ތަފާތު މަސްދަރުތަކުން "ކެޔޮނިރު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަރިސް މިނިސްޓަރުން މިހާރު ނިންމަވައިގެން ތިއްބެވީ ރަސްމާލެ މަޝްރޫޢުއާ މެދު ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ދެކޮޅުވެފައިވާތީ، މަޝްރޫޢުގައި ސޮއި ނުކުރައްވައި ކުޑަ ދުވަސް ކޮޅަކަށް މަޑުކޮށްލެއްވުމަށް ފަހު، ރައްޔިތުން މިވާހަކަ ދެއްކުން ހުއްޓާލުމުން ކުއްލިއަކަށް ސޮއިކުރައްވާ ގޮތަށެވެ. ރައީސް މުއިއްޒަށް ދަންނަވާލަން އޮތީ: ރަސްމާލެ މަޝްރޫޢުގައި ނަމަނަމަ ސޮއިނުކުރައްވާށެވެ! މި މަޝްރޫޢުގައި ސޮއިކުރައްވާ ހިސާބުން، ވެރިކަމުގެ އުއްމީދު މުޅިން ފަނާވީ ކަމަށް ބައްލަވާށެވެ.
* މި ނުރައްކާތެރި މަޝްރޫޢުގައި ސޮއިކުރައްވައިފި ނަމަ، ވެރިކަމުގެ ތަޚުތު މުޅިން ހަނދާން ނައްތާލައްވާ:
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ދެމިހުންނަވަން އިޚްލާޞްތެރިކަމާއެކު އެދިވަޑައިގަންނަވާ ނަމަ، މުޅި ޤައުމު ނީލަންކިއުމުގެ މައްޗަށް ބިނާވެފައިވާ މި ނުރައްކާތެރި މަޝްރޫޢުގެ ޚިޔާލު މުޅިން ދޫކޮށްލައްވާށެވެ. ސިޔާސީ ނުރުހުމާއި އޮއިވަރު މަޑުވަންދެން ވަގުތީ ގޮތުން ހިމޭނުން ހުންނަވައި، ދަނޑިވަޅު ބައްލަވާފައި ކުއްލިއަކަށް ސޮއިކޮށްލެއްވުމުން ދިވެހި ރައްޔިތުން ހިމޭނުން ތިބެ "އޯކޭ" ވާނެ ކަމަށް ހީފުޅުނުކުރައްވާށެވެ. މިއީ ދިވެހި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، މުޅި ޤައުމުގެ ކަންފަތްމަތީގައި ޖަހާ 20 ބިލިއަން ޑޮލަރުގެ ބޮޑު ތަފާލެކެވެ. ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދަން އުޅޭ ރަސްމާލެ (މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ) މަޝްރޫޢަކީ ދިވެހި ތާރީޚުގައި ވެސް ހިންގަން އުޅޭ އެންމެ ސިއްރުވެރި، އަދި އެންމެ ބޮޑު އިޤްތިޞާދީ އަދި އިޖުތިމާއީ ޖަރީމާ ކަމަށް ބެލުމުގެ ޖާގަ ވަރަށް ބޮޑެވެ.
ސެޕްޓެމްބަރު 2026 ގައި ފެންމަތިވެގެންދިޔަ މި ވިޔަފާރީގެ ދަންތުރައިގައި، 20 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއްގެ ދަޅަ ރައްޔިތުންނަށް ދެއްކި ނަމަވެސް، މިއީ އެއްވެސް ވާދަވެރި ބިޑްކުރުމެއް ނެތި، ދައުލަތަށް ލިބެންޖެހޭ އެކުއިޒިޝަން ފީއެއް ވެސް، އަދި ބިމުގެ ކުއްޔެއް ވެސް ނުނަގައި ހިންގަން އުޅޭ ސިއްރު މުއާމަލާތެކެވެ. ދިވެހި ރައްޔިތުންގެ ޓެކުހުގެ ފައިސާއިން އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްގެން ހިއްކާފައިވާ 500 ހެކްޓަރުގެ އަގު ބޮޑު ބިން 99 އަހަރަށް، ނިމުމެއް ނެތި އަބަދުގެ އަބަދަށް ރޯލްއޯވަރ ވެގެން ދެމިގެން ދާގޮތަށް، ބޭރުގެ ކުންފުންޏަކަށް ދޫކޮށްލަން ހިންގާ މި އަމަލަކީ ދިވެހި ދައުލަތަށާއި ޤައުމުގެ ސިޔާދަތަށް ވެވޭނެ އިއާދަނުކުރެވޭވަރުގެ ބޮޑު ޚިޔާނާތެކެވެ.
