ރޭގެ ވަގުތެއްގައި ދިވެހި ޤައުމުގައި އަނެއްކާވެސް ވަރަށް ތާރީޚީ އަދި އެހާމެ އާދަޔާ ޚިލާފު ކެމްޕޭނެއް ފެށިއްޖެއެވެ. "އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އެވެ. ފަސް އަހަރު ދުވަހަށް ދެމިގެންދާ މި ބޮޑު ކެމްޕޭން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވީ އާދައިގެ ގޮތަކަށް ނޫނެވެ؛ އަތްޕުޅުން ބޮޑު އަލިބޯޅައެއްގައި ހިއްޕަވައި، އޭގެން އާދަޔާ ޙިލާފު ބާރެއް ހޯއްދަވައިގެން ކަހަލައެވެ. ޒަމާނުއްސުރެ ދިވެހީންގެ ލޭގައި ހިނގަމުން އައި މާތް އަޚްލާޤީ ސިފަތައް، މިހާރު ފަރަންޖީވެފައި ވަނިކޮށް، އެ އަލިބޯޅައިން ފޮނުވާލި ދޯދިތަކާއެކު މުޅި ރާއްޖޭހެ އަޙްލާޤް ކުއްލިއަކަށް ޗާޖުވެގެން ދިޔަ ކަހަލައެވެ. އިހްތިރާމް ކުރުމަކީ ކޮން އެއްޗެއްކަން ނޭނގި ތިބި ޒަމާނީ ދިވެހީން، ރައީސް މުއިއްޒުގެ އަލި ބޯޅައަށް ފިއްތަވާލެއްވުމާއެކު ޤައުމު އެއްފަހަރާ ތަހުޒީބުވީ ކަހަލައެވެ.
* ރަމަލުޖަހާ މީހުންގެ "ކްރިސްޓަލް ބޯޅަ":
ރައީސް ރޭގައި އެދެއްކެވި ކަހަލަ އަލިބޯޅަ ގެންގުޅޭތަން އަޅުގަނޑުމެން އާންމުކޮށް ދެކެނީ މުސްތަޤްބަލް ބަލާ، ރަމަލުޖަހާ މީހުންގެ އަތުންނެވެ. އެމީހުންގެ "ކްރިސްޓަލް ބޯޅަ" އަށް ބަލާފައި އެމީހުން ކުރިމަގު ބުނެދެއެވެ. ގައިމު ތި ކްރިސްޓަލް ބޯޅައަށް ބައްލަވައި، ރަސްމާލޭގެ ކުރިމަގު ފެނިވަޑައިގެން، ރައްޔިތުންނަށް އިހްތިރާމް ކުރެއްވުމާއެކު، މި މަޝްރޫޢު ހިންގަން ފެނޭތޯ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގެންނެވިނަމައެވެ.
* ޝާއިރެއްގެ ފޮނި ބަސްކޮޅަކާއި "ލޮލަށް ނުފެންނަ" ޑޮލަރު މުޑުވައް:
މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އިހްތިރާމް ސިފަކުރެއްވީ ވަރަށް ވެސް އަދަބީ، ޝާއިރީ ގޮތަކަށެވެ. ވިދާޅުވީ، "އިހްތިރާމު ކުރުމަކީ އިންސާނާ ކުރާ، ލޮލަށް ނުފެންނަ މުޑުވައްކުރުމެއް" ކަމަށާއި، "އެ މުޑުވަކުން ފަޅާ ގަސްތަކުގެ ހިޔާ އިންތިހާޔަށް ބޭނުންތެރިވެފައި، އޭގެ މޭވާއަކީ ހިތްތަކަށް ދޭ ފުން ތަސައްލީއެއް އަދި ރޫހަށް ލިބޭ ފޮނި ޣިޒާއެއް" ކަމަށެވެ.
