ހުކުރު ދުވަހުގެ ރޭ، 8:30 ހިނގިއިރު، ހިމަފޮދު ވާރޭގެ ތިކިތައް ވެހެމުންދިޔަ، ރޭގަނޑުގެ ތެއްފިނިކަމުގެ ތެރޭގައި ވެސް، މާލޭގެ އާޓިފިޝަލް ބީޗު ސަރަޙައްދު ފުރާލާފައި އޮތީ ޤައުމީ ޖޯޝުން ފުރިގެންވާ ރަތް ކަނޑެއްފަދައިން، އެތައް ސަތޭކަ ދިވެހިން ހިމެނޭ ގޮތަށް، ރައްޔިތުންގެ ލޭގެ ކުލައިންނެވެ. މޫސުމުގެ އެ ފިނިކަމަށް ބެލުމެއް ނެތި، އެ ހުރިހާ ދިވެހީން އެއްތަނަކަށް ޖަމާވެ ތިބީ އަމިއްލަ އެދުމަކު ނޫނެވެ؛ އެއީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި މުސްލިމުންގެ ލޮބުވެތި ޤައުމާއި، މި ޤައުމުގެ މުސްތަޤްބަލުގެ ދަރީންގެ ޙައްޤުގައި އަޑުއުފުލުމަށްޓަކައެވެ. ރަސްމާލެ މަޝްރޫޢުގެ ނަމުގައި، ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކޮށްގެން ހިއްކާފައިވާ 500 ހެކްޓަރުގެ ބިން، "އީގަލް ހިލްސް" ކުންފުންޏަށް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "ދިވެހީންގެ ބިން ދިވެހީންނަށް" ބޮޑު އެއްވުމަކީ ފެށުމެކެވެ. މިއީ ޔަހޫދީންނާއި ހިންދުތުވާއިންގެ ވަކިތަކުން ދިވެހި ޤައުމުގެ ކުރިމަގު ސަލާމަތް ކުރަން އުފެދުނު ވަރުގަދަ ޤައުމީ ހަރަކާތެކެވެ.
އެއްވުމަގައި ބައިވެރިވީ މަދު މީސްކޮޅެއް ކަމަށް ބުނެ ސަރުކާރުގެ ބޮޓުންނާއި ސަރުކާރަށް ވިކިފައިވާ ނޫސްތަކުން ދޮގު ޕްރޮޕެގެންޑާ ފެތުރިއަސް، މިއީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު ދުށް އެންމެ ބޮޑު ޤައުމީ ކަންބޮޑުވުމުގެ އުދާސް ބޭރުކޮށްލި، އަދި މި ޤައުމުގެ ސިޔާދަތީ ބާރުތައް ބޭރުގެ ކުންފުނިތަކަށް ދޫކޮށްލުމުގެ ރޭވުމާ ދެކޮޅަށް ދިވެހި ރައްޔިތުން ނިކުމެ، މާލޭގެ މަގުތައް ހޭލައްވާލައި ދިވެހީންގެ ލޭ ކައްކުވާލި ތާރީޚީ އެއްވުމެކެވެ.
* ރައީސް މުޢިއްޒުގެ ސަރުކާރަށް ރައްޔިތުން ދިން ވަރުގަދަ އިންޒާރެއް:
ސިޔާސީ ވާދަވެރިކަމާއި ޕާޓީގެ ކުލަތައް އެއްފަރާތްކޮށް، މި ޤައުމީ އިއްތިޙާދުގެ އެއްވުމުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމާއި، އަދި މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން ޤައުމީ ލޯބި އޮތް އެތައް ރައްޔިތަކު ބައިވެރިވިއެވެ. މިއީ ވަކި ޕާޓީއެއްގެ މަސްލަޙަތަށް ވުރެ ބޮޑަށް ޤައުމުގެ މިނިވަންކަމާއި އިސްލާމީ ވަޙްދަތު އިސްކޮށް، ރައީސް މުޢިއްޒުގެ ސަރުކާރަށް ރައްޔިތުން ދިން ވަރުގަދަ އިންޒާރެކެވެ.
