Ad
new chapter
މުޖުތަމަޢު

މުޅި ޤައުމުގެ މުސްތަޤުބަލު ބިދޭސީންނަށް ވިއްކާލުމުގެ ޙައްޤު އެއްމެ ފަރުދަކަށް ނޯންނާނެ؟

އެއްވެސް ފަރުދަކަށް އަމިއްލަ އެދުމަކަށްޓަކައި، މުޅި ދިވެހި ޤައުމާއި ރައްޔިތުންގެ ކުރިމަގު، އަންނަން އޮތް އެތައް ޤަރުނަކަށް، ބޭރު ބަޔަކަށް ވިއްކާލައި، މުޅި ދިވެހި އުއްމަތް ނުރައްކަލަށް ހުށައެޅުމުގެ އެއްވެސް ޙައްޤެއް ނުވަތަ އިޚްތިޔާރެއް ލިބިގެން ނުވެއެވެ. ޤައުމުގެ މުސްތަޤުބަލާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި، މިފަދަ ނުރައްކާތެރި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދައި، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަކީ ކޮންމެ ވެރިއެއްގެ މައްޗަށް އޮތް ޤައުމީ އަދި ދީނީ ވާޖިބެކެވެ.

މުޅި ޤައުމުގެ މުސްތަޤުބަލު ބިދޭސީންނަށް ވިއްކާލުމުގެ ޙައްޤު އެއްމެ ފަރުދަކަށް ނޯންނާނެ؟

* ޖީލެއްގެ އަތްމަތީގައި މި ދައުލަތް މިވަނީ ފެއިލްވެފައި:

1978 ވަނަ އަހަރު ރައީސް މައުމޫނަށް ވެރިކަން ލިބިވަޑައިގަތް ހިސާބުން ފެށިގެން، ފާއިތުވި ބައި ޤަރުނެއްހާ ދުވަހުގެ ތެރޭގައި، ދިވެހި ޖީލެއްގެ އަތްމަތީގައި މި ދައުލަތް މިވަނީ ފެއިލްވެފައެވެ. ރައީސް މައުމޫނު، ރައީސް ނަޝީދު، ރައީސް ވަޙީދު، ރައީސް ޔާމީން، ރައީސް ޞާލިޙް، އަދި ރައީސް މުއިއްޒާ ހަމައަށް މި ޤައުމު ދުށް 6 ރައީސުންގެ 50 ވަރަކަށް އަހަރުގެ ދައުރުތަކަށް ބަލާއިރު ދެންނެވެން އޮތީ، ހަޤީގީ ހެޔޮ ވެރިކަމެއް ކުރެއްވި އެއްވެސް ވެރިއަކު ދިވެހި ޤައުމު ދެކެފައި ނުވާކަމަށެވެ.

ޙުދުމުޚުތާރުކަން، ކޮރަޕްޝަން، ނުވަތަ ނާޤާބިލުކަމުގެ ތެރެއިން ކޮންމެވެސް އެއް ސިފައެއް ނުދައްކަވާ ވެރިއަކު ނުފެނެއެވެ. އެއަރޕޯޓެއް، އެސް.ޓީ.އޯ އެއް، ސްޓެލްކޯއެއް، ފެނަކައެއް ކިޔާނެ ކަމެއް ނެތެވެ. ރައްޔިތުން އެދޭ ގޮތަށް ވެރިކަން ނުކުރައްވައިގެން ބަދަލުކުރާ ކޮންމެ ވެރިކަމަކަށް ފަހު ދެން ވަޑައިގަންނަވާ ރައީސެއްގެ ޙާލު މާ ގޯހެވެ. ރަށެއް، ފަޅެއް، ބިމެއް، ކުންފުންޏެއް ކިޔާނެ ކަމެއް ނެތެވެ. އަތްޕުޅުގައި ޖެހުނު އެއްޗެއް، އަމިއްލަފުޅު މަންފާއަށް ވިއްކަވައި، ލޫޓުވާލައްވައި، ދައުލަތުގެ ފައިސާއާއި މަޤާމު ގާތްމީހުންނަށް ބައްސަވައި، އަމިއްލަ ތިޖޫރީ ނުފުރޭ ގޮތަކަށް އެއްކަމެއްވެސް ނުކުރައްވައެވެ.

