Ad
new chapter
ސިޔާސީ

ނަޝީދުގެ އެކަހެރިވުމާއި، ޙަޤީޤަތާ ބީރައްޓެހިވުމުގެ ޤައުމީ ޚިޔާނާތް

އަމިއްލަ މާލީ ނުވަތަ ސިޔާސީ ފައިދާއަށްޓަކައި، ޤައުމާއި ރައްޔިތުން ޤުރުބާންކޮށް، ބޭރު ފަރާތްތަކުގެ މަސްލަހަތު އިސްކުރަން އުޅުއްވުމުން، ރައީސް ނަޝީދު މިއަދު ވަނީ ސިޔާސީގޮތުން އެކަހެރިވެ، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ "އިރެލެވަންޓް" ބޭފުޅަކަށް ވެފައެވެ. މިފަދަ ސިޔާސަތުތަކާ އެކު، ޤައުމަށް ޚިޔާނާތްތެރިވާ ވެރީންނަށް – އެއީ ރައީސް މުއިއްޒު ކަމުގައި ވިއަސް، ނުވަތަ ރައީސް ނަޝީދު ކަމުގައި ވިއަސް - ތާރީޚުގެ ސަފުޙާތަކުން ލިބޭނީ އަނދިރި ސޮފްހާއެކެވެ.

ނަޝީދުގެ އެކަހެރިވުމާއި، ޙަޤީޤަތާ ބީރައްޓެހިވުމުގެ ޤައުމީ ޚިޔާނާތް

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު މިއޮތީ ނުހަނު ހިތާމަވެރި އަދި ނާޒުކު ހަނގުރާމައެއްގެ ތެރޭގައެވެ. ޤައުމު މިއޮތީ މިނިވަންކަމާއި، ސިޔާދަތާއި، އިޤްތިޞާދީ މުސްތަޤުބަލާ މެދު ކަންބޮޑުވެ، ރެއާއި ދުވާލު ނުނިދާ މިކަމާ ފިކުރު ކުރަންޖެހޭ ފަދަ ހާލަތެއްގައެވެ. ނަމަވެސް، ދިވެހި ސިޔާސީ މައިދާނުގެ ކުރީ ސަފުގައި ފާހަގަކޮށްލެވުނު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މުޅިން ތަފާތު މަގެއް ޚިޔާރުކުރައްވައި، ޤައުމުގެ ޙަޤީޤީ ވިންދާ މުޅިން ބީރައްޓެހިވެވަޑައިގެންފައެވެ.

*މުޅި ޤައުމުގެ އިޙުސާސްތަކާ ދެކޮޅަށް ނަޝީދު ތެދުވެވަޑައިގަތުން:

މިއަދު ފެންނަމުންދަނީ ރައީސް ނަޝީދު ހަމައެކަނި އެމްޑީޕީގެ އާންމު މެންބަރުންނާއި ލީޑަޝިޕާ ޚިޔާލުތަފާތުވެވަޑައިގަންނަވާ ތަނެއް ނޫނެވެ. ފެންނަމުން މިދަނީ މުޅި ދިވެހި މުޖުތަމައުގެ އިޖުތިމާއީ، ދީނީ އަދި އިޤްތިޞާދީ ބިންގާ ފުނޑުފުނޑުކޮށްލާފަދަ، މަންތިގީ ގޮތުން ފެއިލްވެފައިވާ ނުރައްކާތެރި ސިޔާސީ ހުށަހެޅުއްވުންތަކެއް ހާމަކުރައްވައި، މުޅި ޤައުމުގެ އިޙުސާސްތަކާ ދެކޮޅަށް ނަޝީދު ތެދުވެވަޑައިގަންނަވަމުންދާ އަނދިރި މަންޒަރެވެ.

*ބޭރުގެ ބާރުތަކަށް ރަސްމާލެ ފަދަ ރާއްޖޭގެ ބިންތަކާއި ރައްޔިތުކަންވެސް ހިލޭ ބަހާލުމަށް ނަޝީދު ތާއިދު:

