Ad
new chapter
އިޤްތިސާދު

އެމް.ޑީ ޝަރީފާއި ރައީސް މުއިއްޒުގެ ސަރުކާރުން އެއާޕޯޓް ކުންފުނި "ޤައުމީ ދަންތުރައަކަށް" ބަދަލުކޮށްފި!

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝަރީފާއި ރައީސް މުއިއްޒު ސަރުކާރުގެ ނާޤާބިލުކަމުގެ ސަބަބުން، ޤައުމުގެ މައި އެއާޕޯޓު ހިންގަން އުފެއްދި ކުންފުނި މިއަދު ވަނީ ސިޔާސީ މަޝްރޫޢުތަކަށް ފައިސާ ފަންޑުކުރާ ޚަޒާނާއަކަށް ބަދަލުކޮށްފައެވެ. ހުޅުލޭގެ ބިން ބޭންކުތަކަށް ރަހުނުކޮށް 16.6 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏަކަށް ކުންފުނި ވައްޓާލާފައިވާއިރު، އަހަރަކު 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ޑޮލަރު ދަރަންޏެއް ދައްކަންޖެހޭއިރު އަތުގައި ހުރީ އެންމެ 13 މިލިއަން ޑޮލަރެވެ.

އެމް.ޑީ ޝަރީފާއި ރައީސް މުއިއްޒުގެ ސަރުކާރުން އެއާޕޯޓް ކުންފުނި "ޤައުމީ ދަންތުރައަކަށް" ބަދަލުކޮށްފި!

ދިވެހިރާއްޖޭގެ އިޤްތިޞާދީ މައި ނާރެސް ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ) ބަލަހައްޓައި ހިންގަން އުފެއްދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) މިއަދު މިވަނީ ސަރުކާރުން ހިންގާ ސިޔާސީ ކުޅިގަނޑެއްގެ މަޅީގައި ޖައްސައި ނުރައްކާތެރި މާލީ އަނދަވަޅަކަށް ވައްޓާލާފައެވެ. އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފްގެ ޒިންމާދާރުކަން ކުޑަ އަމަލުތަކާއި، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގައި ފައިދާވަމުން އައި މޯލްޑިވްސް އެއާރޕޯރޓްސް ކުންފުނި މިއަދު މިވަނީ ސަރުކާރުގެ ފްލޮޕްވެފައިވާ ބިން ހިއްކުމުގެ މަޝްރޫޢުތަކަށާއި، އެހެނިހެން ސިޔާސީ ބޭނުންތަކަށް ފައިސާ ފަންޑުކުރާ "ސިޔާސީ ޚަޒާނާއަކަށް"، ނުވަތަ ޑިވެލޮޕްމަންޓް މިނިސްޓްރީއަކަށް ބަދަލުކޮށްފައެވެ.

 16 ބިލިއަންގެ ދަރަންޏާއި، ގޮތް ނޭގޭ ލޯނު ތަކުން ޤައުމުގެ މައި ދޮރާށި ބޭންކުތަކަށް ރަހުނުކުރުން:

އެމްއޭސީއެލްގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުތަކުން ފެންނަން އޮތީ މުޅި ޤައުމު ސިއްސުވައިލާފަދަ ބިރުވެރި މަންޒަރެކެވެ. ކުންފުނީގެ ޖުމްލަ ދަރަނި 16 ބިލިއަން ރުފިޔާ (އެއް ބިލިއަން ޑޮލަރ) އަށް އަރާފައިވާ އިރު، އެ ދަރަނީގެ 97 އިންސައްތައަކީ ސީދާ އެމެރިކާ ޑޮލަރުން ދައްކަންޖެހޭ ބޮޑެތި ދަރަންޏެވެ. ކަން މިހެން ހުރި އިރު، އެމް.އޭ.ސީ.އެލް ގެ މެނޭޖްމަންޓުން ވަނީ "ވާކިން ކެޕިޓަލް" ގެ ނަމުގައި އެއް އަހަރު ތެރޭގައި އެކަނިވެސް 56 މިލިއަން ޑޮލަރުގެ، ގޮތް ނޭގޭ، ހަތަރު ލޯނެއް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ނަގާފައެވެ.