މި ބަސްކޮޅު އަޑުއިވުމުން އަޅުގަނޑު ހިތަށް އެރީ، ރައީސް އޮފީހުގެ ސްޕީޗް ރައިޓަރުންގެ ތެރެއަށް ކޮންމެވެސް ވަރުގަދަ ޤައުމީ ޝާއިރަކު ވަދެވަޑައިގަތީ ބާވައެވެ؟ ނޫނީ ދަނޑުވެރިކަމުގެ މިނިސްޓްރީގެ ސްޕީޗަކާ ހެރިޓޭޖް މިނިސްޓްރީގެ ސްޕީޗް އޮޅިގެން އެއްކޮށްލެވުނީ ބާވައެވެ؟ އަދި ހަމައެއާއެކު އުފެދޭ ސުވާލަކީ، ލޮލަށް ނުފެންނަ މުޑުވަކަކުން އިންދާ ޑޮލަރު ގަހަކުންތޯ ކޮންމެ ރައްޔިތަކަށް އަހަރަކު 400 ޑޮލަރު ދެއްވަން، ދިހަ ރިސޯޓު ހައްދަވައިގެން އެ 10 ރިސޯޓުން އަހަރަކު 200 މިލިއަން ޑޮލަރު ހޯއްދަވަނީ؟ އަދި ލޮލަށް ނުފެންނަ މުޑުވަކަކުން ފެޅި ގަހެއްގެ ނިވަލުގައި ހުންނަވައިގެންތޯ ރައްޔިތުންގެ ފައިސާއިން އެއް ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިއްކާ ރަސްމާލެ، ބޭރުގެ ގޮތްނޭނގޭ ކުންފުންޏަކަށް "ހިލޭ" ދެއްވަނީ؟
މި ޤައުމުގެ ރައްޔިތުންނަށް ޙަޤީޤަތުގައި ބޭނުންވަނީ ޝާއިރީ މަޖާޒީ މޭވާއެއް ނޫނެވެ؛ ވެރީންގެ ފަރާތުން ފެންނަ ޢަމަލީ އިހްތިރާމާއި ދެފުށް ފެންނަ ސިޔާސަތެވެ.
* ރައްޔިތުންގެ ލެޔާއި، މުދަލާއި، ބިމާއި އަބުރު ރައްކާތެރިކުރަންޖެހެނީ ކާކު؟:
ރައީސް ވިދާޅުވާ ފަދައިން އަޅުގަނޑުމެން އެންމެންވެސް އެކަކު އަނެކެއްގެ ލެޔާއި، މުދަލާއި، އަބުރަށް ރައްކާތެރިވާންޖެހޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަމަކު ސުވާލަކީ، މި ޤައުމުގައި ރައްޔިތުންގެ ލެޔާއި، މުދަލާއި، ބިމާއި، އަބުރު - އެންމެފަހުން ދީން ވެސް - މިހާރު އޮތީ ކޮން ތަނެއްގައި ހެއްޔެވެ؟ ރައްޔިތުންގެ ލޭ ހޫނުވެގެން އުޅެނީ ކޮންމެ ދުވަހަކު އަގުބޮޑުވަމުންދާ ތަކެއްޗާއި ޓެކްސްތަކުގެ ސަބަބުންނެވެ. މުދަލާއި ބިން ބޭރު މީހުންނަށް "ހިލޭ" ދެމުންދާއިރު، ރައްޔިތުންގެ މުދާ ހުރީ ރައްކާތެރިކުރުމުގެ ބަދަލުގައި ބޭރުގެ ކުންފުނިތަކަށް ރަހުނުކޮށްފައެވެ. އަބުރާ ބެހޭގޮތުން ވާހަކަދައްކަވާއިރު، ވެރިކަމުގެ ގޮނޑީގައި ތިއްބަވައިގެން ރައްޔިތުންގެ އަޑު ކަނޑުވާލާފައި، "އިހްތިރާމް" ކުރާށޭ ވިދާޅުވުމުން ހަނދާނަށް އަންނަނީ ވައްކަންކޮށްފައި އަތްދޮންނަން އުޅޭ ކަހަލަ މަންޒަރެކެވެ! ވެރިން ފުރަތަމަ ރައްޔިތުންގެ މުދަލާއި ބިމާއި އަބުރަށް ރައްކާތެރިވާން ފެށީމާ، ރައްޔިތުންގެ ކިބައިން އިހްތިރާމް ފެނިގެންދާނެއެވެ.