* ޤައުމުގެ މުސްތަޤުބަލު ބިދޭސީންނަށް ވިއްކާލުމުގެ ޙައްޤު އެއްމެ ފަރުދަކަށް އޮންނާނެތޯ؟:

ރާއްޖޭގެ ސިޔާސީ މަސްރަޙު މިވަގުތު އޮތްގޮތުން، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ޚާއްޞަކޮށް، ރަސްމާލެ ތަރައްޤީ ކުރުމުގެ ނަމުގައި ހިންގާ މަޝްރޫޢުއާއި، އޭގެ ފުރަގަހުގައި ހިނގަމުންދާ ކަމަށް ތުހުމަތުކުރެވޭ ކަންކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވިސްނުމާއި ފިކުރު ވަގުތުން ވަގުތަށް އެމައްސަލަތަކަށް ހުއްޓުވާލަންޖެހޭފަދަ ކަންކަމެވެ. ޤައުމުގެ އިސް ބޭފުޅެއްގެ ނަމުގައި ސޯޝަލް މީޑީއާގައި އާންމުވެފައިވާ ސުވާލަކީ މިއަދު ދިވެހި މުޖުތަމަޢުގައި އެންމެ ބޮޑަށް ބަޙުޘްކުރެވެމުންދާ އެއް ސުވާލެވެ: "ހަތަރު ލައްކައަށް ވުރެ ގިނަ މީހުން އުޅޭ ޤައުމެއްގައި، އެންމެ ފަރުދަކަށް އެޤައުމުގެ މުޅި މުސްތަޤުބަލު ބޭރު ބަޔަކަށް ވިއްކާލުމުގެ އިޚްތިޔާރު އޮންނާނެ ތޯއެވެ؟". މި ސުވާލެވެ.

* ކެބިނެޓުގެ ނުތަނަވަސްކަމާއި އިސްތިޢުފާގެ އަޑުތައް:

މިހާރު ސޯޝަލް މީޑީއާގައި އިދިކޮޅު ފަރާތްތަކުން ބުނަމުންދާގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގެ ބައެއް މިނިސްޓަރުން ވެސް ވަނީ ރަސްމާލެ މަޝްރޫޢާ މެދު ނުތަނަވަސްކަން ފާޅުކުރައްވާފައެވެ. އަދި ބައެއް ވަޒީރުން މަޤާމުން އިސްތިޢުފާ ދެއްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ގަދަވެފެވެ. ޤައުމުގެ މުސްތަޤުބަލާ ކުޅޭ ފަދަ ބޮޑެތި މަޝްރޫޢުތައް ސިއްރުން ނުވަތަ ކެބިނެޓުގެ ފުރިހަމަ މަޝްވަރާއެއް ނެތި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އެތެރޭގައި ވެސް ބޮޑެތި ރެނދުތަކެއް ލައިފާނެކަމެކެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ރައީސް ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ސްޓާފްގެ މަޤާމު އަދާކުރެއްވި އަޙްމަދު މުސްޠަފާ ވެސް ވަނީ މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، ރައީސް މުއިއްޒުގެ ސަރުކާރުގެ ބައެއް މިނިސްޓަރުން އިސްތިއުފާ ދެއްވަފާނެ ކަމުގެ އިޝާރާތެއް ކުރައްވައި ޓްވީޓް ކުރައްވާފައެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ލިބިދާނެ ގެއްލުމަކަށްޓަކައި، ކަމާބެހޭ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ހަނު ތިއްބެވުމުގެ ބަދަލުގައި ހަޤީޤަތް ހާމަކުރައްވަންޖެހޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

* ޔަލޭންޑް އިސްތިއުމާރުކުރި "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލްއާއި ޔޫއޭއީގެ ޖިއޯޕޮލިޓިކަލް ނުފޫޒު:

