ޤައުމެއްގެ ސިޔާދަތާއި މިނިވަންކަން ވިއްކާލެވޭ އެންމެ ނުރައްކާތެރި އެއް ގޮތަކީ، އެ ޤައުމެއްގެ ވެރިންގެ ނުބައި ރޭވުންތައް ރައްޔިތުންނަށް އޮޅުވާލަން ބޭނުންކުރާ ޙިމާރުތަކެއްގެ ގޮތުގައި އެ ޤައުމުގެ އިސް ޝަރަފުވެރިން ބޭނުންކުރުމެވެ. ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި، ޤައުމީ ޝަރަފު ލިބިވަޑައިގެންފައިވާ ތަޖުރިބާކާރު ބޭފުޅުން ހިމެނޭ ގޮތަށް "ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލީހުގެ" ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޮވެމްބަރު 11 ވަނަ ދުވަހު އުފެއްދެއްވި މަޖިލީހަކީ، ޙަޤީޤަތުގައިވެސް ޤައުމުގެ މަޞްލަޙަތު ހިމާޔަތްކުރެއްވުމަށް ރައީސަސް ލަފާ އަރުވަން އުފެއްދެއްވި މަޖިލީހެއްތޯ، ނުވަތަ ރަސްމާލޭގެ ބިޔަ މަޝްރޫޢު ފަދަ ޤައުމީ މަޞްލަޙަތާ ފުށުއަރާ ބޮޑެތި ޑީލްތަކުގައި "ރަބަރު ސްޓޭމްޕް" ޖައްސުވަން އުފެއްދެއްވި މަޖިލީހެއްތޯ ދިވެހި ރައްޔިތުން މިއަދު ފުންކޮށް ވިސްނަންޖެހެއެވެ.
* ސަރުކާރުގެ ނިންމުންތަކަށް ޤައުމީ ސެޓްފިކެޓެއް ހޯދުމުގެ ނުރައްކާތެރި ރޭވުން:
ޙާލަތާއި ވަގުތަށް ބަލާއިރު، ޝަރަފުވެރިންގެ ލަފާދޭ މި މަޖިލީހަކީ ދިވެހި ޤައުމުގައި ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދޭފަދަ ލަފާތައް ރައީސަށް އަރުވަން، އިޚްލާޞްތެރިކަމާއެކު އުފެއްދެވި މަޖިލީހެއް ކަމަށް ޤަބޫލުކުރަން ވަރަށް ދައްޗެވެ. އެއާ ޚިލާފަށް، މި މަޖިލިސް ބޭނުންކުރަން ސަރުކާރުން ވިސްނާފައިވަނީ ރަސްމާލެ ފަދަ ބިޔަ މަޝްރޫޢުތައް ބޭރުގެ ފަރާތްތަކަށް ދޫކޮށްލުމަށް ފަހު، އެއީ ޤައުމުގެ އިސް ޝަރަފުވެރިންގެވެސް ރުހުމާއެކު ކުރެވުނު ރަނގަޅު ކަމެއްކަން ރައްޔިތުންނަށް ދައްކައިދޭ ތައްގަނޑަކަށް އެ މަޖިލިސް ހެދުމަށްކަމަށް ބެލެވެއެވެ. ސަރުކާރުގެ ގޮތްނޭގޭ އިޤްތިޞާދީ ނިންމުންތަކަށް ޤައުމީ އިސްތިޤްލާލުގެ ސެޓްފިކެޓެއް ހޯދައިދީ، މިފަދަ ބޮޑެތި ޚިޔާނާތްތައް ފޮރުވާލުމަށް ބޭނުންކުރާ ނިވައިފަތްގަނޑަކަށް މި މަޖިލިސް ހެދުމަށް ރާވާފައިވާ ކަމަށް ބެލެވެއެވެ. ސަރުކާރަށް އެފަދަ ފުރުސަތެއް ނުދެއްވައި، މި މަޖިލީހުގައި ތިއްބެވި ޤައުމީ ބޭފުޅުން މިކަމާ ދެކޮޅަށް ތެދުވެވަޑައިގަތުމަށް މިއަދު މުޅި ޤައުމުގެ ނަމުގައި ގޮވާލަމެވެ.
