ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ޤައުމުގެ މުސްތަޤްބަލާ ގުޅިފައިވާ ނުހަނު ނާޒުކު ހަތަރު ބިލެއްގެ އިބްތިދާއީ ބަހުސް ފެށުމަށް ތާވަލުކޮށްފައިވާ ދުވަހެވެ. އޭގެ ތެރޭގައި، "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލް މެދުވެރިކޮށް ރަސްމާލޭގެ ބިންތައް ބޭރު ފަރާތްތަކަށް ތާއަބަދަށް މިލްކުކުރެވޭ ގޮތަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެކުލަވާލާފައިވާ އަބުރުގެ ބިލާއި، ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލުގެ އިތުރުން އިމިގްރޭޝަން ބިލު ހިމެނެއެވެ.
ނަމަވެސް، މި ބިލުތައް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ކުޑައިރުކޮޅެއް ކުރިން، ރޭ ދަންވަރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހިނގާދިޔަ ކަންތައްތަކުން އާންމުންގެ ހިތްތަކުގައި ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފައެވެ. މަޖިލީހުގެ އެއްވެސް ޖަލްސާއެއް ނުވަތަ ކޮމިޓީއެއްގެ މަސައްކަތެއް ނުހިނގާ ވަގުތެއްގައި، ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި، މަޖިލިސް ރައީސް އަބްދުއްރަހީމާއި، އޭޖީ އުޝާމްގެ އިތުރުން ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޕީއެންސީގެ މެންބަރުންނާއެކު ސިއްރު ބައްދަލުވުމެއް ބާއްވާފައެވެ.
* މަޖުލީހުގެ އުސޫލާ ޚިލާފު "ސާފުކޮށްދިނުމެއް":
މި ބައްދަލުވުމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން، ނައިބުރައީސާއި މަޖިލިސް ރައީސް އަދި މިނިސްޓަރު ސައީދު ވެސް ޚިޔާރުކުރެއްވީ ހިމޭންކަމެވެ. އެހެންނަމަވެސް، އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ އެ ބައްދަލުވުމަކީ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ހަތަރު ބިލާ ގުޅޭގޮތުން ޕީއެންސީ މެންބަރުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އުޝާމްގެ މި ވާހަކަފުޅުން އުފެދޭ އެންމެ ބޮޑު ސުވާލަކީ، ބިލުތައް އަދި މަޖިލީހަށް ބަލައިނުގަނެ އޮއްވައި، ޕާލަމެންޓަރީ އުސޫލުތަކުން ބޭރުން ދަންވަރު ސިއްރުން މެންބަރުންނަށް ކަންކަން "ސާފުކޮށްދޭން" ޖެހުނީ ކީއްވެގެންތޯއެވެ؟ އާންމު އުސޫލުން ބިލަކާ ގުޅޭގޮތުން ސަރުކާރުގެ އިސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދަނީ، ބިލު މަޖިލީހަށް ބަލައިގަތުމަށްފަހު ކޮމިޓީ މަރުހަލާގައި ރައްޔިތުންނަށް ފެންނާނެހެން ހުޅުވާލެވިފައިވާ ބައްދަލުވުންތަކުގައެވެ.
* މިނިސްޓަރު މުއްތަލިބުގެ "ކަޅު ދަބަސް" އާއި ފޯނު ކޯލުގެ ޑްރާމާ:
މި ސިއްރު ބައްދަލުވުމުގެ ވާހަކަ އިތުރަށް ހޫނުވެ، އާންމުންގެ މެދުގައި ބޮޑެތި ތުހުމަތުތަކެއް އުފެދެން މެދުވެރިވީ، އޭޖީ އުޝާމްއާއެކު މަޖިލީހަށް ވަޑައިގެންނެވި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ކޮނޑުގައި އަޅުއްވައިގެން ގެންގުޅުއްވި ބޮޑު "ކަޅު ދަބަހެއް" ގެ ސަބަބުންނެވެ. މުއްތަލިބު މަޖިލީހަށް ވަޑައިގެންނެވީ ވެސް އަދި ނުކުމެވަޑައިގަތީ ވެސް އެ ކަޅު ދަބަސް ހިއްޕަވައިގެން ކަމަށް ބައެއް މީޑިއާތަކުން ހާމަކޮށްފައިވެއެވެ.
ރޭގެ މި ސިއްރު ބައްދަލުވުމަށްފަހު މަޖިލީހުން ނުކުމެވަޑައިގެންނެވި ވަގުތު، އެ ދަބަހުގައި ހުރީ ކޮން އެއްޗެއްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުދެންނެވުމުން މުއްތަލިބު ޖަވާބެއް ނުދެއްވިއެވެ. އޭގެ ބަދަލުގައި އޭނާ ނޫސްވެރިންގެ ސުވާލުތަކުން ރެކިވަޑައިގަތުމަށް ކަންފަތުގައި ފޯނު ޖައްސަވައިގެން ފޯނު ކޯލެއްގައި ހުންނެވި ކަމަށް ދެއްކެވިއިރު، އޭނާ ހުންނެވީ ފޯނެއްގައި ނޫންކަން އެތަނުގައި ތިބި ނޫސްވެރިންނަށް ވަނީ ކަށަވަރުވެފައެވެ.