ރަސްމާލެ މަޝްރޫޢުގެ ނުރައްކާތެރިކަން އެންމެ ބޮޑަށް ހާމަވެގެންދަނީ ސަރުކާރުގެ ކުރީގެ މިނިސްޓަރު އަބްދުﷲ ހަލީލް ފާހަގަކުރައްވާފައިވާ ޤާނޫނީ މޮޑެލްއިންނެވެ. ރަސްމާލޭގެ ޕްރޮޕަޓީތައް އަލައްބާރަށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރާ "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލްއަކީ 16 ވަނަ ގަރުނުގައި ޓިއުޑާ ދަރިކޮޅުގެ މީހުން އަޔަލޭންޑް އިސްތިއުމާރުކުރުމަށް ބޭނުންކުރި ފަދަ ސިޔާސީ އުކުޅެއް ކަމަށް ކުރީގެ މިނިސްޓަރު އަބްދުﷲ ހަލީލް ލިއުއްވާފައިވެއެވެ. އީގަލް ހިލްސް ކުންފުންޏަކީ މުޙައްމަދު އަލައްބާރުގެ ކުންފުންޏެއް ކަމަށް ބުނެވުނު ނަމަވެސް، ޙަޤީޤަތުގައި މިއީ ޔޫއޭއީގެ ވެރިން ނުވަތަ ޝާހީ އާއިލާގެ ފައިސާއިން އެކިއެކި ސިޔާސީ ކަންކަން ކުރުމަށް އަލައްބާރު މޫނުމައްޗަކަށް ދައްކައިގެން ހަދާފައިވާ ކުންފުންޏެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އަލައްބާރު ފެނިގެންދަނީ ޔަހޫދީންނާ ގާތް، އެމީހުންގެ ފައިސާ ބޭނުންކޮށްގެން އިސްލާމީ ޤައުމުތައް އިގްތިސޯދީ މަޅީގައި ޖައްސަން މަޝްރޫޢުތައް ހިންގައިދޭ މެދުވެރިއެއްގެ ގޮތުގައެވެ. ބައިނަލްއަޤްވާމީ މަސްރަޙުގައި ޔޫ.އޭ.އީ އަކީ ކުޑަ ޤައުމެއް ނަމަވެސް، އެ ޤައުމުގެ މާލީ ތަނަވަސްކަމުގެ ބޭނުން ހިފައިގެން ދުނިޔޭގެ އެކި ޤައުމުތަކަށާއި ސަރަހައްދު ތަކަށް ޔޫ.އޭ.އީ އިން ނުފޫޒު ފޯރުވަމުންދާ ދިއުމުގެ ބޮޅެއްގެ ގޮތުގައި ރަސްމާލެ ފާހަގަ ކުރެވެއެވެ. މި މަޝްރޫއަކީ، މި ނަޒަރުން ބަލާއިރު، ރާއްޖޭގެ ސިޔާދަތަށް އޮތް އިންތިހާއަށް ބޮޑު ނުރައްކަލެކެވެ.

* ރަސްމާލެވާނީ ޝައިތޯނާގެ ޖަގަހަޔަކަށް: ދިވެހިން ދެވަނަ ދަރަޖައިގައި ނިކަމެތިވުން:

