އީމާން

އެކަކަށްވެސް ނުފެންނަ ވަގުތުތަކުގައި ތިބާއަކީ ކާކު؟

ސިއްރުގައި ކުރާ އަޅުކަމަކާއި، ސިއްރިޔާތުގައި ދޭ ސަދަގާތާއި، އަނދިރި ރޭގަނޑުގެ ހާރުދަމުގައި އޮހިގެންދާ އެންމެ ކަރުނަތިއްކަކާއި، އެއްވެސް އިންސާނަކަށް ނޭގޭ ފަދަ ހާލަތެއްގައި ފާފައަކަށް އަރައިގަތުމަށް އަޅުގަނޑުމެންނަށް ލިބޭ ފުރުސަތެއް ދޫކޮށްލުމަކީ، ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަންކަމެވެ. އަދި ބައެއް ފަހަރު، ބިމުގައިވާ އެއްވެސް އިންސާނަކަށް ނޭގި ކުރެވޭ ހެޔޮއަމަލަކީ، ﷲ ތަޢާލާގެ ޙަޟްރަތަށް އަޅުގަނޑުމެން ގެންދާނެ އެންމެ އަގުހުރި އެއް އަމަލު ކަމުގައި ވެގެންދެއެވެ.

އެކަކަށްވެސް ނުފެންނަ ވަގުތުތަކުގައި ތިބާއަކީ ކާކު؟

އަޅުގަނޑުމެންގެ ދިރިއުޅުމުގައި ގިނަފަހަރަށް ދެ "މޫނެއް" އެކުލެވިގެންވެއެވެ. އާއްމުކޮށް މީހުންނަށް އެނގޭ، ނުވަތަ މީހުންނަށް ފެންނަ މޫނަކީ މަސައްކަތުގެ މައިދާނުންނާއި، ސުކޫލުންނާއި، އާއިލީ އެއްވުންތަކުންނާއި، އިޖުތިމާއީ ކަންކަމުގެ ތެރެއިން އަދި ސޯޝަލް މީޑިއާއިން މީހުންނަށް ފެންނަ އަޅުގަނޑުމެންގެ މޫނެވެ. އަނެއް އަނެއް މޫނަކީ ގޭގެ ދޮރުތައް ލެއްޕި، އަތަށް ފޯނު ނެގި، ގޭތެރެ ހިމޭންވެ، އެކަކަށްވެސް ނުފެންނަ ވަގުތު ފާޅުވާ މޫނެވެ. މި ދެމޫނުގެ ތެރެއިން އަޅުގަނޑުމެންގެ ހަގީގީ މޫނަކީ ކޮބައިތޯއެވެ؟ ﷲ ތަޢާލާއާއެކު އަޅުގަނޑުމެން ބާއްވާ ހަގީގީ ގުޅުން ހާމަވަނީ ހަމައެކަނި މީހުންގެ ކުރިމަތީގައި އަޅުގަނޑުމެން ކުރާ ހެޔޮ އަމަލުތަކަކުން ނޫނެވެ. އަޅުގަނޑުމެންގެ ހަޤީޤީ މޫނު ހާމަވަނީ އެއްވެސް މީހަކަށް އަޅުގަނޑުމެން ކުރާ އަމަލު ނުފެންނަ ވަގުތު، އެހެނަސް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާ ހިނދު، އަޅުގަނޑުމެން ކުރަން ހިތަށް އަރާ ކަންކަމާއި، ކުރާ ކަންކަމާއި، ނުކޮށް ދޫކޮށްލާ ކަންކަމުންނެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: "އަދި ތިޔަބައިމީހުންގެ ބަސް ވަންހަނާކުރިޔަސް، ނުވަތަ އެ ބަސް ފާޅުކުރިޔަސް (ﷲ އަށް ދެނެވޮޑިގެންވެއެވެ.) ހަމަކަށަވަރުން، އެކަލާނގެއީ ހިތްތަކުގައިވާ ކަންތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ." (ސޫރަތުލް މުލްކު: 13)

އިޝްތިހާރު

އެކަލާނގެއަށް ވަންހަނާވެގެންވާ އެއްވެސް ކަމެއް ނުވެއެވެ. ސިއްރުގައި ކުރާ އަޅުކަމަކާއި، ސިއްރިޔާތުގައި ދޭ ސަދަގާތާއި، އަނދިރި ރޭގަނޑުގެ ހާރުދަމުގައި އޮހިގެންދާ އެންމެ ކަރުނަތިއްކަކާއި، އެއްވެސް އިންސާނަކަށް ނޭގޭ ފަދަ ހާލަތެއްގައި ފާފައަކަށް އަރައިގަތުމަށް އަޅުގަނޑުމެންނަށް ލިބޭ ފުރުސަތެއް ދޫކޮށްލުމަކީ، ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަންކަމެވެ. އަދި ބައެއް ފަހަރު، ބިމުގައިވާ އެއްވެސް އިންސާނަކަށް ނޭގި ކުރެވޭ ހެޔޮއަމަލަކީ، ﷲ ތަޢާލާގެ ޙަޟްރަތަށް އަޅުގަނޑުމެން ގެންދާނެ އެންމެ އަގުހުރި އެއް އަމަލު ކަމުގައި ވެގެންދެއެވެ.