* މިޚިޔާނާތް ހިނގަމުންދާއިރު ހަނުހުންނަ ކޮންމެ މީހަކު މާދަމާ ޖިނާއީ ތަޙުޤީޤަކަށް ހާޒިރުކުރެވޭނެ:
މި ވަރުގަދަ ޤައުމީ އިޙްތިޖާޖުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވަނީ ވެރިކަންކުރާ ޕީ.އެން.ސީ ގެ އާއްމު މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޕާރޓީއެއްގެ މެންބަރުންނާއި، އަދި ސަލާމަތީ ބާރުތަކުގެ ކަމާބެހޭ ފަރާތްތަކަށް ވަރަށް ސާފު އަދި ވަރުގަދަ އިންޒާރެއް ދެއްވާފައެވެ: ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވަމުންދާ މިފަދަ ދަނޑިވަޅެއްގައި ހައްޤު ބަސް ބުނަން ނުކުތުމަކީ ކޮންމެ ދިވެހި ފަރުދެއްގެ މައްޗަށް ލާޒިމުވެގެންވާ ޤައުމީ ވާޖިބެއްކަން ފާހަގަކުރައްވަމުން، މިކަމާ ދެކޮޅަށް ބަހެއް ނުބުނެ، މި ޚިޔާނާތް ހިނގަމުންދާއިރު ހަނުތިބެ، ބައިވެރިވާ ކޮންމެ މީހަކީ މާދަމާ އަންނަ ސަރުކާރަކުން ޖިނާއީ ތަޙުޤީޤަކަށް ހާޒިރުކުރެވި، ޤާނޫނީ ގޮތުން ޝަރީއަތުގެ ކުރިމައްޗަށް ގެނެވޭނެ މީހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
* ކޮންމެ ބަޔަކު ވެރިކަމަށް އައި ކަމުގައިވިޔަސް ރަސްމާލޭގެ ބިން އަނބުރާ ދިވެހި ދައުލަތަށް ނަގައި، ބަދަލެއް ވެސް ނުދޭނެ:
ކުރިއަށް އޮތް ރިޔާސީ އިންތިޚާބެއްގައި މި ސަރުކާރު ނޫން ކޮންމެ ބަޔަކު ވެރިކަމަށް އައި ކަމުގައިވިޔަސް، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ޔޫ.އޭ.އީ ގެ "އީގަލް ހިލްސް" ކުންފުންޏަށް ދޫކޮށްލަން ރާވާފައިވާ 500 ހެކްޓަރުގެ ބޮޑު ބިން އަނބުރާ ދިވެހި ދައުލަތަށް ނަގާނެ ކަމަށާއި، ޤައުމުގެ ބިން ވިއްކާލުމުގެ މިފަދަ އެއްވެސް މުޢާމަލާތަކަށް ދައުލަތުން އެއްވެސް ބަދަލެއް ނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވާހަކަފުޅުގައި ދެއްވިއެވެ.
އަސްލު ދިވެހީން އެދޭ ގުލްޒާރު: ރަސްމާލޭގެ ބިމުން ނުފެންނާނެ މިނިވަންކަން
ދިވެހީން ބޭނުންވަނީ ރަސްމާލެއަކީ ދިވެހީންގެ އަމިއްލަ ގުލްޒާރެއްގެ ގޮތުގައި އޮތުމަށެވެ. އެ ޤުލްޒާރުގެ ހިތްގައިމު ވެށީގައި ނަޔާ ނޫރާނީ މާތައް ފޮޅި، ބުލްބުލްތަކާއި ކޮކާތައް ފަރިކަމާއެކު އުދުހި އުޅޭނެ ރަސްމާލެއެކެވެ. މުނިޔާތަކާއި ގުރާތައް ފަރިކަމާއި، ހިނިތުންވުމާއި، މިނިވަންކާއެކު އެ ތަނުގައި އުފާފާޅުކޮށް އުޅޭނެ ރަސްމާލެއެކެވެ. ނަމަވެސް، މިއަދު ރައީސް މުޢިއްޒުގެ ސަރުކާރުން ރަސްމާލެ މަޝްރޫޢުގެ ނަމުގައި ހިންގާ މުޢާމަލާތުން ދިވެހިންނަށް ގެނެސްދެނީ މިފަދަ މިނިވަން އުފާވެރި ގުލްޒާރެއް ނޫނެވެ. ދިވެހި ދައުލަތުން ބިލިއަނެއްހާ ޑޮލަރު ހޭދަކޮށްގެން ހިއްކާ މި ބޮޑު ބިމުން 500 ހެކްޓަރު، އެއް ޤަރުނަށް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލައިގެން އަމިއްލަ ވަޒަނުގައި ދިވެހިން ބީރައްޓެހިކޮށްލާ، އައިރު ދީނަތަކުގެ މީހުންގެ ފައި މިބިމުގައި ދާއިމަށް ހަރުކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަކީ ބިރުވެރި އަދި އަޅުވެތި މުސްތަޤްބަލަކަށް ހުޅުވޭ ނުރައްކާތެރި ދޮރެކެވެ.