ދިވެހި ރައްޔިތުންގެ ބައިވެރިވުމެއްނެތި، އަދި އެއްވެސް އެކުއިޒިޝަން ފީއެއް ނުވަތަ ބިމު ކުއްޔެއް ނެގުމެއް ނެތި، ދިވެހިންގެ ފައިސާއިން ހިއްކާފައިވާ 500 ހެކްޓަރުގެ ބިން 99 އަހަރަށް، ނުވަތަ ރޯލްއޯވަރ ވެގެންދާގޮތަށް، ދާއިމަށް، ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން މަރުފަލި ޖަހަމުންދާ ދަނޑިވަޅެއްގައި އިދިކޮޅު އެންމެ ބޮޑު ޕާރޓީގެ ޗެއާޕާރސާން، ރައީސް ނަޝީދު މިމަޝްރޫއަށް ތާއިދު ކުރެއްވުމަކީ ދިވެހި ޤައުމާއި ރައްޔިތުންނަށް ވެވޭ އިއާދަނުކުރެވޭވަރުގެ ބޮޑު ޚިޔާނާތެކެވެ. މި މަޝްރޫޢާ ދެކޮޅަށް އެމް.ޑީ.ޕީ ގެ ޤައުމީ މަޖުލީހާއި، ޤައުމުގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން ނިކުމެ، ރިފަރެންޑަމަކަށް ގޮވާލައި، ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ދަނޑިވަޅެއްގައި، ރައީސް ނަޝީދު ހުންނެވީ މިމަޝްރޫޢާ އެއްކޮޅަށެވެ. ރައްޔިތުންގެ ގިނަ ބަޔަކާ ދެކޮޅަށެވެ. އެމަނިކުފާނު ވަނީ މި މަޝްރޫޢަށް އެއްވެސް ޝަރުތަކާ ނުލައި ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

*ދިވެހި ރައްޔިތުންގެ މޫނުމަތީގައި ނަޝީދު ޖެއްސެވި ބޮޑު ތަފާއްޔެއް:

އަދި މިފަދަ ބޮޑެތި ޤައުމީ މައްސަލަތަކުގައި އިސްލާމީ އަޤީދާއާއި ޒަޔަނިސްޓް ނުފޫޒުގެ ވާހަކަ ދެއްކުމަކީ ސާބިތުނުހިފޭ، "ހައްދުފަހަނައަޅާފައިވާ ގައުމިއްޔަތެއްގެ" ވާހަކަތަކެއް ކަމަށް ސިފަކުރައްވައި، ނަޝީދު ވަނީ ބަޔާނެއް ނެރުއްވާފައެވެ. އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލްޢައްބާރަކީ އިޒްރޭލުގެ ސިޔާސީ އަދި ވިޔަފާރި ފަރާތްތަކާއެކު ބަދަހި ގުޅުންތަކެއް ބާއްވާ، ޣައްޒާގެ ވަޒަންވެރިންގެ އާބާދީތައް އިންވެސްޓްމެންޓެއްގެ ގޮތުގައި ބޭނުންކުރުމަށް ހުށަހަޅާފައިވާ ފަރާތެއް ކަން ބައިނަލްއަޤްވާމީ މީޑިއާތަކުން ހާމަކޮށްފައިވަނިކޮށް، މިފަދަ ނުރައްކާތެރި ހަޤީގަތްތައް "ބިރުވެރިކަމާއި ރުޅިވެރިކަން ފަތުރަން ދައްކާ ވާހަކަތަކެއް" ކަމަށް ނަޝީދު ސިފަކުރެއްވުމަކީ ދިވެހި ރައްޔިތުންގެ މޫނުމަތީގައި ނަޝީދު ޖެއްސެވި ބޮޑު ތަފާއްޔެކެވެ.

*ބިދޭސީންނަށް ރައްޔިތުކަން ދިނުމަށް ނަޝީދު ތާއިދު ކުރައްވައި ގޮވާލެއްވި ނުރައްކާތެރި ގޮވާލެއްވުން:

ނަޝީދުގެ ސިޔާސަތުތަކަށް ބަލާއިރު މިއީ އައު ކަމެއް ނޫނެވެ. ނަޝީދުގެ ވެރިކަމުގައި ވެސް އަދި އޭގެ ފަހުން ވެސް ދިވެހީންގެ މަސްލަހަތުގެ މައްޗަށް ޙިޔާރު ކުރައްވަނީ ބޭރު މީހުންގެ މަސްލަހަތުތަކެވެ. އެގޮތުން، ރާއްޖޭގައި ހުރި ފަންނީ މަސައްކަތްތެރިންގެ ދަތިކަން ހައްލުކުރުމުގެ ނަމުގައި، ބޭރު ޤައުމުތަކުގެ މީހުން ގެނެސް ދިވެހި ރައްޔިތަކަށް ވުމުގެ ފުރުސަތު ދިނުމަށް ވެސް މިއަހަރު ކުރީކޮޅު ނަޝީދު ގޮވާލެއްވިއެވެ. ދިވެހި ރައްޔިތުކަމަކީ ރާއްޖެ އައިސް ވަޒީފާއަދާކުރާތީ ބިދޭސީންނަށް ދޭ "ސައިނިން ބޯނަސް"އެއް ނޫނެވެ. މިއީވެސް އެމަނިކުފާނު ޙަޤީޤަތާ މުޅިން ދުރަށް ވަޑައިގެންފައިވާކަން ހާމަކޮށްދޭ ކަމެކެވެ.