މުނާފިޤުކަމަކީ އޮޅުވާލެވޭވަރަށްވުރެ މާ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮންނަ ކަމެކެވެ. އިސްލާމްދީނާއި ދިވެހި ޤައުމަށް ވުރެ ބޮޑަށް ފައިސާ އަށް ލޯބި ކުރާ ސިޔާސީ މީހުން، އެމީހުންގެ އަމިއްލަ އެދުމުގައި ޤައުމުގެ ކުރިމަގު ޤުރުބާން ކުރާ އިރު، ރަސްމާލެ ފަދަ ބިޔަ މަޝްރޫޢުތަކުން ބޭރު މީހުންނަށް ތާއަބަދަށް ބިން މިލްކުކޮށްދިނުމުގެ ސަބަބުން، މަދު އަހަރުތަކަކަށް ފަހު މި ޤައުމުގައި ދިވެހިން ވާނީ ދެވަނަ ނުވަތަ (ބަންގްލަދޭޝް މަސައްކަތްތެރީންނަށް ވުރެވެސް ދަށް) ތިންވަނަ ދަރަޖައިގެ ނިކަމެތިންނަށެވެ. ރަސްމާލޭގައި ހެދޭ ބޮޑެތި ޢިމާރާތްތަކާއި، ނުރަސްމީ ކެސިނޯތަކާއި، ޙަރާމް ކަންކަން ހިންގާ ތަންތަނުގައި ރަލެއް ނުވިއްކޭނެއޭ، ކްރިސްމަސް ފާހަގައެއް ނުކުރެވޭނެއޭ، ކެސިނޯއެއް ނުހިންގޭނެއޭ، އެތާގައި ދިވެހި ސިފައިންނާއި ފުލުހުންގެ ބާރު ހިނގާނެއޭ ވިދާޅުވެ ރައީސް މުއިއްޒާއި ހައުސިންގ މިނިސްޓަރ އަބްދުﷲ މުއްތޮލިބް މިހާރު ދައްކަވާ ވާހަކަތައް ދަމަހައްޓަވަން މީގެ ދިހަ އަހަރު ކީއްކުރަން، 2 އަހަރު ފަހުން ވެސް އެބޭފުޅުން ވެރިކަމުގައި ތިއްބަވާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތެވެ. ސައިހޮޓާތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ކުދިކުދި ކަންކަންވެސް ޤާނޫނުގެ ދަށުން ތަންފީޒު ނުކުރެވޭ ޤައުމެއްގައި، ބޭރުގެ ބިޔަ ކުންފުނިތަކުގެ ނުފޫޒާއި މިލިއަނުން ތަޅާ ގުޑުވާލާ ފައިސާގެ ކުރިމަތީގައި ޤައުމުގެ މިނިވަންކަން އިންތިހާ ދަރަޖައިގެ ހިތާމަވެރި ހާލަތަކަށް ވެއްޓުން އޮތީ ވަރަށް ކައިރީގައި ކަން ކަށަވަރެވެ. އެފަދަ ހާލަތެއްގައި ދެވަނަ ދަރަޖައިގެ ނިކަމެތި ދިވެހި ރައްޔިތުންނަށް ރަސްމާލެވާނީ ޝައިތޯނާގެ ޖަގަހަޔަކަށެވެ.

* ދިވެހި ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް؟ - ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ:

ރަސްމާލެއިން 500 ހެކްޓަރު، ނުވަތަ 54 މިލިއަން އަކަ ފޫޓުގެ ބިން ބޭރުގެ ކުންފުންޏަކަށް ހިލޭ ދޭން އުޅޭ މައްސަލައަކީ މުޅި ދިވެހި ދައުލަތުގެ ސަރަހައްދަށް އަންނަ ނުރައްކާތެރި ބޮޑު ބަދަލެކެވެ. އެ މަޝްރޫޢާ ދެކޮޅަށް ފަށާފައިވާ ޤައުމީ ހަރަކާތުގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ފާހަގަކުރެއްވި ގޮތުގައި، ގާތްގަނޑަކަށް ތިން މާލޭ ވަރުގެ ބޮޑު ސަރަހައްދެއް، ބޭރު ބައެއްގެ ބާރު ހިނގާ ގޮތަށް، ދޫކޮށްލުމަކީ ދިވެހި ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދުމުގެ ފުރުސަތު އޮތް ކަމެކެވެ.  37 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވި އަދި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހޯއްދަވާފައިވާ އިޖުތިމާއީ ޚިދުމަތްތެރިޔެއް ކަމުގައިވާ އަޙްމަދު ޢަލީމަނިކުވެސް ވަނީ މި މަޝްރޫޢުގެ ކަންކަން މަދު މީސްކޮޅެއްގެ ބާރުން ނިންމާލުމުގެ ބަދަލުގައި، ރާއްޖޭގެ ވީހާވެސް ގިނަ ބައެއްގެ ރުހުން ހޯދުމަށް އާންމު ވޯޓަކުން ނިންމުމަށް ގޮވާލައްވާފައެވެ. މީގެއިތުރުން، ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލޭގެ މަޝްރޫޢު ކުރިއަށް ގެންދަން ފެނޭތޯ ބެލުމަށް ފެންނަނުފެންނަ ވޯޓަކަށް ދިއުމަށް އިދިކޮޅު ފަރާތްތަކުންވެސް ވަނީ ގޮވާލާފައެވެ.