* މަޖިލީހުގައި ތިއްބެވި ބޭފުޅުން ޤައުމީ ޝަރަފް ދެމެހެއްޓުން:
ޚުދު ރައީސް މުޢިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހުގައި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިން ކަމަށްވާ ޢަބްދުﷲ ކަމާލުއްދީން، ޢައްބާސް އިބްރާހީމް، ޢަބްދުއްރަޝީދު ޙުސައިން، އަނީސާ އަޙްމަދު، ޑޮކްޓަރ މުޙައްމަދު ލަޠީފު، އަދި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އިތުރުން؛ ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލާއި، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިން ކަމަށްވާ އިބްރާހީމް އިސްމާޢީލާއި އަޙްމަދު ނަސީމް ހިމެނިވަޑައިގަންނަވައެވެ. އަދި ހަމައެއާއެކު މި މަޖިލީހުގައި ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިން ކަމަށްވާ ބަދުރުއްނަޞީރު، އާދަމް ޢަބްދުއްރަޙްމާނު، އަދި އަލްއުސްތާޛު އަޙްމަދު ޝާކިރު ވެސް ހިމެނިވަޑައިގަންނަވައެވެ.
މި މަޖިލީހުގައި ތިއްބެވި ބޭފުޅުންނަކީ ވޭތުވެދިޔަ ދުވަސްތަކުގައި ދައުލަތަށާއި ރައްޔިތުންނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައި، ރައްޔިތުންގެ ފުން އިޙްތިރާމާއި ޤަދަރު ލިބިވަޑައިގެންތިއްބެވި ބޭފުޅުންނެވެ. އެހެންކަމުން، މި ބޭބޭފުޅުންނަށް އަޅުގަނޑު ދަންނަވާލާނީ ރައީސް އުފައްދަވާ މަޖިލީހެއްގެ މެންބަރުކަމުގެ ޝަރަފަށްޓަކައި، ނުވަތަ ސަރުކާރުން ލިބިވަޑައިގެންފާނެ ވަގުތީ ރުހުމަކަށްޓަކައި މި ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުތައް ޤުރުބާން ނުކުރައްވާށޭއެވެ. ތިޔަ ބޭފުޅުންނަކީ އެއަށްވުރެ މާ މަތިވެރި، ޤައުމީ ލޯބި ހުރި ބޭފުޅުން ކަމުގައި އަޅުގަނޑު ދެކެމެވެ. މަޤާމު ޤަބޫލުކުރައްވައިގެން ސިޔާސީ ސްޓޭޖެއްގައި ހަނު ތިއްބެވުމުގެ ބަދަލުގައި ޤައުމުގެ މިނިވަންކަން ގެއްލިދާފަދަ ހާލަތެއްގައި ޙައްޤު ބަސް ވިދާޅުވުމަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ނިހާޔަތަށް އެދި ދަންނަވަމެވެ.
* ބައިނަލްއަޤްވާމީ ފިލާވަޅުތަކާއި ސިޔާސީ ޑީލްތަކުން ޤައުމަށް އޮތް ނުރައްކާ:
ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލީހުގައި ތިއްބެވި ބޭފުޅުންނަކީ ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންކަމުގައި ވިޔަސް، ސަރުކާރުން ނިންމާ ބޮޑެތި އަދި ނުރައްކާތެރި ނިންމުންތަކަށް މި މަޖިލީހުގެ ލަފައާއި ނުފޫޒު ފޯރާނެ މިންވަރާމެދު އާންމުން ސުވާލު އުފައްދައެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގެ، ޚާއްޞަކޮށް އެފްރިކާގެ ބައެއް ޤައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، ސަރުކާރުން ބިންބިމާއި ޤުދުރަތީ ވަސީލަތްތައް ބޭރުގެ ފަރާތްތަކަށް ދޫކޮށްލުމުގައި މިފަދަ ރިޓަޔަރޑް، ޝަރަފުވެރި މެންބަރުން ހިމަނައިގެން އުފައްދާ ކައުންސިލް ތައް މެދުވެރިކޮށް، ރައްޔިތުންގެ ރުހުން ހޯދަން ނުރައްކާތެރި އުކުޅުތައް ބޭނުންކޮށްފައިވެއެވެ. އެގޮތުން ޤައުމީ ފެންވަރުގައި ޤަދަރުދެވޭ ތަޖުރިބާކާރުން ހިމެނޭ މަޖިލިސްތައް މެދުވެރިކޮށް، ބޭރުގެ ބޮޑެތި ޑީލްތަކަށް ޤައުމީ އިސްތިޤްލާލުގެ "ސެޓްފިކެޓް" ނުވަތަ ޤާނޫނީ ސިފަ ހޯދައި، އާންމުންގެ ނުރުހުން ފިނިކުރުމުގެ އާދަ އެފްރިކާގެ ބައެއް ޤައުމުތަކުގެ ސަރުކާރުތަކުން ގެންގުޅެފައިވެއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ބޭރުގެ ކުންފުނިތަކަށް ދިގު މުއްދަތަކަށް ބިންތައް ދޫކޮށްލެވި، އެފްރިކާގެ އެފަދަ ބިންތަކުގެ އަސްލު ރައްޔިތުން އަމިއްލަ ވަޒަނުގައި ބީރައްޓެހިވެ، ބޭރު މީހުންގެ ދަށުގައި މަސައްކަތް ކުރަން ޖެހިފައި ހުރިތަން ދުނިޔެ ދެކެފައިވެއެވެ. އެފަދަ ނިކަމެތި އިޤްތިޞާދީ އަޅުވެތިކަމަކަށް ދިވެހިރައްޔިތުންނާއި ދިވެހި ރާއްޖެ ވެއްޓިގެން ހިނގައިދާނެ ކަމުގެ ބިރު މިއަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
* ނިންމުން: ޤައުމުގެ މުސްތަޤްބަލް ސަލާމަތްވުން އޮތީ މިއަދުގެ ހޭލުންތެރިކަމުގެ މައްޗަށް:
ޚާރިޖީ އަދި ދާޚިލީ ނުރައްކާތަކުން ޤައުމު ސަލާމަތްކުރުމަކީ ހަމައެކަނި ސަރުކާރުގެ ވެރިންގެ ޒިންމާއެއް ނޫނެވެ؛ އެއީ އާއްމުކޮށް ޤައުމުގެ އެންމެހާ ރައްޔިތުންނާއި، ޚާއްޞަކޮށް ޤައުމުގެ އިސް ޝަރަފުވެރިންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ އަދި ތާރީޚީ ބޮޑު އަމާނާތެކެވެ. ސަރުކާރުގެ ވެރިންގެ ސިޔާސީ މަޅިތަކުގައި ޖެހި، މި ޤައުމުގެ ފަޚުރުވެރި މިނިވަންކަމާއި ސިޔާދަތު ބޭރުބައެއްގެ އަތްމައްޗަށް ދާން ފަހިވާ ކޮންމެ މަޝްރޫއަކީ ނުވަތަ އެފަދަ ކޮންމެ ކަމަކީ މާދަމާ މުޅި ތާރީޚު ކުށްވެރިކޮށް، ދަރިންގެ ދަރިންގެ ލަޢުނަތް ލިބޭނެ ފަދަ ބޮޑު ޚިޔާނާތެކެވެ. އެހެންކަމުން، ރައީސަށް ލަފާއަރުވާ މި މަޖިލީހުގެ މެމްބަރުންނަކީ ޚުދުމުޚުތާރު އަދި ޤައުމަށް ގެއްލުންހުރި ނިންމުންތަކަށް ބޯލަނބައިގެން ހަނުތިބޭ "ރަބަރު ތައްގަނޑަކަށް" ހެދުމުގެ ފުރުޞަތު ނުދެއްވައި؛ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި، މިއަދު މި ޤައުމުގެ ހުރިހާ އިސް ޝަރަފްވެރިންނާއި ލޮބުވެތި އާންމު ރައްޔިތުން ހޭލައި، ޤައުމުގެ ޙައްޤުގައި ތެދުވެވަޑައިގަތުމަށް މުޅި ދިވެހި ޤައުމުގެ ނަމުގައި ޢަޒުމާއެކު އަޅުގަނޑު ގޮވާލަމެވެ!