 ހޮހަޅައެއްގައި ތާށިވި ތިން މީހުންގެ ވާހަކަ

މީގެ އެންމެ އަސަރުގަދަ އެއް މިސާލު ފެންނަން އޮތީ އިބުނު އުމަރު رضي الله عنهما ރިވާކުރައްވާފައިވާ، ޞަޙީޙު އަލްބުޚާރީގައި ރިވާކުރައްވާފައިވާ ޙަދީޘަކުންނެވެ. އިސްވެދިޔަ އުންމަތެއްގެ ތިން މީހަކު ދަތުރުކުރަމުން ދަނިކޮށް، ވާރޭ ވެހެން ފެށުމުން ހޮހަޅައަކަށް ވަދެ ރައްކާތެރިކަން ހޯދިއެވެ. ކުއްލިއަކަށް ފަރުބަދަމަތިން ބޮޑު ގަލެއް ވެއްޓި، ހޮހަޅައިގެ ދޮރު އެއްކޮށް ބަންދުވެ، ހޮހޮޅަތެރޭ އެ ތިން މީހުން ތާށިވެއެވެ. އެމީހުންގެ އަމިއްލަ ބާރުން އެ ގައު ގުޑުވައިނުލެވޭނެކަން އެމީހުންނަށް އެނގުނެވެ. މިއާއެކު، އެމީހުން އެކަކު އަނެކަކަށް ބުންޏެވެ: "ﷲ ގެ ވަޖުހުފުޅަށްޓަކައި خالص ކަމާއެކު ތިޔައިން ކޮންމެ މީހަކު ކޮށްފައިވާ ހެޔޮއަމަލެއްގެ ވަސީލަތުން ﷲ އަށް ދުޢާ ދަންނަވާށެވެ."

ފުރަތަމަ މީހާ ހަނދާންކުރީ އޭނާގެ ދޮށީ އުމުރުގެ މައިންބަފައިންނަށްޓަކައި ކުރި ކަމެކެވެ. ކޮންމެ ރެއެއްގައި އޭނާގެ ބަކަރިތަކުން ކިރު ފެލައިގެން އައިސް، އޭނާގެ އަނބިދަރިންނަށް ދިނުމުގެ ކުރިން އޭނާގެ މަންމަ އާއި ބައްޕައަށް އެކިރު ދެއެވެ. އެއްރެއަކު އޭނާއަށް ގެއަށް އާދެވުނީ ވަރަށް ލަސްވިފަހުންނެވެ. އެއިރު އޭނާގެ މަންމަ އާއި ބައްޕަ ތިބީ ނިދައިފައެވެ. ބަނޑުހައިވެގެން އޭނާގެ ކުދިން ރޮމުންދިޔައެވެ. ނަމަވެސް މައިންބަފައިންނަށް ދިނުމުގެ ކުރިން ކުދިންނަށް ކިރުދޭން އޭނާ ބޭނުމެއްނުވިއެވެ. މައިންބަފައިން ހޭލަންދެން، ކިރުތަށި ހިފައިގެން އޭނާ ކޮޅަށް ހުއްޓެވެ. މައިންބަފައިން ހޭލީ ހެނދުނުވިފަހުންނެވެ. ދެން އޭނާ ﷲ އަށް ދުޢާކުރިއެވެ: "އޭ ﷲ! ތިމަންއަޅާ މިކަން ކުރީ ހަމައެކަނި އިބަ އިލާހަށް ބިރުވެތިވެގެން ކަމުގައިވާނަމަ، އަޅަމެން ތާށިކޮށްފައިވާ މިގައު ދުރުކޮށް ދެއްވާންދޭވެ!" މިއާއެކު އެގައު ކުޑަކޮށް ގުޑުނެވެ. ނަމަވެސް އެމީހުންނަށް ނުކުމެވޭވަރެއް ނުވިއެވެ.