މި ލޯނުތަކުގެ ތެރެއިން މި އަހަރު މެއި މަހު ނެގި 30 މިލިއަން ޑޮލަރުގެ ލޯނު ނެގީ، ހައިރާންވާފަދަ ގޮތަކަށް، ސިއްރު ސިއްރުން، ހުޅުލޭގެ ބިމުގެ ލީސްހޯލްޑް ހައްގުތައް ބޭންކަށް ރަހުނުކޮށްފައެވެ. އަދި މިއަހަރު އޮގަސްޓް، އޮކްޓޫބަރު އަދި ނޮވެމްބަރު މަހު ނެގި ބާކީ 26 މިލިއަން ޑޮލަރުގެ ލޯނުތައް ނަގާފައިވަނީ ސީދާ އެއާޕޯޓުގެ ރަންވޭ، ޓެކްސީވޭ، އަދި އެޕްރަންގެ ލީސްހޯލްޑް ހައްޤުތައް ބޭންކަށް ރަހުނުކޮށްފައެވެ. މިއަށްވުރެ ވެސް ބޮޑު ނުރައްކަލަކީ، ރަންވޭ ރަހުނުކޮށްގެން ނެގި ފަހު ތިން ލޯނަކީ 5 އަހަރުގެ މުއްދަތަށް ނެގި ނަމަވެސް، ބޭންކުން ބޭނުންވެއްޖެ ހިނދެއްގައި އެއްފަހަރާ އަނބުރާ ހޯދޭ ގޮތަށް ހުރި "ޑިމާންޑް ލޯނުތަކަކަށް" ވުމެވެ. މީގެ އިތުރުން، އެއާރޕޯރޓްސް ކުންފުނީގައި ހުރި ސަރުކާރުގެ ބޮންޑުތައް ރަހުނުކޮށްގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވެސް 15 މިލިއަން ޑޮލަރުގެ ލޯނެއް އެމް.އޭ.ސީ.އެލް އިން ނަގާފައިވެއެވެ.

 ހުޅުލޭ އެއާޕޯޓު ތަރައްޤީ ކުރުމުގެ އެއް ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެއް ނިންމި ކުންފުންޏަކުން، ޤައުމީ ސިޔާދަތާއި މިނިވަންކަމާ ގުޅިފައިވާ މައި އެއާޕޯޓުގެ ރަންވޭއާއި ބިން މިފަދަ ނުރައްކާތެރި ޝަރުތުތަކެއްގެ ދަށުން ބޭންކަކަށް ރަހުނުކުރުމަކީ އަންތަރީސްވާ ވަރުގެ ނުރައްކާތެރި، ގޮތް ނޭގޭ ޑީލެކެވެ.

އެއާޕޯޓު ކުންފުންޏެއް "ސިޔާސީ ބިން ހިއްކާ ކުންފުންޏަކަށް" ބަދަލުކުރުން:

އެމްއޭސީއެލްގެ އަސްލު މަޤްޞަދަކީ އެއާޕޯޓުތައް ހިންގުމާއި، ފަތުރުވެރިކަމަށް މަގުފަހިކޮށްދިނުމާއި، ޤައުމަށް ބޭރު ފައިސާ ވަންނާނެ މަގު ތަނަވަސްކޮށްދިނުމެވެ. ނަމަވެސް، ކުރީގެ ފިނޭންސް މިނިސްޓަރ އަބްދުﷲ ޒަމީރާ ވިޔަފާރީގެ ގުޅުން އޮންނަ، އެމް.އޭ.ސީ.އެލް ގެ މެނޭޖިންގް ޑިރެކްޓަރ، އިބްރާހިމް ޝަރީފްގެ (ލީޑަރޝިޕެއް ނެތް) "ލީޑަރޝިޕްގެ" ދަށުން، އެމް.އޭ.ސީ.އެލް ވަނީ ސަރުކާރުގެ ފްލޮޕްވެފައިވާ  މަޝްރޫޢުތައް ސަލާމަތް ކުރާ "ކަސްބީ" ކުންފުންޏަކަށް ބަދަލުކޮށްފައެވެ. ހުޅުމާލެ ފޭސް 3 އާއި، ގިރާވަރުފަޅާއި، ތިލަފުށީގައި ބޭރުގެ ކުންފުންޏެއް ކަމުގައިވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީ.އެމ.ްސީ) އިން ކުރި ބިން ހިއްކުމުގެ މަސައްކަތްތަކާ ގުޅިގެން ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން 114 މިލިއަން ޑޮލަރު ކެޕިޓަލް މެރިން އަށް ދައްކަން ވެސް އެމް.އޭ.ސީ.އެލް ގެ ސަބްސިޑަރީ ކުންފުނި އެމް.އައި.އައި.ޑީ އިން އެއްބަސްވެފައިވާ ކަމަށް އޮޑިޓް ރިޕޯރޓްތަކުން ދައްކައެވެ.

ސިއްރު، ބޮޑު އޮޅުވާލުމެއް:

ސަރުކާރާއި އެޗް.ޑީ.ސީ އިން ނުހަނު ސިއްރިއްޔާތުގައި ކުރިއަށް ގެންދިޔަ މި މުއާމަލާތުގެ ދަށުން، ކުރީގެ ކޮންޓްރެކްޓަރުން ކުރި މަސައްކަތްތަކަށް ބޮޑު އަގެއް ދައްކަންޖެހުނުއިރު، އެމް.އޭ.ސީ.އެލް އަށް މި ފައިސާގެ ބަދަލުގައި ލިބެނީ އެޗްޑީސީން ދޭ ބިމެކެވެ. ނަމަވެސް، އެ ލިބޭ ބިމުގެ ސައިޒަކީ ކޮބައިކަމާއި، ލިބޭނީ ކޮންތަނަކުންކަން އަދި ކޮންއިރަކު ކަމެއް އޮޑިޓް ރިޕޯޓުގައި ބުނެފައެއް ނުވެއެވެ. މީގެ އިތުރުން، ސީ.އެމް.ސީ ގެ ޑްރެޖަރުތަކަށް އެސް.ޓީ.އޯ އިން ދަރަންޏަށް ދިން 37 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދުވެސް އުފުލަންޖެހުނީ އެމް.އޭ.ސީ.އެލް އަށެވެ. ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނި، އެމް.އޭ.ސީ.އެލް އިން، ހައިރާން ކުރުވަނިވި ގޮތަކަށް، މި ބިންތައް ހިއްކުމުގެ މަޝްރޫއުތަކާ ހަވާލުވި ގޮތާއި، އެއްބަސްވި ކަންކަމުގެ ތަފުސީލުތަކެއް މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ. މިއީ ސިއްރު، ބޮޑު އޮޅުވާލުމެކެވެ. މިފަދަ ބޮޑެތި މާލީ ބުރަތަކާއި، ރަށްރަށުގެ ފުޓްސަލް ދަނޑުތައް ހެދުން ފަދަ ކުޅޭ ކުޅޭ ކަންކަން އެއާޕޯޓު ކުންފުނީގެ ބޮލުގައި އެޅުވުމަކީ، ކުންފުނީގެ އަސްލު މަޤްޞަދު މުޅިން އޮޅުވާލައި، ބައެއްގެ ސިޔާސީ މަންފާއަށް ދިވެހި ރާއްޖޭގެ އެންމެ މުހިއްމް ކުންފުނި ފަނާވާން ދޫކޮށްލުމެވެ.