* އަޅުގަނޑުމެންގެ މުސްތަޤްބަލް ގޮތްނޭގޭ ޑީލަކުން ވިއްކާލެއްވުމުގެ ހައްޤު ރައީސް މުއިއްޒަކަށް ލިބިވަޑައިގެން ނުވޭ:

ޔޫ.އޭ.އީ ގެ އީގަލް ހިލްސް އަށް ހިލޭ ދޭން އުޅޭ ރަސްމާލެ ފަދަ މަޝްރޫޢުތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި ބިމުގެ މިލްކުވެރިކަން ގެއްލި، މާދަމާގެ ދިވެހި ދަރިން ހިތާމަކުރަންޖެހޭ ފަދަ ނުރައްކާތެރި ހާލަތަކަށް ޤައުމު ވެއްޓިގެންދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މައްސަލައިގައި ރައްޔިތުންގެ ވޯޓަކަށް (ރެފަރެންޑަމަކަށް) ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް، ޤައުމުގެ މުސްތަޤުބަލަށްޓަކައި، މިއީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ގޮސް، ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭ ފަދަ ބޮޑު ކަމެކެވެ. ހަތަރު ލައްކައަށް ވުރެ ގިނަ މީހުން އުޅޭ ޤައުމެއްގައި، އެންމެ ފަރުދަކަށް އެޤައުމުގެ މުޅި މުސްތަޤުބަލު ބޭރު ބަޔަކަށް ވިއްކާލުމުގެ އިޚްތިޔާރު އޮވެގެން ނުވާނެއވެ. ރައީސް މުއިއްޒަކީ ވެސް އެންމެ ދިވެހި ފަރުދެކެވެ. އަޅުގަނޑުމެންގެ މުސްތަޤްބަލް، ގޮތްނޭގޭ ޑީލަކުން ވިއްކާލެއްވުމުގެ ހައްޤު ރައީސް މުއިއްޒަކަށް ލިބިވަޑައިގެން ނުވެއެވެ.

* ޤައުމުގެ މުސްތަޤުބަލަށްޓަކައި އަޅަންޖެހޭ ސާބިތު ފިޔަވަޅު:

މިއަދު ދިވެހިރާއްޖެ މިއޮތީ ވަރަށް ނުރައްކާތެރި ހަތަރު އަނގޮޅިއެއްގެ މެދުގައެވެ. ތަރައްޤީގެ ނަމުގައި ހިންގޭ ބޮޑެތި މަޝްރޫޢުތަކަކީ ޤައުމުގެ މިނިވަންކަން އަނދަވަޅަކަށް ވައްޓާލާ ކަންކަމަށް ވެގެން ނުވާނެއެވެ. ރައްޔިތުންގެ ލޯތަކުގައި އަނދުން އަޅުއްވައި، ސިއްރުން ހިންގަވަން އުޅުއްވާ އެއްވެސް މުޢާމަލާތަކީ، ވެރިން ވިދާޅުވީތީ ރައްޔިތުން ލޯތައްމަރައިގެން ތިބެ އިތުބާރާއެކު ރުހެން ޖެހޭ ކަންކަމެއް ނޫނެވެ. މިފަދަ ކަންކަމުގައި ކަމާބެހޭ އިސްވެރިންނާއި، ސިޔާސީ ޕާޓީތަކާއި، ޤައުމީ ވިސްނުން ހުރި ހުރިހާ ފަރާތްތަކުން، ސިޔާސީ ދެބަސްވުން އެއްކައިރިކޮށް، އެއްގަލަކަށް އަރައި، ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ބަސް ބުނަން ޖެހެއެވެ. ޤައުމުގެ މުސްތަޤުބަލު ސަލާމަތް ކުރުމަށްޓަކައި، މިފަދަ ނުރައްކާތެރި މަޝްރޫޢުތައް ހުއްޓުވައި، އޮޅުންތައް ސާފުކޮށް، ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިއުމަށް ބާރުއެޅުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް އޮތް ޤައުމީ ވާޖިބެކެވެ.