ދެވަނަ މީހާ ހަނދާންކުރީ އޭނާ ސިއްރުން ކުރަން އުޅުނު ކަމަކުން ދުރުވި ގޮތެވެ. އޭނާގެ ތިމާގެ އަންހެނަކަށް އޭނާ ވަރަށް އެދެމުންދިޔައެވެ. އެ އަންހެންމީހާ ފައިސާއަށް ބޭނުންވި ދަނޑިވަޅެއްގައި، ފައިސާ ދިނުމުން އޭނާއާއެކު ފާފައަށް އަރައިގަތުމަށް އަންހެން މީހާ އެއްބަސްވިއެވެ. ނަމަވެސް ފާފަކުރުމުގެ ފުރިހަމަ ފުރުސަތު ލިބުނު ހިނދު، އެ އަންހެންމީހާ އޭނާއަށް ހަނދާންކޮށްދިނެވެ: "ﷲ އަށް ބިރުވެތިވާށެވެ".

އެހިނދު އޭނާ ވަގުތުން ހުއްޓުނެވެ. އެ އަންހެންމީހާއަށް އޭނާގެ ހިތުގައި އޮތް އެދުންވެރިކަން ބޮޑުކަމާއެކުވެސް، ﷲ އަށް ބިރުވެތިވެ، އެ ފާފަކުރުމުގެ ފުރުސަތު ދޫކޮށްލައި އެތަނުން ދިޔައެވެ. ދެން އޭނާ ﷲ އަށް ދުޢާކުރިއެވެ: "އޭ ﷲ! ތިމަންއަޅާ އެ ފާފަ ދޫކޮށްލީ ހަމައެކަނި އިބަ އިލާހުގެ ވަޖުހުފުޅަށްޓަކައި ކަމުގައިވާނަމަ، އަޅަމެން ތާށިކޮށްފައިވާ މިގައު ދުރުކޮށް ދެއްވާންދޭވެ!" އެއާއެކު އެގައު އިތުރަށް ގުޑުނެވެ. ނަމަވެސް އަދިވެސް އެމީހުންނަށް ނުކުމެވޭވަރެއް ނުވިއެވެ.

ތިންވަނަ މީހާ ހަނދާންކުރީ އޭނާގެ ގާތުގައި މަސައްކަތްކުރި މަސައްކަތްތެރިއެއްގެ އުޖޫރައިގެ މައްސަލައެކެވެ. އެ މަސައްކަތްތެރިޔާ އޭނާގެ އުޖޫރަ ނުނަގައި ދިޔުމުން، ވަޒީފާ ދިން މީހާ އެ ފައިސާ އިންވެސްޓްކޮށް، ގިނަ މުދާތަކަކަށް ބަދަލުކުރިއެވެ. ގިނަ ދުވަސްތަކެއް ފަހުން އެ މަސައްކަތްތެރިޔާ އެނބުރި އައުމުން، އެ ފައިސާއިން އިތުރުވި ފައިދާއާ އެކު ހުރިހާ މުދަލެއް މަސައްކަތްތެރިޔާއާ ހަވާލުކުރިއެވެ. ދެން އޭނާ ﷲ އަށް ދުޢާކުރިއެވެ: "އޭ ﷲ! ތިމަންއަޅާ މިކަން ކުރީ ހަމައެކަނި އިލާހުގެ ވަޖުހުފުޅަށްޓަކައި ކަމުގައިވާނަމަ، ބާކީ ހުރި ހުރަސް ދުރުކޮށްދެއްވާންދޭވެ!" އެއާއެކު ގައު އެއްކޮށް ދުރުވެ، އެ ތިން މީހުން ހޮހަޅައިން ސަލާމަތްވިއެވެ.

މި ހާދިސާގައިވާ އާދަޔާޚިލާފު ކަންކަމާމެދު ވިސްނާލައްވާށެވެ. ފުރަތަމަ މީހާގެ އަމަލަކީ އޭނާގެ މައިންބަފައިންގެ ހައްޤުގައި ސިއްރުން ކުރި ހެޔޮ އަމަލެކެވެ. ދެވަނަ މީހާގެ އަމަލަކީ، ކުރެވެން އޮތް ޒިނޭގެ ބޮޑު ފާފައެއް ނުކޮށް ދޫކޮށްލި ދޫކޮށްލުމެވެ. ތިންވަނަ މީހާގެ އަމަލަކީ ތެދުވެރިކަމާއެކު މީހެއްގެ ޙައްޤު އަދާކުރުމެވެ. މި ތިން މީހުން މި ތިން އަމަލުވެސް ކުރީ އެއްވެސް އިންސާނަކަށް ނޭގޭ ހާލު، ދެއްކުންތެރިކަމެއް ނެތި، ހަމައެކަނި ﷲ އަށްޓަކައެވެ. އެމީހުން ތާށިވެ، ސަލާމަތްތެރިކަމަށް ބޭނުންވި ހިނދު، އެމީހުން ސިއްރުގައި ކުރި އިޚްލާޞްތެރި އަމަލުތައް ވެގެންދިޔައީ، ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާ ދަންނަވަން އޮތް ވަސީލަތަކަށެވެ.