 ވަޒީފާތަކަށް ބިދޭސީ ޕްރޮފެޝަނަލުން ގެނެސް ދިވެހި ރައްޔިތުކަން ދިނުމަށް ތާއިދު ކުރައްވައި ނަޝީދު ދައްކަވާ ހުއްޖަތަކީ 2009 ވަނަ އަހަރު އޮސްޓްރޭލިއާއިން ފަސް މިލިއަން މީހުންނަށް ރައްޔިތުކަން ދީގެން އެޤައުމަށް ގެންދިޔަ ސިޔާސަތެވެ. އޮސްޓްރޭލިއާއަކީ 8 މިލިއަން އަކަކިލޯމީޓަރުގެ ބިޔަ ބައްރަކަށް ވާއިރު، ރާއްޖެއަކީ އެންމެ 300 އަކަކިލޯމީޓަރުގެ ހިކިފަސް ބިންކޮޅެއް އޮތް، ދުނިޔޭގެ އެންމެ ތޮއްޖެހުން ބޮޑު އެއް ޤައުމެވެ. އޮސްޓްރޭލިއާގެ މޮޑެލް ރާއްޖޭގައި ހިންގަން އުޅުމަކީ ކަނޑު އޮޅެއްގައި މާލޭގެ އާބާދީ ވަޒަންވެރިކުރަން އުޅުން ފަދަ މަންތިގީ ގޮތުން ފެއިލްވެފައިވާ ސިޔާސަތެކެވެ.

*އައްޑޫ ސިޓީގެ ސެޓްލްމަންޓާއި ލަންކާ މީހުންނަށް ދިވެހި ބޯޑަރު ހުޅުވާލުމުގެ ނުރައްކާތެރި ސިޔާސަތު:

އައްޑޫ ސިޓީއަށް ބޭރުގެ ޕްރޮފެޝަނަލް މަސައްކަތްތެރިން ގެންގޮސް، އެތަނުގައި އެމީހުން ދާއިމީކޮށް ވަޒަންވެރިކުރުވުމަށާއި، އަދި ޝްރީލަންކާއާ ރާއްޖެއާ ދެމެދު ބޯޑަރު ހުޅުވާލައި "ވޯކް ޕާމިޓެއް" ނެތި ލަންކާ މީހުންނަށް ރާއްޖޭގައި ވަޒީފާ އަދާކުރެވޭނެ ގޮތް ހެދުމަށް ވެސް މިއަހަރު ކުރީކޮޅު ރައީސް ނަޝީދު ގޮވާލައްވާފައިވެއެވެ. މިއީ ރާއްޖޭގެ ދެކުނުގެ ސްޓްރެޓީޖިކް ސަރަހައްދުގައި ބޭރުގެ އާބާދީއެއް އުފައްދައި، ދިވެހި ޒުވާނުން ވަޒީފާ ނެތް ބިކަ ބަޔަކަށް ހަދައި، ޤައުމުގެ އިޤްތިޞާދީ ސިޔާދަތު ބޭރު މީހުންގެ އަތްމައްޗަށް ދޫކޮށްލުމަށް ބޭރުގެ ބާރުތަކާ ގުޅިގެން ރާވާފައިވާ ނުބައި ރޭވުމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. ނަޝީދުގެ މިހުރިހާ ގޮވާލެއްވުމަކުން ވެސް ފެންނަނީ އެއް ޕެޓަނެކެވެ. ބިދޭސީން ރާއްޖެ ގެނެސް، އެމީހުންނަށް ދިވެހި ރައްޔިތުކަން ދީގެން، މިޤައުމުގައި ވަޒަންވެރި ކޮށް މިޤައުމަކީ ތަފާތު ދީން ތަކުގެ މީހުން އުޅޭ ޤައުމަކަށް ހެދުމެވެ.

