތަކާއި، މަތީ މެނޭޖްމަންޓް އަދި ފަންނީ މަޤާމުތައް ދިވެހިންނަށް ޚާއްޞަކުރެވޭނީ ޤާނޫނަށް ތަބާވާ ކުންފުނިތަކަށް ޓެކްސް އިނާޔަތްތައް ވެސް ދީގެންނެވެ. މީގެ އިތުރުން، ދިވެހިންގެ ހުނަރު ތަރައްޤީކުރުމަށްޓަކައި އަހަރަކު 100 މިލިއަން ރުފިޔާގެ ބަޖެޓަކުން ތަމްރީނު ޕްރޮގްރާމް ތައް ހިންގުމަކީ އުމަރުގެ ސިޔާސަތެކެވެ. މީގެއިތުރުން، ކޯޓާ އާ ޙިލާފްވާ ބްރޯކަރުންނާއި މީހުން ޓްރެފިކްކުރާ ފަރާތްތަކުގެ ލައިސަންސްތައް ވަގުތުން ފްރީޒްކޮށް، އެފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައިގެން މި މައްސަލަ ހައްލު ކުރެވޭނެ ކަމަށް އުމަރު ޤަބޫލު ކުރައްވައެވެ.

ޑިސިޕްލިންޑް ދިވެހި މަސައްކަތްތެރީންތަކަކާއި ދިވެހި ވިޔަފާރިވެރިންގެ ޖީލެއް އުފެއްދުން

ޤައުމުގެ އިޤްޞާދީ އަދި އިޖުތިމާޢީ ޙާލަތު އާ މިސްރާބަކަށް އަނބުރާލެވޭނީ ތަޢުލީމީ އަދި އަޚްލާޤީ ގޮތުން ފުރިހަމަ، ޑިސިޕްލިންޑް ޖީލެއް ބިނާކޮށްގެން ކަމަށްވާތީ، ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތުތަކާއި އެކު، ފަންނީ (ވޮކޭޝަނަލް) ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ވަރަށް ބޮޑަށް ފުޅާކުރުމަށް އުމަރު އަމާޒުކުރައްވައެވެ. މި ކަމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ މާކެޓުގައި ވާދަކުރެވޭފަދަ އިޞްލާޙީ، އަޚްލާޤީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތާ މާހައުލެއްގައި މަސައްކަތްކުރާނެ ޑިސިޕްލިންޑް ދިވެހި މަސައްކަތްތެރީންތަކަކާއި ދިވެހި ވިޔަފާރިވެރިންގެ ޖީލެއް އުފެއްދުމެވެ.

މިކަމާ ގުޅޭގޮތުން އުމަރު ވިދާޅުވިއެވެ: "އަޅުގަނޑު ބޭނުންވަނީ މަތީ ތައުލީމު ލިބިފައިވާ، ފަންނީ، ހުނަރުވެރި، މަސައްކަތްތެރި، އަދި އަމާނާތްތެރި އަޚްލާޤީ ޖީލަކުން މި ޤައުމު މުޅިން އާ މިސްރާބަކަށް ގެންދިއުމަށް. ދިވެހިރާއްޖޭގެ ޒުވާނުން (ޖެން-ޒީ) މިއަދުޖެހެނީ ކޮރަޕްޝަނާއި، ވަކިފަރާތަކަށް ޖެހުމުގެ ނޭދެވޭ ސިޔާސީ ވައްޓަފާޅި މުޅިން ދޫކޮށްލުމަށްފަހު، ޤައުމީ ތަރައްޤީގެ ކުރިބޯއްޓަށް ވާސިލުވުމަށް އަތުކުރި އޮޅާލަން".

ޖޭއެސްސީ ގައި ރައީސްގެ މަންދޫބުންނާއި މަޖުލިސް މެމްބަރުން ނުހިމެނޭ ގޮތަށް ހެދުން

އުމަރުގެ ޒައާމަތެއްގައި، ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ ގޮތުން، އިދާރީ ހިންގުން ބެލެހެއްޓުމަށާއި ދެ އަހަރު ތެރޭގައި ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައް ނިންމުމަށް މިނިސްޓްރީ އޮފް ޖަސްޓިސްއެއް ގާއިމުކުރެވޭނެ އެވެ. އަދި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ އޮނިގަނޑު ބަދަލުކޮށް، ސިޔާސީ ނުފޫޒުން ޖޭއެސްސީ މިނިވަން ކުރުމަށްޓަކައި މަޖުލިސް މެމްބަރުންނާއި ރައީސްގެ މަންދޫބުން ނުހިމެނޭ ގޮތަށް، ޖޭއެސްސީ ގައި ހަމައެކަނި ފަނޑިޔާރުން ހިމެނުމަކީ އުމަރުގެ ސިޔާސަތެކެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮޑިޓަރ ޖެނެރަލްގެ އޮފީހާ އެއްކޮށްލުން