އެއްވެސް މީހަކަށް ނޭގި، ފާފައެއް ނުކޮށް ދޫކޮށްލުން

މި ވާހަކައިގައިވާ ދެވަނަ މީހާގެ ކިބައިން ފެންނަ ވަރަށް ޚާއްޞަ ބާރެއްވެއެވެ. އޭނާ ހަމައެކަނި ހެޔޮއަމަލެއް ކުރީކީ ނޫނެވެ. އޭނާ ފާފައެއް ދޫކޮށްލީއެވެ. ނުބައިކަމެއް ކުރަން ހިތަށް އަރައި، އެކަން ކުރިއަސް އެއްވެސް މީހަކަށް ނޭގޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮންނަ ވަގުތުތައް އާދެއެވެ. ގޭގައި ނުވަތަ ކޮޓަރީގައި އެކަނިވާ ވަގުތު، ނުވަތަ ޤައުމުން ބޭރަށް އެކަނި ކުރާ ދަތުރެއްގައި، ނމައިންބަފައިންނަކަށް ނުވަތަ އެނޫންވެސް އެފަދަ ހާލަތެއްގައި، ބަލާނެ މަންމައެއް ނުވަތަ ބައްޕައެއް ނުވަތަ އަންބެއް ނުވަތަ ފިރިއެއް ނުހުރެއެވެ. ރައްޓެހިންނަކަށް ނޭގޭނެއެވެ. އަބުރެއް ނުގެއްލޭނެއެވެ. ނަމަވެސް މުއުމިނާ ހަނދާންކުރެއެވެ: ﷲ ތަޢާލާ ބައްލަވާވޮޑިގެންވެއެވެ.

ކީރިތި ޤުރްއާނުގައި ޔޫސުފު عليه السلام ގެ ހަޔާތުން މިފަދަ އަޖައިބުރުވަނިވި މިސާލެއް ޖައްސަވާފައިވެއެވެ. ޔޫސުފުގެފާނު، އެކަލޭގެފާނު މަގުއޮޅުވާލަން އުޅުނު އަންހެނާއާއެކު އެކަނިވި ހިނދު، ހުރިހާ ހާލަތެއްވެސް އޮތީ ފާފައަށް މަގުފަހިވާ ގޮތަށެވެ. ނަމަވެސް އެކަލޭގެފާނު އެކަމަށް އިންކާރުކުރައްވައި، ﷲ ގެ ރައްކާތެރިކަމަށް އެދިވަޑައިގަތެވެ. ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ: "އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ރައްކާތެރިކަމަށް އެދެމެވެ." (ސޫރަތު ޔޫސުފް: 23).

އެކަލޭގެފާނު އެގޮތް އިޚްތިޔާރު ކުރެއްވީ އެ އެދުންވެރިކަން ސިއްރުގައި އޮތް ވަގުތުގައެވެ. އެކަލޭގެފާނު އިސް ކުރެއްވީ ތަޤްވާވެރިކަމެވެ. އެހެން މީޯހުންނަށް ފެންނަ ހާލަތްތަކުގައި، ނަމާދު ކޮށް، ރަނގަޅަށް އުޅުމަކީ ފަހަރުގައި ފަސޭހަކަމަކަށް ވެދާނެއެވެ. ނަމަވެސް އެންމެ ބޮޑު އިމްތިޙާނަކީ އެއްވެސް މީހަކަށް ނުފެނި، ތިބާ އެކަނިވާ ވަގުތު ކުރިމަތިވާ ނަފްސުގެ އެދުންތަކާއި އިމްތިހާނުތަކެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޢަރުޝީގެ ހިޔާވަހިކަން ލިބޭ ހަތްބާވަތުގެ މީހުންގެ ތެރޭގައި، ރަސޫލުﷲ ﷺ ޚާއްޞަކޮށް މިފަދަ މީހަކު ހިމަނުއްވާފައިވެއެވެ: ރީތި، އަބުރުވެރި އަންހެނަކު ފާފައަށް ދައުވަތުދޭ ވަގުތު "ތިމަންނާ ﷲ އަށް ބިރުވެތިވަމޭ" ބުނެ އެކަމުން ދުރުވި މީހާއެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޢަރުޝީގެ ހިޔާވަހިކަން ލިބޭ ހަތްބާވަތުގެ މީހުންގެ ތެރޭގައި މިފަދަ މީހެއްގެ އިތުރުން ކަނާތުން ކުރާ ސަދަގާތް ވާއަތަށްވެސް ނުއެނގޭހާ ސިއްރުން ސަދަގާތްކުރި މީހާއާއި، އެކަނި ހުރެ ﷲ ތަޢާލާ ހަނދުމަކޮށް ލޮލުން ކަރުނަ ތިއްކެއް އޮއްސި މީހާވެސް ހިމެނެއެވެ. މި ތިން ކަންކަމުގެ ގުޅުމަށް ބައްލަވާށެވެ. ސިއްރުގައި ފާފައަކަށް އަރައިގަތުމަށް ލިބުނު ފުރުސަތަކުން ދުރުވުން، ސިއްރު ސަދަގާތެއް ދިނުން، އަދި ސިއްރިޔާތުގައި ﷲ ހަނދުމަކުރުން. މިއީ ކުދިކުދި ވަގުތުކޮޅުތަކެއް ނޫނެވެ. މި ތިން އަމަލަކީ ވެސް ސިއްރިޔާތުގައި، ނުވަތަ އެކަނިވާ ހާލަތުގައި ކުރާ ހެޔޮ އަމަލެވެ.