ބިން އަތުލާނަން، ބަދަލެއް ވެސް ނުދޭނަން: ރައީސް ޔާމީންގެ ސާފު އިންޒާރު
އާޓިފިޝަލް ބީޗުގައި ބޭއްވި މި އެއްވުމުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެއްގައި މި ސަރުކާރު ނޫން ކޮންމެ ބަޔަކު ވެރިކަމަށް އައި ކަމުގައިވިޔަސް – އެއީ ރައީސް ޔާމިނުގެ ޕީ.އެން.އެފް ކަމަށް ވިއަސް ނުވަތަ އެމް.ޑީ.ޕީ ކަމަށް ވިއަސް - އީގަލް ހިލްސްއަށް ދޭންއުޅޭ 500 ހެކްޓަރުގެ ބިން އަނބުރާ ދިވެހި ދައުލަތަށް ނަގާނެ ކަމަށާއި، އެއްވެސް ބަދަލެއް ވެސް އެ ކުންފުންޏަށް ނުދޭނެ ކަމަށެވެ. މިއީ ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ފައްތައިގެން، ރައްޔިތުންގެ ރުހުމާ އެކު ކުރާ ކަމެއް ނޫން ކަމަށާއި، މި ޖަރީމާގައި ބައިވެރިވާ ޕީ.އެން.ސީ ގެ މެންބަރުންނާއި، މަޖިލިސް މެންބަރުންނާއި، ފުލުހުންނާއި ސިފައިންގެ ތެރެއިން މިކަމާ ދެކޮޅަށް ބަސް ނުބުނެ ހަނު ހުންނަ ކޮންމެ މީހަކީ ކުށުގައި ބައިވެރިވާ މީހެއް ކަމަށާއި، ވެރިކަން ބަދަލުވުމުން އެ އެންމެން ޖިނާއީ ތަޙުޤީޤަކަށް ހާޒިރުކުރެވި، ކޯޓުތަކުން ޤާނޫނީ އަދަބު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
* 400 ބިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މި ބިން ބޭރުގެ ފަރާތަކަށް ހިލޭ ދޫކޮށްލުމަކީ ދިވެހިން ދުވަހަކުވެސް މައާފް ކުރާނެ ކަމެއް ނޫން:
ރައީސް ޔާމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 400 ބިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މި ބިން ބޭރުގެ ފަރާތަކަށް ހިލޭ ދޫކޮށްލުމަކީ ދިވެހިން ދުވަހަކުވެސް ބަލައިގަންނާނެ އަދި މައާފް ކުރާނެ ކަމެއް ނޫނެވެ. އަދި ދިވެހީންގެ ދީނާއި ސިޔާދަތަށް ނުރައްކާވާ ފަދަ ކަންކަން ހިނގަމުންދާއިރު، އިލްމުވެރިން އެ ބޭފުޅުންގެ ޒިންމާ އަދާނުކުރާނަމަ "ރުޤްޔާ ކޮށްގެންވެސް ރައީސް މުޢިއްޒު ހަމަޔަކަށް އަޅުވަން ޖެހޭ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމީ މިނިވަންކަމާއި އިސްލާމީ ވަޙްދަތަށް އޮތް ބިރުވެރިކަން ޝެއިޙް އިމްރާނުގެ ދުލުން:
މި އެއްވުމުގައި ވާހަކަދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދަން ފުރުސަތު ދީފިނަމަ ރާއްޖޭގައި ސިޔާސީ ޕާޓީތަކެއް ވެސް އަދި ސިޔާސީ މިނިވަންކަމެއް ވެސް ނޯންނާނެ ކަމަށެވެ. އެހެންކަމުން ސިޔާސީ ޚިޔާލުތަފާތުވުންތައް ވަގުތީ ގޮތުން ނަމަވެސް އެއްފަރާތްކޮށް - ޕީ.އެން.އެފް އާއި އެމް.ޑީ.ޕީ އަދި ޕީ.އެން.ސީ އާއި އަދާލަތު ޕާރޓީ ފަދަ ޕާރޓީތަކުގެ މެމްބަރުން ވިއަސް އަދި ވަކި ޕާރޓީއަކަށް ނިސްބަތް ނުވާ އާއްމު ރައްޔިތުން ގެ ވީހާ ގިނަ ބަޔަކު ވެސް - ޤައުމު ސަލާމަތްކުރުމުގެ ނިޔަތުގައި، އެންމެން އެކަތިގަނޑަކަށް ވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
* ޣައިރު މުސްލިމުން ދާއިމަށް އާބާދުވުމުގެ ނުރައްކާ: ޤާނޫނީ ވަކީލު އަލީ ޙުސައިން
މީގެ އިތުރުން، ކުރީގެ މަޖިލިސް މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ޙުސައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، މިފަދަ ބިންތަކުގައި ޣައިރު މުސްލިމުން ދާއިމަށް އާބާދުވެ، ރަށްވެހިކަން ހޯދައި ދައުލަތުގެ ބަޔަކަށް ބަދަލުވުމުން، ދިވެހި ދައުލަތުގެ ދީނީ އަސާސްތަކާއި ޤައުމުގެ ހަމަޖެހުމަށް އިންތިހާއަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމަށެވެ.
* އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު ޢަލީ އަލްއައްބާރަށާއި ރައިސް މުއްޒަށް ދިން މެސެޖް:
ރޭގެ އެއްވުމުގެ ކުރިން، "ދަ މޯލްޑިވްސް ނޭޝަނަލް މޫވްމަންޓް އޮން ރަސްމާލެ" ގެ ފަރާތުން ވަނީ އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު ޢަލީ އަލްއައްބާރަށް ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައި، މި އެއްބަސްވުމުގައި ދެފުށް ފެންނަ ގޮތެއް ނެތްކަމާއި، ދިވެހި ބިމާ ބެހޭގޮތުން އެންމެ ފަހު ބަސް ބުނުން އޮންނަންވާނީ ދިވެހި ރައްޔިތުންގެ އަތްމަތީގައިކަން ހަނދާންކޮށްދީފައެވެ. ރައީސް މުޢިއްޒު ރިޔާސީ ޕޮޑްކާސްޓް "ދަ ޕަލްސް" ގައި ވާހަކަފުޅު ދައްކަވަމުން، މި މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުދާނެ ކަމަށާއި މަޝްރޫޢުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށް ވިދާޅުވި ނަމަވެސް، ރައްޔިތުންގެ ބަހެއް ނެތި ހިންގާ މިފަދަ ބޮޑެތި މުޢާމަލާތްތަކާ ދެކޮޅަށް ރައްޔިތުން ތިބީ ހޭލައިކަން ރޭގެ އެއްވުމުން ވަނީ ސާބިތުކޮށްދީފައެވެ.
* ޤައުމުގެ މުސްތަޤްބަލަށްޓަކައި އޮތް ހަމައެކަނި މަގަކީ މި ޚިޔާނާތް ހުއްޓާލުން
އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި މި ތާރީޚީ އިޙްތިޖާޖަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމީ ޝަޚުޞިއްޔަތަށްޓަކައި ރައްޔިތުން ތެދުވެއްޖެކަމުގެ ވަރުގަދަ ހެއްކެކެވެ. ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ޤައުމުގެ އެންމެ އަގުބޮޑު އެއް ރައުސްމާލު ކަމަށްވާ ދިވެހި ބިން ބޭރުބަޔަކަށް ޤަރުނަކަށް ދޫކޮށްލައިގެން ހިންގާ - ޙިޔާނާތް ހިމެނޭ ކަމަށް ޝައްކު ކުރެވޭ – މި އަނދިރި، ބޮޑު ވިޔަފާރި މުޢާމަލާތް މިހާރުން މިހާރަށް ހުއްޓާލުމަށް ދިވެހި ޤައުމުދެކެ ލޯބިވާ ކޮންމެ ރައްޔިތަކު ވެސް ސަރުކާރަށް ގޮވާލާންޖެހެއެވެ. މިކަމާ ދެކޮޅަށް ބަހެއް ނުބުނެ ތިބި އެންމެންނަކީ ޤައުމުގެ އައްދާރުންނެވެ. އެމީހުންގެ ހަނުތިބުމަށް އެމީހުން ޖަވާބުދާރީ ވާން ޖެހޭނެ ދުވަހެއް – މިދުނިޔޭގައި ނޫންނަމަ އާޙިރަތުގައި ނަމަވެސް - އަންނާނެކަން ކަށަވަރެވެ.
ތާރީޚުގެ ފަތްފުށްތަކުން ހެކިދޭ ފަދައިން، ދިވެހީންގެ ދީނާއި ދިވެހި ފަސްގަނޑުގެ މިނިވަންކަމަށް ލޮޅުންއަރާ ކޮންމެ ފަހަރަކު – އެއީ ޕޯޗުގީޒުގެ ކިބައިން ކަމުގައި ވިއަސް، ނުވަތަ ތަމަޅަ ޓައިގަރުން އަތުން ކަމުގައި ވިއަސް، ނުވަތަ ރައީސް ނަޝީދު ފަދަ ސެކއުލަރ ފިކުރުގެ ވެރިންގެ ކިބައިން ކަމުގައި ވިއަސް - ދިވެހި ދަރީން ނިކުންނާނީ ސާބިތުކަމާއެކުގައެވެ. ރައްޔިތުންގެ އަޑުއަހަން ނުކެރި، ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހިލުންވެ، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ފަސްގަނޑު ދޫކޮށްލާނަމަ، ރޭ މި ފެށުނު ޤައުމީ ހަރަކާތް މުޅި ރާއްޖެއަށް ފެތުރި، މި ނިންމުން ބަދަލު ކުރެވުނު ގޮތަކަށް ބަދަލުކުރަން ދިވެހި ރައްޔިތުން ފަސްނުޖެހޭނެކަން ރޭގެ އެއްވުމުން ސާބިތުކޮށްދީފިއެވެ.