* ސިއްރު ކޮމިޝަނާއި ހުއްޓާލަން ލަދުގަންނަވަރުގެ ރިޝްވަތު:
މި މަޝްރޫޢުގެ ފަހަތުގައިވަނީ ހަމައެކަނި ޤާނޫނީ އަދި އިޤްތިޞާދީ މައްސަލަތަކެއް ނޫނެވެ. މިއަދު އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރާ އެންމެ ބޮޑު ތުހުމަތުތަކަކީ، ސަރުކާރުގެ އިސްވެރިންގެ އުނގަށް ބޭރުގެ ކުންފުނިން ބޮޑެތި އަދަދުތަކުން ކޮމިޝަނާއި ރިޝްވަތުގެ ފައިސާ އަޅާފައިވާ ކަމުގެ ތުހުމަތެވެ. އިދިކޮޅު އެއް ލީޑަރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެމަނިކުފާނުގެ ޕާރޓީ، ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ، ސަރުކާރުގެ ވެރިން ތިބީ "ފައިސާ ނަގާފައި ވާވަރު ބޮޑުކަމުން" މި މަޝްރޫޢު ހުއްޓާލަން ވެސް ލަދުގަނެފައެވެ. ޔާމިނު ވިދާޅުވީ، ސަރުކާރު މިއަދު ވެއްޓިފައިވަނީ ދެކޮޅު ބެދިފައިވާ މަގެއްގައެވެ. އެއްކޮޅުން ފައިސާ ދިން ބޭރު ކުންފުނީގެ މީހުން ހަންޖަރު ހިފައިގެން ތިބިއިރު، އަނެއްކޮޅުން ރައްޔިތުންނާއި އިދިކޮޅު ސިޔާސީ ލީޑަރުން ތިބީ މަގު ހުރަސްކޮށްގެންކަމަށާއި، ސަރުކާރުގެ ވެރިން މިއަދު އެ ތިބީ އުނގުޅިތަކެއްހެން ބާރުވެ، ކުރިއަށް ދެވޭނެ ގޮތެއް، ނުވަތަ ފަހަތަށް އަނބުރާ އާދެވޭނެ ގޮތެއް ވެސް ނެތިފައި ކަމަށް ޔާމިނު ވިދާޅުވިއެވެ.
* އިދިކޮޅު ބާރުތައް އެއްގަލަކަށް: ރިފަރެންޑަމް އަކީ އޮތް ހަމައެކަނި "ހަކީމީ ބޭސް":
އިދިކޮޅުން ތުހުމަތުކުރާ މި ބޮޑު ޚިޔާނާތާ ދެކޮޅަށް މުޅި ސިޔާސީ މައިދާން މިއަދު މިވަނީ އެއްގަލަކަށް އަރާފައެވެ. ޕީއެންއެފްގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުން ވެސް ވަނީ ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް (ރިފަރެންޑަމަކަށް) ދިއުމަށް ގޮވާލައި ބޮޑު އަގުލަބިއްޔަތަކުން ޤަރާރެއް ފާސްކޮށްފައެވެ. އަދި މީގެ ކުރިން ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ކުރީގެ މިނިސްޓަރުން ކަމަށްވާ އިމްރާން ޢަބްދުﷲ ފަދަ ބޭފުޅުން ވެސް މިއަދު ތިއްބެވީ ޤައުމުގެ ހައްޤުގައި މި މަޝްރޫޢާ ދެކޮޅަށް ތެދުވެ، އެއް ސަފެއްގައެވެ.