އެހެން އެކަކަށްވެސް ނޭގޭ ސަދަގާތް ﷲ ދެނެވޮޑިގެންވެއެވެ

ބައެއް ފަހަރު އަޅުގަނޑުމެންނަށް ހީވަނީ ސަދަގާތުގެ ފައިދާ ބޮޑުވަނީ މީހުންނަށް އެކަން ފެންނަ ހިނދު ކަމަށެވެ. މިސްކިތެއް ބިނާކޮށްފައި، ފަގީރަކަށް އެހީވެފައި، ކިޔަވާ ކުއްޖަކަށް އެހީވެފައި، މީހެއްގެ ހާޖަތް ފުއްދައި ދީފައި އިއުލާން ކުރާކަށް ނުޖެހެއެވެ. އިސްލާމްދީން އުނގަންނައިދެނީ މުޅިން ތަފާތު ގޮތެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ: "އެއީ ރޭގަނޑާއި ދުވާލު، ސިއްރުގައާއި ފާޅުގައި އެމީހުންގެ މުދާ ހޭދަކޮށްއުޅޭ މީހުންނެވެ. ފަހެ، އެމީހުންނަށް އެމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެމީހުންގެ ދަރުމަ ހުއްޓެވެ. އަދި އެމީހުންގެ މައްޗަކަށް ބިރެއްނެތެވެ. އަދި އެމީހުންނަކީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ." (ސޫރަތުލް ބަޤަރާ: 274).

މި އާޔަތުގައި ސިއްރުގައާއި ފާޅުގައި ހޭދަކުރުން ޞަރީޙަކޮށް ބަޔާންކުރައްވާފައިވެއެވެ. ދަތިހާލުގައިވާ މީހަކަށް ސިއްރުން ފައިސާ ފޮނުވިދާނެއެވެ. މީހެއްގެ ދަރަނި، އެއީ ކާކު ކޮށްދިން ކަމެއްކަން ނޭގޭގޮތަށް ދައްކައިދެވިދާނެއެވެ. ނިކަމެއްޗެއްގެ ގޭގެ ދޮރުމަތީގައި ކާތަކެތި ބެހެއްޓިދާނެއެވެ. ދޮށީ އުމުރުގެ އަވަށްޓެރިއަކަށް ބާޒާރުކޮށްދީ އެހީވެވިދާނެއެވެ. މިސްކިތަކަށް ނުވަތަ ކުއްޖެއްގެ ތައުލީމަށް ސިއްރުން އެހީތެރިވެވިދާނެއެވެ. އެހީއަށް އެދި އަތްދިއްކޮށްލާ މީހަކަށް ކޮންމެހެން 100 ނުވަތަ 500 ރުފިޔާ ދޭކަށް ނުޖެހެއެވެ. އަތުގައި އޮތީ އެންމެ 10 ރުފިޔާ ކަމުގައި ވިއަސް ދެވިދާނެއެވެ. މިފަދަ ހެޔޮ ކަމަކަށް އެއްވެސް މީހަކު ޝުކުރު އަދާ ނުކޮށްފާނެއެވެ. އެއްވެސް ފަރުދަކަށް މިކަން ނޭގި އޮވެދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. މުއުމިނު އަޅާއަށް އެވަރުން ފުދެއެވެ!