ބައިނަލްއަޤްވާމީ މިސާލެއް: ވެނެޒުއެލާގެ ޕީ.ޑީ.ވީ.އެސް.އޭ:

ޤައުމެއްގެ އެންމެ މުހިންމު އަދި ބޭރު ފައިސާ ލިބޭ މައި ސިނާޢީ ކުންފުނި، ސިޔާސީ ބޭނުންތަކަށާއި ސަރުކާރުގެ ބަޖެޓުގެ ދަރަނި ފޫބެއްދުމަށް، ނަހަމަގޮތުގައި ބޭނުންކުރުމުގެ މިސާލުތައް ދުނިޔެ ދެކެފައިވެއެވެ. މީގެ އެންމެ ފުރިހަމަ އެއް މިސާލަކީ ވެނެޒުއެލާގެ ޤައުމީ ތެޔޮ ކުންފުނި ކަމަށްވާ ޕީ.ޑީ.ވީ.އެސް.އޭ އެވެ. ވެނެޒުއޭލާގެ ސަރުކާރުން އެ ކުންފުނީގެ އަސްލު މަސައްކަތުގެ ފޯކަސް ބަދަލުކޮށް، ވެނެޒުއޭލާ ސަރުކާރުގެ އިޖުތިމާޢީ އެކި މަޝްރޫޢުތަކަށާއި، ސިޔާސީ އެކި ކަންކަމަށް ޕީ.ޑީ.ވީ.އެސް.އޭ ގެ އާމްދަނީ ބޭނުންކޮށް، ކުންފުނީގެ މައިގަނޑު އެސެޓްތައް ބޭރުގެ ބޭންކުތަކަށް ރަހުނުކުރަމުން ގޮސް މިއަދު އެ ކުންފުންޏާއި މުޅި ނެނެޒުއޭލާގެ އިޤްތިޞާދު ވަނީ ފުނޑުފުނޑުވެފައެވެ.

 މިއަދު ދިވެހި ރާއްޖޭގައި ރައީސް މުއިއްޒުގެ ސަރުކާރާއި އެމް.އޭ.ސީ.އެލް ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް އެމް.އޭ.ސީ.އެލް އާމެދު ޢަމަލުކުރައްވަމުން މިވަޑައިގަންނަވަނީ ހަމަ މި އުޞޫލުންނެވެ. ޤައުމުގެ އިގްތިސޯދުގެ ދިރުން ކަމުގައިވާ މައި އެއާޕޯޓު ސިޔާސީ ޖުވާ ކުޅޭ ބޯޑަކަށް ހެއްދެވުމަކީ ވެނެޒުއެލާގެ ނާމާން ތާރީޙު ދިވެހި ރާއްޖެއަށް ގެންނެވުމެވެ!

ޑޮލަރުގެ ތަދުމަޑުކަމާއި އެމް.އޭ.ސީ.އެލް ފަދަ ބިޔަ، މުހިއްމު ޤައުމީ ރައުސުލްމާލެއް އަނދިރި ވަޅަކަށް ވައްޓާލުން:

އެމްއޭސީއެލްއަކީ ދައުލަތަށް އެންމެ ގިނައިން ޑޮލަރު ވަންނަ، އަދި މުވައްޒަފުންގެ މުސާރައިގެ އެއްބައިވެސް ޑޮލަރުން ދެމުން އަންނަ ކުންފުންޏަކަށް ވީއިރު، މިފަދަ ބޮޑު އިންޓްރެސްޓެއްގައި ބޭރު ފައިސާގެ، ގޮތްނޭގޭ ލޯނުތައް ނަގަންޖެހުމުން ކުންފުނީގެ މާލީ ޙާލަތު ވަނީ އިންތިހާއަށް ނުރައްކާތެރި ދަރަޖައަކަށް ދަށަށް ގޮސްފައެވެ. ދަރަނި އަދާކުރުމަށް އަހަރަކު 100 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް އެމް.އޭ.ސީ.އެލް އަށް ބޭނުންވާއިރު، ކުންފުނީގައި ނަގުދު ޑޮލަރުގެ ރިޒާވްގެ ގޮތުގައި ހުރީ އެންމެ  13 ވަރަކަށް މިލިއަން ޑޮލަރެވެ. އޮޑިޓް ރިޕޯޓުގައި ސާފުކޮށް ފާހަގަކޮށްފައިވާ ގޮތުގައި، ކުންފުނި ހިންގުމުގައި ކުރިއަށް ދެވޭނީ ހަމައެކަނި ދިވެހި ސަރުކާރުގެ އެހީތެރިކަން ލިބިގެންނެވެ. އެމް.އޭ.ސީ.އެލް ފަދަ ބިޔަ، މުހިއްމު ޤައުމީ ރައުސުލްމާލެއް މި ވައްޓާލީ ކޮންފަދަ ފުން ވަޅުގަނޑަކަށްތޯއެވެ؟ މިއީ، މުޅިންވެސް، އެމް.ޑީ ޝަރީފާއި ރައީސް މުއިއްޒު ސަރުކާރުގެ މާލީ ނުކުޅެދުންތެރިކަން ހާމަވާ ސާފު ހެކިތަކެކެވެ.