ރައީސް މުއިއްޒަށް މި މަޝްރޫޢު ހުއްޓާލައްވަން ދަތިވާ ނަމަ، އަދި ކުރެވިފައިވާ ކަންކަމުން "ލަދު ގަންނަ ނަމަ"، ސަރުކާރުގެ އަބުރު ސަލާމަތްކުރައްވަން (ފޭސް ސޭވިންގއަށް) އޮތް ހަމައެކަނި ފޯމިއުލާއަކީ އާންމު ރައްޔިތުންގެ ވޯޓަކަށް ދިއުން ކަމަށާއި، ރައްޔިތުންގެ ވޯޓަކުން މި މަޝްރޫޢަށް "ނޫނެކޭ" ބުނުމުން، ސަރުކާރަށް ބޭރުގެ ކުންފުނި ކައިރީގައި ދެއްކޭނެ ބަހަނާއެއް ލިބޭނެކަމަށް ޔާމިނު ވިދާޅުވިއެވެ.
ރައީސް މުއިއްޒެވެ: ސިޔާސީ ނުރުހުމާއި އޮއިވަރު މަޑުވަންދެން ވަގުތީ ގޮތުން ހިމޭނުން ހުންނަވައި، ދަނޑިވަޅު ބައްލަވާފައި ކުއްލިއަކަށް ސޮއިކޮށްލުމުން ދިވެހި ރައްޔިތުން ހިމޭނުން ތިބެ "އޯކޭ" ވާނެ ކަމަށް ހީފުޅުނުކުރައްވާށެވެ.
* 2028 ގެ ރިޔާސީ ތަޚުތު ހުވަފެނުން ވެސް ދެން ނުފެންނާނެ:
ސަރުކާރުން ޤަބޫލުކުރަންޖެހޭ ހަގީގަތަކީ، އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލް-އައްބާރަށް ވެސް މިއަދު މި ރާއްޖޭގެ މަސްރަޙު ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމެވެ. ދިވެހި ރައްޔިތުންގެ ރުހުމެއް، ސިޔާސީ ޕާޓީތަކާއި އާންމުންގެ ތާއީދެއް ނެތި މިފަދަ ނުރައްކާތެރި މަޝްރޫޢެއް މި ގައުމުގައި ކުރިއަށް ނުގެންދެވޭނެކަން އެ ފަރާތްތަކަށް ވެސް އެނގެއެވެ. ރައީސް މުއިއްޒަށް އަރުވަން އޮތް ސާފު މެސެޖަކީ މިއެވެ: ދިވެހި ރައްޔިތުންގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލައްވައި، ޤައުމުގެ ސިޔާދަތު ނަގާލެވޭ ގޮތަށް ސޮއިކުރައްވައިފި ނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ހުވަފެނަކުން ވެސް ދެން ބައްލަވާނެ ކަމެއް ނެތެވެ.
ރައްޔިތުންގެ ކެތްތެރިކަން މިހާރު އޮތީ ކޮޅުންލާފައެވެ. މި މަޝްރޫޢުގައި ރައީސް ސޮއިކުރައްވައިފި ނަމަ، 2028 ގެ ކުރިން ވެސް ރައްޔިތުން މަގުތަކަށް ނުކުމެ ވެރިކަމުން ބާލާނެ ދުވަސް މާ ދުރުކަމަކަށް ނުފެނެއެވެ. ޤައުމުގެ ބިން ހިލޭ ބައްސަވައިގެން، އަޑިއަޑިން ޖީބުތައް ފުރުއްވައިގެން ވެރިކަން ކުރެއްވޭނެ ކަމަށް އެއްވެސް ބޭފުޅަކު ހީކުރެއްވުމަކީ މޮޔަކަމެކެވެ. ރަސްމާލެއަކީ ރައީސް މުއިއްޒާއި ޕީ.އެން.ސީ ގެ ސިޔާސީ ޖަނާޒާ އަށް ނުހައްދަވާށެވެ. ރަސްމާލޭގެ ކޮރަޕްޝަން ހުއްޓުވުމަށް ދިވެހި ރައްޔިތުން ތިބީ ފަހަތަށް ނުޖެހި، ސާބިތުކަމާއެކު ތައްޔާރަށެވެ.