އެއްވެސް މީހަކަށް ނުފެންނަ ރޭގަނޑުގެ އަޅުކަންތައް

އިންސާނާއާއި ﷲ ތަޢާލާއާ ދެމެދުގައިވާ ގުޅުން ބަދަލުކޮށްލަނިވި އަނެއް ސިއްރު އަޅުކަމަކީ ތަހައްޖުދު ނަމާދެވެ. އެންމެން ނިދާފައި ތިބޭ ވަގުތު ހޭލާ މީހާއާމެދު ވިސްނާލައްވާށެވެ. ބަލަން ތިބި، ނުވަތަ ތައުރީފު ކުރާނެ މީހަކު ނެތެވެ. ސޯޝަލް މީޑިއާ ޕޯސްޓެއް ނެތެވެ. އެމީހަކު ވުޟޫކޮށް، ﷲ ގެ ޙަޟްރަތުގައި ކޮޅަށް ހުރެ ނަމާދުކުރެއެވެ. ހިތުގައި އުދާސް އުފެދި، ވަރުބަލިވެފައި ހުރެދާނެއެވެ. އެކަކަށްވެސް ކިޔައިނުދޭ ކަންބޮޑުވުންތަކެއް ހިތުގައި އުފުލަމުންދާ މީހަކަށް ވެދާނެއެވެ. ރަސޫލުﷲ ﷺ، ﷲ ގެ ޢަރުޝީގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރޭގައި ސިފަކުރައްވާފައިވެއެވެ: "އެކަނިވެގެންހުރެ ﷲ ހަނދުމަކޮށް، އެކަލާނގެއަށް ބިރުވެތިވެ ލޮލުން ކަރުނަ އޮއްސި މީހާއެވެ." (ޞަޙީޙު އަލްބުޚާރީ: 6479)

އެ ކަރުނަތިކި ދެމިގެންދާނީ މަދު ސިކުންތުކޮޅަކަށް ކަމަށް ވެދާނެއެވެ. ނަމަވެސް ﷲ ތަޢާލާ އެ ކަރުނަތިކި ދެކެވޮޑިގަންނަވައެވެ.

އެކަކަށްވެސް ނޭގި ކުރެވެން އޮތް ފާފައެއް ދޫކޮށްލުން

އާދައިގެ ހާލަތަކަށް ވިސްނާލާށެވެ. ރޭގަނޑުގެ ވަގުތެވެ. އާއިލާގެ އެންމެން ތިބީ ނިދާފައެވެ. ފޯނާއެކު ތިބާ އެކަނިވެއެވެ. ތިބާ ބަލައިގެން ނުވާނެ ފަދަ އެއްޗެއް ފޯނުން ފެންނަނީއެވެ. ތިބާއަށް އެ ބެލުން ކުރިއަށް ގެންދެވިދާނެއެވެ. ގޭގައިވާ އެކަކަށްވެސް ނޭގޭނެއެވެ. އެމަންޒަރުތައް ބެލުމަށް ފަހު ބްރައުޒިންގް ހިސްޓްރީ ފޮހެލެވިދާނެއެވެ.  ނަމަވެސް އެހިނދު ތިބާ ﷲ ތަޢާލާ ހަނދާންކުރެއެވެ. ސްކްރީން ބަންދުކޮށްލައެވެ. ފޯނު ބާއްވައެވެ. އެތަނުން ތެދުވެގެން ދެއެވެ. ދުނިޔެއަށް އެ ވަގުތުކޮޅު ހިނގިކަމެއް ނޭގިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެ ވަގުތުކޮޅުގައި ތިބާ ސިއްރިޔާތުގައި ފާފައަކުން ދުރުވި ދުރުވުމަކީ، އެންމެންގެ ކުރިމަތީގައި އެތަކެއް ތައުރީފު ލިބުނު ފާޅުކަން ބޮޑު ހެޔޮއަމަލަކަށްވުރެ ތިބާއަށް އަގުހުރި ކަމަކަށް ވެދާނެއެވެ. ސަބަބަކީ ތިބާ ރައްކާތެރިކުރީ ތިބާގެ އަބުރެއް ނޫނެވެ. ތިބާ ރައްކާތެރިކުރީ ﷲ ތަޢާލާއާއެކު އޮތް ގުޅުމެވެ. .