* ރައްޔިތުންނާއި ޤައުމުގެ ހައްޤުގައި، އިސްތިއުފާ ދެއްވުން:

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ފުލުހުން، ސިފައިންގެ ބޭކަލުން، ކެބިނެޓް މެމްބަރުން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން، ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުން، އަދި އޮޑިޓަރ ޖެނެރަލް ފަދަ ދައުލަތުގެ ހުރިހާ މުއައްސަސާތަކުގައި ތިއްބެވި ޤައުމަށާއި ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާ ހުރިހާ ފަރާތްތަކެއް، ސަރުކާރަށް ބިރުގަތުމެއްނެތި، ޤައުމުގެ ހައްޤުގައި ވިސްނާވަޑައިގެން، ކުރައްވާފައިވާ ޤައުމީ ހުވައާ އެއްގޮތަށް، ރައްޔިތުންގެ ޙައްޤުގައި ބަސް ވިދާޅުވާންޖެހެއެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި ހިމޭނުން ތިއްބެވުމުގެ ބަދަލުގައި ޤައުމުގެ މިނިވަންކަމަށްޓަކައި ބަސް ވިދާޅުވާން ޖެހެއެވެ. އަދި، ދެއްވަން ޖެހިއްޖެ ހާލަތެއްގައި، ރައްޔިތުންނާއި ޤައުމުގެ ހައްޤުގައި، އިސްތިއުފާ ވެސް، ދެއްވަން ޖެހެއެވެ.

* ރައްޔިތުންނާއި ޤައުމަށްވުރެ ސަރުކާރެއް، ނުވަތަ ރައީސުލް ޖުމްހޫރިއްޔާއެއް ބޮޑެއް ނުވާނެ:

 ވެރިކަމުގެ ނިޒާމު ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު، ރައީސަކީވެސް އެންމެ ފަރުދެކެވެ؛ އަދި ރައީސަށް ލިބިވަޑައިގަންނަވާ ބާރާއި އިޚްތިޔާރު ލިބެނީވެސް ރައްޔިތުން އެވެރިންނާ ހަވާލުކުރާ އަމާނާތެއްގެ ގޮތުގައެވެ. އެއްވެސް ޙާލެއްގައި ރައްޔިތުންނާއި ޤައުމަށްވުރެ ސަރުކާރެއް ނުވަތަ ރައީސުލްޖުމްހޫރިއްޔާއެއް ބޮޑެއް ނުވާނެއެވެ. ޤައުމެއްގެ މިނިވަންކަމާއި، ސިޔާދަތާއި، ބިމުގެ މިލްކުވެރިކަމަކީ ވަކި މުއްދަތަކަށް ވެރިކަމަށް ވަޑައިގަންނަވާ ވަކި ފަރުދެއްގެ އަމިއްލަ މުދަލެއް ނޫނެވެ.

އެހެންކަމުން، އެއްވެސް ފަރުދަކަށް އަމިއްލަ އެދުމަކަށްޓަކައި ނުވަތަ ވަގުތީ މާލީ މަންފާއަކަށްޓަކައި، މުޅި ދިވެހި ޤައުމާއި ރައްޔިތުންގެ ކުރިމަގު، އަންނަން އޮތް އެތައް ޤަރުނަކަށް، ބޭރު ބަޔަކަށް ވިއްކާލައި، މުޅި ދިވެހި އުއްމަތް ނުރައްކަލަށް ހުށައެޅުމުގެ އެއްވެސް ޙައްޤެއް ނުވަތަ އިޚްތިޔާރެއް ލިބިގެން ނުވެއެވެ. ޤައުމުގެ މުސްތަޤުބަލާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި، މިފަދަ ނުރައްކާތެރި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދައި، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަކީ ކޮންމެ ވެރިއެއްގެ މައްޗަށް އޮތް ޤައުމީ އަދި ދީނީ ވާޖިބެކެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.