* ރަސްމާލޭގެ ވޯޓު: ޙަޤީޤީ އިހްތިރާމްގެ މިންގަނޑު:
ރައީސް ވިދާޅުވި ގޮތުގައި "މުޖުތަމައެއްގައި އެކެއް އަނެކެއްގެ ހައިސިއްޔަތަށް އިހްތިރާމު ކުރުމަކީ ކުލުނާއި ގާތްކަން އިތުރުވާ ކަމެއް" ކަމަށެވެ. އެހެންކަމަށްވާނަމަ، މި ޤައުމުގެ ރައްޔިތުންގެ ޙައިޘިއްޔަތަށް އިހްތިރާމް ކުރައްވާނަމަ، ރަސްމާލެ މަޝްރޫޢުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކޮށްގެން ހިއްކާ 500 ހެކްޓަރުގެ ބިން، ބޭރުގެ ކުންފުންޏަކަށް ދިނުމާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދަވަންވީ ނޫންތޯއެވެ؟ މިއަދު ދިވެހި ރައްޔިތުން ތިބީ ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ނުކުމެއެވެ. އޭގެ މަޤްޞަދާއި، އެއްބަސްވުމުގެ ދެފުށް ފެންނަ މިންވަރާމެދު ރައްޔިތުންގެ ހިތުގައި ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފައެވެ. އެހެންކަމުން، ވެރީންގެ ފަރާތުން ރައްޔިތުންނަށް އަދާކުރެވޭނެ އެންމެ މަތިވެރި އިހްތިރާމަކީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމެވެ. ރައްޔިތުންގެ ކައިރިން އެހުމެވެ. "ފެންނަ ނުފެންނަ ވޯޓަކަށް ނުދާނަމޭ" ވިދާޅުވެ ގޮތްދޫނުކުރެއްވުމަކީ، ރޭ އަލިބޯޅަ ދިއްލައިގެން ދެއްކެވި "އިހްތިރާމް" ގެ ފަލްސަފާއާ މުޅިން އިދިކޮޅު ކަމެކެވެ.
* ޑރ. ދީދީގެ ފާޑުކިޔުމާއި ޙަޤީޤީ "ޑްރާމާ":
ރޭގަ ހަފްލާ އަށް ފަހު، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ: އަނެއްކާވެސް ސަރުކާރުން މި ފެށީ ޤައުމީ ފެންވަރުގެ "ޑްރާމާ ސިލްސިލާއެއް" ކަމަށެވެ. ސްޓޭޖްމަތީގައި ބޮޑު އަލިބޯޅައެއް ދިއްލައިގެން، ލޮލަށް ނުފެންނަ މުޑުވަކަކުން އިހްތިރާމް އިންދަން އުޅުއްވިސް، ޤާނޫނުއަސާސީއާއި ރައްޔިތުންގެ ޙައްޤުތަކަށް ޚިޔާނާތްތެރިވުމުން ދެން ލިބޭ "އިހްތިރާމް" އަކީ ގަދަކަމުން ސްވިޗް ޖައްސައިގެން ޗާޖުކުރެވޭނެ އެއްޗެއް ނޫނެވެ. އިންސާނީ ތަބީޢަތަކީ ރަމުޒީ ބޯޅަތަކަށް ބޯލަނބާ އެއްޗަކަށް ނުވާތީ، ޑރ. ދީދީ އެ ވިދާޅުވި ފަދައިން "މުޙްތަރަމް" ވާން ޖެހޭނީ ފުރަތަމަ ވެރިންނެވެ. ވޯޓު ފޮއްޓާއި ރައްޔިތުންގެ އަޑަށް އިހްތިރާމް ކޮށްގެންނެވެ.
ފަސް އަހަރު ދުވަހުގެ މި "އިހްތިރާމް" ކެމްޕޭނާއެކު ދިވެހި ޤައުމަށް އާ ދިރުމެއް އަންނާނެ ކަމަށް އުންމީދު ކުރަމާ ހިނގާށެވެ. އެކަމަކު، ލޮލަށް ނުފެންނަ މުޑުވަކަކުން ފަޅާ ގަހުގެ ހިޔާ ރައްޔިތުންނަށް ލިބޭނީ، ވެރީން ފުރަތަމަ ރައްޔިތުންގެ ބަސް އަހައި، ރައްޔިތުންގެ ޙައްޤުތަކަށް އިހްތިރާމް ކުރަން ދަސްކުރި ދުވަހަކުންނެވެ. އެހެން ނޫންނަމަ، ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު ވެސް، 400 ޑޮލަރުގެ ޗެކް ވެސް އޮންނާނީ "ލޮލަށް ނުފެންނަ" ގަހެއްގެ ކުރީގައެވެ؛ ރަސްމާލޭގެ ޙަޤީޤަތް ވެސް އޮންނާނީ ކްރިސްޓަލް ބޯޅައިގެ ތެރޭގައި ފޮރުވިފައެވެ. އަދި އަޅުގަނޑުމެން ދިވެހި ރައްޔިތުން ތިބޭނީ، ވެރީން ދައްކަވާ ޝާއިރީ ވާހަކަފުޅުތަކަށް "އިހްތިރާމް" އަދާކުރުމުގެ ގޮތުން - ހުސް ބަނޑާ، ހުސް އަތާ ތިބެ - އަތްތިލަބަޑި ޖަހާށެވެ!