މީހުންގެ ތައުރީފަށްޓަކައި ހެޔޮ އަމަލު ކުރުމުގެ ނުރައްކާތެރިކަން

މި މައުޟޫޢުގެ ތެރޭގައި ނުރައްކާތެރި އިންޒާރެއް ވަންހަނާވެފައިވެއެވެ. ހަމައެކަނި މީހުން ބަލަން ތިބޭއިރު އަޅުގަނޑުމެން ރަނގަޅަށް އުޅޭނަމަ، މަޑުމަޑުން އަޅުގަނޑުމެންގެ އިސްކަން ބަދަލުވެ، ހަގީގަތުގައި ތަޤްވާވެރިވުމަށްވުރެ ބޮޑަށް، މީހުންނަށް ތަޤްވާވެރިއެއްގެ ގޮތުގައި ފެނުމަށް ބޭނުންވާން ފަށައެވެ. މިސާލަކަށް، ނަމާދުގެ ފުރަތަމަ ސަފަށް އަރަނީ ﷲ އާ ކުއްތަންވުމަށްތޯ ނުވަތަ ތަޤްވާވެރިކަމުގައި "އިސް" މީހެއްކަން ދެއްކެންތޯ އަމިއްލަ ނަފްސާ ސުވާލު ކުރާށެވެ. މީހުންގެ ތެރޭގައި އޮންނަ އަބުރަށް ސަމާލުވެ، ﷲ ތަޢާލާއާއެކު ސިއްރުގައި އޮންނަ ގުޅުން އިހުމާލުކޮށްނުލާށެވެ. ސުބްޙާނަﷲ! އެކަލާންގެ އިންސާނާގެ އެތެރެފުށާއި ބޭރުފުށް ދެނެވޮޑިގެން ވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ: "ހަމަކަށަވަރުން ﷲ ތަޢާލާ ބައްލަވައިވޮޑިގެން ވަނީ ތިޔަބައިމީހުންގެ ހަށިތަކަށާއި، ތިޔަބައިމީހުންގެ ސޫރަތަކަށް ނޫނެވެ. ނަމަވެސް އެކަލާނގެ ބައްލަވައިވޮޑިގަންނަވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި އަމަލުތަކަށެވެ." (ޞަޙީޙު މުސްލިމް: 2564)

އެހެންކަމުން، ހަގީގީ ސުވާލަކީ "މީހުން ތިމަންނާއާމެދު ދެކެނީ ކިހިނެއް؟" މިއެއް ނޫނެވެ.

ހަގީގީ ސުވާލަކީ "ﷲ ތަޢާލާ މިއަޅާއާމެދު ދެނެވޮޑިގަންނަވަނީ ކޮންކަމެއް؟" މިއެވެ.

ﷲ ތަޢާލާއާއެކު ސިއްރު ގުޅުމެއް ބިނާކުރާށެވެ

ކޮންމެ މުސްލިމެއްގެ ކިބައިގައި ވެސް، އެހެން އިންސާނުންނަށް ނޭގޭ ސިއްރު ހެޔޮ އަމަލުތަކެއް ހުންނަންޖެހެއެވެ. ދެވޭ ސިއްރު ސަދަގާތެކެވެ. އެކަކަށްވެސް ނުއެނގި ގަވާއިދުން ކުރާ ނަމާދެކެވެ. އެންމެން ހޭލުމުގެ ކުރިން ކިޔާލެވޭ ޤުރްއާނުގެ ކުޑަކުޑަ މިންވަރެކެވެ. ހިނގާފައިދާއިރު ސިއްރުން ކުރެވޭ ޒިކުރެކެވެ. ރޭގަނޑުގެ ހާރުދަމުގެ އަނދިރިކަމުގެ ތެރޭގައި ކުރެވޭ އިޚްލާޞްތެރި ދުޢާއެކެވެ. ﷲ އަށް ބިރުވެތިވެގެން ނުކޮށް ދޫކޮށްލާ ފާފައެކެވެ. އެކަކަށްވެސް ނާންގާ މާފުކުރާ މާފުކުރުމެކެވެ. އެކަކަށްވެސް ނުއެނގި ނިކަމެއްޗަކަށް ވެދޭ އެހީއެކެވެ. މިފަދަ ސިއްރު ހެޔޮ އަމަލުތައް ވެގެންދަނީ އަޅާއާއި އޭނާގެ ވެރި ރައްބާ ދެމެދުގައިވާ ވަރަށް ޚާއްޞަ، ކަމަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ ހޮހަޅައިގެ ތިން މީހުންގެ ވާހަކައިން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އަގުހުރި ފިލާވަޅެކެވެ: ސިއްރުގައި ކުރެވޭ އިޚްލާޞްތެރި އަމަލަކީ، އަޅުގަނޑުމެން އެންމެ ބޮޑަށް ﷲ ގެ އެހީތެރިކަމަށް ބޭނުންވާ ވަގުތު ﷲ އަށް ދުއާދެނެނެވުމުގެ ވަސީލަތެކެވެ.

އަޅުގަނޑުމެންގެ މިފަދަ ސިއްރު ހެޔޮ އަމަލުތަކަކީ ﷲ އާއެކު ކުރެވޭ ވިޔަފާރިއެއްގެ ގޮތުގައި ދެކެގެން ނުވާނެއެވެ—އެއީ ބަދަލަކަށް އެދިގެން ކުރާ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ. މި ވާހަކަތަކުން ހާމަވަނީ އިޚްލާޞްތެރި އަމަލުތަކުގެ ބާރާއި، ﷲ ގެ އަޅުން އެކަލާނގެ ވަޖުހުފުޅަށްޓަކައި ކުރާ ކަންކަމުގެ ވަސީލަތުން ދުޢާކުރުމުން އެކަލާނގެ ލައްވާ ރަޙްމަތެވެ.