* "ކަޅު ދަބަސް" ފެނުމުން "ބައިލައްކަ" ހަނދާންވުން:
މިނިސްޓަރު މުއްތަލިބުގެ ކަޅު ދަބަހުގެ ފޮޓޯތައް ފެނުމާއެކު ސިޔާސީ މަސްރަޙުގައި އެންމެ ބޮޑަށް ދެކެވެން ފެށީ މީގެ ކުރިން ހިނގާފައިވާ "ކަޅު ދަބަހުގެ" ތާރީޚީ ވާހަކައެވެ. ރަސްމީ މުސާރައިގެ އިތުރުން، މަޖުލިސް މެންބަރުންނަށް ކޮންމެ މަހަކު 50،000 ރުފިޔާ (ނުވަތަ އެއަށްވުރެ ގިނައިން) ސަރުކާރުން ދެއްވާ ކަމަށް ބުނެ "އަދަދު" ނޫހުން ގެނެސްދިން "ބައިލައްކަ" ޑޮކިއުމަންޓްރީގެ ހަނދާންތައް އާންމުން ވަނީ އަލުން އާކޮށްފައެވެ.
އެހެންކަމުން، ރަސްމާލެ ވިއްކާލުމުގެ ބިލާއި އަބުރުގެ ބިލު ފަދަ ބޮޑެތި ބިލުތަކެއް މަޖިލީހަށް ހުށަހަޅާ ދުވަހާ ދިމާކޮށް، ރަސްމާލެ މަޝްރޫޢުގެ އެންމެ އިސް ވަޒީރު ދަންވަރުގެ ސިއްރު ބައްދަލުވުމަކަށް ބޮޑު ކަޅު ދަބަހެއް ހިއްޕަވައިގެން ވަޑައިގަތުމަކީ އިއްތިފާޤެއްތޯ ނުވަތަ އޭގައި ފޮރުވިފައިވާ އެހެން ސިއްރެއް އޮތީތޯ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.
* ބިލުތަކުގެ ނުރައްކާތެރިކަމާއި މެންބަރުންގެ ކަންބޮޑުވުން:
މިއަދު ބަހުސްކުރަން ފަށާ ބިލުތަކުގެ ތެރެއިން، ޚާއްޞަކޮށް ރިއަލް އެސްޓޭޓް ބިލަކީ ޤާނޫނުއަސާސީން ބިމުގެ މިލްކުވެރިކަމަށް ދީފައިވާ ހިމާޔަތްތައް ގެއްލި، ބޭރު ފަރާތްތަކަށް ރަސްމާލޭގެ ބިންތައް ދާއިމީކޮށް މިލްކުކުރެވޭނެ މަގުފަހިކޮށްދޭ ބިލެއް ކަމަށް ޤާނޫނީ މާހިރުންނާއި އާންމުން ދަނީ ބުނަމުންނެވެ. ހަމައެއާއެކު، އަބުރުގެ ބިލަކީ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުގެ އަނގަބަންދުކުރުމަށް ގެނެވޭ ބިލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
މިފަދަ ނާޒުކު ބިލުތަކެއް މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި، ޕީއެންސީގެ ބައެއް މެންބަރުންގެ މެދުގައި ވެސް މި ބިލުތަކާމެދު ނުތަނަވަސްކަމާއި ސުވާލުތަކެއް އުފެދިފައިވާކަން އޭޖީ އުޝާމްގެ ވާހަކަފުޅުން ވެސް ވަނީ ޔަޤީންވެފައެވެ. އެހެންކަމުން، ރޭ ދަންވަރު ސަރުކާރުގެ އެންމެ އިސްވެރިން ކަޅު ދަބަސްތަކާއެކު މަޖިލީހަށް ވަޑައިގެން ބޭއްވެވި ސިއްރު ބައްދަލުވުމަކީ، މެންބަރުންގެ ރުހުން ހޯދައި، ޕާޓީގެ ވިޕްލައިނާ އެއްގޮތަށް މި ބިލުތައް ފާސްކުރުމަށް ކުރެވުނު މަސައްކަތެއް ކަމަށް ބެލެވެއެވެ.
އަނދިރި ދުވަސްތައް ނިމުމަކަށް ގެންނަންވީ ވަގުތު ޖެހުން: *
ޤައުމުގެ ބިމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅުންހުރި މިފަދަ ބޮޑެތި ނިންމުންތައް ނިންމާއިރު، ދަންވަރުގެ ސިއްރު ބައްދަލުވުންތަކާއި، ނޫސްވެރިންނަށް ފިއްލެވުމަށް ކުޅުއްވާ ފޯނު ކޯލުގެ ޑްރާމާތަކާއި، ކަޅު ދަބަސްތަކުގެ ބަދަލުގައި، ރައްޔިތުން އެދެނީ ދެފުށް ފެންނަ، އަދި ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް ހިންގޭ ޒިންމާދާރު ނިޒާމެކެވެ.
ޤައުމު ވިއްކާލުމުގެ މިފަދަ ނޭދެވޭ ސިޔާސަތުތަކުގެ ސަބަބުން މުޅި ޤައުމު ނުރައްކަލުގެ ތެރެއަށް ވެއްޓެމުންދާއިރު، ވެރިންގެ ފަރާތުން ފެންނަމުންދަނީ ޒިންމާދާރުކަން ކުޑަ އަމަލުތަކެކެވެ. ނޫސްވެރިންގެ ސުވާލުތަކަށް ފިއްލެވުމާއި، ކަޅު ދަބަސްތަކާއި، ސިއްރު ބައްދަލުވުންތަކަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫނެވެ. ފައިސާއިން ތަޅައި ދިެވހި ރައްޔިތުން އަޅުވެއްޗެއް ނުކުރެވޭނެއެވެ. ޤައުމުގެ މިނިވަންކަމާއި އަސާސީ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި، މިފަދަ ފިނޑި އަމަލުތަކާއި އަނދިރި ދުވަސްތައް ނިމުމަކަށް ގެނެސް، ދެފުށް ފެންނަ ޒިންމާދާރު ނިޒާމެއް ޤާއިމުކުރަންވީ ވަގުތު މިއޮތީޖެހިފައެވެ.