ދައުލަތުގެ ބޭކާރު ބިއުރޯކްރަސީ އުވާލައި ފާރަވެރިކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރަސްމީކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދަށަށް ބަދަލުކުރުމަކީ އުމަރު ނަސީރުގެ މުހިންމު ސިޔާސަތެކެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ އިތުރުން، ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމާއި ދައުލަތުގެ ފައިސާ ޚަރަދުކުރެވޭ ގޮތް ބެލެހެއްޓުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، މުއައްސަސާތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި ނިންމަވާފައިވާ ނިންމުމެއް ކަމުގައި އުމަރު ވިދާޅުވެއެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމާއި ކެމްޕޭން އުޞޫލު

ސިޔާސީ ކޯލިޝަންތަކާއި މިނިސްޓްރީތައް އެކި އެކި ޕާރޓީތަކަށް ބަހާލުމުގެ ސިޔާސަތާ ދެކޮޅު ހައްދަވަމުން އުމަރު ނަސީރު އިސްކަންދެއްވަނީ ވަކިފަރާތަކަށް ނުޖެހޭ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ކަމަށް ވާދަކުރެއްވުމަށެވެ. އަދި، އުމަރުގެ ވެރިކަމެއްގައި ސަރުކާރުގެ މަޤާމްތަކަށް އައްޔަން ކުރާ ފަރާތްތައް އައްޔަން ކުރެވޭނީ ހަމައެކަނި އިޙްލާސްތެރިކަމާއި ޤާބިލުކަމަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވެއެވެ. ވޭތުވެދިޔަ 20 އަހަރު ސިޔާސީ ޕާޓީތަކުން ވެފައިވާ ދޮގު ވައުދުތަކާއި ނިޒާމީ ކޮރަޕްޝަންގެ ސަބަބުން އެފަރާތްތަކުގެ އިތުބާރު ގެއްލިފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ސިޔާސީ ފިކުރުތަކުން އެކިކިބާވެފައިވާ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވެއްޖެނަމަ، ނުފޫޒުން އެއްކިބާވެފައިވާ ޤާބިލު ސަރުކާރެއް އެކުލަވާލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން، ބޮޑެތި ވިޔަފާރިވެރިންގެ ފައިސާގައި ނުޖެހި އާންމުންގެ ކުދި އެހީތަކުން ކެމްޕޭން ފަންޑުކުރައްވަމުން، އުމަރު މިސާލެއްގެ ގޮތުގައި ނަންގަވާނީ ސްރީލަންކާއިން އެ ޤާއިމުގައި އޮތް ކޮރަޕްޓް، ވިރާސީ، ޕާރޓީ ނިޒާމާ ދެކޮޅަށް މިހާރުގެ ރައީސް އަނޫރާ ގެންގުޅުއްވާފަދަ ސިޔާސަތުތަކެއް ކަމަށް އޭނާ ވިދާޅުވެއެވެ. އެހެން ކަމުން، ދިވެހި ރައްޔިތުންވެސް، މިޤައުމުގައި މިއޮތް ކޮރަޕްޓް ޕާރޓީ ނިޒާމުން ބޭރަށް ވިސްނުން ގެންގޮސް، ޕާރޓީ ސިސްޓަމްގައި ނުހިމެނޭ މިނިވަން ކެންޑިޑޭޓަކަށް ފުރުސަތު ދީގެން ޤައުމުގެ ހާލަތު ރަނގަޅު ކުރުމަށް އުމަރު ގޮވާލައްވައެވެ.