*ޤާނޫނީ، އިޤްތިޞާދީ އަދި ސަރަޙައްދީ ސަލާމަތަށް ނަޝީދުގެ ސިޔާސަތުތަކުން އޮތް ނުރައްކާ:

އީގަލް ހިލްސްގެ މަޝްރޫޢަށާއި ބޭރު މީހުންނަށް ރައްޔިތުކަން ދިނުމަށް ރައީސް ނަޝީދު ތާއީދުކުރައްވާއިރު، އެމަނިކުފާނަށް ކިރިޔާ ބާރެއް ލިބިވަޑައިގަތަސް ރާއްޖޭގައި މިކަންކަން ކުރައްވާނެކަން ކަށަވަރެވެ. މިފަދަ ޙިޔާލުތައް ފާޅުކުރެއްވުމަކީ ވެސް ރާއްޖޭގެ ޤާނޫނީ، އިޤްތިޞާދީ އަދި ސަރަޙައްދީ ސަލާމަތަށް ހުރި ވަރަށް ބޮޑެތި ނުރައްކާތެރި ގޮންޖެހުންތަކެކެވެ. ޤާނޫނުއަސާސީގެ 251 ވަނަ މާއްދާއާ ޚިލާފަށް، އަދި މާލިއްޔަތު ޤަވާއިދާ ޚިލާފަށް އެއްވެސް ބިޑްކުރުމެއް ނެތި ރަސްމާލެ ފަދަ ދިވެހި ޤައުމުގެ ބިންތައް ދޫކޮށްލުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ރާވާރެވުންތަކަކީ ދައުލަތުގެ މުދަލަށް ވެވޭ ބޮޑު ޚިޔާނާތެއްކަން އެގި ހުންނަވައިވެސް ރައީސް ނަޝީދު އެގެންދަވަނި މިފަދަ ކަންކަމަށް ތާއިދު ކުރައްވައި، ރައްޔިތުންގެ ވިސްނުމާއި މަސްލަހަތުތަކާ ދެކޮޅަށް ބަސް ވިދާޅުވަމުންނެވެ. މިފަދަ ކަންކަމުގެ ސަބަބުން ސިއްކިމް ފަދަ ވަކި "ދައުލަތެއް" ރާއްޖޭގެ މެދުގައި އުފެދި، އިންޑިއާ ފަދަ ސަރަޙައްދީ ބާރުތަކަށް ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތްބޭނުމަށް ވަލުދޮރާށްޓެއް ހުޅުވިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

*ސިޔާސީގޮތުން އެކަހެރިވެ، ރައްޔިތުންގެ އިތުބާރު ގެއްލި "އިރެލެވަންޓް" ބޭފުޅަކަށް ވުން:

ރައީސް ނަޝީދު ދައްކަވާ ވާހަކަތަކާއި ގެންގުޅުއްވާ ސިޔާސަތުތަކަށް އެމްޑީޕީގެ އެތެރެއިންނާއި އެޕާރޓީގެ އެހެން ލީޑަރުން ވަނީ ވަރަށް ބޮޑަށް ނޫނެކޭ ބުނެ އަޑުއިއްވާފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުން މި ހަފްތާގައި ވަނީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރިފަރެންޑަމެއް) ނެގުމަށް ސަރުކާރަށް ގޮވާލައި ބޮޑު އަގުލަބިއްޔަތަކުން ޤަރާރެއް ފާސްކޮށް، އެފަދަ ވޯޓަކާ ނުލައި ރަސްމާލެ ބޭރު ބަޔަކަސް ދޭނަމަ ވަރުގަދަ އިހުތިޖާޖްތަކަކަށް މަގުތަކަށް ނިކުންނާނެކަން ޢިއުލާން ކޮށްފައެވެ. އެޕާރޓީގެ ކުރީގެ ޗެއާޕާސަން، އަދި 2028 ގެ ރިއާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ފައްޔާޒް އިސްމާއިލް ފަދަ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި، ރިފަރެންޑަމެއް ނުބާއްވާނަމަ މަގުތަކަށް ނިކުމެ ސީދާ ހަރަކާތަށާއި މުޒާހަރާތަކަށް ދާންޖެހޭނެއެވެ. ބޭރު ފަރާތްތަކުގެ މަސްލަހަތު އިސްކުރަން އުޅުއްވުމުން، ރައީސް ނަޝީދު ވަނީ ސިޔާސީގޮތުން އެކަހެރިވެ، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ "އިރެލެވަންޓް" ބޭފުޅަކަށް ވެފައެވެ.