މީގެ އިތުރުން، އެއްވެސް މަސައްކަތެއް ނުކޮށް ސިޔާސީ ނުފޫޒުން އެމްއޭސީއެލްގެ މުވައްޒަފުންގެ ގޮތުގައި ތިބި 85 އަށްވުރެ ގިނަ ސިޔާސީ އެކްޓިވިސްޓުންނަށް މުސާރަ ދިނުމަށް މަހަކު އެތައް މިލިއަން ރުފިޔާއެއް ކުންފުނީގެ ބަޖެޓުން ޚަރަދުކުރާ ކަމުގެ ބޮޑެތި ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ.

ނިންމުން: އެމްއޭސީއެލް ސިޔާސީ ޖަނާޒާއަކަށް ނުހައްދަވާ:

ސަރުކާރުތަކަކީ އަންނާނެ އަދި ހިނގައިދާނެ ބައެކެވެ. ނަމަވެސް، ދައުލަތުގެ ސްޓްރެޓީޖިކް ކުންފުނިތަކަކީ ޤައުމުގެ ކުރިމަގަށްޓަކައި ދެމިއޮންނަންޖެ‌ހޭ މުއައްސަސާތަކެކެވެ. ރައީސް މުޢިއްޒާއި އެމް.އޭ.ސީ.އެލް ގެ އެމް.ޑީ ޝަރީފް ސިޔާސީ ނާޖާއިޒު މަންފާއަށްޓަކައި އެމްއޭސީއެލްގެ މުހިންމު ވަސީލަތްތަކާއި، ހުޅުލޭގެ ބިމާއި ރަންވޭ ފަދަ ރައުސުލްމާލުތައް ރަހުނުކުރައްވައިގެން ހިންގަވާ މި ނުރައްކާތެރި ޖަރީމާތައް ވަގުތުން ހުއްޓާލައްވަންޖެހެއެވެ. އެމްއޭސީއެލްއަކީ ދިވެހި ސަރުކާރުގެ އަޑި ނުފެންނަ "ޑިވެލޮޕްމަންޓް މިނިސްޓްރީ" އެއް ނޫނެވެ. އެއީ ދިވެހި އިޤްތިސޯދުގެ މައި ތަނބެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ވިންދެވެ. ޤައުމުގެ އަގުހުރި، ފަޙުރުވެރި ރައުސުލްމާލެވެ. މި މުހިންމު ކުންފުނީގެ އަސްލު މަޤްޞަދަށް އަނބުރާ ރުޖޫޢަނުވެ، މިގޮތަށް ކަންކަން ކުރިއަށްދާނަމަ، ފުން ވަޅުގަނޑަކަށް ވެއްޓިގެންދާނީ ހަމައެކަނި އެމްއޭސީއެލްއެއް ނޫނެވެ—މުޅި ދިވެހިރާއްޖޭގެ އިޤްތިޞާދާއި ދިވެހި އުއްމަތެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.