ނިންމުން

ޖުމްލަކޮށް ދަންނަވާނަމަ، އުމަރު ނަސީރުގެ މެނިފެސްޓޯއަކީ ދިވެހިރާއްޖޭގައި މިހާރު އޮތް ކޮރަޕްޓް ޕާޓީ ސިސްޓަމްގެ ސިޔާސީ ނިޒާމު ރޫޅާލައި، ސަރުކާރު ހިންގުމަށް އިންޤިލާބީ އިޞްލާޙުތަކެއް ގެނެސް، މާލީ އަދި އިޤްޞާދީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމާއެކު، ޤައުމީ ސިޔާދަތަށް ދޫނުދޭނެ ފުޅާ އެޖެންޑާއެކެވެ. ކުޑަ ސަރުކާރަކަށް ވަކާލާތުކުރުމާއި، ސިޔާސީ ޕާޓީތަކަށް ދޭ އިނާޔަތްތައް ނައްތާލުމާއި، ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ޤާނޫނުތައް ހެދުމުގެ އިތުރުން، ރޭވިގެން ހިންގާ ޖަރީމާތަކާއި، ގޭންގުތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި މުޅިން ހުއްޓުވުމަކީ މި އެޖެންޑާގެ މުހިންމު އަސާސެކެވެ. އަދި ބޭރުގެ އަސްކަރީ ބާރުތަކަށް މި ފަސްގަނޑުގައި ފައިހަރުކުރުމުގެ ފުރުޞަތު ނުދީ، "މޯލްޑިވްސް ފަސްޓް" އުޞޫލުން ދިވެހީންގެ ޤައުމު ދިވެހީން ބޭނުންވާ ގޮތަށް ހިންގޭނެ ނިޒާމެއް ޤާއިމުކުރުމަށް އުމަރު ނަސީރު އިސްކަންދެއްވައެވެ.

ނިންމާލައްވަމުން އުަމރު ނަސީރު ވިދާޅުވިއެވެ: "އިޤްޞާދީ އަމިއްލަ އެދުންތަކުން ދުރުހެލިވެ، ސަރަޙައްދީ ޞާރުތަކަށް ސަލާން ނުޖަހައި، އަމިއްލަ ބާރުވެރިކަން ހޯދައި، އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކުގެ މައްޗަށް ޤައުމު ބިނާ ކުރެވޭނީ، ކުރު ރާސްތާގެ ޕާރޓީ ސިޔާސަތުތަކާ ދުރުވެ، ޤައުމުގެ ޤާނޫނީ، ސެކިއުރިޓީ، އަދި އިޤްޞާދީ އޮނިގަނޑު އަންނަންއޮތް ޖީލުތަކަށް އަމާޒުކޮށް މުޅިން އޯވަރހައުލް ކޮށް، އިޞްލާޙުކޮށްދެވޭނެ ފަދަ މިނިވަން ކެންޑިޑޭޓަކަށް ދިވެހި ރައްޔިތުން ފުރުސަތުދެއްވައިގެން."

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ރައީސް އިބްރާހީމް ނާޞިރުގެ ޙަޔާތްޕުޅާއި، ސިޔާސަތާއި، ދޫނުދެއްވާ ޤައުމީ ވަފާތެރިކަން
ޝަހުސިއްޔަތު

ރައީސް އިބްރާހީމް ނާޞިރުގެ ޙަޔާތްޕުޅާއި، ސިޔާސަތާއި، ދޫނުދެއްވާ ޤައުމީ ވަފާތެރިކަން

މިޒަމާނުގެ ސިޔާސީ މައިދާނުން ފެންނަ އާންމުންގެ ސަމާލުކަން ހޯދުމުގެ އުކުޅުތަކާއި ކަންދެއްކުމުގެ ސިޔާސަތާ ޚިލާފަށް، ނާޞިރަކީ މުޅިން ތަފާތު އުޞޫލުތަކަކަށް ތަބާވެވަޑައިގެންނެވި ބޭފުޅެކެވެ. އެމަނިކުފާނަކީ ވާހަކަފުޅު މަދު، ވަކިފަރާތަކަށް ނުޖެހި ވެރިކަން ކުރެއްވި، އަދި އެކަހެރިވެފައިވި ޖަޒީރާ މިޤައުމު ތަރައްޤީގެ އާ އުސްމިންތަކަކަށް ގެންގޮސްދެއްވުމަށް ސާބިތުކަމާއެކު މަސައްކަތްޕުޅު ކުރެއްވި ޢަމަލީ ޒަޢީމެކެވެ. މި ޤައުމަށް ޝައްކެއްނެތް ގޮތުގައި އަދިވެސް ބޭނުންވަނީ ރައިސް ނާސިރު ފަދަ ޒައީމެކެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 6, 2026