* ސްކޫލް ކުދިންގެ ޔުނިފޯމް ނިވާ ނުކުރުމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކަން ވެސް ނަޝީދު ގޮވާލެއްވި:

ނަޝީދުގެ މި ސްޓޭންޑްތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ރައީސް ނަޝީދަކީ ޤައުމުގެ މަސްލަހަތުގައި ވާހަކަދައްކަވަން ކުފޫހަމަވާ ބޭފުޅެއް ނޫންކަމަށެވެ. ނަޝީދުގެ ވެރިކަމުގައި ސިފައިންނަކީ މުހިންމު ބައެއް ނޫން ކަމަށް ވިދާޅުވުމާއި، މައި އެއާޕޯޓު އިންޑިއާގެ ޖީ.އެމް.އާރް ކުންފުންޏަށް ވިއްކާލެއްވުމާއި، ދިވެހި ފެން ކުންފުންޏާއި ދިރާގުގެ ހިއްސާ ބޭރު މީހުންނަށް ދޫކޮށްލެއްވުން ފަދަ ޖަރީމާތަކަކީ ޤައުމުގެ ސިޔާދަތަށް އެމަނިކުފާނު ދެއްވި ގެއްލުންތަކުގެ ކުޑަ މިސާލެކެވެ. މީގެ އިތުރުން ސްކޫލް ކުދިންގެ ޔުނިފޯމާއި މީހުން ދިރިއުޅޭ ރަށްރަށުގައި (މާފުށި ފަދަ ތަންތަނުގައި) ބަނގުރަލާއި އޫރުމަސް ވިއްކުން ހުއްދަކުރުމަށް ވަކާލާތުކުރެއްވުމަކީ އިސްލާމީ އުސޫލުތަކާ މުޅިން ފުށުއަރާ، ދީނަށް ފާޑުވިދާޅުވުމުގެ ދިގު ތާރީހެއް ނަޝީދުގެ އޮތްކަން ހާމަކޮށްދޭ ކަންކަމެވެ.

*ޤައުމުގެ ދިފާޢުގައި އެންމެން އެކުގައި ތެދުވުން:

ދިވެހި ޤައުމުގެ މުސްތަޤުބަލާއި، ދިވެހި ދަރިންގެ ކުރިމަގު ބިނާވެފައިވަނީ މިއަދު އަޅާ ހަރުދަނާ ފިޔަވަޅުތަކެއްގެ މައްޗަށެވެ. ދިވެހީންގެ މުދަލާއި، ލެޔާއި، ދަލުން އުފައްދާފައިވާ ބިން، އެއްވެސް އަގެއް ނެތި ބޭރުގެ ފަރާތްތަކަށް ހިލޭ ބަހާލުމާއި، ބިދޭސީންނަށް ދިވެހި ރައްޔިތުކަން ބަހާލުމަކީ  ރައީސް މުއިއްޒު ނުވަތަ ރައީސް ނަޝީދު ވިދާޅުވިއަސް ބަލައިގަނެވޭނެ ސިޔާސަތުތަކެއް ނޫނެވެ. ރައީސް ނަޝީދު ކިތަންމެ ވަރަކަށް ބޭރުގެ ފަރާތްތަކުގެ ދިފާޢުގައި ވާހަކަދެއްކެވިޔަސް، ދިވެހި ރައްޔިތުންނާއި އިޚްލާސްތެރި ސިޔާސީ ލީޑަރުން ތިބީ ހޭލައެވެ. މިއަދުގެ ޙާލަތު ގޮވާލަނީ ޕާޓީތަކާއި ސިޔާސީ ފިކުރުތައް އެއްފަރާތްކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް އެންމެން އެކުގައި ތެދުވުމަށެވެ. އަމިއްލަ މާލީ ނުވަތަ ސިޔާސީ ފައިދާއަށްޓަކައި، ޤައުމާއި ރައްޔިތުން ޤުރުބާންކޮށް، ބޭރު ފަރާތްތަކުގެ މަސްލަހަތު އިސްކުރަން އުޅުއްވުމުން، ރައީސް ނަޝީދު މިއަދު ވަނީ ސިޔާސީގޮތުން އެކަހެރިވެ، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ "އިރެލެވަންޓް" ބޭފުޅަކަށް ވެފައެވެ. މިފަދަ ސިޔާސަތުތަކާ އެކު، ޤައުމަށް ޚިޔާނާތްތެރިވާ ވެރީންނަށް – އެއީ ރައީސް މުއިއްޒު ކަމުގައި ވިއަސް، ނުވަތަ ރައީސް ނަޝީދު ކަމުގައި ވިއަސް - ތާރީޚުގެ ސަފުޙާތަކުން ލިބޭނީ އަނދިރި ސޮފްހާއެކެވެ. ދިވެހި ޤައުމުގެ މިނިވަންކަމުގެ ރޫހު ދަމަހައްޓާނީ ދިވެހި ޤައުމީ ދަރިންގެ ހިތްވަރާއި ޤުރުބާނީއިންކަން މިފަދަ ވެރީން ދަންނަން ޖެހެއެވެ!

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.