އެކަކަށްވެސް ނުފެންނަ ވަގުތު ތިބާއަކީ ކާކު؟

ޝައްކެއްވެސްނެތްގޮތުގައި މިއީ މުއުމިނަކު އަމިއްލަ ނަފްސާ ކުރެވިދާނެ އެންމެ މުހިންމު އެއް ސުވާލެވެ. ތިބާ އެކަނިވާ ހިނދު ތިބާއަކީ ކާކު؟ ތިބާއަށް ތައުރީފުކުރާނެ މީހަކު ނުހުންނަ ވަގުތު ތިބާއަކީ ކާކު؟ ތިބާ އެކަކަށްވެސް ނުއެނގޭނެ ގޮތަށް ފާފައެއް ކޮށްފައި ސިއްރުކުރެވޭނެ ހާލަތުގައި ތިބާއަކީ ކާކު؟ އެއްވެސް މީހެއްގެ ސަމާލުކަމެއް ނުލިބޭނެ ގޮތަށް ހެޔޮކަމެއް ކުރެވެން އޮތްއިރު ތިބާއަކީ ކާކު؟ އެފަދަ އިންސާނާއާމެދު ވިސްނާލުން މުހިއްމެވެ. ސަބަބަކީ އަޅުގަނޑުމެންގެ ވަށައިގެންވާ މީހުންނަށް ފެންނަނީ އަޅުގަނޑުމެންގެ މޫނުތަކާއި ބޭރުފުށުގެ އަމަލުތަކެވެ. އެމީހުންނަށް އިވޭނީ އަޅުގަނޑުމެންގެ ބަސްތަކެވެ. އެމީހުންނަށް ފެންނާނީ އަޅުގަނޑުމެން ފާޅުގައި ކުރާ ކަންކަމެވެ. ނަމަވެސް ދޮރުތައް ލެއްޕުމުން ހިނގާ ކަންކަން ދެކެވޮޑިގަންނަވަނީ ﷲ ތަޢާލާއެވެ.

އެކަކަށްވެސް ނުއެނގޭ ސަދަގާތް އެކަލާނގެ ދެކެވޮޑިގަންނަވައެވެ. ތިބާ ދުރުވި ފާފައާއި އެދުންވެރިކަން އެކަލާނގެ ދެކެވޮޑިގަންނަވައެވެ. އެންމެން ނިދާފައި ތިބިއިރު ތިބާ ކުރި ނަމާދު އެކަލާނގެ ދެކެވޮޑިގަންނަވައެވެ. އެކަކަށްވެސް ނުފެންނަނީސް ތިބާގެ ލޮލޫން ފޭދުނު ކަރުނަތިކި އެކަލާނގެ ދެކެވޮޑިގަންނަވައެވެ. ތިބާގެ ދުނިޔަވީ އެދުންވެރިކަމާއި، އާޙިރަތަށް އެދިގެން ކުރާ އިހްލާސްތެރި ހެޔޮ އަމަލާ ދެމެދު ތިބާ ކުރާ ނަފްސުގެ ކޮންމެ ހަނގުރާމައެއް އެކަލާނގެ ދެކެވޮޑިގެންވެއެވެ.

ހިސާބު ބެއްލެވޭ ދުވަހު، އަމަލުތައް ވަންހަނާކުރެވޭނެ އެއްވެސް ކަމެއް ނެތި އަޅުގަނޑުމެން އެކަލާނގެ ޙަޟްރަތުގައި ކޮޅަށް ތިބޭ ދުވަހު، އަޅުގަނޑުމެންނަށް މުހިންމު ނޫންކަމަށް ހީކުރެވުނު ބައެއް އަމަލުތަކަކީ އަޅުގަނޑުމެންގެ އަތުގައިވާ އެންމެ ބޮޑެތި ޚަޒާނާތައް ކަން އެނގިގެންދާނެއެވެ. އެހެންކަމުން، ފާޅުގައާއި ސިއްރުގައިވެސް ރީތި ދިރިއުޅުމެއް ބިނާކުރައްވާށެވެ. މަދުން ނަމަވެސް، ހަމައެކަނި ﷲ ތަޢާލާއަށްޓަކައިވާ ސިއްރު ހެޔޮ އަމަލުތަކެއް ދެމިގެންދާ ގޮތެއްގައި ބިނާކުރައްވާށެވެ. އެހެން އެއްވެސް މީހަކުށް ނުފެންނަ ވަގުތުގައި ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. މުއުމިނަކަށް، ﷲ ތަޢާލާ ދެނެވޮޑިގެންވުން ފުދެއެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.